ފޮހެވޭނޭ ބާއޭ… 8
މަންމަ އޭނަ ގާތު އެހާ ބޮޑުކަމެއް ސިއްރުކޮށްދޭން އެދުމުން އޭނައަށް އެކަން ބޮޑުވިއެވެ. އޭނަގެ އަނގަ ގަދަ މިޒާޖާ ހުރެ ސިއްރު ހިފެއްޓުމަކީ އޭނައަށް ވާނެވަރުގެ ކަމެއް ނޫނެވެ. ނަމަވެސް އެންމެފަހުން މަންމަ ބުނި ޖުމްލައިން އޭނައަށް އެކަންކުރަން މަޖުބޫރުވެގެން ދިޔައެވެ. މި ގަނޑުވަރެއް ފަދަ ގެ ދޫކޮށްދާން އޭނަ ބޭނުމެއް ނޫނެވެ. އޭނައާއި މަންމައަށް ލިބިފައިވާ ކޮޓަރި ވެސް ނުލާހިކު ފުރިހަމައެވެ. މިފަދަ ދިރިއުޅުމެއް ދުނިޔޭގައި އަތްފުނާ އެޅިކަމުގައި ވިޔަސް ލިބޭނެކަމެއް ނޭގެއެވެ.
”މަންމަ ދަރިފުޅަށް އިތުބާރުކުރަން…” މާހުތާބް ފަލަކްގެ އަތުގައި ހިފަލިއެވެ. އޭނަ ވެސް މިދިރިއުޅުން ދޫކޮށް ރަށްފުށުގެ ނިކަމެތި ދިރިއުޅުމަށް ދާން ބޭނުމެއް ނޫނެވެ. މިހާ އަރާމުވެރި ދިރިއުޅުމެއް އެހެންތަނަކުން ދުވަހަކު ނުލިބޭނެއެވެ. ފަލަކްއަށް ލިބިފައިވާ ރީތިކަމުގެ ފައިދާ މުއްސަނދިން ލައްވާ ނެގުމުގައި މާހުތާބް އަކީ ލާމަސީލު ނަމޫނާ އެކެވެ. އެގޮތަށް ލަނޑުދެވުނު މީހުންގެ އަދަދެއް ނޭގެއެވެ. އޭނައަށް ލިބިފައިވާ ތޫނުފިލިކަމުގެ ފައިދާ އޭނަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ނަގައެވެ. އެހެނަސް ބަލްޤީޝްގެ ފަރާތުން އޭނައަށް މިއަދާ ހަމައަށް ދާންދެން ވެސް ފައިދާއެއް ނެގޭ ގޮތެއް ނުވެއެވެ. ކޮންމެ ފަހަރަކު ރާވާ ރޭވުން ގޮވަނީ އަތަށެވެ. އޭނަ ހީކުރިވަރަށް ވުރެ ބަލްޤީޝް އަކީ ވިސްނުން ތޫނު މަކަރުވެރި އަންހެނެކެއެވެ. މިހާރުވެސް ކޮށްގެން އެއުޅޭކަމެއް ނިދަން ދެކިބަލާށެވެ.
ބަލްޤީޝްމެންގެ މަކަރުވެރިކަމާ މެދު ފަލަކް އަޖައިބު ވިއެވެ. ރަގަޅު ބަޔެއްގަމުގައި ހެދިގެން އުޅުނުކަމުގައި ވިޔަސް އެމީހުންގެ ހަޤީޤީ ސޫރަ މިފެނުނީ އަދިކިރިޔާއެވެ. މަޖާ ވާނީ ޔަޝްމްއަށް ހަޤީޤަތް ފަޅާއަރާ ހިސާބުންނެވެ. އޭރުން އެކަޅު އިފުރީތަށް ވަރުގަދަ ލަނޑެއް ވެސް ލިބޭނެތާއެވެ. އޭނަ ހަޤީޤަތް ސިއްރުކުރުރަން ވަޢުދުވިކަމުގައި ވިޔަސް ޔަޝްމްއަށް ވަރުގަދަ ލަނޑެއް ދޭނެއެވެ.
”އޭނަ ހިތުން އިޒްކާން އޭނަދެކެ ލޯބި ވާތީ މެރީކުރީ… ހުއް، އެފަދަ ކާޅެއް ދެކެ ލޯބިވާނީ ދެން ކާކު؟ އެކަމަކު ޒާން އޭނައާ މެރީ ކުރީ ކީއްވެތަ؟ ދައްތަމެން ފޯސްކުރީކަމަށް ވާނީ…” ފަލަކް ވިސްނާލިއެވެ. އޭނަ ޚިޔާލުތަކުން އެއްފަރާތްކޮށްލީ މާހުތާބް ބާރަކަށް ގޮވާލުމުންނެވެ.
”ޔަޝްމް އާއި ޖައްސާލައިގެން ނޫޅެތި….” މާހުތާބް ހަރުކަށިކަމާއެކު އިއްވާލިއެވެ. ފަލަކް ހޫމްމް އަޅުވާލާފައި ބަދިގެއިން ނިކުތެވެ. އޭނަގެ ތުންފަތުގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ.
****
ކެއުން ނިންމާލާފައި ޔަޝްމް ކޮޓަރިއަށް ދިޔައީ ނިދާލާށެވެ. ވަރުބަލިވެފައި ވުމުން އޭނަ އެނދުގައި ޖައްސާލާއިރަށް ނިދިއްޖެއެވެ. ހޭލެވުނީ މީހަކު އޭނައަށް ގޮވާ އަޑަށެވެ. ކަންނެތް ގޮތަކަށް ލޯހުޅުވާލުމުން ސިފަވެގެން ދިޔައީ ބަލްޤީޝްގެ މޫނެވެ. އެއާއެކު ނިދިފިލައިގެން ހިނގައްޖެއެވެ. އަވަސް އަވަހަށް ތެދުވެ އެނދުގެ ހެޑްބޯޑަށް ޔަޝްމް ލެނގިލިއެވެ.
”ކައިފިންތަ؟…” ހިތްހެޔޮކަމާއެކު ބަލްޤީޝް ސުވާލުކުރިއެވެ. ޖަވާބު ދިނުމުގެ ގޮތުން އޭނަ ބޯޖަހާލިއެވެ. އޭނަ ގަޑިބަލާލިއިރު ހަޔެއްޖަހަން ކައިރިވަނީއެވެ.
” މާހުތާބް ބުނީ މެންދުރު ކެއި ގޮތަށޭ ހުރީ… މަންމަ މިއައީ ސައި ހިފައިގެން….” ބަލްޤީޝް ސައިޑް ކަބަޑުމަތީ ހުރި ތަބަކަށް އިޝާރާތްކޮށްލިއެވެ. އާވިއަރައަރާ ހުރި ދެކޮފީ މަގާއި ބިސްކޯދާއި ހެދިކާގެ ބާވަތްތައް ވެސް އޭގައި ހުއްޓެވެ.
ބަލްޤީޝް ތަބަށް ކައިރިކޮށްލަދެމުން ކޮފީ މަގެއް ނަގައި ޔަޝްމްއަށް ދިއްކޮށްލިއެވެ. އޭނަ މަގުގައި ހިފަމުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. މަންމަގެ ފަރާތުން ވެސް މިހާ ގާތްކަމެއް ފެނިފަކާ ނެތެވެ. ކުއްލިޔަކަށް އޭނަ ދެރަވީ މަންމައާއި ބައްޕަ މަތިން ހަނދާން ވެފައެވެ. މަންމައާއި ބައްޕަ ވެސް އޭނަ މަތިން ހަނދާންވާނެއެވެ. ފަޅުކަން އިހްސާސްކުރެވި ދެރަވާނެއެވެ.
”މަންމަ މަތިން ހަނދާންވަނީތަ؟….” އޯގާތެރިކަމާއެކު ބަލްޤީޝް ސުވާލުކުރިއެވެ. ލޮލުގެ ތެރެއަށް ބޮޑިވެގަތް ކަރުނަތައް ކޯތާފަތުގައި ރޮނގުދަމަން ފެށުމުން ބަލްޤީޝް އެކަރުނަތައް ފޮހެލަ ދިނެވެ. އިތުރަށް ރޮވިދާނެތީ ޔަޝްމް ތުންފަތުގައި ދަތް އަޅާލިއެވެ. ބަލްޤީޝްގެ ހިތްހެޔޮކަމުން އޭނަގެ ހިތާމަތަކަށް ކުޑަ ލުޔެއް ލިބިގެން ދިޔައެވެ.
ބަލްޤީޝް ޔަޝްމްގެ އަތަށް ފޯނު ލައިދެމުން ޒައުމާއަށް ގުޅުމަށް އެދުނެވެ. ޒައުމާއާއި ވާހަކަދައްކާލުމުން ހިތަށް ހަމަޖެހުމެއް ލިބިދާނެކަމަށް އޭނަ ބުންޏެވެ. އަދި މާހައުލަށް ހޭނެން ދުވަސްނަގާފާނެ ކަމަށާއި ޔަޝްމް ބޭނުންވާ ވަރަށް ދުވަސް ނެގުމަށް ވެސް ބުންޏެވެ. އަދި ކަމަކާމެދު ހިތްހަމަ ނުޖެހޭނަމަ ނުވަތަ ދެރަވާ ވަރުގެ ކަމެއް ދިމާވެއްޖެނަމަ ފަސްނުޖެހި އޭނަ ގާތު ބުނުމަށް ވެސް ބަލްޤީޝް ބުނެލިއެވެ. ޔަޝްމް އަކީ މިހާރު އޭނަގެ އަންހެން ދަރިފުޅުކަމަށް ބުނެލީ ފުޅާ ހިނިތުންވުމަކާއެވެ.
ބަލްޤީޝްގެ ކޮންމެ ޖުމްލައަކުން ޔަޝްމްގެ ހިތަށް ފިނިކަން ގެނެސް ދިނެވެ. ބަލްޤީޝް ފަދަ ހިތްހެޔޮ މައިދައިތައަކު ލިބުން އެއީ އޭނަގެ ނަސީބެވެ. ނަމަވެސް މިފަދަ ހިތްހެޔޮ މީހަކަށް ދެރައެއް ދެވިދާނެ ހެއްޔެވެ؟ އޭނަ މިކައިވެނި ކުރީ ވަގުތީ ގޮތަކަށެވެ. އިޒްކާންއާ އެކު އުމުރުގެ ބާކީ އޮތްބައި ހޭދަކުރުމަކީ އޭނަގެ ޚިޔާލުގައި ވެސް ވާކަމެއް ނޫނެވެ.
ޔަޝްމް ޒައުމާއަށް ގުޅާލުމުން ބަލްޤީޝް ބުނީ ފޯންކޯލް ނިމެންވާއިރަށް އޭނަ އަންނާނެ ކަމަށެވެ. ޔަޝްމް މަންމައަށް ގުޅާލަމުން އެތައް ވާހަކައެއް ދެއްކިއެވެ. މަންމަމެން ދޫކޮށްފައި އައުމުން އޭނަގެ ހިތުގައި ނުފިލާ ރިހުމެއް އުފަން ވެއްޖެއެވެ. ކުރިން އޭނަ އުޅުނީ މަންމަގެ ފަރާތުން ސަލާމަތް ނުވެވިގެންނެވެ.
ޔަޝްމް ސައިބޯން އިންދާ އިޒްކާން ކޮޓަރިއަށް ވަންތަން ފެނުނެވެ. އިޒްކާން ކަޅު ސޫޓެއްގައި ހުރިތަން ފެނި އޭނަ ކޮށިއަރާ ގޮތް ވިއެވެ. އިޒްކާންގެ ހެދުން ބަދަލުވީ ކޮންއިރަކު ހެއްޔެވެ؟ އޭނަ އޭރު ދިޔައީ ހަމަ އޮފީހަށް ހެއްޔެވެ؟ އޮފީހުގައި ސޫޓް އެއްޗެހި ބަހައްޓަނީ ކަމަށް ވެދާނެ ހެއްޔެވެ؟
އިޒްކާން އަލަމާރި ހުޅުވާލާފައި އެއްޗެއް ހޯދާން ފެއްޓިއެވެ. ޔަޝްމް އިނީ އިޒްކާންއަށް ބަލާށެވެ. ސޫޓްގައި ހުރިއިރު އިޒްކާން ކުރިއަށް ވުރެ ރީތިކަމަށް ދައްކައެވެ. ޔޫޝައުހާ އިސްކޮޅުން ދިގުނަމަ ފުރިހަމަވާނެއެވެ.
”އޯހް ގޯޑް އަހަރެން މިވިސްނަނީ ކޮންގޮތަކަށްތަ؟، ރީތިކަމުން ހަމައެކަނި ފުދެނީއެއް ނޫން، ރީތިކަމުގެ ފަހަތުގައި ފިލާހުރީ ކޮންފަދަ ނުބައި މޯންސްޓާރ އެއްކަމެއް ވެސް ނޭގޭ… ހޭޓް ހިމް…” އޭނަގެ ވިސްނުން ހުރި ގޮތާ މެދު ޔަޝްމް ޚައިރާން ވިއެވެ. އޭނަ ތުންތަޅުވާލަމުން އެޚިޔާލު އެއްފަރާތްކޮށްލިއެވެ. އެގޮތަށް ވިސްނުމުން ވެސް އޭނަ ހިތާހިތުން ކުދިކިޔާލިއެވެ.
އިޒްކާން ފައިލެއް ނަގައިގެން ކޮޓަރިން ނިކުމެގެން ދިޔައެވެ. ތުނބުގައި ކޮފީތަށި ޖައްސާލި ގޮތަށް ގަނޑުވެފައި އިން ޔަޝްމްއަށް ހަމަހޭވެރިކަން އައެވެ. އޭނަ އެތިފޮދެއް ބޮއިލަމުން ހެދިކާކޮޅެއް ނެގިއެވެ. އޭނަ ސައިބޯން ހުއްޓާ ބަލްޤީޝް އައިސް އޭނައާ ބައިވެރި ވިއެވެ. ބަލްޤީޝް އެދުނީ އޭނައާއެކު ގޭގެ ތަންތަން ބަލާލަން އައުމަށެވެ.
”ނައިޓިންގޭލް” އަކީ ދެ ބުރިއަށް ނަގާފައިވާ ގެއަކެވެ. ގޭގެ ގްރައުންޑް ފްލޯރ ހާއްސަވެފައި ވަނީ ބޮޑުކޮޓަރިއާއި، ބަދިގެއާއި، ކާކޮޓަރިއާއި ލައިބްރަރީ އަށެވެ. ފުރަތަމަ ބަޔާއި ދެވަނަބައި ހާއްސަވެފައި ވަނީ ކޮޓަރިތަކަށެވެ. ގެއާއި އިންވެގެން ހުންނަ ކުޑަ ގެ ހާއްސަވެފައިވަނީ ނޯކަރުންނަށެވެ.
ޔަޝްމް އެންމެ ފޫހިވީ ލައިބްރަރީ ދެކެއެވެ. އޭނައަކީ ފޮތްކިޔަން ފޫހިވާ ކުއްޖެކެވެ. ވާހަކަ ފޮތެއް ވެސް އޭނައަށް ކިޔޭނީ ގަނޑު މަދިއްޔާއެވެ. ގިނަ ފަހަރު އެ ނުވެސް ނިންމޭނެއެވެ. ޔަޝްމްއަށް އެންމެ ކަމުދިޔައީ ބަގީޗާއެވެ. ކިތަންމެ ކުޑަ ތަނަކަށް ވިޔަސް ފެންނަ ރީތި މާތަކުން ހިތަށް ލިއްބައިދެނީ ބަޔާންކުރަން ދަތި އުފާވެރިކަމެވެ. ފެންއަރުވާވަޑާމުން ބުރުއްސައިގެންދާ ފެންތިކިތަކަށް އިރުގެ ދަޅަތައް އެޅި ފާޅުވެގެންދާ ވިއްސާރަދުނިތަކަށް ފޫހިކަމެއް ނެތި ބަލަން ހުރެވިދާނެއެވެ. އަދި ހަމައެއާއެކު އެއާއި އިންވެގެން ހުރި ޕޮންޑް ވެސް ހާދަ ރީއްޗެވެ. ނީލޯފަރުމާތަށް ބިނދެގެން މާތައް ބޯތަށްޓަކަށް އެއައިޅައިގެން ގެނެސް ކޮޓަރީގައި ބެހެއްޓިއެވެ.
****
ރޭގަނޑުގެ ކެއުމުގައި ޢާއިލާގެ ހުރިހާ މެންބަރުން ބައިވެރިވިއެވެ. މިރޭ ދީމް އެތަނުން ފެނުމުން ބަލްޤީޝްގެ ދެލޯބޮޑުވިއެވެ. މިއީ މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. ދީމް މޫނު ހަދާލައިގެން އިނދެ ކަމުން ދިޔައެވެ. އޭނަގެ އަތުގައި ޔޫޝައު ބާރަކަށް ހިފަހައްޓާލައިގެން އިނީ ދިޔަ ނުދިނުމުގެ މަޤްސަދުގައެވެ. ދީމްގެ އަތަށް ތަދުވެގެން ބައެއްފަހަރު އޭނަ ގަދަހަދައެވެ. އެހެނަސް އޭނަގެ އަތް މިނިވަންކުރެވޭ ގޮތެއް ނުވިއެވެ.
”ދާންވެއްޖެ އަތުން ދޫކޮށްބަލަ….” ކައި ނިންމާލަމުން ދީމް ވައިއަޑަކުން ބުނެލިއެވެ. މިހާރަކަށް އައިސް ޔޫޝައުގެ ހަރުކަށިކަމާ ހުރެ އޭނައަށް އަޑު އިސްކުރާކަށް ނުކެރެއެވެ. ރޭވެސް ޔޫޝައު އޭނައަށް ދިން ފިލާވަޅު ކުޑައެއް ނޫނެވެ.
ޔޫޝައު ކައިނިމެންދެން އޭނަ އިނީ ދީމްގެ އަތަށް ފިތާލައިގެންނެވެ. އޭނަ ދީމްގެ އަތް މިނިވަންކޮށްލުމާއެކު ވައިރޯޅީގެ ބާރުމިނުގައި އޭނަ ނިކުމެގެން ދިޔައީއެވެ. ޔޫޝައު ފެންތަށި ހުސްކޮށްލަމުން ނިކުތެވެ.
ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ނަޒަރުހިންގަމުން ދިޔަ ޔަޝްމްއަށް ހުރިހާކަމެއް ފާހަގަ ކުރެވުނެވެ. އޭނަ ދެން ބަލާލީ އިޒްކާން އަށެވެ. އެމޫނުގައިވާ ކުލަވަރުތައް ދެނެގަތުންވީ އުނދަގޫކަމަކަށެވެ. އިޒްކާން އޭނަގެ މައިންބަފައިންނާ އެއްވެސް ގުޅުމެއް ނެތްކަން ޔަޝްމްއަށް އެނގުނީ ބަލްޤީޝް ދައްކާވާހަކަތަކުގައި އިޒްކާން ބައިވެރި ނުވުމުންނެވެ. އޭނަ އިނީ ވާނުވާ ނޭގިފައެވެ. މީ ކޮންކަންތައް ގަނޑެއް ހެއްޔެވެ؟
ޔަޝްމް ނިންމީ އެކަމާމެދު ނުވިސްނުމަށެވެ. ނަމަވެސް ދީމްގެ ވާހަކަތައް ކޮންމެފަހަރަކު އެސިކުނޑީގައި ޖެހިގަންނަނީ އެތައް ކިލޯގެ ބަރުދަނާއެކުގައެވެ.
****
ޔޫޝައު އޮފީހުގެ މަސައްކަތެއް ނިންމަން ލައިބްރަރީއަށް ދިޔަ ވަގުތު ބަލާފައި ދީމް އަވަސްވެގަތީ އޭނަގެ އަތްދަބަސް ހޯދާށެވެ. ވޮލެޓްނަގަމުން އޭނަ ބެލީ ކޭޝްކާޑު އޮތްތޯއެވެ. ތުންފަތުގައި ހިނިތުންވުމެއް ކުޅެލީ ކޭޝްކާޑު އޮތުމުންނެވެ. އޭނަ ދެން ހާވާލީ ކާރުގެ ތަޅުދަނޑި އޮތްތޯ ބެލުމަށެވެ. އެއާއެކު އޭނަގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. ބުމަކައިރިކޮށްލަމުން އޭނަ އަދިވެސް އެއްފަރަހު އަތްދަބަސް ހާވާލިއެވެ. އެވަރުން ނުފުދިގެން އަތްދަބަހުގައި ވާހާ ކޮސްމެޓިކް ސާމާނާއި އެއްޗެހި އެނދުމައްޗަށް އަޅާލިއެވެ.
”އާރގްގްގް…” ދީމް ކުޑަކޮށް ހަޅޭއްލަވައިގަތެވެ. އޭނަ ޔޫޝައު ގާތަށް ދިއުމަށް ހިނގައިގަތީ ރުޅިއައިސް ރަތްވެފައި ހުރެއެވެ. ކޮރިޑޯން ހިނގާލާފައި އައި ޔޫޝައު ފެނި ރުޅިގަނޑަށް ޕެޓްރޯލްއަޅާލިކަހަލައެވެ. އެދިޔަ ބާރުމިނުގައި ގޮސް އޭނަ ޖެހީ ޔޫޝައުގެ ކަންކަށި މަތީގައެވެ. އެފަދަ ހަމަލާއަކަށް ތައްޔާރުވެގެން ނެތް ޔޫޝައު ސިހުނެވެ. އޭނަގެ އަތުގައި އޮތް ލެޕްޓޮޕްވެސް ބިންމައްޗަށް ވެއްޓުނެވެ.
”ކާރުގެ ތަޅުދަނޑި ދޭންވީ! އެއީ ޔޫޝައުގެ ލާރިން އަހަރެން ގަތް އެއްޗެއް ނޫން، ދީ ދީ ހަމަމިހާރު ތަޅުދަނޑި ދޭށޭ…” ދީމް ޔޫޝައުގެ މޭގައި މުށްކަވާފައި ތަޅައިގަތެވެ. ކޯތާފަތުގައި އެއްއަތުން ފިރުމަމުން ޔޫޝައު އަނެއްއަތުން ދީމް އަތުގައި ހިފެހެއްޓިއެވެ.
ސަލާމަތުން އޮތް އަތުން ދެވަނަފަހަރަށް ޔޫޝައުގެ ކަންކަށިމަތީގައި ޖަހަން ދީމް މަސައްކަތްކުރިއެވެ. އެހެނަސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
”ހަމަޖެހިބަލަ…” ޔޫޝައު ހަރުކަށިކަމާއެކު ބުންޏެވެ. ދީމް އެވަރުންވެސް ހުއްޓާލާކަށް ނޫޅުނެވެ. އޭނަ ދެން ދިމާކުރީ ޔޫޝައުގެ އަތުގައި ދަތްއަޅާށެވެ. ޔޫޝައުގެ ހުށިޔާރު ކަމާއެކު އެކަން ވެސް ވީ ނާކާމިޔާބެވެ.
ޔޫޝައު ދީމް ދަމަމުން ގޮސް ކޮޓަރިއަށް ވައްދައި ފައިން ދޮރުފަތް ލައްޕާލިއެވެ.
ފަލަކް ހުރީ ފެނުނު މަންޒަރުތަކުން ބަސްހުއްޓިފައެވެ. ދީމް ޔޫޝައުގެ ގަޔަށް އަތްއިސްކުރުމުން އޭނަ އިންތިހާއަށް ރުޅިއައެވެ. ޔޫޝައު އަކީ ދީމް ކުޅެން ގެންގުޅޭ ބުދެއް ނޫނެވެ!
ޔޫޝައު ދީމް ދަމާކޫއްތާ ގެންގޮސް ކޮޓަރިއަށް ވެއްދުމުން ހިތަށް ނުބައި ގޮތެއް ވިއެވެ. ކިތަންމެފަހަރަކު ކޮޓަރީގެ ދޮރުހުޅުވާލަން ބޭނުންވިއެވެ. ނަމަވެސް އެހިތްވަރެއް ނުލިބުނެވެ.
”ދެޓް ބިޗް ހިޓް މައި ޔޫޝް؟….” ފަލަކް ހުރީ އަދިވެސް ޤަބޫލު ނުކުރެވިފައެވެ. ”އޭނަ ހޭ އަރުވާލާނަން، ދެން އެހާ ނުލަފާ މީހަކާއެކު ޔޫޝް އުޅެން ބޭނުންވަނީ ކީއްވެތަ؟ އަޅެ ޔޫޝް އޭނަ ޑިވޯސްކޮށްލައިފިނަމަ ކިހާ ރަގަޅު، އޭރުން ޔޫޝްއާ އަހަންނަށް އުކުގައި އުޅުމުގެ ފުރުސަތެއް ލިބިދާނެ، އެއަންހެންގަނޑާ ހެދި ޔޫޝް އަހަންނަކަށް ނުވެސް ބަލާ، އެކަމަކު އޭނައާ އަހަންނާ އަޅާބަލާއިރު ރީތި ވަނީ އަހަރެން….” ފަލަކް ގޮސް ބެލްކަންޏަށް ނިކުތެވެ. އޭނަ އަބަދުވެސް އިންތިޒާރުކުރަމުން ދަނީ ޔޫޝައު އޭނަގެ މިލްކަކަށް ވާނެ ދުވަހަކަށެވެ. އެރީތި ފިރިހެނާ އޭނައަށް ހާސިލުވެއްޖެ ނަމަ ދުނިޔޭގެ ހުރިހާ އުފަލެއް އޭނައަށް މިލްކު ވާނެއެވެ. ޔޫޝައުއަކީ އޭނަގެ ފުރާނައެވެ.
”ނޭގޭ އެދެމީހުން ދުރުކުރުވަން ޓްރައިކުރެވުނު އަދަދެއް. ބަޓް ނަތިންގް ވޯރކްސް، އަހަންނަށް އިނގޭ ޔޫޝް އުޅެނީ އުފަލުގަ ނޫންނަން… އަހަންނަށް ފުރުސަތެއް ދީފިނަމަ ޔޫޝްއަށް ހުރިހާ ކަމެއް ޤުރުބާން ކުރާނަން….” ފަލަކް އޭނަގެ ޚިޔާލީ ގަނޑުވަރު ޔޫޝައުއާއެކު ބިނާކުރަމުން ދިޔައެވެ. އޭނައާއި ހުވަފެންތަކުގެ ދެމެދުގައި އެޅިފައިވާ ފާލަން ހުރަސްކޮށްލައިގެން އެއުޅޭ ކުނިގަނޑު ކޮންމެ ގޮތެއް ހަދާފައި ވެސް އެއްފަރާތްކުރަން އެބަޖެހެއެވެ. އެހެންނޫނަމަ އޭނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ޔޫޝައު އޭނަގެ ހަށިގަނޑުގައި ފިރުމާލާނެ ދުވަހަކަށް ހާދަ ވަރަކަށް އިންތިޒާރު އެބަކުރެވެއެވެ. އެތުންފަތުގެ ފިނި ކަމާއި ލައްޒަތު އޭގެ ފުރިހަމަ ގޮތުގައި ހާސިލުކުރަން ބޭނުމެވެ. އެތުންފަތުގެ ބޮސްދިނުންތަކުގައި އެކުލެވިގެންވާނީ ކޮންކަހަލަ ބާރެއް ހެއްޔެވެ؟
”އައި ނީޑް ހިމް….” ފަލަކް ހުރީ މޮޔަވެފައެވެ. ”މައި ޗާރމިންގް…”
****
ޔޫޝައު ދީމް ގެންގޮސް އެނދަށް ގަންބަވާލަމުން ދީމްގެ ދެއަތުގައި ހިފެހެއްޓިއެވެ. ދީމްގެ ރުޅިގަނޑު ފިނިވެ މޭގަނޑު އަނގަޔަށް އަންނަވަރު ވީ ޔޫޝައުއާ ހަތަރުކަޅި ހަމަވުމުންނެވެ. އޭނަ ވީއްލާލި އެތިފަހަރުގެ ބާރުގަދަ ކަމުން ޔޫޝައުގެ ތުންފަތް ވެސް ފަޅައިގެން ގޮސްފައިވެއެވެ. ޔޫޝައު ލަމުން ދިޔަ ފުން ނޭވާތަކުން ދީމްގެ މެޔަށް ފިނިފެންއެއްޗެއް އޮއްސާލެވުނު ހެން ހީވިއެވެ. ގަދަ ހަދާކަށް ވެސް ނުކެރުނެވެ. ނަމަވެސް ޔޫޝައު އޭނަ ލައިގެން ހުރި ޓޮޕްކޮޅު ދަމައިގަންނަން އުޅުމުން ގަތް ބިރެއްގެ ސަބަބުން ތެޅިފޮޅިގަތެވެ.
”ޕްލީޒް ޔޫޝައު ތިހެން ނުހަދާ، ޕްލީޒް، ޕްލީޒް…” ދީމް ރޮއިގަންނަމުން އޭނަގެ އަތް މިނިވަންކުރަން އުޅެގަތެވެ. ”ތަދުވެޔޭ….” ދީމް ރޮއިގަތުމުން ޔޫޝައުގެ ބޮލަށް އަރާ އިން އިނބިލީހުގެ ބާރު ކެނޑިގެން ދިޔައެވެ. އޭނަ ދީމްގެ އަތުން ދޫކޮށްލަމުން ވަރު ބޭލީ މާވަށިގަނޑަކަށެވެ.
ޔޫޝައު ބާރު ބާރަށް ހިނގާލާފައި ގޮސް ނިކުމެގެން ދިއުމުން ދީމްއަށް ރޮއިގަނެވުނެވެ. ބާލީސް ގެނެސް މޫނުގައި ޖައްސާލަމުން އޭނަ ގިސްލިއެވެ. އޭނަ ހިތްފުރޭވަރަށް ރޮއިލަމުން ބާލީސް ހޫރާލިއެވެ. ކަރުނަތައް ފޮހެލަމުން އޭނަ ދުއްވައިގަތީ ބޮޑުކޮޓަރިއަށް ދިއުމަށެވެ. އެތާހުރި ލޭންޑްލައިނުން އޭނަ ނަންބަރަކަށް ޑައިލްކޮށްލިއެވެ. ދެފަހަރަކު ރިންގް ވީ ފަހުން އެކޮޅުން ފޯނު ނަގައިފިއެވެ.
”މަންމާ، އާދެބަލަ އަހަރެން ބަލާ….” ދީމް ރޮއިގަތެވެ. އޭނައަށް އެޖުމްލަ ފުރިހަމަ ކުރެވުނީވެސް އުނދަގުލުންނެވެ.
”ދީމް…” ޖުވޭރިޔާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ދަރިފުޅުގެ ރުއިމުގެ އަޑު އިވިގެން ދިއުމުން ޖުވޭރިޔާ ހާސްވިއެވެ.
”މަންމާ، ޕްލީޒް އާދެބަލަ…….” ދީމްއަށް ގިސްލެވުނެވެ.
”ދަރިފުޅާ ރުއިން ހުއްޓާލާފަ މަންމަ ގާތު ވެގެން އުޅޭ ގޮތެއް ބުނެބަލަ…..” ޖުވޭރިޔާ އެހިއެވެ. އޭނަ ހުރީ އިންތިހާއަށް ހާސްވެފައެވެ. ދީމްގެ ޖަވާބަކަށް އިންތިޒާރުކުރެވުނީ ކެތްތެރިކަން ކުޑަވެފައި ހުރެއެވެ.
”ޔޫޝައު އުޅުނީ އަހަރެން ރޭޕްކުރަން، އަހަރެން… އަހަރެން ބޭނުމެއް ނޫން އޭނައާއެކު އުޅެން، އަހަރެންގެ ގައިގައި ރޭވެސް ތެޅި، އަހަރެންގެ ފޯނުވެސް ހަލާކުކޮށްލައިފި، މަންމާ ޕްލީޒް ހެލްޕް މީ، އަހަންނަކަށް ދެން މިގޭގައި ނުހުރެވޭނެ….” ދީމް ރޮއިރޮއިފައި މަންމައަށް ކިޔައި ދިނީ ހަޤީޤަތް އޮޅުވާލައިގެންނެވެ. ޔޫޝައު ނުބައިކޮށްފައި ވާހަކަ ހަދާލިއެވެ. ޖުވޭރިޔާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ޔޫޝައު އުޅެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟
(ނުނިމޭ)
12 Comments!
Comments are closed.
As a compensation for late update, tonight 9 and 10th part ves update kohladeynan, In Sha Alllah, I am really sorry for late update, net libunuhaaa avahakah up mikuri.
Owh muthaa…u r the best…
Vvv reethi vaahakaeh
Wow varah reethi mi part ves. Waiting for tonight
Nice story…waitiing…
Vvvv Reethi……u r the best writer…love to read this story…
Very nice , koba tonight aissi hehe keiy madhu vanee ????
mirey kihaairaku nxt part up kurany
Yashm aa ixkaan e baehvuren dhym yooshaauge bai gina e mi storyga adhi
Yashm aa ixkaan ge baehvuren dhym yooshaauge bai gina e mi storyga adhi
kon irakun nxt part up kurany
v salhi mi part ves