މައިރާ (ފުރަތަމަ ބައި)
ހަވީރު ބޯކޮށް ވެހެންފެށި ވާރޭ އަދިވެސް ތުނިކޮށްލާކަށް ނޫޅެއެވެ. މިހާރު ރޭގަނޑު އަނދިރިވީއެވެ. ވާރޭ ވެހޭ މަންޒަރު ބަލަން މައިރާ ހުރީ ކޮޓަރި ކުޑަދޮރު ކައިރީގައެވެ. ބިއްލޫރި ދޮރެއްކަމެއް ވާރޭ ވެހޭ މަންޒަރު ވަރަށް ރީއްޗަށް ފެނެއެވެ. އެމަންޒަރުވީ މައިރާއަށް ވަރަށް ހިތްގައިމު މަންޒަރަކަށެވެ. ވާރޭ ވެހޭ އަޑު މައިރާގެ ކަންފަތުގައި ޖެހެނީ ހިތްގައިމު މިޔުޒިކެއްގެ އަޑު ހެންނެވެ.
މިގޮތަށް ހުރެވުނީ ކުޑައިރުކޮޅަކަށެވެ. ” މައިރާ. ދޭބަލަ ފިހާރައަށް. ޕާސްތާ ބޮޑިއެއް ގަންނަން.” ކޮޓަރިއަށް ވަދެގެން އައި މައިރާގެ މަންމަ ހަފްސާ ބުންޏެވެ. ” މަންމާ. މިގަޑީގަ ވާރޭވެސް އެބަ ވެހެއެއްނު.” ދޮރުފޮތިގަނޑު ލައްޕާލަމުން މައިރާ މަންމައަށް ޖަވާބު ދިނެވެ. “ވާރޭ މިހާރު ތުނިކޮށްލާފި. ބައްޕަ ޕާސްތާ ކާހިތުން އުޅޭތީ. ގަނެގެން އައިސް ކައްކާލަބަލަ ޕާސްތާ ކޮޅެއް. އިނގެއެއްނު ބައްޕަ 9 ޖަހާއިރަށް އާންމުކޮށް ކާނެކަން.” މަންމަ އެހެން ބުނުމަށްފަހު މައިރާއަށް އެއްޗެކޭ ބުނަން ފުރުސަތު ނުދީ ކޮޓަރިން ނިކުތެވެ.
ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް މައިރާ ނަޒަރު ހިންގާލިއެވެ. ގަޑިން މިހާރު 8 ގަޑި ބައިވީއެވެ. މަންމައަށްވެސް މިއަށްވުރެ އަވަހަކަށް ބުނާކަން ނޭނގުނު ހެއްޔެވެ؟ 9 ޖަހަން ވާއިރަށް ދެން ކައްކާ ނިމޭނެ ހެއްޔެވެ؟ ހުރިހާ ކަމެއް ކުރަން ޖެހޭނީވެސް ޚުދު މައިރާ އެކަންޏެވެ. މައިރާ ހިތުން ހިތާ ޝަކުވާކޮށްލިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފެންޑާގައި ހުރި ކުޑަތަކުގެ ތެރެއިން ކުޑައެއް ނަގައިގެން ގެއިން ބޭރަށް ނިކުތެވެ. ވާރޭ ތުނިކޮށްލާފައި ވީކަމުގައިވިޔަސް މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުމަތީގައިވެސް ވަނީ ވަރަށް ބޮޑެތި ފެންގަނޑުތަކެއް ހެދިފައެވެ. ކައިރީގައި ހުރި ފިހާރައަށްވެސް ދާންޖެހުނީ އެންމެފަހުން ފެންގަނޑަށް އެރިގެންނެވެ. ވާރޭ ތުނިކޮށް ވެހުނަސް ކޮންމެވެސް ވަރަކަށް ވައިވެސް ގަދައެވެ.
ގަންނަން ހުރިއެއްޗެއް ގަނެގެން ދިޔައިރު 9 ޖަހާކަށް މާގިނައިރެއް ނެތެވެ. ގޮސް ހެދުން ބަދަލުކޮށްލައިގެން ބަދިގެ ފަރާތަށް ވަތްއިރު މަންމަ ބަދިގޭގައި އުޅެއެވެ. ދިޔައިރު ހުރީ ޕާސްތާ ސޯސް ގަނޑު ތައްޔާރުކޮށްފައެވެ. މިކަމާ މައިރާ ހައިރާން ވިއެވެ. “އަވަހަށް ޕާސްތާ ކޮޅު މަޑުކުރަން އުނދާ. ބައްޕަ މިހާރު ދުރުވާނެ.” ހަފްސާ ޕާސްތާ މަޑުކުރަން ތެއްޔަން ދެމުން ވާހަކަދެއްކިއެވެ.
ހަފްސާއަކީ މައިރާ ބަނޑުއަޅާ ވިހޭ މަންމަ ކަމުގައިވިޔަސް މަންމައަކާއި ދަރިޔަކާ ދެމެދުގައި އޮންނަ ގުޅުމެއް އެދެމެދަކު ނޯވެއެވެ. ބައެއްފަހަރު ހަފްސާ ވަރަށް ރީއްޗަށް ވާހަކަ ދައްކާފާނެއެވެ. އަނެއްބައިފަހަރު މައިރާއެކޭ ދުރު މީހެކޭ އެއްފަދައެވެ. ލޯބިން ވާހަކަދައްކާނީ ވަރަށް މަދު ފަހަރެކެވެ.
މައިރާގެ އުމުރުން ދެއަހަރުގައި އޭނާގެ ބައްޕަވަނީ ބައްޔެއްގެ ސަބަބުން މިފަނާވަނިވި ދުނިޔެއާއި އަބަދުގެ ޢަބަދަށް ޢަލްވަދާއު ކިޔާފައެވެ. މައިރާގެ ބައްޕަ ނިޔާވިތާ ދެއަހަރު ފަހުން ހަފްސާ ވަނީ އެހެން މީހަކާއި ކައިވެނި ކޮށްފައެވެ. ހަފްސާ ނިހާދުއާއި ކައިވެނި ކުރި ފަހުން ހަފްސާ އާއި މައިރާ ދިރިއުޅެމުން ދަނީ ނިހާދުމެން ގޭގައެވެ. ހަފްސާއާއި ނިހާދުގެ ކައިވެންޏަށް މިހާރު ވަނީ ދެކުދިންވެސް ލިބިފައެވެ. އެއީ މައިރާ އަށް ވުރެ 4 އަހަރު ހަޤު ހަނާއާއި 6 އަހަރުގެ ހަޤު ނިހާލްއެވެ.
ނިހާދަކީ ރަށުގައި ފާހަގަކޮށްލެވޭ ޤަދަރުވެރި އަދި މުއްސަނދި މީހެކެވެ. އޭނާގެ ނިންމުންތަކަށް ރަށުގެ ރައްޔިތުން ތަބާވާނެއެވެ. ހަފްސާ އާއި ނިހާދު ކައިވެނި ކުރި ފަހުން މައިރާއާއި މެދު ނިހާދުވެސް އަދި ޙުދު ހަފްސާވެސް ކަންތައް ކުރަނީ ދުރު ހިލޭ މީހެއް ހެންނެވެ.
ނިހާދު އައިސް ގޮޑީގައި އިށީނުމުން މައިރާ އަވަސް އަވަހަށް ކާމޭޒުމައްޗަށް ތައްޔާރުކޮށްފައިވާ ޕާސްތާ އެތި އެރުވިއެވެ. ” ދަރިފުޅާ އާދޭ ދަރިފުޅުވެސް ބައްޕައާއެކީ ކާން.” ނިހާދު ތަށްޓަށް ޕާސްތާ އަޅަމުން ބުންޏެވެ. ނިހާދާއި ދިމާ މައިރާ އަށް ބަލާލެވުނީ ބޭއިޚްތިޔާރަކާއި ނުލައެވެ. ބައްޕަގެ ލޯތްބަށް ފެންބޮވައިގަނެފައިވާ މައިރާ ނިހާދުއަށް ޖަވާބު ދޭން އަނގަ ހުޅުވާލިއެވެ. “ލައްބަ ބައްޕާ.” ނިހާދު ކައިރީގައި އިން ގޮޑީގައި އިށީނަމުން ހަނާ ޖަވާބުދިނެވެ.
މައިރާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ބަދިގެއަށް ވަނެވެ. މައިރާއަށް ކުރެވުނީ ކުށްހީއެކެވެ. އާއެކެވެ. މިއޮތް ހުރިހާ ދުވަހު ނުބޭއްވި ގުޅުމެއް ވަކި މިއަދު ބާއްވާނެ ހެއްޔެވެ؟ އިރުކޮޅެއްނުވެ ނިހާލް އާއި ހަފްސާވެސް ކެއުމުގައި ނިހާދުމެންނާއި ބައިވެރިވިއެވެ. މައިރާގެ ކަންފަތުގައި އެމީހުންގެ ހުނުމުގެ އަޑު ޖެހުނެވެ. ބޭއިޚްތިޔާރުގައި މައިރާގެ ލޯފެންކަޅިވިއެވެ. ކެއްކި ތެލިތައް ދޮވުމަށްފަހު މައިރާ ކޮޓަރިއަށް އަވަހަށް ވަނީ އެހެން މީހަކަށް އޭނާގެ ރުއިމުގެ އަޑު އިވިދާނެތީއެވެ. ރުޔަސް އަޅާލާނީ ވަކި ކާކުހެއްޔެވެ؟ އެގެއިން އޭނާއާއި ކުޑަކޮށްވެސް ވާހަކަ ދައްކާ އުޅެނީ ހަނާއެވެ.
ގިނަ ފަހަރު މައިރާ ކާނީ އެންމެން ކައި ނިމުނީމައެވެ. މައިރާގެ ކުށަކީ ކޮބައި ބާއޭ އޭނާގެ ހިތަށްއެރިއެވެ. މައިރާއަށް ގިސްލާ ރޯންފެށުނެވެ. ހިނދުކޮޅެއްގެ ތެރޭ އެރީތި ދެލޯ ރަތްވެގެންދިޔައެވެ. ބައްޕަ މަތިން މާބޮޑަށް ހަނދާންވާން ފެށިއެވެ. ބައްޕަ މިއަދު ދުނިޔޭގައި ހުރިނަމައޭ މައިރާގެ ހިތަށް އެރިއެވެ. ބައްޕަގެ ހަނދާނަކަށް އިނީ ހަމައެކަނި އެންމެ ފޮޓޯގަނޑެކެވެ. އެފޮޓޯގަނޑު ނަގާ މައިރާގެ ހިތާ ކައިރިކޮށްލިއެވެ. ހަޔާތުގެ ގިނަ ދުވަސްތައް ދަނީ އެހާލެއްގައެވެ.
**********************************************************
ޖެހިގެން އައި ރެޔެވެ. ކުރީ ރެއެކޭ ޚިލާފަށް މިރޭ އުޑުމަތި ވަރަށް ސާފެވެ. ބޯހަމަޖައްސާލަން މައިރާ ނިކުތީ މައިރާމެންގެ ގެއާއި މާދުރުނޫން ހިސާބެއްގައި އޮންނަ އެރަށުގެ ދޮންވެލި ތުނޑިއަށެވެ. ރޭގަނޑު އެކަނި ވިޔަސް މައިރާގެ ހިތުގައި ބިރުވެރިކަމެއް ނެތެވެ. މައިރާގެ ކަޅުފޮއިފަދަ ދިގު ރީތި ފަން އިސްތަށިގަނޑު ހާމައަށް ދޫކޮށްލާފައި އޮތުމުން އިސްތަށިގަނޑު ވަޔާ ދޭތެރެއަކުން ވިހުރިލައެވެ.
ގެއާއި ދުރު މާހައުލަކަށްވެސް މައިރާއައީ ހިތަށާއި ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯއެވެ. ގޭތެރެއިން އެފެންނަ މޫނުތައް އަބަދު ފެންނަން ބޭނުން ނުވާތީއެވެ. އަރައިގެން އައި ފައިވާން ދޮންވެލިގަނޑުގައި ބެހެއްޓުމަށްފަހު ދޮންވެލިގަނޑުގައި ދެފައި އޮޅައިލައިގެން މައިރާ އިށީނެވެ. އަތަށް ވެލި މުށެއް ނަގާ އެވެލިކޮޅާއި ކުޅެން އިދެވުނެވެ.
ސިއްސައިގެން ދިޔައީ މާދަރު ނޫން ހިސާބަކުން ގިޓާއެއް ކުޅޭ އަޑު އިވުމުންނެވެ. ދޮންވެލިގަނޑުން ތެދުވެ ވެލި ފޮޅާލުމަށްފަހު އެއަޑު އަންނަން ދިމާއަށް ދިޔައީ ކޮންތާކުން އަންނަ އަޑެއްތޯ ބަލާލުމަށެވެ. ކަންފަތުގައި ޖެހުނީ ފިރިހެންވަންތަ ރީތި އަޑެކެވެ. އެއަޑުން ކިޔަމުންދިޔައީ ލޯބީގެ ރީތި ލަވައެކެވެ. މާދުރުނޫން ހިސާބުގައި ދޮންވެލިގަނޑުގައި ގިޓާ ކުޅެމުން، ލަވަ ކިޔަން ފިރިހެނަކު އިނެވެ. އޭނާ އިނީ ފަސް އެނބުރިގެން ކަމުން އޭނާގެ މޫނެއް މައިރާއަކަށް ނުފެނުނެވެ. މަޑުފެހި ކުލައިގެ އަތްދިގު ގަމިހަކާއި ނޫކުލައިގެ ޖިންސެއް ލައިގެން އިން އެޒުވާނާ ކިޔަމުންދަނީ ދިވެހި ލަވައެކެވެ. މައިރާއަށް އެލަވަ ވަރަށް ރީތިވިއެވެ. އެލަވައަށް މައިރާއަށް ގެއްލިފައި ހުރެވުނެވެ.
މައިރާގެ ފޯނު ކުއްލިއަކަށް ރިންގްވާން ފެށިއެވެ. ފޯނަށް ލާފައިވަނީ ތަންކޮޅެއް އަޑުގަދަ ރިންގްޓޯނެއް ކަމުން އެ ޒުވާނާ ލަވަ ކިޔުން ހުއްޓާލާ ފަސް އެނބުރި ބަލާލިއެވެ. މައިރާ އަތުން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. އެޒުވާނާއާއި ހަތަރު ކަޅި ހަމަވަމުން މައިރާ ފިނިވިގެންދިޔައެވެ. ހިތަށް ބުނެދެން ނޭނގޭ އިޙްސާސެއް ކުރެވުނެވެ. ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. އެޒުވާނާ ދޮންވެލިގަނޑުން ތެދުވުމާއިއެކު މައިރާއަށް ބޭއިޙްތިޔާރަކާއި ނުލާ ބާރަށް ގެޔާއި ދިމާއަށް ދާން ދުއްވާ ގަނެވުނެވެ. ގެއަށް އާދެންވުން އިރު މައިރާއަށް މާނޭވާ ލެވެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

mi part ves v reethi masha allah
curiously waiting for next part
keep it up
Thankyou❤️