މައިރާ (2 ވަނަ ބައި)
އެޒުވާނާ ދޮންވެލިގަނޑުން ތެދުވުމާއިއެކު މައިރާއަށް ބޭއިޙްތިޔާރަކާއި ނުލާ ބާރަށް ގެޔާއި ދިމާއަށް ދާން ދުއްވާ ގަނެވުނެވެ. ގެއަށް އާދެންވުން އިރު މައިރާއަށް މާނޭވާ ލެވެއެވެ.
“ކޮންތާކުން ތިޔައީ؟ އަދި ފޯނެއްވެސް ނަގަނީ ކީނޫނޭ” ގެއަށް ދިޔައިރު މަންމަހުރީ ހިތްހަމަ ނުޖެހިފައެވެ. ” އަހަރެން..އަހަރެން މިއައީ ސިފާމެން ގެއިން.” މައިރާ ޖަވާބުދިނީ ބިރުން ހުރެއެވެ. ސިފާއަކީ މައިރާ ސުކޫލު ދައުރުން ފެށިގެން އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ސިފާއަކީ ހަޔާތުގެ ކޮންމެ ކަމެއް ވެސް ހިއްސާކޮށްލެވޭނެ ހެޔޮލަފާ ރަނގަޅު މީހެކެވެ. “ސިފާމެން ގެއަށް ދިޔަޔަސް ބުނެލާފަ ދިޔަނަމަ.” އެހެން ބުނުމަށްފަހު ހަފްސާ ކޮޓަރިއަށް ވަނެވެ. މައިރާ ވެސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.
މައިރާމެން ގެޔަކީ އެރަށުގައި ހުރި އެންމެ ފެންވަރު ރަނގަޅުކޮށް ހަދާފައިވާ އެއްގެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެގެއަކީ ހަކޮޓަރީގެ ގެއެއް ކަމުން މައިރާއަށްވެސް ވަކިން ކޮޓަރިއެއް ހުރެއެވެ. ހަކޮޓަރި ތެރެއިން ދެކޮޓަރި ބައިންދަނީ ކުއްޔަށް ދޭށެވެ.
މައިރާ ގޮސް އެނދުމަތީގައި އޮވެލިއެވެ. މިރޭ ހިނގާ ދިޔަ ކަންތަކާއި މެދު ފުންކޮށް ވިސްނާލެވުނެވެ. އެޒުވާން ފިރިހެން މީހާ ކީލަވަ މަޑުމަޑުން ކިޔާލެވުނެވެ. އެވަގުތު މައިރާގެ މޫނަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެއީ މައިރާމެން ރަށުގައި އުޅޭ ސޮރެއްކަން މައިރާއަށް ޔަޤީނެވެ. ނަމަވެސް އޭނާގެ ނަން ހަނދާނެއްނެތެވެ.
މައިރާގެ ހިތް އެއީ ކާކުތޯ އޮޅުން ފިލުވަން ބޭނުންވިއެވެ. އެރީތި އަޑު އަދިވެސް ހީވަނީ ކަންފަތުގައި ގުގުމާލަ ހެންނެވެ. ދުވަހަކުވެސް ފިރިހެނަކާއި ދޭތެރޭ އެވަރަށް ނުވިސްނާ މައިރާ މިރޭ ހަތަރުދަމު އޮތީ އެޒުވާނާގެ ޚިޔާލަށް ގެއްލިފައެވެ. އެއަޑު އަހަން ބޭނުންވެފައެވެ. އެޚިޔާލުތަކުގައި އޮތްވާ މައިރާއަށް ނިދުނީ ކޮން އިރަކު ކަމެއް ވެސް ނޭނގުނެވެ.
**********************************************************
ޖެހިގެން އައިދުވަހު މެންދުރު ކައި އަވަދިވެގެން ކޮޓަރިއަށް ދާން މައިރާ މިސްރާބު ޖެހިއެވެ. ” މައިރާ. އިހަށް މަޑުކޮށްބަލަ.” ސިޓިންރޫމްގައި އިން ނިހާދު ގޮވާލިއެވެ. ހަފްސާވެސް އެވަގުތު ނިހާދު ގާތު އިނެވެ. ” މިތާ ސޯފާގައި އިށީދެބަލަ.” ސޯފާއަށް އިޝާރަތް ކުރަމުން ނިހާދު ވާހަކަދެއްކިއެވެ.
” މައިރާއަށް މިހާރު ވިހި އަހަރުވީ. މީހަކާ އިންނަންވީއެއްނު. މާލޭ މީހަކާއި އިނދިގެން އޭރަށް މާލޭ ކޮޅަށް ބަދަލު ވެވޭނެ. އަހަރެންގެ ވަރަށް ގިނަ ރައްޓެހިން މާލޭކޮޅުގަ އުޅޭނެ.” ނިހާދު ވާހަކަ ދެއްކިއެވެ. ނިހާދު ބޭނުންވަނީ މައިރާ ވީހާވެސް އަވަހަކާ އެމީހުންގެ ދިރިއުޅުމާއި ދުރަށް ފޮނުވާލާށެވެ. “ނޫން ބައްޕާ. އަޅުގަނޑު އަދި އިތުރަށް ކިޔަވަން ބޭނުން.” މައިރާ ޖަވާބުދިނެވެ. “މީހަކާއި އިނދެގެންވެސް ކިޔެވިދާނެއެއްނު. މިއާއި މެދު ވިސްނާލާފަ ޖަވާބެއް ދޭތި.” އެހެން ބުނުމަށްފަހު ނިހާދު ގޭން ބޭރަށް ނިކުމެގެން ދިޔައެވެ. “މައިރާ. ބައްޕަ އެބުނީ ތެދު ވާހަކައެއް.” ހަފްސާވެސް ނިހާދުގެ އެބުނުމަށް ތާއީދުކުރިއެވެ.
މައިރާ މާލޭދާކަށް ބޭނުމެއް ނުވެއެވެ. ދަންޏާ ދާން ބޭނުންވަނީ އިތުރަށް ކިޔެވުމަށެވެ. މައިރާއަކީ އަދި ދުވަހަކުވެސް މާލެ ފަސްގަނޑަށް އެރި މީހެއްވެސް ނޫނެވެ. ގްރޭޑް 12 އާއި ހިސާބަށް ރަށު ސުކޫލުގައި ތަޢުލީމު ހާސިލްކުރުމަށްފަހު އެހުންނަނީ ރަށުގައެވެ. ސުކޫލު ނިންމާލީވެސް ރަނގަޅު ނަތީޖާއަކާއިއެކުގައެވެ. މައިރާގެ ހުވަފެނަކީ ހެދުން ފަދަ އެއްޗެހި ފަހާ ޑިސައިން ކުރުމުގެ ދާއިރާއިން ކުރިޔަށް ދިޔުމަށެވެ. މިހާރުވެސް ހުސްވަގުތުތަކުގައި މައިރާ މީހުންނަށް އެއްޗެހި ފަހާދެއެވެ. ނަމަވެސް މައިރާ ފެޝަން ޑިސައިނަރަކަށް ނޫނީ ފަހާ މީހަކަށް ވާކަށް ހަފްސާ އެހާ ޤަބޫލެއް ނޫނެވެ.
މަޑު ނޫކުލައިގެ ހެދުމަކާއި ކަޅު ކުލައިގެ ޖިންސެއްގައި މައިރާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އެފަން ދިގު އިސްތަށިގަނޑުވަނީ ނިއުޅާލާފައެވެ. އެދިގު އެސްފިޔަތަކާއި ކަޅުކުލައިގެ ކަޅި ފެންނަ ކޮންމެ މީހަކުވެސް ބަލާ ފޫހި ނުވާނެކަން ޔަޤީނެވެ. މައިރާ ތައްޔާރު ވަމުން އެދެނީ ބޭރަށް ދާށެވެ. ސިފާއާއި ދެމީހުން ހަވީރު ބައްދަލުވާން ކިޔާފައި އޮތީމައެވެ. ރޭގައި ހިނގާދިޔަ ކަންތައް މައިރާ ބޭނުންވީ ސިފާއަށް ކިޔާދޭށެވެ.
މައިރާ ތައްޔާރުވެގެން ނިކުތްއިރު ސިފާ ހުރީ އެގޭދޮށުގައެވެ. “ހޫމް.. ކޮން ވާހަކައެއް ކިޔައިދޭނަމަތަ ބުނީ މެސެޖް ކޮށްފަ؟” ސިފާ މައިރާގައިގައި ކޮށްޓާލަމުން ވާހަކަދެއްކިއެވެ. ސިފައަކީ ވެސް މީހުން ހިތް ކިޔާ ކަހަލަ ރީތި ސޫރައެއް ލިބިފައިވާ ޒުވާނެކެވެ. ސިފާއަކީ ބުޅި އިސްތަށިގަނޑާއި ދޮންރީތި މޫނު ލިބިފައިވާ ފަތްމިންޏެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސުކޫލު ދައުރުގައިވެސް ސިފާއާއި މައިރާއަކީ ފިރިހެންވެރިންނަށް އެންމެ ފާހަގަ ކޮށްލެވޭ އެންމެ ރީތި ދެކުދިންނެވެ. ” ކިޔާދޭނަމޭ.. އިހަށް ހިނގާ ތާކު ތިބެން ދާން.” މައިރާ ހީލަމުން ޖަވާބުދިނެވެ.
ދެމީހުންވެސް ގޮސް ތިބީ އެރަށު އަތިރިމަތީގައި ހުންނަ ޖޯއްޔެއްގައެވެ. ރޭގައި ހިނގާދިޔަ ކަންތައް މައިރާ ސިފާއަށް ވަރަށް ތަފްސީލުކޮށް ކިޔާދިނެވެ. “އަސްލުވެސްތަ؟ ކާކުއެއީ؟ ކިހިނެއް ހުންނަ މީހެއް؟ ނަން އިނގޭތަ؟” ސިފާ އެއްފަށްޗަކަށް ސުވާލުތައް އަމުނާލިއެވެ. ” ނޫން. އަހަރެންނަށް ނޭނގެ ކާކު ކަމެއް އެއީ. އެކަމަކު މިރަށު މީހެއްކަން އިނގެނީ.” މައިރާ ލަދުރަކި ގޮތަކަށް ބުނެލިއެވެ. އޭރު މައިރާގެ ކޯތަފަތްވެސް ވަނީ ކޮންމެވެސް ވަރަކަށް ރަތްވެފައެވެ.
“މިރޭވެސް އެގަޑީގަ ތުނޑިއަށް ދާންވީނު. އޭނާވެސް ފަހަރެއްގަ ގޮސްދާނެއްނު. އޭރަށް ދިމާކޮށްފަ ވާހަކަ ދައްކާލާނީ ދެމީހުން.” ސިފާ ޚިޔާލެއް ދިނެވެ. ” އޭނާވެސް ދެން ކޮންމެ ރެޔަކު ނުދާނެއްނު.” މައިރާ ދެވިސްނުމެއްގައި އިނދެ ބުނެލިއެވެ. ” އަޅެ ދެން މިރޭ ގޮސްލާބަ.” ސިފާ އަނެއްކާވެސް ބުނެލިއެވެ.
ގަޑިން ރޭގަނޑު 8 ޖަހާފިއެވެ. މައިރާ ހުރީ ދެ ޚިޔާލެއްގައެވެ. “މިރޭ ދާންވީބާ ނޫނީ ގޭގަ މަޑުކުރަންވީބާ؟” މައިރާ ހިތާ ހިތުން ސުވާލުކޮށްލިއެވެ. ލޯގަނޑު ކުރިމަތީ މައިރާ އަމިއްލަ ސޫރައަށް ބަލަން ހުރީ އެވިސްނުމަށް ގެއްލިފައެވެ.
“މަންމާ އަހެރެން މިދަނީ ސިފާމެން ގެއަށް. ވަރަށް އަވަހަށް އަންނާނަން.” މައިރާ ދޮގެއް ހަދާލިއެވެ. މަންމަ ދާށޭ ބުނުމުން މައިރާ ތުނޑިއަށް ދާން މިސްރާބު ޖެހިއެވެ. ތުނޑިއާއި ހިސާބަށް ދަންދެން މައިރާ ހުރީ ފުން ވިސްނުމެއްގައެވެ.
ތުނޑިއަށް ދެވުމުން ތުނޑި ވަށާ ހޯދާލެވުނެވެ. މައިރާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ވާނީވެސް އެހެންތާއެވެ. ތުނޑީގެ ދޮންވެލި ގަނޑުމަތީ އެއިނީ އެމީހަކަށް މައިރާ އިންތިޒާރުކުރަމުންދާ މީހާއެވެ. މައިރާ މަޑުމަޑު ހިނގުމެއްގައި ގޮސް އެޒުވާނާ ގާތު މަޑުކޮށްލިއެވެ. އެޒުވާނާ ފަސް އެނބުރި ބަލާލީ ހިނިތުންވެފައި އިނދެއެވެ.
” އަހަރެންނަށް ހީވެއްޖެ މައިރާ އަންނާނެހެން މިރޭވެސް. ކީއްވެތަ ރޭގަ ދުއްވާ ގަތީ.” އެޒުވާނާ ވާހަކަދެއްކިއެވެ. މައިރާ ހައިރާންވިއެވެ. އޭނާއަށް މައިރާގެ ނަން އެނގޭތީއެވެ. “ކިހިނެއް އަހަރެންގެ ނަން އިނގުނީ؟” މައިރާ ދެލޯބޮޑުކޮށްގެން ހުރެ ސުވާލުކުރިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

i really love this story looking forward for the another chapter
keep it up and make lil long next chapter
Thanks💗
Oooooooo!!!!!
So cute
Maira is in love!!!!!
When next
Thanks💗 Already Submitted😊
mi part ves v reethi masha allah
curiously waiting for next part
keep it up
maira and ekujja gulhuvachey
they both are made for each other
Thanks💗