Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދުވަރު ދިން އެރޭ … 19

Hudhufinifenmaa_
Hudhufinifenmaa_ Level 2100 Login10 Stories
December 20, 2024 8 Mins Read
4 Comments

​ހަނދުވަރު ދިން އެރޭ … 19

”އަސްމާ! .. ރީހާން… ! ލޯންޗު އެކްސިޑެންޓްވެ ރީހާން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ.. ! އެކަމަކު ރީހާން ގެ ހާލު ދެރަ.. ހޮސްޕިޓަަލަށް ގެންދޭއެބަ.. އިލްހާމް ކައިރީ ބުނޭ އަވަހަށް ދާން އެތަނަށް ..“ ހާދީގެ ވާހަކަ އިވުމުން އަސްމާ އަތުން ފޯނުވެސް ދޫވެގެން ވެއްޓުނީއެވެ. ލިބުނު ޚަބަރުން ދުނިޔެ ހުއްޓުނު ފަދައިންނެވެ. އެވަގުތު ފާހާނާއިން ނުކުތް އިލްހާމަށް އަސްމާ ހުރިގޮތް ފެނުނެވެ. އަތުން ދޫވެގެން ވެއްޓުނު ފޯނު ފެނުމާއެކު ރީހާންގެ ވާހަކަ އަސްމާއަށް އެނގުނީކަން އޭނާއަށް ވިސްނުނެވެ.
”އަސްމާ..! ކިހިނެއް ވީ؟ “ އަވަސް އަވަހަށް ގޮސް އަސްމާ ގެ ކޮނޑުގައި ހިފައި އެނދުގައި ބައިންދަމުން އިލްހާމް އަހާލިއެވެ. ނަމަވެސް ލިބުނު ޝޮކުން ބަސް ހުއްޓި އަސްމާ އިތުރު ވާހަކައެއް ނުދައްކައެވެ. ހާސް ވެފައި އިލްހާމް ފޯނު ނަގައި ކަންފަތުގައި ޖަހައި ހާދީއަށް ގޮވާލުމާއެކު ހާދީ ވެގެން އުޅޭ ގޮތް ކިޔާދިނެވެ. ހާދީގެ ވާހަކައިން އިލްހާމްގެ ހިތްވެސް ދިޔައީ ކުދިވަމުން ނަމަވެސް ހިތުން ދުއާ ކުރަމުން ދިޔައީ ރީހާންގެ ފުރާނަ ސަލާމަތް ކޮށްދެއްވުން އެދިއެވެ.

”އަސްމާ… ކެތްތެރިވޭ..! މިވަގުތު ރީހާނަށް ބޭނުންވަނީ އަހަރުމެންގެ ހެޔޮ ދުޢާ..! ދަރިއަކަށް މިފަދަ ކަމެއް ދިމާވުމުން މަޔަކަށް ކުރާނެ އަސަރު އަހަންނަށް ވިސްނޭ..! އަހަރެންގެ ހިތަކަށްވެސް ކުޅަދާނައެއްނޫން.. އަހަރުމެންގެ ހުރި ހަމައެކަނި ފިރިހެންދަރި …އެކަމަކު މިވަގުތު ބަލިކަށި ނުވޭ..! ހިތްވަރުކޮށްފަ ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން“
އަސްމާގެ ދެއަތުގައި ހިފާލައި އިލްހާމް އަސްމާއަށް ހިތްވަރު ދިނެވެ.
އިލްހާމްގެ ވާހަކައިން ކުޑަ ނަމަވެސް ހިތްވަރެއް ލިބުމުން އަސްމާ ތެދުވެ އިލްހާމްއާއެކު ހޮސްޕިޓަލަށް ދާން ހިނގައިގަތެވެ.

*****

​”ހުޝާމް!!! ހުޝާމް!!!“ ހޮސްޕިޓަލުގައި ރޭ ހޭދަކޮށްފައި އައި ސަމީރާ ހުޝާމްގެ ކޮޓަރި ދޮރުގައި ޓަކި ޖަހަމުން ގޮވާލީ އޮފީހަށްދާ ގަޑި ޖެހުނު އިރުވެސް ހުޝާމް ނުހޭލާތީއެވެ. ހުޝާމް އަކީ ގަޑިއަށް ފަރުވާތެރިކަމާއެކު އޮފީހަށްދާ މީހެެއް ނަމަވެސް އެދުވަހު އޭނާ އޮފީހަށް ދާން ބޭނުން ނުވީ ހާނީ އާ ކުރިމަތިލާން ދާން ބޭނުން ނުވުމުންނެވެ.
” މިއަދު ނުދަން އޮފީހަށް“ ދޮރު ހުޅުވާފައި ސަމީރާއަށް ބަލާލަމުން ހުޝާމް ބުނެލިއެވެ.
”ބަލީތަ؟“ ސަމީރާ އަހާލުމުން ނޫނެކޭބުނެފައި ދޮރު ލައްޕައި އަނެއްކާވެސް ހުޝާމް އޮށޯތީއެވެ. ނިދާ ހޭލުމުންވެސް އޭނާގެ ސިކުނޑިއަކަށް ލުޔެއް ނުލިބި ބޯހާސް ވަމުން ދިޔައީ ހާނީ ގެ ސަބަބުން ދިމާވި ކަންތަކާއެވެ. ޒާނާ އަށް އޭނާއާއިމެދު ކުށް ހީއެއް ކުރެވެން ފުރުސަތު ލިބުނީ ހާނީ އޭނާގެ ކޮޓަރިއަށްވަދެ އޭނާއާއި ގައިގޯޅިވާން އުޅުމުންނޭ ހިތައް އެރުމުން އިތުރަށް ހުޝާމް ރުޅިއައީއެވެ. ހާނީއަކީ އޭނާގެ މާޒީގެ ލޯބި ނަމަވެސް އެފަދަ ގޮތަކަށް ހާނީ އެގެއަށް ގޮސް އުޅެދާނޭ ހުޝާމަށް ނުވިސްނުނުކަމީ އޭނާގެ މޮޔަކަމޭ ހީވެ އަމިއްލަ ނަފްސް ދެކެވެސް ރުޅިއައިސް ކައިރީގައި އޮތް ބާލީސް ނަގާ ހޫރާލަމުން ހުޝާމް ތެދުވިއެވެ. ހުޝާމް ހޫރާލި ބާލީސް ޖެހުނީ ކައިރީގައި ހުރި ސްޓަޑީ ޓޭބަލް މަތީ ބަހައްޓާފައި އިން ފޮޓޯ ފްރޭމްގައެވެ. އެއާއެކު ފޮޓޯ ލޯގަނޑު ވެއްޓި ތެޅުނީއެވެ.
އެނދުން ފައިބައި ތަޅައިގެން ދިޔަ ބިއްލޫރި ތަކުގެ ތެރެއިން އެ ފޮޓޯ ނަގައި ހުޝާމް އޭގައި އިނގިލިތައް ހިންގާލިއެވެ. ޒާނާއާއި ދެކުދިންނާއެކު އޭނާ ނަގާފައިވާ އެ ފޮޓޯ އެއީ އެ އާއިލާގެ ފުރިހަމަ ކަން ދައްކައިދޭ ރަމްޒެއް ނަމަވެސް ފޮޓޯ ލޯގަނޑު ފަދައިން އެ އުފާވެރިކަންވެސް ބުރަބުރައިގެން ގޮސް ގެއްލިފައިވާފަދަ އިހުސާސެއް ހުޝާމަށް ދިޔައީ ކުރެވެމުންނެވެ.

ފޯނު ރިންގުވާން ފެށުމުން ހުޝާމް އެނބުރި ގޮސް އެނދުމަތީ އޮތް އޭނާގެ ފޯނުނެގީ މުސްޠަފާ ގުޅުމުންނެވެ. ” ހުޝާމް.. ނާންނަންތަ އޮފީހަށް މިއަދު.. ވަރަށް މުހިއްމު މީޓިންގ އެއް އޮތް ވާހަކަ ބުނީމެއްނު.. މީޓިންގ އަށް އެކަނިވިޔަސް އާދެވޭނެތަ؟ “ މުސްޠަފާ ބުނެލުމުން ހުޝާމް ހަނދާނަށް އައެވެ.
” އޯހ..! ހަނދާން ނެތުނީ… ދާނަން މީޓިން ފެށެންވާއިރަށް ..! “ ހުޝާމް ފޯނު ބާއްވާފައި ގޮސް ތަޅައިގެންދިޔަ ފްރޭމް ނަގައި ސާފުކޮށްފައި ފެންވަރައި ތައްޔާރުވެލިއެވެ.
އަދި ބޭރަށް ނުކުމެ ސަމީރާ ކޮބައިތޯ ބަލާލިއެވެ.
” މިއަދު ނުދަމޭ ބުނެފަ މިހާރު ދާން ތި ދަނީ..؟ “ އޮފީހަށް ދާން ތައްޔާރުވެގެން ހުރި ހުޝާމް ފެނުމުން ސަމީރާ އަހާލިއެވެ.
” އާނ!!! މުހިއްމު މީޓިންގ އެއް އޮތީމަ ދަނީ.. ! ސާއިމާއްތަ ކިހިނެއްތަ މިހާރު؟ “ ހުޝާމް އަހާލިއެވެ.
” ރަނގަޅު ކުޑަކޮށް.. މާދަން ދޫކޮށްލާވާހަކަ ޑޮކްޓަރ ބުނި..! ސައި ނުބޮއެތަ ދަނީ؟ “ ސަމީރާ އަހާލުމުން ބޯ ޖަހާލާފައި ހުޝާމް ނުކުތީ އޮފީހަށް ދާށެވެ.

******

ރީތި ސާފު ނޫ އުޑުގައި ހުދު ކަފަކޮޅުތަކެއްހެން އުދުހެމުން ވިލާތައް ދެއެވެ. ގޯތިތެރޭ ހައްދާފައިވާ ޗާލު އެކި ކުލަކުލައިގެ މާތަކުން ފަރިވެފައިވާ ގަސްތަކަށް ފެން ދޭން ޒާނާ ހުއްޓެވެ. ލީމް ސްކޫލަށް ފޮނުވާފައި ހެނދުނުގެ އެ ހިތްގައިމު ވަގުތު ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. މާޔޫސްވެފައިވާ އޭނާގެ ހިތަށް ވެސް އާރޯކަމެއް ގެނުވާތޯ ގަސްތަކުގައި ފިރުމަމުން، މާތަކުގައި ވަސްބަލަމުން، ޤުދުރަތުގެ ފުރިހަމަކަމަށް ޘަނާ ކިޔަމުން ދިޔަނަމަވެސް އޭނާގެ ހިތުގައި ހިނގަމުން ދިޔައީ ހުޝާމާއި ހާނީއެވެ. އެ ދެ މީހުންގެ ގުޅުމަކީ ކޮބާބާއޭ ވިސްނާލުމުން އޭނާއަށް ލިބެނީ އެންމެ ޖަވާބެކެވެ. ހުޝާމް އޭނާ ދޫކޮށްލަން ވިސްނަނީތާއެވެ. އެހާ ފަސޭހައިން އެހެން އަންހެނަކަށް ހުޝާމްގެ ހަޔާތުން ޖާގަ ދޭނީ އެހެންވީމައެވެ. ޒާނާ އަށް އިތުރުގޮތަކަށް އެދެމީހުންގެ ގުޅުން ސިފައެއް ނުކުރެވުނެވެ. ހުޝާމް އެހެން ނޫންނަމަ އެ އަންހެން ކުއްޖާ އޭނާގެ ކޮޓަރިއަކަށް ނުގެންދާނެއެވެ. އެ ކޮޓަރީގައި ނިދާ ބޮކި ދިއްލާފައި ހުރި އިރު ހުޝާމް ހުރީ ނިދަން ލާ ސޯޓުގައެވެ. ވަރަށް ގާތް މީހެއް ނޫންނަމަ ހުޝާމް އެގޮތަކަށް ނުހުންނާނެކަން ގައިމޭ ހިތާ ހިތުން ޒާނާ ކިޔާލިއެވެ. އެދެމީހުންގެ ދެމެދަށް އެވަގުތު އޭނާއަަށް ނުދެވުނު ނަމަ ހުޝާމް އެ އަންހެންކުއްޖާއަށް އޭނާ ބޭނުން ފުރުސަތު ދޭނެބާއެވެ. ؟ އެ ކުއްޖާ އެގެއަށް ދިޔައީ އަނެއްކާ ހުޝާމްގެ ދައުވަތަކަށް ބާއެވެެ.؟ އަނެއްކާ ހުޝާމްއަށް ޝައްކުކޮށް އޭނާއަށް މި ކުރެވެނީ ކުށެއްބާއޭ ހިތައް އެރުމުން އިތުރަށް ވިސްނާލިއެވެ. ހުޝާމް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އޭނާއަކީ އެހާ އަޚްލާޤް ދަށް މީހެއް ނޫނެވެ. ހުޝާމްގެ ވާހަކަ އަޑުއަހާފައި ނޫނީ އެހާ ބޮޑު ކަމެއް އޭނާގެ ބޮލުގައި އަޅުވާކަށް ޒާނާގެ ޟަމީރު ތަނެއް ނުދިނެވެ.

”ޒާނާ…!! އާދޭ ސައިބޯން… މަންމަވެސް ސައިބޯން މިއުޅެނީ…“ ބަދިގެ ތެރެއިން ޒަހުރިއްޔާ ގޮވާލި އަޑު އިވުމުން ޒާނާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. އޭރު އުމައިރް ވެސް އޭނާގެ ފަހަތުން ދުވަމުން ގޮސް ބަދިގެއަށް ވަނެވެ.

******

އަސްމާއާއި އިލްހާމް އެކުގައި ހޮސްޕިޓަލަށް ވަދެގެން ދިޔައިރު ދެ މީހުންގެ ހިތްވެސް ދިޔައީ ބާރަށް ތެޅެމުންމެވެ. މީހުންތަކުގެ ތެރެއިން ވަދެގެން ގޮސް ރީހާން ވީ ތަނެއް އޮޅުން ފިލުވަން އިލްހާމް މަސައްކަތް ކުރަމުން ދިޔަ އިރު އެތަނުގައި އިތުރު އެހެން އާއިލާއެއްވެސް މާޔޫސްވެފައި ތިއްބެވެ. އެއްބަޔަކު ރޮމުން ދިޔައިރު އަނެއްބަޔަކު ބަސް ހުއްޓި ގަބުވެފައި ޖެހުނު ތަނެއްގައި ތިބީއެވެ. އެއީވެސް އެމީހުން ފަދައިން ލޯންޗް ބަންޑުންވެ ގެއްލުނު މީހެއްގެ އާއިލާއެވެ. އެމީހުންވެސް ތަޙައްމަލު ކުރަމުން ދިޔައީ ލިބުނު ކުއްލި ހިތާމަވެރި ކާރިޘާގެ ވޭނެވެ.
” ރީހާން .. ކޮބާ ރީހާން.. ހާދީގެ ރަށުން އައިސް ހުރި ސުހެއިލް ފެނުމާއެކު އިލްހާމް ކެތް މަދުވެފައި ސުވާލު ކުރިއެވެ.
”އޮޕަރޭޝަން ތިއޭޓަރުގަ. އަދި ޑަކްޓަރާ ވާހަކައެއް ނުދެއްކޭ..! ރީހާންގެ ބޮލަށް ވަރަށް އަނިޔާވެފަ އޮތީ..!! ވިންދުވެސް ވަރަށް ދަށްކޮށް ގެނައި އިރުވެސް… ނޭނގެ ބުނާކަށް .. ދެން ވާނެ ގޮތެއް..“ ސުހެއިލް ކިޔައިދިނެެވެ. އިލްހާމް ކެތްތެރި ކަމާ ހިތްވަރާއެކު އަޑުއަހަން ހުރި ނަމަވެސް އަސްމާގެ ހިތުގެ ޙާލު ދިޔައީ ދެރަވަމުންނެވެ. އޭނާގެ މައި ލަގޮނޑިއަށް ކެތްކުރެވޭ ވަރަށް ވުރެ އިވެމުން ދިޔަ ވާހަކަތަށް ބިރުބޮޑެވެ.
” ހާދީމެންނަށް އާދެވެނީ ކޮން އިރަކުން..؟ “ އިލްހާމް އަހާލިއެވެ.
” އެމީހުން ވީ މިހާރު ފުރަންގޮސް.. ގަޑިއެއްހާ އިރު ފަހުން މާލެ އާދެވޭނޭ ބުނި.. “
ސުހެއިލް ޖަވާބު ދިނެވެ.

******

މާލެ ދާން ތައްޔާރުވެގެން ދިޔަ މައިރާގެ ހިތުގައިވީ ނުތަނަވަސްކަން ނަމަވެސް ރީހާން ފެނުނު ޚަބަރު ލިބުމުން އޭނާގެ ހިތަށް ދިރުމެއް ލިބިފައިވާކަހަލައެވެ. ރީހާންއާއި ބައްދަލުކުރުމަށް ކެތްމަދުވެފައި އިރު އިރުކޮޅުން ގަޑިބަލާލައެވެ. ރީހާން ރަނގަޅުތޯ، ހާލު ކިހިނެއްތޯ ހާދީ އާ ސުވާލުކުރެއެވެ. ސީޕްލޭންގައި ގޮސް އެންމެން އެކުގައި މާލެ ދެވުނުއިރު މައިރާގެ ބޭބެ މިޙްސަން އެމީހުން ބަލައި ޓެކްސީއެއްގައި ގޮސް ހުއްޓެވެ. ލަގެޖް ތަކާއި ހަވާލުވެ މައިރާގެ ދެކުދިން ގޮވައިގެން މިހުސަން ދިއުމުން ހާދީއާއެކު މައިރާ އާއި ހަބީބާ ދިޔައީ ހޮސްޕިޓަލަށެވެ.

ހޮސްޕިޓަލަށް ވަދެވުމާއެކު މައިރާ ދުއްވައިގަތީ ރީހާން ފެނޭތޯއެވެ. އޭރު އިލްހާމްވެސް އެމީހުންގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓެވެ.
” ކޮބާ ރީހާން.. ކޮން ތާކު ވީ؟؟ “ އިލްހާމް ފެނުމާއެކު މައިރާ ސުވާލު ކުރިއެވެ. ”ތިއޭޓަރ ގަ.. “ އިލްހާމްގެ މޫނުމަތީގައިވީ މާޔޫސްކަމެވެ.
”ކީއްވެ..؟ ރީހާން އަށް ކިހިނެއް ވީ..؟ ރީހާންގެ ހާލު ރަނގަޅެއް ނޫންތަ؟“ މައިރާ އަނެއްކާވެސް ކުރީ ސުވާލެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލާހެން ހީވުމުން ހާދީއާއި ހަބީބާއަށް ބަލާލީ އެމީހުންގެ ފަރާތުންވެސް ޖަވާބެއް ލިބޭތޯއެވެ.
”ހިނގާ އެދިމާއަށް .. ޑަކްޓަރާ ވާހަކަ ދެެއްކުނީމަ އެނގޭނީ..!! “ އިލްހާމް އެހެން ބުނުމާއެކު އެންމެން އެކުގައި ހިނގައިގަތީ އޮޕަރޭޝަން ތިއޭޓަރާ ދިމާއަށެވެ. އެހިސާބަށް ދެވުނު އިރު ޑަކްޓަރު ތިއޭޓަރުން ނުކުންނަނީއެވެ.
” އައިމް ސޮރީ .. ހީ އިޒް ނޯ މޯ..! “ ތިއޭޓަރުން ނުކުމެ ޑޮކްޓަރ ބުނި ޖުމްލައިން އެންމެނަށް ވެސް ލިބިގެން ދިޔައީ ކުއްލި ސިހުމެވެ. އެ ވާހަކަ ޤަބޫލު ކުރަން ބޭނުން ވި އެކަކުވެސް އެ ތަނުގައި ނުވާފަދައެވެ. ރޯން ވެސް ނޭނގިފައި އެންމެންވެސް ހަމަ ހިމޭނުން ތިބި އިރު ޑޮކްޓަރު އަނެއްކާވެސް އެ ޖުމްލަ ތަކުރާރު ކޮށްލީ މާޔޫސް ކަމާއެކުއެވެ.
“ޑރ. ޕްލީޒް ކޭން ޔޫ ކަމް އިން . ޑރ އަފްޒަލް އިޒް ކޯލިންގ ޔޫ.. ދަ އަދާ ޕޭޝަންޓް …!! “ މިފަހަރު ވާހަކަ ދެއްކީ ތިއޭޓަރުން ނުކުތް ނަރުސް ކުއްޖެކެވެ. ނަރުސް ކުއްޖާއާއެކު އަނެއްކާވެސް ޑޮކްޓަރު އެތެރެއަށް ވަދެގެން ދިއުމުން އިތުރު އެއްޗެއް އެކަކަށްވެސް އޮޅުން ފިލާގޮތެއްނުވިއެވެ. ވާނުވާ ނޭނގިފައި ސުވާލު މާކެއްގެ ތެރޭ އެންމެން ވެސް ތިބީ އެ ދިމާއަށް ބަލާށެވެ.

” ކިހިނެއްތަ މި ވަނީ..؟ ކޮންމެވެސް މީހަކު ބުނެބަލަ.. ކީކޭތަ ޑޮކްޓަރ އެ ބުނީ؟؟ .. “
އަސްމާ އަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ހިތް ކުދިކުދި ވަމުން ދިޔައީ ޑޮކްޓަރު ބުނި ވާހަކައިންނެވެ. މައިރާ ވެސް ގަބުވެފައި ހުއްޓި ހުރީ އޭނާގެ ހިތްވެސް ހުއްޓިފައިވާހެންނެވެ. އޭނާއަށް ވަށައިގެންވާ އެއްވެސް ކަމެއްވެސް ނޭނގޭފަދައެވެ. މައިރާ ކައިރީގައި ހުރި ހަބީބާ މައިރާގެ ކޮނޑުގައި ހިފަހައްޓާލައިގެން އޭނާއާއި ވާހަކަ ދެއްކޭތޯ ބަލަމުން ދިޔައިރު އިލްހާމްވެސް އަސްމާ ހަމަ އަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ފަނަަރަ ވަރަކަށް މިނެޓް ފަހުން ތިއޭޓަރުގެ ދޮރު ހުޅުވުނު އިރު ނަރުހުންނާއެކު މޫނުއަޅާފައި އޮތް މައްޔިތަކު ނެރެވުނެވެ. އެއާއެކު މުޅި ހޮސްޕިޓަލް ތެރެ ގުގުމަންފެށީ ރުއިމުގެ އަޑުންނެވެ.
ސްޓްރެޗާރ ގައި ނެރެވުނު މީހާގެ މޫނުވަނީ ހުދު ފޮތިން ނިވާކޮށްފައެވެ. ހޮސްޕިޓަލަށް ރީހާނާއި އެކު ދެން ގެންދެވުނު މީހާގެ އާއިލާ މީހުންވެސް ތިބީ ހިތާމައިގެ ކަނޑަކަށް ޢަރަޤުވެފައެވެ.
”ސިޔާން އަލީ ގެ އާއިލާ މީހަކު އެބަހުރި ތޯ؟؟ “
އެކަކަށްވެސް އެއީ އެމީހުންގެ އާއިލާ މީހާތޯ ޔަޤީން ކުރާނެ ހިތްވަރުވެސް ނެތް ފަދައިން ތިއްބައި ނަރުސް ކުއްޖަކު ގޮވާލިއެވެ.
” ސިޔާން އަލީ އޭ؟“ އެތަނުގައި ތިބި އެންމެން ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައިރު އެކަކުވެސް އެއީ އެމީހުންގެ އާއިލާ މީހާކަމަށް ޤަބޫލު ކުރަން ބޭނުން ނުވެފައި ތިއްބެވެ. އެއާއެކު އިލްހާމް މަޑުމަޑުން ގޮސް ނަރުސް ކުއްޖާ ކައިރިޔަށް މަޑުކޮށްލައި ސްޓްރެޗާރ ގައި މޫނު އަޅާފައި އޮތް މީހާގެ މޫނު ކަޝްފު ކޮށްލިއެވެ. ބަލަން ބޭނުނުން ނުވި ނަމަވެސް އެންމެންގެ ނަޒަރުވެސް ހުއްޓުނީ އެދިމާއަށެވެ. އެމީހާގެ މޫނު ބަލާށެވެ.
”ސިޔާން… !!!! ސިޔާން…ދަރިފުޅާ ސިޔާން…. !!! “ އަންހެނެއްގެ ވޭނީ ރުއިމުގެ އަޑުން އެންމެންގެ ހިތަށް އަސަރު ކުރުވަމުން ދިޔައިރު އެއީ ރީހާން ނޫންކަން އެންމެނަށް ޔަޤީންވި ނަމަވެސް އެކަކަށް ވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެއީވެސް ހަމަ އެމީހުންގެ ދަރިފަދައިން ރޮމުން ދިޔަ އަންހެންމީހާގެ ދަރިއޭ ހިތަށް އެރުމުން އަސްމާއަށްވެސް އިތުރަށް ރޮވުނީއެވެ. އެ މީހުންގެ ހިތާމައަކީ އޭނާގެ ވެސް ހިތާމައޭ އިލްހާމްގެ ހިތަށް ވެސް އެރިއެވެ. އަދި ރީހާންގެ ހާލަކީ ކޮބައިކަން އެކަކަށްވެސް ނޭނގެއެވެ. ހަމަ އެފަދަ ޚަބަރަކަށް ތައްޔާރުވެގެން ތިބެން ޖެހޭކަން އެނގޭ ޙާލު އެންމެންވެސް ދިޔައީ ވަކިވެ ދިޔަ މީހާގެ އާއިލާއަށް ތަޢުޒިޔާ ކިޔަމުންނެވެ.

*******

އޮފީސް މީޓިން ނިމުމުން މުސްތަފާ އާއެކު ހުޝާމް ދިޔައީ ކޮފީއަކަށެވެ. ކައިރީގައި ހުރި ކޮޕީ ޝޮޕަކަށް ވަދެ ދެމީހުން މޭޒެއްކައިރީ އިށީނދެ ހަމަޖެހިލަމުން ކޮފީއަށް އޯޑަރ ދިނެވެ.
” ހާނީވެސް މިއަދު އޮފީހަކަށް ނާދޭ..! އެނގޭތަ އޮފީހަށް ޖޮއިން ކުރިތާ މަހެއް ނުވޭ .. ހާނީ އުޅެނީ ޖޮބް ދޫކޮށްލަން …“ މުސްތަފާ ދައްކަން ފެށިވާހަކައިން ހުޝާމް ހާއިރާންވިއެވެ.
”ކީއްވެޔޯ..؟ “ ވެއިޓަރ ގެނައި ކޮފީތަށި ކައިރިކޮށްލައި އެއިން ކޯވަރެއް ދަމާލަމުން ހުޝާމް އަހާލިއެވެ.
” ނޭނގެ ޝީ ޑިޑިންޓް ސޭ.. އެކަމް މަލްހާ ބުނި ޝީ އިޒް ޕްރެގްނެންޓް އޭ.. ދެން ހަޒަބެންޑް ބޭނުމެއް ނުވެޔޯ އޭނަ ޖޮބަށް ދާން .. އެ މީހުން މެރީ ކޮށްގެން މިހާ ގިނަ ދުވަސް ވީއިރު ބޭބީއެއް ނުލިބޭތީ އޯ.. ކޮންމެ ފަހަރަކު މިސް ކެރީ ވާތީ..“ މުސްތަފާގެ ވާހަކަތައް ޝައުޤުވެރިކަމާއެކު އަޑުއަހަން ހުރި ހުޝާމްގެ ހިތުގައި ވީ އެންމެ ސުވާލެކެވެ. ކައިވެނި ކޮށް ބަލިވެ އިންކަން އެނގޭ އިރުވެސް ހާނީ އޭނާއާ ކައިވެނި ކުރަން ހުށައެޅީ ކީއްވެތޯއެވެ.
” އެހެންތަ.. އައި ތޯޓް ޝީ ވޮޒަންޓް މެރިޑް..!! “ ހުޝާމް ބުނެލިއެވެ.
”އަހަންނަކަށްވެސް ނޭނގެ ހާނީ އެއް .. އޭނާގެ ލައިފް އެއް .. މަލްހާ ކިޔައިދިނީމަ އަހަންނަށްވެސް އެނގުނީ..! “ މުސްތަފާ ޖަވާބުދިނެވެ. ދެ މީހުން ވާހަކައިގައި ތިބެ ކޮފީބޮއެ ނިމުމުން ހުޝާމް ސައިކަލަށް އަރައި ދުއްވާލިއެވެ. އޭނާ މިސްރާބު ޖެހީ ޒާނާމަންޒިލަށެވެ.
ހުޝާމް ގޮސް ގޭޓުން އެތެރެއަށް ވަދެލި އިރު އުމައިރް ގޮވައިގެން ޒާނާ ގޯތިތެރޭ ހުރި ގަހެއްގެ ހިޔަލުގައި މަޑުކޮށްލައިގެން ހުއްޓެވެ. ހުޝާމް ފެނުމުމާއެކު ދުވެފައި ދިޔަ އުމައިރް އޭނާގެ ބައްޕަގެ ގައިގައި އޮޅުލައިގަތެވެ. ހުޝާމްވެސް ލޯތްބާއެކު ދަރިފުޅު އުރާލަމުން ހިނިތުންވެލިއެވެ .
ހުޝާމް ފެނުމުން ޒާނާއަށް ލިބުނީ ހައިރާންކަން ނަމަވެސް އިތުރު ސުވާލެއް ނުކޮށް އޭނާ އެނބުރި ގޮސް ކޮޓަރިއަށް ވެނެވެ.
”ދަރިފުޅު.. ދޮންތި ކޮބާ..؟ ދޮންތި ސްކޫލުގަ ދޯ.. އަދިވެސް ނާދޭ ދޯ.. “ ދަރިފުޅާ ލޯބި ކުރަމުން ސަމާސާ ކުރަމުން ހުޝާމްވެސް ޒާނާގެ ފަހަތުން ވަދެގެން ގޮސް ކޮޓަރި ތެރޭ އިން ސޯފާގައި އިށީނެވެ. ދަރިފުޅާއެކު ވަގުތުކޮޅެއް ހޭދަ ކުރުމަށްފަހު ހުޝާމް އެނބުރިލީ ޒާނާ އާ ދިމާއަށެވެ.
” ލީމް ވީ ސްކޫލުގަ ދޯ..؟ “ ހުޝާމްގެ ސުވާލުގެ ޖަވާބުގައި ޒާނާ ހަމަ އެކަނި ބޯ ޖަހާލިއެވެ.
”މަންމަ ކޮބާ ؟ ރަނގަޅުތަ؟ “ ޒަހުރިއްޔާ ފެންނަން ނެތުމުން ހުޝާމް އަހާލިއެވެ.
”ކޮޓަރީގަ..! “ ޒާނާގެ ޖަވާބު ކުރުވެފައި އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވާހެން އިސްޖަހާލައިގެން އިނެވެ. ހުޝާމް ތެދުވެގެން ގޮސް ޒާނާ ކައިރީ އެނދުގައި އިށީނދެ ޒާނާގެ މޫނަށް ބަލާލިއެވެ.
” ޒާނާ އަހަންނާއެކު އުޅެން ބޭނުންތަ؟ “ ހުޝާމްގެ ސުވާލު އިވުމުން ޒާނާ ހުޝާމަށް ބަލާލީ ޝަކުވާގެ ނަޒަރުންނެވެ.
” ހުޝާމް ބުނެބަ..! ހުޝާމް އަހަންނާއެކު އުޅެން ބޭނުންތަ؟ ބޭނުންނަމަ ދެ ތިން ދުވަސް ތެރޭ އެހެން އަންހެނަކު ހުޝާމްގެ ކޮޓަރިއަށް ގެންދަންވީ ކީއްވެ؟؟“
”ޒާނާ އަށް ހީވޭތަ އަހަރެން އެހެން މީހަކު ކޮޓަރިއަށް ގެންގޮސްދާނެހެން؟؟“ ހުޝާމް އަހާލީ ޒާނާއަށް ބަލަން ހުރެއެވެ.
” ނޭނގެ .. އެކަމް އަ ސޯ ޔޫ ބޯތް.. ޝީ ވޯޒް އެބައުޓް ޓު…އަހަރެން ނުދިޔަ ނަމަ..؟ “ ޒާނާގެ ވާހަކަ މެދުކަނޑާލާފައި އެނދުން ތެދުވެ ހިނގައިގަތީ އޭނާއަށް ހުޝާމްއާ ވާހަކަ ދައްކަން އުނދަގޫވުމުންނެވެ.
”ސޯ ޔޫ ތިންކް އޮފް މީ ލައިކް ދެޓް.. !! “ ހުޝާމްގެ އަޑުގައި ވީ ހިތްހަމަ ނުޖެހުމެވެ.
”ދެން ކިހިނެއް ވިސްނޭނީވެސް..؟ ލޮލަށް ފެނުނުން ގޮތް ދޯ ބުނެވޭނީ.. ދެން ހުޝާމް ބުނަންވީ ނު ..؟ އޭރުން ދޯ އެނގޭނީ..!“ ހުޝާމަށް ފުރަގަސް ދެމުން ޒާނާ ވާހަކަދެއްކީ މަޑުންނެވެ. ހުޝާމްއާއި ސުވާލު ކުރާއިރު އޭނާއަކީވެސް ކުށް ކުރެވި ގޯސް ހެދިފައިވާ މީހެއްކަން ޚުދު އޭނާއަށްވެސް އެނގޭތީއެވެ.
” އޯކޭ.. ޒާނާ އަށް ފެނުނު ގޮތް އެއީ ތެދުކަމަށް ޤަބޫލު ކުރެވެންޏާ ދެން އަހަރެން ދައްކާނެ ވާހަކައެއް ނެތް..! އަހަރެންވެސް ޒާނާ ކައިރީ ދާށޭ ބުނީ އަހަންނަށްވެސް ލޮލަށް ފެނުނު ފޮޓޯތަކަށް ބަލާފަ…އޯކޭ ދެން ޒާނާ ބޭނުން ގޮތަކަށް ވިސްނާ..! “ ހުޝާމް އެހެން ބުނެފައި ގޮސް އަނެއްކާވެސް އުމައިރް އުރާލާ ބޮސްދީފައި ނުކުމެގެން ހިނގައިގަތީއެވެ. ޒާނާވެސް އިތުރު އެއްޗެއް ނުބުނެ ހުޝާމް ހުއްޓުވާކަށް މަސައްކަތެއް ވެސް ނުކުރެއެވެ. ނަމަވެސް ހުޝާމްގެ ފަހަތުން ނުކުމެ ހުޝާމް ގޭޓުން ނުކުމެ ދޮރު ލައްޕާލުމުން ގޭޓާ ހަމައަށް ގޮސް ޒާނާ މަޑުކޮށްލިއެވެ.

ދޮރުން ނުކުމެވުމާއެކު ހުޝާމް ފޯނު ނަގައި ހާނީއަށް ގުޅާލިއެވެ. ” ހެލޯ..! ހާނީ..! ކެން ވީ މީޓް؟؟ މިރޭ ނުވައެއް ޖަހާއިރު ޗިލްހައުސް ރެސްޓޮރެންޓް އަށް އާދޭ..! “
ހުޝާމްގެ ސުވާލަށް ޖަވާބު ލިބުމުން ފޯނު ކަނޑާލާފައި ސައިކަލު ދުއްވާލިއެވެ.

”ހާނީ..؟ ޗިލް ހައުސް..!!!​.. ހުޝާމް ފޯނުން ދެއްކި ވާހަކަ އަޑު އިވުމުން ޒާނާގެ ހިތް އަވަސްވެފައި ހިތާ ހިތުން ކިޔާލިއެވެ. އޭނާގެ ޝައްކު ޔަޤީން ވީއޭ ހިތަށް އެރިނަމަވެސް މަޑަކުން ނުހުރެވުނެވެ. ހުޝާމް އޭނާއަށް ގުޅާފައި ބައްދަލު ކުރަން އެ ބުނީ އެދެމީހުންގެ ގުޅުމެއް ނެތިއެއް ނޫނޭ ހީވުމުން ޒާނާގެ ހިތަށް ވީ އުނދަގުލެވެ.

******

”ރީހާންގެ ފެމިލީ ކޮބާ؟؟ “ ތިއޭޓަރުން ނުކުތް ނަރުސް ކުއްޖަކު ސުވާލުކޮށްލުމާއެކު އެންމެން އެކުގައި އެދިމާއަށް ހިނގައިގަތެވެ.
” މި ރީހާން ބައްޕަ.. ކޮބާ ރީހާން..؟ ކިހިނެއްތަ؟ “ ކެތްމަދުވެފައި އިލްހާމް ސުވާލު ކޮށްލުމުން ނަރުސް ކުއްޖާ އިލްހާމަށް ބަލާލިއެވެ.
” އިރުކޮޅަކުން ޑޮރ ދުރުވާނެ ޕޭޝަންޓްގެ ހާލަތު ތަފްސީލުކޮށް ކިޔައިދޭން.. ރީހާންގެ ބޮލުގެ އޮޕަރޭޝަން ކުރެވިއްޖެ .. އެކަމަކު އިތުރު އެއްޗެއް ޑރ. އަޕްޒަލް އަށް އެނގިލައްވާނީ.. “ ނަރުސް ކުއްޖާގެ ވާހަކައިން މާބޮޑު ހިތްހަމަ ޖެހުމެއް ނުލިބުމުން އިލްހާމް އަނެއްކާވެސް އެދުނީ ޑަކްޓަރާ ވާހަކަ ދެއްކޭނެ ގޮތެއް ހޯދާށެވެ.
” ޕޭޝަންޓް ގެ ޙާލު ވަރަށް ކްރިޓިކަލް.. ބޮލަށް ބޮޑެތި އަނިޔާ ލިބިފަ ހުރީމަ.. އޮޕަރޭޝަން ކުރެވުނަސް އަދި އެއްޗެއް ބުނަން މާ އަވަސް. އައި ސީ ޔޫ އަށް ޕޭޝަންޓް ޝިފްޓް ކޮށްފަ އިތުރު ފަރުވާ ދޭންޖެހޭ.. ވަރަށް އުއްމީދު ކުޑަ .. ބަޓް ލެޓްސް ޕްރޭއި.. “ އިތުރު ދެ ޑޮކްޓަރަކާއެކު ނުކުތް ޑރ އަފްޒަލް ވާހަކަ ދެއްކީ އިލްހާމްއާއި ހާދީ އާއެވެ. ކައިރީގައި އަޑުއަހަން ތިބި މައިރާއާއި އަސްމާ އަދި ހަބީބާވެސް އުއްމީދު ގެއްލި ކަރުނައަޅަމުން ދިޔައީ ދެން ހަދާނެ ގޮތެއް ނުވިސްނިއެވެ.

(ނުނިމޭ) ​

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Hudhufinifenmaa_
Follow Me Written By

Hudhufinifenmaa_

Level 2100 Login10 Stories

Other Articles

ވަޢުދޭ ވެވޭމީ
Previous

ވަޢުދޭ ވެވޭމީ 4

Next

ޙަޤީޤަތް ހޯދުމޭ 40

Next
December 20, 2024

ޙަޤީޤަތް ހޯދުމޭ 40

Previews
December 20, 2024

ވަޢުދޭ ވެވޭމީ 4

ވަޢުދޭ ވެވޭމީ

4 Comments!

  1. cutie girl says:
    December 22, 2024 at 12:10 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    reehan ah gotheh nuhadhachey
    reehan maira gulhuvachey
    zaana and hushaam ves
    they all are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciiate your hard work
    love you fav author

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      December 26, 2024 at 10:47 pm

      Thankyou cutie girl 😊

  2. Big fan says:
    December 25, 2024 at 1:23 am

    Next part genes dheyne date rh liyelaa nama… Hamaviru iru kolhaa beleni ey😏

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      December 26, 2024 at 10:48 pm

      Hi big fan… submit kohfa innaanee.. ☺️

Comments are closed.

Next Episodeހަނދުވަރު ދިން އެރޭ …20 (ފަހުބައި)←


All Right Reserved!