Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދުވަރު ދިން އެރޭ … 7

Hudhufinifenmaa_
Hudhufinifenmaa_ Level 2100 Login10 Stories
October 14, 2024 11 Mins Read
2 Comments

ހަނދުވަރުދިން އެރޭ…7

ޝަޔާން ހިނިތުން ވެލަމުން ކާރުގެ ދޮރު ހުޅުވައިދެމުން ޒީނާއަށް ތަންދައްކާލިއެވެ. ޒީނާ ކާރަށް އެރުމުން ޝަޔާން ކާރުގައި ގޮސް މަޑުކޮށްލީ ’ ސީ ބްރީޒް‘ ރެސްޓޮރެންޓަށެވެ. ރަށުގެ ބަނދަރު މައްޗާ ދިމާލަށް ކުރިމަތީގައި ހަދާފައި ވާ އެ ރެސްޓޮރެންޓް ގެ މަތީގައި ޖޯޑުތަކަށް ހާއްސަކޮށް އެތުރިފައި ހުރި މޭޒު ތަކުން މޭޒެއްގައި އިށީނދެގެން ތިބި އިރު ބަނދަރުމަތި އެއްކޮށް ފެނެއެވެ. އޮރެންޖު ކުލައިގެ ފަނޑު އަލިކަމެއް ދޭ ބޮކިތަކުން ދިއްލާފައު ހުރި އިރު ވަށައިގެން ހުރި ބައެއް ބިޔަ ގަސްތަކުގެ ގޮފިތައް ރީތިކޮށް ފެނެއެވެ. އެއިން ޖެހޭ ހިތްގައިމު ފިނި ވައިރޯޅިތަކުން ހިތްތަކަށް ތާޒާކަން ގެނުވައިދެއެވެ. މާލެއާއި ޚިލާފަށް ރަށްރަށުގެ މާހައުލަކީ އަބަދުވެސް މީހުން މަދު އަމާން މާހައުލެއްކަމުން އެތަނުގައި މާ ގިނަ ބަޔަކު ނެތެވެ. ” ޒީން.. ލަވް.. ޔޫ އަރ ސޯ ބިއުޓިފުލް..“ ކިތަންމެ އެކުވެރިކޮށް ދެ މީހުން އުޅުނަސް ޝަޔާން ގެ ލޯބީގެ ލަފްޒު ތަކުގެ ބާރުން ޒީނާގެ ކޯތާފަތް ރަތްވެ ލަދުން އިސްޖަހާލާއިރު އެނާއަށް ބަސް ހުއްޓެވެއެވެ. ” އޯރޑރ ދޭން ވީ ދޯ.. ކޯއްޗެއް މިތާ މީރު ވާނީ..“ މެނޫ އަަށް ބަލާލަމުން ކާނެ އެއްޗަކާއިމެދު ވިސްނަމުން ޝަޔާން އަނެއްކާވެސް އަހާލިއެވެ. ޒީނާވެސް ޝަޔާން އާއި ބައިވެރި ވެލަމުން މެނޫ އިން ކާނެ އެއްޗެއް އިޚްތިޔާރު ކޮށްލިއެވެ.
ކައި ނިމިގެން ޒީނާ އާއި ޝަޔާން ނުކުތް އިރު ނިހާން އާއި ސަމާހު ވެސް ކައިގެން ބަނދަރުމަތީގައި ފިނިކޮށްލަން ތިބި ތަން ފެނުމުން ޝަޔާން އެމީހުންނަށް ގޮވާލީ ޒީނާ އެމީހުންނަށް ތަޢާރަފު ކޮށްދޭށެވެ. ” ޒީން .. މި ނިހާން އާއި ސަމާހު.. ބުނީމެއްނު.. އަހަރުމެން ގޭގަ ތިބެނީ.. “ ޝަޔާން ހިނިތުންވެލަމުން އެކުވެރިންނަށް ޱޒީނާ ދައްކާލީ އެއީ އޭނާގެ ހިތުގެ ރާނީ އޭ ބުނާ އުސޫލުންނެވެ.
” މިދަނީ ޒީން ލާފަ ގެއަށް .. ކަލޭމެންވެސް ތި އަންނަނީ ދޯ.. “ ޝަޔާން އެމީހުންނަށް ބުނެލާފައި ގޮސް ކާރަށް އަރައި ދުއްވާލިއެވެ.

****

މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައި އަވަދިނެތި އަސްމާ ބަދިގެތެރޭގައި އުޅުނެވެ. ” ދަރިފުޅާ ރީހާން.. މައިރާ މެން މެންދުރު ކާން ގެންނަށްޗޭ..! ހާދީ އާއި ހަބީބާވެސް ..މަންމަ ގުޅިން މައިރާގެ ފޯނަކަށް ނުގުޅޭ.. ނިއްވާލާފައޯ ބުނަނީ.. ހަބީބާ ވެސް ފޯނެއް ނުނަގާ..“ ކޮޓަރިން ނުކުތް ރީހާން ފެނުމުން އަސްމާ ބުނެލީ މާލެ ދިޔައިއްސުރެ މައިރާ އެގެއަށް ނުދާތީއެވެ. ” މައިރާގެ ފޯނު އޮތީ ހަލާކުވެފަ.. މަންމަ އަދި ގުޅާލަންވީނު މައިރާ މަންމަ އަށް..“ ކާ މޭޒު ކައިރީ ފެންތައްޓެއް އަޅައިގެން ހުރެ ރީހާން ބުނެލީ އޭނާ މައިރާ އާއި ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ” ދަރިފުޅާ !! ހުރިހާ ކަމެއް ރަނގަޅުތަ؟ ކީއްވެ މައިރާ ނާންނަނީ މިގެއަށް . މާލެ އައި ފަހުން އަދި އެއްދުވަހުވެސް މިގެއަށް ނުގެންނަމެއްނު.. ކަމެއް ގޯސް ވީތަ..؟ “ ކަންބޮޑުވެފައި ހުރި އަސްމާ ބޭނުންވީ ވެގެން އުޅޭ ގޮތެއް ބަލާށެވެ. ” މަންމާ ! އަހަރެން ކައިރީ މައިރާގެ ވާހަކަ ނާހާ.. “ ހިތް ހަމަ ނުޖެހި ހުރި ރީހާން އަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައި ނަމަވެސް އެ ޖުމްލައިން އެކަނި ވެސް އަސްމާއަށް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. ” ދަރިފުޅާ ރީހާން.. ކިހިނެތް ވީތަ؟ މަންމަ ކައިރީ ވެސް ވެގެން އުޅޭ ގޮތެއް ބުނެބަލަ.. “ ކޮށަން ހުރި ފިޔާތައް އެތްފަރާތް ކޮށްލާފައި ރީހާން އަށް ސަމާލު ކަން ދީގެން ކުރިމަތީ ހުރި ގޮނޑީގައި އިށީންނަމުން އަނެއްކާވެސް އަސްމާ ކުރީ ސުވާލެވެ. ” މަންމާ .. އަހަންނަކަށް ނޭނގެ.. އަހަރެން މިހާރު ވަރުބަލި ވެއްޖެ.. މައިރާއާއި އެއްކޮށް އުޅޭކަށް އަހަރެން ބޭނުމެއް ނޫން.. “ ރީހާން ގެ ވާހަކައިން އަސްމާއަށް ލިބިގެން ދިޔައީ ސިހުމެވެ. ” ރީހާން.. ދަރިފުޅަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟ “ އަސްމާ ވެސް ހިތްހަމަ ނުޖެހުނު ނަމަވެސް މަޑުމައިތިރި ކަމާ އެކު އަހާލީ ރީހާން ބުނި އެތި ޔަޤީން ނުކުރެވިގެންނެވެ. ” މަންމާ .. މަންމަމެންގެ އެދުމަށް އަހަރެން މައިރާ އާއި ކައިވެނި ކުރީވެސް.. މި އޮތް ހުރިހާ ދުވަހު އަހަރެން މައިރާއާއި އެކު އުޅެން ވަރަށް ކެތްކޮށްފިން.. އެކަމަކު މިހާރު އަހަރެން މައިރާގެ ގޮތް ދެކެ ފޫހި ވެއްޖެ.. ވަރުބަލި ވެއްޖެ.. މައިރާއަށް ނަފްރަ…“ ރީހާންގެ ޖުމްލަ ނުނިމެނީސް އަސްމާ ރީހާން އަށް ބާރަށް ގޮވާލަމުން ގޮނޑިން ތެދުވިއެވެ. ” ރީހާން އަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް.. ރީހާން މައިރާ އާއި ކައިވެނި ކުރި އިރު ހާދީ އަށް ވީ ވައުދު ހަނދާން އެބަ ހުރިތަ؟؟ ބައްޕަ އަށް ތިވާހަކަތައް އަޑު އިވިއްޖެއްޔާ ކީކޭ ހިތައް އަރާނީ.. ދަރިފުޅު ތި ވިސްނަނީ ރަނގަޅަކަށް ނޫން.. ދަރިފުޅަށް އެނގޭނު ބައްޕަ ހާލުގައި ޖެހުނު ދުވަހު އެހީތެރި ވެ ދިނީ ހާދީ ކަން. އެހެން ނޫންނަމަ އަހަރުމެން އުޅޭނީ އަދިވެސް ކޮން ހާލެއްގަ..!“ އަސްމާ ބެލީ ރީހާނަށް ވިސްނައި ދެވޭތޯއެވެ. އިލްހާމްގެ ވިޔަފާރި ބަނގުރޫޓު ވުމުން އެ އަޑިގަނޑުން އަރައިގަނެވުނީ ހާދީގެ ދީލަތި އެހީތެރި ކަމުންނެވެ. ބަދަލުގައި ހާދީގެ އެދުމަކަށް ވީ އޭނާގެ ހަމަ އެކަނި އަންހެން ދަރިފުޅު މައިރާއާއި ރީހާން ކައިވެނި ކުރުމެވެ. ރީހާން އެ ކައިވެންޏަށް އިންކާރު ކުރުމުން އިލްހާމް އާއި އަސްމާ އެމީހުންގެ މަޖުބޫރީ ހާލަތު ރީހާނަށް ވިސްނައި ދެވޭތޯ ބެލީއެވެ. ” ބައްޕަގެ އެދުމަށް އަހަރެން ގެ މުޅި ހަޔާތް ވިއްކާލީމަ ވީގޮތް .. މަންމާ..! އަހަރެން ވަރަށް މަސައްކަތް ކޮށްފިން.. މައިރާ އާއި ކައިވެނި ކުރުމުގެ ކުރިން ވެސް މަންމަ އަށް އެނގޭނު އަހަރެން ހިތް އެދޭ އެހެން ކުއްޖަކު ހުރިކަން.. ބައްޕަ އެވަރަށް މަޖުބޫރު ނުކުރި ނަމަ އަހަރެން މިގޮތަށް އުޅޭކަށް ނުޖެހުނީސް…“ ރީހާންގެ އަޑުގައި ވީ މާޔޫސްކަން އެނާގެ ލޮލުން ހާމަވާން ހުރި އިރު އަސްމާ އަށް އެ ހިތުގެ ވޭން އަންގައިދޭން އުޅޭ ފަދައިން އޭނާގެ މޫނަށް ބަލާލިއެވެ. ” ދަރިފުޅާ..! މަންމަ އަށް އެނގޭ.. އެކަމަކު ދަރިފުޅަށް އެނގޭނު އޭރު ހަމަ އެންމެންގެވެސް މަޖުބޫރު ހާލަތުކަން އެއީ.. ހާދީމެން އެހީތެރިވެ ނުދިންނަމަ އަދިވެސް ބައްޕަ އުޅޭނީ އެތަށް ދަރަންޏެއް ބޮލުގަ އަޅުވައިގެން.. ބައްޕަގެ ވިޔަފާރީގެ ބޮޑުބައި އަދިވެސް ހިއްސާވަނީ ހާދީގެ ކުންފުނިން.. “ އަސްމާ ރީހާންގެ ކޮނޑުގައި މަޑުމަޑުން ފިރުމާލަމުން އަނެއްކާވެސް ރީހާނަށް ވިސްނޭތޯ ބެލިއެވެ. ” މަންމާ…!! އަހަންނަކަށް މައިރާ ދެކެ ލޯތްބެއް ނުވެވުނު.. އެކަމަކު އަހަރެން މައިރާ ގޮވައިގެން އުޅެވޭތޯ ވަރަށް މަސައްކަތް ކޮށްފިން.. ދެން ނުވާނެ.. !! “ ރީހާން އޭނާގެ ވޭނީ ހިތުގެ އަޑު އަސްމާ އަށް އަންގައިދޭން އުޅުނު އިރު އެ ލޮލުގައި ވާ ހިތާމަ އަސްމާއަށް ސިއްރެއް ނުވެއެވެ. އެހެނަސް އޭނާގެ އަތުގައި އެ ރިހުމަށް ދޭނެ ބޭހެއް ކުރެވޭނެ ކަމެއް ނެތެވެ. ތަޤުދީރުގެ ނިޔާގައި އޭނާއަކީވެސް މަޖުބޫރުވެފައި ވީ މީހެކެވެ. މައިވަންތަ ކަމުގެ ކުލުނުން ރީހާންގެ ހިތުގައި ވާ ފާރުގަނޑުގައި މަލަން އަޅައި ދެވޭނެ ނަމައޭ ހިތާ ހިތުން ކިޔާލި އިރު އަސްމާއަށް އިނީ ބަސް ހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ. ” މަންމާ .. ދެން އިތުރަށް އަހަންނަށް މަޖުބޫރު ނުކުރޭ.. އަހަންނަކަށް އެ ހަނދާންތަކާއި ދުރަކަށް ނުދެވުނު.. މައިރާ ދެކެ ލޯތްބެއްވެސް ނުވެވުނު.. މައިރާގެ ކަންތައް ހުންނަ ގޮތުން އަހަންނަކަށް ހަމަ ޖެހުމެއްވެސް ނުލިބޭ.. އަހަންނަށް ވަރަށް ގިނަ އަހަރު މިގޮތަށް އުޅެވިއްޖެ.. “ ރީހާންގެ ލޮލުގައި ވިދަމުން ދިޔަ ކަރުނަތައް އޭނާގެ މަންމައަށް ފޮރުވަން މަސައްކަތް ކުރަމުން މަޑުމަޑުން ރީހާން ބުނެލި ވާހަކަ ތަކުން އަސްމާގެ ހިތަށް އަސަރު ކުރުވިއެވެ. ” ދަރިފުޅާ.. އެކަމަކު ދަރިފުޅުގެ ދިރިއުޅުމުގަ މިހާރު ހުރީ މައިރާ އެކަންޏެއް ނޫން.. ދަރިފުޅުގެ ކޮންމެ ނިންމުމަކުން އަސަރު ކުރާނެ މައުސޫމު ދެ ކުދިން އެބަ ތިބި…އަދި ވިސްނާލާ..!!“ އަސްމާއަށް ބުނެވުނީ އެވަރަށެވެ. އޭނާއަށް އިތުރަށް ވާހަކަ ދައްކާނެ ހިތްވަރެއް ނެތުމުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައި އެނދުގައި އިށީނދެ ފުން ނޭވާއެއް ލީ ހިތާ ހިތުން ރީހާނަށް ވިސްނޭތޯ ދުޢާ ކުރަމުންނެވެ. ރީހާން އެ އިންގޮތަށް މޭޒުގައިރީ އިށީނދެގެން އޭނާގެ ދެއަތުން މޫނު ފޮރުވާލައި އިރުކޮޅެއް ފަހުން އޭނާގެ ބޮލުގައި ބާރަށް ހިފަހައްޓާލިއެވެ.
” ދަރިފުޅާ ރީހާން.. !! ކިހިނެތް ވެފަ .. ކޮބާ މަންމަ؟ “ ބޭރުގައި ހުރެފައި ގެއަށް އައިސް ވަން އިލްހާމަށް ރީހާން އިން ގޮތް ފެނުމުން އަހާލެވުނެވެ. ” ކަމެއް ނުވޭ.. މަންމަ ވީ ކޮޓަރީގަ.. “ އިލްހާމާއި އެކު ވަދެގެން އައި ހާދީ ފެނުމުން ރީހާން ގޮނޑިން ތެދުވެލަމުން ބުންޏެވެ. ” ރީހާން ..ކޮބާ މާދަން ރަށު ބޯޓު ފުރާވާހަކަ ހަމީދު ގުޅާފަ ބުނި.. އެންމެން އެކުގަ ތަ ދަނީ.. ނޫނީ ރީހާން އާއި މައިރާ މަޑު ކުރަނީތަ ޗުއްޓީ ނިމެންދެން؟ “ ސޯފާގައި އިށީންނަމުން ހާދީ އަހާލީ އޭނާ ރަށަށް ދާން ނިންމާފައި އޮތުމުންނެވެ. ” ނޫން .. ބައްޕަމެން ދާއިރު މައިރާއާއި ކުދިން ގެންދޭ.. އަހަރެން އަދި މިކޮޅުގަ ކުރަން ޖެހޭ ބައެއް މުހިއްމު ކަންތައް ހުރީމަ ދުވަސްކޮޅަކު މަޑު ކޮށްލަން ބޭނުން..“ ރީހާން އަވަހަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާލީ މައިރާއާއި ވާހަކަ ދައްކަން ނުޖެހި ރަށަށް މައިރާ ފޮނުވާލެވޭނެ ގޮތް ހޯދާލާށެވެ. ޝަޔާންގެ ކައިވެންޏަށް ދާ ވާހަކަ ބުނެފި ނަމަ މައިރާ އެއި ކޮން ރަށެއް ތޯ، އެ ރަށުގައި އުޅެނީ ކޮން ބައެއް ތޯ ބަލަން ޖެހޭނެ ކަން ރީހާނަށް މާ ރަނގަޅަށް ވެސް އެނގޭތީއެވެ. ” އަސްމާ…!!“ ސޯފާގައި އިށީންނަމުން އިލްހާމް ގޮވާލުމުން އަސްމާ ނުކުމެ ހާދީއާއި އިލްހާމަށް ޖޫސް ތައްޓެއް ދިއްކޮށްލިއެވެ. ” މިއަދު މެންދުރު މިގޭގަ ކެއުން އޮންނާނީ.. ދަރިފުޅާ ރީހާން.. ދޭ ގޮސް މައިރާމެން ގޮވައިގެން އަންނަން.. “ އިލްހާމް ހާދީއަށް ބަލާލަމުން ރީހާންކައިރީ މައިރާމެން ގެންނަން ބުނުމުން ރީހާން ނުކުތީ އެމީހުން ބަލާ ދާށެވެ.

މައިރާ ބަލައި ދިއުމުގެ ކުރިން ރީހާން ދިޔައީ އޭނާގެ ފޯނު ހޯދަން ފޯނު ރިޕެއަރ ކުރަން ދިން ތަނަށެވެ. ފޯނު ލިބުމުން އެއަށް ސިމް ލައްވައިގެން ގޮސް މައިރާ މެން އުޅޭ އެޕާރޓްމަންޓް ގެ ބެލް ޖަހާލުމުން ހަބީބާ ދޮރުހުޅުވައިލި އިރަށް ކައިސް އާއި ރީނާ ދުވެފައި ނުކުތީ ރީހާން ފެނުމުންނެވެ. ” ދަރިފުޅާ ކައިސް ކޮބާ މަންމަ؟ “ ރީނާ އުރާލަމުން ކައިސްގެ ބޮލުގައި ފިރުމާލާފައި ރީހާން އަހާލީ މައިރާ ފެންނަން ނެތުމުންނެވެ. ” މާލެ އައި ފަހުން އަބަދު ކޮޓަރީގަ އެ އޮންނަނީ.. ނުއެއް ކައި.. އެއްވެސް މީހަކާ ވާހަކައެއް ނުދައްކާ..“ ރީހާން ގެ ސުވާލަށް ހަބީބާ ޖަވާބު ދިނީ މައިރާ އުޅޭ ގޮތުން ކަންބޮޑުވެ ހުރެއެވެ. ” ކިހިނެތްތަ ވީ…؟ ދެ މީހުން މައްސަލަ ޖެހިގެންތަ ތިއުޅެނީ.. އެހެން ފަހަރު މާލެ އައިސް މައިރާމެން ދަނީ ރީހާން އާއި އެކު އެ ގެއަކަށް ނު..؟ “ ކޮންމެވެސް ކަމެއް ހިނގައިފިކަން ހަބީބާއަށް ވިސްނޭތީ އަނެއްކާވެސް ރީހާން އާއި ސުވާލު ކުރީއެވެ. ” ކޮބާ މައިރާ.. ކޮޓަރީގަތަ؟ “ ރީހާން ވެގެން އުޅޭ ގޮތް ކިޔައިދިނުމުގެ ބަދަލުގައި މައިރާ ހުރި ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަމުން ސުވާލު ކޮއްލީއެވެ. ” ދަރިފުޅުމެން ތައްޔާރުވޭ … މާމަ ގޭގަ މެންދުރު ކެއުން އޮތީ.. “ ރީހާން ކޮޓަރި ދޮރު ހުޅުވާލަމުން ބުނެލިއެވެ. ރީހާން ކޮޓަރިއަށް ވަދެ ބަލާލިއިރު މައިރާ އެނދުގައި ބަންޑުން އޮށޯވެލައިގެން ބާލީހަކުން މޫނު ފޮރުވާލައިގެން އޮތެވެ. ” މި އޮތީ ފޯނު.. މަންމަ ބުނި މެންދުރު ކާން އެންމެން އެގެއަށް އަންނާން.. ތައްޔާރުވެގެން ގުޅާ..! “ މައިރާގެ ފޯނު އޭނާގެ ކައިރީގައި ބާއްވާފައި ރީހާން ހިނގައިގަތުމުން މައިރާ ތެދުވެ ރީހާން އަށް ބަލާލިއެވެ. ” ނުދާނަން.. މި ހުރިހާ ދުވަހު އަހަރެން ކޮބައިތޯ ރީހާން ބަލާކަށް ނޫޅެ.. ރީހާން މަންމަ ބުނީމަ ތި އައީ.. ދޭ ގޮސް ބުނޭ އަހަންނެއް ނުދާނޭ..“ ކޮންމެ ކަމެއްގައިވެސް ރުޅި އިސް ކުރާ ހެން އޭނާ އަށް ކުރެވިފައިވާ ކަންތައް މަތިން ވެސް ހަނދާނެއް ނެތް ފަދައިން މައިރާ ރުޅިވެރި ގޮތަކަށް ބުނެލިއެވެ. ” އެހެންވިއްޔާ ހުރޭ.. ގަދަކަމުން މައިރާ ގެންދާކަށް ނޫޅެން… މާދަމާ ބައްޕަމެން ފުރާއިރު ރަށަށް ދޭ.. “ ރީހާން ގެ ޖަވާބުން މައިރާ އިތުރަށް ހިތްހަމަ ނުޖެހި ރީހާން ދާން އުޅުމުން ގޮސް އޭނާ ލައިގެން ހުރި ޓީ ޝާޓްގައި ބާރަށް ހިފެހެއްޓިއެވެ. ” ތި އުޅެނީ އަހަރެން ފޮނުވާލާފަ ކީއްކުރާނަމޭ ހިތާ.. ؟ ނުކެރޭނެ އެއްކަމެއްވެސް ކުރަން … އަހަރެން ބައްޕަ ހުއްޓާ ރީހާނަކަށް އަހަންނަށް ބޭނުންހާ ގޮތެއް ނުހެދޭނެ.. ހަމަ ތިހެން ހުންނަން ޖެހޭނީ..“ ރީހާންގެ މަޖުބޫރީ ހާލަތުގެ ފައިދާ މައިރާ ނަގަމުން އައީ ނުހަނު ފުރިހަމަ އަށެވެ. ” އަހަރެން ދެން ކަންތައް ކުރާގޮތް ބަލަން މައިރާ ހުރޭ.. މައިރާ ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރަން ފުރުސަތު ދީގެން މި އޮތްހާ އަހަރު މި ހޭދަވީ.. “ އޭނާގެ ޓީ ޝާރޓް އިން މައިރާގެ އަތް ނައްޓުވައިލަމުން ރީހާން މައިރާއަށް އިންޒާރެއް ދިންކަހަލައެވެ. ” އެއް ކަމެއް ވެސް ނުކުރެވޭނެ.. ހަމަ ހުންނަން ޖެހޭނީ.. “ މައިރާ އަނެއްކާވެސް ގޮތް ދައްކާލަމުން ބާރަށް ބުނެލިއެވެ. ރީހާން އިތުރު އެއްޗެއް ބުނަން ބޭނުން ނުވީ އިތުރު ޒުވާބުތަކެއް ކޮށްގެން ވާނެ ފައިދާއެއް ނެތްކަން އެނގޭތީއެވެ. ރީހާން ނުކުމެގެން ދިއުމުން މައިރާ އޭނާގެ ރުޅި ބޭލީ ކައިރީގައި އިން ޑްރެސިން ޓޭބަލް މަތީ ހުރި ރީތިވާ އެއްޗެއްސަށެވެ. އެ އަޑަށް ހަބީބާ ކޮޓަރި ދޮރުހުޅުވާލި އިރު ރުޅި އައިސް ރަތްވެފައި އިން މައިރާ ރޮމުން ކޮޓަރި ތެރޭ ހުރި އެއްޗެހިތައް އުކަމުން ދިޔަތަން ފެނި އޭނާ އިތުރަށް ކަންބޮޑުވީއެވެ. ” މައިރާ.. ކިހިނެތްތަ ތި ވަނީ..؟ ކީއްވެގެންތަ މި އުޅެނީ..؟ ކޮން ކަމެއް ގޯސްވެގެން..؟ “ ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔަ ހަބީބާ މައިރާ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. ” ވެގެން އުޅޭ ގޮތެއް ބުނީމަ ދޯ އެނގޭނީ މައްސަލަ ހައްލު ކުރަންވެސް.. ދެން ޖެހޭނީ މައިރާ ބައްޕައާއި މި ވާހަކަ ދައްކަން.. މައިރާ އަބަދު ރުޅިއަސްގެން އެއްވެސް ކަމެއް ހައްލު ނުކުރެވޭނެ.. ރީހާންވެސް އަބަދަކު ނުހުންނާނެ މައިރާ ތި ކަންތައް ކުރާ ގޮތް ބަލައިގެން.. މަންމަ އަށް އެނގޭ މައިރާ ރީހާން ދެކެ ލޯބި ވާ ކަން.. އެކަމަކު މުށުތެރެއަށް ލާ ބާރު ކޮށްގެން އަބަދު ހުރިހާ ކަމެއް ހާސިލެއް ނުކުރެވޭނެ.. މަންމަ އެއްޗެއް ނުބުނެ ހުއްޓަސް މައިރާ ގެ ވާހަކަ ދެއްކުމާ ބަހުރުވައާއި ރަނގަޅެއް ނޫން .. އަބަދު ރުޅި އައިސް ތިގޮތަށް ކަންތައް ކުރީމަ ފޫހިވާނެ.. މައިރާ ނިކަން ވިސްނަބަަލަ..“ ހަބީބާ ހިތްހަމަ ނުޖެހި ބުނެލީ މައިރާ އަށް ވިސްނައިދެވޭތޯއެވެ. މައިރާގެ އަމަލުތަށް އެންމެ ގާތުން ފެންނަ އެކަކީ ހަބީބާ ކަމަށް ވުމުން އޭނާ އަމިއްލަ ދަރިފުޅު ނަމަވެސް ހިތްހަމަ ނުޖެހުނީއެވެ.
އޭރު ރީހާން ދެ ކުދިން ގޮވައިގެން އެޕާރޓްމަންޓުން ނުކުމެ ލިފްޓަށް އެރިއެވެ. ކާރުގައި ދެ ކުދިން ގޮވައިގެން އޭނާގެ މަންމަގެ ގެއަށް ދިޔައިރު އަސްމާ ހުރީ މެންދުރުގެ ކެއުން ތައްޔާރުކޮށް ނިންމާފައި ކުދިންގެ އިންތިޒާރުގައެވެ. ” ކޮބާ މައިރާ..؟ މައިރާ ނާދޭތަ؟ “ އަސްމާ ރީހާން ފެނުމުން ސުވާލު ކޮށްލީ މައިރާ ނުދާތީއެވެ. ” މަންމާ ދެން އިތުރަށް ސުވާލު ނުކުރޭ.. އަންނަން ބޭނުން މީހަކު އަންނާނެ.. މަންމަ ބުނެގެން ބަލާ ދިޔައިމަ މައިރާ އަންނާކަށް ބޭނުމެއް ނުވި..“ ރީހާން ގެ ޖަވާބުން އަސްމާ އިތުރަށް މާޔޫސް ވީއެވެ. ރީހާންގެ ދިރިއުޅުން ރޫޅިދާނެ ކަމުގެ ބިރު ހިތުގައި ބޮޑުވީއެވެ.

*********

ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ. ފަތިހު ވެހުނު ވާރޭގެ ސަބަބުން ފަޒާގައި ތެތް ފިނިކަމެއް ވެއެވެ. ގަސްތައް އިތުރަށް އާރޯ ކަމަށް ދައްކުވައިދީ މާމެލާމެލީގެ ރީތި ކަން ހަރުލާފައިވާ ޝަބްނަމް ތިކި ތަކުން އިތުރުކޮށްދެއެވެ. ޝަޔާން ހޭލައިގެން އޭނާގެ އެކުވެރިންނަށް ތައްޔާރު ވާން އެންގީ ދުވަހުގެ ނާސްތާއަށް ޒީނާ މެންގެއަށް ދާށެވެ. ޝަޔާން ރަށަށް އައި ފަހު އެ ގެއަށް ދާ ފުރަތަމަ ފަހަރު ކަމުން އޭނާ ހުރީ ރަނގަޅަށް ވެސް ރީތިވެ ތައްޔާރުވެލައިގެންނެވެ. ” ޔާން.. ކަލޭ ހާދަ ފުށެއް ޖަހާލައިގެން ތި ދަނީ.. ؟ ހަމަ ޒީނާއަށް ދައްކަން..؟ “ ސަމާހު އޭނާގެ ދުވަސް ފެށުމުގެ ގޮތުންވެސް ޝަޔާންއާއި ދިމާކޮށްލީއެވެ. ” އޭތް.. ނެތްތަ އެގޭގަ ދެން ހުސް ކުއްޖެއް މަށަށް..؟ “ ނިހާންވެސް ބައިވެރިވެލަމުން ސަމާސާ ކޮށްލިއެވެ. ” ދެން ކަލޭމެން ގޮސް ތި ސަމާސާ ކުރަން ނުހަދާތި.. އެތަށް އަހަރެއް ފަހުން ޒީން ފެމިލީ އާއި މީޓް ކުރަން މިދަނީ.. “ ޝަޔާން ވަރަށް ސީރިއަސް ވެފައި ބުނެލީ އެކުވެރިންގެ ގޮތް އެނގޭތީއެވެ. ”އަދިވެސް އެ ރީހާންގެ ހަބަރެއް ނުވޭތަ؟ އޭނައަށް އެބަ އާދެވޭތަ؟ ކައިވެންޏަށް ދެން އޮތީ ދެ ދުވަސް ދޯ.. ؟“ ސަމާހު އަހާލީ ރީހާން އާދޭތޯ ޔަޤީން ކޮށްލާށެވެ. ” ނޭނގެ .. ރޭގަ މަ އިންނާނީ ޓިކެޓް ރިޒަރވޭޝަން ވެސް ހައްދާފަ އޭނަ ބުނެގެން.. ދެން ގުޅާނީ އަދި..“ ޝަޔާން ގެއިން ނުކުންނަމުން މިދަނީ އޭ ބުނެ ޒީނާއަށް މެސެޖު ކުރަމުން ސަމާހަށް ޖަވާބު ދިނެވެ.
ތިން މީހުން އެކުގައި ގޮސް އެގެއަށް ވަން އިރު އެމީހުންގެ އިންތިޒާރުގައި ގޭޓް ކައިރީ ޒީނާ ތައްޔާރު ވެލައިގެން ހުއްޓެވެ. ކާގޭގައި ލީޝް އާއި ޒާނާ އަދި ސާއިމް އާއި ޒަހުރިއްޔާވެސް އެ މީހުންގެ އިންތިޒާރުގައި ސައިބޯން ތައްޔާރުވެލައިގެން ތިއްބެވެ. ޝަޔާން އާއި އޭނާގެ އެކުވެރިން ފެނުމުން އެންމެންވެސް ހިނިތުންވެލައި އެ މީހުންނަށް މަރުހަބާ ކިޔަމުން އިށީންނަން ތަން ދެއްކިއެވެ. ” ޝަޔާން .. މަންމަ ކިހިނެތް.. ؟ މިރަށުން ފުރި ފަހުން މަންމަ ނުދެކެން.. ރަނގަޅުތަ މަންމަމެން؟ މަންމައަށް ނާދެވުނު ދޯ..“ ޒަހުރިއްޔާ އަހާލީ ޝަޔާންގެ އާއިލާގެ އެއްވެސް މީހަކު ކައިވެންޏަށް ނާންނާތީއެވެ. ” މަންމަ މެން ވީ ލަންކާގަ.. ހައިފާ ވިހައިގެން ބޭބީ ބަލިވީމަ އެކޮޅުގަ މަޑު ކުރަން ޖެހުނީމަ ނާދެވުނީ… މަންމަ ރަނގަޅު.. “ ޝަޔާން ހިނިތުން ވެލަމުން ޒަހުރިއްޔާއަށް ވީގޮތް ކިޔައިދިނެވެ. އެންމެން އެކުގައި ސައިބޮއެ ނިމިގެން ޝަޔާންމެން ދިއުމުން ޒާނާ އާއި ލީޝް އަދި ޒީނާ ކައިވެނީގެ ތައްޔާރީތަކުގައި އަވަދިނެތި އުޅުނެވެ.
” ކޮން ތަނެއްތަ ކެޓަރިންގ އަށް އެންމެ ރަނގަޅުވާނީ.. ؟ ރަނގަޅު ބަޔަކާ ހަވާލު ކުރީމަ ދޯ ..؟ “ ލީޝާ ބެލީ ކެއުމުގެ ކަންކަން ފަސޭހައިން އިންތިޒާމް ކުރެވޭތޯއެވެ. ” އެކަންތައް ޝަޔާން ހަމަ ޖައްސާނެ.. އަހަރުމެންނަށް ޑްރެސް އާއި މޭކަޕް ކަންތައް ..“ ޒީނާ ހަމަ ޖެހިލާފައި ހީލީ ޝަޔާން ހުރިހާ ކަމަކަށް ތައްޔާރުވެފައިވާ ކަން އޭނާއަށް އެނގޭތީއެވެ. އޭނާއަށް ވުރެ ބޮޑަށް އެ ކައިވެންޏަކީ ޝަޔާން ދެކެމުން އައި ހުވަފެނެއްކަން ޒީނާއަށް އެނގެއެވެ.

****

​މައިރާމެން ފުރުމުން ރީހާން އަވަހަށް ތައްޔާރު ވާން ފެށީ ޝަޔާންގެ ކައިވެނީގެ ކުރިން އެރަށަށް ދިއުމަށެވެ. ގެއަށް ވަދެ ދަބަސް ތައްޔާރު ކޮށްލައި ފެންވަރައިގެން ނުކުތް އިރު އެއާރޕޯރޓަށް ދާ ގަޑި ވަނީ ކައިރިވެފައެވެ. ރީހާން އޭނާގެ ފޯނު ނަގައި ޝަޔާނަށް ގުޅާލީ ފުރަން ދާ ވާހަކަ ބުނާށެވެ. ފްލައިޓް ޖައްސާތަނަށް ބަލައި ދާނެ ކަމަށް ޝަޔާން ބުނުމުން ރީހާން ހުރީ ހަމަޖެހިލާފައެވެ. އެކުވެރިޔާގެ ސަބަބުން އޭނާ އެންމެ ދެކެން ބޭނުންވާ ޒާނާ ފެނުން އެދިގެން ކެތްމަދުވެފައި ހުރި ރީހާން އިރު އިރުކޮޅުން ގަޑި ބަލާލައެވެ. މައިރާ އޭނާ ދެކެ ރުޅި އައިސް ހުރުމުން ހާދީއާއި އެކު ފުރައިގެން ދިޔައިރު އޭނާއާއި އެއްވެސް ވާހަކައެއް ނުދައްކައެވެ. އެެއްވެސް ސުވާލެއް ނުކޮށް މައިރާ ދިއުމުން ރީހާންގެ ޕްލޭނާއި އެއްގޮތަށް ކުރިޔަށް ދިއުމަށް އޭނާއަށް ފަސޭހަވީއެވެ. ދަބަސް ކޮނޑުގައި އަޅުވައިގެން ވޮލެޓް ޖީބަށްލައި ފޯނު ހިފައިގެން ރީހާން ނުކުތް އިރު އަސްމާ ސޯފާގައި ޓީވީ ބަލަން އިނެވެ. މަންމަގެ ސުވާލު ތަކުން ރެކިގެން ނުދެވޭނެކަން އެނގޭތީ އެކަމަށްވެސް އޭނާ ހުރީ ތައްޔާރުވެލައިގެންނެވެ. މަންމަ ހަމަޖައްސާލަން އުނދަގޫ ނުވާނެ ކަން ރީހާނަށް އެނގެނީ އޭނާގެ މަންމަގެ ލޯތްބާއި ހިތްބަލިކަން އޭނާއަށް ރަނގަޅަށް އެނގޭތީއެވެ. އިލްހާމް ގޭގައި ނޫޅޭ ގަޑި ބަލާފައި ރީހާން ބޭރަށް ނުކުތީ އެހެންވެއެވެ. ” ދަރިފުޅާ ރީހާން.. ރިސޯޓަށް ދަނީތަ؟ޱ.. އެކަމަކު ދަރިފުޅު ބުނީމެއްނު މާލޭގަ މަޑު ކުރަނީއޭ..“ އަސްމާ ހައިރާންކަމާއެކު އަހާލުމުން ރީހާން ހަމަޖެހޭގޮތް ދައްކާލައި ހިނިތުންވެލިއެވެ. މިދަނީ ރައްޓެހި ކުއްޖެއްގެ ކައިވެންޏަށް އޭނަގެ ރަށަށް..“ ރީހާންގެ ޖަވާބު ލިބުމުން އަސްމާ ހިތުގައި ސުވާލު އުފެދުނީ މައިރާމެން ފޮނުވާލާފައި ރީހާން ދާން އުޅޭތީއެވެ. ” ކޮން ރަށަކަށް.. ކާކުގެ ކައިވެންޏެއް؟ ކީއްވެ ދަރިފުޅު އެކަނި ދަނީ؟ މައިރާވެސް ގޮވައިގެން ދެވޭނު؟ “ އަސްމާގެ ސުވާލުތައް އަމުނާލި ގޮތުން ރީހާން އޭނާގެ މަންމަ ކައިރީ ގޮސް އިށީނދެލިއެވެ. ” މައިރާ ގެންދަން ބޭނުމެއް ނޫން.. އެހެންވެ އެކަނި މިދަނީ.. މަންމަ އަހަންނަށް ކަމެއް ކޮށްދެންޏާ މައިރާ ކައިރީ ނުބުނާތި.. އެހެންނޫނީ މައިރާ އިތުރަށް މައްސަލަ ގޯސް ކުރަން އުޅޭނީ.. މި ދަނީ ރިސޯޓު ކުއްޖެއްގެ ވެޑިންއަށް .. އެންމެ ދެ ދުވަސް ވާނީ.. ޕްލީޒް މަންމާ.. “ ރީހާންގެ ވާހަކަ އަޑު އަހަން ހުރި އަސްމާގެ ހިތަށް ނޭނގޭ ނުތަނަވަސް ކަމެއް ވެރިވަމުން ދިޔައީ ރީހާން މައިރާ ދޫކޮށްލަން ބޭނުންވެގެން ދެއްކި ވާހަކަތަށް ހިތަށް އަރާވަރުންނެވެ. ” ޔަޤީންތަ؟ ދަރިފުޅާ.. ދެން މައިރާއާއި ޖެހިގެން ތިއުޅޭ މައްސަލަ ދެ ކުދިން ވާހަކަ ދައްކައިގެން ހައްލު ކުރަންވީނު.. މައިރާ މާލެ އައިސް ފުރައިގެން އެ ދިޔައީ މަންމަ އަށް ފެނިވެސް ނުލާ.. ހަބީބާވެސް މަންމަ ގުޅީމަ ބުނި މައިރާ ނުކައި އަބަދު ރޮނީއޭ.. އޭނަވެސް އެހުންނަނީ ކަންބޮޑުވެ ހަދާނެ ގޮތް ހުސްވެފަ.. ދަރިފުޅު ދެން ތި ކަންތައް ހައްލުވޭތޯ އުޅެބަ..“ އަސްމާ އާދޭހުގެ ރާގެއްގައި އޭނާގެ ކަންބޮޑުވުން ހާމަ ކޮށްލުމުން ރީހާން އިސްޖަހާލިއެވެ. ” އަހަރެން ދެން އެނބުރި އައިސް ބަލާނަން .. “ މަންމަ ހިތްހަމަ ޖައްސާލަން ނަމަވެސް ރީހާން އެހެން ބުނެފައި ދާން ތެދުވުމުން އަސްމާ ރީހާންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ” ދަރިފުޅާ ރީހާން.. މަންމަ އަކަށް ނޭނގެ ދަރިފުޅުގެ އެކުވެރިއެއްގެ ކައިވެންޏަށް މައިރާ އަށް ސިއްރުން ދާންވީ ސަބަބެއް.. އެކަމަކު ހަނދާން ކުރައްޗޭ .. ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މައިރާ އެއީ ދަރިފުޅުގެ ދެ ކުދިންގެ މަންމަ.. ދަރިފުޅު ކުރާ ކޮންމެ ކަމަކުން އެކުދިންނަށް އަސަރު ފޯރާނެ.. މަންމަ ހީކުރަން ދަރިފުޅަށް ވިސްނޭ ކަމަށް“ އަސްމާ ރީހާން ގެ އަތުން ދޫކޮށްލަމުން އޭނާގެ ވާހަކަ ނިންމާލިއެވެ. ރީހާން ބޯޖަހާލަމުން ގަދަކަމުން ނަމަވެސް އޭނަަގެ މޫނުމަތިން އުފާވެރިކަން ދައްކަމުން ހިނގައިގަތީ ފުރަން ދާށެވެ.

އިރުއޮއްސި ހަތެއް ޖެހީއެވެ. ޝަޔާން އޭނާގެ ބޮޑުބެގެ ކާރުގައި ސަމާހައި ނިހާން ގޮވައިގެން ދުއްވާލީ އެއާރޕޯރޓަށް ރީހާން ބަލައި ދާށެވެ. އެކުވެރިން އެކުގައި ގޮސް ކާރު ޕާރކްކޮށްފައި ފޭބި އިރު ފްލައިޓް ޖައްސައި މީހުން ފައިބަން ފެށީއެވެ. ވިހި ވަރަކަށް މިނެޓް ފަހުން ރީހާން ދަބަސް ކޮނޑުގައި އަޅުވައިގެން ނުކުތް އިރު ތިން މީހުން އިސްތިޤްބާލުގައި ތިބިތަން ފެނުމުން ރީހާން ހުރީ ހެވިފައެވެ. ފަސް އަހަރު ފަހުން އެރަށަށް އޭނާއައި އިރު އޭނާއަށް ބުނަން ނޭނގޭ އެތައް އިހުސާސެއް ކުރެވެމުން ދިޔައެވެ. ފަސް އަހަރު ކުރީގެ ހަނދަަންތައް ހިތުގައި އާލާ ވަމުން ދިޔައެވެ. ޒާނާ އޭނާގެ ކައިރީގައި ވާހެން ހީވެއެވެ. ވަށައިގެން އެކި ދިމަދިމާލަށް ހިނގަމުންދާ ކޮންމެ މީހެއްގެ މޫނަށް ބެލެންފެށީ ޒާނާ ފެނިދާނެކަމުގެ އުއްމީދުގައެވެ. ” އެންމެ ފަހުން ކަލެއަށް އާދެވިއްޖެ ދޯ…! “ ރީހާން އަރާ ހަމަވުމުން އޭނާގެ ކޮނޑުގައި ޖަހާލަމުން ސަމާހު ބުނެލިއެވެ. ” ނަސީބެއް ކަންނޭނގެ.. ކަލޭ އައިމަ އަހަރެން ވަރަށް ހިތްހަމަ ޖެހިއްޖެ.. ! އެހެން ނޫންނަމަ ކައިވެނި ޕާރޓީގަ ލަވަ ވެސް ކިޔަން ޖެހޭނީ މަށަށް ..! “ ޝަޔާން ހެމުން ވާހަކަ ދެއްކީ އޭނާގެ ކައިވެނީގައި ލަވަ ކިޔަން ރީހާން ހުންނާނެކަން އެނގޭތީއެވެ. ރީހާނަކީ ރީތިކޮށް ލަވަ ކިޔަން އެނގޭ މީހަކަށް ވުމުންނެވެ. ރިސޯޓުގައި ރީހާން ލަވަ ކިޔާ އިރު ނިހާނާއި ސަމާހަކީ ހުނަރުވެރި ގިޓާ ކުޅުންތެރިންނެވެ. އެމީހުން ކައިވެނި ޕާރޓީގައި ބައިވެރި ކުރަން ޝަޔާން އެންމެ ބޮޑަށް ބޭނުންވީ އެއް ސަބަބު އެއީއެވެ. ” މިތާ އިންނާނެ ވަރަށް ސަޅި ސީފުޑް ރެސްޓޮރެންޓެއް.. ކައިގެން ގެއަށްދާނީ ދޯ..“ ޝަޔާން އެހެން ބުނެލައި އެންމެން ގޮވައިގެން ދިޔައީ ރޭގަނޑުގެ ކެއުމަށެވެ. އެންމެން އެކި ވާހަކަ ތަކުގައި ތިބި އިރު ރީހާންގެ ހިޔާލުގައި އެނބުރެމުން ދިޔައީ ޒާނާއެވެ. ގެއަށް ދެވޭގޮތް ލަސްވެފައި އޭނާ ހުރީ ޝަޔާންގެ ގެ ހުންނަ ތަނެއް ވެސް އޭނާއަށް ނޭނގޭތީއެވެ. ޒާނާ ހޯދަން އެ ބޮޑު ރަށުގައި އަތް ފުނާ އަޅަން އޭނާ އަށް ލިބިފައިވަނީ އެންމެ ދެދުވަހެވެ. އެކުވެރިޔާގެ ކައިވެންޏަށް ވުރެ ބޮޑަށް ރީހާން ވިސްނަމުން ދިޔައީ އެކަމާއެވެ.
ރޭގަނޑުގެ ކެއުން ނިންމައި ޝަޔާންމެން ގެއަށް ދިޔައިރު ދިހަގަޑި ބައިވީއެވެ. ގޭގޭގެ ދޮރުތައް ލައްޕައި މީހުން ނިދައިފިކަން ވެރިވެފައިވާ ހަމަހިމޭންކަމުން އެނގެއެވެ. ފަނޑު އަލިކަމެއް ދޭ ބޮކިތަކުން މަގުތައް ދިއްލާފައިވާއިރު މަދުން ނޫނީ ހިނގާފައި ދާ މީހަކު ނުފެނެއެވެ. ގެޔަށް ދެވޭ އިރަކަށް ކެތް މަދުވެފައި އިން ރީހާން ކާރުން ފައިބައިގެން މަގުގެ ދެކޮޅު ރަނގަޅަށް ބަލައިލީ އެއީ ކޮން ހިސާބެއްތޯ ޔަޤީން ނުވެގެންނެވެ. އަނދިރީގައި އޭނާއަށް އެ ސަރަހައްދުގައި ވާ ގެތަަށް އެއީ ކުރިން ފެނުނު ގެތަކެއް ކަން ޔަޤީނެއް ނޫނެވެ. ” އެއިނީ ’ޒާނާމަންޒިލް‘ … ޝަޔާންގެ ވާންއުޅޭ އަނބި ގޮއްޔެގެ.. “ ނިހާން އަތުން އިޝާރާތް ކޮށްލީ ތަންކޮޅެއް ދުރުގައި އިން ގެއަކަށް ނަމަވެސް ރީހާން އަށް ލިބިގެން ދިޔައީ ސިހުމެވެ. ’ ޒާނާމަންޒިލް‘ އެ ނަން އެއީ އޭނާ ނުދަންނަ ނަމެއް ނޫނެވެ. އޭނާ ހޯދަން އުޅޭ ގެއަކީ އެއީއެވެ. އޭނާގެ ދަތުރުގެ އަސްލު މަންޒިލަކީ ވެސް އެއީއެވެ. ” ޒާނާމަންޒިލް އޭ؟؟؟ “ ގޭޓްލާފަ އަޅި ކުލައިގެ ފާރު އެއިނީ؟؟ “ ރީހާނަށް ޔަޤީން ނުވެގެން އަހާލިއެވެ. ” އާނ.. އެއީ.. އަހަރުމެން ހެނދުނު ސައިވެސް ބުއީ އެގެއިން.. ރީތި ކުދިން އުޅޭ ގެއެއް.. ! ކަލެއަށް ތި އާދެވުނީ މާ ލަހުން..“ ސަމާހު ނިހާނާއި ބައިވެރިވެލަމުން ރީހާނަށް ކިޔައިދިނެވެ. ރީހާނަށް ލިބިގެންދިޔައީ ނޭނގޭ ޒާތެއްގެ އުފަލެކެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވާން ފެށިއެވެ. ކެތްމަދުވެ ޒަނާ ދެކިލަންދާން ބޭނުންވިއެވެ. ޒާނާ އެގޭގައި އުޅޭކަމެއް ޔަޤީން ކުރާނީ ކިހިނެތްބާއޭ ރީހާންގެ ހިތަށް އެރިއެވެ. ޒާނާ އުޅޭނީ ހުޝާމްގެ ގޭގައޭ ހިތަށް އަރައި ކަންބޮޑުވިއެވެ. ” ހާދަ ލަސް ވަންދެން އެގޭ ދޮރު ހުޅުވާފަ.. ހުރިހާ ގެތަކެއްގެ ދޮރު ލައްޕާފަ މިހިރީ“ ރީހާން އަހާލީ ނިހާން އާއި ސަމާހުގެ ފަރާތުން އިތުރު އެއްޗެއް އެނގޭތޯއެވެ. ” އެގޭ މީހުން ހޭލާ އުޅޭތީ ކަންނޭނގެ..“ ސަމާހު އެހެން ބުނެފައި ނިހާނާއި އެކު ޝަޔާން ފަހަތުން ގޮސް ގެއަށް ވަން އިރުވެސް ރީހާން ހުއްޓި ހުރީ އެ ދިމާ ބަލާށެވެ. އޭނާ ވެސް ނިހާން މެން ފަހަތުން ދާން ހިނގައިގަތްތަނާ ކާރެއް އައިސް ތަންކޮޅެއް ދުރަށް މަޑު ކުރި އަޑު އިވުމުން ރީހާން ފަސްއެނބުރި ބަލާލިއިރު ކާރު މަޑުކުރީ ޒާނާމަންޒިލަށެވެ. ކާރުން ފައިބައިގެން ހިނގައިގަތީ އޭނާ އެ ސޫރަ ދެކެން ކެތް މަދުވެ އެތައް އިންތިޒާރަކާއިއެކު އެހަނދާނުގައި އެތަކެއް ވޭނީ ކަރުނައެއް އެޅި ޒާނާއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Hudhufinifenmaa_
Follow Me Written By

Hudhufinifenmaa_

Level 2100 Login10 Stories

Other Articles

Previous

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…53

Next

ލޯބިވޭ……

Next
October 14, 2024

ލޯބިވޭ……

Previews
October 14, 2024

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…53

2 Comments!

  1. Cutie girl says:
    October 16, 2024 at 9:41 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Reehaan and maira eh nugulhey
    Reehaan and zaana v gulhey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      October 18, 2024 at 7:20 pm

      Thankyou cutie girl ☺️

Comments are closed.

Next Episodeހަނދުވަރު ދިން އެރޭ …8←


All Right Reserved!