ހަނދުވަރު ދިން އެރޭ …12
ހަނދުވަރު ދިން އެރޭ … 12
” ނާ.. އައި ވޯންޓް ޓު ޝޯ ޔޫ ދިސް.. “ ރީހާން ފޯނު ހުޅުވާލަމުން ޒާނާއަށް ބުނެލިއެވެ.
” މީ ރީނާ.. އަހަރެންގެ ހަނދު.. މައި ޑޯޓާ.. “
ފޯނުގައި އިން އޭނާގެ ކުޑަ ދަރިފުޅުގެ ފޮޓޯއެއް ދައްކާލަމުން ރީހާން ޒާނާއަށް ބަލާލިއެވެ. ” ވ ލޯބި.. ދެ ކުދިން ލިބިއްޖެ ދޯ ރީހާނަށްވެސް.. “ ޒާނާ ހިނިތުންވެލަމުން ރަނގަޅަށް އެ ފޮޓޯ ބަލާލިއެވެ. ” ކިތައް އަހަރު ވެއްޖެ؟ “ ޒާނާ އަހާލުމުން ޖަވާބުގައި ރީހާން ހަތަރު އަހަރޭ ބުނެލިއެވެ. ” އުމައިރް އަށް ދެ އަހަރު.. ލީމް އާއި އެކު ހުއްޓާ ފެނުނު ދޯ؟ “ ޒާނާ ވެސް އޭނާގެ ދަރިފުޅުގެ ވާހަކަ ބުނެލުމުން ރީހާން ބޯ ޖަހާލިއެވެ. ” ލީމް ހީވަނީ ނާގެ ކޮޕީއެއް ހެން.. ވ ވައްތަރު.. “ ރީހާން ހެވިފައި ޒާނާއަށް ބަލާލަމުން ބުންޏެވެ. ދެ މީހުން އެކުގައި ވާހަކަ ދައްކަމުން ހިނގަމުން ގޮސް މަޑުކޮށްލާފައި ރީހާން ދޮންވެލި ގޮނޑުދޮށުގައި އިށީނދެލިއެވެ. ” އާދޭ އިށީނދެލަން..“ ރީހާންގެ ގާތުގަައި އިށީނދެލަން ތަން ދައްކާލުމުންވެސް ޒާނާ ހުއްޓިގެން އިރުކޮޅަކު ހުރީއެވެ. ” ކުޑަ އިރުކޮޅަކަށް .. ދެން ދިމާވާނީއެއް ނޫން.. “ ރީހާން ދެވަނަ ފަހަރަށް އެދުމުން ޒާނާވެސް ދޮންވެލިގަނޑުމަތީ ރީހާންއާއި ކުޑަކޮށް ދުރުގައި އިށީނދެލިއެވެ.
ހަމަ ހިމޭން ކަމުގެ ތެރެއިން އިވެމުން ދިޔައީ ރާޅުތަކުގެ މިއުޒިކެވެ. ހަނދުގެ ރިހި އަލި މޫދުގެ ލޮނުގަނޑުގައި ވިދަމުން ދިޔައިރު އެ މަންޒަރު ބަލަން ހިމޭންކަމާއެކު ދެ މީހުންވެސް އިރުކޮޅެއްވަންދެން ތިބީއެވެ. ” މި ރޭ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. މި ރީތި ރޭ މި ވީ އަހަރެމެންގެ ވަކިވުމުގެ ވަގުތައް.. ތަޤުދީރުގައި އަހަރުމެންނަށް ލިބެން އޮތް މިންވަރު މީ ދޯ.. ނާ އަށް އެނގޭތަ މިރޭ އަހަރެން މިތަނަށް މި އައީ އެންމެ ފުރަތަމަވެސް ދިމާވި ރޭ ފަދައިން ނާގެ ފްރެންޑްގެ ގޮތުގަ.. އެކަމަކު މިރޭ އަހަންނަށް މި ޖެހުނީ އެ ރަޙުމަތްތެރިކަންވެސް މި ރީތި ތުނޑީގައި ވަޅުލާފައި ދާން.. އަހަރެން މަތިން ހަނދާން ނައްތާލާނީތަ ހަމަ ދެން؟ .. “
ދުރު ދުރުން ފެންނަން އޮތް ކަނޑުގެ ބާނިތަކަށް ބަލަން އިން ރީހާންގެ ހިތުގައި ވީ ވޭނުގެ އަޑު ޒާނާގެ ހިތަށް ފޯރި ނަމަވެސް އޭނާ އަށް އެނޫން ގޮތެއް ނެތީއޭ ހިތާ ހިތުން ކިޔާލިއެވެ. ” ހަނދާން ނެތޭނެތަ؟.. ހީވޭތަ ހަނދާން ނެތޭނެހެން؟؟ “ އޭނާގެ ލޮލަށް ޖަމާވި ކަރުނަތައް ފޮރުވަމުން ޒާނާ ކޮށްލީ ސުވާލެވެ. ރީހާން ޒާނާއަށް ބަލާލީ އޭނާގެ ލޮލުގައި ފޮރުވިފައިވާ އިހުސާސްތައް ޒާނާއަށް ފެންނާނެ ފަދަ ފުން ނަޒަރަކުންނެވެ.
” އަހަރެން ހަނދާން ނައްތާ ނުލައްޗޭ..! ވާހަކަ ނުދެއްކިޔަސް ގުޅުމެއް ނެތަސް … މި ހަނދަކީ އަހަރުމެންގެ އެކުވެރިކަމުގެ ރަމްޒު ކަމުގައި ހީކޮއްލާ… ހީކުރަން ނާ އަހަރެން މަތިން އެއްކޮށް ހަނދާން ނައްތާ ނުލާނެ ކަމަށް .. އަހަރެން އެދެނީ ނާ އަށް އުފާވެރި ޙަޔާތެއް. އަހަންނާ އެކުގައި ނޫނަސް ކޮންމެ ތާކު ހުއްޓަސް އުފަލުގަ ހެޔޮޙާލުގަ ހުރުން އެއީ އަހަރެންގެ ދުޢާ… ދެން ހިނގާ ދޯ ދާން.. މިހާރު ނާ ނުފެނިގެން ޒީނާމެން އުޅޭނެ ދޯ.. “ ރީހާން އިސްޖަހާލީ އޭނާގެ ހިތާމަތައް ފޮރުވަމުން ހިނިތުންވެލަމުންނެވެ.
”ހްމްމް.. އަހަރެންވެސް އެދެނީ ރީހާނަށް އުފާވެރި ދިރިއުޅުމެއް.. ދެން ހިނގާ ދާން.. “ ޒާނާ އާއެކޭ ބުނެލުމުން ރީހާން ތެދުވެ ވެލި ފޮޅާލަމުން ޒާނާއާއި ދިމާއަށް އެނާގެ އަތް ދިއްކޮށްލިއެވެ. ރީހާންގެ އަތުގައި ހިފާލަމުން ޒާނާ ތެދުވިއެވެ. ” މީ ވަދާޢީ ސަލާމް ދޯ.. އެކަމަކު އަހަރެން ހީކުރަން މީ އުފާވެރި ވަކިވުމެއް ކަމަށް .. ނާ ..! ކިތައްމެ ދުވަހެއް ފަހުންވެސް އަހަންނާ ވާހަކަ ދައްކާފަދަ ހާލަތެއް އަތުވެއްޖެއްޔާ އަހަރެން ހުންނާނަން..ހީކުރަން ނާ އަހަރެން މަތިން ހަނދާން ހުންނާނެ ކަމަށް …“ ޒާނާގެ އަތުގައި ހިފަހައްޓައިގެން ހުރެ ރީހާން ޒާނާގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. ޒާނާވެސް އޭނާގެ ހިތުގައި ވާ ހިތާމަތައް ހިނިތުންވުމަކުން ފޮރުވާލައި ހިނގައިގަތީ އޭނާއާއި ރީހާންގެ ’ޗެޕްޓަރ‘ އެހިސާބުން ނިންމައި އެއީ އޭނާގެ ޙަޔާތުގައި ހަނދުވަރު ދިން ރެއެއް ގެ ގޮތުގައި ހިތުގެ ކަނެއްގައި ރައްކާކުރަމުންނެވެ.
ދެމީހުން އެކުގައި ހިނގާލާފައި ގޮސް ވަކި ހިސާބަކުން ރީހާން މަޑުކޮށްލީ ޒާނާ އަށް މީހުން ތިބި ހިސާބަށް ފޯރަންދެންނެވެ. ދެމީހުން އެކުގައި ފެނިއްޖެއްޔާ ކޮންމެ މީހަކުވެސް ސުވާލު ކޮށްފާނެތީއެވެ.
” ކޮންތާކަށް ދިޔައީ.. މެސެޖް ވެސް ކުރިން.. ގެއަށް ދާންވެގެން ގުޅިން.. “ ޒާނާ ފެނުމުން ލީޝާ ކަންބޮޑުވެފައި ސުވާލު ކޮށްލުމުން ޒާނާ އަށް ފޯނަށް ބަލާލެވުނެވެ. ” އޯހ.. ސޮރީ ސައިލެންޓަށް ލެވިފަ ފޯނު އޮތީމަ ނޭނގުނީ.. އެއްކޮށް ނިމުނީ ދޯ.. “ ޒާނާ ހަމަޖެހޭ ގޮތް ދައްކާލަމުން ވަށައިގެން ބަލާލި އިރު މޭޒެއް ކައިރީ ޒީނާ އާއި ޝަޔާން ކާން އިށީނދެގެން ތިއްބެވެ. ނިހާން އާއި ސަމާހައި ސާއިމް އެކުގައި ޕާރޓީއަށް ބޭނުން ކުރި ތަކެތި އެއްކުރަމުން އެތަކެތި ގެންދަން ޕިކަޕް ތަކަށް ލަމުން ގެންދިޔައެވެ . އެތަނުގައި އިތުރު ބައެއް މީހުންވެސް އެމީހުންނަށް އެހީވުމުގައި އުޅުނެވެ. ” ހްމްމް.. ނިމުނީ.. ޒީން އުޅުނު ސިސް ނުފެނިގެން .. މާ ދުރު ދުރުންނޯ އުޅެނީ ކިޔާ ޝަކުވާވެސް ކުރި… ލީމް މެންވެސް މާ އަވަހަށޯ ފޮނުވާލީ.. ބުނެބަ.. ކޮންތާކުން ތި އައީ .. އެވެސް އަދި އެކަނި.. “ ލީޝް ޝަކުވާ ކުރަމުން ޒާނާއަށް ބަލާފައި ވަށައިގެން ހޯދާލިއެވެ. އޭރު ރީހާން އަންނަތަން ލީޝްއަށް ފެނުނެވެ. ” މިވެސް ޔާން ގެ ފްރެންޑެއް ތަ މި އުޅެނީ.. މިރޭ ލަވަ ވެސް ކިއެއްނު..؟ މިތާ އުޅުނު ކޮންމެވެސް ދެމީހަކު ވަރަށް ގިނައިން އޭނަގެ ފޮޓޯނަގަން ވެސް .. ހީވީ އޭނަ އުޅޭ ނޫޅޭ ގޮތް ބަލަން ޕާރޓީއަށް އައިސް އުޅުނު ބައެއްހެން ..“ ކުރިން ރީހާން އާއި ދިމާވެފައި ނެތުމުން ލީޝްއަކަށް އެއީ ރީހާންކަން ނޭނގޭތީ ޱޒާނާ އާއި ސުވާލުކޮށްލިއެވެ. ”އޯހ އެހެންތަ.. ނޭނގެ.. ވެދާނެ އެއްނު ލީޝްއަށް ހީވިގޮތަކަށް .. “ ޒާނާ ބެލީ ރީހާން ކާކުކަން ލީޝްއަށް ނާންގަައި ވޭތޯއެވެ.
”ހްމްމް.. ވެދާނެ.. ދެން ދާން ވީ ދޯ.. “ ލީޝް އާއި އެކު ޒާނާ ގޮސް ޝަޔާންމެންގެ ކައިރީ މަޑުކޮށްލަމުން ޒީނާއަށް ބަލާލައި ހީލިއެވެ. ” ޓަޔަރޑް ވެއްޖެ ދޯ.. “ ޒާނާ ސުވާލު ކޮށްލަމުން ޒީނާ ކައިރީ ގޮނޑިއެއް ކައިރިކޮށްލަމުން އިށީނެވެ. ” ހްމްމް.. ވ ޓަޔާޑް .. މިހާ ވަރުބަލިވާނެ ކަމަކަށް ހިއެއް ނުކުރަން.. ހީކުރި ވަރަށް ވުރެ މާ ގިނަ މީހުން އައިމަ އެހާ ގިނަ އިރު ކޮޅަށް ހުންނަން ޖެހުނީ.. “ ކައި ނިމުމުން ފުން ނޭވާއެއް ލާފައި ޒީނާ ޖަވާބު ދިނެވެ. ޝަޔާން ކައިރީގައި ހުރުމުން އޭނާ އަހަން ބޭނުންވެގެން ހުރި ރީހާންގެ ވާހަކަ ފަހަށް ބާއްވަމުންނެވެ.
” ޔާން.. އަހަރުމެން ދެން މި ދަނީ ގެއަށް .. މިހާރު ހުރިހާ އެއްޗެއްވެސް ޕިކަޕަށް ލާ ފޮނުވާލެވުނީ.. ދެން މިރޭ ދިމާއެއް ނުވާނެ.. އަހަރުމެން ފަތިހު ފުރުން އޮތީ“ ނިހާންގެ އަޑަށް ޝަޔާން ތެދުވެލައި އޭނާގެ ކޮނޑުގައި ޖަހާލިއެވެ. ” ތޭންކްސް މޭން.. ކަލޭމެން އައިމަ އަހަންނަށް މިހާ ހަމަޖެހިލައިގެން ހުރިހާކަމެއް މި ކުރިޔަށް ގެންދެވުނީ.. ބޮޑުބެ ކައިރީ އަހަރެން ބުނާނަން އެއާޕޯރޓަށް ދާން އިނގޭ!! އަހަރުމެންވެސް ދެން ދާނީ ހޮޓެލްއަށް ..“ ނިހާން އާއި އެކު އައި ސަމާހައި ރީހާންއަށް ވެސް ޝުކުރު އަދާ ކުރަމުން ޝަޔާން ހިނިތުންވެލިއެވެ. ޝަޔާން އާއި ޒީނާ ދިޔުމުން ޒާނާ އާއި ލީޝްވެސް ސާއިމްއާއި އެކު ކާރަށް އަރައި ދުއްވާލިއެވެ. ސަމާހާއި ނިހާން އާއި ރީހާން ވެސް ސައިކަލު ތަކުގައި ގެއާ ދިމާއަށް މިސްރާބުޖެހީއެވެ.
*****
ފަތިހު އޮތް ފްލައިޓް އިން ރީހާނާއި ސަމާހު އަދި ނިހާން މާލެ ދިޔައީއެވެ. ޝަޔާން އާއި ޒީނާވެސް އެމީހުންގެ ’ހަނީ މޫން‘ އަށް ކައިރި ރިސޯޓަކަށް ދިޔައީ އެދުވަހު މެންދުރުއެވެ. ޒީނާމެން ފުރުމުން ޒާނާވެސް އެނބުރި ހުޝާމްމެން ގެއަށް އައީއެވެ.
” ދަރިފުޅާ ކޮން އިރަކުން ހުޝާމް ރަށަށް އަންނަނީ؟ “ ސޯފާގައި އުމައިރް އުނގަށް ލައިގެން ފޮތެއް ކިޔާދޭން އިން ޒާނާ ގާތުގައި ސަމީރާ އަހާލިއެވެ. ” ނޭނގެ މަންމާ.. އަދި ނުބުނޭ އަންނަ ދުވަހެއް.. ވަރަށް ބިޒީކޮށް އުޅޭތީ އެހާވަރަކަށް ނުގުޅާ.. “ ޒާނާ ޖަވާބު ދިނުމުން ސަމީރާ ބޭރަށް ނުކުމެލިއެވެ. ސަމީރާ ދިއުމުން ޒާނާ ފޯނުނަގައި ހުޝާމް އަށް މެސެޖެއް ކޮށްލިއެވެ. ” ލަވް.. ބިޒީތަ؟ “ އިރުކޮޅެއް ފަހުން ޖަވާބުގައި އާނ އެކޭ ބުނެ ހުޝާމް މެސެޖެއް ކޮށްލުމުން ޒާނާ އިތުުރު މެސެޖެއް ނުކޮށް ފޯނު ބާއްވާފައި ސަމީރާ ކައިރިޔަށް ބޭރަށް ނުކުމެލީއެވެ.
*****
މާލެ ގޮސް ރީހާން އޭނާގެ މަންމަމެން ދިރިއުޅޭ އެޕާރޓްމަންޓް ބެލް ޖަހާލުމުން އަސްމާ ދޮރު ހުޅުވިއެވެ. ” ދަރިފުޅާ ރީހާން… ތި އައީ ދޯ… މައިރާ އަށް ގުޅިންތަ؟؟؟ އެނގޭތަ …؟ މައިރާ މަންމަ އަށް ވެސް ބައްޕައަށް ވެސް އެތައް ފަހަރަކު ގުޅިކަން .. ރީހާނަށް ނުގުޅިގެން.. ؟ މަންމަ އަކަށް ނުކެރުނު ދޮގު ހަދާކަށް .. މަންމަ ބުނިން މާލެއަކު ނެތޭ.. ރަށަކަށް ކުއްޖެއްގެ ކައިވެނި ޕާރޓީއަށޭ ދިޔައީ..“ އަސްމާ ކަންބޮޑުވެފައި ވާހަކަ ދައްކަމުން ދޮރު ލައްޕާލިއިރު ރީހާން ގޮސް ފެން ފުޅިއެއް ނަގައި ތައްޓަކަށް ފެން އަޅައިގެން އައިސް ސޯފާގައި އިށީނދެލިއެވެ. ” މަންމާ..! މި ފެންތަށި ބޯލަބަ.. ! ހަމަ ޖެހިލަބަ.. “ ރީހާން ހިނިތުންވެލަމުން އަސްމާގެ އަތަށް ފެންތަށި ދިއްކޮށްލިއެވެ. ” ދަރިފުޅާ..! ތިހެން ހަމަ ޖެހިގެން ހުންނާކަށް މަންމައަކަށް ނޭނގެ.. ދަރިފުޅު ކިހިނެއް ތި އުޅެނީ.. މައިރާ ކައިރީ ދިޔަ ތަނެއް ނުބުނެ ދާން ވީ ކީއްވެ..؟ މައިރާ އަށް ސިއްެރުން ދާންޖެހޭ ތަނެއް އޮވެގެން ނުވާނެ ދޯ.. ؟ ދަރިފުޅަށް ބުނެވޭނެ ދޯ ކައިވެނި ޕާރޓީ އަކަށް ދަނީއޭ.. އަދި މައިރާ ގުޅީމަވެސް ފޯނު ވެސް ނުނަގަމެއްނު؟ ކީއްވެ؟ “ އަސްމާ ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދައްކަމުން ސޯފާގައި އިށީނެވެ. ” މަންމާ .. ދެން މި އައީނު.. މައިރާ ކަައިރީ ނުބުނީ މައިރާ އެހެން ނޫނީ ދިޔަކަ ނުދޭނެ.. “ ރީހާން ގެ ޖަވާބުން އަސްމާ ހިތްހަމަ ނުޖެހި ރީހާނަށް ބަލާލިއެވެ. ” ދަރިފުޅާ.. ބައްޕަވެސް ހުރީ ހިތްހަމަ ނުޖެހިފަ. ކޮން ރަށަކަށް ގޮސް ތިއައީ؟ ދަރިފުޅު ވެއްޖެއެއްނު ތަންކޮޅެއް ވިސްނަން.. ތި އުޅެނީ ހަމަ މައިރާ ދޫކޮށްލަންތަ؟ އެހިސާބަށް ދިޔައީތަ މައިރާ އާއި ވާހަކަ ވެސް ނުދައްކާ ފޯނުވެސް ނުނަގާ އުޅެނީ؟ “ އަސްމާ ހުރީ ހިތުގައި ޝަކުވާ ގިނަވެ ފެންކަޅިވެފައެވެ.
” މަންމާ .. ކަންބޮޑު ނުވެބަލަ.. ނޫޅެމޭ މައިރާ ދޫކޮށްލާކަށް.. މަންމަ ދެން ތިވަރަށް ނުވިސްނާ…“ އަސްމާ ގެ މޫނުމަތީގައިވި ނުތަނަވަސްކަން ފެނުމުން ރީހާން މަސައްކަތް ކުރީ އޭނާގެ މަންމަ ހަމައަކަށް އެޅުވޭތޯއެވެ. ” ޔަގީންތަ..؟ ދަރިފުޅާ! މަންމަ އާދޭސްކޮށްފަ ބުނަން ދަރިފުޅުގެ ދިރިއުޅުން ހަލާކު ވިޔަ ނުދޭތި..“ ރީހާންގެ އަތުގައި ހިފާލަމުން އަސްމާ އާދޭހާއި އެކު ބުނެލިއެވެ. ޖަވާބުގައި ރީހާން ބޯޖަހާލަމުން އިސްޖަހާލިއެވެ. ” ނިދާލަން މިދަނީ.. ވަރަށް ވަރުބަލި.. ރޭގަ ވަރަށް ކުޑަކޮށް ނިދާލެވުނީ.. “ ރީހާން ތެދުވަމުން ދަބަސް ނަގައިގެން ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ” ކޮން އިރަކުން މައިރާ ކައިރިޔަށް ރަށަށް ދަނީ ދެން.. ؟ ނުގޮސްތަ ރިސޯޓަށް ދަނީ..“ ރީހާން ހިނގައިގަތުމުން އަނެއްކާވެސް އަސްމާ ސުވާލު ކޮށްލިއެވެ.
” މިރޭ ބޯޓު ފުރަންޏާ މިރޭ ދާނަން.. “ ޖަވާބު ދެމުން ރީހާން ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ.
އަތުގައި އޮތް ދަބަސް ބިންމައްޗަށް ދޫކޮށްލާފައި ރީހާން އެނދުގައި އިށީނދެ އޭނާގެ ބޮލުގައި އަތް ހިންގާލީ މާޔޫސް ކަމާއެކުގައެވެ. ޒާނާ އެދުނު ގޮތަށް ވާހަކަ ނުދެއްކިޔަސް އެންމެ ރަނގަޅުކަމުގައި ބުނެފައި އައިނަމަވެސް ހިތުގައި ވި އިހުސާސްތައް ފޮހެލައި އެ ހަނދާންތަކާއި ދުރުވުން އެއީ އޭނާ ހީކުރިވަރަށް ވުރެ މާ އުނދަގޫކަމެއްކަން ވިސްނުނީ މާލެ ދެވުމުންނެވެ. އިރު އިރުކޮޅުން އަތުގައި އޮތް ފޯނު ބެލެނީ ޒާނާ ގެ
ެހަބަރެއް ވާން ހިތް އެދޭތީއެވެ. ރީހާން އިން ގޮތަށް އެދުގައި އޮށޯތީ ކުރީ ރޭގެ ހަނދާންތަކުން ދެލޯ ފޯވެ ބޮލަށް ބަރުވާން ފެށުމުންނެވެ. އެ ހަނދާންތައް ހިތުގައި އާލާ ކުރަމުން ލޯމަރާލީ ވަރުބަލިވެފައިވާ އޭނާގެ ސިކުނޑިއަށް ލުޔެއް ދެވޭތޯއެވެ.
ތިންގަޑިއެއް ހާ އިރުފަހުން ނިދާ ހޭލެވުމުން ރީހާން ރަށު ބޯޓަށް ގުޅީ ފުރާ ގަޑިއެއް ޔަޤީން ކޮށްލާށެވެ. ބޯޓު ފުރަން ތައްޔާރުވެފައިވާ ވާކަން އެނގުމުން ފެންވަރާލައިގެން ދަބަސް ކޮނޑުގައި އަޅުވައިގެން ނުކުތް އިރު އަސްމާ އާއި އިލްހާމް ބޭރުގައި ތިއްބެވެ. ” ދަނީތަ؟ މިރޭ ނޫންތަ ބޯޓު ފުރަނީ..؟ “ ރީހާން ފެނުމުން އަސްމާ ހައިރާންކަމާއެކު އަހާލިއެވެ. ”އާނ.. ހަމީދު އަށް ގުޅީމަ ބުނީ މިހާރު ފުރަން އުޅޭ ވާހަކަ.. އެހެންވެ އަވަހަށް ދެވޭތޯ މި ދަނީ.. “ ރީހާން ހުރީ އިލްހާމްގެ މޫނުމަތިން ފެންނަން ހުރި ހިތްހަމަ ނުޖެހުން ފާހަގަ ކުރެވުނު ނަމަވެސް ހަމަޖެހޭކަން ދައްކާލައިގެންނެވެ. ” ނުވެސް ކައި ދަނީ؟ “ އަސްމާ ކަންބޮޑުވިއެވެ. އިލްހާމް އަނގައިންވެސް ނުބުނެ ހުރީ ރީހާންއާއި މެދު ހިތްހަމަ ނުޖެހިއެވެ. ” ނެތް ވަގުތެއް .. ދެން ދަނީ.. ބައްޕާ. ދަނީ“ ރީހާން މަޑުމަޑުން އިލްހާމް އަށް ގޮވާލަމުން އެޕާރޓްމަންޓް އިން ނުކުމެ ދޮރު ލައްޕާލިއެވެ.
” ކޮން ރަށަކަށް ގޮސް އެ އައީ؟؟ އަސްމާ އަށް އެނގޭތަ؟ “ ރީހާން ނުކުމެގެން ދިއުމުން ރުޅިއައިސް ހުރި އިލްހާމް ސުވާލު ކޮށްލީ އަސްމާއާއެވެ. ” ނޭނގެ.. ނުބުނޭ.. ކީއްވެ ނޭހީ ރީހާން ގާތު؟“ އަސްމާ މަޑުމައިތިރި ކަމާއެކު ޖަވާބު ދިނެވެ. ” އެ ދިޔައީނު .. އެއްޗެއް ހިތައް އަރާހެން ހީވޭތަ؟؟ ދެ ކުދިންނާ އަތްބެއް ހުރިއިރު އަނބި މީހާ އަށް ވެސް ދިޔަތަނެއް އަންގާލީއެއް ނޫން.. އަދިވެސް ހީވަނީ ކުޑަކުއްޖެއްހެން ނޫންތަ އެ އުޅޭ ގޮތުން؟ .. “ އިލްހާމް ހިތްހަމަ ނުޖެހި ހުރި ނަމަވެސް ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ.
*****
” ރަތް ފިނިފެންމާ.. ބޮކޭ އެއް އެއްކޮށް .. ވިތް ޗޮކްލެޓް.. ދެން ބުނީމެއްނު ފޮޓޯ ފްރޭމް އެއް.. ؟ އެވެސް ޕެކް ކޮށްލާފަ.. މިރެއަށް ރެޑީކޮށްލަދެވޭނޭ ދޯ “ ފޯނުން ވާހަކަ ދައްކަމުން ދިޔަ ހުޝާމް އެނބުރިލީ ކޮނޑުގައި މީހަކު އަތް އަޅާލުމުންނެވެ. ” ހާއްސަ ދުވަހެއް އަންނަނީތަ؟ “ އޭނާއާއި އެކު އޮފީސް ދަތުރުގައި ދިޔަ ދާއޫދު އަހާލިއެވެ. ” ހްމްމް.. އެނިވާރސަރީ.. ރަށަށް ދިއުމުގެ ކުރިން ވައިފް އަށް ދޭން މާލެއިން ގިފްޓެއް ހަދާލަން ފްރެންޑެއް ކައިރީ މި ބުނީ.. “ ހުޝާމް ހިނިތުންވެލަމުން ޖަވާބު ދިނެވެ. ” އޯހ.. އެހެންތަ.. އެހެންވެ ދޯ ދަތުރު ކުރުކޮށްލާފަ އަވަހަށް ދާން ނިންމީ.. “ ދާއޫދުގެ ސުވާލަށް ޖަވާބުދެމުން އާނއެކޭ ބުނެފައި ހުޝާމް ދަބަހަށް އެއްޗެހި އަޅައި ތައްޔާރުވެލީ މާލެ ފުރަން ލޯންޗަށް ދާން ޖެހޭ ގަޑި ކައިރި ވުމުންނެވެ.
ރަސްދޫ އިން ފުރައިގެން ހުޝާމް އަށް މާލެ ދެވުމުން ހޮޓެލް އެއްގައި މަޑުކޮށްލީ ރޭގަނޑު ނުވައެއް ޖަހާއިރު ފުރަން އޮތް ފްލައިޓް އިން ރަށަށް ދިއުމުގެ ކުރިން އަރާމު ކޮށްލާށެވެ.
ފުރާގަޑިއަށް އެއާޕޯރޓަށް ދިއުމުގެ ކުރިން ހުޝާމް އޭނާގެ އެކުވެރިޔާއަށް ގުޅައި ތައްޔާރުކުރި މާބޮނޑިއާއި ހަދިޔާ ގެނެސް ފޮށިކައިރީ އެނދުމަތީ ބަހައްޓާފައި ފެންވަރާ ރީތި ވެލިއެވެ. ކައިވެންޏަށް ނުވައަހަރު ފުރޭ ދުވަހު ޒާނާއަށް ސަރޕްރައިޒެއް ދޭން ފުރިހަމައަށް ތައްޔާރުވެލައިގެން ހުރި ހުޝާމްގެ ޚިޔާލުގައި ޒާނާއާއި އެކު ހޭދަ ކުރެވުނު ނުވަ އަހަރުގެ ހަނދާންތައް އެނބުރެމުން ދިޔައިރު އޭނާގެ ހިތަށް ނުތަނަވަސްކަމެއް ވެރިވީ ޒާނާއަށް އެންމެ ފުރިހަމަ އަށް އޭނާގެ ފަރާތުން ލޯތްބާއި އަޅާލުން ނުދެވޭކަމުގެ އިހުސާސް ކުރެވުމުންނެވެ. ޒާނާ އޭނާގެ ދިރިއުޅުން ހުރިހާ ގޮތަކުން ފުރިހަމަ ކޮށްދިން ނަމަވެސް ޒާނާއާއިމެދު ކުރިން ކަންތައް ކުރެވުނު ދެރަގޮތް ވިސްނުމުންނެވެ. ދުވަހަކުވެސް އޭނާގެ ދުލުން ޒާނާދެކެ ލޯބިވާކަން ސީދާ ބަހުން ހާމަކޮށް ދެވިފައި ނުވާކަން ހިތައް އެރުމުން އަމިއްލަ ނަފުސު ކުއްވެރި ކުރެވުނެވެ. ހިތުގައި ވާ ލޯބި ހާމަ ކުރަން އޭނާ ބޭނުންވަނީ ޢަމަލާއެކުގައި ކަމުން ހިތުގައި އަޒުމް ކަނޑައެޅީ ކައިވެނީގެ ނުވަ އަހަރު ފުރޭ ދުވަހު ޒާނާ ކައިރިން މަޢާފަށް އެދި އޭގެ ފަހުން ލޯބި ހާމަ ކުރާށެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި އޭނާގެ ފަރާތުން ޒާނާއަށް ނުދެވުނު އަޅާލުމާއި ލޯބީގެ ބަދަލު ދޭން ގަސްތު ކޮށްގެންނެވެ.
*****
ރީހާނަށް ރަށަށް ދެވުނު އިރު ރޭގަނޑު ދިހައެއް ޖަހައި ބޮޑުވީއެވެ. ގެއަށް ދިޔައިރު ހަބީބާ އާއި ހާދީ ބޭރު ޖޯލިފައްޗެއްގައި ދުފާ ދަބަކެއް ހިފައިގެން އަވައްޓެރި ދެ މީހަކާއެކު ދުފަން ތިއްބެވެ. ” ރީހާން.. މައިރާ ނުވެސް ބުނޭ އަންނަވާހަކައެއް.. “ ރީހާން ފެނުމުން ހައިރާންކަމާއެކު ހާދީ އަހާލިއެވެ. ” މައިރާ ކޮބާ؟ .. “ މާ ގިނަ ވާހަކަ ދައްކަން ބޭނުން ނުވުމުން ރީހާން އަވަހަށް ގޭތެރެއަށް ވަދެގެން ދިޔައީއެވެ. ފުރަތަމަ ވެސް އޭނާ ބެލީ ކުދިން ކޮބައިތޯއެވެ. ރީނާއާއި ކައިސް އެކުދިންގެ ކޮޓަރީގައި ނިދާލާފައި ތިއްބެވެ. ދެކުދިންގެ ބޮލުގައި ފިރުމާލާފައި ގޮސް ރީހާން މައިރާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ.
ފޯނާ ކުޅެން އޮތް މައިރާއަށް ލިބުނީ ރީހާން ފެނުމުން ކުއްލި ސިހުމެކެވެ. ” އާދެވިއްޖެ ދޯ.. “ ފޯނު އެއްފަރާތެއްގައި ބާއްވާފައި އެނދުގައި އިށީނދެލައި ހަމަ ޖެހިލަމުން މައިރާ ރީހާނަށް ބުނެލިއެވެ. މައިރާއަށް ބަލާފައި އެއްޗެއް ނުބުނެ ދަބަސް ބަހައްޓާފައި ރީހާން ފާހާނާއަށް ވަދެ ނުކުތް އިރުވެސް މައިރާ އެ އިންގޮތަށް އިނީއެވެ.
ލައިގެން ހުރި ޓީ ޝާރޓް ބާލާފައި ރީހާން ގޮސް އެނދުގައި އޮށޯވެލިއެވެ. ”ބުނެބަ.. ކޮންތާކަށް ކޮންރަށަކަށް ގޮސް ތި އައީ..؟“ މައިރާ ސުވާލުކޮށްލުމުން ރީހާން މައިރާގެ މޫނަށް ބަލާލިއެވެ . އެއްވެސް އިހުސާސެއް ނުވާފަދައަކުން މައިރާވެސް ރީހާނަށް ބަލަން އިނީއެވެ. ” ރިސޯޓު ކުއްޖެއްގެ ވެޑިންއަށް އޭނަގެ ރަށް ދިޔައީ. “ ރީހާން ހަމަޖެހިލަމުން ލޯމަރާލިއެވެ.
” ކޮން ރަށެއް ހޭ…؟ ކީއްވެތަ ކޮން ރަށެއްކަމެއް ނުބުނެވިގެން އުޅެނީ؟ “ އަޑަށް ބާރު ލަމުން މައިރާ ސުވާލުކޮށްލުމުން ރީހާން މައިރާއަށް ބަލާލިއެވެ. ” ކޮންމެ ރަށަކަށް ވިޔަސް މައްސަލައެއްތަ؟ ވަކި ރަށެއް ވިއްޔާ ނުދެވޭނެތަ؟ “ ރީހާން އަނެއްކާވެސް ލޯމަރާލަމުން ޖަވާބު ދިނެވެ .”އާނ.. މައްސަލައެއް… ދާކަށް ނުޖެހޭ.. “ މައިރާއަށް އޭނާގެ ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާގެ ސުވާލުތަކަށް އެދެވޭ ޖަވާބެއް ނުލިބުމުންނެވެ. ” ބުނާނީތަ؟ ނޫނީ އަހަންނަށްވެސް އެނގޭނެ ދެން ކަންތައް ކުރާނެ ގޮތް..“ މައިރާ ބެލީ ރީހާން ދިޔަތަނެއް އޭނާގެ ދުލުން ބުނޭތޯއެވެ. ” ކުރާ ކަމެއް ކުރޭ.. މައިރާ އަބަދުވެސް ކަންތައް ކުރަނީ ބޭނުން ގޮތަކަށް ނޫންތަ؟ “ މަޑުން ވާހަކަ ދެއްކިނަމަވެސް ރީހާންގެ އަޑުގައި ވީ ހިތްހަމަ ނުޖެހުމެވެ. ”އޯކޭ..!! ނުބުނެ އޮވޭ.. “ ކައިރީގައި އޮތް ފޯނު ނަގައި އެނދުން ފައިބަމުން ހަލުވި ހިނގުމެއްގައި މައިރާ ގޮސް ކޮޓަރިން ނުކުމެ ލޮރުލައްޕާލިއެވެ. މައިރާގެ ފަހަތުން ދާން ހިތައް އެރިނަމަވެސް ރީހާން އިތުރަށް އަޅާނުލައި ލޯމަރާލައިގެން އޮތީއެވެ.
ފޯނު ހިފައިގެން ނުކުތް މައިރާ ބޭރު ސޯފާގައި އިށީނދެ ސަމާލުކަމާއެކު އޭނާގެ ފޯނަށް ބަލަހައްޓައިގެން އެއްޗެއް ވިސްނަން އިނެވެ. ހާސްވެ ދަަހިއްލާފައި ހުރި އިރު އޭނާގެ އަތް ތުރުތުރުއަޅަަމުން ދިޔައެވެ. އޭނާގެ މޫނުމަތީގައި ނުތަނަވަސްކަން ވީ އިރު ހިތުގެ ރިހުމާއެކު ސިކުނޑިގައި ވީ ހަލަބޮލިކަމެެވެ. ” ކޮބާތަ؟ އަދިވެސް ނުފޮނުވަނެއްނު.. ބުނީމެއްނު އެބަ ހުއްޓޭ؟؟؟ ދެން ފޮނުވަބަ.. ރީހާން އަތުވެއްޖެ.. !! “ ފޯނުގައި މެސެޖް ލިޔަމުން ދިޔައިރު މައިރާ ހުރީ ކެތްމަދުވެ ރުޅިގަދަވެފައެވެ. ” އޯކޭ .. އެބަ ފޮނުވަން..އެކަމް ނުބުނައްޗޭ މަށޭ .. މަ ބޭނުމެއް ނޫން މަގޭ ނަން ތިތަނަކަށް ވައްދަން.. “ ފޯނަށް އައި މެސެޖު ހުޅުވާލަމުން އަނެއްކާވެސް މައިރާ ދެފަރާތައް ބޯހޫރާލަމުން ޖަވާބު ލިޔަން ފެށިއެވެ. ” ހްމްމް.. ދެން އަވަސް ..“ ކެތް މަދުވެފައި ޖަވާބު ފޮނުވާލަމުން މައިރާ ސޯފާއަށް ލެނގިލައިގެން ފޯނަށް ބަލަން އިނެވެ. އިރުކޮޅެއް ފަހުން ފޯނަށް އައި މެސެޖްތައް ހުޅުވާލުމުން މައިރާއަށް ކޮޅަށް ތެދުވީ ހިތުގައި ނަފްރަތުގެ އަލިފާން ރޯވުމުންނެވެ.
ޝަޔާންގެ ކައިވެނި ޕާރޓީ އޮތް ރޭ ނަގާފައިވާ ފޮޓޯތަށް ލިބުމާއެކު މައިރާ ފޮޓޯތައް ހުޅުވާލިއެވެ. ރީހާން އާއި ޒާނާ އެކުގައި ތުނޑީގައި ތިބި ފޮޓޯތަށް ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައިރު މައިރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ކޯތާފަތް ތެތްމަމުން ދިޔައެވެ. އެއާއެކު އޭނާގެ ހިތުގައި ރޯވަމުން ދިޔައީ ނަފްރަތާއި ރުޅީގެ އަލިފާނެވެ. ހިތުގައި ގިނަވަމުން ދިޔައީ ވޭނީ ރިހުމާއި ޝަކުވާއެވެ.
ހުރިހާ ފޮޓޯއެއް ބަލާފައި މައިރާ އަތުގެ ނުފުށުން ލޯފޮހެލާފައި ގޮސް ކޮޓަރި ދޮރު ހުޅުވާލި އިރު ރީހާން އޮތީ ނިދާފައިކަން އެނގުމުން ނުކުމެ ސޯފާގައި އިށީނދެ އަނެއްކާވެސް ފޯނު ހުޅުވާލިއެވެ.
******
އެއާޕޯރޓް ރަންވޭގައި ފްލައިޓް ޖައްސައި މީހުން ފައިބަން ފެށީއެވެ. ތުނި ތުނިކޮށް ވާރޭވެހެމުން ދިޔައިރު ވިއްސާރައިގެ އަސަރު އުޑުމަތިން ފެންނަން ހުއްޓެވެ.
ރަތްކުލައިގެ ފިނިފެންމާ ބޮނޑި ހިފައިގެން ހިނގާފައި ދިޔަ ހުޝާމްގެ މޫނުމަތީގައި ވީ ލުއި ހިނިތުންވުމެކެވެ. ލަގެޖް ނަގައިގެން ލަސްތަކެއް ނުވެ ބޭރަށް ނުކުމެ އޭނާ ހަމަޖައްސާފައިވާ ޓެކްސީ ފެނޭތޯ ބަލާލިއިރު ފެންނަން ނެތުމުން ފޯނު ނެގީ ޑްރައިވަރަށް ގުޅާށެވެ. ފްލައިޓް މޯޑުގައި އޮތް ފޯނު ހުޅުވާލުމާއެކު ފޯނު ރިންގުވާން ފެށިއެވެ. އޭނާ ނުދަންނަ ނަންބަރަކުން ގުޅުމުން އެގަޑީގައި ފޯނު ނުނަގައި ބަލަން ހުރީ އެވެ. ފޯނު ކެނޑުމުން އަނެއްކާވެސް އެ ނަންބަރުން ގުޅުމުން ހުޝާމް ފޯނަށް ޖަވާބު ދިނެވެ.
” ހަލޯ.. ހުޝާމް ދޯ؟ “ އަންހެން އަޑެކެވެ. ހުޝާމް އަށް ކާކުކަމެއް ނޭނގުމުން ކާކުހޭ އަހާލިއެވެ. ”ޒާނާ ހަޒްބަންޑް ދޯ ތީ؟“ އަނެއްކާވެސް ސުވާލު ކޮށްލުމުން ހައިރާންކަމާއެކު ހުޝާމް އާނއެކޭ ބުނެލިއެވެ. ”ހްމްމް.. ކާކު ތީ؟ “ ޓެކްސީވެސް ފެންނަން ނެތުމުން މީހުންތަކާ ދުރަށް ގޮސް ބެންޗެއްގައި އިށީނދެލައި ހުޝާމް ސުވާލުކޮށްލިއެެވެ.
” އެނގޭތަ ޒާނާ އެއްވެސް ރީހާނަކާ ވާހަކަ ދައްކާ ކަމެއް؟ މި ރީހާންގެ ވައިފް.. “ މައިރާ ވާހަކަ ދައްކަމުން ދިޔައީ މަޑުމަޑުން ލަސްލަހުންނެވެ. ” ނޭނގެ .. ކޮން ރީހާން އެއް.. މި ރަށު މީހެއްތަ؟ “ ހުޝާމް ހުރީ ވާނުވާ ނޭނގިފައެވެ. ” ނޫން.. އެކަމަކު ޒާނާ ރީހާންއާއި ވާހަކަ ދައްކާތާ ވަރަށް ގިނަ އަހަރު ވެދާނެ… ފަހުން އަހަރެން އެ ދެމީހުން ވާހަކަ ދައްކަން ބޭނުން ނުވެއޭ ބުނުމުން ދެމީހުން ވާހަކަ ދައްކަނީ ސިއްރުން.. އެ ދެ މީހުން އެކި ތަންތަނުން ބައްދަލު ވެސް ކުރޭ.. ދެމީހުންގެ ދެމެދުގައި ކޮންމެވެސް ގުޅުމެއް ވާތީ ރީހާން ތިރަށަށް ވެސް ޒާނާ ކައިރިޔަށް ގޮސް އެ އައީ.. އަހަންނަށް ވެސް އެނގުނީ ރައްޓެއްސެއްގެ ފަރާތުން… ރީހާން ތިރަށަށް ގޮސް ހުއްޓާ އޭނާއަށް ފެނިގެން އަހަރެން ކައިރީ ބުނުމުން.. އެ ދެމީހުން އެކުގައި ރޭގަނޑު ދަންވަރު ތިރަށު ތުނޑީގައި ތިއްބާ ފެނުނު ވާހަކަ ވެސް …“ މައިރާ ދައްކަމުން ދިޔަ ވާހަކަ ތަކުން ހުޝާމްގެ ހިތް ނުތަނަވަސް ވަމުން ހިތް އަވަސްވަމުން ދިޔަ އެވެ. ޒާނާ އޭނާއަށް ބޭވަފާތެރިވެދާނޭ ހިތަކަށް ގަބޫލެއް ނުކުރެވުނެވެ.
” އަހަންނަށް ހީވަނީ ތި ކޮންމެވެސް މިސްއަންޑަސްޓެންޑިންއެއް ހެން.. ޒާނާއަކީ ތި ހީކުރާ ކަހަލަ މީހެއް ނޫން.. ޒާނާއެއް ނުދާނެ …“ ހުޝާމްގެ ހިތް އެއްބަހެއް ނުވިއެވެ.
”ހްމްމް އެނގޭ ޤަބޫލު ނުކުރެވޭނެކަން.. އަހަންނަށް ވެސް ޤަބޫލު ކުރަން ދަތިވި.. އެކަމަކު އައި ހޭވް ޕްރޫފް.. ވެއިޓް.. “ މައިރާ އެހެން ބުނެފައި ފޯނު ކަނޑާލީއެވެ.
އިރުކޮޅެއް ފަހުން ހުޝާމް އަށް ފޮޓޯތައް ފޮނުވާލުމާއެކު ހުޝާމް އެ ފޮޓޯތައް ހުޅުވާލިއެވެ.
އޭނާގެ އަތުގައި އޮތް މާބޮނޑި އަތުން ދޫކޮށްލާފައި ބެންޗުން ތެދުވެ ފަހަރަކު ފޮޓޯއެއް ބަލަމުންދިޔަ އިރު އޭނާއަށް ކުރެވެމުން ދިޔައީ ބުނެދޭން ނޭނގޭ އިހުސާސެކެވެ. ވެހެމުން ދިޔަ ތުނި ވާރޭ ތިކިތަކުން ވެސް އޭނާގެ ހަށިގަނޑަށް ވެެރިވަމުން ދިޔަ ދިލަ ހޫނަށް ފިނިކަމެއް ނުލިބުނެވެ. ” ޤަބޫލު ކުރެވިއްޖެ ދޯ؟ “ މައިރާ މެސެޖް ކޮށްލުމުން ހުޝާމް އަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
އޭނާގެ ކުޑަކުޑަ ދުނިޔެ ބިއްލޫރި ގުޅައެއްހެން ތަޅައިގެންގޮސް އެކި ދިމަދިމާއަށް ބުރަބުރައިގެން ދިޔަހެން ހީވިއެވެ. އޭރު ވެހެމުން ދިޔަ ވާރޭ ބޯކުރަމުން ދިޔައެވެ. ޓެކްސީ އައިސް މަޑުކޮށް ދެ ތިން ފަހަރު ބަރުގޮނު އެޅި އިރުވެސް ހުއްޓުންވެފައި ހުޝާމްއަށް ހުރެވުނީ އެވެ.
ޒާނާއަށް ދޭން ގެންދިޔަ މާ ބޮނޑި ބެންޗުމަތިން ނަގާ ބިންމައްޗަށް ހޫރާލަމުން ލަގެޖް ހިފައިގެން ޓެކްސީއާއި ދިމާއަށް ހިނގައިގަތް އިރު އޭނާގެ ދެލޯވަނީ ކަރުނުން ތެމިފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Miraa haadha goahey
Reehaan and naa gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Thankyou cutie girl..☺️
soooo sooo happy and hyped aslu that u uploaded another part b4 aslu post kuraa day.love the suspense and how ur writing this story!! really looking forward to the next one!!
thank you for ur time and effort 🙂
Thankyou anonymous ☺️
next part kon irakun tho kiyaaleveyni?
New episode mihaaru upload kohfa inaanee ☺️