ހަނދުވަރު ދިން އެރޭ … 18
ހަނދުވަރު ދިން އެރޭ … 18
ކޮޓަރިތެރޭ ހުރީ ހުޝާމެވެ. އޭނާގެ ކުރިމަތީ ހުއްޓި ހުރީ ޒުވާން އަންހެން ކުއްޖެކެވެ. ދެ މީހުން ތިބީ ނުހަނު ގާތުގައެވެ. އެ އަންހެން ކުއްޖާގެ ދެއަތުން ހުޝާމްގެ މޫނުގައި ހިފަހައްޓާލައިގެން ދެ މީހުންގެ ނޭވާ އިހުސާސްވާހާ ގާތުގައި ތިބި އިރު ހުޝާމް ހުރީ ނިދަން ލާ ސޯޓުގައި ހުސް ގަޔާއެވެެ.
ކުރިޔަށް ފިޔަވަޅެއް އަޅަންވީ ކަމެއް އައިކޮޅަށް އެނބުރި ދާންވީކަމެއް ނޭނގި ހުއްޓުނު ޒާނާ ސިއްސައިގެން ދިޔައީ އަތުގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އަބަދުހެން ވައިބްރޭޓް ވާހެން އޮންނަ ފޯނު އޮތީ ރިންގަށް ލެވިފައި ކަމުން އެ އަޑަށް ހުޝާމާއި ހާނީވެސް އެއްފަހަރާ ސިހިފައި ދޮރާދިމާއަށް ބަލާލިއެވެ. ދޮރުމަތީ ހުރި ޒާނާ ފެނުމުން ހުޝާމް ފަހަތަށް ފިޔަވަޅު އަޅަމުން ހާނީއާ ދުރަށް ޖެހިލިއިރު އޭނާގެ ސިކުނޑިވީ ހަލަބޮލިވެފައެވެ. ހުއްޓުންވެފައި ހާނީ ވެސް ހުރީ ދާން ނޭނގިފައެވެ.
ރިންގު ވަމުން ދިޔަ ފޯނު ހިމޭން ކޮށްލުމަށްފަހު ޒާނާ ކޮޓަރިއަށް ވަދެ ބޮކި ޖައްސާލީ ހުޝާމްއާއެކު ހުރި މީހެއްގެ މޫނު ރަނގަޅަށް ފެންނާނެހެންނެވެ. ބޮކި ދިއްލާލަމުން ހާނީއަށް ބަލާފައި ހުޝާމަށް ބަލާލަމުން ދޮރުމަތީ އަނެއްކާވެސް މަޑު ކޮށްލިއިރު ވާންވީ ދެރަކަމެއް އަންނަންވީ ރުޅިކަމެއް އޭނާއަކަށް ނޭނގުނެވެ.
”މޭ އައި ކަމް އިން ..؟ “. ޒާނާ އަށް އޭނާގެ ދުލުން އެބަސް ބޭރުވީ ގޮތެއް ނޭނގުނެވެ. ޒާނާގެ އަޑަށް ހުޝާމްއާއި ހާނީ އެއްފަހަރާ ޒާނާއަށް ބަލާލިއެވެ. އޭރު ހާނީ އަވަސް އަވަހަށް ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. ދޮރުން ނުކުންނަން ދިޔަ ހާނީ ޒާނާއާއި އަރާ ހަމަވުމުން ޒާނާ އޭނާގެ އަތުގައި މަޑުމަޑުން ހިފަހައްޓާލިއެވެ.
”ތީ ކާކު ކަން ތަޢާރަފް ވެލާފަ ދާންވާނީ ދޯ..؟ “
މަޑުމަޑުން ޒާނާ ބުނެލުމާއެކު ހާނީ އޭނާގެ އަތް ފޮޅާ ލަމުން ނިކުމެގެން ދިޔައީ މޫނަށް ކުލަވަރު އަރުވާލަމުންނެވެ.
ހާނީ ނުކުމެގެން ދިއުމުން ޒާނާ ކޮޓަރިއަށް ވަދެ އޭނާ ބޭނުން ވާ އެއްޗެހި ދަބަހަކަށް ލައި ޕެކް ކުރަން ފެށުމުން ހުޝާމް އެނދުގައި އިށީނެވެ. ހިނގައިދިޔަ ކަމާއި މެދު އެއްޗެއް ބުނާނެ ގޮތެއް ނޭނގި ބަސް ހުސްވެފައިވާހެން އިސްޖަހާލައިގެން އިނެވެ . ޒާނާވެސް ހުޝާމްއާއި ސުވާލުކުރުމުގެ ބަދަލުގައި އޭނާ އައި ކަންތައް ނިންމައި ހިނގައިގަތީ ނުކުމެގެން ދާށެވެ.
” ޒާނާ!! “ ދޮރުން ނުކުންނަން ހިނގައިގަތް ޒާނާ ހުއްޓުނީ ހުޝާމް ގޮވާލުމުންނެވެ. ނަމަވެސް އެނބުރި ބަލައިވެސް ނުލައި އަނެެއްކާވެސް ހިނގައިގަތީ ދާށެވެ. އެއާއެކު ހުޝާމް ތެދުވެގެން ޒާނާގެ ފަހަތުން ގޮސް އޭނާގެ އަތުގައި ހިފަހައްޓަމުން ކުރިމަތީ ހުއްޓިލިއެވެ.
” އައި ނޯ ވަޓް ޔުރ ތިންކިންގ.. އެކަމަކު…“ ހުޝާމް ބެލީ ޒާނާއަށް ވީގޮތް ކިޔައިދެވޭތޯ ނަމަވެސް ހުޝާމްގެ ޖުމްލަ ފުރިހަމަ ނުވަނީސް ޒާނާ ހުޝާމްގެ ވާހަކަ މެދު ކަނޑާލިއެވެ.
” އަހަރެންގެ ހިތަށް އަރާ އެއްޗެއް ހުޝާމް އަށް އެނގޭތަ ހަމަ؟ ” ޒާނާ މަޑުމަޑުން ސުވާލު ކޮށްލީ ހުޝާމްއާ ހަތަރުޅި ހަމަކުރަމުންނެވެ. ނަމަވެސް އޭނަގެ މޫނުމަތިން އެއްވެސް އިހުސާސެއް ފާޅު ނުވާނެހެންނެވެ.
” އައި ޑިޑިންޓް ޑޫ އެނީތިންގ..! ” ހުޝާމް އަނެއްކާވެސް ބުނެލިއެވެ.
“ނާހަމެއްނު… ހުޝާމް ކަމެއް ކުރިތޯ ނޫންތޯ .. ކަމެއް ކުރަން ބޭނުންވިތޯ ނޫންތޯ… އެއްވެސް އެއްޗެއް ނާހަމެއްނު؟ އެހުމުގެ ހައްޤެއް އަހަންނަކަށް ނެތެއްނު؟ ހުޝާމް ތިހިރީ އަހަރެން އެއްލާލާފައެއްނު؟ އަހަރެންގެ ސޫރަ ވެސް ދެކޭކަށް ބޭނުމެއް ނުވޭނު.. އަހަރެންގެ އަޑުވެސް އަހާކަށް ކަމުނުދިޔައެއްނު..؟ ދެން ހުޝާމް އެހެން މީހަކާއެކު ހުއްޓަސް އަހަންނަށް ސުވާލެއް ނުކުރެވޭނެ ދޯ؟ ” ޒާނާ ވަހަކަދެއްކީ މަޑުމައިތިރި ކަމާއެކުގައި ނަމަވެސް އެ އަޑުން އޭނާގެ ހިތުގައިވަނީ ޝަކުވާކަން އެނގެއެވެ.
ހުޝާމްއަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.
“އަމް ސޮރީ..” ހިނދުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ހުޝާމް ބުނެލިއެވެ.
” ސޮރީ އޭ؟ ކޮން ކަމަކަށް ސޮރީ ތިބުނީ؟ ” ހުޝާމްގެ ދުލުން އެބަސް ބޭރުކުރުމުން ހައިރާންވެފައި ޒާނާ ސުވާލުކުރިއެވެ.
” އެބައުޓް ދިސް.. އެކަމަކު އަހަރެން އޭނަ މިގެޔަށް ގެނައީ އެއް ނޫން… ޝީ ކޭމް އޮން ހާ އޮވްން..” ހިނގައިދިޔަ ކަންތަކަށް ވިސްނަލަމުން ހުޝާމް ބުންޏެވެ.
” ދެން …؟ ހުޝާމް ނުކުރާކަމަކަށް ސޮރީ ބުނާކަށް ނުޖެހެއެއްނު؟ ހުޝާމް ބުނެގެން އަޔަސް … އޭނަ އަމިއްލައަށް އަޔަސް.. އަހަރެން ބުނާނެ އެއްޗެއް ނެތެއްނު؟ އަހަރެން ކައިރީ ސޮރީ ތިބުނަނީ ކީއްކުރަން.. އަހަންނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެންގެ ޝަކުވާއެއްނެތް.. އެކަމަކު އަހަރެން ހިއެއް ނުކުރަން ދެ ތިން ދުވަސްތެރޭ ހުޝާމްގެ ދެ ކުދިން މަތިންވެސް ހަނދާން ނެތިދާނެ ކަމަށް.. އަހަންނާ ވާހަކަ ދައްކަން ބޭނުން ނުވިޔަސް އެ ދެކުދިން ދެކިލަންވެސް, ހާލު ކިހިނެއްތޯ އަހާލަންވެސް ހުޝަމަށް ނުކެރުނީމަ ދެރައީ.. އަހަރެން ދެކެ ރުޅި އަޔަސް އެއީ ހުޝާމްގެ ކުދިން ވިއްޔަ.. މިހާރު އެނގިއްޖެ އެއީވެސް ހުޝާމަަށް މުހިއްމު ބައެއް ނޫންކަން .. އަހަރެން ދެން އަހަރެންގެ ކުދިން ގޮވައިގެން އުޅޭނަން.. ހުޝާމް ބޭނުން ގޮތަކަށް ހުޝާމް ދެން އުޅެންވީ…” ޒާނާ ގެ ވާހަކަ ނިންމާލަމުން ހުޝާމްގެ މޫނަށް ބަލާލިއެވެ.
”އަހަރެން ގޮތަކަށް ނޫޅެން.. ޔޫ އާރ ޖަސްޓް މިސް އަންޑަސްޓޭންޑިންގ މީ.. !!! “ ހުޝާމް އަނެއްކާވެސް ބުނެލިއެވެ.
” ކީއްވެ އަހަރެން ޤަބޫލު ކުރަންވީ ތިހެން ބުނީމަ؟؟؟ އަހަރެން ވެސް ބުނީމެއްނު އަހަރެންވެސް އެހެން މީހަކާއެކު ގޮތަކަށް ނޫޅެމޭ؟؟ އެކަމަކު ހުޝާމަށް އިވުނުތަ؟ އަހަރެންވެސް މަޢާފަށް ވެސް އެދުނިން.. އެ ނުވިއެއްނު މާނަ ހުރި އެއްޗަކަށް ..؟ ހުޝާމް ބުނީމަ އަހަރެން ކޮންމެ ވާހަކައެއް ޤަބޫލު ކޮށްފަ… ހުޝާމް ކޮންމެ ކަމެއް ކޮށްފަ ސޮރީ ބުނީމަ އަހަރެން މަޢާފު ދީފަ .. އެކަމަކު އަހަރެން މީ މާފުވެސް ނުލިބޭހާ ބޮޑު ކުއްވެރިޔަކަށް ހަދާފަ ހާދަ ފަސޭހައިންނޭ ހުޝާމް އަހަރެން ފޮނުވާލީ..!!
ހުޝާމް އަށް އެނގޭތަ އަހަރެންވެސް އެހެން މީހަކާ ރައްޓެހިވެގެން ލޯބި ކުޅެމުންނެއް ނުދުވަން.. އަހަރެން އަބަދުވެސް ބެލީ އަހަރެންގެ ދެ ކުދިންގެ ދިރިއުޅުން ހަލާކު ނުކޮށް ހުޝާމްއާއެކު އުޅެން.. ކޮން ދުވަހަކުތަ ހުޝާމަށް އަހަރެންގެ ކަމެއް އަހަރެންގެ ޢާއިލާގެ ކަމެއް ވެސް މުހިއްމުވީ..؟ އަހަރެންގެ ހިތަށް އަރާއެއްޗެއް އަހަރެން ދެރަވާ ކަންކަން ހުޝާމަށް އެނގޭތަ؟ ހަނދާންވޭތަ އަހަންނާ ދިމާއަށް ހުޝާމް ބުނެފަ ހުރި ބަސްތައް..؟ އަހަންނާ ކައިވެނި ކުރީ ބޯހާސްކަން ފިލުވާލަން .. އަހަރެން ދެކެ ލޯތްބެއް ނުވޭ.. އަހަންނާ މެރީ ކުރެވުނީ ހެދުނު ބޮޑު ގޯހެކޭ ވެސް ބުނީ ތި ދުލުން އަހަންނާ ދިމާއަށް.. “ ޒާނާގެ ހިތުގެ އުދާސްތަކާއެކު އޭނާގެ ޝަކުވާތައް ފުރަތަމަ ފަހަރަށް ހުޝާމްގެ ކުރިމަތީ ބަންޑުން ކުރަމުން ދިޔައިރު އޭނަަގެ ހިތަށް އިތުރަށް ކެތްނުވެ ހިފަހައްޓަމުން ދިޔަ ކަރުނަތަށް ކޯތާފަތް ތެތްމަމުން ދިޔައެވެ. ހުޝާމަށް ބަސް ހުއްޓި ކުއްވެރިއެއްހެން އިސްޖަހާލެވުނެވެ.
” ހުޝާމްގެ ލޯތްބަށް އެދި އަހަރެން ވަރަށް އިންތިޒާރުކުރިން.. ހުޝާމް ބުނި ކޮންމެ ގޮތަކަށް ކަންތައް ކޮށް ދިނިން.. ޝަކުވާއެއް ނުކުރަން .. ސުވާލެއްވެސް ނުކުރަން.. އަހަރެންގެ ފިރިމީހާ ވީމަ ޤަދަރުވެސް ކުރިން.. އަހަރެންގެ ދެކުދިންގެ ބައްޕަވީމަ އަހަރެންގެ ހިތުން އަބަދުވެސް ހުޝާމަށް ޚާއްސަ މަޤާމެއް ދިނިން.. ތި ދުލުން އަހަރެންދެކެ ލޯތްބެއް ނުވެޔޭ ބުނީމަވެސް.. ހުޝާމް ދޫކޮށްދާކަށް އޭރުވެސް އަހަރެން ހިތަކަށް ވެސް ނާރުވަން.. އޭރު ކުއްޖަކުވެސްނެތް.. މަޖުބޫރުކަމެއްވެސް ނެތް.. ބަޓް އައި ޗޯޒް ޔޫ…! ޔޫ ނޯ ވައި؟؟؟ އައި ރިއަލީ ލަވްޑް ޔޫ.. !! އައި ރިއަލީ ޑިޑް.. !! އެކަމަކު ކީއްކުރާނީ.. އަހަރެންގެ ހިތުގެ އަޑެއް އޭރުވެސް މިހާރުވެސް ހުޝާމަކަށް ނީވުން.. ހުޝާމްއާއި ވާހަކަ ދައްކަން .. ހުޝާމް އަނގައިން ބުނާނެ އިރަކަށް މެސެޖެއް ނަމަވެސް ކޮށްލާނެ އިރަކަށް އަބަދުވެސް އިންތިޒާރު ކޮށްކޮށް.. އަހަރެންގެ އިހުސާސްތަށް، އަހަރެން ދެރަވާކަންތައް، އަހަރެން މާޔޫސްވާ ވަގުތުތައް ހުޝާމްއަށް އެނގޭތޯ ކިތައް އަހަރު ހުރެވުނީ؟؟ އެކަަަަމަކު ހުޝާމަކަށް ނޭނގުނު.. ކުޑަ މިނުން އަހަރެން މީ ކޮންކަހަލަ މީހެއްކަންވެސް ހުޝާމަށް ދެނެ ނުގަނެވުނު… މީހަކު ބުނި އެންމެ ވާހަކައަކަށް ހުޝާމް އަހަރެން ފޮނުވާލަން މިނެޓެއްވެސް ލަސްކޮށް ނުލާ…
ދެން ހުޝާމް ކައިރީ މިރޭއަހަރެމެންގެ ނިދާކޮޓަރީގައި ހުރީ އެއީ ކާކުކަމެއް އަހަރެން ކީއްކުރަން ސުވާލު ކުރަންވީ؟؟ އެހިސާބަށް އޭނަ ދިޔައީ ކީއްވެ ކިހިނެއް ކަމެއް ހުޝާމް ބުނެދިނަސް އަހަންނަަކަށް ދެން ނޭނގޭނެ..“
ކަރުނަތައް ފޮހެމުން ޒާނާ ހިނގައިގަތުމުން އަނެއްކާވެސް ހުޝާމް ޒާނާގެ އަތުގައި ހިފިއެވެ.
” އައި ނޯ.. ޕްލީޒް.. ލެޓް މީ އެކްސްޕްލެއިން..“ ހުޝާމް ޒާނާއަށް ބަލާފައި ބުނެލިއެވެ.
” ޕްލީޒް ހުޝާމް.. ލެޓް މީ ގޯ.. އައިމް ސޯ ޓަޔާޑް.. ޖަސްޓް ލެޓް މީ ގޯ ފޯ ނައު.. އަހަރެން މިހިރީ އެއްވެސް އެއްޗެއް ވިސްނޭ ހާލެއްގައެއް ނޫން މިވަގުތު.. “ ޒާނާ ބުނުމުން ހުޝާމް އޭނާގެ އަތުން ދޫކޮށްލަމުން އިސް ޖަހާލިއެވެ. އެއާއެކު ލަސްތަކެއް ނުވެ ޒާނާ ގެއިން ނުކުމެގެން ގޮސް ކާރަށް އެރިއެވެ.
ޒާނާ ގޮސް ކާރަށް އެރުމުން ލީޝާ ޒާނާއަށް ބަލާލީ ސުވާލު އުފެދިފައިވާހެންނެވެ. ”އެވްރީތިންގް ގުޑް..؟ މޫނަށް ކިހިނެއްވެފަ؟.. ކަމެއް ވީތަ؟ “ ޒާނާ ނުކުމެގެން އައި ގޮތް ފެނި ލީޝާ ހިތުގައި ވި ސުވާލުތައް ބަންޑުން ކޮށްލިއެވެ. ޒާނާ އަވަސް އަވަހަށް ހިނިތުންވެލައި ހުރިހާކަމެއް ފޮރުވާލަން މަސައްކަތް ކުރިއެވެ.
” ކަމެއް ނުވޭ.. ލެޓްސް ގޯ.. އުމީ އަށް ހޭލެވިއްޖެއްޔާ ރޯނެ.. މަންމައަކަށް ނުހިފެހެއްޓޭނެ..!“ ޒާނާ ބެލީ އަވަހަށް ދެވޭތޯއެވެ.
” ބައި ދަ ވޭ ..! ދެންމެ ހާނީ ދޯ އެ ދިޔައީ ތިގެއިން ނުކުމެގެން؟؟ ވައި ވޯޒް ޝީ ދެއަރ؟ ސިސް ފްރެންޑެއްތަ؟ މިތާ އޮތެއްނު އައި އިރު ކާރެއް .. ވަރަށް ރުންކުރު ފާޑަކަށް އައިސް ކާރު ދޮރުވެސް ބާރުބާރަށް ލައްޕާފައި ބޫން ލާފަ ގޮއްސި..“ ލީޝާ އެ ބުނީ ހުޝާމް ކައިރީ ހުރި އަންހެން ކުއްޖާގެ ވާހަކަކަން އެނގުމުން ޒާނާ ގެ ހިތް އަވަސްވިއެވެ.
”ހާނީ އޭ؟“ ޒާނާއަށް އެއީ ކޮން އަންހެން ކުއްޖެއްކަން ނޭނގޭތީ އެކުއްޖާގެ ނަން ލީޝްއަށް އެނގުނީ ކިހިނެތްބާއޭ ހިތަށް އެރިއެވެ.
”ހްމްމް.. ހާނީ.. ނާއިލްގެ ކަޒިން އަކާ މެރީކޮށްގެން ރާއްޖެއިން ބޭރުގަ އުޅެފަ ވަރަށް ފަހުން އެމީހުން މިކޮޅަށް ޗޭންޖްވީވެސް.. އައި މެޓް ދެމް އެއް ދުވަހު ނާއިލްއާއެކު ޑިނަރ އަކަށް ގޮސް ތިއްބާ ފެނިގެން ހީ ޓޯލްޑް މީ އެއީ އަނިލް ގެ ވައިފް އޭ.. “ ކާރު ދުއްވާލަމުން ލީޝާ ކިޔައިދިނެވެ. އެއާއެކު ޒާނާގެ ހިތުގައި އުފެދިގެން ދިޔައީ އެތައް ބައިވަރު ސުވާލެވެ. އެހެންވިއްޔާ އޭނަ ހުޝާމް ކައިރިޔަށް އަންނަންވީ ކީއްވެބާއޭ ހިތާ ހިތުން ސުވާލު ކޮށް ވިސްނަން އިނެވެ. ހުޝާމްގެއަށް އަންނަން އޭނާއަށް ކެރުނީ ކިހިނެއް ހެއްޔެވެ؟ ހުޝާމް މަންމަ ކޮބާ ބާއެވެ؟ އެދެމީހުންގެ ގުޅުމަކީ ކޮބާ ބާއެވެ. އޭނާ ހުޝާމްއާ އެކު ކޮޓަރިއަށް ވަނީ ކީއްވެބާއެެވެ؟ އެންމެ ދެ ތިން ދުވަހުން ހުޝާމް އެހެން އަންހެނަކާ އެކަހަލަ ގުޅުމެއް ބާއްވަން ވިސްނީ ކިހިނެއް ބާއެވެ؟ ސުވާލަކަށް ފަހު ސުވާލެއް ޒާނާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ.
” ވެދާނެ ދޯ ހުޝާމްބެ މަންމަގެ ޕްރެންޑަކަށް.. އެހެންވީމައެއްނު މި ގަޑީ ތިގެއަށް ދާނީ..!“ ޒާނާ އެއްޗެއް ނުބުނެ ހުރުމުން ލީޝާ އަނެއްކާވެސް އަހާލިއެވެ.
”ހްމްމް. ވެދާނެ.. ނޭނގެ..! “ ޒާނާ މަޑުމަޑުން ޖަވާބުދިނެވެ. އޭނާގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށް ވުރެ އެވަގުތު ބޭނުންވީ އެކަނިވެލާށެވެ. ގެއަށް ދެވެންދެން ޒާނާ ހުރީ ހަމަ ހިމޭނުންނެވެ.
******
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އެނދުގައި އޮށޯވެ އޮތް މައިރާގެ ގައިގައި ބައްދާލައިގެން ރީނާ އޮތް އިރު އަނެއް ފަރާތުގައި ކައިސް ނިދާފައި އޮތެވެ. ރީހާން ގެއްލުމުން އެކުދިންގެ އިހުސާސްތައް ދުލުން ބަޔާންކޮށްދޭން ނޭނގުނު ނަމަވެސް އެ ކުދިންނަށް ކޮށްފައިވާ އަސަރު މައިރާއަށް އެނގޭތީ އޭނާއާއި ދުރުގައި ކުދިން ބައިތިއްބަން މައިރާގެ ހިތަށް ކެތް ނުވީއެވެ. ރީހާންއާމެދު ފިކުރު ކުރަމުން ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އިރު އިރުކޮޅުން ފޮހެލަމުން ދެ ކުދިންނަށް ބަލަން އޮތް އިރު އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ރީހާން އެންމެ ފަހުން ދެއްކި ވާހަކައެވެ. އެތައް ފަހަރަކު މައާފަށް އެދި އޭނާއަށް ފުރުސަތެއް ދޭން ކުރި އާދޭސްތަކެވެ. އެ ހަނދާންތަކުގައި އަމިއްލަ ނަފުސް ކުށްވެރި ކުރަމުން ދިޔައިރު ރީހާން އަދި އަންނާނެ ނަމައޭ ހިތާ ހިތުން ކިޔާލިއެވެ. ރީހާން ބޭނުންވީ ފުރުސަތު ރީހާނަށް ދޭން ތައްޔާރޭ ހިތުން ބުނެލިއިރު އޭނަަގެ ހިތުގެ ރިހުން ދިޔައީ އިތުރުވަމުންނެވެ.
ރީހާން ގެ އިތުރު ޚަބަރެއް ވޭތޯ ހާދީއާއި ހަބީބާގެ ލޮލަކަށް ވެސް ނިންޖެއް ނައެވެ. ނިދަން އޮށޯތް ނަމަވެސް ދެ މީހުންގެ ލޮލުގައި ނިދީގެ އަސަރެއްވެސް ނެތްފަދައެވެ. ހަމަ ހިމޭންކަމުގައި ވަގުތު ހޭދަ ކުރަމުން ދިޔައިރު ކޮންމެ މިނެޓެއް ގަޑިއިރެކޭ އެއްވަރެވެ.
އެ ގޮތުގައި ތިބެ ފަތިސް ނަމާދު ބަންގި ގޮވުމުން ތެދުވެ ހާދީ މިސްކިތައްދާން ތައްޔާރުވެލިއެވެ. ހަބީބާވެސް ތެދުވެގެން ފާހާނާއަށް ވަނެެވެ.
މިސްކިތުން ނުކުތް ހާދީ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
”ހާދީ ބޭ!!! ހާދީ ބޭ..! “ ފަހަތުން މީހަކު ގޮވާލުމުން ހާދީ އެނބުރި ބަލާލިއިރު ހަމީދުގެ ކޮއްކޮ އިދްހާމެވެ.
”ކިހިނެއްވީ އިދްހާމް..!! ކަމެއް ވީތަ؟ “ ހިތް ނުތަނަވަސްވެފައި ހުރި ހާދީއަށް އަހާލެވުނީ އިދުހާމްގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަމާއި ކަންބޮޑުވުން ފެނިފައެވެ.
” ހަމީދުބެ އެބަ އުޅޭ ހާދީބެއަށް ނުގުޅިގެން.. ލޯންޗުން ގެއްލުނު ދެމީހަކު ފެނިއްޖެ..!! ކޮންބައެއް ކަމެއް ނޭނގޭ.. !! ހަމީދުބެ ބުނި ގުޅާށޭ..!!“ އިދުހާމް ބުނެލުމާއެކު ހާދީ އޭނާގެ ފޯނު ނަގަން ބަލާލިއިރު ޖީބުގައި ފޯނެއް ނެތެވެ. ހަނދާން ނެތިގެން މިސްކިތައް ދެވުނީ ފޯނު ނުލާކަން އެނގުމާއެކު ހާދީ ހިނގައިގަތީ ގެއާ ދިމާއަށެވެ. ދެފަޔަށް ލެވުނު ބާރެއްލާފައި ދިޔަ ހާދީ ގެއަށް ވަދެވުމާއެކު ހަބީބާއަށް ގޮވާލިއެވެ.
” ހަބީބާ..! ހަބީބާ.. ފޯނު އެބަ އޮތްތަ ކޮޓަރީގަ؟.. ފޯނު ގެނެސްދީބަލަ އަވަހަށް .. “ ގެއަށް ވަތް ހާދީގެ އަޑު އިވުމުން މުސައްލަމަތީ އިން ހަބީބާވެސް އަވަހަށް ތެދުވެ އެނދުމަތީ އޮތް ފޯނު ހިފައިގެން ހަލުވި ހިނގުމެއްގައި ކޮޓަރިން ނުކުންނަން ދިޔައިރު ހާދީ އައިސް ވަނީއެވެ.
”ކިހިނެއް ވީ އަނެއްކާ..؟ ޚަބަރެއް ލިބުނީތަ؟ “ ހާސްވެފައި އަވަސް އަވަހަށް ހަބީބާ އަހާލިއެވެ. ހަމީދަށް ގުޅަން ނަންބަރަށް ޑައިލް ނުކުރެވެނީސް ހަމީދު ގުޅުމުން ހާދީ ފޯނު ކަންފަތުގައި ޖެހިއެވެ.
”ހާދީ.. ދެމީހަކު ފެނިއްޖެ.. ނޭނގެ އަދި ކޮންބައެއް ކަމެއް ކަށަވަރެއް ނޫން.. އެކަމަކު އެމީހުން ހޯދަން އުޅުނު އަހަރެން ދަންނަ މީހެއް ބުނި އެކަކީ ރީހާން އޭ.. ވަރަށް އަނިޔާވެފަ ދެމީހުންވެސް ސީ އެންބިއުލާންސްގަ މާލެ ފޮނުވާލައިފި..!! ކިހިނެއް ހަދާނީ.. އިލްހާމަށް އަންގަން ވީނު؟ “ ޙަމީދުގެ ވާހަކައިން ހިތް އަވަސް ވެފައި ހުރި ހާދީއަށް ވާހަކައެއް ނުދެއްކުނެވެ.
”ހާދީ…؟ “ ހާދީގެ ޖަވާބެއް ނުލިބުމުން ހަމީދު ގޮވާލިއެވެ.
”އާނ.. އަހަރެން އިލްހާމަށް ގުޅާނަން… ޔަޤީންތަ ރީހާންކަން ހަމަ..؟ “ ހާދީ އަހާލީ ޔަޤީން ކުރަން ބޭނުންވެފައި ހުރުމުންނެވެ.
” އޭނަ ފޮނުވި ފޮޓޯއެއް.. އެހާ ސާފެއް ނޫން.. އެކަމަކު އަހަންނަށްވެސް ހީވަނީ އެއީ ރީހާންހެން… އެ ފޮޓޯ ފޮނުވާލަން އެބަ… ހާދީއަށް މާ ރަނގަޅަށް އެނގޭނެއްނު..!“
ކެތްތެރި ކަމެއްނެތި ހާދީ ފޯނަށް ބަލަން އިނީ ހަމީދު ފޮޓޯ ފޮނުވާނެއިރަކަށް ބަލާށެވެ.
”ރީހާން ފެނުނީތަ؟ “ ކެތްމަދުވެފައި ހަބީބާ އަހާލިއެވެ.
އެވަގުތުވީ ހަމީދު ފޮޓޯ ފޮނުވި ވަގުތަށެވެ. ހާދީ އަވަހަށް ފޮޓޯ ހުޅުވާލިއެވެ. އޭނާއަށް ލިބުނީ ސިހުމެވެ. ލައިގެން ހުރި ހެދުމުން އޭނާއަށް ރީހާން ކަން ޔަޤީންވި ނަމަވެސް އަނިޔާލިބި ރީހާން އޮތް ހާލަތު ފެނުމުން ހާދީގެ ހިތުގައި އުފެދުނީ އިތުރު ބިރުވެރިކަމެކެވެ.
”ބުނެބަލަ.. ރީހާން ފެނުނީތަ؟ ކީކޭތަ ހަމީދު ބުނީ؟“ ހަބީބާ ހުރީ ހިތްއަވަސްވެފައި ހާދީގެ ޖަވާބަކަށް ކެތްމަދުވެފައެވެ.
” އާނ.. މާލެ ގެންދަނީ މިހާރު..“ ހަބީބާއަށް ބަލާލަމުން ހާދީ ބުނެފައި ގޮސް އެނދުގައި އިށީނެވެ.
” ރީހާން ގެ ހާލު ރަނގަޅުތަ؟ ކިހިނެއްތަ؟ .. “ ހަބީބާ އަވަސް އަވަހަށް އަނެއްކާވެސް އަހާލިއެވެ. ރީހާން ފެނުނުކަމުގެ އުފާ ފާޅުކުރަން ހަބީބާ ޖެހިލުން ވީ ރީހާންގެ ހާލު ނޭނގޭތީއެވެ.
”ނޭނގެ އަދި.. ރަނގަޅުވާނެ ކަމަށް އުއްމީދުކުރަމާ.. !! “ ހާދީއަށް އެވަގުތު ހަބީބާއަށް ރީހާންގެ ހާލު ބުނެދޭން ދަތިވިއެވެ.
” ތައްޔާރުވޭ..! މާލެ ދާން.. އަހަރެން ހަމީދު ކައިރީ ބުނެގެން ލޯންޗެއް ހަމަ ޖައްސާނަން.. ކައިރީ މި އޮތް ރިސޯޓަށް ގޮސް ސީޕްލޭންގަ މާލެ ދާން. ލޯންޗްގައި މާލެ ދެވޭ ވަރަށްވުރެ މައިރާވެސް އެހެރީ ވަރުބަލިވެފަ.. އަހަރެން އިލްހާމަށް ގުޅާނަން.. މައިރާ ކައިރީ ބުނޭ ..“ ހާދީގެ ވާހަކައަށް ބޯޖަހާލަމުން ހަބީބާ ގޮސް މައިރާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ.
މުޅި ރޭ ހޭލާ ރުއިމުގައި ހޭދަކުރި މައިރާއަށް އޭރު އޮތީ ނިދިޖެހިފައެވެ. ކައިރީގައި ތިބި ދެކުދިންވެސް މައިރާ ގައިގައި ބައްދާލައިގެން ނިދާފައި ތިއްބެވެ. ރީހާން ގެއްލުނުފަހުން ވަރުބަލި ފިލުވާލަންވެސް ނުނިދާހުރި މައިރާއަށް އޮތީ ނިދިފައިކަން އެނގުމުން ހަބީބާ ދޮރު ލައްޕާލަމުން ހިނގައިގަތީ ބަދިގެއަށެވެ. ރީހާން ފެނުމުން ކޮންމެވެސް ވަރަކަށް ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް ރީހާންގެ ހާލު ހުރިގޮތާމެދު ކަނބޮޑުވިއެވެ. ބަދިގެއަށް ވަދެ ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްފައި ނުކުމެ ގޭތެރެ ތަރުތީބު ކޮށްލައި މާލެ ދާން ފޮށިވެސް ތައްޔާރު ކޮށްލިއެވެ.
“ރީހާން……ރީހާން……މަންމާ …!! “ މައިރާގެ ހަޅޭކުގެ އަޑަށް ދުވެފައި ހަބީބާ އޭނާގެ ކޮޓަރިއަށް ވަނެވެ. އޭރު ނިދީގައި އޮތް މައިރާ ރޮމުން ރީހާނަށް ގޮވަމުން ދިޔައިއިރު ރީނާއާއި ކައިސްވެސް ހޭލެވިގެން ހައިރާންވެފައި ބަލަން ތިއްބެވެ.
” މައިރާ… މައިރާ !! ހޭލަބަ.. ކިހިނެއް ވީތަ؟ “ ހަބީބާ މައިރާގެ ކޮނޑުގައި ހިފައި ތަޅުވަމުން މައިރާ ހޭލެއްވޭތޯ ބެލިއެވެ.
” މަންމާ .. ރީހާން…. ރީހާން އެއޮތް ދިޔައީ ބެހިގެން…!! ދެން ނުވެސް ފެންނާނެ.. “ ފުންމައިގެން ތެދުވެ ރޮމުން ހަޅޭއްލަވަމުން މައިރާ ކިޔަމުން ދިޔައެވެ.
” މައިރާ..!! ހުވަފެނެއް ތި.. ބަލާބަ.. މަންމަ ކިޔާ އެއްޗެއް އަޑުއަހާބަ.. ރީހާން ފެނިއްޖެ….!!! ރީހާން ފެނިއްޖެ.. !! “ މައިރާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ހަބީބާ ބުނެލުމުން މައިރާ މައިތިރިވެ ހިމޭންވިއެވެ. އަދި އޭނާގެ ލޮލުގައި އާ ދިރުމެއް ވިދާލިފަދައިން ހަބީބާއަށް ބަލާލިއެވެ.
” ރީހާން ފެނިއްޖެ؟؟ ކޮބާ؟ ގެއަށް އައީތަ.. ؟ ކޮބާތަ ރީހާން… “ ކަރުނަ ފޮހެމުން ހިނިތުންވަމުން މައިރާ އެނދުން ފުންމާލައި ވަށައިގެން ހޯދަމުން ކޮޓަރިން ނުކުންނަން ދުއްވައިގަތީ ރީހާން ހޯދާށެވެ.
” މައިރާ..!! ދަރިފުޅާ .. ރީހާން ފެނިއްޖެ.. އެކަމަކު ރީހާން ގެންދިޔައީ ހޮސްޕިޓަލަށް.. ދެން ހުރިހާކަމެއް ރަނގަޅުވާނެ ..އިންޝާالله !! ކެތްތެރިވޭ.!!! “ ހަބީބާ ގޮސް މައިރާގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.
” ހޮސް…ޕި ޓަލަށޭ..؟ ކީއްވެ؟ ކޮން ހޮސްޕިޓަލަކަށް؟؟ ކީއްވެ ރީހާން ގެއަށް ނައީ؟؟ “ މައިރާ އަނެއްކާވެސް ރޯންފެށީއެވެ.
” މާލެއަށް .. !! ބައްޕަ ބުނީ ފުރަން ތައްޔާރުވާން.. ހިތްވަރު ދެރަނުކޮށް ދަރިފުޅު ދެން ހަމަޖެހިލަބަ.!! މިކަހަލަ އުނދަގޫ ވަގުތު ޖެހޭނީ ކެތްތެރިވާން.. ދޭ އަވަހަށް .. ތައްޔާރުވެލަން.. މަންމަ މިދަނީ ކުދިންނަށް ސައި ދޭން.. “ ހަބީބާ އޭނާއަށް ވީ ވަރަކުން މައިރާއަށް ވިސްނައިދިނެވެ.
”ދަރިފުޅާ ކައިސް ދޭ އަވަހަށަ ދަތް އުނގުޅަން.. މާމަ ރީނާ ގޮވައިގެން ދާނަން“ ރީނާ ގޮވައިގެން ހިނގައިގަންނަމުން ހަބީބާ ބެލިއެވެ.
******
ހެނދުނު ހޭލައިގެން އަސްމާ ނާސްތާ ތައްޔާރުކޮށް މޭޒުމަތި އަތުރާލައި އިލްހާމްގެ އިންތިޒާރުގައި އިނެވެ. އިލްހާމް ކޮންމެވެސް ކަމަކާ މާ ފިކުރު ބޮޑު ދުވަސްކޮޅެއްކަން އިލްހާމްގެ އުޅުމުން އަސްމާއަށް ފާހަގަވެ އެތައް ސުވާލެއް ކުރިއިރުވެސް ވީގޮތެއް އޭނާއަކަށް އިލްހާމް ކިޔައި ނުދެއެވެ.
އިލްހާމް ކޮބައިތޯ ބަލަން އަސްމާ ކޮޓަރިއަށް ވަދެ ބަލާލިއިރު އިލަހާމް ހުރީ ފާހާނާގައެވެ. އެނދުމަތީ އޮތް ފޯނު ރިންގުވަމުން ދިޔަތަން ފެނި އަސްމާ ފޯނު ނެގީ ހާދީ ގުޅުމުންނެވެ.
” އިލްހާމް.. ! ރީހާން ހޮސްޕިޓަލަށް ގެންދޭ އެބަ.. ! ސީ އެންބިއުލާންސްގަ މާލެ ގެންގޮއްސި.. ! ރީހާންގެ ހާލު ދެރަ.. ! ލަސްނުކޮށް އޭޑީކޭ ހޮސްޕިޓަލަށް ދޭބަލަ..! “ ފޯނު ނެގުމާއެކު ހިތް އަވަސްވެފައި ހުރި ހާދީ ވާހަކަ ދައްކަންފެށީ އަސްމާއަށް އެއްޗެއް ނުބުނެވެނީހެވެ. ހާދީ ދެއްކި ވާހަކަތަށް އަސްމާގެ ހިތަކަށް ޤަބޫލެއް ނުކުރެވުނެވެ.
” ކާކު ހާލު ދެރަވެގެން..؟ ކިހިނެއްވީ؟ “ ޔަޤީން ނުވެފައި އަސްމާ ސުވާލުކޮށްލުމުން ހާދީއަށްވެސް ލިބުނީ ސިހުމެވެ. ފޯނު ނެގީ އަސްމާ ކަން އެނގުމުން ދެން ހަދާނެ ގޮތް ނޭނގި އިރުކޮޅަކު އޭނާއަށް ހަނު ހުރެވުނީއެވެ.
” ރީހާން..!“ ހާދީއަކަށް އިތުރު ގޮތެއް ނެތެވެ. ކޮންމެވެސް އެއް އިރަކުން އަސްމާއަށްވެސް އަންގަން ޖެހޭނެކަން ވިސްނުމުން ހާދީ ބުންޏެވެ.
” ރީހާނަށް ކިހިނެއްވީ؟ ކޮން ބައްޔެއް ވީ؟ .. ހުން އައީތަ؟.. “ އަސްމާ ގެ ހިތް އަވަސްވަމުން ބާރަށް ތެޅެމުން ދިޔައިރު އޭނާގެ އަޑުވެސް ނުކުތީ އުނދަގުލުންނެވެ.
” އިލްހާމް އެބަ އުޅޭތަ. ؟ “ ހާދީ އަހާލިއެވެ.
” އިލްހާމް ނެތް.. ބުނެބަލަ.. ރީހާނަށް ކިހިނެއް ވީ؟..“ އަސްމާ ކަންބޮޑުވެފައި އަނެއްކަަވެސް ސުވާލުކުރިއެވެ.
”އަސްމާ! .. ރީހާން… ލޯންޗު އެކްސިޑެންޓްވެ ރީހާން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ.. އެކަމަކު ރީހާން ގެ ހާލު ދެރަ.. ހޮސްޕިޓަަލަށް ގެންދޭއެބަ.. އިލްހާމް ކައިރީ ބުނޭ އަވަހަށް ދާން އެތަނަށް ..“ ހާދީގެ ވާހަކަ އިވުމުން އަސްމާ އަތުން ފޯނުވެސް ދޫވެގެން ވެއްޓުނީއެވެ. ލިބުނު ޚަބަރުން ދުނިޔެ ހުއްޓުނު ފަދައިންނެވެ. އެވަގުތު ފާހާނާއިން ނުކުތް އިލްހާމަށް އަސްމާ ހުރިގޮތް ފެނުނެވެ. އަތުން ދޫވެގެން ވެއްޓުނު ފޯނު ފެނުމާއެކު ރީހާންގެ ވާހަކަ އަސްމާއަށް އެނގުނީކަން އޭނާއަށް ވިސްނުނެވެ.
”އަސްމާ..! ކިހިނެއް ވީ؟ “ އަވަސް އަވަހަށް ގޮސް އަސްމާ ގެ ކޮނޑުގައި ހިފައި އެނދުގައި ބައިންދަމުން އިލްހާމް އަހާލިއެވެ. ނަމަވެސް ލިބުނު ޝޮކުން ބަސް ހުއްޓި އަސްމާ އިތުރު ވާހަކައެއް ނުދައްކައެވެ. ހާސް ވެފައި އިލްހާމް ފޯނު ނަގައި ކަންފަތުގައި ޖަހައި ހާދީއަށް ގޮވާލުމާއެކު ހާދީ ވެގެން އުޅޭ ގޮތް ކިޔާދިނެވެ. ހާދީގެ ވާހަކައިން އިލްހާމްގެ ހިތްވެސް ދިޔައީ ކުދިވަމުން ނަމަވެސް ހިތުން ދުއާ ކުރަމުން ދިޔައީ ރީހާންގެ ފުރާނަ ސަލާމަތް ކޮށްދެއްވުން އެދިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Wow vv reethi
Curiously waiting for the next part
It’s actually very nice liked it a lot!!!!!
Varah reethi. Varah furihama. Keitheri kamaa eku 19 vana bayah inthizaaru kuran😊
Husham ah Zaana dhin jawaabu best, but in my opinion Zaana ah ves goaheh hedhifa othy. Reehan ah dhera gotheh nuvun edhen, hyvany Maira ahves visnijje hen. vaahaka vara varah rythi
when is next part