ހަނދުވަރު ދިން އެރޭ …17
ހަނދުވަރު ދިން އެރޭ … 17
” ކީއްކުރަން މި އޮފިހަށް ހާނީ ތި ޖޮއިން ކުރީ.. ؟“ ހުޝާމް ސުވާލުކޮށްލީ އޭނާގެ ލެޕްޓޮޕާ ދިމާއަށް އެނބުރި މޭޒުމަތީގައި އަތް ވިއްދާލަމުން ހާނީއަށް ފުރަގަސް ދެމުންނެވެ.
” ޓު ސީ ޔޫ އެވްރީ ޑޭ.. ޓު ޓޯކް ވިތް ޔޫ.. ޓު ސްޕެންޑް ޓައިމް ވިތް ޔޫ…“
ހާނީ އަނެއްކާވެސް ހުޝާމްގެ މޫނު ފެންނަ ހިސާބަށް ޖެހިލަމުން ހިނިތުންވެލާފައި ޖަވާބުދިނެވެ. ހާނީގެ އަޑު އިވުމުން ހުޝާމްއަށް ހާނީއަށް ބަލާލެވުނީ ސުވާލުގެ ފުން ނަޒަރަކުންނެވެ. ”ވައި…؟ ވައި ނައު…ޔޫ ނޯ އައިމް މެރިޑް… އެންޑް އައި ހޭވް ކިޑްސް..“ ކޮޅަށް ތެދުވަމުން ހުޝާމް ސުވާލުކޮށްލީ އޭނާގެ ހަޤިޤަތް އެނގޭއިރުވެސް ހާނީގެ ވާހަކައިން ލިބުނު ހައިރާންކަން ބޮޑުވުމުންނެވެ.
”ޑަޒަންޓް މެޓާ…އޯލް އައި ވޯންޓް އިޒް ޔޫ.. އައިލް އެކްސެޕްޓް އެވްރީތިންގް …ވައިފް ވެސް …ކުދިން ވެސް …އައިވް ބީން ވެއިޓިން ސިންސް ލޯންގް….ދެން އިންތިޒާރުގަ ނުހުރެވޭނެ… ވިލް ޔޫ މެރީ މީ؟“
ހާނީގެ ވާހަކައިން ހުޝާމަށް ލިބުނު ޝޮކުން އަރައިގަނެ އެއްޗެއް ނުބުނެވެނީސް މުސްޠަފާ އައިސް ކެބިންއަށް ވެނެވެ. މުސްތަފާ ފެނުމުން ހަމަޖެހިލައި ޓައީ ރަނގަޅުކޮށްލަމުން ހުޝާމް ހިނިތުންވުމެއް މޫނަށް ވެރިކޮށްލިއެވެ. ހާނީވެސް ހުޝާމްއާ ދުރަށް ޖެހިލަމުން ދެއަތް ފުރަގަހަށް ލައި ރަސްމީ ސިފަ ދައްކާލަމުން ހިނިތުންވެލިއެވެ.
” އެވްރީތިންގް ގުޑް..؟ ކުރިޔަށް އެބަ ދޭ ދޯ…؟ ހާނީ އެއްވެސް ސުވާލެއް އޮތިއްޔާ ހުޝާމްއާ ސުވާލުކޮށް އަހާ އިނގޭ.. މި ކެބިންގަ ތިބޭނީ ހުޝާމް އާއި ޒައިދް ދެން ފައިސަލް.. ދޭ އާރ އޮން އަ ވާރކް ޓްރިޕް.. މިހަފްތާ ނިމެން ވާ އިރަށް އަންނާނެ.. ސޯ ފޯ ނައު އައި ހޯޕް ޔޫ ވިލް އެޑްޖަސްޓް ހިއަރ ވިތް ހުޝާމް..“ މުސްތަފާ ހިފައިގެން ހުރި ފައިލް ހުޝާމަށް ދިއްކޮށްލަމުން ކިޔައިދިނެވެ. އެ ކެބިންގައި ހުޝާމްއާއި އެކު އެކަނި މަސައްކަތް ކުރަން ޖެހުން އެއީ ހާނީއަށް ލިބުނު އިތުރު ހިތްހަމަޖެހުމެކެވެ.
” އޯކޭ.. !! އިޓްސް އޯލް ގުޑް.. !“ ހާނީ ހިނިތުންވެލަމުން ހުޝާމްގެ މޫނަށް ބަލާލިއެވެ. މުސްތަފާ ދިއުމުން ހުޝާމް އެނބުރި އޭނާގެ ގޮނޑީގައި އިށީނދެލަމުން ދެއަތުން މޫނު ފޮރުވާލައި ބޮލުގައި ދެއަތް ހިންގާލައި ގޮނޑިއަށް ލެނގިލިއެވެ. ހުޝާމްގެ ކޮންމެ ހަރަކާތަކަށް ބަލަން ހުރި ހާނީ ގޮސް ހުޝާމް ކައިރިޔަށް ޖެހިލިއެވެ.
”ޔޫ ޝުޑް ކީޕް ޔުރ ޑިސްޓެންސް.. މީ އޮފީހެއްކަން ދަނެގެން މިތާ އުޅޭނީ.. މިތާ އުޅޭ އެންމެންވެސް ރެސްޕެކްޓް ކުރާ މީހެއް އަހަންނަކީ.. އައި ޑޯންޓް ވޯނަ ރުއިން މައި އިމޭޖް.. ސޯ… ކީޕް ދެޓް އިން މައިންޑް.. އެއިނީ ހާނީ ހުންނަން ވީ ޓޭބަލް.. ޖަސްޓް ގޯ އެންޑް ސިޓް ދެއަރ.. ކިޔާ ދޭންވާ އެއްޗެއް މިތާ ހުރެވެސް ކިޔާދޭނަން..“ ހުޝާމްގެ މޭޒާއި ކައިރީގައި އިން ދެ މޭޒު ދޫކޮށް އިން މޭޒު ދައްކާލަމުން ތަންކޮޅެއް ހަރުކަށި ގޮތަކަށް ހުޝާމް ބުނެލިއެވެ. ހުޝާމް ގެ އެ ގޮތް ދެކެ ހާނީ ޖެހިލުމެއް ނުވިއެވެ. އޭނާގެ މޫނަށް ސީރިއަސް ކަމެއް ވެސް ނުގެނެއެވެ. ނަމަވެސް ކުޑަކުއްޖަކު މަންމަގެ ބަސް އަހާފަދައިން މަޑުމަޑުން ގޮސް ހުޝާމް ދެއްކި މޭޒު ކައިރީ އިން ގޮނޑީގައި އިށީނދެލައި ހުޝާމްގެ މޫނަށް ބަލާލިއެވެ.
” ޖަވާބަކަށް އިންތިޒާރު ކުރަން.. ޔެސް އޯ ނޯ…؟؟ “ ހާނީ ހުޝާމަށް ބަލަން އިނދެ އަހާލިއެވެ. އެއާއެކު ހުޝާމް އަށް އަނެއްކާވެސް ހާނީ އަށް ބަލާލެވުނީ ސުވާލުގެ ނަޒަރުންނެވެ.
ހާނީއަކީ އޭނާގެ އެންމެ ފުރަތަމަ ލޯބިވެރިޔާއެވެ. އެ ކުއްޖަކަށްޓަކައި އެއް އިރެއްގައި ދީވާނާވެ ޖާނުން ޤުރުބާންވި އޭނާގެ ލޯތްބެވެ. އެއީ އެ ސޫރައެވެ. އެ ރީތި ކަމެވެ. ދެ މީހުންގެ ލޯބީގެ ފަލްސަފާއަށް ދެ އަހަރު ނުވަނީސް ހާނީގެ ބައްޕަ ނުޤބޫލުވުމުގެ އުޒުރުގައި ހާނީ ރާއްޖެ ދޫކޮށް ފުރައިގެން ދިޔަފަހުން އެތަށް އަހަރެއް ފާއިތުވެދިޔައީއެވެ. އެ ލޯބި ހަނދާން ނައްތާލަން އޭނާ ޤުރުބާންކޮށްލީ ޒާނާގެ ހުވަފެންތަކާއި އުއްމީދުތަކެވެ. ހުޝާމް ޒާނާއާއި ކައިވެނިކޮށް ދިރިއުޅުމެއް ފެށީ ހާނީ އެނބުރި ނާންނާނެކަން ޔަޤީންވުމުން އޭނާގެ މާޔޫސީ ހިތާއި ސިކުނޑި އެހެން ދިމާއަކަށް އަނބުރާލާށެވެ. މަޒީގެ ސަފްހާތައް ނިއުޅަމުން ދިޔަ ހުޝާމްއަށް ހާނީގެ އެނބުރި އައުމުގެ މަޤްޞަދަކީ ކޮބައިބާއޭ ހިތަށް އެރުމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
” ޓެލް މީ… ވިލް ޔޫ މެރީ މީ؟.. ޔެސް؟ އޯ ނޯ؟؟“ ހުޝާމް ޖަވާބެއް ނުދިނުމުން އަނެއްކާވެސް ހާނީ އަހާލިއެވެ.
” ނޯ.. !!! “ މާ ގިނަ އިރެއް ނުވެ ހުޝާމްގެ ޖަވާބު އިއްވާލިއެވެ.
އެ ހިސަބުން ހާނީ ހުޝާމް އާއި ނަޒަރު ވަކި ކޮށްލަމުން އެނބުރި އޭނާގެ ލެޕްޓޮޕް ހުޅުވާލިއެވެ. ހުޝާމް ނޫނެކޭ އެހާ ފަސޭހައިން ބުނެފާނޭ އޭނާގެ ހިތަކަށް ނާރައެވެ. ހިތުގައި ޖެހުނު ނަމަވެސް އޭނާގެ ޢަޒުމަކަށް ގުޑުމެއް ނާދެއެވެ. ހުޝާމްގެ އާނ ބަސް އަވަސް މުސްތަޤްބަލެއްގައި ލިބޭނެކަން ހިތުގައި ކަށަވަރު ކުރަމުން މަސައްކަތްތަކާއިގެން ކުރިޔަށް ދާން ފެށިއެވެ.
*****
ހެނދުނުއްސުރެ ވެހެމުން ދިޔަ ވާރޭ ހުއްޓާލި ނަމަވެސް އުދަރެހުން ފެންނަމުންދިޔައީ ބަނަކަމެވެ. ހިސާބަކަށް ވައިމަޑުވެ އަމާންވުމުން ޒަހުރިއްޔާ ގޯތިތެރެއަށް ނުކުމެ ވިއްސާރައިގެ ސަބަބުން ބިންދައިގެން ގޮސް ވެއްޓިފައިވާ ގަސްތަކުގެ އޮފިތައް ކޮށައި ކުނި ނަގައި ސާފުކުރުމުގައި އަވަދިނެތި އުޅުނެވެ. އޭނާގެ ފަހަތުން ލީމް އާއި އުމައިރްވެސް ގޯތިތެރޭގައި ކުޅެން އުޅުނެވެ. އެއިން އެއްވެސް ކަމަކަށް ޝައުޤުވެެރިކަމެއް ނެތި ޒާނާ ބޭރު ފެންޑާގައި އިން ޖޯލިފަތީގައި އިށީނދެގެން އިނެވެ. އޭނާގެ މޫނުމަތީގައި ތާޒާކަމެއް އާރޯކަމެއް ނެތި ފިކުރެެއްގެ ތެރެއަށް ގެއްލިފައި އޮތެވެ.
ކުނި ކަހައި ސާފުކޮށް ނިންމައި އިލޮށިފައްޗާއި ދަތި ހިފައިގެން ވަދެ ފެންޑާގެ ކަނެއްގައި ބަހައްޓަމުން ޒަހުރިއްޔާ ބަލާލީ ޒާނާއަށެވެ.
“ދަރިފުޅާ އަސުރު ވަގުތުވަނީ.. ހެނދުނު ސައިވެސް ނުބޮމެއްނު.. މެންދުރު ކެއީ އެއް ނޫން… ކިހިނެއްވެފަ ތިއޮތީ ..ބަލީތަ؟” ޒާނާ އާއި މެދު ކަންބޮޑުވެފައި ޒަހުރިއްޔާ ސުވާލު ކުރަމުން އިށީނދެލީ ޒާނާ ކައިރީ އިން ޖޯލީގައެވެ.
” ނޫން.. ބައްޔެއް ނޫން.. ކާހިތެއް ނެތް.. ” ޒާނާ މަޑުމަޑުން ޖަވާބުދިނެވެ.
” ލީމް ސްކޫލަށް ނުފޮނުވީ ކީއްވެ މިއަދު ސްކޫލް ދުވަހެއްނު.. ” ޒަހުރިއްޔާ އަނެއްކާވެސް ކޮއްލީ ސުވާލެވެ.
” ހްމްމް.. ލީމްގެ ޔުނިފޯމްވެސް ނެތް… ރޭވެސް ވިއްސާރަކަމުން އެއްޗެހި ބަލައި ނުދެވުނީމަ … މިއަދު ދެން ގޮސް ގެންނާނީ އެއްޗެހި..” ޒާނާގެ ޖަވާބުން އޭނާގެ މަންމަ ހައިރާންވީ ގެއަށް ދިއުމުގެ ބަދަލުގައި އެއްޗެހި ބަލައިދާ ވާހަކަ ޒާނާ ބުނީމައެވެ.
” ދަރިފުޅު އެނބުރި ގެއަށް ނުދަނީތަ؟ ހުޝާމް އަށް ވެސް ޒާނާ ނެތީމަ އުނދަގޫވާނެއްނު؟ ” ޒަހުރިއްޔާ ހިތުގައިވި ސުވާލު އަނެއްކާވެސް ކޮށްލިއެވެ.
” ހުޝާމް އަކަށް އުނދަގުލެއް ނުވާނެ. ހުޝާމް މަންމަ ހުންނާނާނެ.. ” ޒާނާ ބުނެލިއެވެ.
” ބުނެބަ.. ކިހިނެއްވީތަ ؟ ވީ ގޮތެއް މަންމަ ކައިރީ ބުނަންވީއެއްނު.؟ ” ޒަހުރިއްޔާ ކަންބޮޑުވެ އަނެއްކާވެސް ޒާނާގެ ފަރާތުން އެއްޗެއް އެނގޭތޯ އަހާލިއެވެ.
“ކަމެއް ނުވޭ.. މަންމަ އެކަންޏެއްނު ތި އުޅެނީ މިގޭގަ.. ޒީންވެސް ނެތެއްނު.. އެހެންވެ އަހަރެން އަންނަން ބޭނުންވީމަ ހުޝާމް ބުނީ ދާށޭ.. އޯކޭއޭ .. އަހަރެން ބޭނުން ދުވަހަކަށް މަޑުކުރަންވީއޭ ހަމަ..” ޒާނާގެ ވާހަކަ ޒަހުރިއްޔާއަށް ޤަބޫލު ކުރަން ދަތިވި ނަމަވެސް މޫނުމަތިން އެކަމެއް ނުދައްކައެވެ.
“މަންމަ އެކަނިވެސް ހުރެދާނަން.. އެކަމަކު ދަރިފުޅު ތިހެން އައިސް މިގޭގަ ހުރުން ނުވާނެ ރަނގަޅުކަމަކަށް.. ސަމީރާވެސް އެއްޗެއް ނުބުންޏަސް ހިތްހަމައެއް ނުޖެހޭނެ.. އަނެއްކޮޅުން ޒީނާ ކައިވެނި ނިމެންދެންވެސް ދަރިފުޅު ހުރީ މިގޭގަ.. ސަމީރާ އޭރު ހުރީ އެކަނި..ހިތަށް އަރާނެ ދޯ…” ޒަހުރިއްޔާގެ ކަންބޮޑުވުން ޒާނާއަށް އަންގައިދިނެވެ. ނަމަވެސް ޒާނާ އިތުރު އެއްޗެއް ނުބުނެ އޮތީއެވެ.
“ދެން ދޭ އެއްޗެއް ކާން ތިހެން ނޯވެ.. މަންމަވެސް މިދަނީ ފެންވަރައިގެން ދެން ނަމާދުކޮށްލަން. ” ޖޯލިން ތެދުވެ ހިނގައިގަންނަމުން ޒަހުރިއްޔާ އެދުނެވެ.
” ލީމް… ކޮއްކޮ ގޮވައިގެން ދެން އާދޭ އެތެރެއަށް.. ” ލީމް އަށް ގޮވާފައި ޒަހުރިއްޔާ ގޮސް އޭނާގެ ކޮޓަރިއަށް ވެނެވެ.
ޒަހުރިއްޔާ ދިއުމުން ޒާނާ ދެކުދިން ގޮވައިގެން ކޮޓަރިއަށް ވަދެ ކުދިން ފެންވަރުވާ ރީތިކޮށްފައި ލީޝާއަށް ގުޅާލިއެވެ.
” ލީޝް.. ބިޒީތަ؟ އޮފީހުގަ ދޯ؟ ” ލީޝާ ފޯނު ނެގުމުން ޒާނާ އަހާލިއެވެ. އޭނާގެ އަޑުގައި އެއްވެސް ދިރުމެއް ނެތް ކަހަލައެވެ. ” ޔާހ.. އޮފީހުގަ އަދި.. ފަހެއްގެ ފަހުން ނިމޭނީ .. ޓެލް މި.. ގެއަށް ދާންވީ ދޯ؟ ” ލިޝާ އަހާލިއެވެ.
” އެއްޗެހި ބަލައި ދާން.. ނިމިގެން އަންނައްޗޭ..!! ” ޒާނާ ބުނެލިއެވެ.
” އެއްޗެހި ބަލައި ދާށޭ؟؟ ކިހިނެއްވީ.. ؟ އައި ތޯޓް ޔޫ އަރ ގޮއިންގ ބެކް…!! ނޫންތަ؟” ހައިރާންވެފައި ލިޝާ ސުވާލު ކުރިއެވެ.
” އަދި ޒީންވެސް ނާދޭނު.. މަންމަ އެކަނި ހުރީމަ މަޑުކޮށްލަން އަދި ބޭނުން..އެހެންވެ.” ޒާނާ ވާހަކަ ދެއްކީ ހަމަޖެހިލާފައި ނަމަވެސް އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ހުޝާމް އެންމެ ފަހުން ބުނި ބަސްތަކެވެ. ‘ ދެން ތިތާ އުމުރަށް ހުރޭ…!!’ އެ ބަސްތައް ހިތަށް އެރުމުންވެސް ދެކުދިންނާއެކު އޭނާގެ ދުނިޔެ ފުނޑުފުނޑުވެގެންދާ މަންޒަރު ލޮލަށް ފެންނަމުންދާހެން ހީވިއެވެ.
“އޯކޭ ނިމުނުހާ އަވަހަކަށް ދާނަން.. ސީ ޔޫ..” ލީޝާ ފޯނު ބޭއްވުމުން ޒާނާ ވެސް ދިޔައީ ފެންވަރައި ނަމާދުކޮށްލާށެވެ.
******
މުޅި ދުވަސް ނިމިގެން ދިޔައީ މައިރާއާއި އާއިލާއަށް ހަމަޖެހުމެއް ނުލިބި ހިތާމައިގައެވެ. ޚަބަރުތަކުގެ ފަލަ ސުރުހީތަކުގައި އެކްސިޑެންޓްވި ދެލޯންޗުން ގެއްލުނު މީހުންނާއި ފެނުނު ހަށިތަކުގެ ވާހަކައިން ގިނަ ބައެއްގެ ހިތްތައް ރޮއްވަމުންނެވެ. ފެނުނު ހަށިތަކަކީ ކޮންބައެއްތޯ ކަށަވަރު ކޮށް އެމީހުންގެ އާއިލާތަކަށް އަންގާފައިވާއިރު މައިރާ އަދި ހާދީއަކަށް ރީހާންގެ ޚަބަރެއް ލިބިފައި ނުވެއެވެ. އިރުއޮއްސެން ގާތްވީއިރު ހާދީއާއި މައިރާ އަދި ހަބީބާގެވެސް ކެތްތެރިކަން ކޮޅުން ލާވަރުވިއެވެ. ކެއުމާއި ދިރިއުޅުމުގެ ހުރިހާކަމެއް މަތިން އެކަކުވެސް ހޭވެރިކަމެއް ނުވާފަދައެވެ. އެމީހުންގެ ހާލު އެނގޭ އަވައްޓެރިންނާ ތިމާގެ މީހުން އެގެއަށް އައިސް ވަދެ ނިކުމެ ހަދަމުން ހިތްވަރު ދެމުން ދިޔަ ނަމަވެސް އެންމެންވެސް ތިބީ އުއްމީދު ގެއްލި މޮޅީގެ ކަނޑަކަށް ޢަރަޤުވެފައެވެ. ރީހާނާއިއެކު އެމީހުންގެ ދިރުންވެސް އޮޔާ ބެހިގެން ދިޔަކަހަލައެވެ.
” މަންމާ.. އަނެއްކާ މި އަދުވެސް މި ނިމުނީ.. ރޭވެ އަނދިރިވީ.. ރީހާން ގެއްލުު ފަހުން އެއް ދުވަހަށް ވުރެ ގިނަ ވީ.. ދެން ރީހާން ފެންނާނެތަ…؟ މިހާއިރު ވާއިރު.. މާސިންގާ ބިޔަ ކަނޑުގަ…“ ރޮއެ ރޮއެ އިން މައިރާ ވާހަކަ ދެއްކީ ހަބީބާއާއެވެ. މައިރާގެެ ވާހަކައަށް ދޭނެ ޖަވާބެއް ހަބީބާއަށްވެސް ނޭނގުނެވެ. މައިރާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމަކީ ހަމަ އޭނާގެވެސް ބިރެވެ. ކަނު އަނދީރީގައި ބިޔަ ރާޅުތަކާއި ހަނގުރާމަ ކުރަން އިންސާނަކަށް އޮވެވޭނެ އިރެއް އޭނާއަކަށްވެސް ނޭނގެއެވެ. އެ ޚިޔާލުތައް ހިތުގައި އާވަމުން ދިޔަވަރަކަށް ހިތް ބިރުގަނެ މާޔޫސްވުން ނޫން ކަމެއް ނުކުރެވެއެވެ.
”ދަރިފުޅާ .. މައިރާ.. ކޮންމެ ކަމަކަށް ވެސް ކުޅަދުންވަންތަ އިލާހަށް ދަންނަވާ.. ރީހާން ހެޔޮ ޙާލުގައި ލައްވާތޯ.. ދުޢާ ކުރޭ.. “ މޮޅަށް ދެނެވޮޑިގެންވާ ފަރާތަށް ވަކީލު ކުރަމުން ހިތުން ދުޢާ ކުރަމުން ހަބީބާ މައިރާއަށް ވިސްނައިދެވޭތޯ ބެލިއެވެ.
”އައްސަލާމް ޢަލައިކުމް..“ ދޮރުމައްޗަށް އެރި މީހަކު ސަލާމް ގޮވާލުމުން ހާދީ ނުކުމެ ބަލާލިއިރު އޭނާގެ އެކުވެރިޔާ ޙަމީދެވެ.
”ވަޢަލައިކުމުއްސަލާމް.. ހަމީދު އާދޭ .. އިށީނދޭ..! “ ކުރިމަތީގައި ހުރި ސޯފާއަށް އިޝާރާތް ކޮށްލަމުން ހާދީ ވެސް ސޯފާގައި އިށީނެވެ.
”އިތުރު ޚަބަރެއް ނުލިބޭތަ ޙަމީދު؟.. “ ހާދީ ގެ މާޔޫސްކަން އޭނާގެ އަޑުން ވެސް އެނގޭހާވެއެވެ.
” އަދިވެސް ރީހާންއާއެކު ހަތަރު މީހަކު ނުފެނޭ.. މީހުން ހޯދަން ކެނޑިނޭޅި މަސައްކަތް އެބަ ކުރޭ.. މިއަދު ހެނދުނަށް ވުރެ މިހާރު ކަނޑުވެސް މަޑު.. ވާރޭވެސް ހުއްޓާލައިފި.. އުއްމީދު ކުރަނީ ދެން މީހުން ހޯދުމުގެ މަސައްކަތް ފަސޭހަވާނެކަމަށް.. މީ ވަރަށް ހިތާމަވެރި ހާދިސާއެއް.. އަހަރެންގެ އަންހެނުންގެ ތިމާގެ ކުއްޖަކުވެސް ނުފެނޭ.. ނިޔާވި ތިން މީހުންނަކީވެސް އެހެން ރަށްރަށު މީހުން..އެމީހުންގެ ޢާއިލާތަކަށްވެސް ލިބުނު ބޮޑު ހިތާމަވެރިކަމެއް .. “ ޙަމީދު ކިޔާދިނެވެ.
” ހްމްމް …އެންމެންވެސް ހެޔޮ ހާލުގަ ފެނޭތޯ ދުޢާއަކީ.. އެކަމަކު ދެ ލޯންޗް ޖެހުމުން މީހުންނަށް ލިބުނު އަނިޔާތަކެއްވެސް ނޭނގޭތީ ދޯ..!!“ ހާދީއަށް ހިންދިރުވާލެވުނެވެ.
”އިލްހާމަށް އެނގޭތަ؟؟..“ ހަމީދު ސުވާލު ކުރީ ރީހާން ބައްޕައަކީ ހަމީދުވެސް ކޮންމެވެސް ވަރަކަށް ދަންނަ މީހަކަށް ވުމުންނެވެ.
އާނ.. ގުޅިން އިލްހާމަށް.. އެކަމަކު އަސްމާ… ރީހާންގެ މަންމައަކަށް އަދި ނޭނގެ.. އިލްހާމް ބޭނުން ނުވީ އިހަށް އަދި ހަބަރެއް ނުލިބެނީސް ބުނަން..“ ހާދީ ޖަވާބު ދިނެވެ.
******
އޮފީސް ނިންމައި ގެއަަށް ދިޔަގޮތަށް ހެދުން ވެސް ބަދަލުނުކޮށް ހުޝާމް އެނދުގައި އޮށޯވެ އޮތީ ހާނީ ދެއްކި ވާހަކަތަކާމެދު ވިސްނާށެވެ. ’ވިލް ޔޫ މެރީ މީ‘ އޭނާގެ ސިކުނޑީގައި ހާނީގެ އަޑުން އެ ޖުމްލަ ތަކުރާރުކޮށް އިވެމުން ދިޔައިރު ހިތަށް ސިފަވަމުން ދިޔައީ ހާނީގެ ސޫރައެވެ. އޭނާގެ ދޮން މޫނާއި ބުޅި އިސްތަށިގަނޑެވެ. ހިތްތަށް ކަތިލާފަދަ އެ ރީތި މަޑު ފިޔާތޮށިކުލައިގެ ތުންފަތެވެ. އެއީ އެ ސޫރައެއް އޭނާގެ ހިތުގައި ފުރަތަމަ ފަހަރަށް ރަނިކަން ކުރި ފަތްމިނި ކަމަނާއެވެ. ސްކޫލް ނިމުނު އަހަރު އެ ދެމީހުންގެ ލޯބީގެ ބިންގާއެޅީ ފޮނި އުއްމީދުތަކަކާއެކުއެވެ. ހާނީގެ ލޯތްބަށްޓަކައި ދީވާނާއެއްފަދައިން ހުޝާމް އުޅެމުން ދިޔައިރު ހާނީވެސް އެފަދައެވެ. އެ ދުވަސްތަށް ހަނދާންވުމުން ހުޝާމްގެ ހިތުގައި ވަޅުލާފައި އޮތް ލޯތްބަށް އަލުން ދިރުމެއް ދޭން ބޭނުންވާ ފަދައިން ހާނީގެ ވާހަކައާމެދު ވިސްނަން އޮތެވެ.
ޢިޝާ ނަމާދަށް ބަންގި ގޮވުމުން ތެދުވެ ފެންވަރައި ރީތިވެލައިގެން ހުޝާމް ނުކުތީ މިސްކިތަށް ދާށެވެ. އޭރު ސަމީރާވެސް ގޭތެރޭގައި އުޅެފައި ނަމާދު ކުރަން ކޮޓަރިއަށް ވަނީއެވެ. ހުޝާމް ގެ ގެއަކީ އިތުރު ބަޔަކު އުޅޭ ގެއަކަށް ނުވުމުން ގޭގެ ދޮރު ތަޅުލާފައި ނުކުމެ ސައިކަލަށް އަރައި މިސްކިތަށް ދާން މިސްރާބުޖެހިއެވެ. ވިއްސާރައިގެ އަސަރުފަނޑުވަމުން މަދުން ނަމަވެސް ތަރިތައް އުޑުގައި ފިޔަޖަހަމުން ދިޔައިރު ފަޒާގައި ވައިރޯޅިތަކާއެކު ތެތް ފިނިކަމެއް ވެއެވެ.
ނަމާދުން ފައިބައިގެން ހުޝާމް ގެއަށް އައިސް ސަމީރާ ކޮބައިތޯ ބަލާލިއެވެ. މެންދުރު ނުކައި ހުރުމުން ހައިވެފައި ކާނެ އެއްޗެއް ހުރިތޯ ބަދިގެއަށް ވަދެ ބަލާލިއެވެ.
”ދަރިފުޅާ ކާން ހަދަން ވީތަ؟ “ ހުޝާމް ފަހަތުން ގޮސް ބަދިގެއަށް ވަންނަމުން ސަމީރާ އަހާލިއެވެ.
” އާނ.. ވަރަށް ބަނޑުހައި.. “ ކާ މޭޒު ކައިރީ ގޮނޑިއެއް ގައި އިށީންނަމުން ހުޝާމް ބުނެލިއިރު ސަމީރާ ތަށި ނަގައި މޭޒުމަތީ ބެހެއްޓިއެވެ. އަލުވި ރިހައާއި ރޮށި ގާތް ކޮށްލަމުން ފެން ތައްޓެއް އަޅާފައި ހުޝާމް ކައިރީ ބެހެއްޓިއެވެ.
” މަންމަ މި އުޅެނީ ހޮސްޕިޓަލަށް ދާން.. ސާއިމާ ބޮޑުދައިތަ ބަލިވެގެން އެޑްމިޓް ކޮށްފަ އޮތީ.. “ ސަމީރާ ބުނެލިއެވެ.
” އެހެންތަ؟. .. ކިހިނެއްވީތަ މާ ބޮޑަށް ބަލިވީތަ؟ “ ހުޝާމް އަހާލިއެވެ.
” އާނ.. މިހާރު ދެން ވަރަށް ބަލިކޮށް އުޅެނީ.. އެގޭ ހަމްރާ އެކަނި މި ކޮޅުގަ ހުރީ.. ދެން ހުރިހާ ވަގުތަކު ހޮސްޕިޓަލުގަ ނުވެސް ހުރެވޭނެއްނު.. އެހެންވެ މަންމަ މިރޭ މަޑު ކުރާނަމޭ ބުނިން.. މަންމަ ދެން އަންނާނީ ހެނދުނު ހަމްރާ ދިޔައިމަ.. “ ސަމީރާ ކިޔައިދިނެވެ.
”އޯކޭ މަންމަ ދޭ.. އަހަރެން ދެން ތަށިތައް ނަގާފަ ދޮވެލާނަން .“ ހުޝާމް ބުނެލުމުން ސަމީރާ ނުކުމެެގެން ދިޔައީ ތައްޔާރުވެލާށެވެ.
ކައި ނިންމައި ތަށިތައް ނަގާފައި ހުޝާމް ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށް ސޯޓެއް ލައިގެން އައިސް ބޭރު ސޯފާގައި އިށީނދެ ޓީވީ އަޅުވާލިއެވެ. ޓީވީ ބަލަމުން ފޯނާ ކުޅެމުން ސޯފާގައި އޮށޯވެ ހަމަޖެހިލިއެވެ.
” ދަރިފުޅާ މަންމަ ދަނީ އިނގޭ.. ޓެކްސީ އަށް ގުޅައިފިން.. “ ސަމީރާ ބޭރަށް ނިކުންނަން ހިގައިގަންނަމުން ހުޝާމް ކައިރީ ދާ ވާހަކަ ބުންޏެވެ. ސަމީރާ ދިއުމުން ދޮރު ތަޅުލާފައި ހުޝާމް އަނެއްކާވެސް ސޯފާގައި ޖައްސާލިއެވެ.
******
” އަމް ސޯ ސޮރީ.. ފަހެއް ޖަހާއިރު ނިމޭނެކަމަށް ހީކޮށް ހުއްޓާ ފަހެއް ޖެހި އިރު އިތުރު މަސައްކަތްތަކެއް އާރޖެންޓްކޮށް ނިންމަން ޖެހުނީ.. ވަރަށް ލަސް ވެއްޖެ ދޯ..؟ ނުވައެއް ވެސް ޖެހީ..“ ގެއަށް ވަދެގެން ދިޔަ ލީޝާ ކަރުއެލުވާލަމުން ޒާނާ އަށް ވީގޮތް ކިޔާދިނެވެ. ހުޝާމް ގެއަށް ހަވީރު ދާން ނިންމައިގެން ޒާނާ ހުރީ ލީޝާއާއި އެކުގައި ކަމުން އޭނާ ހުރީ އިންތިޒާރުގައެވެ. ކޮންމެހެންވެސް ލީމްގެ ސްކޫލް ޔުނިފޯމް ނަގަން ދާންޖެހޭތީއެވެ.
”އޯކޭ އޭ.. އެނގޭ ލަސްވީމަ ބިޒީވީމަ ކަން.. އުމީ އާއި ލީމް ގޮވައިގެން ދާން އަސްލު ހަވީރު ދާން އުޅުނީ.. ބައްޕި މިސްވެގެން ދެކުދިން އުޅޭތީ.. “ ޒާނާ ހިނިތުންވެލަމުން ކިޔާދިނެވެ.
” ނިދާފި ދޯ ކުދިން ކޮޅު.. އަޅޭ.. ދެން ކިހިނެއް .. “ ލީޝާ އަނެއްކާވެސް ކަރު އެލުވާލަމުން އަހާލިއެވެ.
”އޯކޭ ވާނެ ދެން މިރޭ ހިނގާ.. ޔުނިފޯމް ގެންނަން ޖެހޭ އެބަ. މިއަދުވެސް ލީމް ސްކޫލަށް ނުފޮނުވުން އެ ނެތީމަ.. އަންނާނަން ވަރަށް އަވަހަށް ހެދުން ޗޭންޖް ކޮށްގެން…ދޭ މަންމަ ކައިރީ ބުނެލަން.. އޭރުން މަންމަ އަށް ހުރެވޭނެ ލީމް މެން ކައިރީ..“ ޒާނާ އަވަހަށް ތައްޔާރުވެލަން ދަމުން ބުނެލުމުން ލީޝާ އާނއެކޭ ބުމެފައި ޒަހުރިއްޔާ ކޮޓަރިއަށް ދިޔައެވެ.
******
ދޮރުގައި މީހަކު ޓަކި ޖަހާލުމުން ސޯފާގައި އޮތް ހުޝާމް ތެދުވެ ދޮރު ހުޅުވާލީ ކާކުތޯ ބަލާށެވެ. ނަމަވެސް އޭނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ދޮރުމަތީ ހުރި ހާނީ ފެނުމުން އޭނާގެ ސިކުނޑި ސުމަކަށް ދިޔަހެން ހީވެއެވެ. ހުދު ކުލައިގެ ކުރު ޓޮޕެއްގައި ޑެނީމް ޖީންސެއްލާފައި އޭނާގެ ބުޅި އިސްތަށިގަނޑު މިނިވަންކޮށް ދޫކޮށްފައި އޮތް އިރު އެ ދޮން މޫނު ހުޝާމްގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ.
”ހާނީ…؟ “ ހުޝާމަށް ޔަޤީން ކުރަން ދަތިވުމުން އަހާލިއެވެ. ގަޑިން ދިހައެއް ޖަހަން ކައިރިވެފައި ވީއިރު ހާނީ އާއެކު އިތުރު މީހަކު ނެތެވެ. އޭނާގެ ކާރު ގޭ ދޮރުމަތީ މަގުގައި ޕާކް ކޮށްފައި އޮތުމުން ހުޝާމަށް ހާނީ އައީ އެކަނިކަން ވިސްނުނެވެ.
” ވޯންޓް ޔޫ އިންވައިޓް މީ އިން.. ؟“ ދޮރުމަތީ ހުއްޓި އާގަމަ ވެފައި އިން ހުޝާމްގެ މޫނަށް ބަލާލަމުން ހިނިތުންވެލަފައި ހާނީ އަހާލިއެވެ. ހާނީއަށް އެގެއަށް އަންނަން ކެރުނީ ކިހިނެއްބާއޭ ހުޝާމް ހިތަށް އެރިއެވެ.
”ހެލޯ…! ދެން ހަމަ މިތާ ބޭރުގަތަ ބަހައްޓާނީ؟؟.. ކޮބާ މަންމަ .. މިއައީ ހުޝާމް މަންމައަށްވެސް ފެނިލަންވެގެންނޭ… މިހާރު ހަނދާންވެސް ނުހުންނާނެ ދޯ … އިޓްސް ބީން އަ ޑިކޭޑް ވިއްޔަ..!! “ ގެއްލިފަ ހުރި ހުޝާމްގެ މޫނާ ދިމާއަށް ހަނާ އަޅަމުން ހާނީ ވާހަކަ ދައްކަން ފެށިއެވެ. އަދި ހުޝާމް ގެ ކޮނޑުގައި ޖެހިގަންނަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.
ގޭތެރެއަށްވަދެ ވަށައިގެން ހޯދާލަމުން އެނބުރި ހުޝާމަށް ބަލާލަމުން ހާނީ ހިތުންވެލިއެވެ. އޭރު ހުޝާމް ދޮރު ލައްޕާލި ނަމަވެސް ދޮރު ތަޅުނުލައި ދޮރު ކައިރީ ހުއްޓި ހާނީއަށް ބަލަން ހުރީއެވެ.
” ވާއު… ޔޫ އަރ ސްޓިލް ސޯ ހޮޓް.. “ ހުސް ގަޔާ ހަމައެކަނި ސޯޓެއް ލައިގެން ހުރި ހުޝާމަށް އޭނާއަށް ހުރެވުނު ގޮތްވެސް ރޭކާލީ ހާނީ ބަލަން ހުރެ ބުނި އެއްޗަކުންނެވެ.
”ކީއްކުރަން ތިއައީ މިގެއަށް؟..“ ހުޝާމް ސުވާލުކޮށްލިިއެވެ.
” މި ބުނީނު .. ހުޝާމް މޯމްއާ މީޓްކޮށްލަން.. ބައި ދަ ވޭ.. ވެއަރ އިޒް ޔުރ ވައިފް.. އައި ވޯޒް ހޯޕިންގ ޓު ސީ ހާ ޓޫ..؟ އެކަމް މިގޭގަ ނެތެއްނު ތިނޫނިއްޔާ ދިރިހުރި ފުރާނައެއް؟ “ މީހެއްގެ ހިލަމެއް ނުވުމުން ހާނީ ސުވާލު ކޮށްލިއެވެ.
”މަންމަ ނެތް ގެއަކު.. ހާނީ ބައްދަލު ކުރަން ޖެހޭ މީހަކު މިގެއަކު ނެތް.. ޔޫ ކޭން ލީވް…!!“ ހުޝާމް ދޮރު ހުޅުވާލަމުން ދާން ތަން ދައްކާލަމުން ބުންޏެވެ.
” އެހާ އަވަހަށް ފޮނުވާލަން އުޅެނީއްޔޯ..؟ އެހެން މީހަކު ނެތިއްޔާ ހުޝާމް ތިހުރީއެއްނު.. “ ހުޝާމް ދޮރު ހުޅުވާލުމުންވެސް ހާނީ ދާކަށް ޚިޔާލެއް ނުކޮށް ގޮސް ސޯފާގައި އިށީނުމުން ހުޝާމް ދޮރު ލައްޕާލައި ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ޓީ-ޝާޓެއް ލާށެވެ.
ހުޝާމް ދިއުމާއެކު މަޑުމަޑުން ތެދުވެ ގޭތެރެ ހޯދަމުން ފަހަތުން ހާނީވެސް ގޮސް ކޮޓަރި ދޮރާ ހަމަކުރިއެވެ. އަވަސް އަރުވާލަމުން ކޮޓަރިއަށް ވަން ހުޝާމް ހުރީ ދޮރުވެސް ނުލައްފައެވެ. އަވަސް ކުރަން އުޅެގެން ކޮޓަރީގައި ދިއްލާފައި އޮތް ނިދާބޮކި ނޫން ބޮތްކެއްވެސް ދިއްލަން ނޫޅެ ދިޔަ ގޮތަށް ހެދުން އަލަމާރި ހުޅުވާލަމުން ޓީޝާޓެއް އަތުގައި ޖެހޭތޯ ބެލިއެވެ. ނަމަވެސް އޭނާގެ މުޅި ހަށިގަނޑަށް ނޭނގޭ ހޫނެއް ވެރިވެގެން ދިޔައީ ފަހަތުން ދިޔަ ހާނީ މަޑުމަޑުން ގޮސް ހުޝާމްގެ ފުރަގަހުން އޭނާގެ ގައިގައި ބައްދާލުމުންނެވެ.
*******
”ލީޝް މަޑުކޮށްލާ ކާރުގަ.. ވަރަށް އަވަހަށް އެބަ އަންނަން އެއްޗެހި ނަގައިގެން.. “ ލީޝާއާއި އެކު ކާރުގައި ހުޝާމް ގެއަށް ދެވުމުން ޒާނާ ބުނެލިއެވެ.
”ޕެކް ކުރަން ހެލްޕް އެއް ބޭނުމެއްނޫންތަ؟ “ ލީޝާ އުޅުނީ ޒާނާއާއެކު ދާން ނަމަވެސް ޒާނާ ބޭނުންވީ ލީޝާ މަޑުކުރާށެވެ.
އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައީ ހުޝާމް އޭނާ ދިއުމުން ބުނާނެ އެއްޗެއް ހިތަށް ނުގެނެވުމުންނެވެ. އޭނާގެ ސޫރަވެސް ދެކެން ހުޝާމް ބޭނުން ނުވާކަން ޔަޤީންވާތީއެވެ. އަނެއްކޮޅުން ސަމީރާގެ ސުވާލުތަކަށް ވެސް ޖަވާބު ދޭން ޖެހޭނެކަން ހިތަށް އައުމުން ދެއަތް ދެއަތާ މޮޑެލަމުން ހާސްކަމާއެކު ކާރުން ފައިބައިގެން ހިނގައިގަތީ ގެއަށް ވަންނާށެވެ. ގޭ ދޮރުމަތީ ޕާކް ކޮށްފައި އޮތް ހުދު ކުލައިގެ ކާރު ފަސްކޮށްފައި ދިޔައިރު އޭނާގެ ސިކުނޑިއަކަށް އެއީ ކޮން ކާރެއް ކަން ވިސްނާކަށް ފުރުސަތެއް ނުދެވުނީ ހާސްވެފައި ހުރިވަރުންނެވެ.
ދޮރު ހުންނާނީ ތަޅުލާފައޭ ހިތަށް އެރިނަމަވެސް އޭނާ ޓަކި ޖެހުމުގެ ބަދަލުގައި ތަޅުގައި ހިފައި އަނބުރާލިއެވެ. ނަސީބު ރަނގަޅުކަމުން އެ ދޮރު ހުރީ ތަޅުނުލައެވެ.ގޭތެރެއިން މީހަކު ފެންނަން ނެތުމުން ސަމީރާ ވާނީ ކޮޓަރީގައޭ ހީކޮށްފައި މަޑުމަޑުން ދޮރު ލައްޕާލައި ޒާނާ ހިނގައިގަތީ ހުޝާމްގެ ކޮޓަރިއަށްދާށެވެ. ކޮޓަރި ދޮރު ހުރީ ހުޅުވާފައި ކަން އެނގުމުން ޒާނާ ހައިރާންވީ އޭސީގެ ފިނި ބޭރުވަމުން ދިޔައިރުވެސް ހުޝާމް ދޮރު ނުލައްޕާ ހުރީމައެވެ. ކޮޓަރިތެރޭ ދިއްލާފައި އިން ނިދާ ބޮކީގެ ފަނޑުއަލިކަން ފެނުމުން ހުޝާމް ނިދަން ތައްޔާރުވަނީއޭ ހީކޮށްފައި މަޑުމަޑުން ދޮރުމަތީ ހުއްޓިލައި ކޮޓަރިތެރެއަށް ރަނގަޅަށް ނަޒަރު ހިންގާލުމާއެކު ޒާނާގެ ދެލޯ ބޮޑުވެ އަނގަމަތީ އަތް އެޅުނީ އޭނާގެ ލޮލަށް ފެނުނު މަންޒަރު ޔަޤީން ނުކުރެވުމުންނެވެ.
ކޮޓަރިތެރޭ ހުރީ ހުޝާމެވެ. އޭނާގެ ކުރިމަތީ ހުއްޓި ހުރީ ޒުވާން އަންހެން ކުއްޖެކެވެ. ދެ މީހުން ތިބީ ނުހަނު ގާތުގައެވެ. އެ އަންހެން ކުއްޖާގެ ދެއަތުން ހުޝާމްގެ މޫނުގައި ހިފަހައްޓާލައިގެން ދެ މީހުންގެ ނޭވާ އިހުސާސްވާހާ ގާތުގައި ތިބި އިރު ހުޝާމް ހުރީ ނިދަން ލާ ސޯޓުގައި ހުސް ގަޔާއެވެެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



mi part ves v reethi masha allah
curiously waiting for next part
keep it up
naa and reehan gulhuvachey
they both are made for each other
reehan ah dhera gotheh nuhadhachey
v intresting story eh
v kiyaala hithun kiyani
i appreciae your hard work
love you fav author
Thank you cutie girl
Hushaam and Zaana gulhuvaba. And reehaan and maira 😭
Aharen ves beynun vani mi goi…lets wait
Husham zaana ah maaf kureema dho vaanee..🙂 lets see what he does .