Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދުވަރު ދިން އެރޭ …6

Hudhufinifenmaa_
Hudhufinifenmaa_ Level 2100 Login10 Stories
October 10, 2024 10 Mins Read
6 Comments

ހަނދުވަރުދިން އެރޭ…6

 

”ހަމަ އޭނަގެ ސަބަބުން.. ހަމަ އެ ޒާ…“ ރީހާން އަނެއްކާވެސް އަތް މުއްކަވައި ފާރުގައި އޭނާގެ އަތުން ބާރަށް ޖަހާލަމުން މައިރާ ގެ ޖުމްލަ މެދުކަނޑާލިއެވެ. ކައިރީގައި ހުރި މައިރާ ތުރުތުރު އަޅަންފެށީ ރީހާން ގެ ރުޅި ފެނި އޭނާ ކޮންޓްރޯލުން ނައްޓައިފިކަން ހިތަށް އައުމުންނެވެ…” ޝްްޝް…!! މައިރާ ތިހިރީ…“ ރީހާން އަށް ބުނެވެން އުޅުނު ލަފްޒު ދުލުން ބޭރުވުމުގެ ކުރިން މި ކުރެވެން އުޅެނީ ރަނގަޅު ކަމެއް ނޫންކަން އޭނާއަށް އިހުސާސްވެ މާއިރާ އާއި ދުރަށް ޖެހިލައި ފަސް އެނބުރެމުން އޭނާގެ ނިތްކުރީގައި އަތް ހިންގާލިއެވެ. އަދި އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފާރުގައި ޖެހުމުގެ ސަބަބުން ޒަޚަމްވެފައިވާ އޭނާގެ އަތުގެ ނުފުށުން ފޮހެލަމުން ބޮލުގައި އަތް ހިންގާލިއެވެ. ގޮތް ހުސްވެފަައިވާ މީހެއްހެން ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލި އިރު އޭނާގެ ހިތުގައިވާ ރިހުން ވީގަދައެވެ. މާއިރާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ރީހާން ކެތްތެރިކަމާއި އެކު އެ ކައިވެނި ދެމެހެއްޓޭތޯ ބަލަނީ އޭނާގެ ދަރިންނަށްޓަކައެވެ. ދެން މައިރާގެ ބައްޕަމެންނަށް އޭނާވެފައިވާ ވަޢުދުގެ ސަބަބުންނެވެ. މައިރާއަށް ދެރަގޮތެއް ހަދައި ދޫކޮށް ނުލާނެ ކަމުގެ ޔަޤީންކަން ރީހާން ވަނީ ކައިވެނީގެ ކުރިން މައިރާގެ އާއިލާއަށް ދީފައެވެ.
ރީހާން ގެ އެ ޖުމްލަ ފުރިހަމަ ކުރި ނަމަ ވާނެ ގޮތް ހިތަށް އަރައި މައިރާގެ ލޮލުން އޮހިގަތް ކަރުނައާއި އެކު ގޮސް ރީހާންގެ ފުރަގަހުން އޭނާގެ ގައިގައި ބާރަށް ބައްދާލިއެވެ. ރުޅި އައިސް ހުރި ރީހާން ލަސްތަކެއް ނުވެ މައިރާ ދުރަށް ޖައްސާލީ އޭނާގެ އަތުގެ ބާރުން ނަމަވެސް އަނެއްކާވެސް މާއިރާ ދުވެފައި ގޮސް ރޮމުން ރީހާން ގައިގައި ބައްދާލިއެވެ. ” ސޮރީ … ސޮރީ…“ ގިސްލަމުން މަޢާފަށް އެދެމުންދިޔަ މައިރާ އަނެއްކާވެސް ދުރަށް ޖައްސާލައި ރީހާން ގޮސް މައިރާ ފާރުގައި ޖަހާ ތަޅާލާފައި އޮތް އޭނާގެ ފޯނު ނަގައި ބަލާލިއިރު ފޯނުގެ ސްކްރީން ތަޅައިގެން ގޮސް ފޯނު އޮތީ ނިވިފައެވެ. ތަޅައިގެން ދިޔަ ލޯގަނޑުގެ ބިއްލޫރިތައް ކޮޓަރިތެރެށް ބުރައިގެން ގޮސް ހުރި އިރު އެއަށް ވެސް ބަލާލުމެއްނެތި ރީހާން ގޮސް އެނދުމަތީގައި އޮތް މާއިރާގެ ފޯނު ނަގައި އޭގައި އޮތް ސިމް ނަގާއެއްލާލައިފައި އޭނާގެ ސިމް ލައްވާލިއެވެ. މައިރާ އޭރުވެސް ރޮމުން ރީހާން ގެ ފަހަތުގައި ބަލަން ހުރީއެވެ. ” ސޮރީ… ދެން…“ ގިސްލަމުން ދިޔަ މައިރާ އަށް ބަލާކަށްވެސް ރީހާން ބޭނުމެއް ނުވިއެވެ. ދެފޯނުވެސް ހިފައިގެން އެ ކޮޓަރިން ރީހާން ނުކުތް އިރު މެންދަމުން އަލިވެ ދޭއް ޖެހީއެވެ.

******

​އާ ދުވަހަކަށް އިރު އަރަމުން ދުނިޔެ އަލިކޮށްދެމުން ދިޔައިރު ދޫނި ސޫފާ ސޫފި އެސޮރުމެންގެ ހާލިތަކުން ނުކުމެ އެކި މިސްރާބުތަކަށް ދަތުރުކުރަމުންދެއެވެ. ފޮޅެމުން އައި މާމެލާމެލީގެ މީރުވަހަށް ބަޅިނދާ ކޮކާތައް އެ މާތަކުން ފޮނިބޮމުން އުފާކުރަމުން ދިޔައެވެ. ހެނދުނުގެ އެ ހިތްގައިމު ވަގުތުގެ ފޮނި މީރުކަން ހޯދައިލުމަށް މަދުން ނަމަވެސް ހިނގާލަންދާ މީހުން މަގުމަތިން ފެނެއެވެ. ހުދު ދޮންވެލި ގޮނޑުދޮށަށް ބީއްސަމުން ދިޔަ މަޑު ރާޅުތަކުގެ މިއުޒިކާއެކު ހިނިތުންވަމުން ސަކަރާތް ޖަހަމުން ދިޔަ ދެ ކުދިންނާއި ހުޝާމް އަށް ބަލަން އެ ރީތި ދޮންވެލި ގަނޑުމަތީ އިށީނދެލައިގެން އިން ޒާނާ ގެ ފައިތިލައިގައި އިރު އިރުކޮޅުން ރާޅުތައް ބޮސްދެމުން ދިޔައިރު އޭނާ ވިސްނަމުން ދިޔައީ އޭނާގެ ދިރިއުޅުމާއި މެދު އެވެ. ލީމް އާއި އުމައިރް ފަހަތުން ދުވަމުން އެ ކުދިން ހެއްވަމުން މޫދަށް އެރި ހުރި ހުޝާމް އޭނާގެ ކުދިންދެކެ ވާހެން ޒާނާދެކެ ލޯބިވޭ ބާއޭ ހިތާއި ސުވާލު ކުރަމުންނެވެ. ހުޝާމް އާއި ޒާނާގެ ދެމެދުގައިވާ ދުރުކަން ކުރިއަށްވުރެ ތަންކޮޅެއް ކުޑަ ނަމަވެސް ޒާނާއަށް އަދިވެސް ހުޝާމް އޭނާދެކެ ލޯބި ވާ ކަމާއި މެދު ސުވާލު އުފެދެއެވެ. ބައެއްފަހަރު އެއީ ދަރިންދެކެ ވާ ލޯބިން އޭނާއަށް ހުޝާމްގެ ހަޔާތުން ލިބިފައިވާ ޖާގައެކޭވެސް ހީވެއެވެ.
ޒާނާގެ ހިތުގައި މާޒީގެ ސަފްހާތައް ލިޔެވިފައި ވަނީ ހަނދާނުން ނުފޮހެވޭނެ ގަލަމަކުންކަން ޔަޤީނެވެ. މައިރާގެ އެދުމަށް ރީހާން އާއި އޮތް އެކުވެރިކަން ފަސްލާފައި އޭނާގެ މިސްރާބު ބަދަލުކޮށްލި ނަމަވެސް އެ ހަނދާން އެ ހިތުން ނުފިލައެވެ. ރީހާނާއި މެދު ވިސްނައެވެ. އޭނާގެ ހާލަކީ ކޮބައިތޯ، ދިރިއުޅުން ކިހިނެތްތޯ ބަލަން ހިތް އެދެއެވެ. ރީހާން އޭނާގެ މަތިން ހަނދާން ހުންނާނެބާއޭ ހިތަށް އަރައެވެ.ރީހާނާއި ވަކި ވުމުގެ ކުރިން އޭނާ ކުރި މެސެޖުތައްވެސް ޒާނާގެ ފޯނުގައި ރައްކާކޮށްފައި ހުރީއެވެ. އެ ފޮޓޯތަކާއި އެ ހަނދާން އޭނާގެ ހިތުގައި ފޮރުވައިގެންނެވެ. އެހެނަސް މީހެއްގެ ހައްޤަކަށް އަރައިގަތުމަށްވުރެ ހިތާމައިގެ ކަނޑަކަށް ޢަރަޤުވުން މާ ބުއްދިވެރިކަމުގައި ދެކެއެވެ. ”މަންމީ.. މޫދަށް އެރެން ހިނގާ… “ ލީމް އައިސް ޒާނާގެ އަތުގައި ހިފާލަމުން އޭނަަގެ ހިޔާލުތަކާއި ވަކި ކޮށްލިއެވެ. ” ނޫން ދަރިފުޅާ .. ދެން ގެއަށް ގޮސް ސައިބޮއެ ތައްޔާރުވެލައިގެން ދާނީ މާމަގެއަށް.. ލިލީ މިއަދު އަންނާނެ ބަލައި.. ދޭ ބައްޕި އާއި ކޮއްކޮ ކައިރީވެސް ބުނޭ ދެން އަންނާށޭ..“ ދަރިފުޅު ލީމް ފޮނުވާލަމުން ތެދުވެ ވެލި ފޮޅާލަމުން ޒާނާ އަތުގެ އިޝާރާތުން ހުޝާމް ކައިރީ އަންނާން ބުނެފައި ހިނަގައިގަތެވެ.

ހެނދުނުގެ ނާސްތާއަށްފަހު ޒާނާ ގެއަށްދާން ތައްޔާރުވެލައި ބޭރަށް ނުކުތް އިރު ލީޝް އޭނާގެ ފިރިމީހާ ނާއިލް ގެ ކާރުގައި އައިސް މަޑުކޮށްލާފައި ކާރުން ފޭބިއެވެ. ކަޅު ކުލައިގެ އަބާޔާ ހެދުމެއްގައި ޕީޗްކުލައިގެ ޝޯލްއެއް އަޅާފައި ހުރި އިރު އެ މޫނުގެ ދޮންކަމާއި ރީތިކަން ފާޅުވެއެވެ. އިސްކޮޅުގައި ޒާނާއާއި އެއްވަރު ވެފައި ދެމީހުންވެސް ވައްތަރު ގޮތެއް ހުރެއެވެ. ” ދޫނި ކޮޅު…ލިލީގެ ބޭބީސް.. އައި މިސްޑް ޔޫ..“ ޒާނާއާއި އެކު ނުކުމެގެން އައި އުމައިރް އާއި ލީމް ފެނުމުން ލޯބިން ފުރިގެންވާ ހިނިތުންވުމަކާއި އެކު ގޮސް ލީޝް ދެކުދިން ގައިގައި ބައްދާލި އިރު އެއީ އެ ކުދިންގެ ދެވަނަ މަންމަ ކަމާއި މެދު ޝައްކެއްނުވެއެވެ. ” ހިނގާ ދާން އަވަހަށް .. ޒީން ދޮންތި އާ މާމަ އުޅޭނެ ލަސްވެގެން … “ އުމައިރް އުރާލަމުން ލީމް އަތުގައި ހިފައިގެން ދާން ހިނގައިގަންނަމުން ލީޝް ބުންޏެވެ. ޒާނާވެސް ދަބަސް ހިފައިގެން ހުޝާމް ކައިރީ ހޮނިހިރު ދުވަހު ހަވީރު އަންނާނަމޭ ބުނެފައި ގޮސް ކާރަށް އެރީއެވެ. ގޭތެރޭގައި ހުރި ހުޝާމްވެސް ނުކުމެ ކުދިންނަށް ހަނާއަޅާފައި ހިނިތުންވެލަމުން ގޮސް ސައިކަލަށް އަރައި ދުއްވާލީ އެކުވެރި ކުއްޖަކާއި އެކު ކޮފީއަކަށެވެ.
ދުވަސްތަކަކަށްފަހު މާމަ ކުދިން ފެނުމުން ޒަހުރިއްޔާ ހުރީ އުފަލުން ފޮޅިފައެވެ. ޒީނާވެސް އެންމެންގެ އިންތިޒާރުގައި އިނީ އޭނާގެ ކައިވެނީގެ ކަންތަށް ހަމަޖައްސަން އެންމެންގެ މަޝްވަރާ ހޯދަން ހުރިހާ އެންމެން އެއްކޮށް ބައްދަލުވާންދެނެވެ. ” ޝަޔާންވީ މިހާރު މާލޭގަ. އަންނަ ހަފްތާގައި ޝަޔާން އަންނާނެ.. މާބޮޑު ސެލެބަރޭޝަންއެއް ނުބާއްވާ ގޮތަށް ކައިވެނި ކުރާނީ.. ހަމަ އެކަނި ފެމިލީ އެންޑް ފްރެންޑްސް އަށް ޑިނާރ އެއް.. ސާއިމް ވެސް ބުނި އޮފީހުން ޗުއްޓީ ލިބުނީމަ އާދެވޭނޭ ޝަޔާން އަންނަ އިރު..“ ޒީނާ އޭނާ ނިންމާފައިވާ ގޮތް ޒާނާ އާއި ލީޝް ކައިރީ ބުނެލުމުން އެންމެންވެސް ބޭނުން ވީ އެގޮތެވެ. ” އާނ .. ދެން ބުނެބަ.. މިއޮތް ހާ ދުވަހު ޝަޔާން އާއި މެރީ ނުކުރާން ބޮޑާ ހާކާފަ މިހާރު ހަމަ ބޭނުން ވެގެން ތަ ޒީން ތި މެރީ ކުރަން އުޅެނީ..؟“ ޒާނާ ސުވާލު ކޮށްލީ ކޮއްކޮ ޒީނާ ބުނާ އެއްޗެއް ބަލާށެވެ. ” ހްމްމް.. މަ ބުނީމެއްނު ކުރިންވެސް ރީހާން މަށަށް ސެޓް ކޮށްދޭށޭ.. އެކަމް ސިސް ބޭނުން ނުވީއެއްނު… ދެން މެރީ ނުކޮށް ވެސް ހުރެވިއްޖެ އެއްނު.. ލީޝްވެސް މަށަށް ވުރެ ކުރިން މެރީ ކުރީ ވިއްޔަ.. ޝަޔާން ގޮތެއް ދޫނުރި.. މި ނޫން ގޮތެއް ނެތީ ހަމަ.. “ ޒީނާ ކަރު އެލުވާލާފައި ލީޝާ އާއި ޒާނާ އަށް ބަލާލާފައި ފާޑަކަށް ހީލަމުން ބުނެލިއެވެ. ޒީނާގެ ދުލުން ރީހާންގެ ނަން އަޑު އިވުމުން ޒާނާ އަށް ނޭނގޭ އިހްސާސްތަކެއް ކުރެވުނެވެ. އޭނާގެ ހިޔާލުގައި ރީހާން އެ ގެއަށް އައި ދުވަސް ތަކުރާރުކޮށް އެނބުރެން ފެށިއެވެ. ” ބުނެބަ.. ކޮބާތަ ރީހާން މިހާރު.. އަދިވެސް ތި ދެމީހުން ފްރެންޑްތަ؟.. ކޮންތާކުތަ ރީހާން އުޅެނީ.. “ ޒީނާ ޝައުޤުވެރިކަމާއި އެކު ސުވާލު ކުރަމުން ދިޔައިރު ޒާނާ ހުރީ ރީހާންގެ ހިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ. ” ފެށުނީ ދޯ.. ރީހާން ކޮބައިތޯ ނުބަލާ ޝަޔާން ވީތަނެއް ބަލަން އުޅޭ ދެން.. މެރީ ކުރަން ތިއުޅެނީ ޝަޔާންއާ .. ރީހާން އަކާ ނޫން..“ ލީޝްއަށް ޒާނާގެ މޫނުމަތިން ފެންނަމުންދިޔަ މާޔޫސްކަން ދަނެގަނެވި ޒީނާ ހުއްޓުވަން މަސައްކަތް ކުރީ ރީހާން ކޮބައިކަމެއް ޒާނާއަށް ނޭނގޭކަން އޭނާއަށް ރަނގަޅަށް އެނގޭތީއެވެ. ޒާނާ ކޮންމެވެސް ސަބަބަކާ ހުރެ ރީހާން އާއި ގުޅުން ކަނޑާލިކަން ލީޝް އަށް އެނގޭތީއެވެ. ކީއްވެ ކަމެއް ޒާނާ ނުބުނާތީ ލީޝް އިތުރު ސުވާލުތައް ކުރަން ނޫޅުނީއެވެ. އެކި ވާހަކަ ތަކުގައި ތިން މީހުން ތިބިއިރު ލީމް އާއި އުމައިރް މާމައާއި އެކު ކޮޓަރީގައި ތިއްބެވެ.

*******

ހެނދުނު ހޭލި ގޮތަށް ރީހާން ފެށީ އޭނާގެ ދަތުރަށް ތައްޔާރުވާށެވެ. މާއިރާދެކެ ރުޅިއައިސްފައި ހުރި ރީހާން އެރޭގެ ފަހުން އޭނާއާއި ވާހަކައެއް ނުދައްކައެވެ. ކުރިން އެންމެން އެކުގައި މާލެ ދާން ނިންމާފައި އޮތުމުން ރީހާން އެ ގޮތް ބަދަލެއް ނުކުރެއެވެ. ހޮނިހިރު ދުވަހު މާލެ ފުރަން އޮތް ބޯޓަށް އަރަން ރީހާނާއި ކުދިން އަދި މައިރާގެ މަންމަ އާއި ބައްޕަ ދިޔައިރު މައިރާވެސް އެމީހުންނާއެކު ދިޔައެވެ. މާލެ ދެވުމާއިއެކު ރީހާން ގުޅީ އެކުވެރިޔާ ޝަޔާންއަށެވެ. ” ކޮބާ ޔާން.. ހިނގާ ކޮފީއަކަށް އަރާލަން.. މި އުޅެނީ މާލޭގަ.. “ ރީހާން މާލެއައި ވާހަކަ ބުނުމުން ޝަޔާންވެސް ސަމާހާއި ނިހާން އަށް ގުޅީ އެންމެން އެއްތަނަކުން ދިމާވެލާށެވެ.
މައިރާއާއި ކުދިން އަދި މައިރާގެ މަންމައާއި ބައްޕަ އެމީހުންގެ ދޮށީ ދަރިފުޅު މިހުސަން މެންގެ އެޕާރޓްމަންޓަށް ލާފައި ރީހާން ދިޔައީ އޭނަަގެ އެކުވެރިންނާ ބައްދަލު ކުރަން ކައިރީގައި ހުރި ކޮފީ ޝޮޕަށެވެ. ރީހާން އަށް ދެވުނުއިރު ޝަޔާން އޭނާގެ އިންތިޒާރުގައި ސައިކަލު މަތީ މަޑުކޮށްލައިގެން އިނެވެ. ” ނިހާން އާއި ސަމިއްޓެ އެބަ އާދޭ.. ހިނގާ އެތެރެއަށް އެމީހުން އަންނަންދެން.. “ ރީހާންގެ ކޮނޑުގައި ޖަހާލަމުން ޝަޔާން މީހުންތަކުގެ ތެރެއިން ވަދެގެން ގޮސް ހުސް މޭޒެެއް ހޯދައިލިއެވެ. ” އަންނަ ހަފްތާގަ ރަށަށް ދާން މިއުޅެނީ.. ދެވޭނެ ދޯ.. އަހަރެން ރަށަށް ނުދާތާ ވަރަށް ގިނަ އަހަރު ވެދާނެ.. އެހެންވީމަ އެކޮޅުގަ ނޫޅޭނެ މާގިނަ ރައްޓެހިންނެއް.. ކަލޭމެން މަށާއެކު ނުދަންޏާ ވަރަށް ސަކަރާތް ވާނެ.. ދާނަންދޯ..“ ޝަޔާންގެ ވާހަކަތަކަށް ސަމާލުކަން ދީގެން އިން ރީހާން ވިސްނަމުން ދިޔައީ އެރަށަށް އޭނާ ދާނެ ގޮތެކެވެ. މާއިރާ އަށް އެނގިގެން ނުދެވޭނެކަން އެނގޭތީ ރީހާން ވިސްނަން އިނީ މާއިރާއަށް ނާންގާ ދެވޭނެ ގޮތެކެވެ. ” އާން ދާން ބޭނުން.. އެކަމަކު ކަލޭމެން ކުރިން ދޭ … މަށަށް ދެވޭނީ އަންހެނުންނާ ކުދިން ރަށަށް ފޮނުވާލާފަ.. “ ރީހާން އެހެން ބުނި އިރު ސަމާހާއި ނިހާންވެސް އައިސް އިށީނެވެ. ” މަ ހީކުރީ ކަލޭ ނުދާނެކަމަށް .. ކަލޭ އަންހެނުން ނުފޮނުވާނެތީ.. “ ސަމާހަކީ ސަމާސާ ބޮޑު މީހެއްކަމުން ރީހާނާއި ދިމާކޮށްލީ އެވެ. ”ޔާން … ކަލޭވެސް ތިއުޅެނީ އެކަހަލަ މަޅިއެއްގަ ޖެހެން ދޯ. ؟ ޔަޤީން ކައިވެންޏަށްފަހު ދެން ކަލޭވެސް އުޅޭނީ އަބަދު އަނބި ގޮއްޔެ ހިތް ރުއްސަން..“ ނިހާންވެސް ސަމާހާއި ބައިވެރިވެލަމުން ޝަޔާން އާ ދިމާކޮށްލަމުން ހިނިގަނޑެއް ޖަހާލިއެވެ.
އެކުވެރިންގެ ވާހަކަތަކަށް ވުރެ ރީހާންގެ ވިސްނުމާއި ފިކުރު ހުރީ މައިރާމެން ރަށަށް ފޮނުވާފައި އޭނާ މާލޭގައި މަޑު ކުރާނެ އުޒުރަކާމެދުއެވެ. އޭރުން މައިރާކައިރީ ނުބުނެވެސް އޭނާއަށް އެރަށަށް ދެވޭނެ ކަމުގެ އުއްމީދުގައެވެ.

” ކަލޭމެން ފުރަމުން އަންގާލާ.. އޭރުން މަށަށް ދެވޭ ދުވަހެއް ފަހުން ބުނާނަން.. “ މާލޭގެ ހަލަބޮލި މަގުތަކުގައި ބަރުގޮނުތަކުގެ އަޑުން ގުގުމަމުން ދިޔައިރު ރީހާން އޭނާގެ އެކުވެރިންނާއެކު ކޮފީ ނިންމާފައި ނުކުމެ ސައިކަލަށް އަރަމުން އެހެން ބުނެފައި ދިޔައީ އޭނާގެ މަންމަމެން ދިރިއުޅޭ ގެއަށެވެ.” ދަރިފުޅާ ރީހާން.. ކޮން އިރަކު އައީ.. ކޮބާ ކުދިންނާއި މައިރާ.. މިފަހަރު ނުގެންނަންތަ އެމީހުން..“ ރީހާންގެ މަންމަ އަސްމާ ދަބަސް ހިފައިގެން އައިސް ހުރި ރީހާން ފެނުމުން ހިނިތުން ވެލާފައި ދޮރާއި ދިމާލަށް ބަލަމުން ސުވާލުކޮށްލީ ރީހާން އައީ އެކަނިކަން އެނގުމުންނެވެ. ” މައިރާމެން ވީ މިހުސަންމެން ކައިރީ.. މައިރާ މަންމަމެންވެސް އެބަ އުޅޭ އައިސް. އެހެންވެ އެ ގޭގަ މިފަހަރު މައިރާ ހުންނާނީ..“ ރީހާން އެހެން ބުނި ނަމަވެސް އޭނާ މައިރާ ދެކެ އައިސް ހުރި ރުޅިން އޭނާ ގެންނަން ނޫޅުނީއެވެ. ” ދެން އެކަމު ކައިސް އާއި ރީނާވެސް އެގޭގަތަ ބައިތިއްބަނީ.. ؟ އެހެންޏާވެސް ދަރިފުޅު އެންމެން ގޮވައިގެން މިގޭގައެއްނު އުޅެނީ. މައިރާ މަންމަ މެން އެގޭގަ ތިއްބަސް މައިރާ އަށް ކުދިންނާ އެކު މިގޭގަ ހުރެވޭނު.. ؟މިގޭގަ މިހާރު އެކަކު ވެސް އުޅެނީ އެއް ނޫން.. މަންމަ އާއި ބައްޕަ މިއުޅެނީ.. ދެ ކޮޓަރި މިހާރުވެސް ހުސްކޮށް އެއިނީ.. “ އަސްމާ އޭނާގެ މާމަ ކުދިން ކައިރީގައި އުޅެން ބޭނުންވާތީ އަނެއްކާވެސް ސުވާލު ކޮށްލިއެވެ. ” ކުދިން ގެންނާނަން މަންމަ ކައިރިޔަށް .. އިހަށް މިދަނީ ފެންވަރާލަން.. ބޯޓުން ފޭބި ގޮތަށް މިއުޅެނީ އަދި .. ކައިސް އާއި ރީނާވެސް ތިބޭނީ ދަތުރު ވަރުބަލިވެފަ..“ ރީހާން އޭނާގެ މަންމަގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލާފައި ހިނިތުންވެލަމުން ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ.
ކޮޓަރިއަށް ވަދެ ދަބަސް ބަހައްޓާފައި ރީހާން ފެންވަރައި ތާޒާވެލިއެވެ. ލޯގަނޑު ކުރިމަތީ ހުއްޓި ހުރެ އޭނާގެ ތެމިފައިވާ ބޮލުގައި އިނގިލިތަކުން ފުނާ އަޅާލައި ރީތިވެލިއެވެ. އަވީގެ ސަބަބުން ކޮންމެސް ވަރަކަށް ’ޓޭން‘ ވެލާފައި ވާ ހަންގަޑާއި އެ ރީތި ދެލޯ ފެންނަ ކޮންމެ މީހަކުވެސް އަޅައިގަންނާނެކަން ގައިމެވެ. ދަބަސް ތެރެއިން ހުދުކުލައިގެ އަތް ކުރު ޓީ ޝާޓެއް ނަގައި ގަޔަށް ހެޔޮވަރު ކޮށްލަމުން ސެންޓް ޖަހާލައި އަނެއްކާވެސް ލޯގަނޑުން ބާލާލި އިރު އޭނާގެ ޚިޔާލުގައި ކުރެހެމުން ދިޔައީ ޒާނާއެވެ. އޭނާގެ އަތުގެ ތެރޭ އެ ލޯގަނޑުކުރިމަތީ ލަދުރަކި ހިނިތުންވުމެއްގައި ޒާނާ ހުއްޓި ހުރި މަންޒަރު ޚިޔާލުގައި ކުރަހަމުން ދިޔައިރު ރީހާންގެ ތުންފަތުގައި ވަނީ ޖާޒުބީ އަސަރެވެ. އޭނާގެ ހިތުގައި ހިނގަމުން ދިޔައީ ޒާނާއާއި ބައްދަލު ކުރި ރޭގެ ހަނދާނެވެ. އެރޭ ރީހާންގެ ކުރިމަތީގައި ހުރި ޒާނާގެ ރީތިކަމެވެ. ހުރިހާކަމަކަށް ވުރެ އޭނާ އަށް އެންމެ ކަމުދިޔަ އެ މަޑުމައިތިރި ސިފައެވެ. ލަދުރަކި ކަމާއި ވާހަކަ ދެއްކުމުގައި ހުންނަ ލޯބި ގޮތެވެ. ” ދަރިފުޅާ ރީހާން.. ކާން އާދޭ..!“ ރީހާން ގެ ހުވާފެނީ ދުނިޔެއިން އޭނާ ބޭރުކޮށްލީ އަސްމާ ދޮރުގައި ޓަކި ޖަހާލުމުންނެވެ. ” މި އަންނަނީ.. “ ރީހާން އަވަސް ކޮށްލައިގެން އޭނާގެ ދަބަސް ހާވާލަމުން މައިރާ ހަލާކު ކޮއްފައިވާ އޭނާގެ ފޯނު ވެސް ހިފައިގެން ނުކުތް އިރު ރީހާންގެ މަންމަ އާއި ބައްޕަ ކާމޭޒު ދޮށުގައި އިންތިޒާރުގައި ތިއްބެވެ. ” ދަރިފުޅު ކީއްވެ ކުދިން ގޮވައިގެން ނައީ“ އިލްހާމްގެ ވެސް ޝަކުވާއަކަށް ވީ ކާފަ ދަރިން ގޮވައިގެން ނައުމެވެ. ” ކުދިން ގެންނާނަން މާދަން.. ބައްޕަ ކޮންއިރަކު އައީ..“ ރީހާން ކާން އިށީންނަމުން އަހާލިއެވެ. ”ދެންމެ މި އައީ… ކީއްވެ މިފަހަރު މައިރާ މިގެއަށް ނުގެނައީ.. މިގޭގަ ވެސް ހުސް ކޮޓަރި މިހުރީ… ހާދީއާއި ހަބީބާއަށްވެސް މިގޭގަ ހުރެވޭނެ.. މި ހަމަ ދަރިފުޅުމެން އުޅެން ހުރި ތަން..“ރީހާންގެ ދެ ކޮއްކޮވެސް ކައިވެނިކޮށް އަމިއްލަ ދިރިއުޅުން ފަށައި އެހެން ތަންތަނަށް ބަދަލުވުމުން އިލްހާމް އާއި އަސްމާ ދިރި އުޅެނީ ގިނަފަހަރު އެކަނި ކަމުން ދެމީހުންވެސް ތިބީ ޝަކުވާ ގިނަވެފައެވެ. އެކި ވާހަކަ ތަކުގައި ތިބެ ކައި ނިމުމުން ރީހާން ނުކުމެގެން ދިޔަައީ އޭނާގެ ފޯނު ހެދޭތޯ ބަލާށެވެ.

******

ގަޑިން ރޭގަނޑު އެގާރަ ޖެހީއެވެ. ޒާނާ އޭނާގެ މަންމަ ގެއިން އެނބުރި އައި އިރުވެސް ހުޝާމް ގޭގައި ނޫޅެއެވެ. ހުޝާމްގެ އިންތިޒާރުގައި ހޭލާ ހުރި ޒާނާގެ ލޮލަށް ނިދިބަރުވެފައި ވީނަމަވެސް އެނދުގައި އޮށޯވެލައިގެން ފޯނާ ކުޅެލަން އޮތީ ހުޝާމް އާދޭތޯއެވެ. އެތަށް އިރެއް ފަހުން ހުޝާމް އައިސް ދޮރު ހުޅުވާލިއިރު ޒާނާ އަށް އޮތީ ލޯމެރިފައެވެ. ” ޒާނާ.. ނިދަނީތަ..؟ “ ހުޝާމް ގޮސް ޱޒާނާގެ ކައިރީގައި އޮށޯވެލަމުން ޱގޮވާލި އަޑަށް ޒާނާ ލޯހުޅުވައިލިއެވެ. ” ނުނިދަން .. ކައިފިންތަ؟ ކާން ހަދަން ވީތަ؟“ ޒާނާ ތެދުވަން އުޅުމުން ހުޝާމް އޭނާގެ ކައިރިޔަށް ޖެހިލައި ޒާނާގެ ގައިގައި ބައްދާލަމުން ބޯ ހޫރާލިއެވެ. ” ކައިފިން ތަންކޮޅެއް ކުރިން.. އޮފީސް ބާބަކިއު އެއް އޮތީމަ އެތަނަށް ގޮސް …ކޮން އިރަކު ގެއަށް އައީ.. ؟ “ ޒާނާގެ މޫނަށް ބަލާލަމުން ހުޝާމް އޮށޯވެލިއެވެ. ” އެެހެންތަ.. އިރުއޮއްސުނު ގަޑީގަ އާދެވުނީ… ޱޒީން ކައިވެނި އަންނަ ހަފްތާ ނިންމާފަ އޮތީ… “
” އޯހ.. އެހެންތަ.. ވަރަށް އަވަހަށް ފުރަން މިއުޅެނީ.. އޮފީސް ޓްރެއިނިންގ އެއްގަ އަލިފް އަތޮޅަށް ދާން..މަހެއް ވަރު ވާނެ ހެން ހީވަނީ..“ ހުޝާމް ފުރާ ވާހަކަ ބުނުމަކުން ޒާނާ ހައިރާނެއް ނުވިއެވެ. އެއީ އަބަދުގެވެސް އާދަ ކަމަށް ވުމުންނެވެ. ” ޒީން ގެ ކައިވެންޏަކަށް ވެސް ނުހުރެވޭނެ ދޯ..“ ޒާނާ އަހާލީ އޭނާއަށް ޖަވާބު ނޭނގޭތީއެއް ނޫނެވެ. ޒާނާގެ އެއްވެސް ކަމެއްގައި އަދި ޒާނާގެ އާއިލާގެ ކަމެއްގައި ވެސް ހުޝާމްގެ އެއްބާރުލުމަކާއި އެހީތެރިކަމެއް ނުލިބޭކަމީ އޭނާ ރަނގަޅަށް ދަންނަ ހިތި ތަޖުރިބާއެކެވެ. ” އާނ.. ދަތުރު ލަސް ކޮށްފިއްޔާ މަސައްކަތްތަކަށް ބުރޫ އަރާނެ… އަހަރެން ނެތަސް ޒާނާ ތިހިރީއެއްނު .. ޔޫ ކޭން ފިލް އިން ފޯ މީ.. “ ހުޝާމް ހަމަޖައްސާލަމުން ހީލިއެވެ. ތެދެކެވެ. އަބަދުވެސް ހުޝާމް ގެ ފަރާތުން ކޮންމެ ކަމެއް ގައިވެސް ހުސްތަން ފުރަމުން އަންނަނީ ހަމަ ޒާނާ އެވެ. ” ހްމްމް.. އޯކޭތަ އެހެންވިއްޔާ ހުޝާމް ދިޔައިމަ ޒީންގެ ވެޑިން ނިމެންދެން މަންމަ ގޭގަ މަޑުކޮށްލިޔަސް…؟“ ޒާނާ ޖެހިލުންވެ ހުރެވެސް އެ ސުވާލު ކޮށްލީ އޭނާ މަންމަ ކައިރީ ދުވަސްކޮޅަކަށް ނަމަވެސް ހުންނަން ހިތް އެދޭތީއެވެ. ” އެންމެ ރަނގަޅު.. އެކަމަކު މަންމަ ކައިރިޔަށް ވެސް އާދެވޭތޯ ބަލާތި.. “ ހުޝާމް ގެ ޖަވާބު ލިބުމުން ޒާނާ ހިތް ހަމަޖެހުނެވެ.

*******

​ކައިވެންޏަށް ތައްޔާރުވެގެން އައި ޝަޔާން އާއި އެކު ނިހާން އާއި ސަމާހު އެއާޕޯރޓުން ކާރުގައި ގޮސް މަޑުކޮށްލީ ޝަޔާން ގެ ގެއަށެވެ. އެއީ އޭނާ ކުޑައިރު މަންމަ އާއި ބައްޕަ އެކުގައި ދިރިއުޅުނު ގެ ނަމަވެސް ސްކޫލް ނިންމައި މާލެ ބަދަލު ވީފަހުން އެގެ ހުންނަނީ ހުސްކޮށެވެ. ގެ ބަލަހައްޓަން ޝަޔާންގެ ބޮޑުބޭބެއާއި ހަވާލު ކޮށްފައި ޝަޔާންގެ އާއިލާ އެއްކޮށް ދިރިއުޅުން ބަދަލު ކުރީ އެވެ. ރީތި ކޮށް ހަދާފައިވާ އެގޭގައި ހަތަރު ކޮޓަރި އާ ސިޓިންރޫމަކާ އެކު ބަދިގެއާއި ކާގެ ހަދާފައި ގޯތި ތެރޭ ތަފާތު އެކި ގަސްތައް ހައްދާފައި ހުއްޓެވެ. ” މިއޮތް ބޮޑު ގެ ހުއްޓާ ކަލޭމެން ގޮސް މާލޭގަ ކުއްޔަށް ތި އުޅެނީ؟؟“ ސަމާހު ހައިރާން ވެފައި އަހާލަމުން ގޭގެ އެކި ދިމަ ދިމާއަށް ނަޒަރު ހިންގާލިއެވެ. ” އާނ !! ބައްޕަ ނިޔާވީމަ ކުދިން ގޮވައިގެން އެކަނި މިގޭގަ އުޅެން މަންމަ ބޭނުން ނުވީ.. އެހެންވެ އޭރުއްސުރެ މާލޭގަ މިއުޅެނީ.. ކަލޭމެން ބޭނުން ކޮޓަރިއެއްގަ ތިބެންވީ.. “ ނިހާން އާއި ސަމާހު އަށް ކޮޓަރިތައް ދައްކާލާފައި ޝަޔާން ގޮސް ސޯފާގައި އިށީނދެލައި ޒީނާ އަށް މެސެޖެއް ކޮށްލިއެވެ. ” ޒީން.. މައި ލަވް.. މި އައީ ރަށަށް .. ކޮން އިރަކުން ފެންނާނީ.. ތިގެއަށް ދާންވީތަ..؟އައި ކާންޓް ވެއިޓް ޓު ސީ ޔޫ..“ ސޯފާއަށް ދެމިލައިގެން ފޯނާ ކުޅެން އޮތް ޝަޔާން އިންތިޒާރު ކުރަމުން ދިޔައީ ސްކޫލް އިރުއްސުރެ އޭނާ އެންމެ ލޯބިވި ޒީނާ ފެންނާނެ އިރަކަށެވެ. އެތައް ފަހަރަކު ރައްޓެހިވާން އުޅެ ނާކާމިޔާބު ވި ނަމަވެސް ޒީނާ ކައިވެންޏަށް އާނ ބަސް ބުނުމުން އޭނާގެ ހިތް ވަނީ ވިލާތަކުގެ މަތީގައި ކަން ގައިމެވެ.
”ރީހާންގެ ހަބަރެއް ނުވޭތަ.. އޭނަ އަންނާނެތަ ؟ “ ކުރިމަތީގައި ހުރި ސޯފާގައި އިށީނދެގެން އިން ނިހާން ސުވާލު ކޮށްލީ ޝަޔާން އާއެވެ. ” ހްމްމް.. އެ ރަށު ބޯޓު ދެ ދުވަސް ފަހުން ފުރާއިރު އޭނަ އަންހެނުންނާ ކުދިން ފޮނުވާލާފަ އަންނަ ވާހަކަ ބުނި.. އޯކޭ އެއްނު …“ ޝަޔާން ބުނެލިއެވެ. ” އޭތް.. ދެން ކޮން އިރަކުންތަ އިންނަން ތިއުޅޭ މަންޖެ އަހަރުމެންނަށް ދައްކަނީ..؟؟ ކޮންތާކު އެ ގެ ހުންނަނީ އެ މަންޖެ ދެކިލަން ދާހިތުން ކެތް މަދު ވެފައެއްނު ތިއޮތީ.. “ ސަމާހު ފުރުސަތުގެ ބޭނުން ހިފާލައި ޝަޔާން އާއި ދިމާ ކޮށްލަމުން ހީގަތެވެ. ” އެ ގެ ވެސް ހުންނަނީ މި މަގުގަ ހަމަ.. ދެ ތިން ގެ ދޫކޮށްފަ.. “ ޝަޔާން އެހެން ބުނެލުމުން ނިހާން އާއި ސަމާހު އެއްކޮށް ހީގަތެވެ.

ހުޝާމް ފުރުމުން ޒާނާވެސް ކުދިން ގޮވައިގެން އޭނާގެ މަންމަ ގޭގައި ހުރެލަން ދިޔައީ ޒީނާގެ ކައިވެނީގެ ކަންކަމުގައި ވެސް އެހީތެރިވާން ފަސޭހަވާނެތީއެވެ. ” ހާދަ ރީތި ވެލައިގެން .. ކޮންތާކަށް“ ފަރިވެ ފޮޅެމުން އައި މަލެއްހެން ރީތިވެލައިގެން ނުކުމެ ހުރި ޒީނާ ފެނިފައި ޒާނާ ހައިރާންކަމާއެކު ސުވާލު ކޮށްލީ އެއީ އެހެންޏާ ނުފެންނަ މަންޒަރެއް ވީމައެވެ. ” މި ދަނީ ޝަޔާން އާއެކު ޑޭޓަކަށް.. “ ރަކި ގޮތަކަށް ހީލަމުން ޒީނާ ބުނެލައި ދާން ހިނގައިގަތެވެ. ” ޝަޔާން އައީތަ މިހާރު.. މަޑުކޮށްބަލަ.. ފަސް ދުވަސް ފަހުން ކައިވެނި ކުރެވުނީމަ ޑޭޓް ތަކަށް ދާނީ..“ ޒާނާ ހެމުން ދިމާކޮށްލިއެވެ. ” ނޫނޭ .. މި ދަނީ ޑިނާރ އަކަށް.. ޝަޔާންގެ ރައްޓެހިން ތަކެއް ވެސް އެބަ އުޅޭ .. އެމީހުންނާވެސް މީޓް ކޮށްލަން މި ދަނީ.. “ ޒީނާ އެހެން ބުނެފައި ގޮސް ގޭޓް ހުޅުވާލި އިރު ޝަޔާން ކާރުގައި އައިސް މަޑު ކޮށްލައި ކާރުން ފައިބައިނީއެވެ. އަހަރު ތަކަކަށްފަހު ޒީނާއަށް ހަމަ ލޮލުން ޝަޔާން ފެނުނު އިރު އެއީ ސްކޫލް ދައުރުގައި އޭނާ ދުށް ޝަޔާންއެއް ނޫނެވެ. އެއަށް ވުރެ މާ ރީތިވެފައި ފުރިހަމަ އެވެ. ކަސްރަތުކޮށް ބަލަހައްޓާ ހަށިގަނޑެއްކަން ގަޔަށް ހިފާލާފައި ވާ ގަމީހުން އެކަނިވެސް ހާމަވެއެވެ. ކޮނޑަށް ވުރެ ތަންކޮޅެއް ކުރުކޮށް ކޮށާލާފައިވާ ރާޅު އިސްތަށިގަނޑާއި އެ ތޫނު ނަޒަރު ފެނުމުން ޒީނާއަށް ފުރަތަމަ ފަހަރަށް ޝަޔާން އަށް ހިތް ލަންބުވާލަން މަޖުބޫރު ވިއެވެ. ” ވާއު….ޒީން .. މައި ލަވް… ހާދަ ލޯތްބޭ…!! “ ޒީނާ ފެނުމުން އާޝޯހުވެފައި އިރުކޮޅަކަށް ބަލަން ހުރި ޝަޔާން ވައި އަޑަކުން ޒީނާގެ ކައިރިޔަށް ހުއްޓި އެ މޫނަށް ބަލާލަމުން ބުނެލި ބަސްތަކުން ޒީނާ ލަދުން އިސްޖަހާލިއެވެ. ” ބުނީމެއްނު ރައްޓެހި ބަޔަކު އަޔޭ..؟ ކޮބާ އެމީހުން.. ؟ “ ޝަޔާން ބަލަން ހުރި ގޮތުން ރަކިވެފައިހުރި ޒީނާ ބެލީ އަވަހަށް އެހެން ވާހަކައެއް ފެށޭތޯއެވެ. ” ނިހާން އާއި ސަމާހު ދޯ.. އެ މީހުން ވީ ނިހާން ގެ ފްރެންޑަކާއި އެކު ކާން ގޮސް.. މިރޭ މީ އަހަރުމެންގެ ޑޭޓް ނައިޓް.. އެހެންވެ ބޮޑުބެގެ ކާރު ހޯދައިގެން މި އައީ ހަމަ ޒީން އާއެކު ބުރެއް ޖަހާލަން.. އިތުރު މީހުން ބޭނުމެއް ނޫން.. ކިހާ ދުވަސް ފަހުން ޒީން މި ފެނުނީ.. އަދިވެސް ހަމަ އެ ލޯބި ކަން.. “ ޝަޔާން ހިނިތުން ވެލަމުން ކާރުގެ ދޮރު ހުޅުވައިދެމުން ޒީނާއަށް ތަން ދައްކާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Hudhufinifenmaa_
Follow Me Written By

Hudhufinifenmaa_

Level 2100 Login10 Stories

Other Articles

Previous

ހިނިތުން ވުން 2

Next

ހީވީ އޭ މި ލޯބި

Next
October 10, 2024

ހީވީ އޭ މި ލޯބި

Previews
October 10, 2024

ހިނިތުން ވުން 2

6 Comments!

  1. Lamaa says:
    October 10, 2024 at 1:58 pm

    I truly wonder how this is gonna end!
    Beautiful work.

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      October 11, 2024 at 1:51 pm

      Thankyou Lamaa ☺️, yeah it sure is complicated..

  2. މާހިރު says:
    October 10, 2024 at 2:42 pm

    ރީހާން މައިރާއާ ކައިވެނި ކުރީމަ ގޯހީ. ކައިވެނިމަތީގައި ހުރެގެން އަބަދާއަބަދު އެހެން އަންހެނެއްގެ ހިޔާލު އެކުރަނީ. ރީހާންދެކެ މައިރާ ލޯބިވާކަން އެނގޭ. އަނބިމީހާ ނުރުހޭނަމަ ހިލޭ އަންހެނަކާ ބާއްވަމުންދާ ގުޅުން އެއީ ރަޙުމަތްތެރިކަމަށްވިޔަސް، އެ ގުޅުމެއް ހުއްޓާލަންވާނެ.

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      October 11, 2024 at 1:53 pm

      ޝުކުރިއްޔާ މާހިރު ☺️. އެހެންވީމަ ރީހާން ދޯ މީގަ ގޯހީ..

  3. Cutie girl says:
    October 10, 2024 at 5:35 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      October 11, 2024 at 1:55 pm

      Thankyou cutie girl ☺️, Always happy to see your comment

Comments are closed.

Next Episodeހަނދުވަރު ދިން އެރޭ … 7←


All Right Reserved!