މައިރާ ( 3 ވަނަ ބައި)
” އަހަރެންނަށް ހީވެއްޖެ މައިރާ އަންނާނެހެން މިރޭވެސް. ކީއްވެ ރޭގަ ދުއްވާ ގަތީ.” އެޒުވާނާ ވާހަކަދެއްކިއެވެ. މައިރާ ހައިރާންވިއެވެ. އޭނާއަށް މައިރާގެ ނަން އެނގޭތީއެވެ. “ކިހިނެއް އަހަރެންގެ ނަން އިނގުނީ؟” މައިރާ ދެލޯބޮޑުކޮށްގެން ހުރެ ސުވާލުކުރިއެވެ.
” މިރަށަކު ނޫޅޭނެ މައިރާ ނުދަންނަ މީހަކު. މައިރާގެ އާއިލާއަކީ މިރަށު އެންމެންނަށްވެސް އިނގޭ އާއިލާއެއްނު. އަހަރެންނަށް ކިޔަނީ އަޔުޝް.” އަޔުޝް އަމިއްލައަށް ތަޢާރަފްވެލިއެވެ.
އަޔުޝްގެ ރީތި މޫނު ފެނި މައިރާގެ ހިތް އަވަސްވާގޮތްވިއެވެ. ރީތި ފަން އިސްތަށިގަނޑެކެވެ. ބާމަތި ފުޅާ ހަށިގަނޑެކެވެ. ” ހައިރާންވެފަ ނުހުރެ، މިތާ އިށީދެބަލަ.” އަޔުޝް މައިރާ އާޝޯހުވެފައި ހުރުމުން އިށީންނަން ތަން ދެއްކިއެވެ.
” އަޔުޝް ވަރަށް މޮޅު ލަވަ ކިޔަން.” މައިރާ ލަދުރަކި ގޮތަކަށް ބުނެލިއެވެ. ” ލަވަ އެއް ކިޔާދެންވީތަ؟” ކައިރީގައި އޮތް އޭނާގެ ގިޓީ ދައްކާލަމުން އަޔުޝް ބުނެލިއެވެ. މައިރާ އާއެކޭ ބުނުމުން އަޔުޝްގެ އޭނާގެ ފިރިހެންވަންތަ އަޑުން ލަވަ ކިޔަން ފެށިއެވެ. އެއަޑުގެ ޖާދޫގައި އެތައް ބަޔަކު ދީވާނާ ވާނެކަން ޔަޤީނެވެ. ފޫހިކަމެއް ނެތި މައިރާއަށް އަޔުޝްގެ ލަވަ ކިޔާ އަޑު އަހަން އިނދެވުނެވެ.
ދެމީހުންގެ މެދުގައި އެރޭ ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. ހަޔާތުގެ އެކި ކަންކަމުގެ ވާހަކައެވެ. ދެމީހުންނަށް އެކަކު އަނެކަކު ކޮންމެވެސް ވަރަކަށް އެނގިއްޖެއެވެ. އަޔުޝްއަކީ މައިރާ މިގޮތަށް ވާހަކަދެއްކި ފުރަތަމަ ފިރިހެން ކުއްޖާއެވެ.
އަޔުޝްގެ އުމުރުން 10 އަހަރުގައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން އަޔުޝްގެ މަންމަ އާއި ބައްޕަވަނީ މިކެހެވެރި ދުނިޔެ ދޫކޮށް ގޮސްފައެވެ. އަޔުޝްގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީވެސް އަޔުޝްއެވެ. އޭނާގެ މައިންބަފައިން ނިޔާވި ހިސާބުން އޭނާ ބަލާބޮޑުކުރަނީ މަންމައާއި އެއްބަނޑު ދައްތައެކެވެ. އެއީ އަޔުޝްގެ ބޮޑުދައިތައެވެ. އެއާއިލާ އަޔުޝްއަށް ވަރަށް ވެސް ރަނގަޅެވެ. ބޮޑުދައިތަގެ ދަރިންނާއި އަޔުޝް އެއްވެސް ވަރަކަށް ތަފާތެއް ނުކުރެއެވެ.
އަޔުޝްއަށްވެސް މައިރާ ވަރަށް ކަމުދިޔައެވެ. މައިރާއާއި ބައްދަލުވުމަށްފަހު، ސިކުނޑިއާއި ހިތުގައި ހަރުލާފައިވަނީ އެންމެ ނަމެއް ކަމެވެ. އަޔުޝްގެ މޫނަށް ކުލަވަމުންދަނީ މިރޭ މައިރާ އުޅުނު ގޮތެވެ. އެހީލުމެވެ. ހީލާއިރު ކޮލަށް އެއަންނަ އަޑިކޮޅެވެ. ހަނދެއްފަދަ ރީތި ދޮން މޫނެވެ. އެރީތި ދެލޮލެވެ.
މައިރާގެ ހާލަކީވެސް ހަމަ އެއީއެވެ. ފުރަތަމަ ނަޒަރުން މީހެއް ދެކެ ލޯބިވެދާނެކަމެއް ޤަބޫލު ނުކުރާ މައިރާއަށް މިއަދު އޭނާގެ ހިތް އަޔުޝް އަށް ދެވިއްޖެއެވެ. އަޔުޝްގެ ނަންވަނީ މައިރާގެ ހިތުގައި ރަން އަކުރުން ލިޔެވިފައެވެ. އަދިވެސް އަޔުޝްއާއި ވާހަކަދައްކާލަން މައިރާ ބޭނުންވެއެވެ. ކިތަންމެ ވަރަށް ވާހަކަ ދެއްކިޔަސް އެހިތް ނުފުރޭނެކަން ޔަޤީނެވެ.
މައިރާއަށް އެޚިޔާލުތަކާއި ދުރަށް ދެވެނީ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ފޯނަށް އައި މެސެޖް ކިޔާލަން ބެލިއިރު އެއީ އަޔުޝް ފަރާތުން އައި މެސެޖެކެވެ. އާއެކެވެ. ފޯނު ނަންބަރުވެސް ދެމީހުން މިރޭވަނީ އެކަކު އަނެކަކަށް ދީފައެވެ. ” ގުޑް ނައިޓް. މައިރާ.” މެސެޖް ކިޔާލުމުން މައިރާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އަދި މައިރާވެސް “ގުޑް ނައިޓް. އަޔުޝް.” މިހެން ކިޔާ މެސެޖެއް ފޮނުވިއެވެ.
މައިރާގެ ހަޔާތަށް އެރެއެކީ ވަރަށްވެސް އުފާވެރި ރެޔެކަށް ޔަޤީނެވެ. އަޔުޝް އެހަޔާތަށް އައި ފަހުން މައިރާ ގެ ވަރަށް ގިނަ ކަންކަމަށް ބަދަލު އަންނަން ފަށާފިއެވެ. މައިރާގެ މޫނު މަތިން ފެންނަނީ އުޖާލާ ކަމެކެވެ. ހިނިތުންވުމެވެ. ދޭތެރެއަކުން ލޯބީގެ ލަވައެއް ކިޔާލަން ހުއްޓާ ފެނިދާނެއެވެ. މިބަދަލު ހަފްސާއަށްވެސް ކޮންމެވެސް ވަރަކަށް ފާހަގަ ވިއެވެ. ނަމަވެސް އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
ކޮންމެދުވަހަކުވެސް ކޮންމެވެސް ބަހަނާއެއް ދައްކައިގެން މައިރާ އަޔުޝްއާއި ބައްދަލު ކުރަންދެއެވެ. ދެމީހުންގެ މިބައްދަލުވުންތަކުގެ ސަބަބުން ދެމީހުންނަށް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. މައިރާ މިހުރިހާކަމެއް ވަނީ ސިފާއަށްވެސް ކިޔާދީފައެވެ.
މިރެއަކީ ޚާއްޞަ ރެޔެކެވެ. މައިރާގެ އުފަންދުވަހެވެ. އަޔުޝް ބޭނުންވީ މައިރާގެ އުފަންދުވަހު ޚާއްޞަކަމެއް ކުރާށެވެ. އަޔުޝް ބޭނުންވަނީ އަބަދުވެސް މައިރާގެ މޫނުން އުފާވެރިކަން ފެންނާށެވެ. އެހެންކަމުން އަޔުޝް އެދުވަހު ހަތަރުދަމު އުޅުނީ އެރެޔަށް ޚާއްޞަ ތައްޔާރީތައް ވުމަށެވެ.
މައިރާ ތައްޔާރުވަމުން އެދަނީ މިރޭ އަޔުޝްއާއި ބައްދަލުކުރަން ދާށެވެ. މަޑު ފެހިކުލައިގެ ކަކުލުން ތިރިއަށް އަރާ ހެދުމުގައި މައިރާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ފަން އިސްތަށިގަނޑުވަނީ ނިއުޅާލާފައެވެ. އަތުގައި ފެހިކުލައިގެ އުޅައެއް އަޅާފައި އޮތެވެ.
ދެމީހުން އަބަދުވެސް ބައްދަލުކުރާ ތުނޑިއަށް މައިރާ ދިޔައެވެ. މައިރާއަށް ލިބުނީ ހައިރާން ކަމެކެވެ. ބިންމަތީގައި ވަނީ ރޯކޮށްފައިވާ އުއްބަތި ތަކެވެ. ހަތަރު ދަނޑި ދޮންވެލިގަނޑުގައި ޖަހާފައި ހުއްޓެވެ. އެދަނޑިތަކުގައި ހުރީ ފެއިރީ ލައިޓްސް ދަމާފައެވެ. ދަނޑިތައް ޖަހާފައިވާ ތަނުގެ ތިރީގައި ހުދު ފޮތިގަނޑެއް އޮތެވެ. ފޮތިގަނޑުމަތީ ވަރަށް ރީތިކޮށް ޑިސައިން ކުރެވިފައިވާ ކޭކެއް އިނެވެ. މީގެއިތުރުން ދެތިން ޕާރްސަލްއާއި ކާއެއްޗެހިވެސް ހުއްޓެވެ. އަޔުޝް ހުރީ އެތާ ކައިރި ހުއްޓިގެން މައިރާގެ އިންތިޒާރުގައެވެ.
” ހެޕީ ބާރތްޑޭ މައިރާ” އަޔުޝް މައިރާގެ އަތުގާ ހިފާލިއެވެ. މައިރާ ލޯ ފެންކަޅިވިއެވެ. ވާނީވެސް އެހެންތާއެވެ. ދުވަހަކުވެސް މީހަކު އޭނާއަށްޓަކައި މިފަދަ ގޮތަކަށް ކަންތައްކޮށްފައެއް ނުވެއެވެ. ސުކޫލުން ވަނަ އެއް ލިބުނަސް ނޫނީ އުފަންދުވަހަކުވިޔަސް އޭނާއަށް މިގޮތަށް މީހަކު ފާހަގައެއް ނުކޮށްދެއެވެ. ހަދިޔާއެއް ދިނަސް ދޭނީ ސިފާއެވެ.
އަޔުޝް މައިރާގެ ފަހަތަށް ގޮސް، މައިރާގެ ކަރުގައި ފަށެއް އެޅުވިއެވެ. މައިރާއަށް އެފަށަށް ބަލާލެވުނެވެ. ވަރަށްވެސް ރީތި ފަށެކެވެ. ހިމަގެތުމެކެވެ. ފަށުގެ ފޫ އިނީ ގަދަ ނޫކުލައިގެއެވެ. އެރޭ ދެމީހުންވެސް ހޭދަކުރީ އުފަލުގައެވެ. ދެމީހުންވެސް ވަކިނުވުމަށް އެދި އެތައް ހުވައަކާއި އަހުދުތަކެއް ކުރިއެވެ. އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކަވެސް އެތައް ފަހަރަކު ބުނެއެވެ.
” މައިރާގެ އާއިލާ ޤަބޫލު ވާނެތަ އަހަރެންނާ އިންނަން.” އަޔުޝް އިނދެފައި ކޮށްލި ސުވާލުން މައިރާއަށް ތެޅިގަނެވުނެވެ. މައިރާގެ ހިތަށް އެސުވާލު ނައީ ކީއްވެބާއޭ މައިރާގެ ހިތަށް އެރިއެވެ. މައިރާއަށް ދޭނެ ޖަވާބެއް ނޭނގިފައި އިރުކޮޅަކު އިނދެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

Awnnn….
Love at first sight
Oh plz maira ge family in accept ayush!!!!!
Keep it up!!!!!!!!
Waiting impatiently
Thankyou🥰💗
Love it waiting for next part ❤️🫶🏼
Thankyou💗
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Mairs and ayush gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
I appreciate your hard work
Love you fav author
Thankyou so much Cutie girl🥰❤️