ހަނދުވަރު ދިން އެރޭ… 10
ހަނދުވަރު ދިން އެރޭ …10
ރީހާން ޒާނާއާއި އިތުރަށް ގާތްވެލިއެވެ. އޭނާގެ ހިއްސުތަށް ޒާނާގެ ލޯތްބަށް އެދި ގޮވަމުން ދިޔައިރު އެހެން ބަޔަކާމެދު ފިކުރު ކުރަން ބޭނުން ވެސް ނުވާފަދައިން ޒާނާގެ ތުންފަތަށް ކަޅިހުއްޓާލައިގެން ހުރީއެވެ. ދެ މީހުންގެ އެ ހަމަހިމޭންކަން ނިމުމަކަށް އައީ ބޭރުގައި ހުރެފައި އައިސް ދޮރުމައްޗައް އެރި ޝަޔާންގެ އަޑަށެވެ. ފޯނުން ވާހަކަ ދައްކަމުން ވަދެގެން އައި ޝަޔާންގެ އަޑު އިވުމާއިއެކު ސިހިފައި ދެމީހުންނަށްވެސް ދުރުވެލެވުނެވެ. ޒާނާ އިސްދަށަށް ޖަހާލަމުން އެނބުރި ހިނގައިގަތުމުން ރީހާން ކޮޓަރިއަށް ވަދެ ފޮށިގަނޑު ހިފައިގެން ނުކުމެލިއެވެ. ” މިހިރީ ފޮށިގަނޑު.. “ ރީހާންގެ އަޑަށް ޒާނާ އެނބުރި ބަލާލިއެވެ. ގެއަށް ވަދެގެން އައި ޝަޔާންވެސް ޒާނާ ފެނުމުން ބަލާލާފައި ހީލިއެވެ. ” ޒީން ބުނެގެން މި ގެންގޮސްދޭންވެގެން މި އައީވެސް.. “ ޝަޔާން ޒާނާ އަށް ބަލާލަމުން ރީހާންގެ އަތުން ފޮށި އަތުލައި ހިނގައިގަތެވެ. ”އެހާ ބޮޑު އެއްޗެއް ނޫނެއްނު.. ދީ.. އޯކޭވާނެ.. “ ޒާނާ ބެލީ އަވަސް އަވަހަށް އެތަނުން ދެވޭތޯއެވެ.
ޒާނާ ދިއުމުން ޝަޔާން ލާނެތް ހިނިތުންވުމަކާއެކު ނިތް އަރުވާލަމުން ގޮސް ރީހާންގެ ކޮނޑުގައި ޖަހާލިއެވެ. ” ކޮންކަމެއް އެއީ.. ؟ ހިވީ ކަލޭ ކުރިންވެސް ދަންނަ ކުއްޖެއްހެން.. ޒީން ގެ ދައްތަ އޭ އެއީ.. އެނގޭ ދޯ؟ “ ޝަޔާން އަށް އެއްޗެއް ހީވެގެން އަހާލިއެވެ. ޖަވާބުގައި ރީހާން ހީލީއެވެ. ” ބުނެބަ..؟ އެންމެ ފަހަރަކު ފެނިގެން ކަޅި ޖަހާނުލާ އެކަކު އަނެކަކަށް ބަލަން ތިބީތަ ހަމަ؟ ހާދަ ހީވެޔޭ ކޮންމެސް ކަމެއްހެން.. ކަލޭ ހިތުގައި މިހާރު އެކުއްޖާ މިގެއަށް އެންމެ ފަހަރަކު ވަދެލި ކަމަށްޓަކާ އަޅައިގަތީ ދޯ“ ޝަޔާން ހުރީ އޭނާގެ ހިތުގައި އުފެދުނު ޝައްކު ފިލުވާލަން ބޭނުންވެފައި ކަމުން އަނެއްކާވެސް އަހާލީއެވެ. ” ކަމެއް ނޫން.. ޔާން ކަލޭވެސް ދޯ..“ ފާޑަކަށް ހީލަމުން ރީހާން ބެލީ އެވާހަކަ ކުރިޔަށް ނުގެންގޮސް ވޭތޯއެވެ. ” އޯކޭ އޯކޭ .. ނުބުންޏަސް އެނގެންވީމަ އެނގޭނެ.. އެކަމު ބުނަން .. އެއީ ދެ ކުދިންގެ މަންމައެއް.. ފިރިއެއް ހުރޭ.. ވަރަށް ހީނުވޭ ކަލެއަށް ތިކަން ވެދާނެހެން.. މަ ހީކުރީ ކަލޭވެސް އުޅެނީ މެރީކޮށްގެން ކަމަށް …ދެވަނަ އަތްބަކު ހޯދަންޏާވެސް ހުސް ކުއްޖެއް ނު ހޯދަން ވާނީ..“ ޝަޔާން ހިނިގަނޑެއް ޖަހާލަމުން ގަސްތުގައި ރީހާނާއި ދިމާކޮށްލީއެވެ. ޝަޔާންގެ ވާހަކައަށް އިތުރު އެއްޗެއް ނުބުނެ ރީހާންވެސް ހިނިގަނޑެއް ޖަހާލިއެވެ.
ޝަޔާންމެންގެއިން ނުކުމެގެން ބާރު ހިނގުމެއްގައި އަވަސް އަވަހަށް ގޮސް ގެއަށް ވަން ޒާނާ ހިންދިރުވާލަމުން ފުންނޭވާއެއްލީ އޭނާ ކުރަމުން އައި ވައްކަމެއް ފަޅާ އަރަން އުޅެ ނާރާ ސަލާމަތްވެގެން އައިހެންނެވެ. ގެއަށް ވަދެ ފުރަތަމަ ވެސް ފޯނުނަގައި ރީހާނަށް މެސެޖެއް ކޮށްލީ ޝަޔާންއަށް އެއްޗެއް އެނގުނުކަން ޔަގީންނުވާތީއެވެ. ” ވަޓް ޑިޑް ހީ ސޭ؟ “ ހާސްވެ ކަންބޮޑުވެފައިހުރި ޒާނާއަށް ރީހާން ގެ ޖަވާބު ލިބޭނެ އިރަކަށް ފޯނަށް ކަޅި ޖަހާނުލާ ބަލަން އިނދެވުނެވެ. ” އެހާ ހާސް ނުވެބަލަ.. ހުރިހާ ކަމެއް އޯކޭ.. “ ރީހާންގެ ޖަވާބު ލިބުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ” މިރޭ މީޓް ކޮށްލަން އޯކޭތަ؟ “ ރީހާންގެ އެ މެސެޖު ލިބުމުން ޒާނާގެ އަތާ ފައި ފިނިވެ އިތުރު ހަލަބޮލިކަމެއް ސިކުނޑިއަށް ވެެރިވިއެވެ. ބުނާނެ އެއްޗަކާމެދު ފިކުރު ބޮޑުވިއެވެ. ރީހާން އާއި ވަކިން އެކަހެރިކޮށް ބައްދަލު ކުރަން އޭނަަ ޖެހިލުންވަނީ އެ ދެމެދުގައި ހިނގާފާނެ ކަމަކަށް ހިތް ބިރުގަންނާތީއެވެ. ލޯބީގެ ކަނޑުގައި ދެ ނަފްސު އެއްކޮށް ބެހިގެން ދާން މާ ގިނަ ވަގުތެއް ނުނަގާނެ ކަން ރީހާންއާއި ދިމާވާ ކޮންމެ ފަހަރަކު އޭނާއަށް އިހުސާސް ކުރެވޭތީއެވެ. ޝަޔާން ނައިނަމަ އެވަގުތުވެސް ރީހާންގެ ބީހުމަށް ނޫނެކޭ ނުބުނެވުނީހޭ ހިތަށް އެރުމުންނެވެ. ރީހާން އަށް ހިތް ދެވުނަސް ހުޝާމްއަށް ބޭވަފާތެރިވާން އޭނާ ބޭނުން ނުވާތީއެވެ. ހުޝާމްގެ ހައްޤަކަށްވެ ހުރެ ރީހާންއާއި ގާތް ގުޅުމެއް ބާއްވަން އޭނާގެ ޟަމީރު ތަންނުދޭތީއެވެ.
” ނޮޓް އަ ގުޑް އައިޑިއާ.. “ ވިސްނަން އިނދެފައި ޒާނާ ރީހާން ގެ މެސެޖަށް ޖަވާބެއް ދިނެވެ. ” ކީއްވެ؟.. ހުޝާމް އުޅެނީތަ؟ އަހަރެން ކަމެއް ކޮށްފާނެތީތަ؟ “ ރީހާން އަނެއްކާވެސް ސުވާލު ކޮއްލުމުން ޒާނާ ވިސްނާލިއެވެ. ” ނޫން.. ދެމީހުން ބައްދަލުކޮށް ހެދުން ނުވާނެ އެހާ ރަނގަޅުކަމަކަށް..އެހެންވެ… މިއަދުވެސް ޝަޔާންއަށް ވެސް ކޮންމެވެސް އެއްޗެއް ހީވާނެ.. މިއީ ރަނގަޅު ގޮތެއް ނޫން.. ރީހާން މައިރާއާއި އެކު ރީތި ގޮތުގައި އުޅެން އަހަރެން ބޭނުންވަނީ .. އަހަރެންނާ ބައްދަލުކުރަން ނޫޅޭ.. ޝަޔާންގެ ކައިވެނި ނިމުމުން އަވަހަށް ދޭ.. “ ވިސްނާލާފައި ޖަވާބު ފޮނުވަމުން ޒާނާ އޮށޯވެލީ އޭނާގެ ބަރުވެފައިވާ ސިކުނޑިއަށް ލުޔެއް ދެވޭތޯއެވެ.
” ނިދަނީތަ މިއޮތް ގަޑީގަވެސް؟؟ “ ލީޝްއާއި އެކު ކޮޓަރިއަށް ވަދެގެން އައި ޒީނާ އަތުގައި ހުރި ކޮތަޅުތައް އެނދު ކައިރީ ބަހައްޓަމުން ޒާނާއަށް ބަލާލާފައި އަހާލިއެވެ. ޒާނާ ކައިރީ އެނދުގައި އިށީންނަމުން ލީޝްވެސް ޒާނާގެ ގައިގައި ކޮއްޓާލިއެވެ. ޒާނާ ލޯހުޅުވާލަމުން ތެދުވެ އެނދުގެ ހެޑްބޯޑަށް ލެނގިލައި ހަމަ ޖެހިލައި ހޭވިފައިވާ ބޮލުގައި ހުޅިއެއް ޖަހާލިއެވެ. ” ކިހިނެތް ވެފަ.. ޔޫ ޑޯންޓް ސީމް އޯލްރައިޓް.. ބަލީތަ؟ “ ޒާނާގެ މޫނަށް ބަލާލަމުން ލީޝް ސުވާލުކޮށްލީ އޭނައަށް ޒާނާގެ މޫޑާއި، ގޮތް އެނގޭތީ އެ މޫނުމަތިން ކަންބޮޑުވުމާއި ވަރުބަލިކަން އޭނާއަށް ފާހަނގަ ކުރެވުމުންނެވެ. ” ކަމެއް ނުވޭ.. ނުނިދަން ހަމަ އޮތީ ..؟ ކޮބާ ލީމް އާއި އުމީ؟؟.. މަންމަ ކައިރީގަ އެބަ އުޅޭތަ؟“ ދޮރާ ދިމާއަށް ބަލާލަމުން ޒާނާ އޭނާގެ މޫނަށް ހިނިތުންވުމެއް ވެރި ކޮށްލީ ލީޝް ހިތްހަމަ ޖައްސާލާށެވެ. ” އަހަރެން މެރީ ކޮށްގެން ދާން އުޅޭތީ ދެރަވަނީ ދޯ.. އެކަމް މަ މެރީ ނުކޮށްގެން ކިހާވަރެެއް އެރުވި…؟ “ ޒީނާ އެނދުގައި އޮށޯވެލަމުން މޫނަށް ގޮތެއް ހަދާލަމުން ޒާނާއާ ދިމާއަށް ހީލިއެވެ.
”އަސްލުވެސް ދަނީތަ ދެން މާލެއަށް ޝަޔާން މަންމަ ކައިރިޔަށް؟ “ ލީޝް ޒީނާ އަށް ބަލާލަމުން އަހާލިއެވެ. ” އެއްކޮށްނެއް ނޫން.. އެކަމް ދެން ފުރަތަމަ އެކޮޅަށް ދާ ގޮތަށް އަދި އޮތީ.. ލީމްގެ ޑްރެސް ކޮބާ.. ؟ ބަލައިފިންތަ މިހާރު؟ ކޮބާ އެ ފޮށި؟ “ ޒީނާ އެއްފަހަރާ ސުވާލުތައް ކޮށްލަމުން ތެދުވެ ކޮޓަރި ތެރެ ވަށައިގެން ހޯދާލިއެވެ. ފޮށިކޮޅު ކަނޑާލައި އޭގައި ހުރި އެއްޗެހި ނަގަމުން ލީމް ހޯދަން ނުކުމެލިއެވެ.
” ބުނެބަ.. ކިހިނެތްވެފަ މާ މޫޑީ ވެފަ ތި ހުންނަނީ.. ކަމެއް ވީތަ؟ ހުޝާމްބެ ދިޔަފަހުން ހަބަރެއް ނުވަނީތަ؟ “ ލީޝާ ބެލީ ޒާނާއާއި ވާހަކަ ދެއްކޭތޯއެވެ. ވެގެން އުޅޭ ގޮތެއް ނޭނގުނަސް ކޮންމެސް ކަމަކާ އަބަދު ފިކުރު ކުރަން ޒާނާ އިންނަތަން ފެންނާތީއެވެ. ” ނުވޭ ކަމެއް.. ހުޝާމް ގުޅާ ކޮންމެ ދުވަހަކުވެސް ލީމް މެންނާ ވާހަކަ ދައްކަން.. ބިޒީ ވާހަކަ ބުނި.. “ ޒާނާ ހުރިހާކަމެއް ރަނގަޅުކަމަށް ދައްކަން ހިނިތުންވެލިއެވެ. ” ހްމްމް.. އެނގޭ ސިސް ބުނާނީ ތިހެން.. ހުޝާމްބެ ބިޒީއަކަސް ސިސް އަށް ކެއަރ ކުރަން ބޭނުން ވަންޏާ ވަގުތު ހޯދާނެ.. ތިހެން އަނގައިން ނުބުނެ ކޮންމެ ކަމެއް އޯކޭ ކޮށްލައިގެން އުޅޭތީ ހުޝާމްބެ އުޅެން ފަސޭހައަށް އެ ހުންނަނީ.. މަށަށް އެނގޭ ނުބުންޏަސް ހުރިހާ ކަމެއް.. ލޯތްބަކުން ނޫން އުޅެނީ.. ސިސް ތި ހުންނަނީ އަބަދު ބާކީވެ މާޔޫސްވެފަ.. ގަދަ ކަމުން ހިނިތުންވެގެން މީހުނަށް އުފަލުން އުޅޭކަން ދައްކަން މަސައްކަތް ކުރިޔަސް ތި ފޮރުވަމުންދާ ހިތްދަތިކަން ނުއެއް ނިމޭނެ.. ހިތުގައި ހުރިހާ އެއްޗެއް ނުބަހައްޓާ ހުޝާމްބެއަށް ވިސްނައިދީބަ.. ވާހަކަ ދައްކައިގެން ތި އިހުސާސްތައް ބޭރު ކޮށްލަބަ.. ތަންކޮޅެއް ލުއިވާނެ“ އެ ދެމީހުންގެ ދިރިއުޅުމުގެ ކަންކަން ފެނި ދަސްވެފައިވާ ލީޝާ ހިތްހަމަ ނުޖެހި އޭނާގެ ހިތުގައިވާ އެއްޗެއް ޒާނާއަށް ކިޔާދިނެވެ. ” ލީޝް ތި ހީކުރާ ގޮތަކަށް ނޫނޭ.. ހުޝާމް ހަމަ ބިޒީ ވީމަ.. އެނގޭނު މަސައްކަތުގަ އަބަދު އުޅެފަ ދެން ވަރުބަލިވެސް ވާނެއެއްނު.. އެހެން ނޫނަސް ކުދިންގެ ހުރިހާކަމެއް ހުޝާމް ބަރާބަރަށް ކުރޭ.. އެކުދިންނަށް ވަގުތުދޭ.. ދެން ކޮން ޝަކުވާއެއް ކުރަން އޮތީ..“ ޒާނާ އަނެއްކާވެސް ބެލީ ހުޝާމްގެ ދިފާޢުގައި ވާހަކަ ދެއްކޭތޯއެވެ. ” ތިއޭ މައްސަލައަކީ.. ހަމަ އެކަނި ކުދިންގެ ކަންކަން ކޮށްދީ ހަރަދުކޮށް ވަގުތު ދިނަސް އެ ނުވާނެ ސިސް އަށް އަޅާލާ ކަމަކަށް.. ލޯބިވާ ކަމަކަށް .. ތިވެސް ހަމަ ވަގުތާއި ލޯބި ދިނުން ހައްޤުވާ މީހެކޭ.. އަމިއްލަ ނަފްސާ ދޭތެރޭވެސް ވިސްނަންވާނެ. ތިހެން އަމިއްލަ އުފާތައް ނެތްކަމަށް އެހެން މީހުނަށް އުޅެން ފަސޭހަކޮށްދޭން އަބަދު ނޫޅެބަލަ.. ފޯ ވަންސް ތިންކް އެބައުޓް ޔުއަރ ސެލްފް…ޕްލީޒް..“ ޒާނާގެ އަތުގައި މަޑުމަޑުން ހިފާލަމުން ލީޝް އޭނާގެ ދައްތައާއި މެދު ކަންބޮޑުވެ ދެރަވާކަން ހާމަ ކޮށްލިއެވެ. ޖަވާބުގައި ޒާނާ އިސްދަށަށް ޖަހާލީ އިތުރަށް ބުނާނެ އެއްޗެއް ނެތުމުންނެވެ. ކޮއްކޮގެ ވާހަކައަކީ ތެދުކަން އޭނާއަށް އެނގޭތީއެވެ. އެހެންނަމަވެސް ހުޝާމް އާއި ކުރިމަތިލައި ހިތުގައިވާ ޝަކުވާ ކުރާނެ ހިތްވަރެއް އޭނާގެ ނެތީއެވެ.
” ސުވާލެއް ކޮށްލަންތަ؟ ތެދަށް ބުނެފާނަންތަ؟ ޑޫ ޔޫ ލަވް ހިމް؟ ހުޝާމްބެ ދެކެ ހަމަ އެހާ ލޯބިވާތީތަ ތިހެން ކޮންމެ ގޮތެއް ވަރިހަމަ ވެގެން ތި ހުންނަނީ؟“ ޒާނާ އާއި ހަތަރުކަޅި ހަމަ ކޮށްލަމުން ލީޝާ ޖެހިލުމެއް ނެތި ކޮށްލި ސުވާލުން ޒާނާގެ ހިތަށް ސިހުން ގެނުވިއެވެ. ހަމަ ވަގުތުން އޭނާ ރީހާންގެ މަތިން ހިތަށް އެރިއެވެ. ހުޝާމްދެކެ ލޯބިވޭބާއޭ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ” ހްމްމް.. ހީ އިޒް މައި ހަޒްބަންޑް.. ސޯ ..؟ އެހެން ނޫނަސް އަނިޔާކޮށް ހުޝާމްއެއް ނުހަދާ.. ލޯބިވާ ވާހަކަ ނުބުންޏަސް ވަގުތުނުދީ ބިޒީކޮށް އުޅުނަސް.. އައި ރެސްޕެކްޓް ހިމް…“ ޒާނާގެ ޖަވާބު އަޑު އަހަން އިންތިޒާރުގައި އިން ލީޝާ އަށް ބޯ ހޫރާލެވުނީ އޭނާ އަށް އެވާހަކަ ގަބޫލު ނުކުރެވުނޭ ބުނާ ފަދައިންނެވެ. ” އައި ޑޯންޓް ބިލީވް ޔޫ.. އެކަމް އޯކޭ …ދެން ބުނެބަ.. ހީ ލަވްސް ޔޫ އޭ ތިބުނީ؟؟ “ ލީޝާ އަނެއްކާވެސް ކޮށްލީ އޭނާގެ ހިތުގައިވާ ސުވާލެވެ. ” ލީޝް.. ލަވް އިޒް ނޮޓް އެވްރީތިންގް.. ލޯތްބަކީ ހުރިހާއެއްޗެއް ނޫނޭ.. އެއީ އަހަރެންގެ ފިރިމީހާ.. ކުދިންގެ ބައްޕަ.. ލޯބިވެޔޭ އަބަދު ނުބުންޏަސް ލޯބިވާތީނު އެކުގައި އުޅޭނީ..؟ ނޫންތަ؟؟ “ ޒާނާ ބެލީ ލީޝް އަށް ވިސްނައިދެވޭތޯއެވެ.
” ނޯ…! ނޯ…! ސިސް ހާދަ މޮޔައޭ..! ލޯބި ނުވާ ކިތައް މީހުން ކައިވެނި ކޮށްގެން އުޅެނީ.. ހަޒްބަންޑް ވައިފް އަށް ވީމަ ލޯބި ވަންޏާ ދުނިޔޭގަ މެރީ ކޮށްގެން އުޅޭ އެންމެން އުޅޭނީ ލޯބިން އުފަލުގަ.. ލޯބި ވުމަކީ އެހެން އަމިއްލައަށް އުޅެން ފަސޭހަޔަކަށް މީހަކާއި ކައިވެނިކޮށްގެން އުޅުމެއް ނޫނޭ.. ލޯބި ވާނަމަ ސިސްގެ ފީލިންގްސް ވިލް މެޓަރ ޓު ހިމް. އެ ގޮތަށް އަބަދު ގޮސް ރަށުން ބޭރުގަ އުޅޭ އިރު އެއްފަހަރުވެސް ސިސް ކޮބައިތޯވެސް ބަލާ ނުލެވޭ.. ކުދިންނަށް ގުޅައި ވާހަކަ ދެއްކުމަކީ އަދި މުޅިން އެހެންކަމެއް .. އެއީ ލޯތްބެއް ނޫން..“ ލީޝާ ގެ އަޑުގައި ވީ ހިތްހަމަ ނުޖެހުމެވެ. ހުޝާމްގެ ގޮތް އޭނާއަށް ފެނި ދަސްވެފައިވާތީއެވެ. ޒާނާގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އެކަނިވެރިކަމާއި ހިތާމަ އެނގޭތީއެވެ.
” ދެން ލީޝް ތި ބުނަނީ ކިހިނެތް ހަދާށޭތަ؟؟ ދިރިއުޅުން ރޫޅާލާށޭތަ؟؟ އޭރުން ލޯބި ލިބޭނެތަ؟ އުފަލުގަ ހުރެވޭނެތަ … ކުދިންނަށް ދެ މީހުންގެ ލޯބި ދެވޭނެތަ؟ އޭރުން ވާނެ ވަކި އިތުރު ކަމެއް އެބަ އޮތްތަ؟؟ އޭރުންވެސް ހަމަ މިހެން ހުންނާނީނު..؟“ ޒާނާ ސުވާލުތައް އަމުނާލަމުން ލީޝާއަށް ބަލާލިއެވެ. ” ނޫން.. އެހެނެއް ނޫން މިބުނީ.. މި ބުނީ ހުޝާމްބެއާ ވާހަކަ ދައްކާށޭ… ޓެލް ހިމް ދެޓް ޔޫ ނީޑް ޓު ބީ ކެއާރޑް އެންޑް ލަވްޑް ޓޫ.. މި ބުނަނީ ސިސް ތިހެން ހިތުގައި ހުރިހާކަމެއް ފޮރުވައިގެން އަބަދު ނޫޅޭށޭ.. އަމިއްލަ ނަފްސަށް ވެސް ވިސްނާށޭ.. ހުޝާމްބެއަށް ނޭނގިވެސް ކަންތައް ކުރެވޭގޮތުން ދެރަވާކަން ބުނެދޭނީ.. ހުޝާމްބެއަށް ނޭނގެންޏާ ސިސް ބުނީމަ އެނގޭނެ ދޯ ތިވެސް އިހުސާސްތަކެއްވާ އިންސާނެއްކަން .. މިހާރު ހީވަނީ ޕަޕެޓެއް ހެން.. ހުޝާމްބެ ބޭނުންހާ ކަމެއް ކޮށްދީފަ.. ކުދިންގެ ކަންތައް ކޮށްދީފަ.. އެގެ ބަލައި އެގޭގެ ހުރިހާ ކަމެއް ކޮށްފަ.. ހުޝާމްބެ ހިތްހަމަ ޖައްސަން އެގޭގަ އުޅެފަ.. އެކަމަކު އަހަންނަށް ހީވަނީ ހުޝާމްބެއަކަށް ނޭނގޭހެން ތި ކޮށްދޭ އެއްވެސް ކަމެއްގެ އަގެއް ހުރިކަމެއް.. އަޅާވެސް ލަނީއެއް ނޫން.. ހަނދާނެއް ނުވޭތަ ބަނޑުބޮޑު އިރުވެސް ހުރިހާ ފަހަރެއްގަ ޑޮކްޓަރަށް އެކަނި ގޮސް އަމިއްލައަށް ބަލިކޮށް އުޅެމުން ހުރިހާ ކަމެއް އެކަނި ކުރަމުން އުޅެންޖެހުނު ހާލު؟ އެއީތަ ނުބުންޏަސް ވާކަމަށް ތި ބުނާ ލޯތްބަކީ؟ އަނިޔާ ކުރުމަކީ ހަމަ އެކަނި އަތުންފައިން ކުރާކަމެއް ނޫނޭ… އަޅާލުމާ އެހީ ބޭނުންވާ ވަގުތު ހުޝާމްބެ ސިސްއާއެކު ހުންނަތަން ނުފެންނާތީ މިބުނެވެނީ މިހެން…“ ލީޝް އޭނާގެ ހިތުގައިވާ ހުރިހާ ޝަކުވާއެއް ބޭރުކުރަމުން ދިޔައިރު ޒާނާ ހަމަ ހިމޭނުން ހުރީއެވެ. އެނާގެ ހިތުގައި ނުހިކި ވާ ފާރުތަކުގައި އަޅާފައިވާ މަލަން މީހަކު ނައްޓުވަމުން ދާ ފަދައިން ލީޝްގެ ވާހަކަތަކުން ހިތުގައި ރިހުން ގަދަވަމުން ދިޔައިރު އޭނާ ފެންކަޅިވެ އިސްޖަހާލީއެވެ. ޒާނާގެ ލޮލަށް ގިނަވި ކަރުނަތައް ފެނި ލީޝާ ވާހަކަ ހުއްޓާލިއެވެ. ” ސޮރީ.. ސިސް ދެރަ ކުރާކަށް ނޫން.. އައިމް ޖަސްޓް ވޮރިޑް އެބައުޓް ޔޫ.. އެހެންވެ.. ސޮރީ.. އަހަރެންވެސް ބޭނުންވަނީ ތި ދެމީހުން އެކުގައި އުފަލުގައި އުޅެން.. ދެން ނުދައްކާނަން މި ވާހަކައެއް.. “ ޒާނާ ގައިގައި ބައްދާލަމުން ލީޝް ބުނެލީ އޭނާގެ ސަބަބުން ޒާނާ ދެރަވެއްޖެކަން އެނގުމުން ދެރަވެހުރެއެވެ.
”އޭތް އޭތް… ހާދަ ލޯތްބެކޭ ތިވަނީ.. މަ ހަމަ ބޭރަށް ނުކުމެލާއިރަށް ދެ މީހުން ހީވަނީ ނުފެނި އަހަރެއް ވެފަ ދިމާވި ހެން ދޯ.. !! “ ޒާނާގެ ގައިގައި ބައްދާލައިގެން އިން ލީޝް ފެނިފައި ޒީނާ ދިމާކޮށްލިއެވެ. ފަހަތުން ވަދެގެންއައި ލީމް އާއި އުމައިރް ވެސް ދުވެފައިގޮސް ލީޝާ ގައިގައި އޮޅުލައިގަތެވެ. ” ލިލީ… ކޮން އިރަކު އައީ..؟ މާމަ އެބަ ގޮވާ … “ ލީޝާގެ މޫނަށް ބަލާލަމުން ހެވި ދިއްލިފައި ލީމް ވާހަކަދެއްކިއެވެ. ކުޑަ ކުޑަ އުމައިރް އެނދަށް އަރަައި އޭނާގެ މަންމަގެ މޭގައި ތައްވެލައި ދެއަތުން ޒާނާގެ ގައިގައި އޮޅުލައިގަތެވެ. ޒާނާ އަވަސް އަވަހަށް ލޯ ފޮހެލަމުން ދަރިފުޅު ގައިގައި ބައްދާލިއެވެ. ” މަންމީ .. ލީމްގެ ވެޑިން ޑްރެސް ލިބިއްޖެ.. “ ލީމް އޭނާގެ ޕާރޓީ ހެދުން ފެނިފައި އުފަލުން ބުނެލި އެއްޗަކުން އެންމެން އެއްކޮށް ހީގަތެވެ. ” ލީމްގެ ވެޑިންއެއް ނޫނޭ .. ދޫންޔާ ޒީން ދޮންތިގެ ވެޑިން އޭ.. “ ހެމުން ލީޝާ ލީމްގެ ކޮލުގައި ހިފާލިއެވެ. ” ހިނގާ ކާން ދޯ ހުރިހާ ކުދިން .. “ ޒީނާ ކާން ގޮވާލުމުން އެންމެން އެކުގައި ކާގައެށް ދާން ނުކުތެވެ.
*****
އިރު އޮއްސި އަނދިރިވީއެވެ. ރީތި ތަރިތަށް ފަޒާގައި ބަބުޅަން ފެށީއެވެ. ކައިވެނީގެ ކުރިން ލިބުނު ފަހު ރޭ ޝަޔާން ތައްޔާރުވަމުން ދިޔައީ އޭނާގެ ހުވަފެންތަކުގައި އެންމެ ފުރިހަމަ ކުލަ ޖެއްސޭތޯއެވެ. ކައިވެނި ކުރާ ތަނަކަށް ނިންމާފައި ވަނީ އޭނާގެ ގެ ކަމުން މުޅި ގެ ޒީނަތްތެރިކުރަމުން ދިޔައީ ހުދާއި ފަނޑު ނޫކުލައިގެ ފިނިފެންމާތަކުންނެވެ. ފެހިކުލައިގެ ވެޔޮ ގަނޑުތަކާއި ކުދި ބޮކި ތަކުން ފާރާއި ސީލިންގ ޱޒީނަތްތެރިކޮށްފައި ކައިވެނި މޭޒާއި ގޮނޑިތައް ހުދު ފޮތިން ޖަރީކޮށް މާތައް ތަރުތީބުކޮށްފައި ވީ އެންމެ ފުރިހަމަ އަށެވެ. އެއާއެކު މާތަކާއި ’ލެންޓާން‘ ތަކުން ފަރުމާކޮށްފައިވާ ރީތި ’ބެކް ޑްރޮޕް‘ އެއް ކައިވެނި މޭޒުގެ ފަހަތުގައި ބަހައްޓާފައިވީ ފޮޓޯތަކަށް އިތުރު ފުރިހަމަކަން ގެންނާނެ ގޮތަށެވެ. ރީހާން އާއި ސަމާހު އަދި ނިހާންވެސް އިތުރު ދެ ތިން މީހަކާ އެކު ޝަޔާނަށް އެހީވުމުގައި އަވަދިނެތި ބުރަކޮށް މަސައްކަތް ކުރަމުން ދިޔައެވެ. ހުރިހާ ކަމެއް ތައްޔާރުކޮށް ނިމުނު އިރު ދަންވަރު ބާރަ ޖަހަން ގާތްވީއެވެ. މަސައްކަތްތައް ނިމުމުން އެންމެންވެސް ބެލީ އަވަހަށް ނިދޭތޯއެވެ.
ކޮޓަރިއަށްވަދެ ފެންވަރައި ތާޒާވެލައިގެން އެނދުގައި ޖައްސާލައި ރީހާން އޭނާގެ ފޯނު ނެގީ ޒާނާގެ މެސެޖެއް ލިބިފައިވާނެކަމަށް އުއްމީދުކުރަމުންނެވެ. ބައްދަލު ކުރަން އެދުމުން ޒާނާ ނޫނެކޭ ބުނުމުން މާޔޫސްވެފައި ހުރި ނަމަވެސް އޭނާއަށްވެސް ޒާނާ ނޫނެކޭ ބުނި ސަބަބު ވިސްނުނެވެ. ޒާނާއާއި ބައްދަލުވާ ކޮންމެ ފަހަރަކު އޭނާގެ އިހުސާސްތައް ކޮންޓްރޯލު ކުރަން އުނދަގޫވެ ޒާނާއާއި ގާތްވެވެން އުޅޭކަން އެނގުމުން ޒާނާ ބުނިހެން ބައްދަލުކޮށް ހެދުން ރަނގަޅު ނޫންކަމަށް ނިންމާފައި ހުރީއެވެ. އެހެނަސް ހަބަރެއް ވެލާނަމަވެސް ހިތަށް ކުޑަކުޑަ ހަމަޖެހުމެއް ލިބޭނޭ ހިތާހިތުން ކިޔާލީ އޭނާ އުއްމީދުކުރި ފަދައިން ޒާނާ މެސެޖެއްވެސް ކޮށްފައި ނެތުމުންނެވެ. ފޯނު ބަލާލިއިރު މައިރާގެ ވިހި ވަރަކަށް މިސްކޯލު އިނެވެ. އެއާއެކު މަޒުމޫނެއްހާ ދިގު މެސެޖެއް ވައިބަރ ކޮށްލާފައި އިނެވެ. ރީހާން އެރަށަށް ދިޔަ ފަހުންވެސް މައިރާއަކަށް ނުގުޅައެވެ. ކުދިންގެ ހަބަރު ބަލަން އޭނާ ދެފަހަރުވެސް ގުޅީ ދަރިފުޅު ކައިސް އަތުގައި އޮންނަ ނޮކިއާ އާދައިގެ ފޯނަށެވެ. އެއީ މައިރާގެ ފޯނަށް ގިނަފަހަރު ގުޅައިގެން ފޯނު ނުނަގާތީ އޭނަައަށް ކުރަން މަޖުބޫރުވީ ކަމެކެވެ. މައިރާ ކުޑަކޮށް ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެލާއިރަށް ފޯނު ނިވާލާ ނުވަތަ ރީހާންގެ ނަންބަރު ބްލޮކް ކޮށް ހަދާތީ ރީހާން ކުދިންނާ ގުޅަން ހޯދާދިން ފޯނެކެވެ. އެ ފޯނު އެއީ އޭނާގެ ނަސީބުކަމުގައި އޭނާ ހިތަށް އެރީ އެހެންނޫންނަމަ މާލެ ދެވެންދެން އޭނާއަށް ކުދިންނަށް ވެސް މައިރާއާއި ނުލާ ނުގުޅޭނޭ ހިތާއެވެ.
ފޯނަށް ބަލާފައި ރީހާން މެސެޖް ކިޔާލިއެވެ. އާދައިގެ މަތިން މަައިރާގެ ހިތުގެ އުދާސްތަކެވެ. ރީހާން ގޯސްވާހަކައެވެ. ރީހާންގެ ސަބަބުން ހިތުގައި ޖެހި ދެރަވާވާހަކައެވެ. އޭނަަގެ ބައްޕަ ކައިރީ ރީހާންގެ ވާހަކަ ބުނާނެވާހަކައެވެ. އެނާގެ ހިތުގައި ރީހާނާއިމެދު ވާހައި ޝަކުވާތަކަކަށް ފަހު މެސެޖު ނިންމާލަމުން މައިރާ ބުނެފައި އޮތީ އޭނާ ރަށަށް ފޮނުވާލާފައި މާލޭގައި ރީހާން މަޑުކުރި ސަބަބު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ރަށަށް އައުމުން ވަރަށް ބޮޑު ސަޕްރަޒެއް ދޭނެވާހަކައެވެ. މައިރާގެ އެއްވެސް ވާހަކައަކަށް މާބޮޑު އަހައްމިއްޔަތުކަމެއް ނުދީ މެސެޖު ކިޔާލާފައި ރީހާން އޮށޯވެ ހަމަޖެހިލީއެވެ. މައިރާއަށް ރައްދު ދިނުމަކީ އޭނާއަށް ބޭކާރު ކަމެއް ކަމަށް އިހުސާސް ކުރެވުނެވެ. ފޯނު ބާއްވާފައި ރީހާން ލޯމަރާލިއެވެ. ވަރުބަލިވެފައިވުމުން މާ ލަސްތަކެއް ނުވެ ފުން ނިންޖަކަށް ގެނބިގެން ދިޔައީއެވެ.
*****
އާދުވަހަކަށް އިރުއެރީ ދެ ހިތެއްގެ ގުޅުމަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވާ އުފާވެރިކަމާއެކުގައެވެ. ޒީނާ އާއި ޝަޔާންގެ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ނިންމައި ކައިވެނި ކުރާގަޑިއަށް ތައްޔާރުވަމުން ދިޔައީ ތަފާތު އިހުސާސްތަކާއެކުގައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިނިތުންވުމެވެ.
ހުދުކުލައިގެ ކައިވެނި ހެދުމުގައި ރީތިވެލައިގެން ހުރި ޒީނާގެ މޫނު މަތީގައި ވީ މައުސޫމު ކަމާއި ފުރިހަމަ ކަމެވެ. ލޯގަނޑު ކުރިމަތީ ހުއްޓިލައިގެން ހުރި ޒީނާގެ ފަހަތުގައި ލީޝާއާއި ޒާނާ ހިނިތުންވެފައި ތިބީ އުފަލުންނެވެ. ”ވާ.. ޗާލު،ވ ލޯބި.. ޝަޔާން މޮޔަ ވާނެ.. “ ލީޝާ ޒީނާގައިގައި ބައްދާލަމުން ތަޢުރީފު އޮއްސަމުން ދިޔައިރު ޒާނާ ވެސް ބޯޖަހާލަމުން ހީލިއެވެ. ” ގަޑި ޖެހެނީ ނު.. ދެން ހިނގާ އަވަހަށް އެ ގެއަށް ދާން . މިހާރު އެންމެން ތިބޭނީ ލަސްވެފަ.. މަންމަ ވެސް ވީ ލީމް މެން ގޮވައިގެން ގޮސް.. ކައިވެނި ކޮށްދޭ މީހުން ވެސް ނާންނަ ކަމެއް ނޭނގެ މިހާރު “ ޒާނާ ގަޑިބަލާލަމުން ބުނެލީ ހަތަރެއް ޖަހަން ގިނަ އިރެއް ނެތުމުންނެވެ. އަވަސް އަވަހަށް އެންމެން ނުކުތީ ކައިވެނި ކުރާތަނަށް ޝަޔާންމެންގެއަށް ދާށެވެ.
( ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Naa and Reehaan gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
ތިޔަހައި ޒުވާން ލިޔުންތެރިއަކު މިހައި ކުށްބަސްތައް މަދު، ރީތި އިބާރާތްތަކުން ލިޔާތީ ވަރަށް އުފާވެއްޖެ. ކުރީގައި ވެސް ބުނެފައިވާ ފަދައިން ވާހަކަ ރީތި. ކުރިޔަށް ހުރި ބައިތަކަށް އިންތިޒާރުކުރަން. މަދުވެގެން ވެސް ހަފުތާއަކު ބައެއް ގެނެސްދެވޭތޯ ބަލާތި