Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދުވަރު ދިން އެރޭ …8

Hudhufinifenmaa_
Hudhufinifenmaa_ Level 2100 Login10 Stories
October 19, 2024 7 Mins Read
9 Comments

ހަނދުވަރުދިން އެރޭ…8

 

ރީހާންވެސް ނިހާން މެން ފަހަތުން ދާން ހިނގައިގަތްތަނާ ކާރެއް އައިސް ތަންކޮޅެއް ދުރަށް މަޑު ކުރި އަޑު އިވުމުން ފަސްއެނބުރި ބަލާލިއިރު ކާރު މަޑުކުރީ ޒާނާމަންޒިލަށެވެ. ކާރުން ފައިބައިގެން ހިނގައިގަތީ އޭނާ އެ ސޫރަ ދެކެން ކެތް މަދުވެ އެތައް އިންތިޒާރަކާއިއެކު އެހަނދާނުގައި އެތަކެއް ވޭނީ ކަރުނައެއް އެޅި ޒާނާއެވެ. އިސް ދަށަށް ޖަހާލައިގެން ފޯނާ ކުޅެމުން ކާރުން ފޭބިގޮތަށް ޒާނާ ގޭގެ ބޮޑު ދޮރާށިން ވަންނަންދެން ރީހާން ހުއްޓި ބަލަން ހުރީ އޭނާގެ ދުނިޔެވެސް ހުއްޓިފައިވާހެންނެވެ. ޒާނާ ފެނުމުން ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަންނަން ވީއޭ ހިތަށް އެރި ނަމަވެސް ބިންގަނޑު އޭނާގެ ދެފައިގައި ހިފަހައްޓާލި ފަދައެވެ. އަޑުގެ ކޮޅަށް ’ނާ‘ އޭ ގޮވާލަން އޭނާގެ ދޫވެސް ހަރަކާތެއް ނުކުރިއެވެ. ގަނޑުވެފައި ހުރި ރީހާން އަށް ހަމަ ހޭ ޖެހުނީ އަނެއްކާވެސް ނިހާން އެނބުރި ރީހާނަށް ގޮވާލުމުންނެވެ. ”އޭތް.. އެގެޔަށް ދޯ ކަލޭވެސް ދާން ބޭނުން ވަނީ.. “ ނިހާން ސަމާސާެ ގޮތުގައި ބުނީ ތެދެކެވެ. ރީހާންގެ ހިތް ވަނީ އެގޭގައި ކަން ނިހާނަށް ނޭނގުނަސް އެއީ ހަޤީގަތެވެ. އޭނާ ދާން ބޭނުން ވަނީ އެގެއަށެވެ. ޒާނާއާއި ބައްދަލު ކުރުމަކީ އޭނާގެ މަޤުޞަދެވެ. ނިހާން ގޮވާލުމުން ރީހާން ހިނގައިގަތީ ޝަޔާންމެންގެއަށް ވަންނާށެވެ. ރީހާން ވަނުމުން ޝަޔާން ރީހާނަށް ކޮޓަރި ދައްކާލުމުން ރީހާން ދަބަސް ބަހައްޓާފައި އެނދުގައި އޮށޯވެލިއެވެ. ”ވަރަށް ނިދި އަންނަ ރެއެއް..“ ރީހާން ބުނެލީ އިތުރު ކަމަކާ އުޅޭނެ މޫޑެއް އޭނަަގެ ނެތުމުންނެވެ. ” ވަރުބަލި ދޯ.. އެހެންވިއްޔާ ދެން މިރޭ ނިދާލާ.. މާދަމާ ދެން އެއްވެސް ކަމަކާ އުޅޭނީ …“ ޝަޔާން ބުނެލީ ރީހާން އެނދުގައި އޮށޯތުމުންނެވެ. އޭރު ނިހާނާއި ސަމާހު ސޯފާގައި ވާހަކަ ދައްކަން ތިބުމުން ޝަޔާންވެސް ނިކުމެ އެމީހުންނާ ބައިވެރި ވެލީއެވެ. ” ރީހާން ނިދީތަ..؟ “ ސަމާހު އަހާލީ ގެއަށް އައި ގޮތަށް ކޮޓަރިއަށް ވަން ރީހާން ނުނިކުމުންނެވެ. ” އޭނަ މާ ޓަޔާޑް.. މާލޭގަ ބިޒީކޮށް އުޅެފަ އައިމަ ކަންނޭގެ.. އަހަރެންވެސް މި ދަނީ ދެން ނިދަން.. މާދަން ޖެހޭނެ ޕާރޓީ ޑެކާސް އާ ވެސް މީޓް ކޮށްލަން.. ޒީން އަކަށް ނޭނގޭނެ އަހަރެން މިހާވަރަށް ރެޑީވާކަމެއް.. އެކަމް އަހަރެން ބޭނުން ޑިނާރ އެއް ބާއްވާއިރު ތަން ވެސް ސަޅިކޮށް ޑެކަރޭޓް ކޮށްލަން.. މި ރަށު ތުނޑީ ކޮޅުގަ ބީޗް ވަރަށް ސަޅިވާނެ ދޯ.. ޒީން އަށް ސަރޕްރައިޒެއް އެއީ “ ޝަޔާން އޭނާގެ ކައިވެނި ޕާރޓީ ބާއްވާން އޭނާ ތައްޔާރު ވަމުން ދާގޮތާމެދު ހިޔާލު ހޯދާލަން ސަމާހާއި ނިހާން ކައިރިން އަހާލިއެވެ. ” އާނ .. ވ ސަޅި އައިޑިއާ އެއް.. މާދަން ދޯ އެހެންވީމަ ދެން ތިކަމާ އުޅެވޭނީ…“ ސަމާހު ވެސް ޝަޔާންގެ ވާހަކައަށް ތާއީދު ކޮށްފައި ގޮސް ވަނީ ނިދާށެވެ. ސަމާހުމެން ދިއުމުން ނިހާން ވެސް ކޮޓަރިއަށް ވަނީއެވެ.

އެންމެން ކޮޓަރި ތަކަށް ވަދެ ނިދަންދެން ރީހާން އޮތީ ލޯ މަރައިގެން އެކި ހިޔާލުތަކުގައެވެ. އޭނާ ވިސްނަމުން ދިޔައީ ޒާނާއާއި ބައްދަލު ކުރެވޭނެ ގޮތެކެވެ. އެހާ ދަންވަރު އެގެއަށް ދާނީބާއޭ އޭނާގެ ހިތަށް އެރިއެވެ. ޒާނާގެ ނަންބަރެއް ވެސް ގުޅޭނެ ގޮތެއްވެސް ނެތް އިރު އެގެއަށް ގޮސް ވަކި ކުރެވޭނީ ކީއްބާއެވެ. އެހާ ދަންގަޑިއެއްގަ ޒާނާ ހޭލާވެސް ނުހުންނާނެކަން ޔަޤީނޭ ހިތަށް އެރުމުން އުއްމީދު ކަނޑާލާފައި ދެފަރާތަށް ފުރޮޅި ފުރޮޅި ރީހާން އޮތީއެވެ. އެތައް އިރެއް ވީ އިރުވެސް ނުނިދުމުން ރީހާން އެނދުން ތެދުވެލިއެވެ. ފާހާނާއަށްވަދެ ފެން މާގަނޑު ދޫކޮށްލައިގެން އޭނާގެ ސިކުނޑި ފިނިވާ ވަރަށް ބޮލަށް ފެންއަޅާލިއެވެ. އެހެނަސް ފައިދާއެއް ނުކުރުމުން ނުކުމެ ތައްޔާރު ވެލައިގެން މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލިއެވެ. ރޭގަނޑުގެ އެ ހަމަހިމޭން ވަގުތު އިތުރު އެއްވެސް އަޑެއް ނީވެއެވެ. ސިއްރުން އަޅާ ފިޔަވަޅުގެ އަޑުވެސް އިވޭހާ ހަމަ ހިމޭން އެ ވަގުތު ރީހާން ބެލީ އެގެއިން ނުކުމެވޭނެ ގޮތެކެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އެންމެން ނިދާފައިކަން ޔަޤީން ވުމުން ރީހާން ގޭގެ ދޮރު ހުޅުވާލީ ދޮރުގައި ޖަހާފައި އިން ތަޅުދަނޑިންނެވެ. ތަޅުތަނޑިފަތި ނަގައިގެން އޭނާއަށް ވީހާވެސް މަޑު މަޑުން ދޮރު ލައްޕާލަމުން ބޭރުން ތަޅުލާފައި ގޮސް ގޭގެ މައި ދޮރޯށިން ރީހާން ނުކުމެ މަގުގެ ދެކޮޅު ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަތުގައި އޮތް ފޯނުން ގަޑި ބަލާލި އިރު ބާރަގަޑި ބައިވެ ބޮޑުވީއެވެ. ހަލުވި ހިނގުމެއްގައި އޭނާ ހިނގައިގަތީ ޒާނާމަންޒިލަށެވެ. ވަށައިގެން ހޯދަމުން މީހަކަށް ފެނިދާނެތީ ބިރުން އޭނާގެ ހިތް މޭގައި ބާރަށް ތެޅެމުން ދިޔައިރު އެގޭގެ ދޮރު ހުޅުވާފައި ހުރުމަކީވެސް ނާދިރު ކަމެއްކަން އެ ހިތަށް ގަބޫލު ކުރަން ދަތިވިއެވެ. ބާރުބާރަށް ގޮސް އެގޭގެ ދޮރާ ހަމަވި އިރު ދޮރު ހުރީ ލައްޕާލާފައެވެ. ރީހާން އިތުރަށް މާޔޫސް ވީއެވެ. އެނބުރި އައި ކޮޅަށް ދާންވީއޭ ހިތާ ނެގި ފިޔަވަޅާއެކު އިވުނީ ތަޅުދަނޑި ފަތިއެއް މަޑު ރާގަކަށް ތެޅޭ އަޑެވެ. ހީވާގޮތުން ހިނގާފައި އަންނަ މީހެއްގެ އަތުގައި އޮތް ތަޅުދަނޑި ފައްޗެކެވެ. ރީހާން އަވަސް އަވަހަށް ގޭޓާއި ކައިރިވެލަމުން މަތީގައި ޖަހާފައިވާ ތޭރި ތަކުގެ މަތިން ގޯތި ތެރެއަށް ބަލާލިއެވެ. އަނދިރީގެ ތެރެއިން މީހަކު ފެންނަވަރެއް ނުވިއެވެ. ރީހާން އިތުރަށް ގޭޓް ކައިރިވެލީ އެތެރެއިން މީހަކު ފެނޭތޯއެވެ. އެހެނަސް އޭނާގެ އަތުން ޖެހިފައި ދޮރު ކުޑަކޮށް ހުޅުވިގެން ދިއުމުން އެ ދޮރު ހުރީ ތަޅު ނުލައިކަން އޭނާއަށް އެނގުނެވެ. ރީހާނަށް އޭނާ ކުރަން އުޅޭ ކަމެއް އަމިއްލައަށް ވެސް ނޭނގޭކަހަލައެވެ. އިތުރު ވިސްނުމަކާ ނުލާ އެ ދޮރު ހުޅުވާލައި އެތެރެއަށް ވަދެލި އިރު އެތާ އެގޭގެ އެހެން މީހަކު ހުރެދާނެ ކަމާ މެދުވެސް އޭނާގެ ފަރުވާލެއް ނެތްފަދައެވެ. ގޯތި ތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ގެއަށް ވެސް މާ ބޮޑު ބަދަލެއް އައިސް ހުރިހެން ހިއެއް ނުވެއެވެ. އެއީ ޒާނާއާއި ބައްދަލު ކުރަން އޭނާ އައި ރޭގައިވެސް ގޯތިތެރެ އޮތްގޮތެވެ. މަގުބައްތިން އެޅިފައިވާ ފަނޑު އަލި ކަމެއް ފިޔަވައި އިތުރު އަލިކަމެއް ގޯތި ތެރެއަކު ނުވެއެވެ.

އިރުކޮޅެއްވަންދެން ގޭޓް ކައިރީ ހުއްޓިލައިގެން ހުރި ރީހާނަށް އަނެއްކާވެސް ތަޅުދަނޑި ފަތީގެ އަޑު އިވުނެވެ. އެއާއެކު މީހެއްގެ ފިޔަވަޅުތަކުގެ އަޑުވެސް އިވުނީއެވެ. ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް އޭނާއާއި ގާތުންނެވެ. ކާކުކަން ނޭނގޭތީ ރީހާން އަވަސް އަވަހަށް ގޭޓާއި އެންމެ ކައިރީގައި ހުރި ގަސްތަކުގެ ނިވަލަށް ވަން އިރު އެ ދޮރު އެހެން މީހަކު އައިސް ތަޅުލައިފިއްޔާ މުޅި ރޭވެސް އޭނާ ހޭދަ ކުރަން ޖެހޭނީ އެ ގޯތި ތެރޭ ފިލާ ހުރި ވަގެއްހެން ކަން އޭނާގެ ސިކުނޑިއަކަށް އެވަގުތު ނުވިސްނުނެވެ. ފިޔަވަޅުތަކުގެ އަޑު ބާރުވަމުން ދިޔަވަރަކަށް އޭނާގެ ހިތުގެ ތެޅުން ބާރުވެ ރީހާނަށް ދެލޯ މަރާލަން މަޖުބޫރު ވިއެވެ. ދެން އިވިގެން ދިޔައީ ތަޅުދަނޑިން ދޮރު ތަޅުލިއަޑެވެ. ރީހާނަށް ސިހިފައި ބަލާލެވުނު އިރު ދޮރު ތަޅުލާފައި އެނބުރިލީ ޒާނާއެވެ. މިނިވަންކަމާއެކު ދޫކޮށްފައިވާ އެ ދިގު ފަން އިސްތަށިގަނޑާއި އެ ތުނި ހަށިގަނޑެވެ. އަތް ކުރު ޓީޝާރޓެއްގައި ގަޔަށް ދޫ ހަރުވާޅެއް ލާފައި ހުރި އިރު ނިދަން ތައްޔާރުވެގެން ކަން އެނގެއެވެ. ޒާނާ ފެނުމުން ރީހާނަށް ތެޅިގަނެވުނެވެ. އޭނާ އެގެއަށް އައީ ޒާނާ އެގޮތަށް ހުއްޓާ ދުށުމުގެ ނިޔަތުގައި ނޫނަސް ޒާނާ ފެނުމުން އޭނާގެ ހަށިގަނޑަށް ވެރިވީ ތަފާތު ހޫނެކެވެ. ކުރިޔަށް ވުރެ ހިތުގެ ހިނގުންވެސް އަވަސްވީއެވެ.

ކުއްލިޔަކަށް ގަސްތަކުގެ ނިވަލުން އަޑެއް އިވުމުން ފިތްކަނޑައިގެން ދިޔަ ޒާނާ ހަޅޭއްލަވައިގަތީ ބިރުން ހިތް އަނގަޔަށް އައިހެންނެވެ. ފިލާ ހުރި ރީހާނަށް ޒާނާގެ ހަޅޭކުގެ އަޑު ކަނޑުވާލަން މަޖުބޫރުވީ އިތުރު މީހަކު އެތަނަށް އަތުވެއްޖެނަމަ ދެން ވާނެ ގޮތް އޭނާއަށް އެނގޭތީއެވެ. އޭރުވެސް ޒާނާއަކަށް ރީހާން ނުފެނެއެވެ. އެހެނަސް އެތާގައި މީހަކު ހުރިހެން އޭނާއަށް ހީވިއެވެ. ގަހުގެ ނިވަލުގައި ހުރި ރީހާން ޒާނާގެ އަތުގައި ހިފައި އޭނާގެ ގާތަށް ދަމާލިއެވެ. އެއާއެކު ދެން އިވުނީ ކޮޓަރިއެއްގެ ދޮރު ހުޅުވިއަޑެވެ. ޒާނާގެ ހަޅޭކުގެ އަޑު އިވުމުން ކޮޓަރިން މީހަކު ނުކުތީކަން ރީހާނަށް ވިސްނުނެވެ. ރީހާން އަވަސް އަވަހަށް ޒާނާ ގެ އަނގަމަތީ އެއް އަތް އަޅައި ބާރު ކޮށްލަމުން އޭނާގެ އަތުތެރޭ ޒާނާ ހައްޔަރު ކޮށްލައި ގަހުގެ ނިވަލަށް ވަނީ ދެން އިތުރު މީހަކަށް ފެނިދާނެތީއެވެ. ބިރުން ވިރި ވިރި ހުރި ޒާނާއަށް ވާނުވާ ނޭނގި ދެލޯ ބޮޑުވެ އޭނާގެ ހެޔަށް ގޮތް ނުވީ ކިރިޔާއެވެ. ” ނާ.. އިޓްސް މީ.. ޕްލީޒް… “ ވައި އަޑަކުން ރީހާން ޒާނާގެ ކަންފަތް ދޮށުގައި އެހެން ބުނެލި އިރު ކޮޓަރިން ނުކުތް ސާއިމް ގޯތި ތެރެއަށް ނަޒަރު ހިންގަމުން ނިކުމެ ފޯނުން ފްލެޝް ލައިޓު ދިއްލާލީގޯތިތެރެއިން މީހަކު ފެނޭތޯއެވެ.

ރީހާން ގެ އަޑު ޖެހުމުން ޒާނާއަށް އެ އަޑު ވަކިވި ނަމަވެސް އޭނާ އަށް ލިބުނީ ކުރިއަށް ވުރެ ބޮޑު ޝޮކެކެވެ. ރީހާން އެ ދަންވަރު އޭނާގެ ގޭގެ ހަތަރު ފާރު ތެރޭ ފިލާ ހުރެދާނޭ އޭނާއަކަށް ހަޖަމެއް ނުކުރެވުނެވެ. ޒާނާގެ ހިތައް ވެރިވީ ދުވަހަކުވެސް އޭނާގެ ހިތަށް ވެރި ނުވާފަދަ ބިރެކެވެ. އަނެއްކާ ޖިންނިއެއް ބާއޭ ހިތައި އޭނާ ހުރީ ގަނޑުވެ ގަބުވެފައެވެ. އެއްޗެއް ބުނަން އޭނާގެ ދޫ ހަރަކާތް ނުކުރިތާ ހަޅޭކެއް ވެސް އިތުރަށް ލައްވާލަން މަސައްކަތްވެސް ނުކުރެވުނެވެ.

މީހަކު ހަޅޭއްލެވި އަޑަށް ނުކުތް ސާއިމް އަށް އެއީ އޭނާއަށް ހީވި ގޮތެއް ކަމަށް ހީކުރެވުނު ނަމަވެސް ގޭޓާއި ކައިރިޔަށް ދިޔައީ ދޮރު ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީން ކޮށްލާށެވެ. އޭރުވެސް ރީހާން ޒާނާ އޭނާގެ އަތުގެ ތެރެއަށްލާ މެޔާ ފިއްތާލައިގެން ގުޑިވެސް ނުލާ ނޭވާ ހިފަހައްޓާލައިގެން ގަސްތަކުގެ ނިވަލުގައި ފާރުގައި ޖެހި ސީދާވެގެން ހުރީ ސާއިމް އަވަހަށް ދޭތޯ ހިތާހިތުން ގޮވަމުންނެވެ. ގޭޓް ތަޅުލާފައި ހުރިކަން ޔަޤީންކޮށްފައި ސާއިމް ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލި އަޑު އިވުމުން ރީހާން ޒާނާގެ އަނގަމަތިން އަތް ނެގިއެވެ. އަދި އޭނާއާއި ދިމާއަށް މަޑުމަޑުން އަނބުރާލިއެވެ. ޒާނާ ހުރީ ނޭވާ ހާސްވެ ބިރުން ހޭނެތޭ ވަރު ވެފައިކަން އެ މޫނަށް ބަލާލުމުން ރީހާނަށް އެނގުނެވެ. ”ސޮރީ.. ސޮރީ …ނާ!! އިޓްސް މީ .. އައިމް ސޯ ސޮރީ…“ ރީހާންގެ ޖުމްލަތަށް ޒާނާއަކަށް ފަހުމެއް ނުވެއެވެ. އެއީ އަސްލުވެސް ރީހާން ކަމެއް ނޫނީ ރީހާންގެ ސިފައިގައި ހުރި ޖިންނިއެއް ކަމެއް އޭނާއަކަށް ނޭނގުނެވެ. އެއީ އަސްލުވެސް ރީހާނަށް ވެދާނޭ އޭނާގެ ހިތަކަށް ޤަބޫލެއް ނުކުރެވުނެވެ. ރީހާންގެ މޫނަށް ބަލަން ގަނޑުވެފައި ހުރި ޒާނާގެ އުނަގަނޑުގައި އޭރުވެސް ރީހާން ހިފަހައްޓާލައިގެން ހުރީ ޒާނާ ވެއްޓެން އުޅޭހެން ރީހާނަށް ހީވާތީއެެވެ. ” ނާ !!! ބަލާބަ.. ޕްލީޒް.. މި ރީހާންއޭ…“ ޒާނާގެ ފަރާތުން ޖަވާބެއް ނުލިބުމުން ރީހާން ޒާނާގެ އަތްތިލައިގައި ހިފާލިއެވެ. ގަނޑުފެން ކޮޅެއް ހާ ފިނިވެފައިވީ އެ ދެއަތުގައި އެއްވެސް ބާރެއް ނެތް ކަހަލައެވެ. ކަންބޮޑުވެފައި ރީހާން ޒާނާގެ ދަތް ދޮޅީގައި ހިފައި އިސް އުފުލުވައި އެ މޫނަށް ބަލާލަމުން ޒާނާގެ ގައިގައި ބާރަށް ބައްދާލައި މަޑުމަޑުން ޒާނާގެ ބުރަކަށީގައި ފިރުމާލިއެވެ. ”ނާ ..! އައި ނޯ ޔޫ އަރ ސްކެއަޑް.. އަމް ސޯ ސޮރީ.. ބަލާބަ މި ރީހާން އޭ..!“ އަނެއްކާވެސް ރީހާން ވައި އަޑަކުން ޱބުނެލީ ޒާނާ އެއްޗެއް ބުނޭތޯއެވެ. ރީހާންގެ އަޑު ޖެހުމުން ޒާނާ ރީހާންގެ މޫނަށް ބަލާލިއެވެ. އެ އަތުގެ ތެރޭ ރީހާންގެ މޭގެ ހޫނުކަން އިހުސާސް ވުމުން ޒާނާ އަށް ހޭވެރިކަން ވާން ފެށިނަމަވެސް އޭނާއަކަށް އެއްޗެއް ނުބުނެވުނެވެ. ރީހާންއާއި ހަތަރުކަޅި ހަމަކޮށް ބަލާލި އިރު އެ ފަނޑު އަލިކަމުގެ ތެރެއިން ވެސް އެ ރީތި މޫނު ރީހާންގެ ހިތް ކުދިކުދި ކުރަމުންދިޔައެވެ. ޒާނާގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތް ރީހާންގެ ލޮލުގައި އަޅައިގަތްއިރު ޒާނާ ލައިގެން ހުރި ތުނި ޓީޝާޓުން ފަރުދާވެފައިވާ އޭނާގެ އަންހެންވަންތަ ވަނާތަށް ރީހާންގެ ހުރިހާ ހިއްސުތަކެއް ހޭލައްވަމުން ދިޔައެވެ.

”ރީ…ހާ…ން…!! ” މަޑުމަޑުން ލަސްލަހުން ރީހާންގެ ނަން ޒާނާ ކިޔާލި އިރު ރީހާންގެ ކަޅި ހުއްޓިފައިވީ އެ ތުންފަތަށެވެ. އެ ރީތި އިސްތަށިގަނޑު މަޑު ވައިރޯޅިއާއެކު ވިހުރެން ދޫކޮށްލާފައި ރީހާން ޒާނާގެ މޫނުގައި އެނާގެ ދެއަތުން ހިފާލައި އެ މޫނާ ކައިރިވެލިއެވެ. ހޭލާފައިވާ އޭނާގެ ހިއްސުތަކަށް މަރުހަބާކިޔަމުން ދުނިޔޭގެ ހުރިހާކަމަކުން ހަނދާން ނައްތާލައި ލޯބީގެ އޮއިގައި ނަފުސް ބެހިގެން ދާން ދޫކޮށްލައި ދެލޯ މަރާލަމުން ޒާނާގެ ތުންފަތުގައި ބޮސް ދެމުން ދިޔައިރު އެއީ އޭނާއަށް ލިބިގެންވާ ހައްގެއް ނޫންކަންވެސް ހަނދާނެއް ނެތެވެ. ރީހާންގެ ތުންފަތުގެ ބީހުމުން ލޯމަރާލި ޒާނާއަށް ވަމުން ދިޔަގޮތް ވިސްނެންފެށީދެނެވެ. ޒާނާއަށް އޭނާގެ ގާތުގައި ހުރީ ރީހާންކަން ޔަޤީން ވުމުން އެ ދިގު އެސްފިޔަތަައް ފޯކުރަމުން ލޮލުން ފޫދެމުން އައި ކަރުނަތައް ހިފެހެއްޓުމެއް ނެތި ކޯތާފަތުގައި ފިރުމަމުން ގޮސް ރީހާންގެ އަތުގައި ބީހެންފެށިއެވެ. ރީހާނަށް އޭނާއަށް ކުރެވެމުން އައި ކަންތައް ހިތައް ގެނެވުނީދެނެވެ. ޒާނާ ރޮނީކަން އެނގުމުން ރީހާން އަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވި ޒާނާގެ މޫނާއި ދުރުވެލިއިރަށް ޒާނާ އޭނާގެ އަތުން މަޑުމަޑުން ރީހާންގެ މޭގައި އަޅައި ކޮއްޕާލިއެވެ. ފަސް އެނބުރި ދާން އުޅުމުން ރީހާން ޒާނާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ރީހާނަށް ފުރަގަސްދީގެން ހުރި ޒާނާ އޭރުވެސް ރޮމުން ދިޔަކަން ރީހާނަށް އެނގެއެވެ. ” ނާ … ޕްލީޒް ނުދޭ… އައިމް ސޯ ސޮރީ.. މަޑުކުރެވިދާނެތަ.. ހަމަ އެންމެ ސުވާލެއްގެ ޖަވާބު ލިބިދާނެތަ؟ ޕްލީޒް…!“ ރީހާންގެ އަޑުގައި ވީ އާދޭހެވެ. ނަމަވެސް ޒާނާއަށް އެ އާދޭސް އަޑު އަހާނެ ހިތްވަރެއް ނެތި އޭނާގެ ކުޑަކަކޫ މައްޗަށް ތިރިވެވުނީ ގިސްލަމުންނެވެ. އެމަންޒަރު ބަލަން ހުރި ރީހާންގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދެން ފެށީއެވެ. ކުރެވުނު ކުށާމެދު ކަންބޮޑުވެ ހާސްވީއެވެ. އޭނާއަށް ބޮޑު ގޯހެއް ހެދުނުކަން ވިސްނި ޒާނާ އޭނާއަށް މާއާފު ކުރާނެކަމާމެދުވެސް ބިރު ހީވާންފެށިއެވެ. ޒާނާ ރޯތަން ބަލަން ރީހާނަކަށް ކެތެއް ނުކުރެވުނެވެ. ޖެހިލުންވެ ހުރެ ޒާނާގެ ކޮނޑުގައި ދެއަތުން ހިފާލައި ބިންމަތިން ތެދުކޮށްލަމުން އޭނާއާއި ކުރިމަތިވާހެން އަނބުރާލަމުން އޭނާގެ އަތުން ޒާނާގެ ކަރުނަތައް ފޮހެދޭން ފެށިއެވެ. ” ނާ …! ޕްލީޒް ޑޯންޓް ކްރައި…ޕްލީޒް…އައިމް ސޮރީ.. އައި ކުޑުންޓް ހޯލްޑް މައިސެލްފް ބެކް.. ނާ އަކަށް ނޭނގޭނެ އަހަރެން މި ހިސާބަށް އަންނަން ކުރި މަސައްކަތް.. ކުއްލިއަކަށް ވީ ގޮތެއް ނުބުނެ ނާ ގެއްލުމުން އަހަރެން ވީ ދެރައެއް… މި ވޭތުވެދިޔަ ފަސް އަހަރު އަހަރެން ނާ ފެނޭތޯ ހޯދިވަރެއް.. ނާ އަހަންނަކަށް އަހަރެންގެ ހިތަކަށް ބާރެއް ނުފޯރުވުނު.. ނާ އަހަރެން ދޫކޮށްފައި ދިޔުމުންވެސް އަހަންނަކަށް ނާ އަހަރެންގެ ހިތަކާއި ވަކި ނުކުރެވުނު.. އަހަރެންގެ ހިތުން ތި ނޫން މީހަކަށް ޖާގައެއް ނުދެވުނު.. އައި ލަވް ޔޫ .. ވަަރަށް ވަރަށް ލޯބިވޭ.. އަހަރެންގެ ހިތް މޮޔަ ވެއްޖެ.. ނާ.. ޕްލީޒް.. ސޭ ސަމްތިންގް..“ ރީހާންގެ ދުލުން އޭނާގެ ހިތުގެ އިހުސާސްތައް ބޭރުކުރަމުން ދިޔައިރު ޒާނާގެ ހިތަށް ރީހާންގެ އާދޭސް އަޑުއިވެމުންދިޔައެވެ. އެހެނަސް ރީހާންގެ ލޯބި ގަބޫލު ކުރަން އޭނާއަށް އެއްވެސް ހައްގެއް އަދި ބާރެއް ލިބިގެން ނުވެއެވެ. ” ނޫން.. އަހަރުމެންނަކަށް ލޯބި ވުމުގެ ހައްގެއް ލިބިގެން ނުވޭ.. ރީހާން ތީ މައިރާގެ… އަހަރެން މީ ހުޝާމްގެ.. ވީ ހޭވް ނޯ ރައިޓް ޓު ލަވް އީޗް އަދާ.. “ މަޑު ގިސްލުމަކާއެކު އަޅައަޅައިގަންނަމުން ވާހަކަ ދައްކަން ފެށި ޒާނާގެ އަޑުގައި ވީ ރިހުމެވެ. ”އެހެންވިއްޔާ ބުނެބަލަ.. ތިހިތުގައި ހަމަ އަހަންނާ މެދު އެއްވެސް ފީލިންގ އެެއް ނެތްތަ ހަމަ..؟ ނާ އެއްވެސް އިރެއްގަ އަހަރެންދެކެ ލޯބި ވިންތަ؟؟ އަހަރެން މަތިން ހަނދާނެއް ނުވޭތަ؟؟ ދެން ކީއްވެ އަހަރެންގެ ސުވާލުގެ ޖަވާބު ނުދީ އަހަންނަށް ގެއްލުނީ..؟ އޭރު ނޫނެކޭ ބުނިނަމަވެސް އަހަރެން ހިތުގެ އަޑިން ގަބޫލު ކުރީމުސް.. އާނ އެކޭ ބުނިނަމަ ވެސް އަހަރެން ނާ ގެ ލައިފް ހަލާކުވާނެހެން ނާ ހަސިލް ކުރާކަށްވެސް ނޫޅޭނަން… އައި ޖަސްޓް ވޯންޓެޑް ޓު ނޯ.. އަހަންނަށް އެކަމަކު އަހަރެންގެ އެކުވެރިޔާ ވެސް ގެއްލުނީ.. ސުވާލުގެ ޖަވާބުވެސް ނުލިބުނީ…ވައި؟ ދުވަހަކުވެސް އަހަންނާ އޮތް އެކުވެރިކަން ދޫކޮށްނުލާން ވައުދުވީމެއްނު..؟ ދެން ކީއްވެ ؟… ކީއްވެ އަހަރެންގެ ހިތަށް އެވަރަށް ތަދު ކުރީ…؟ “ ރީހާން އޭނާގެ ހިތުގައިވި ޝަކުވާތައް ބޭރުކުރަމުން އަނެއްކާވެސް ޒާނާ އާއި ގާތަށް ޖެހިލައި އެ މޫނަށް އަސަރުން ފުރިގެންވާ ގޮތަކަށް ބަލާލިއިރު އޭނާގެ ލޮލަށް ގިނަވަމުން ދިޔަ ކަރުނަ ޒާނާއަށް ފެނުނެވެ. ” ރީހާން .. ޕްލީޒް.. މައިރާ ކިހާ ލޯބިވޭ ރީހާން ދެކެ.. މައިރާ ހުއްޓާ ރީހާން ކީއްވެ … ކީއްވެ ކުރިން ނުބުނީ.. ކީއްވެ މައިރާ އާއި ކަވެނި ކުރީ.. އަހަރެން އެހެން މީހެއްގެ ހައްޤަކަށް ވީ މާ ފަހުންނެއް ނު.. ދެން މިހާރު އަހަރެން ކިހިނެތް ތި ސުވާލުތަކަށް ޖަވާބު ދޭނީ.. މައިރާ ރީހާން ދެކެ ލޯބިވާވަރު އަހަންނަށް އެނގޭތީ އަހަރެން ރީހާނާއި ދުރަށް ދިޔައީ.. “ ޒާނާ ވެސް ހިތުގައިވާ ޝަކުވާތަށް ބޭރުކޮށްލީ ރީހާނަށް ވިސްނޭތޯއެވެ. ” ނާ… ނާ އަކަށް ނޭނގޭ.. މައިރާއާއި ކައިވެނި ކުރުމުގެ ކުރިންވެސް އަހަރެންގެ ހިތްވަނީ ނާ އަށް ދެވިފައި.. އޭރު އަހަންނަށް މައިރާއާއި ކައިވެނި ކުރަން މަޖުބޫރު ވީ.. އަހަރެން ވަރަށް މަސައްކަތް ކުރިން މައިރާ އާއި ކައިވެނި ނުކުރާން.. އެކަމަކު ތަޤުދީރުގަ އަހަންނަށް ހުރި ގޮތް އެއީ.. އަހަރެން އެގޮތަށް ވެސް ރުހިގެން ހުރީ ނާ އަށް އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމަށް އުއްމީދުކޮށްގެން.. އެކަމަކު އަހަންނަށް އެނގޭ ހުޝާމްއާއި އެކު ނާ އުޅެނީ އުފަލަކުން ނޫންކަން.. ނާގެ ހިތުގައި އަހަންނާ މެދު ކޮންމެވެސް އެއްޗެއް ވާކަން ތި ލޮލުން އެކަނިވެސް ދޭހަވޭ…ބުނެބަލަ.. އެއްފަހަރު ނަމަވެސް ތި ދުލުން ބުނާ އަޑު އަހަން ބޭނުން.. އަހަރެން ދެކެ ލޯބި ވޭތަ؟…ވޭތަ؟“

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Hudhufinifenmaa_
Follow Me Written By

Hudhufinifenmaa_

Level 2100 Login10 Stories

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 22

Next

ޙަޤީޤަތް ހޯދުމޭ 23

Next
October 20, 2024

ޙަޤީޤަތް ހޯދުމޭ 23

Previews
October 19, 2024

ޙަޤީޤަތް ހޯދުމޭ 22

9 Comments!

  1. Cutie girl says:
    October 20, 2024 at 12:49 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Reehaan and naa gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      October 20, 2024 at 8:15 pm

      Thankyou cutie girl 😊

  2. ކިއުންތެރިއެއް says:
    October 20, 2024 at 5:20 pm

    އަދި ކިޔުނީ މި ވާހަކައިގެ ފުރަތަމަ ދެ ބައި.އެހައި ހިސާބުން ވެސް އިބާރާތްކުރުމާއި ސިފަކުރުންތައް ރީތިކަން ފާހަގަކުރެވިއްޖެ. އިހުސާސްތައް ގެނެސްދީފައި ހުންނަ ގޮތް ހިތްގައިމު. ކުށްބަސްތައް ވަރަށް ނުފެނޭ. ތިޔައީ ވަރަށް ހުނަރުވެރި ޒުވާން ލިޔުންތެރިއެއް ކަމަށް ފެނޭ. ޝުކުރާއި ތަހުނިޔާ. އުޖާލާ ކުރިމަގެއް އެދެން

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      October 20, 2024 at 8:24 pm

      ޝުކުރިއްޔާ ކިއުންތެރިއެއް! ވ . އުފާވެއްޖެ.. ކުރިއަށް ހުރިބައިތައްވެސް އިތުރަށް ފުރިހަމަކުރެވޭތޯ މަސައްކަތް ކުރާނަން އިންޝާالله. ކިއުންތެރިންގެ މިފަދަ ހިޔާލުތަކަކީ އަޅުގަނޑަށް ލިބޭ ވ ބޮޑު ހިތްވަރެއް. ޝުކުރިއްޔާ!!

  3. ފިޒާ says:
    October 20, 2024 at 10:27 pm

    ❤❤❤ .މާޝާﷲ

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      October 21, 2024 at 12:07 pm

      ޝުކުރިއްޔާ ފިޒާ 😊♥️

  4. Nadhoo says:
    October 27, 2024 at 3:05 pm

    kobaa tha new episode varah inthizaaruga mihiree

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      October 28, 2024 at 12:10 pm

      Mihaaru innaanee upload kohfa.. miadhu noonee mirey fennaane . 😊

  5. Hudhufinifenmaa_ Hudhufinifenmaa_ says:
    October 29, 2024 at 4:09 pm

    Dear readers, I uploaded part 9 yesterday and the site is taking time to publish it.

Comments are closed.

Next Episodeހަނދުވަރު ދިން އެރޭ … 9←


All Right Reserved!