Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 7

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 1, 2015 6 Mins Read
2 Comments

ޒައުމާގެ ފަރާތުން އިޒްކާންމެން ފުރަން އުޅޭކަން އެނގުމާއެކު ބަލްޤީޝްގެ ތަބީއަތު ޚަރާބުވިއެވެ. ހެނދުނުގެ ނާޝްތާ ކުރާހިތް ކެނޑި އޭނައަށް ބަލާލެވުނީ ރަސަލް އަށެވެ. ބަލްޤީޝްގެ މޫނުގައި ވި ހާސްކަމާއި ކަންބޮޑުވުން ރަސަލްއަށް ނަގައިގަނެވުނެވެ. ޔޫޝައު ވެސް އޭނަ ފުރަން ބޭނުން ވާކަން ހާމަކުރުމުން ހަވީރަށް ޓިކެޓް ނަގަން ރަސަލް އެންގިއެވެ. ވާނުވާ ނޭގިފައި އިނީ ޒައުމާ އެވެ. ކުއްލިޔަކަށް އެންމެން މާލެދާން ޖެހުނީ ކީއްވެގެން ބާއެވެ؟

”ދީމް ކޮބާތަ؟…” ތަނަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް ގެންނަމުން ޒައުމާ އެހިއެވެ. ރަށަށް އައީއްސުރެ އެމީހުންނާއެކު އެއްމޭޒަކުން ކާކަށް ދީމް ނާރައެވެ. އަބަދު ހުންނަނީ ކަމަކާމެދު ހިތްހަމަ ޖުނެހިފައެވެ. މޫނު ބަނަކޮށްގެންނެވެ.

”ނިދަން…” ޔޫޝައު ކުރު ޖަވާބަކުން ނިންމާލިއެވެ. ޔޫޝައު ކެއުން ހުއްޓާލާފައި މޭޒު ދޫކޮށް ދިއުމުން ޒައުމާ ޚައިރާން ވިއެވެ. ގޯސް މައުޟޫއަކަށް ދެވުނީ ބާވައެވެ.

”ޓިކެޓްގެ ކަންތަކުގަ އެދިޔައީ…” ބަލްޤީޝް އަވަސް އަވަހަށް ބުންޏެވެ. އޭނަ ހާސްކަން ފޮރުވަން ހިނިތުންވެލިއެވެ. ޒައުމާ ވެސް އޭނަގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލިއެވެ. ހަޤީޤަތުގައި އޭނަ އިނީ ޔަޝްމްމެން ކުއްލި ގޮތަކަށް ފުރަން ޖެހުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަދި އޭނައާ ބައްދަލުކުރުމެއް ވެސް ނެތި ފުރާތީއެވެ. އެކަމާމެދު ދެރަވި ކަމުގައި ވިޔަސް ކުރެވޭނެކަމެއް ނެތެވެ.

ބަލްޤީޝްއަށް ބޭރަށް ނިކުމެވޭ އިރަށް އޭނަ އިޒްކާންއަށް ގުޅާލިއެވެ. ފޯނު ނިއްވާލާފައި ވުމުން އޭނަ އިތުރަށް ކަންބޮޑުވިއެވެ. އަދިވެސް އެއްފަހަރު ގުޅަން އޭނަ މަސައްކަތްކުރިއެވެ. ނާކާމިޔާބުވުމުން އޭނަ ގުޅީ ޔަޝްމް އަށެވެ. ޔަޝްމް ވެސް ފޯނެއް ނުނަގައެވެ. ހާސްވެފައި ހުއްޓާ ޔަޝްމް ގުޅާލުމުން އޭނަގެ ހިތަށް ކުޑަ ހަމަޖެހުމެއް ވެރިވެގެން ދިޔައެވެ.

”މަންމަ ހާސްވާންޖެހޭ ވަރުގެ ކަމެއް އަހަރެން ނުކުރާނަން…” ބަލްޤީޝްއަށް ހަލޯއޭ ނުބުނެވިގެން އުޅެނިކޮށް އިޒްކާން ބުނެލިއެވެ. އަދި ދެވަނަ ސިކުންތުގައި ފޯނު ކަނޑާލިއެވެ. ބަލްޤީޝްއަށް ހުރެވުނީ ފޯނަށް ބަލާށެވެ. އެއާއެކު އޭނަގެ ހަވަނަ ހިއްސު ބުނަން ފެށީ އޭނައާއި ދަރިފުޅުގެ ގުޅުމަށް އިތުރު ހީނަރުކަމެއް އައިސްފިކަމަށެވެ. އޭނަގެ ކަންފަތުގައި ގުގުމާލީ ރަސްލްގެ ވާހަކަތަކެވެ. އޭނަ ދެފަރާތަށް ބޯހޫރާލަމުން ހިތަށް ވިސްނައިދިނީ މާތްﷲގެ އިރާދަފުޅާއެކު ހުރިހާކަމެއް ވެސް ދާނީ ރަގަޅަށް ކަމަށެވެ. އޭނަގެ ދަރިފުޅު އަނބުރާ ލިބޭނެކަމަށެވެ. އޭނަގެ އުއްމީދުގެ ހުޅުކޮޅަކީ ޔަޝްމް އެވެ. ޔަޝްމްގެ ލޯތްބާއި އަޅާލުމުގެ ސަބަބުން އިޒްކާން ރަގަޅު ވެދާނެ އެވެ. އެޚިޔާލުން ވެސް ބަލްޤީޝްގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

****

ލޯންޗަށް އެރީއްސުރެ ޔަޝްމް ދިޔައީ އޭނަގެ ވިސްނުމާ ކުޅެލަމުން ގެންދިޔަ ބިރުވެރި ޚިޔާލުތަކާ ހަނގުރާމަކުރަމުންނެވެ. ހިމަފޮދު ވާރެއިން ފަޒާގައި ލުއި މިޔުޒިކެއްގެ އަޑުއަޅުވާލާފައި އޮތް އިރު މާސިންގާ ރާޅުތަކުގެ ތެރޭން ލޯންޗް އޭނަގެ މަންޒިލާ ހަމައަށް ވާސިލުވާން މަސައްކަތްކުރެއެވެ. ޔަޝްމްއަށް އިޒްކާންގެ އަތުގައި ހިފާ ބާރުކޮށްލެވުނީ އިވިގެން ދިޔަ ގުގުރީގެ އަޑުންނެވެ. އިޒްކާން ޔަޝްމްގެ އަތް އެއަތުން ނައްޓުވާލުމުން އޭނަ ހަމަބިމަށް ތިރިވިކަހަލައެވެ. އިޒްކާންއާ ދުރަށް ޖެހިލެވުނީ ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.

ޗެކިންވެ ނިމުމުން ޔަޝްމް މަންމައަށް ގުޅާލިއެވެ. މަންމަ ދެރަވެފައި ހުރިކަން މަންމަގެ ރާގުން ޔަޝްމްއަށް ނަގައިގަނެވުނެވެ. އޭނަ ތުންފަތުގައި ދަތްއަޅާލަމުން ކަރުނަތައް ކޮންޓްރޯލްކުރަން މަސައްކަތްކުރިއެވެ. ޒައުމާ ޔަޝްމްއާ ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. ފޯނު ކޯލް ނިމުނުއިރު ޔަޝްމްގެ ދެލޯ ފަންކަޅި ވެއްޖެއެވެ. ކަރުނަތައް ފޮހެލަމުން އޭނަ އެތެރެއަށް ނޭފަތް ދަމާލިއެވެ. މަންމަމެންނާއި ބައްދަލު ކުރުމުގެ ފުރުސަތެއް ވެސް އޭނައަކަށް ނުލިބުނެވެ.

އަތުގެ އިނގިލިތަކާ ކުޅެން އިން ޔަޝްމްގެ ހިތް އަވަސް ވެގެން ދިޔައީ ފްލޭޓަށް އަރާ ގަޑި ކާރިވުމުންނެވެ. އިޒްކާންގެ ފަހަތުން ގޮސް އޭނަ ފްލޭޓަށް އެރިއިރު ހިތް އަވަސްވެ މޭގައި މަޑު ރިހުމެއް އުފެދިއްޖެއެވެ. މިހާ މޫސުން ގޯސް ދުވަހެއްގައި ފުރަން ޖެހިފައި ވުމުން އޭނަ ގަތީ އަމަށަކު ބިރެއް ނޫނެވެ. ފްލޭޓަށް އެރީއްސުރެ އޭނަގެ ހާސްކަން އިތުރުވެ ނޭވާލާން ވެސް އުނދަގޫ ވެއްޖެއެވެ.

”އާރ ޔޫ އޯކޭ؟….” އިޒްކާންއަށް އަހާލެވުނެވެ. އޭނައަށް ޔަޝްމްއަށް އަންނަ ބަދަލުތައް ފާހަގަވިއެވެ. އެއާއެކު ސިކުނޑީގައި ޓަކިދިން ދުރު ޚިޔާލަކުން އޭނަގެ ހިތަށް ތޫނު ރިހުމެއް ވަދެގެން ދިޔައެވެ.

”ވަރަށް ބިރުގަނޭ….” ޔަޝްމް ބުންޏެވެ.

”އަހަރެންގެ އަތުގައި ހިފަހެއްޓިޔަސް މައްސަލައެއް ނެތް….” އިޒްކާން ހިތާއި ދެކޮޅަށް ބުންޏެވެ. ޔަޝްމް އެހާ ބިރުން އިނުމުން އެކަނި ދޫކޮށްލާކަށް އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ. ޔަޝްމްއަށް ކަމެއް ދިމާވެއްޖެނަމަ އެކަމުގެ އިލްޒާމު އެޅުވޭނީ އޭނަގެ ބޮލުގައިކަން ޔަޤީނެވެ.

އިޒްކާންގެ ޖުމްލައިން ޝޮކެއް ލިބިފައި އިން ޔަޝްމްއަށް އެއަތުގައި ބާރަކަށް ހިފާލެވުނީ ބޯޓު ދުއްވަން ފެށުމުންނެވެ.

”ޑީޕް ބްރެތް….” އިޒްކާން ބުންޏެވެ. ފިނިވެފައިވާ ޔަޝްމްގެ އަތްތިލައިން އޭނައަށް ވަރަށް ބޮޑަށް އުނދަގޫވިއެވެ. ކިތަންމެ ފަހަރަކު އެއަތް ފޮޅުވާލަން ބޭނުންވިއެވެ. ނަމަވެސް އޭނަ ކެތްތެރިވިއެވެ.

އިޒްކާން ބުނި ގޮތަށް ޔަޝްމް ފުންނޭވާތަކެއް ލިޔެވެ. އޭނަ ދެލޯމަރާ ތަގުޅިކޮށްލައިގެން އިންދާ ވައިގެ ތެރެއަށް ބޯޓު އުދުހިގެން ދިޔަކަން އިހްސާސްވެ އޭނަ އިނީ ނޭވާލާން ހަނދާން ނެތިފައެވެ. ވާރޭގެ ތިކިތައް ބޯޓަށް ހަމަލާދޭކަން ވެސް އިނގެއެވެ. ޔަޝްމްއަށް ދެލޯ ހުޅުވާލެނީ އިރުގަނޑެއް ފަހުންނެވެ. އޭރު މީހާ މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. އޭނައަށް ފުރަތަމަ ވެސް ބަލާލެވުނީ އިނގިލިތައް މެހިގެން ގޮސްފައިވާ އޭނައާއި އިޒްކާންގެ އަތްތިލައަށެވެ.

ޔަޝްމް އަތްތިލަ ދަމައިގަންނަމުން ކުރުނޭވާތަކެއް ދޫކޮށްލިއެވެ. ޔަޝްމް ދެން އިންތިޒާރުކުރަން ފެށީ ހުޅުލެއަށް ދެވޭނެ ވަގުތަކަށެވެ. މާލޭގެ މާހައުލު ވެގެން ދާނީ އޭނައަށް މުޅިން އައު މާހައުލަކަށެވެ. އޭނައަށް މާލޭގެ މަގެއް ވެސް ނޭގެނެއެވެ. އޭނަ މާލެއަށް ގެއްލިޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ދާން އުޅޭ މަންޒިލެއް ވެސް އެނގެނީކީ ނޫނެވެ.

ލަގެޖްތައް ޓްރޯލީއަކަށް ލަމުން އޭނަގެ ފަހަތުން އައުމަށް އިޒްކާން ބުންޏެވެ. ބަސްއަހާކުޑަކުއްޖެއް ފަދައިން އިޒްކާންގެ ފަހަތުން ޔަޝްމް ހިނގައިގަތެވެ. މުޅިން އާ ތަނަކަށް ވުމުން އެކިދިމަދިމާއަށް އޭނަ ނަޒަރު ހިންގަމުން ދިޔައީ ގަޔާވެފައި ހުރެއެވެ.

ފެރީތަކާ އަރާހަމަވުމުން ޔަޝްމްގެ ބޮލަށް އުނދަގޫވާ ވަރުވިއެވެ. މީގެ އިރުކޮޅެއް ކުރިން ހިތަށް ވެރިވެގެން ދިޔަ ހަމަޖެހުން ގެއްލިއްޖެއެވެ. މީހުންގެ ނަޒަރު އޭނައަށް ހުއްޓޭވަރުން ޔަޝްމް އިސްއުފުލާކަށް ވެސް ނުކެރުނެވެ. މީހުން އޭނައަށް އެހާވަރަކުން ބަލަނީ ކީއްވެގެން ހެއްޔެވެ؟ ހުތުރު ވީމަ ހެއްޔެވެ؟ ޔަޝްމް ފޫހިކަމާއެކު ގޮސް ފެރީއަށް އަރައި ހަމަޖެހިލިއެވެ.

އިޒްކާން އައިސް ޔަޝްމްގެ މަގަތުގައި އިށީނުމުން އޭނައަށް ދުރަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް މީހެއްގައި ގައިގައި ޖެހުނުކަން އެނގުމާއެކު އޭނައަށް އެމީހާއަށް ބަލާލެވުނެވެ. ބޯދިގުކޮށްލައިގެން ހުރި އެމީހާގެ އަތްފައިގެ ނިޔަފަތި ވެސް އެހާމެ ދިގެވެ. ތުނބުޅީގައި ވެސް ތަރުތީބުކަމެއް ނެތެވެ. ޔަޝްމް ގަތީ ފަކުރެވެ. ޔަޝްމް ވަގުތުން އިޒްކާންއާ ވީ ފަޅިއަށް ޖެހިލިއެވެ. އިޒްކާން އެގޮތަށް ކަންތައް ކުރުމުގެ ސަބަބު އޭނައަށް ނަގައިގަނެވުނީ އަދި ކިރިޔާއެވެ.

އަތުގެ އިނގިލިތަކާ ކުޅެލަމުން ދިޔަ ޔަޝްމްއަށް ކައިރިވަމުން ދިޔަ މާލޭގެ އުސް އިމާރާތްތައް ފެނުނެވެ. އޭނަ ޝައުޤުވެރިކަމާއެކު ބެލިއެވެ. ދަތުރުފަތުރުކުރުމަށް ގަންނަ ބިރެއްގެ ސަބަބުން އޭނަ ހިތްއެދޭ އެތައް މަންޒިލަކަށް ދަތުރުކުރުމަށް ވަނީ ހުރަސް އެޅިފައެވެ. ރާއްޖެއިން ބޭރަށް ވެސް ދާން އޭނަ ބޭނުން ވެއެވެ. ތަނަވަސްކަން ވެސް އެބަހުއްޓެވެ. އެހެނަސް ބިރުވެރިކަމުގެ ސަބަބުން އޭނަގެ އެހުވަފެން ދުވަހަކު ހަޤީޤަތަކަށް ވާނެކަމެއް ނޭގެއެވެ.

ހަލަބޮލިކަން ވެރިވެފައިވާ މަގުތައް ފެނި ޔަޝްމް ހުރީ ހިނގައިގަންނަން ވެސް ނޭގިފައެވެ. ފެރީއިން ފޭބުމާއެކު ޔުނިފޯރމްގައި ހުރި މީހަކު އައިސް ހުއްޓިއްޖެއެވެ. އިޒްކާންއާއި ވާހަކަ ދައްކާލަމުން، ލަގެޖްތައް ހިފައިގެން އެމީހާ މިސްރާބު ޖެހީ ތަންކޮޅެއް ދުރުގައި އޮތް ކަޅުކުލައިގެ ބީއެމްޑަބްލިއު ކާރާ ދިމާއަށެވެ. އޭނައަށް އެއީ ވެސް އާއެއްޗެއް ނޫނެވެ. ގޭގައި ވެސް އޭގެ ކާރެއް އޮވެއެވެ. މަގުން ދާ މީހުންތައް އެކާރާ ދިމާއަށް ފޯރިއާއެކު ބަލައެވެ.

ޔަޝްމް މަގު ހުރަސްކުރަން އުޅެނިކޮށް ބާރު ދުވެއްޔެއްގައި އައި ސައިކަލެއްގައި އޭނަ ނުޖެހި ސަލާމަތްވީ އުމުރުގައި ތަން ހުރުމުންނެވެ. ބިރުވެރިކަމުން މުޅި މީހާ ގަނޑުވެފައި ހުއްޓާ އޭނަގެ އަތުގައި ހިފާ މީހަކު ދަމައިގަތްކަން އެނގުނެވެ. އެމީހަކުގެ މޭގައި ޖެހިފައި މަތަވިއިރު ޔަޝްމްގެ ހިތުގެ ތެޅުން އަވަސް ވިއެވެ. އޭނަގެ ސިކުނޑި މަސައްކަތްކުރަން ފެށީ އިރުކޮޅެއް ފަހުންނެވެ. އޭރު ހޭލަމޭލަވަމުން ދިޔަ މީހުންގެ ނަޒަރު އަމާޒުވެފައިވަނީ އިޒްކާންއާއި ޔަޝްމްއަށެވެ. އިޒްކާން ޔަޝްމްގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު ދެބުމަގޮށްޖަހާލިއެވެ. ރަށުގައި މަގު ހުރަސްކުރާ ފަދައިން މާލޭގައި ވެސް ކަންތައް ކުރެވިދާނެކަމަށް ޔަޝްމް ހީކުރަނީ ހެއްޔެވެ؟

ޔަޝްމް ލަދުން ގޮސް މޯޅިވާވަރު ވިއެވެ. އެތައް ބަޔެއްގެ ނަޒަރުން ސަލާމަތްވާން އޭނަ ގޮސް ކާރަށް އެރިއެވެ. އިޒްކާން ރުޅިއައިސްފައިވާތަން އޭނައަށް ފެނުނީ ކާރަށް އެރިފަހުންނެވެ.

”ޔަޝްމް ބޭނުންހާ ގޮތަކަށް މިތަނުގައި ނޫޅެވޭނެ…” އިޒްކާން ކާރަށް އަރަމުން ރުންކުރު ރާގަކަށް ބުންޏެވެ. ޔަޝްމް ތުންފިއްތާލީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. އޭނައަށް ކުށެއް ކުރެވުނުކަމުގައި ވިޔަސް އިޒްކާން އޭނައާ ދިމާއަށް އަޑުލާކަށް ހިތެއް ނޭދުނެވެ. ހިތުގައި އިޒްކާންއަށް ޓަކައި އުފަން ވެފައިވާ ފޫހިކަން އިތުރު ވެއްޖެއެވެ.

****

ކާރު ދުއްވަމުން ދިޔައިރު ފަސްވަމުން ދާ އިމާރާތްތަކަށް ބަލަން ޔަޝްމް އިނެވެ. ކާރުތެރޭގައި ރަސްކަން ކުރަމުން އައީ ފުން ހިމޭންކަމެކެވެ. ޔަޝްމް ދިޔައީ މަގުތަކަށް ފުންނަޒަރެއް ދެމުންނެވެ. އެތަންތަން ދަސްކުރަން އުޅޭ ކަހަލައެވެ. ފުޅާމަގަކުން ގޮސް ކާރު ވަދެގަތީ ރަތާއި ނުލުން ޑިޒައިން ކުރެވިފައިވާ ބިޔަ ގޭޓެކުންނެވެ.

”ނައިޓިންގޭލް…” ފާރުގައި އިނގިރޭސި އަކުރުން ލިޔެފައި އިން ނަން ޔަޝްމް ކިޔާލިއެވެ.

ގޭޓުން ވަދެގެން ގޮސް ޕޯޓިކޯއާ ހަމައަށް ދެވެން އޮތް މަގުގައި ވަނީ ގާއަޅާފައެވެ. ދެފަރާތަކަށް ބަހާލެވިފައި އޮތް ބަގީޗާގައި ގޯތީގެ ކުޑަކަމާ ހެދި ބައިވަރު ގަސްތަކެއް ނެތެވެ. ނަމަވެސް ފެހިކަންގަދަ ކާރޕެޓް ގްރާސްގަނޑުގެ ތެރެއިން ކުލަކުލައިގެ މާތައް ފެންނައިރު ހާދަ ފުރިހަމައެވެ. ޕޮޓްތަކުގައި ވެސް ތަފާތު ކުލަކުލައިގެ މާގަސްތަކާއި ބަގީޗާ ގަސްތައް ހުއްޓެވެ. ޕޯޓިކޯއާ ކުރިމައްޗަށް ވާހެން ފެންއަރުވާވަޑާމެއް ހުރެފައި އެއާއި ވިދިގެން ސަފަކަށް ހުރި ބޮޑު ޕޮންޑްގައި ވަނީ ނީލޯފަރުމާތަކެވެ. ފިޔާތޮށި އަދި ދަނބުކުލައިގެ މަލުން ޕޮންޑް އޮތީ ފުރާލާފައެވެ.

”އަހަރެން އެބަޖެހޭ ތަނަކަށް ދާން…” ކާރުމަޑުކޮށްލުމާއެކު އިޒްކާން ބުންޏެވެ. އެއާއެކު ޔަޝްމް ކާރުން ފޭބިއެވެ. އޭނަ މުޅިތަކަށް ނަޒަރު ހިންގާލަމުން ފުން ހިނިތުންވުމެއް ވެރިވެއްޖެއެވެ.

އަލީ ލަގެޖްތައް އެތެރެއަށް ވެއްދުމަށްފަހު މީހަކަށް ގޮވާލިއެވެ. އެއަޑަށް ބަދިގެ ތެރެއިން ނިކުމެގެން އައީ ދެބައި އުމުރުގެ އަންހެނެކެވެ. އޭނައާއި ޔަޝްމް ހަވާލުކޮށްލާފައި އަލީ އަވަސްވެގަތީ އިޒްކާން ބޭނުންވާ މަންޒިލާ ހަމައަށް ގެންގޮސް ދިނުމަށެވެ. ކާރު ދުއްވާލުމާއެކު ޔަޝްމް ފިކުރުތަކުގެ ތެރެއަށް ގެއްލުނެވެ.

”ނުވެސް ދަންނަ ބަޔަކާ އަހަރެން ހަވާލުކޮށްފަ އޭނަ އެދިޔައީ ކޮންތަނަކަށްތަ؟ ވަރަށް މުހިއްމުކަމަކުއޯ މާލެއަންނަން ޖެހުނީ، އެކަމަކު މީހުން އޮފީހަށް ދޭތަ ޓީޝާޓާއި ޖިންސް ލައިގެން؟….” ޔަޝްމް އެނބުރުނުތަނާ ފުޅާ ހިނިތުންވުމަކާއެކު އޭނައަށް ބަލަން ހުރި އަންހެންމީހާ ފެނުނެވެ.

”މާހުތާބް….” އޭނަ ތަޢާރަފް ވެލިއެވެ. މާހުތާބް ތަފާތު އެކި ވާހަކަތައް ދެއްކިއެވެ. މާހުތާބްގެ ފަރާތުން އޭނައަކީ އެގޭގެ ނޯކަރުންގެ ބޮޑުމީހާކަން ވެސް އެނގުނެވެ. އޭނަ އެގޭގައި މަސައްކަތް ކުރާތާ ތިރީސް އަހަރު ވެފައިވާކަން ވެސް އެނގުނެވެ. ޔަޝްމް ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ޔަޝްމްގެ ކޮޓަރިއާ ހަމައަށް އޭނަ ގެންގޮސް ދިނީ މާހުތާބް އެވެ.

”މެޑަމް ގުޅާފަ ބުނި ހަވީރު މާލެ އާދެވޭވަރު ވާނެޔޭ…” މާހުތާބް ބުންޏެވެ. ”މެންދުރުގެ ކެއުން އިރުކޮޅަކުން ތައްޔާރު ވާނެ، ލިމްޝާ އަންނާނެ ކޮއްކޮ ބަލާ….”

”ޔަޝްމް…” ޔަޝްމް އޮޅުން ފިލުވާލަ ދިނެވެ. މާހުތާބް ހިނިތުންވެލަމުން ދިޔައީއެވެ. ޔަޝްމް ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ހުދާއި ކަޅުކުލައިން ޒީނަތްތެރިވެފައިވާ ކޮޓަރިއެކެވެ. ބެޑްރޫމް ސެޓާއި ސޯފާތައް ވެސް ވަނީ އެކުލައިންނެވެ. ޔަޝްމްއަށް އެންމެ ރީތިވީ މާރބްލްސް މައްޗަށް ބޮޑުބައެއް ފެތުރިފައި އޮތް ކުޑަދޮރުގެ ފޮތިގަނޑެވެ. އޭގައިވާ ޑިޒައިން އޭނައަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. ކުޑަދޮރުގެ ފޮތިގަނޑު ކަހާލުމުން ހާމަވެގެން ދިޔައީ ފެހިކަން ގަދަ ބަގީޗާއާއި މަލުގެ ގުލްދަސްތާރެވެ.

ޔަޝްމް ގޮސް އެނދުގައި ޖައްސާލުމާއެކު ލޮޑުވެފައިވާ ހަށިގަނޑަށް އަރާމު ބޭނުންވާކަމުގެ ނިޝަންތައް ފާޅުވާން ފެއްޓިއެވެ. އާފުރިލަމުން އޭނަ ދެލޯމަރާލަން ތައްޔާރުވި ވަގުތު ފޯނު ރިންގްވާން ފެށުމުން ސިހޭ ގޮތްވިއެވެ. ކަންނެތްކަމާއެކު އޭނަ ފޯނު ނެގިއެވެ. ގުޅަނީ މަންމައެވެ.

”ހަލޯ…” ޔަޝްމްގެ އަޑުގައި ނިދީގެ އަސަރުވިއެވެ.

”މާލެއަށް ދެވުނުކަން އަންގަން މަންމައަށް ގުޅިނަމަ، މަންމަ މިހުންނަނީ ވަރަށް ބޮޑަށް ހާސްވެފަ…” ޒައުމާ ބުންޏެވެ.

”ސޮރީ މަންމާ، ދެންމެ އާދެވުނީ…” ޔަޝްމް މާފަށް އެދުނެވެ. ”ކައިފިން ތަ؟ ކޮބާ ތަ އިޒްކާން؟…” ޒައުމާ އެހި އެވެ.

”އަދި ނުކަން، އިޒްކާން ވީ އޮފީހުގައި…” ޔަޝްމް ދޮގެއް ހަދާލިއެވެ. އޭނަ ގެނެސް އެކަނިކޮށްލާފައި އިޒްކާން ދިޔަކަން އެނގިއްޖެނަމަ މަންމަ ދެރަވާނެކަން ޔަޤީނެވެ.

”މަންމަ ދިން ނަސޭހަތުގެ ބޭނުން ދަރިފުޅު ހިފާނެކަމަށް މަންމަ އުއްމީދުކުރަން…” ޒައުމާ ބުނެލިއެވެ. ޔަޝްމް އަނެއްކާ ވެސް މަންމަގެ ބަނދިވަރަށް ތައްޔާރުވިއެވެ. އެހާވަރަށް އޭނައަށް ވިސްނައިދޭން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އޭނަ އިޒްކާންއާއި ވަކިވެދާނެތީ ހެއްޔެވެ؟

ޔަޝްމް ފޯނުކޯލް ނިންމާލިއިރު ނިދީގެ އަސަރު ފިލައިގެން ހިނގައްޖެއެވެ. އޭނަ ފޯނާ ކުޅެން އޮތްވާ ދޮރުގައި މީހަކު ޓަކިދިން ހެން ހީވިއެވެ. ފޯނު އެނދުމައްޗަށް ދޫކޮށްލަމުން އޭނަ ގޮސް ދޮރުހުޅުވިއެވެ.

ލިމްޝާ އަދަބުވެރިކަމާއެކު މެންދުރުގެ ކެއުން ތައްޔާރުކުރެވިފައިވާ ކަމަށް ބުންޏެވެ. ލިމްޝާގެ ފަހަތުން ޔަޝްމް ހިނގައިގަތެވެ. އޭނަ ސިޑީގެ ހަރުފަތަށް ގިރާކުރަމުން ލިމްޝާއާއި ވާހަކަ ދެއްކިއެވެ.

ޔަޝްމް ޑައިނިންގް ރޫމަށް ވަންތަނާ ބޭރަށް ނިކުތް ކުއްޖާގެ ގައިގައި އަޅައިގެންފައި ނުވެއްޓުނީ ކިރިޔާއެވެ.

”އިޑިޔަޓް!…” އޭނަ ހަޅޭއްލަވައިގަތެވެ. ލިމްޝާ ހުރީ އަނގަތަންމިނަށް ހުޅުވާލައިގެންނެވެ. ލިމްޝާ އެޖުއްކާއަށް ވިސްނައިދޭން އުޅެގަތެވެ. ނަމަވެސް ލިމްޝާއަށް ބަހެއް ވެސް ބުނުމުގެ ފުރުސަތު އޭނަ ނުދިނެވެ.

”ދެލޯހުންނަނީ ކީއްކުރަންތަ؟….” އޭނަ ކަޅިއަޅާލިއެވެ.

”ފަލަކް!…” މާހުތާބްގެ އަޑު ބާރެވެ. ޔަޝްމް ވެސް ސިހިފައި ބަލާލިއެވެ. އޭރު މޫނު ރަތްކޮށްލައިގެން ހުރެ މާހުތާބް އެދިމާއަށް އާދެއެވެ. ލިމްނާ ހުރީ ބިރުން ގޮސް ހަދާނެ ގޮތް ހުސްވެފައެވެ. އޭނައަށް ފައިލެއް އަންނާނެކަން ގައިމެވެ.

”ބަލަ ގޭގެ ސާހިބުންނާ ވާހަކަ ދައްކާގޮތްތަ ތީ؟ ހަމަ މިހާރު މާފަށް އެދޭ!…” މާހުތާބް އަމުރުކޮށްލިއެވެ. މާހުތާބްގެ ސިގުރުޅިގަނޑު ފެނި ފަލަކްއަށް އެއްވެސް ގޮތެއް ނުވިއެވެ. އޭނަ އެކަމަށް ހޭނިފައިވާ ކަހަލައެވެ. ނަމަވެސް މާހުތާބްގެ ޖުމްލައިން އޭނައަށް ޚައިރާންކަން ލިބި ޔަޝްމްއަށް ފުން ނަޒަރެއް ދެވުނެވެ.

”ސާހިބޭ…” ފަލަކް އަނގަޔަށް ހުތުރު ވައްތަރެއް ޖައްސާލިއެވެ.

”ފަލަކް!…” މާހުތާބް ރުންކުރުވިއެވެ.

”މަންމާ، އޭނަޔޭ އައިސް އަހަރެންގެ ގައިގަ ޖެހިގަތީ…” ފަލަކް ތުންއަނބުރާލިއެވެ. އެއްވެސް މީހަކަށް އިހްތިރާމްކުރުމެއް ނެތެވެ.

”އަދަބު ކުޑަކޮށްލައިގެން ވާހަކަ ނުދައްކާތި!، އަހަރެން ބުނެފީމެއްނު މާފަށް އެދޭށޭ…” މާހުތާބް ހަޅޭއްލަވައިގަތެވެ.

”ސޮރީ…” ފަލަކް ތުންފިއްތާލަމުން ބުންޏެވެ. ޔަޝްމްހާ ހުތުރު މީހަކު ގާތުން މާފަށް އެދުން ވެގެން ދިޔައީ އޭނަގެ އަގުވެއްޓުނު ކަމަކަށެވެ. ވަކިން ހާއްސަގޮތެއްގައި ލިމްޝާ ހުއްޓާއެވެ.

”މީތަ އިޒްކާންގެ ނިއު ވައިފްއަކީ؟ އައްޗީޑީ…. ޝެޑޯ…” މާހުތާބް އެއްފަރާތަކަށް ޖެހިލާއިރަށް ފަލަކް ވައިއަޑަކުން ބުންޏެވެ.

”ފަލަކް!…” މާހުތާބް ފަލަކްއަށް ގޮވާލި އެވެ.

”ކިހިނެއްވީ؟…” ފަލަކް ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުންޏެވެ.

”އާދެބަލަ މަންމައާއެކު…” ބަދިގެއަށް ވަންނަން ދިޔަ މާހުތާބް ބުންޏެވެ. ފަލަކްއަށް ކަމެއް ވިސްނައިދޭން އެބަޖެހެއެވެ. އެހެންނޫންނަމަ އޭނަ މިގެއިން ނިކުމެގެންދާން ޖެހޭ ދުވަސް އައިސް ކުރިމަތިވެދާނެ އެވެ. ފަލަކްގެ އަނގަގަދަކަމާހުރެ އޭނަ ފުރަތަމަ ފަހަރަށް ބިރުގަންނަން ގޮތް ވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

މީ ތަޤްދީރު ހޭ؟؟؟

Next

ފޮހެވޭނޭ ބާއޭ… 8

Next
December 1, 2015

ފޮހެވޭނޭ ބާއޭ… 8

Previews
December 1, 2015

މީ ތަޤްދީރު ހޭ؟؟؟

2 Comments!

  1. afu says:
    December 1, 2015 at 1:23 pm

    Wow .. varah salhi .. keep it up muthaa ❤❤❤❤

  2. handi says:
    December 1, 2015 at 2:30 pm

    v salhi mi part ves

Comments are closed.

Next Episodeފޮހެވޭނޭ ބާއޭ… 8←


All Right Reserved!