ޕިޔަދަ 7
****
މާލޭގެ މާފަންނު ސަރަހައްދުގައި ހުރި ރީތި ބޮޑު ގެއެކެވެ.ކަޅުކުލައިގެ ގޭޓެއް ލައި ތިން ބުރިއަށް ނަގާފައިވާއިރު ގޭގެ ގޯތި ތެރޭގައި ވަނީ ކާޕެޓް ވިނަ ހައްދާފައެވެ.ގޭޓު ކައިރީ ވަށާފާރުގައި ހުދުކުލައިން “މާޖެސްޓީ” ޖަހާފައި އޮތް ކަޅުކުލައިގެ ބޯޑެއް ހަރުކުރެވިފައިވެއެވެ.އިރުއޮއްސެމުން ދިޔައިރު ގޭގެ ގޯތި ތެރެ ވަނީ ރަންކުލައިގެ ގާޑެން ލައިޓްސްތަކުން ދިއްލިފައެވެ.އިރުކޮޅެއްފަހުން ގޭޓު ކުރިމައްޗަށް އައިސް މަޑުކޮށްލި ކަޅު ކުލައިގެ މާސިޑީސް ބެންޒް ފެނުމާއެކު ފޯރިމަރަން ތިބި ސެކިއުރިޓީ ގާޑުން ގޭޓު ހުޅުވާލަދިނުމާއެކު ކާރު ގޭޓުން އެތެރެއަށް ވަދެ ގޭޓުން ފެށިގެން ގެޔާއި ދެމެދު ރަތް ދޫލަ އެޅިފައި އޮތް ވޯކްވޭ މަތިން ލާފައި ގޮސް ހުއްޓުނެވެ.އެއާއެކު ޑްރައިވަރު ފައިބައިގެން އައިސް ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވާލަދިނުމާއެކު އެތެރޭގައި އިން ފިރާތް ފޭބިއެވެ.”ވެލްކަމް ހޯމް ފިރޫ”ކާރުގެ އަނެއްފަޅިން ފޭބި ރޭހާން އައިސް ފިރާތް އާއި އެއްހަމައެއްގައި ހުއްޓިލަމުން ބުންޏެވެ.ކުރިމަތިން ފެންނަމުން ދިޔަ ތިން ބުރީގެ އިމާރާތައް ނަޒަރު ހުއްޓާލައިގެން ހުރި ފިރާތްގެ މޫނުމަތީގައިވީ އަސަރުތައް ދެނެގަންނަން އުދަނގުލެވެ.ހަޔާތުގެ އަގުހުރި ދުވަސްތައް ހޭދަކޮށްގެން އަމިއްލަ ދެ އަތުން ބިނާކުރި ގޭތެރެއަށް އެ ފިޔަވަޅު އެޅުނީ ދެ އަހަރު ފަހުންނެވެ.”ކޯއްޗެއް ތި ވިސްނަނީ؟”ރޭހާން ފިރާތް އެއް ދިމާލަކަށް ނަޒަރުހުއްޓާލައިގެން ހުރިތަން ފެނި ބުންޏެވެ.”އެއްޗެއްނޫން.ހިތައް މި އަރަނީ އަހަރެން އަހަރެންގެ އޯވާލީ ޑްރެމެޓިކް ގާޑްސް އަދި އަހަރެން ގެޔޭ މި ކިޔާ އެކްސްޓްރަވެގެންޓް ބޮކްސް މަތިން ހާދަ ހަނދާންވިޔޭ”ފިރާތް ލާނެތް ހިނިތުންވުމަކާއެކު ބުންޏެވެ.
“ފިރޫގެ މި އެކްސްޓްރަވެގެންޓް ބޮކްސް އަކީ ޤައުމީ ޙަޒާނާއަށް ވުރެ މާ ސެކިއުރިޓީ ވަރުގަދަ ތަނެއް.އަހަރެން ބުނާނީ މިއީ ކިއްލާއެއް ކަހަލަ ތަނެކޭ”ރޭހާން މަޑު ހުނުމަކާއެކު ފަރާތްް ފަރާތައް ނަޒަރު ހިންގާލަމުން ބުންޏެވެ.”އާނ ދެން ބިމު އަޑީ ހޮހަޅައެއްގަ ހިކަނދިތަކަކާއި އެއްކޮށް އުޅެލާފަ މި ގަނޑުވަރަށް އާދެވުނީމަ އުފާވާނެތާ.ދެން އަހަރުން މިއަދު ހެދުނުއްސުރެ އުޅުނީ ބޭރު ތެރޭގައެއްނު.އަދި ކިރިޔާއެއްނު ހަޤީގީ މަންޒިލައް މި އާދެވުނީ”ފިރާތް އެތެރެއަށް ވަންނަމުން ބުންޏެވެ.”އަހަރެން ކުންފުނިތަކުގަ ހުރިހާ ކަމެއްވެސް ރަނގަޅޭ ބުނީމަ ވެސް މަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވީމައެއްނު ހުރިހާ ތަނަކަށް ވަކި ވަކިން ޒިޔާރަތްކުރަން ޖެހުނީ”ރޭހާން ވަރުބަލިކަމާއެކު މޯޅިއަކަށް ދެމިލަމުން ބުންޏެވެ.އެއާއެކު ފިރާތްއަށް ހެވުނެވެ.ދެމީހުންވެގެން އެތެރެއަށް ވަތް އިރު ރަތް ދޫލަ އެޅިފައިވީ ހޯލްވޭގެ ދެފަރާތުގައި ނޯކަރުންތައް ބަރިއަކަށް އެތުރިލައިގެން ތިބީ ގޭގެ ވެރިޔާ ފިރާތްއަށް މަރުޙަބާ ކިޔުމަށްޓަކައެވެ.ފިރާތް ވަނުމާއެކު ނޯކަރުންތައް އެއްފަހަރަކާ ބޯ ތިރިކޮށްލީ އިޙުތިރާމް އަދާކުރުމުގެ ގޮތުންނެވެ.ފިރާތް އެ މީހުންނަށް ޝުކުރު އަދާކުރުމަށްފަހު ދިއުމުގެ ހުއްދަ ދިނެވެ.”ވަރަށް ބޮޑައް ޝުކުރިއްޔާ.އަހަރެން މިހިރީ އެނބުރި އައިސް.އެކަމަކު ތި ޝާހީ ޙިދުމަތް ނުކުރިޔަސް ރަނގަޅުވާނެ”ފިރާތް ސަމާސާ ރާގަކަށް ބުނުމާއެކު ނޯކަރުންތައް ކޮންމެ މީހަކު ހުނުން ކޮންޓްރޯލްކުރަމުން ފަހަރަކު މީހަކު ހޯލްވޭ ދޫކޮށް ދާން ފެށިއެވެ.ފިރާތްގެ ފޮނި ގޮތެއް ހުންނަ ނަމަވެސް މަޖާ މިޒާޖަކީ އެ މީހުންނާއި ބީރައްޓެހި އެއްޗެއް ނޫނެވެ.އެއީ ފާއިތުވި ދެ އަހަރު މާޖެސްޓީ އިން ގެއްލިފައިވީ އެ ގޭގެ ދިރުމެވެ.
ތަނަވަސް ބޮޑު ލިވިންގް ރޫމާއި ހަމަޔަށް އާދެވުމާއެކު ފިރާތް ފުންނޭވައެއް ދޫކޮށްލަމުން އެތާ ހުރި އާމްޗެއާއަކަށް ޖެހިގަތެވެ.”ފައިނަލީ.އިށީނުމުން އަަހަރެންގެ ބުރަކަށި ނުބިދޭނެހެން ހީވާ ކަހަލަ ގޮނޑިއެއްގަ މި އިނދެވުނީ”ފިރާތް ދެފައި ދަމާލަމުން ބުންޏެވެ.”ޔޫ ޑިޒާވް އިޓް.އެކަމަކު އަދި އެހާ ކޮމްފޯޓެބަލް ނުވައްޗޭ.މިހާރުވެސް ކަންތައްތައް އެހެރަ ހޫނުވަނީ”ރޭހާން ނޯކަރަކު ގެނެސްދިން ފެންތަށި ފިރާތް އަތައް ދެމުން ބުންޏެވެ.ފިރާތްއަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ކައިރީ ހުރި ކޮފީ މޭޒު މަތީ އޮތް އޭނާގެ ފޯނަށް ނޮޓިފިކޭޝަނެއް އައުމުން ފިރާތްގެ ސަމާލުކަން އެ ދިމާލަށް ދަތުރުކުރިއެވެ.ފިރާތް ފޯނު ހުޅުވާލަމުން މެއިލް އެޕަށް ވަދެލީ އެއީ މުހިއްމު މެސެޖެއްހެން ހީވުމުންނެވެ.އޭނާގެ ތޫނު ދެލޯ ދެންމެ ލިބުނު މެއިލް ސްކޭންކުރަމުން ދިޔައިރު މެއިލް ކިޔާ ނިމުމާއެކު ފިރާތްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.އެއީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ ބިޒްނަސް ގާލާގައި ބައިވެރިވުމަށް އެދިފައި އޮތް ޑިޖިޓަލް ދަޢުވަތެކެވެ.”ބިޒްނަސް ގާލާ ދޯ.ރަނގަޅު ވަގުތެއްގަތާ މަށަށް މި ނުކުމެވުނީ”ފިރާތް ބުންޏެވެ.ހަމަ އެވަގުތު ރޭހާންގެ ފޯނަށް ވެސް ފިރާތްގެ ފޯނަށް އައި ކަހަލަ މެސެޖެއް އައެވެ.އޭނާގެ ދަޢުވަތު ފެނުމުން ރޭހާންއަށް ހިނިތުންވެވުނެވެ.”ހީވަނީ އެ މީހުން ފިރޫ އަށް ޓަކައި ރަތް ދޫލަ ފަތުރާލަނީހެން.މި ޤައުމުގަ މީހަކަށްވާ މީހަކުވެއްޖެއްޔާމުން އެ ތަނުގަ ހުންނާނެ”ރޭހާން ބުންޏެވެ.
ފިރާތް ގޮނޑީގައި ހަމަޖެހިލަމުން އަތުގައި ހުރި ބިއްލޫރި އަނބުރާލަމުން ވާހަކަ ދެއްކިއެވެ.”އޭގެ ތެރޭގަ އަހަރެން ދުރުހެލިވާން ބޭނުންވާ މީހުންވެސް ހިމެނޭނެ އެކަމަކު…”އޭނާ މަޑުޖެހިލިއެވެ.”އަހަރެން އެނބުރި އައިކަން އެ މީހުންނަށް ދައްކާލަން އެންމެ ފުރިހަމަ ތަން އެއީ”ފިރާތް އޭނާގެ ޖުމްލަ ފުރިހަމަ ކޮށްލަމުން ބުންޏެވެ.”އަދި މާލެ ހިންގަނީ ކޮން ބައެއްކަން އެ މީހުނަށް ހަނދާންކޮށްދޭންވެސް”ރޭހާން ހިނިތުންވުމަކާއެކު އިތުރުކޮށްލިއެވެ.އެއާއެކު ފިރާތްގެ މޫނުމަތީގައިވީ ހިނިތުންވުން ފިލައިދިޔައެވެ.ކުއްލިއަކަށް އޭނާގެ ޙިޔާލަށް އައީ ނާއިލްގެ ކުންފުންޏާއި ބެހޭގޮތުން މިއަދު އިވުނު ވާހަކަތަކެވެ.”އެބައޮތް ތޫފާނެއް އުފެދިފަ.ޔަޤީނުންވެސް މި ގާލާ ތެރެއިން އޭގެ ކަންތައް ފެންނާނެ”ފިރާތުގެ ބަހަށް ރޭހާންވެސް ބޯޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.”ތޫފާނުގެ ވާހަކަ ދައްކާއިރު،ފިރޫ އެތަނުން ވަކި ބަޔަކާއި ބައްދަލުކުރުމުގެ ކުރިން އަހަރުން އެބަ ޖެހޭ ރޭވުންތަކާއި ބެހޭގޮތުން މަޝްވަރާކުރަން”ރޭހާން ބުންޏެވެ.”ފަހުން”ފިރާތް ފެންތަށި އެއް ނޭވައިން ދަމާލަމުން ބުންޏެވެ.”މި ގަޑީގަ އަހަރެން ބޭނުން ފެންވަރައި ނަމާދުކޮށްގެން ނިދާލަން.އެކަމަކު ޓީމް މީހުން ކައިރީގަ ބުނޭ ތައްޔާރުވެގެން ތިބޭށޭ.އަހަރުމެން ހަމަ އެކަނި އެ ގާލާއަށް ދާނީކީއެއް ނޫން.ވީ ވިލް ޓޭކް އިޓް އޯވަރ”ފިރާތް ނުލަފާ ހިނިތުންވުމަކާއެކު ބުންޏެވެ.
****
ރޭގަނޑުގެ ވަގުތެވެ.ޔޫލިއާ އާއި ނޯރާ ތިބީ ޔޫލިއާގެ ޕެންޓްހައުސްގައެވެ.ޔޫލިއާ ކާމޭޒު ދޮށުގައި ލެޕްޓޮޕް ހިފައިގެން މަސައްކަތެއް ކުރަން އިން އިރު ލިވިންގް ރޫމްގެ ސޯފާގައި ނޯރާ އަތައް ފެޝަން މެގަޒިންއެއް ލައިގެން އިނެވެ.”ޔޫލީ”ނޯރާ ގޮވާލިއެވެ.”ތިހެން ސްކްރީނަށް ބަލަހައްޓައިގެން އިންނަތާ ހާދަ ގިނައިރެކޭ މި ވަނީ.ރޮބޮޓަކަށް ނުވަނީސް ބްރޭކެއް ނަގާބަ”ނޯރާ ބުންޏެެވެ.”ތިހެން ބުނާ މީހާ ދުވަހުގެ ދެބައިކުޅަ އެއްބައި ހޭދަކުރަނީ އިންސްޓަގްރާމް ކެޕްޝަންތައް ފުރިހަމަކުރުމުގަ”ޔޫލިއާ ލެޕްޓޮޕުން ނަޒަރު ވަކިކުރުމެއްނެތި ލާނެތް ހިނިތުންވުމަކާއެކު ބުންޏެވެ.”އެހެންތަ!މި ކެޕްޝަންތަކަކީ ފަންނެކޭ.ޔޫލީއަކަށް ނުވިސްނޭނެ”ނޯރާ ތުން އަނބުރާލަމުން ބުންޏެވެ.ޔޫލިއާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނުން އޭނާގެ ފޯނަށް މެސެޖެއް އައެވެ.ފޯނު ހުޅުވާލަމުން މެސެޖު ކިޔާ ނިމުމާއެކު އޭނާއަށް ބުމަ އަރުވާލެވުނެވެ.”ކޯއްޗެއް؟”ޔޫލިއާ އެއްޗެކޭ ނުބުނެ ފޯނަށް ނަޒަރު ހުއްޓާލައިގެން އިން ތަން ފެނުމުން ނޯރާ އެއްސެވެ.”ދަޢުވަތެއް”ޔޫލިއާ ނޯރާއަށް ފެންނާނެހެން ފޯނު ދައްކާލަމުން ބުންޏެވެ.އެއިރު ސްކްރީނުން ފެންނަން އިނީ ބިޒްނަސް ގާލާގެ ޑިޖިޓަލް ދަޢުވަތު ކާޑެވެ.”އޯހް.އެއްކަލަ ގާލާ ދޯ”ނޯރާގެ ދެލޯ ވިދައިގަތެވެ.”މާލޭގެ ހުރިހާ ނުފޫޒުގަދަ ފަރާތްތައް އެ މީހުންގެ މުއްސަނދިކަމާއި ޝާހީކަން ދައްކަން އަންނަ އިވެންޓް.އަދި އެކަކު އަނެކަކުގެ ފުރަގަހަށް ރަންރިހީގެ ކަންވާރުން އުފައްދާފައި ހުންނަ ވަޅިތައް ޖަހަން އެންމެ ފުރިހަމަ މާހައުލު އެއީ”ނޯރާ ދެފަރާތައް ބޯ ހޫރާލަމުން ބުންޏެވެ.
“ހޫމް.ރަނގަޅު ވާހަކައެއް ތި ބުނީ”ޔޫލިއާ ފޯނު މޭޒުމަތީގައި ބާއްވަމުން އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުންޏެވެ.”ޔޫލީ ދާނަން ދޯ؟”ނޯރާ ލާނެތް ފާޑަކަށް ހިނިތުންވެލަމުން އެއްސެވެ.”ޔަޤީނެއްނު.ބިޒްނަސްއަށް ވަރަށް ފައިދާވާނެ”ޔޫލިއާ ބުންޏެވެ.”ފަހަރެއްގަ ޔޫލީއަށް ޔޫލީ ތި ބައްދަލުކުރަން އުޅޭ ގޮތްނޭގޭ މާފިއާ ޕްރިންސްއާއި ވެސް ދިމާވެދާނެދޯ”ނޯރާ ގަސްތުގައި އެއްލޯ މަރާލަމުން ބުންޏެވެ.””ހޫނ.ދެން އެ ފެށީ ދިމާކުރަން”ޔޫލިއާ ނޯރާއަށް ލޯ އަޅާލަމުން ބުންޏެވެ.”އަހަރެން ހަމައެކަނި މި ބުނަނީ،ފިރާތް ހަސަންގެ އުމުރުން ތޭވީސް އަހަރު ވީ އިރު އޭނަ އަދިވެސް އެހެރީ ހުސްކޮށްނޭ.ފައިސާ އާއި ބާރުވެސް އޮތް މީހެކޭ އެއީ.ޔޫލީއާއި ކިހާ ގުޅޭ”ނޯރާ ދެ މީހުން އަޅާ ކިޔާލަމުން ބުންޏެވެ.”ރޭހާން ވެސް ރީއްޗެއްނު.އެފަހުން އޭނަ ނުގުޅާތަ ނޯރީއަކަށް؟”ޔޫލިއާ ލާނެތް ހިނިތުންވުމަކާއެކު ބުނުމުން ނޯރާ ވަގުތުން އަނގަ ސަކަރާތްވިއެވެ.ހިތި އެއްޗެއް ކެވުނު މީހެއްހެން ނޯރާ އިންނަން ފެށުމުން ޔޫލިއާ އަށް ހެވުނެވެ.”އެހެމް.ވަޓްއެވަރ.ރޭހާންގެ ވާހަކަ އިހަށް ބާއްވާ.ޔޫލީ ބުނެބަލަ ނާއިލްގެ އެމްޕަޔަރަށް ދިމާވެގެން އުޅޭ މައްސަލަތައް އެއީ އަހަރުމެންނަށް ލިބޭ ރަނުގެ ފުރުސަތަކަށް ނުވާނެތަ؟މި ބުނީ އެ މައްސަލަތައް އިތުރުވަންޏާމުން އަހަރުމެންނަށް ކެޕިޓަލައިޒް ކުރާނެ ފުރުސަތުތަކެއް ލިބުން ވަރަށް ގާތް”ނޯރާ ކަރުކެހިލަމުން ސީރިއަސް ރާގަކަށް ބުންޏެވެ.ނޯރާގެ ބަހައް ޔޫލިއާ ދެ ކޮނޑު އަރުވާލިއިރު އެ މޫނުމަތީގައިވީ އަސަރުތައް ދެނެގަންނަން އުނދަގުލެވެ.”އަހަރެން ކުރިންވެސް ބުނީމެއްނު އަދި ތިކަހަލަ ނިންމުމެއް ނިންމަން މާ އަވަހޭ.އެކަމަކު ނޯރީ ތި ބުނި ގޮތައް ކަންތައްް ވުން ވެސް އެކަށީގެންވޭ.ދެން ބަލަމާ.މިވަގުތު ހިނގާބަލަ މި ގާލާއަށް ތައްޔާރުވާން”ޔޫލިއާ ބުންޏެވެ.”އޯކޭ”ނޯރާ އިސްތަށިގަނޑު އެއްފަރާތަކަށް ޖައްސާލަމުން ބުންޏެވެ.”އެކަމަކު ޔޫލީ ލާނެ ހެދުމެއް ޑިސައިޑް ކުރާނީ އަހަރެން.ތަނުގެ ރާނީއަކީ ޔޫލީހެން ހީވާ ވަރަށް ރީތިވެގެން ހުންނަންވާނީ”ނޯރާ ހިނިތުންވެލަމުން ބުންޏެވެ.”އަބަދުވެސް ރާނީ އަކީ އަހަންނެއްނު”ޔޫލިއާ އެހެން ބުނިއިރު ތުންފަތުގައި ކުޅެލާފައިވަނީ ފަނޑު ހިނިތުންވުމެކެވެ.
*****
މުޅި މާލެ އަހަރަކު އެއްފަހަރު ބާއްވާ ވިޔަފާރި ގާލާއަށް އިންތިޒާރުކުރަމުން ދިޔަވަރަކަށް ހޭލުންތެެރިކަން ފާޅުކުރަމުން ދިޔައިރު ރަށުގެ ތިން ދިމާލެއްގައި ތިބި ތިން ފިގުހަރެއް ދިޔައީ ތަފާތު ޖަޒުބާތުތަކަކާއެކު އިވެންޓަށް ތައްޔާރުވަމުންނެވެ.ނާއިލް އޭނާގެ ތަނަވަސް ކެބިންގައި އިނދެ ވިސްނަމުންދިޔައީ އޭނާގެ އެމްޕަޔަރަށް ދިމާވެފައިވީ މައްސަލަތަކާއި މެދުއެވެ.މޭޒުމަތީގައި ހުޅުވިފައި އޮތް ފޯނުގެ ސްކްރީނުން ފެންނަން އޮތް ޑިޖިޓަލް ދަޢުވަތު ކާޑަށް އިރު އިރުކޮޅާ އޭނާގެ ނަޒަރު ހުއްޓެމުން ދިޔައެވެ.އޭނާއަށް އެ ގާލާ ފެންނަނީ ފިރާތް އޭނާގެ ރޭވުންތަކުގެ ތެރެއަށް ދަމައިގަނެ އޭނާގެ އަބުރު ސަލާމަތްކުރަން ލިބުނު ފުރުސަތެއްގެ ސިފައިގައެވެ.އަނެއްކޮޅުން ފިރާތް ހުރީ އޭނާގެ ކޮޓަރިން ނުކުމެވެން ހުރި ބެލްކަނީގައެވެ.ފިނި ވައިރޯޅިތައް އައިސް އެ ހަށިގަނޑުގައި ބީހެމުން ދިޔައިރު ފިރާތް ވެސް ދިޔައީ އޭނާގެ ތޫނުފިލި ސިކުނޑީގައި ރޭވުންތަކެއް ރާވަމުންނެވެ.އެއީ މާދަމާގެ އިވެންޓަކީ އިއްތިހާދުތަކުގެ އިތުރަށް ނިވާވެގެންވާ ބާރުގެ ކުޅިވަރުތަކެއް ވެސް އޮންނާނެ ތަނެއްކަން އެނާއަށް އިނގޭތީއެވެ.ހުޅުމާލޭގައި ޕެންޓްހައުސްގެ ސޯފާގައި ހަމަޖެހިލައިގެން ޔޫލިއާ އޮތެވެ.އަތުގައި ކޯކު އަޅާފައި ހުރި ބިއްލޫރި ތައްޓެއް ހުރި އިރު އޭނާގެ މޫނުމަތިން ފެނިގެންދިޔައީ ހަމަޖެހުމުގެ ކުލަވަރެވެ.ހަޤީގަތުގައި ބޭރުފުށުން ހަމަޖެހޭ ގޮތް ދެއްކި ނަމަވެސް އޭނާގެ ސިކުނޑީގައި ވަނީ ހިސާބު ޖަހާފައިވާ ހަރަކާތްތަކާއި ފޮރުވިގެންވީ ނިޔަތްތަކުގެ ތޫފާނެއް އުފެދިފައެވެ.އެ ގާލާ އަކީ އޭނާގެ އެންމެ މުހިއްމު އަމާޒާއި ހަމަޔަށް ވާސިލްވުމަށް ޓަކައި ލިބުނު ރަނުގެ ފުރުސަތެކެވެ.ތިން މީހުނަށްވެސް މި ގާލާއަަކީ ހަމައެކަނި އިވެންޓެއް ނޫނެވެ.އެއީ ބަލާލެވޭ ނަޒަރަކުންވިޔަސް ނުވަތަ ބުނެވޭ ބަހަކުން ވިޔަސް ބާރުގެ ބެލެންސް ބަދަލުކުރެވިދާނޭ ފަދަ ހަނގުރާމައިގެ މައިދާނެކެވެ.
****
ޖެހިގެން އައި ދުވަހެވެ.ފަތިސް ނަމާދުކޮށްގެން ނިދިގޮތައް ޔޫލިއާއަށް ހޭލެވުނީ ސައިޑް ޓޭބަލް މަތީގައި އޮތް އޭނާގެ ފޯނު ރިންގުވާ އަޑަށެވެ.ޔޫލިއާ މޯޅިއަކަށް ދެމިލަމުން ތެދުވެ ފޯނު އަތައް ނެގިއިރު ގުޅަނީ ރަޝްފާއެވެ.”ގޫޑް މޯނިންގް އާންޓް.ނަމާދުކޮށް ނިމިގެން ދޯ ތި ގުޅީ”ޔޫލިއާ ފޯނަށް ޖަވާބު ދެމުން ރަޝިއާއަށް މިހާރު ގަޑިން ވާނެ އިރެއް އަންދާޒާކޮށް ބުންޏެވެ.”އާނ ދަރިފުޅާ.އާންޓް ދެންމެ ނަމާދުކޮށް ނިމިގެން މި ގުޅީ.ދަރިފުޅު ނިދާފަތަ ތި ތެދުވީ؟ނަމާދުކުރިންތަ؟”ރަޝްފާ އެއްސެވެ.”ލައްބަ އާންޓް.ޔޫލީ ނަމާދުކޮށްގެން ޖައްސާލިތަނާ ނިދުނީ”ޔޫލިއާ ބުންޏެވެ.”ހެހެ.އެހެންތަ.ތި ކޮޅަށް ދެވުނީމަ ފަތިސް ކޮށްގެން ނިދާލާނެ ވަގުތު އެބަ ލިބޭ ދޯ.މި ކޮޅުގަ އުޅުން އިރު ދަރިފުޅު ދާންޖެހޭނީ ނަމާދުކޮށް އަވަދިވެގެން ވަގުތުން އޮފީހަށެއްނު.ތި ކޮޅު މާ ފަސޭހަ ދޯ”ރަޝްފާ މަޑު ހުނުމަކާއެކު ބުންޏެވެ.”ހިހި.އާނ ދެން އުފަން ޤައުމު ވީމަ އަމިއްލަވަންތަކަމުގެ އިޙުސާސް ވެސް އޮންނާނެތާ.އެކަމަކު ހައްތަހާ ވެސް އާންޓް މެންނާއި ދުރުގަ އުޅެން ޖެހޭތީ ޔޫލީ ދެރަވަނީ”ޔޫލިއާ އެހެން ބުނިއިރު އެ އަޑުގައި އެކުލެވިގެންވީ ހިތާމަ ރަޝްފާއަށް އިޙުސާސްވިއެވެ.އޭނާ ގާތުގައި ނެތުމުން ޔޫލިއާއަށް އެ ކުރެވޭ ހުސްކަމުގެ އިޙުސާސް އޭނާއަށް ވެސް އެބަ ކުރެވެއެވެ.އަމިއްލަ ދަރިއެއްހެން ބަލައި ބޮޑުކުރި ކުއްޖަކު އާއިލާއާއި ދުރުގައި ހުރުމުން އެ ދަރިފުޅުގެ ނެތުމުގެ ފަޅުކަން އިޙުސާސްކުރެވެނީ ހަމައެކަނި ޗެރީ ބްލޮސޮމް ގޭގެ ހަތަރު ފާރު ތެރެއަކުން ނޫނެވެ.ރަޝްފާގެ އިތުރުން ބާކީ ތިބި ތިން މީހުންގެ ދިރިއުޅުމުގައި ވެސް މެއެވެ.”އެނީވޭ އާންޓް.ބޭސް ކައިފިންތަ؟”ޔޫލިއާ ބޭހުގެ ވާހަކަ ދެއްކުމުން ރަޝްފާއަށް ހެވުނެވެ.އޭނާއަކީ ބްލަޑް ޕްރެޝަރ މަތިވުމުގެ ސަބަބުން ސިއްޙަތައް ބޮޑެތި މައްސަލަތަކެއް ދިމާވެފައި ހުރި މީހެކެވެ.އެހެންކަމުން ޔޫލިއާ އަބަދުވެސް ޑޮކްޓަރުން އޭނާއަށް ދީފައި ހުންނަ ބޭސްތައް ބަރާބަރަށް ބޭނުންކުރޭތޯ ބަލައެވެ.އޭނާ އޮފީހުގައި ނުވަތަ ގެއިން ބޭރުގައި ހުއްޓަސް ވެސް މެއެވެ.ބައެއްފަހަރު ރަޝްފާ ގަސްތުގައި ގަދަ ހަދާލުމުން އޭނާ ރަޝްފާއަށް ބޭސްކާން ނުދެވިގެން އުޅޭ އިރު ޔޫލިއާ ގޭ އެންމެން ހެއްވާލައެވެ.އެންމެފަހުން ޔޫލިއާ ފުރަން އޮތް ދުވަހު އެއާޕޯޓަށްވެސް ދިޔައީ ސަމަންތާ ލައްވައި އޭނާ ކުރިމަތީގައި ހުރެ ބޭސް ކާންދީފަ ވިއްޔާއެވެ.
“އާންޓް ކޮބާތަ ތިއްތިގެ ޒާން؟”ޔޫލިއާ ޒާން މަތިން ހަނދާންވުމުން އެއްސެވެ.”ޒާން އަދިވެސް ނިދާފަ.ދަރިފުޅަށް އިނގޭތަ،ޒާން ވަރަށް އެކްސައިޓްވެފަ ހުރީ މައްކާއަށް ދެވޭތީ.އެކަަމަކު ތުއްތަ ކަންބޮޑުވެގެން އުޅެނީ މައްކާގަ އެހާ ހޫނުގަދަ އިރު ގިނައިން ހިނގަންޖެހޭ އިރު ޒާންއަށް އުނދަގޫވެދާނެތީވެ”ރަޝްފާ ބުންޏެވެ.”ހެހެ.އެހެންތަ.ދެން އެހެންވީއިރު ތުއްތަބޭ ކައިރީ ބުނާނީ ޠަވާފް ކުރާއިރު ދާނީ ދެ މީހުން ކޮނޑަށް އަރުވައިގެންނޭ”ޔޫލިއާ ލުއި ހުނުމަކާއެކު ބުންޏެވެ.”ހެހެ.އާނ ދޯ.ދެން ދަރިފުޅު ބުނެބަލަ.ބައްޕައާއި ބައްދަލު ވެއްޖެތަ؟ފިރޫގެ ހާލު ރަނގަޅުތަ؟”ރަޝްފާ ސީރިއަސް ރާގަކަށް އެއްސެވެ.އެ ސުވާލުތައް އިވުމާއެކު ޔޫލިއާގެ މޫނުމަތީގައިވީ ހިނިތުންވުން ފޭދުނެވެ.”އާނ.މިކޮޅަށް އައިސް އެންމެ ފުރަތަމަ ވެސް ކުރި ކަަމަކީ އެއީ.އެއްކަލަ ސުޕާއިންޓެންޑެންޓް ވަރަށް ކަޅި އަޅަ އަޅާފަ ފާޑަކަށް އުޅުނީ.އެކަމަކު ޑޭޑްގެ ހާލު ވަރަށް ރަނގަޅު”ޔޫލިއާއަށް ފަހު ޖުމްލަ ބުނެވުނީ ހިތާއި ދެކޮޅަށެވެ.އެވަގުތު ހަޔާތުގައި ފުރަތަމަ ފަހަރަށް ބޮޑުދައިތައަށް ދޮގު ހަދަން ޖެހުމުން އޭނާގެ ހިތް ދިޔައީ ރޮމުންނެވެ.ނަމަވެސް ޖަލުގައި އެ މީހުން ފިރުޝާންއަށް އަނިޔާކުރާ ވާހަކަ ރަޝްފާ ކައިރީގައި ބުނަން ޔޫލިއާ ނުކުޅެދުނެވެ.ފިރުޝާންއާއި ބައްދަލުކުރަން ދިޔަ ދުވަހު އޭނާއަށް އެކަން އެނގުމުން އަމިއްލަ ހިތައް ކުރި އަސަރު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.ވީއިރު ރަޝްފާއަށް ލޯބިވާ ކޮއްކޮ ޖަލުގެ ތޭރިތަކުގެ ތެރޭގައި ތަހައްމަލުކުރަމުންދާ އަނިޔާތައް އެނގިއްޖެނަމަ ދެރަވެގެން ގޮސް ހިތް ހަލާކުވާނެދާނެއެވެ.”އެހެންތަ.އަލްހަމްދުލިއްالله.އާންޓް ކޮންމެ ދުވަހަކު ފިރޫ އާއި ޔޫލީއަށް ޓަކައި ހާދަ ދުޢާއެއް ކުރަމޭ.އިންޝާالله ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ.އިރާދަކުރެއްވިއްޔާމުން ދެން މާ ގިނަ ދުވަހެއް ނުވެ އަހަރުމެންގެ އާއިލާ ފުރިހަމަ ވާނެ”ރަޝްފާ ބުންޏެވެ.”އިންޝާالله އާންޓް”ރަޝްފާގެ އަޑުންވެސް އޭނާ އުފާވެފައިވީ މިންވަރު ދެނެގަނެވުމުން ހިތްހަމަޖެހިފައި ހުރެ ޔޫލިއާއަށް ބުނެވުނެވެ.
“ދެން ދަރިފުޅު ބުނެބަލަ.ކޮބާތަ ނޯރާ؟”ރަޝްފާ ދެން އެހީ ނޯރާގެ ވާހަކައެވެ.”ނޯރީ އިޒް ގްލޯވިންގް އޭޒް އޯލްވޭސް.އެނީވޭ އާންޓް.ވަރަށް އުފާވެއްޖެ ވާހަކަ ދެއްކުނީތީ.މިރޭ އެބައޮތް އެއްކަލަ ބިޒްނަސް ގާލާ.އާންޓް ހަނދާންވެއެއްނު މިދިޔަ އަހަރު ތުއްތަމެންވެސް ޔޫލީ އާ އެއްކޮށް ރާއްޖެ އައެއްނު މި އިވެންޓްގަ ބައިވެރިވާން”ޔޫލިއާ ބުންޏެވެ.”އެހެންތަ.މި އަހަރު މިރޭތަ އެ އިވެންޓް އޮތީ؟އެހެންވީމަ ދަރިފުޅަށް ތި ދެވުނީ ރަނގަޅު ވަގުތެއްގަ ތާ.އެކަމަކު ބުނަން ދަރިފުޅާ.ވަރަށް ބަލައިގެން އުޅެންވާނީ.ދަރިފުޅު މެހެމާނުންގެ ލިސްޓު ޗެކްކުރިންތަ؟އާންޓްއަށް ޔަޤީން އޭނަވެސް މިރޭ ތި އިވެންޓްގަ ހުންނާނެ”ރަޝްފާ ފަހު ތަންކޮޅު ބުނެލިއިރު އެ އަޑުގައިވީ ފޫހިކަމާއި ރުޅިވެރިކަން ޔޫލިއާއަށް ސިއްރެއްނުވިއެވެ.”.ލައްބަ އާންޓް.އާންޓް ހާސްނުވޭ.އިންޝާالله މިރޭ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް”ޔޫލިއާ އެހެން ބުނިއިރު އެ ދެލޮލުގައިވީ ނުރައްކާތެރި ވިދުވަރެކެެވެ.
****
އެރޭގެ ވަގުތެވެ.ޔޫލިއާ އާއި ނޯރާ ތިބީ ޕެންޓްހައުސް ސޫޓުގައި ޔޫލިއާގެ ކޮޓަރިން ވަދެވެން ހުރި އޭނާގެ ވޯކް އިން ކްލޯސެޓުގައެވެ.ނޯރާގެ ޕާސަނަލް ބިއުޓީޝަން ލިލީ ދެ މީހުން ވަށައި ކޮކާލެއްހެން އެނބުރެމުން ދިޔައީ ކަނޑައެޅިފައި އޮތް ގަޑިއަށް ެއެ މީހުން ތައްޔާރުކޮށްދިނުމަށް ޓަކައެވެ.ހުދު ކުލައިގެ ބާތްރޯބެއްގައި ޔޫލިއާ ހުރީ ކްލޯސެޓް ތެރޭގައި ހުރި އިސްކޮޅު ވަރުގެ ލޯގަނޑު ކުރިމަތީ ހުއްޓިލައިގެންނެވެ.އެއިރު ނޯރާ ތައްޔާރުވެ ނިމުމުން އޭނާ އިނީ އެތާ ހުރި މެރޫން ކުލައިގެ ސޯފާއެއްގައި އިށީނދެގެން ފޯނާ ކުޅޭށެވެ.ލިލީ ޔޫލިއާގެ ބްލޯންޑް އިސްތަށިގަނޑު ފަންކުރުމަށްފަހު ޔޫލިއާ އެދުނު ގޮތައް މޫނުމަތީގައި ލުއި މޭކަޕެއް ކޮށްދިނެވެ.އެއަށްފަހު ނޯރާ އޭނާ މިރެއަށް ޓަކައި ޔޫލިއާ ލާން ޙިޔާރުކޮށްފައި އޮތް ކަޅު ކުލައިގެ ސީކުއިން ހެދުމާއި ރިހި ކުލައިގެ ގަހަނާތައް ގެނެސްދިނުމުން ޔޫލިއާ އެ ތަކެތި ހިފައިގެން ފާހާނަޔަށް ވަނެވެ.އޭނާ ތައްޔާރުވެގެން އެތަނުން ނުކުތުމާއެކު ބޭރުގައި ތިބި ދެ މީހުންގެ އަނގަ ތަންމިނަށް ހުޅުވުނެވެ.”މާޝާالله.ޔަޤީން މިރޭ ފިރާތް ހޭނެތިގެން ވެއްޓޭނެ.ނުވެއްޓިއްޖެއްޔާ އަހަރެން ޤަބޫލުކުރާނީ އެ ސޮރު އެއީ ރޮބޮޓެއްކަމަށް.ސީރިއަސްކޮށް ޔޫލީ ތިހެން ހުއްޓާ ފެނިއްޖެ މީހަކު މޮޔަވާނެ”ނޯރާ ދެ އަތް ދެ ކޯތާފަތްމަތީ ބާއްވައިގެން ހުރެ ބުންޏެވެ.”ނޯރާ މެޑަމް އެ ބުނީ ތެދެއް.ޔޫލިއާ މެޑަމް ވަރަށް ރީތި”ލިލީ ވެސް ޔޫލިއާގެ ފައިން ފެށިގެން ބޮލާއި ހަމަޔަށް ނަޒަރު ހިންގާލަމުން ބުންޏެވެ.”ތޭންކްސް ލިލީ”ޔޫލިއާ ނޯރާގެ ބަހައް ސަމާލުކަން ދިނުމެއްނެތި ލިލީއަށް ޝުކުރު އަދާކުރުމަށްފަހު އަނެއްކާވެސް ގޮސް ލޯގަނޑު ކުރިމަތީ ހުއްޓުނެވެ.ކަޅު ހެދުން ޔޫލިއާގެ ބައްޓަން ރީތި ހަށިގަނޑަށް ހިފާލާފައި ވާއިރު ހެދުމުގެ ކަނާތް ފަރާތު ތިރީ ބައިން ވަނީ ކަކުލާއި ހަމައިން ސްލިޓްއެއް ލާފައެވެ.ސްޓްރެޕްލެސް ހެދުން މަތިންވެސް ގަޔަށް ހިފާލާފައިވާ އިރު އެ އުނަގަނޑުގެ ހިމަކަން ދޭހަކޮށްދެއެވެ.އަތް ނެތް ހެދުމަކަށް ވުމުން ޔޫލިއާ ވަނީ ދަށުން ގައި ކުލައިގެ އަތް ދިގު ބޮޑީޝޫޓެއް ލައި ހެދުމުގެ ވައްޓަފާޅީގެ ސަބަބުން މޭމަތިން ހާމަވާ މިންވަރު ނިވާކޮށްފައެވެ.އެހެނެއްކަމަކު ޔޫލިއާ ނުވަތަ ހެދުމުގެ ރީތިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.ބޮޑީޝޫޓުގެ ކުލަ ހަމުގެ ކުލައާއި ނުހަނު ގުޅޭތީ އެއްވެސް ޢައިބެއް ފާހަގަވާކަށް ނެތެވެ.މީގެ އިތުރުން އޭނާ ބޭނުންކޮށްފައިވާ ރިހި ކުލައިގެ ގަހަނާތައް ވިދާ ބަބުޅަމުން ދިޔައިރު ޔޫލިއާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދޭ ކަހަލައެވެ.ރަޝިއާއިން އައި އިރު ގެނައި ހީލްތަކުގެ ތެރެއިން ކަޅުކުލައިގެ “ރެޑް ބޮޓޮމް” ލޫބޯޓިން ހީލްއަކަށް އަރައިގެން ހުރިއިރު ޔޫލިއާ ހުރި ވަރަށް ވުރެ ވެސް އިސްކޮޅުން ދިގު ކަމަށް ދައްކައެވެ.
ރިހިކުލައިގެ އަތްދިގު ގައުންއެއްގައި ހުރި ނޯރާގެ ރީތިކަން ވެސް މިރޭ އުޑުގައި ހުރި ތަރިއެކޭ އެއްފަަދައިން ވިދަމުންދިޔައެވެ.ވިދާ ފޮތީގެ އެ ދިގު ހެދުން އޭނާގެ މޮޑެލް ފިގަރ ހަށިގަނޑަށް ހިފާލާފައިވާ އިރު ހެދުމުގެ މެދުން ސްލިޓްއެއް ލާފައި އިނުމުން ނޯރާގެ ދިގު ދެފައި އޮތީ ހާމަޔަށެވެ.އޭނާގެ ކަޅު ރޭގަނޑެއްފަދަ ދިގު އިސްތަށިގަނޑު ހުޅިޖަހައި މައްޗަށް ނަގާފައި ވާ އިރު އިސްތަށިގަނޑުގައި ރިހި ކުލައިގެ ކުދި އެސްތަކެއް ހަރުކުރެވިފައި ވެއެވެ.ޔޫލިއާ އެކޭ އެއްފަދައިން ކަޅު ކުލައިގެ ލޫބޯޓިން ހީލްއަކަށް އަރާފައިވާ އިރު މޫނުމަތީގައި ކޮށްފައިވީ ލުއި މޭކަޕުން ނޯރާގެ ފުރިހަމަ މޫނަށް ވިދުން ގެނެސްފައިވެއެވެ.”މާޝާ الله.ނޯރީވެސް ވަރަށް ރީތި މިރޭ.މިއަދު ރޭހާންގެ ކޯލެއް ނާދޭތަ؟ނުގުޅިޔަސް މިރޭ ފެންނާނެތާ.ރޭހާންގެ ނަންވެސް އިނޭ މެހެމާނުންގެ ލިސްޓުގަ”ޔޫލިއާ ލާނެތް ހިނިތުންވުމަކާއެކު ބުނުމުން ނޯރާ ކަޅި އަޅައިގަތެވެ.”އެހެންތަ.އެހެންވީއިރު ޔޫލީ މިރޭ ހިތްހަމަޖެހޭވަރަށް ފިރާތްއަށް ބަލަން ހުރޭ.މަ ދާނަން ރޭހާން އާއި އެއްކޮށް މީޓިންގްއަކަށް.ޑީލް؟”ނޯރާ ކަޑަނުވާންވެގެން ބުންޏެވެ.”އޯކޭ.ޑީލް.އެކަމަކު ހަނދާންކުރަށްޗޭ.މިރޭގެ މަޤުސަދު”ޔޫލިއާ ސޯފާ މަތީ އޮތް އޭނާގެ ކްލަޗް އަތައް ނަގަމުން ފަހުތަންކޮޅު ބުނެލީ ސީރިއަސް ރާގަކަށެވެ.އެއާއެކު ނޯރާވެސް ސީރިއަސްކަމާއެކު ބޯޖަހާލަމުން ދެ މީހުން އެއްކޮށް ކްލޯސެޓުން ނުކުންނަން ހިނގައިގަތެވެ.
****
ޔޫލިއާމެނެކޭ އެއްފަދައިން މާޖެސްޓީ ގޭގައި ފިރާތްވެސް ދިޔައީ މިރެއަށް ޓަކައި ތައްޔާރުވަމުންނެވެ.ކަޅު ކުލައިގެ ޒަމާނީ ފަޓްލޫނަކާއި ހުދުކުލައިގެ ގަމީހެއްލައި ބެގީކޮށްފައި ހުރި އިރު ފިރާތްގެ ފިރިހެންވަންތަކަން ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.ދެ އަހަރުފަހުން އަމިއްލަ ނަފްސު މި ފަދަ ގޮތަކަށް ފެނުމުން ފިރާތްއަށް ޤަބޫލުނުކުރެވިފައި ލޯގަނޑަށް ބަލަހައްޓައިގެން ހުރެވުނެވެ.މިއީ ހަމަ ހަޤީގަތުގައިވެސް މީގެ ދެ އަހަރު ކުރީގެ އޭނާ ހެއްޔެވެ؟ޖަލުން ނުކުތް އިރު ދިގުވާން ފަށާފައި އޮތް އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑު ވަނީ ކިފް ހެއާކަޓެއް ޖައްސައި ކޮށާލާފައެވެ.އިސްތަށިގަނޑު ކިރިޔާ ފާހަގަވާވަރަށް ރަން މުށި ކުލައިން ޑައިކޮށްފައިވާ އިރު ފިރާތްގެ ހަތަރެސްކަން މޫނާއި ނުހަނު ގުޅެއެވެ.އަޅިކުލައިގެ ދެލޮލާއި ތޫނު ކަތުރުކަށިގަނޑަކީ ފިރާތްގެ ކިބައިގައި ހުންނަ އެންމެ އަޅައިގަންނަ ސިފަތަކެވެ.ތުނބުޅި މަތިމަސް ތުނިކޮށްފައި ހުރުމުން އޭނާގެ ފިރިހެންވަންތަ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.ލޯގަނޑު ކުރިމަތީގައި ގަނޑުވެފައި ހުރި ފިރާތްއަށް ހަމަހޭވެރިކަންވީ ފަހަތުން ރޭހާން އައިސް ކަޅުކުލައިގެ ވެސްޓަކާއި ޓައީއެއް އޭނާގެ އަތައް ދިނުމުންނެވެ.”ނާއިލްގެ ވާހަކަ އަދިވެސް އޮތީ ހޫނު ޙަބަރެއްގެ ގޮތުގަ.ފިރޫއަށް ހީވޭތަ މިރޭ އޭނަ އަންނާނެހެން؟މި ބުނީ މެހެމާނުންގެ ލިސްޓުގަ އޭނަގެ ނަން އޮތަސް މީހުން ކުރިމަތީ ލަދުގަންނަން ޖެހިދާނެތީވެ ނައިސްވެސް ހިނގައިދާނެދޯ”ރޭހާން ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ މެހެމާނުންގެ ލިސްޓަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުންޏެވެ.
“ނާއިލް އޭ ކިޔައިގެން މީގެ ކުރިންވެސް އެއަށްވުރެ މާ ހުތުރު އަޑުތައް ފެތުރިފަ އޮތް.ވީ އިރު ތިކަހަލަ ކަމަކާއިގެން މީހުންގެ ތެރެއަށް ނުކުންނަން ނުކެރޭނެ މީހެއް ނޫން އެއީ.އޭނައަށް ތިކަމުން އަރައިގަނެވޭނެ ކަން މީހުންނަށް ދެއްކުމަށް ޓަކައި ވެސް އޭނަ މިރޭ މި އިވެންޓްގަ ބައިވެރިވާނެ.އޮފް ކޯސް.މަ އޭނައަށް އެހީވެއްޖެއްޔާމުން”ފިރާތް ނުލަފާ ހިނިތުންވުމަކާއެކު ބުންޏެވެ.”އޭނަގެ ހުރިހާ ކޮންޓެކްޓުންނާއި ގުޅޭތޯ މަސައްކަތް ކުރަމުން އޭނަ އެ ދަނީ.އޭނައަށް ވެސް އިނގޭނެ ފިރޫއަށް އެކަނިކަން އޭނައަށް އެ ކަންތައްގަޑުން އަރައިގަންނަން އެހީތެރިވެވޭނީ”ރޭހާން ބުންޏެވެ.”އާނ ދޯ.ތިއީ ތެދެއް.އެކަމަކު އެހާ ފަސޭހައަކުން އެހީތެރިއެއް ނުވެވޭނެ.ފުރަތަމަ އޭނަގެ ޒަޙަމްތަކުން ލޭ އޮހޮރުވާލާފަ ދެން އަހަރެން ނިންމާނީ އެ ތަންތަނުގަ މަލަން އަޅައިދޭންވީތޯ ނޫނީ އަޅައިނުދޭންވީތޯ.ފިރާތް އަތުގައި ރިހި ކުލައިގެ ރޮލެކްސް އަޅާލަމުން ބުންޏެވެ.”ހިހި ތި ވެސް ތެދެއް.އެކަމަކު ނާއިލް އެކަންޏެއް ނޫނޭ މިރޭގެ ޝޯގެ ތަރިންގެ ތެރޭގަ ހިމެނެނީ”ރޭހާން ލާނެތް ހިނިތުންވުމަކާއެކު ބުނުމުން ފިރާތްގެ ސުވާލުގެ ނަޒަރު އެ މޫނަށް އަމާޒުވެގެންދިޔައެވެ.”ޔޫލިއާ ވެސް.މެހެމާނުންގެ ލިސްޓުގަ އެބައިން އެ ނަން ވެސް.އަހަންނަށް ޔަޤީން ފިރޫ އޭނައާއި ދޭތެރޭ ކަންތައް ކުރާނެ ގޮތެއްވެސް މިހާރު އޮންނާނީ ވިސްނާފަކަން”ރޭހާން ބުންޏެވެ.”އަހަރެން ވަރަށް ގިނަ ކަންތަކާއި ދޭތެރޭ ވިސްނަމޭ.އޭގެ ތެރޭގަ ޔޫލިއާ ވެސް ހިމެނޭ”ފިރާތް ޖެކެޓު ގަޔަށް މަހާލަމުން ބުންޏެވެ.”ކަމް އޯން ފިރޫ.ޤަބޫލުކޮށްބަލަ ފިރޫއަށް ވެސް ޔޫލިއާ ކަމުދާކަމަށް.އަހަންނަށް ފެނުނޭ ފިރޫ މިއަދު ފޯނުން ޔޫލިއާގެ އިންސްޓަގްރާމް ހާވަން އިން ތަން.ފޮލޯ ވެސް ކޮށްލިނަމަ ދޯ”ރޭހާން ލާނެތް ހިނިތުންވުމަކާއެކު ބުންޏެވެ.”ޕިސް ޕިސް ރެއިން.މަ މި އުޅެނީ ދީވާނާވެގެންނެއް ނޫނޭ.އެއްޗެއް ބަލާލީ”ފިރާތް ދެފަރާތައް ބޯހޫރާލަމުން ބުންޏެވެ.”ވަޓްއެވަރ.ހިނގާ ދާން ގަޑި ޖެހެނީ”ރޭހާން މިހެން ބުނެ ނުކުންނަން ހިނގައިގަތެވެ.ފިރާތްވެސް ފަހު ފަހަރަށް ލޯގަނޑުން ފެންނަން ހުރި އަމިއްލަ ނަފްސަށް ބަލާލުމަށްފަހު ނުކުންނަން ހިނގައިގަތެވެ.
****
ގަޑީގެ ކަށިތައް ހުއްޓުމެއް ނެތި އެނބުރެމުން ގޮސް އަށް ގަޑި ބައި ހިނގިއިރު ދަރުބާރުގޭގައި މީސްތަކުން ހޭލަމޭލަވެ އުޅުނެވެ.މިރެއަށް ޓަކައި ދަރުބާރުގެ ދިއްލާ އަޅާފައިވާ އިރު މަގުމަތިން ފެށިގެން ގޮސް ދަރުބާރުގޭގެ އެންޓްރެންސް އާއި ދެމެދު ވަނީ ރަތް ދޫލައަކުން ފަޅުފިލުވާލެވިފައެވެ.ދޫލައިގެ ދެފަރާތުގައި ބެހެއްޓިފައި ތިބި ސްޓޭންޝަން ޗޭނުތަކުގެ ފަހަތުގައި ގިނަ އަދަދެއްގެ ނޫސްވެރިން ތިބީ ކެމެރާތަކާއި މައިކުތައް ހިފައިގެން އިވެންޓް ކަވަރުކުރަން ތައްޔާރުވެގެންނެވެ.ލަގްޒަރީ ކާރުތަކުގައި އިވެންޓްއަށް ދަޢުވަތު އެރުވިފައިވީ ފަރާތްތައް ވަޑައިގަންނަވަމުން ދިޔައިރު އޭގެ ތެރޭގައި ގިނަވީ މަތީ ފަންތީގެ ބޭފުޅުންނެވެ.މުއްސަނދި މަހުޖަނުންނާއި މާލޭގައި ނަންހިނގާ ސިޔާސީ ވަރުގަދަ ޝަޙުސިއްޔަތުތަކެވެ.ވިޔަފާރި ދުނިޔޭގައި ނަންހިނގާ މަޝްހޫރު ވިޔަފާރިވެރިންނާއި އެ މީހުންގެ އަނބިދަރީންވެސް ދޫލަ މަތިން ލާފައި ގޮސް އިވެންޓުގައި ބައިވެރިވުމަށްޓަކައި ހޯލަށް ވަންނަމުން ދިޔައެވެ.ފޮޓޯގްރާފަރުންތައް މަޝްހޫރު ހާޒިރީންގެ ފޮޓޯތައް ނަގަމުން ދިޔައިރު ނޫސްވެރިން މައިކުތައް ބޭނުންކޮށްގެން ބައެއް ބޭފުޅުންނާއި ސުވާލުކުރަމުން އެ މީހުންގެ ކޮމެންޓްރީ ކުރިއަށް ގެންދިޔައެވެ.އިވެންޓް ބޭއްވުމަށް ޓަކައި ހަމަޖެހިފައިވާ ހޯލްތެރެއިންވެސް ފެންނަނީ ޝާހީކަމެވެ.ސީލިންގައި ހަރުކުރެވިފައިވީ ކްރިސްޓަލް ޗާންދަލިޔާއިން މުޅި ހޯލްތެރެއަށް ވަނީ ރަން އައްޔެއް ވެރިވެފައެވެ.ޓެއިލަރޑް ޔުނިފޯމުގައި ތިބި ވެއިޓަރުންތައް ވަޑައިގަންނަވާ ބޭފުޅުންގެ ޙިދުމަތުގައި އަވަދިނެތި އުޅުނު އިރު އެއްފަރާތެއްްގައި ހުރި ސްޓޭޖްގައި ލައިވް އޯޗެސްތްރާ އަކުން ދިޔައީ ހިތްގައިމު ލުއި މިއުޒިކެއް ކުޅެމުންނެވެ.
ކުއްލިއަކަށް ބޭރުގައި ތިބި މީހުންގެ ސިމިސިމިލެއްވުން މަދުވެގެން ދިޔައީ އެތަނަށް އައިސް މަޑުކޮށްލި ކަޅު ކުލައިގެ މޭބެކް އިން ފޭބި މީހާ ފެނުމުންނެވެ.ފިރިހެނުންތައް ހަސަދައިގެ ނަޒަރަކުން ބަލަމުން ދިޔައިރު އަންހެނުންތައް ތިއްތި ދެއްކެން ފެށިއެވެ.ބާކީ ތިބި މީހުން އޭނާ ފެނުމުން އެކަކު އަނެކަކުގެ ކަންފަތް ބުޑުގައި ސިއްރު ވާހަަކަތަކެއް ދައްކަން ފެށިއެވެ.އާދެ މި އެންމެންނަށް މި ހުރިހާ ވަރެއް މިވީ ފިރާތް ފެނުމުންނެވެ.ރޭހާން އާއި ދެމީހުން އެއް ހަމައެއްގައި ހިނގައިފައި ދިޔައިރު މިވަގުތު ރޭހާންގެ މަޤާމަކީ މަޝްހޫރު ކާމިޔާބު ވަކީލެއްގެ އިތުރަށް ފިރާތްގެ އެކުވެރިއެއްގެ މަޤާމެވެ.އޭނާއަކީ ފިރާތްގެ ޕީއޭ ކަން އަދިވެސް އޮތީ ސިއްރުވެފައެވެ.”މިސްޓަރ ފިރާތް.މިރޭ ތި ވަޑައިގެންނެވީ އާ ޑީލްތަކެއް ހައްދަވަންތޯ؟މިސްޓަރ ފިރާތް.ފިރާތް ޖަލުން މިނިވަންވީ ކަމަށް އަޑު އަރާފައި އެބަ އޮތް.ކޮބާތޯ އިޙުސާސްތަކަކީ؟”ފިރާތްމެން ފެނުމާއެކު ނޫސްވެރިން އެ މީހުންގެ ވާހަކަ ކޮނުމުގެ ވާޖިބު އަދާކުރަން ފެށިއެވެ.ނަމަވެސް އެ މީހުންގެ ސުވާލުބޮނޑިތަކަށް ފަރުވާލެއްނެތި ފިރާތް އޭނާގެ ފިރިހެންވަންތަ ހިނގުމުގައި ދޫލަ މަތިން ލާފައި ގޮސް ހޯލް ތެރެއަށް ވަނެވެ.ރޭހާންވެސް ވަށައިގެން ތިބި މީހުންނަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ގޮސް ފިރާތް އާއި އެއްހަމަކުރިއެވެ.ފިރާތް ގޮސް ހޯލްތެރެއަށް ވަނުމާއެކު މީހުންތައް އެނބުރި އެނބުރިފައި އޭނާއަށް ބަލަން ފެށިއެވެ.އޭނާ އާއި ބެހޭގޮތުން ތަފާތު ވާހަކަތައް މެހެމާނުންގެ ތެރޭގައި ވަލު އަލިފާންގަނޑެއްހެން ފެތުރެންފެށިއެވެ.”އެއީ ފިރާތް ހަސަން ދޯ”އެތަނުން މީހަކު މަޑުމަޑުން ބުންޏެވެ.”އޭނަ އަސްލުވެސް މިނިވަންވީތާ”އެހެން މީހަކު ބުންޏެވެ.ފިރާތް އާއި އެއްހަމައެއްގައި ރޭހާންވެސް ހިނގަމުން ދިޔައެވެ.ފިރާތް ހޯލްގެ އެކި ދިމަ ދިމާލަށް ނަޒަރު ހިންގަމުން ދިޔައިރު ކުރީގެ ބައެއް ރަައްޓެހިންނާއި ދުޝްމަނުންތައް އޭނާގެ ލޮލުގައި އަޅައިގަތެވެ.”ދެލޯ ނާށިތަކެއްހެން ބޮޑުކޮށްގެން ތިބެ އެންމެން އެ ބަލަނީ ފިރޫއަށް”ކައިރީގައި ހުރި ރޭހާން ފިރާތްގެ ކަންފަތްދޮށުގައި ބުންޏެވެ.ނަަމަވެސް ފިރާތް އެކަމަށް ފަރުވާލެއްނެތި ދެ ކޮނޑު އަރުވާލަމުން ގޮސް އެތާ ކައިރިން ލާފައި ދިޔަ ވެއިޓަރެއްގެ އަތުގައި ހުރި ތަނބަކުން ކޯކު ތައްޓެއް ނެގިއެވެ.”އަޅާނުލާ.އެ މީހުން އުޅޭނީ މީހުންނާއި ބެހޭގޮތުން ދައްކާނެ ވާހަކައެއް ނޭނގިގެން”ފިރާތް ލޯ ހަނިކޮށްލަމުން ބުންޏެވެ.
އިރުކޮޅެއްްފަހުން އަނެއްކާވެސް ބޭރުގައި ތިބި މީހުންގެ ހޯބޯލެވުންތަކުގެ އަޑު ގަދަ ވީ ކުރިމައްޗަށް އައިސް މަޑުކޮށްލި ރޯލްސް ރޯއިސް އިން ފޭބި ދެ ހޫރުޕަރީން ފެނުމުންނެވެ.އާދެ ޔޫލިއާ އާއި ނޯރާ ފެނުމުންނެވެ.”ޔޫލިއާ ހަސަން!ޔޫލިއާގެ އެންމެ ފަހުގެ ވެންޗާސްއާއި ބެހޭގޮތުން އެއްޗެއް ދަންނަވާލެވިދާނެތޯ؟މިސް ޔޫލިއާ ރާއްޖެ އައިސް ތި އުޅެނީ މި އިވެންޓްގައި ބައިވެރިވުމަށް ޓަކައި ތޯ؟މިސް ޔޫލިއާ،މިރެއަކީ ވިޔަފާރި އާއި ގުޅުން ހުރި ނުވަތަ އުފާފާޅުކުރުމުގެ ރެޔެއްތޯ؟މިސް ނޯރާ.ކޮން އިރަކުތޯ ވައިވޮނިކްގެ އެންމެ ފަހުގެ ކަލެކްޝަން ނެރެނީ؟”ދޫލަމަތިން ޔޫލިއާ އާއި ނޯރާއަށްވެސް ނޫސްވެރިންގެ ސުވާލުތައް އަމާޒުވިއެވެ.ކެމެރާތަކާއި ރައްޓެހި ނޯރާ ހިނިތުންވެފައި ޖަވާބުދާރީވީ އިރު ޔޫލިއާ އެއީ މާ މުހިއްމު ކަމެއްގެ ގޮތުގައި ނުދެކުނެވެ.އެހެންކަމުން ހިނިތުންވެލާފައި ކުރިއަށް ހިނގައިގަތެވެ.އަރައިގެން ހުރި ހައި ހީލްސް އިން އަޑު ލައްވަމުން ދިޔައިރު މީހުންތައް އެކަކު އަނެކަކުގެ ކަންފަތް ބުޑުގައި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.ނަމަވެސް މިފަހަރު އެ މީހުންގެ ވާހަކަ ދެއްކުމުގެ ރާގު މުޅިން ތަފާތެވެ.”އޭނަ ހާދަ ރީއްްޗޭ”އެތަނުން އެކަކު ބުންޏެވެ.”އަހަރެން އަޑު އެހިން އޭނައަށް އަދި ކިރިޔާ އެކާވީސް އަހަރޭ”އަނެކަކު ބުންޏެވެ.ޔޫލިއާ އެ އަޑުތަކަށް އަޅާ ނުލާ އިސްޖަހާލުމެއްނެތި ގޮސް ހޯލް ތެރެއަށް ވަނެެވެ.އެއާއެކު ދުރުގައި ރޭހާން އާއި ވާހަކަދައްކަން ހުރި ފިރާތްއަށް އެއްލި ކަޅިއަކުން އެތެރެއަށް ވަން ޔޫލިއާ ފެނުމުން ލާން އުޅުނު ނޭވާވެސް ނޭފަތުގައި ތާށިވި ކަހަލައެވެ.ބްލޯންޑް ކުލައިގެ ދިގު އިސްތަށިގަނޑު އެއްފަރާތް ކޮށްލަމުން ޔޫލިއާއަށް ވެސް އިއްތިފާޤުން ފިރާތް މެން ތިބި ދިމާލަށް ބަލާލެވުނެވެ.އެއާއެކު ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ.ފިރާތް ދޮރާއި ދިމާލަށް ބަލަހައްޓައިގެން ގަބުވެފައި ހުރުމުން ރޭހާން ވެސް ޝަޢުޤުވެރިކަމާއެކު އެ ދިމާލަށް ބަލާލިއެވެ.ދޮރު ކައިރީ ހޯލްތެރޭގައި އެ ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރި ޔޫލިއާ ފެނުމުން ރޭހާންއަށް އެއްފަހަރު ފިރާތްއަށް އަނެއްފަހަރު ދުރުގައި ހުރި ޔޫލިއާއަށް ބަލާލެވުނެވެ.ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތްމަތީގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.”ކޮބާ.ހިތް އަތުލައިފިއެއްނު.މި އޮތީ މަ ބުނި ތަން އައިސް”ރޭހާންގެ އަޑަށް ފިރާތްއަށް ހަމަބިމަށް އާދެވުނު އިރު ޔޫލިއާވެސް އޭނާ ދަންނަ ބައެއް އިންވެސްޓަރުން ކައިރިއަށް އައުމުން އެ މީހުންނާއި ވާހަކަ އަޅުވާލައިގެން ހުއްޓެވެ.އިރުކޮޅަކުން ނޫސްވެރިންގެ ކިބައިން ސަލާމަތްވެެގެން އައި ނޯރާވެސް ޔޫލިއާއާއި ބައިވެރިވިއެވެ.
އިރުކޮޅެއްފަހުން ދޮރުން ވަތް މީހުން ފެނުމާއެކު ކޮންމެ މީހެއްގެ މޫނުމަތިންވެސް ފާޅުވީ ތަފާތު ކުލަވަރުތަކެވެ.ޔޫލިއާއަށް ލޯ ހަނިކޮށްލެވުނު އިރު ފިރާތްގެ ކަތުރުކަށިގަނޑަށް ވާންވެގެންދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



Very nice
It’s very interesting
Love at first sight so cute
When next?!
Mi part vx vr reethi when next
Ohh firaath and yulia love at first sight btw vaahaka Hama Varah reethi when next