ހަނދުވަރު ދިން އެރޭ …5
- ހަނދުވަރުދިން އެރޭ…5
ރީހާން ދިއުމުން އަހަރެން ގޮސް އެ ގަނޑު ނިއުޅައިލަމުން އެއީ ކޮން އެއްޗެއްތޯ ބަލާލީމެވެ.
އެތައް މަހެއް ކުރިން އަހަރެން ރީހާން އަށް ފޮނުވި އަހަރެންގެ ތަސްވީރެއް ކުރަހާފައިވާ އެ ގަނޑުގެ ތިރީގައި ކުޑަ ނޯޓް ކޮޅެއް ލިޔެފައި އިނެވެ.
’ ހަނދުވަރު ދިން އެ ރޭ…ފެނުމުން ކަލާ،
ހީވޭ މިހިތް ދޫވެއްޖެހެން، ރީތީގެ ތިޔަ ރާނީއަށް..
ތީއޭ މަގޭ ހަނދަކީ.. ހޯދަން އަބަދު މިދެލޯ އެދޭ..
~ ރީ ނާ ~ ‘
އަހަރެންގެ ހިތް ހިނދުކޮޅެއްގެ ތެރޭ ގެނބިގެން ދިޔައީ ފުންމިން ނޭނގޭ ކަނޑަކަށްކަން ޔަގީނެވެ. އެ ތަސްވީރާއި އެ ނޯޓް ކޮޅުން ރީހާން އަހަންނަށް އަންގައިދެނީ ކޯއްޗެއް ބާއެވެ. އަހަރެން ހީކުރި ގޮތަށް ރީހާން ގެ ހިތް އަހަންނަށް ލެނބުނީ ހެއްޔެވެ؟ ކީއްވެ ބާއެވެ. މައިރާ ނުލާހިކު ރީއްޗެވެ. އަހަންނަކީ ރީތި ކަމުގެ ލިސްޓްގައި އެއްވެސް ހިސާބެއްގައި ލައްވާލާނެ މީހެއްވެސް ނޫނެވެ. އެހާ ފުރިހަމަ،އެހާ ރީތި އަދި ލޯބިވާ ރަނގަޅު އަތްބެއް ކައިރީގައި ހުރި އިރު ރީހާނަށް އަހަރެން ދެކެ ހަމަ ލޯބިވެވިދާނެބާއެވެ. އަހަރެންގެ ތަސްވީރު ރީހާން ކުރަހަންވީ ކީއްވެބާއެވެ. އަހަރެން ހަނދާއި އެއްވަރު ވީ ކިހިނެތްބާއެވެ. މައިރާ ހުއްޓައި ރީހާން ގެ ހިތުން އަހަންނަށް ދޭން ބޭނުންވާ މަޤާމް އަހަރެންނަށް ހައްޤު ބާވައެވެ. އަހަންނަކަށް ނުވިސްނުނެވެ. އެތައް އިރެއްވަންދެން ރީހާންގެ އަތުން ކުރަހާފައިވާ އަހަރެންގެ އެ ތަސްވީރަށް ބަލަން އަހަންނަށް ހުރެވުނީއެވެ. އެ ކުރެހުން ވަރަށް ފުރިހަމައެވެ. ކުލަ ފަންސުރުން ފަވާލައިފައިވީ ހުނަރުވެރި މުސައްވިރެއްގެ ފުރިހަމަ ހުނަރުންކަން ޔަޤީނެވެ. އެއީ ރީހާނަށް ލިބިފައިވާ ހުނަރެއްކަން އަހަރެންނަށް ކުރިންވެސް އެނގެއެވެ.
ދެން އަހަރެން ހިތުގައި ވާ ޖަޒުބާތު ތަކަކީވެސް ހަމަ ލޯބި ބާއެވެ. ރީހާން ފެނުމުން ފުރަތަމަ ފަހަރަށް ހުޝާމް ނޫން މީހަކާއި މެދު އެފަދަ ތަފާތު އިހުސާސެއް ކުރެވުނުކަން އަހަންނަށް އެނގެއެވެ. އެހެނަސް އެއީ ހަމަ ލޯބި ހެއްޔެވެ. ލޯތްބަކީ އެހާ ފަސޭހައިން ވެވޭ އެއްޗެެއްބާއެވެ.؟ އެހެން ވިއްޔާ ހުޝާމް އަށް އަހަރެން ދެކެ އަދިވެސް ލޯބި ނުވެވެނީ ކީއްވެބާއެވެ.؟ އަހަރެންގެ ވަށައިގެން އަހަރެންގެ ޒަމީރު އެނބުރެމުން އަހަންނާއި ސުވާލު ކުރަމުން ދިޔަހެން ހީވިއެވެ. އަހަރެން އެ ގަނޑު އޮޅަލާފައި ގޮސް އަހަރެންގެ ލޮކަރ ގައި ރައްކާކޮށްލީ އިތުރު މީހަކަށް އެ ނުފެންނާނެހެންނެވެ.
މެންދަންވެ ގަޑިން ތިނެއްޖަހަން ކައިރިވީއިރުވެސް އަހަންނަކަށް ނުނިދުނެވެ. ދެފަރާރަތަށް ފުރޮޅެމުން އެކި ވިސްނުންތަކުން ސިކުނޑި ބަރުވަމުން ދާހެން ހީވިއެވެ. ” ނާ .. ކޭން އައި އާސްކް ޔޫ ސަމްތިންގ.. “ ރީހާން ގެ އެ މެސެޖުން އަހަރެން ސިހުނެވެ. އެހާ ދަންވަރު ރީހާން އަހަންނަށް މެސެޖު ކުރާއިރު މައިރާ ކޮބައިބާއެވެ.؟ އަހަރެން ރިޕްލައި ނުކުރުމުން އިރުކޮޅަކުން އަނެއްކާވެސް އައީ މެސެޖެކެވެ. ” ނާ.. އާރ ޔޫ އަވޭކް..؟ ޕްލީޒް ރިޕްލައި.. އަހަރެން ދިން ހަދިޔާ ކަމު ދިޔަތަ؟ “ މެސެޖުތަކުގެ ޖަވާބު ފޮނުވާނީބާއޭ ހިތާއި ސުވާލު ކުރަމުން އަހަރެން ވިސްނަން އޮތީއެވެ.
” ނާ .. މާދަން ވަރަށް ހެނދުނު ފުރުން އޮތީ .. ދެން ނުވެސް ފެންނާނެ ދޯ.. އައި ޖަސްޓް ވޯނަ އާސްކް ޔޫ ދިސް.. ޑޫ ޔޫ ___ މީ؟؟ ޖަސްޓް ސޭއި ޔޭސް އޯ ނޯ.. ކޮންމެ ޖަވާބެއް ދިނަސް އޯކޭ..؟ ބޭނުން ވަނީ ތި ހިތުގައި އަހަންނާއި މެދު ވާ އެއްޗެއް އެނގެން.. އިތުރު އެއްވެސް ކަމެއް ބޭނުންވެގެނެއް ނޫން.. އަހަރެން މިރޭ ނާ ކައިރިޔަށް ދިޔައީވެސް މި ސުވާލު ކުރަންް ބޭނުންވެގެން… ނާގެ މޫނު ފެންނަ ހިސާބުގަ ހުރެގެން …އެކަމަކު ޖެހިލުންވީ…ނާ ޕްލީޒް ރުޅި ނާންނައްޗޭ..ފުރުމުގެ ކުރިން ޖަވާބެއް ދޭނެ ކަމަށް އުއްމީދު ކުރަން.. އައެމް ވެއިޓިން ފޯ އަ ރިޕްލައި… “ އަހަރެން ލޯމަރާލަމުން ހިތާއި ސުވާލު ކުރަން އޮތީމެވެ. އަހަރެން ރީހާން ދެކެ ވަނީ ލޯބި ހެއްޔެވެ. އަހަންނަށް ރީހާން ވަރަށް މުހިއްމެވެ. އަހަރެންގެ ހަޔާތުގެ ހުރިހާ ކަމެއް ރީހާނަށް އެނގެއެވެ. ރީހާން ގެ މެސެޖުތަކަށް އަހަރެނަށް އަބަދުވެސް އިންތިޒާރު ކުރެވެއެވެ. ކޮންމެ ވަގުތަކު އަހަރެން އެހީއަކަށް ބޭނުންވިޔަސް ރީހާން ހުންނާނެ ކަން އެނގެއެވެ. އަހަރެން އެކަނިވާހިނދު އަހަންނާއި ވާހަކަ ދައްކާ އަހަރެން ކޮބައިތޯ ބަލާ މީހަކީވެސް އެއީއެވެ. ރީހާން ފެނުމުން އަހަރެންގެ ހިތަށް ނޭނގޭ އެތަށް ގޮތެއް ވިއެވެ. ރީހާން ފުރަން އުޅޭވާހަކަ ބުނާ ކޮންމެ ފަހަރަކު އަދި އެއް ދުވަހަށް ނަމަވެސް މަޑު ކޮށްލާށޭ ބުނަން ހިތް އެދެއެވެ. އެހެނަސް އަހަރެންގެ ހިތުގައިވާ އިހްސާސްތަކަށް ދޭނެ ނަމެއް އަހަންނަކަށް ނުވިސްނުނެވެ. އެއީ ލޯބި ކަމުގައިވާނަމަ އަހަރެން ވާނީ ހުޝާމް އަށް ބޭވަފާތެރިޔަކަށް ނޫންބާއެވެ. ނޫނެކެވެ. އަހަންނަކަށް އެ ލަޤަބު ހައްޤެއް ނޫނެވެ. ލޯބި ވުމަކީ ކުށެއްބާއެވެ. އެހެންވިއްޔާ ރީހާން ވާނީ ކުއްވެރިއަކަށް ނޫން ހެއްޔެވެ. އެ ރީތި ދިރިއުޅުން އަހަރެން ބުނާ އެންމެ ލަފްޒަކުން ހަލާކުވެދާކަށް އަހަރެން ނޭދެމެވެ. ހުޝާމްގެ ފަރާތުން އަހަންނަށް ލޯބި ނުލިބުނަސް މައިރާ ރީހާންދެކެ އިންތިހާ ލޯބިވާނެކަން ގައިމެވެ. ސުވާލުތަކުން ފުރިފައިވީ އަހަރެންގެ ހިތުގެ ޖަޒުބާތުތަކާއި ހަނގުރާމަ ކުރަމުން ދިޔައީ ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިންނެވެ.
ފަތިސް ނަމާދަށް ބަންގި ގޮވުމުން އަހަރެން ތެދުވީ ނަމާދުކޮށްލާށެވެ. ނަމާދު ކޮށްލައިގެން ފޯނު ބަލައިލި އިރު ދެ މިސްކޯލް ނުދަންނަ ނަމްބަރަކުން އައިސް އިނެވެ. އަހަރެން ވިސްނާލީމެވެ. އަނެއްކާ އެހެން ނަމްބަރަކުން އަހަންނަށް ގުޅީ ރީހާން ބާވައެވެ. އަހަރެން ގެ މެސެޖެއް ނުލިބުނަސް ރީހާން އެހެން ނަމްބަރަކުން ނުގުޅާނެކަން އަހަންނަށް ވިސްނުމުން އެ ނަމްބަރ އަށް ޑައިލް ކޮށްލީ މުހިއްމު ކޯލަކަށް ވެދާނެ ކަމަށެވެ.
” ހެލޯ.. ޒާނާ ދޯ…“ ފޯނަށް ޖަވާބު ދިނީ އަންހެނެކެވެ. ” ހްމްމް…ކާކު؟؟ “ އަހަރެން ސުވާލުކޮށްލީމެވެ.
” މީ މައިރާ … ރީހާންގެ… ވާހަކައެއް ބުނަން މިގުޅީ… އަހަރެން ބުނާ ކަމެއް ކޮށްދޭނަންތަ؟ “ އެ އަޑުން ހީވީ މީހަކަށް އިވިދާނެތީ ސިއްރުން ވާހަކަ ދައްކާހެންނެވެ.
” އާނ .. ބުނެބަ.. ކޮންކަމެއް.. އަހަންނަށް ވާވަރު ކަމެއް ވިއްޔާ ކޮށްދޭން ތައްޔާރު…“ އަހަރެން ހުރީ ހިތް ބިރުގަނެފައި ނަމަވެސް ހަމަޖެހޭ ގޮތް ދައްކާލަމުން މަޑުމަޑުން ބުނެލީމެވެ.
” ރީހާން އާ ދެން ދުވަހަކުވެސް ވާހަކަ ނުދައްކަފާނަންތަ؟ ޒާނާއަށް މިކަން ވާނެ.. ރީހާންއާއި ދުރަށް ދޭ.. އޭނައަށް މެސެޖްކޮށް ރައްޓެހިކަން ބޭއްވުން ހުއްޓާލާ…!! “ އެ އަޑުގައި ވީ ރިހުން ކަމެއް ރުޅިކަމެއް އިންޒާރުގެ ސިގްނަލް ކަމެއް އަހަންނަށް ވަކި ކުރާކަށް ނޭނގުނެވެ. އެކަމަކު ކީއްވެބާއެވެ. އަނެއްކާ ރީހާން އަހަންނަށް ކުރި މެސެޖްތައް މައިރާއަށް ފެނުނީބާއެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައިރު އަހަންނަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގި ހުރެވުނީއެވެ.
” އެނގޭތަ… އަހަރެން ބޭނުމެއް ނުވޭ ރީހާން އާއި ޒާނާ ވާހަކަ ދައްކަން. އަހަރެން ރީހާން ކައިރީ ބުނެގެން ރީހާން ތިކަމެއް ނުހުއްޓި.. އަހަންނަކަށް ނޭނގެ އެހާވަރުން އޭނަ މިރަށަށް އައިސް ޒާނާ އާއި ބައްދަލު ކުރަން ބޭނުންވާ ސަބަބެއް.. އަހަރެންނަކަށް ހަމަޖެހިގެން ނޫޅެވޭ ޒާނާގެ ސަބަބުން.. އެނގޭތަ އެކަން.. އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން ނޫޅެ ދުރުގަ ހުރޭ.. އަހަރެން އެހެންނޫނީ ދެން ބުނަން ޖެހޭނީ ޒާނާގެ ފިރިމީހާ ކައިރީ.. އަހަރެން ގުޅިވާހަކަ ރީހާން ކައިރީ ނުބުނާތި.. އެހެން ނޫނީ އަހަރެން ދެން ބުނާނީ ހުޝާމް ކައިރީ…އަހަރެން މި ދެއްކި ވާހަކަ އަޑުއިވިއްޖެ ކަމަށް ހީކުރަން.. “ މައިރާގެ ކޮންމެ ލަފްޒެއް ހީވީ އަހަރެންގެ މެޔާއި ހިތަށް މީހަކު ތޫނު ކަށިތަކެއް ހަރަމުންދިޔަހެންނެވެ. މައިރާ އޭނާގެ ވާހަކަ ނިމުމުން އަހަރެން ދޭ ޖަވާބެއް ބަލަން މަޑު ނުކޮށް ފޯނު ކަނޑާލީއެވެ. މައިރާ ފޯނު ބޭއްވުމުން އަހަރެންނަށް ގޮތް ހުސްވެފައިވާ މީހެއްހެން ބިންމަތީ އިށީނދެނވުނީ އަހަންނަކީ ކުއްވެރިއެކޭ ހިތާއި ހިތުން ކިޔަމުންނެވެ. ލޯބިން ދިރިއުޅެމުން ދިޔަ ދެމީހެއްގެ ދެމެދުގައިވާ ހުރަހަކަށް އަހަރެން ވީތާއެވެ.
އިރު އަރަންދެން އަހަންނަށް އެ އިން ގޮތަށް ގަބުވެފައި އިނދެވުނީއެވެ. ކޮންމެއަކަސް އަހަރެން ގޮތެއް ނިންމީ ހުރިހާ ކޮޅަކަށް ވިސްނާފައި އެންމެ މަސްލަހަތު ރަނގަޅުވާނެ ގޮތަށެވެ.
************
ހިޔާލުގެ އެ ފުން ކަނޑުގައި ފީނަމުންދިޔަ ޒާނާ އަށް ލޯހުޅުވައިލެވުނީ ދުވެފައި ކޮޓަރިއަށް ވަން ލީމް އާއި އުމައިރްގެ އަޑަށެވެ. ” މަންމީ.. މަންމީ އަވަހަށް ތެދުވޭ ބައްޕި ލީމް ޤުރުއާން ކްލާސް އަށް ގެންދަން އަތުވެއްޖެ.. އަދި ރެޑީ އެއްވެސް ނޫން..“
ޒާނާއަށް އޭނާ އަށް އޮވެނުނީ ފަސް އަހަރު ކުރީގެ މާޒީގެ ތެރެއަށް ޢަރަޤުވެފައިކަން އިހުސާސް ކުރެވުނީ ދޮރުމަތީ ހުއްޓިލައިގެން ހުރި ހުޝާމް ފެނުމުންނެވެ.
” ނިދުނީ ދޯ..!! އަވަސް ކޮއްލައްޗޭ..! ވ ބަނޑުހައި“ ކޮނޑުގައި އޮތް އޮފީސް ދަބަސް ނަގައި ޒާނާ އަތަށް ދިއްކޮއްލަމުން ހުޝާމް އެހެން ބުނެފައި ދިޔައީ ބޭރު ސޯފާގައި އިން ސަމީރާ އާއި ވާހަކަ ދައްކާލާށެވެ. ދިހަވަރަކަށް މިނެޓް ފަހުން ލީމް ތައްޔާރުކޮށްލައި އުމައިރް ވެސް ފެންވަރުވާ ނިމިގެން ޒާނާ ގޮސް ހުޝާމްއަށް ކާން ހަދައި ނިމުނު އިރު ހުޝާމް ވެސް ގެއަށް އައިސް ކާގެއަށް ވަނެވެ.
” މާދަން ހުކުރު ދޯ.. ހިނގާ މޫދަށް ދާން ކުދިން ގޮވައިގެން ހެނދުނު.. “ އޮފީހުގެ ބުރަކަން ފިލައި ޗުއްޓީ ދުވަހެއް ލިބޭތީ ހުޝާމް ޒާނާ އަށް ބުނެލިއެވެ. ” މާދަން ދޯ.. ލީޝް ބުނި ގެއަށް ދާން… ދާނަމޭ ބުނިން..“ ޒާނާ އޭނާވެސް ރާވާފައިވާ ކަމެއް އޮތުމުން އެވާހަކަ ބުންޏެވެ. ” އޯ.. ކޮންކަމެއް މާދަން ގޭގަ އޮތީ.. ހާއްސަ ކަމެއް އޮތީތަ؟ ކޮން އިރަކު ޒީނާ ކައިވެނި އޮތީ..؟ “ އަތް ދޮވެލައިގެން އައިސް ކާން އިށީންނަމުން ހުޝާމް ކޮށްލީ ސުވާލެވެ. ” ހާއްސަ ކަމެއް ނެތް.. އެންމެން ދިމާވެލަން … ނޭނގެ އަދި ޑޭޓެއް ފިކްސް އެއް ނުކުރޭ.. ޝަޔާން އަށް ޗުއްޓީ ލިބުނީމަ ހީވަނީ ދެން ވ އަވަހަށް ކުރާނެހެން..“ ޒާނާ ފެންތައްޓެއް އަޅާފައި ހުޝާމް ކައިރީ ބަހައްޓަމުން ޖަވާބުދީފައި ނިކުމެލީ އުމައިރް ގޮވައިގެން ބޭރަށެވެ.
******
އޮއްސެން ދިޔަ އިރާއެކު އުޑުމަތީގައި ވަނީ ރަތް ވިލާތަކުގެ ސާލެއް ފެތުރިފައެވެ. ހުދު ދޮންވެލި ގޮނޑުދޮށަށް މަޑުމަޑުން ރާޅު ބީއްސަމުން ދިޔައިރު އިރުގެ ރަން ދޯދި ތަކުން މޫދާއި ވަށައިގެން ވީ ބީޗްވިލާ ތަކުގެ މެދުގައި ހަދާފައިވާ ދިގު ފާލަން ވެސް އޮތީ އެ ރަން އަލިން ދިއްލިފައެވެ. ’އޯޝަން ސަންސެޓް‘ ރިސޯރޓްގެ ފަޅުތެރޭގައި ފުރަން ތައްޔާރުވެފައިވާ ލޯންޗާއި ދިމާލަށް ފާލަން މަތިން ބާރު ހިނގުމެއްގައި ރީހާން ދިޔައީ ލޯންޗް ނައްޓާލުމުގެ ކުރިން އެއަށް އެރޭތޯއެވެ. އެތަށް ދުވަހަކަށްފަހު ލިބުނު ޗުއްޓީގައި ރަށަށް ދާން ތައްޔާރުވެލައިގެން ހުރި ރީހާންގެ ކޮނޑުގައި ދަބަހެއް އަޅުވާފައި އޮތެވެ. ” ތި އައީ ދޯ… “ ލޯންޗް ތެރެއިން ބޯ ދޮއްކޮށްލަމުން ރީހާންގެ އެކުވެރިޔާ ޝަޔާން ހީލަމުން އަހާލިއެވެ. ” މިފަހަރު ރަށަށް ގޮސް މާލެ ދަންތަ؟ މަވެސް މިދަނީ މިފަހަރު މާލެ ގޮސް ދެން ކައިވެންޏަށް ރަށަށް ދާން … ދާނަން ދޯ… ސަމިއްޓެއާ ނިހާން ވެސް ދާނެ.. އަހަރެން ހަމަޖައްސަދޭނަން ތިބޭނެ ތަނެއް…“ ޝަޔާން ގެ ވާހަކައަށް ރީހާން އަށް ޝައުޤުވެރިކަން ދެވުނީ އޭނާގެ ރަށަށް ދާވާހަކަ ބުނުމުންނެވެ. ޝަޔާންއަކީ ޒާނާމެން ރަށު ކުއްޖެއްކަން ރީހާންއަށް އެނގުނަސް ރީހާން އެރަށަށް ކުރިން ދިޔަ ކަމެއް އަދި ޒާނާ އާއި ރީހާން ގެ އެއްވެސް ގުޅުމެއް ވާކަމެއް ޝަޔާން އަކަށް ނޭނނގެއެވެ. ޝަޔާން އާއި ރީހާން ރަހުމަތްތެރިވީ ހަތަރު އަހަރު ކުރިން އެ ރިސޯޓަށް ރީހާން ބަދަލުވެ އެކުގައި މަސައްކަތް ކުރަން ފެށުމުންނެވެ. އޭރުއްސުރެ ރީހާން، ޝަޔާން، ނިހާން އަދި ސަމާހަކީ ގާތް އެކުވެރިންނެވެ. ” ކައިވެނި ކުރާ ދުވަސް ނިންމީތަ މިހާރު؟ މާލެ ދާން ކަމަށް މި ވިސްނަނީ…. ރަށަށް ގޮސް ކުދިންނާ އަންހެނުންވެސް ގޮވައިގެން މާލެ ދާނީ.. ކޮން އިރަކުން ރަށަށް ދާން އޮތީ.. ބަލާނަން ދެވޭތޯ.. “ ރީހާން ހުރީ ލިބުނު ފުރުސަތު ދޫކޮށްލާ ގޮތަކަށް ނޫނެވެ. އެއީ ޒާނާ ވީތަނެއް ހޯދުން އެއީ ކޮންމެހެންވެސް ރީހާން ކުރަން ބޭނުންވާ ކަމަކަށް ވީމައެވެ. ފަސް އަހަރު ކުރިން ޒާނާއާއި ބައްދަލުކޮށް އެރަށުން ފުރައިގެން އައިފަހުން ރީހާނަކަށް ޒާނާގެ ހަބަރެއް ނުވެއެވެ. އޭނާ ގެ ނަންބަރއަކަށް ނުގުޅެއެވެ. ސޯޝަލް މީޑިއާ އެޕްތަކުން ޒާނާއެއް ނުފެނެއެވެ. ވީ ކީއްކަން ބުނެ ނުލާ ޒާނާ ގެއްލުމުގެ ހިތްދަތިކަން ރީހާން ތަހައްމަލު ކުރަމުން އަންނަތާ އަހަރުތަކަށްފަހު ރީހާން އަށް މި ލިބުނީ އާހިތްވަރެކެވެ.އެހެނަސް މައިރާއާށް އެނގިގެން ރީހާން އަށް އެ ރަށަށް ދެވޭނެ އެއްގޮތެއްވެސް ނޯންނާނެކަން އޭނާއަށް ޔަޤީނެވެ. ކޮންމެވެސް މައިރާ އަށް ނާންގާ ވިޔަސް ދާން ރީހާން ހުރީ ތައްޔާރަށެވެ.
” ދަނީ އިނގޭ.. މާލެ ގޮސް ގުޅާނަން.. ހަބަރެއް ވައްޗޭ..!!“ ގަޑިއެއްހާއިރު ފަހުން ލޯންޗް ބަނދަރަށް ލެފުމުން ރީހާން ދަބަސް ކޮނޑުގައި އަޅުވާލަމުން ޝަޔާންގެ ކޮނޑުގައި ޖަހާލަމުން ލޯންޗުން ފޭބީ މައިރާމެން ގެއަށް ދާށެވެ. ރަތް ވިލާތައް ފޮހެވި އުޑުގައި ވިދާ ތަރިތަށް ނުހަނު ރީއްޗަށް ފާޅުވަމުން ދިޔައެވެ. ވަށައިގެން ނަޒަރު ހިންގާލަމުން ރީހާންއަށް ކަޅި ހުއްޓުނީ ސާދަ ވިލޭރޭގެ އެ ރީތި ހަނދު އަރައިގެން އަންނަ މަންޒަރަށެވެ. ހިސާބަކަށް ރަން ކުލަ އަރާފައި ވިލާތަކުގެ ތެރެއިން ފާޅުވެގެން ރަނިކަން ކުރަމުން އައި ހަނދަށް ބަލަން ރީހާން ގޮސް އަތިރިމަތީ ފާލަމާ ތަންކޮޅެއް ދުރުގައި އިން ޖޯއްޔެއްގައި އިށީނދެ ހިތާ ހިތުން ”ނާ“ އޭ ގޮވާލިއެވެ. އަދި އޭނާގެ ދެ ލޯމަރާލަމުން އެ ހަނދާންތަކާއި އެ ރީތި ސޫރަ ހިތުގައި ތާޒާ ކޮށްލިއެވެ. އޭނާގެ ފޯނުގައި ޕްރައިވެޓް ފޯލްޑަރ އެއްގައި ރައްކާކުރެވިފައި ހުރި ޒާނާގެ ފޮޓޯ ތަަކަށް ބަލަން އިން އިރު އެ ލޮލުގައިވަނީ ހިތާމައާއި ރިހުމެވެ. ޒާނާއަކީ އޭނާގެ ހައްގެއް ނޫންކަން އެނގޭ އިރުވެސް އެ ހަނދާންތަކާއި އެ ސޫރަ އަދި އެ ދެމީހުން ބައްދަލުވި ރޭގެ ހަނދާން ރީހާންގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. ޒާނާގެ ފޮޓޯއަށް ބަލަން އިން ރީހާން ސިހުނީ މައިރާ ގުޅަންފެށުމުންނެވެ.
” މިހާރު ކިހާ އިރެއް ލޯންޗް ދިޔަ ފަހުން.. ކޮންތާކު ތިއުޅެނީ.. ކީއްވެތަ މިހާއިރުވާއިރު ގެއަށް ނާދެވެނީ… އެހެންނު ވާނީ އަންހެނުންނާ ދަރިންނަށް ވުރެ އެހެން މީހުން ވިއްޔަ މުހިއްމު ވަނީ…“ ފޯނު ކަންފަތުގައި ޖެހި ރީހާނަށް އެއްޗެއް ބުނުމުގެ ކުރިން މައިރާ އޭނާގެ ގޮތް ދައްކާލަމުން ފަތިވަރު އަމުނާލިއެވެ. އެއީ ރީހާނަށް ބީރައްޓެހި ކަމަކަށް ނުވިޔަސް މައިރާގެ އެ ގޮތް ދެކެ ރީހާން ފޫހިވެއެވެ. މައިރާއާއި ޒުވާބު ކުރުމުގެ ބަދަލުގައި ރީހާން ތެދުވެގެން ހިނގައިގަތީ ގެއާ ދިމާލަށެވެ.
” ދަރިފުޅާ ކައިސް…ކޮބާ ކޮއްކޮ؟؟“ ރީހާން ފެނުމުން އުފަލުން ދުވެފައި ދިޔަ ކައިސް ގައިގައި ބައްދާލަމުން ނިތްކުރީގައި ބޮސް ދެމުން ގޭތެރެއަށް ނަޒަރު ހިންގާލައި ރީހާން އަހާލިއެވެ. ތަނަވަސް އެ ބޮޑު ގޭގެ ކޮންމެ ދިމާލަކަށް ބެލިޔަސް ފެންނަނީ ފުދުންތެރިކަމެވެ. ރީއްޗަށް ހަދާފައިވާ ބޮޑު ސިޓިންގްރޫމާއި އެކު ހަތަރު ކޮޓަރިއާއި ކާގެއަކާއި ބަދިގެވެސް ފުރިހަމަ ވެފައި ސާފެވެ. އެންމެ ޒަމާނީ ފަރުނީޗަރުން ޒީނަތްތެރިކޮށްފައިވާ ގެއެކެވެ. ގޭތެރެއަށް ވަދެ ރީހާން ގޮވާލިއެވެ. ” ނާ…ނާ…. ރީހާންގެ އަޑަށް ދުވެފައި ނިކުމެގެން އައިސް އޭނާގެ ބައްޕަގެ ގައިގައި އޮޅުލައިގަތީ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ރީނާއެވެ. ” ބައްޕިގެ މޫން… ވަރަށް މިސް ވި ދޯ ބައްޕި ނެތީމަ..“ ތެދެކެވެ. އެއީ ރީހާންގެ ހަނދެވެ. އޭނާ އެންމެ ލޯބިވާ އޭނާގެ އަންހެން ދަރިފުޅަށް ނަން ވެސް ދިނީ އޭނާގެ ހިތުގައި ފޮރުވާފައިވާ ޒާނާދެކެ ވާ ލޯތްބާއި ގުޅުވާފައެވެ. ރީހާންގެ ’ރީ‘ އާއި ޒާނާ އަށް އޭނާ ލޯބިން ގޮވާ ’ނާ‘ އެއްކޮށްލައި ރީނާ އެވެ. ދުވަހަކުވެސް ޒާނާގެ ހަނދާން އެ ހިތުން ފޮހެލަން ނޭދޭތީއެވެ. ރީހާން އޭނާގެ ދެކުދިން އުނގުގައި ބައިތިއްބައި ކޮންމެ ކުއްޖަކަށް ދަބަހުން ހަދިޔާއެއް ނަގާފައި ދިނެވެ. ދެކުދިންވެސް ތިބީ އުފަލުން ފޮޅިފައެވެ.
ރޭގަނޑުގެ ކެއުން ތައްޔާރު ކުރަން އުޅުނު މައިރާގެ މޫނުމަތީގައިވީ ފޫހި ކަމެވެ. ” ކާން ހަދަނީތަ؟.. ކޮބާ މަންމަ އާއި ބައްޕަ؟ “ ކާގެއަށް ވަދެ އައިސް އަލަމާރި ހުޅުވާލައި ފެންފުޅިއެއް ނަގަމުން ރީހާން މައިރާކައިރިން އަހާލީ މައިރާގެ މަންމައާއި ބައްޕަ ފެންނަން ނެތުމުންނެވެ. ” ކޮންތާކު އުޅެފަ މިހާ ލަހުން ތި އާދެވުނީ… “ ރީހާން ކުރި ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި މައިރާ ރުޅި މޫނެއް ދައްކާލަމުން ރީހާން އަށް ބަލާލިއެވެ. ” އެތައް މަހެއް ފަހުން މި އައީ.. އެކަމަކު މައިރާ ވާހަކަ ދައްކާ ގޮތް ތިއީ..؟ “ ރީހާން މަޑުމައިތިރި ކަމާއެކު އަހާލީ ޒުވާބު ކުރަން ބޭނުން ނުވާތީއެވެ.
ރީހާން ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލަމުން ލޯމަރާލިއެވެ. ކައިސް އާއި ރީނާ ކާގޭގައި މައިރާއާއި އެކު ކާން ތިއްބެވެ. ” ބައްޕި ކޮބާ؟ ބައްޕި ނުކަނީތަ؟“ ކުޑަކުޑަ ރީނާ ކާން ހުރެފައި ދުުއްވައިގަތީ ރީހާންގެ ކޮޓަރިއަށެވެ. ” ބައްޕި އަތުން ކާނީ … ހިނގާ ކާން ބައްޕި.. “ ރީހާންގެ އަތުގައި ހިފަމުން ރީނާ އެނާގެ އެދުން ބައްޕައަށް އަންގާލީ ނުހަނު ލޯބި އަޑަކުންނެވެ. ” ބައްޕިގެ މޫން… ހިނގާ އަވަހަށް .. ބައްޕި އަތުން ލަވާފަ ކާންދޭނީ…“ އެނދުން ތެދުވެ ދަރިފުޅު އުރާލައި ލޯބިކޮށްލަމުން ރީހާން ކާގެއަށް ވަން އިރު މައިރާގެ މަންމަ އާއި ބައްޕަވެސަ ކާމޭޒު ދޮށުގައި ތިއްބެވެ. ” އަނހަ ރީހާން ކޮން އިރަކު އައީ.. އާދޭ ކާން…“ ވާހަކަ ދެއްކީ މައިރާގެ ބައްޕަ ހާދީ އެވެ. ” މިފަހަރު މާލެ ދާންތަ ތި އައީ.. މައިރާ މެން ގޮވައިގެންތަ ދަނީ..؟ މާލެ ދަންޔާ މަންމަމެންވެސް ދާނަން“ ހަބީބާ ވެސް އޭނާ މާލެ ދާން ބޭނުން ވާހަކަ ބުނުމުން ރީހާން ބޯޖަހާލަމުން އެންމެ ރަނގަޅޭ ބުނެފައި ރީނާއަށް ކާން ދޭން އިށީނެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އެންމެންވެސް ދުވަސް ނިންމާ އެމީހެއްގެ ކޮޓަރިއަށް ވަދެ ނިދީއެވެ.
ރީނާ އާއި ކައިސް ވެސް އެކުދިންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރީގައި ނިދަަފައި ތިއްބެވެ. ރީހާން އެނދުގައި އޮށޯވެލައިގެން ނިތް މަތީ އަތް ބާއްވައިގެން ދެލޯމަރަލައިގެން އޮތެވެ. ފެންވަރައި ނިދަން ތައްޔާރުވެގެން އައި މައިރާ އެނދުކައިރިއަށް ހުއްޓި ރީހާންގެ މޫނަށް ބަލައިލީ ރީހާނަށް އޮތީ ނިދިފައިތޯ ޔަޤީންކޮށްލާށެވެ. ރީހާން ނިދުނީހެން ހީކޮށްފައި ކައިރީގައި އޮތް ރީހާންގެ ފޯނު ނަގަން އަތް ދިއްކޮށްލުމާއެކު ރީހާން މައިރާގެ އަތުގައި ހިފަހައްޓަމުން ރީހާންގެ ގާތަށް މަޑުމަޑުން ދަމައިގަތެވެ. ރީހާން ގެ އަތުގެ ބާރުން މައިރާ އޭނާގެ ގަޔާ ކައިރި ކޮށްލަމުން ފުން ނަޒަރަކުން މައިރާ އަށް ބަލާލާފައި މައިރާގެ މޫނާއި ކައިރިވެލިއެވެ. ” ނޫޅެން.. ކީއްވެ ފޯނު ނަގަން އުޅުނީމަ އަތުގަ ތި ހިފީ… ކޯއްޗެއް ސިއްރު ކުރަަތީ.. އަދިވެސް މަށަށް އެނގޭ އޭނައާއި ވާހަކަ ދައްކާނެ.. އެ ޒާނާ ނުހުންނާނެ ރީހާނާ ވާހަކަ ނުދައްކައެއް.. “ އެތައް ދުވަހަކަށް ފަހު އަނބިމީހާގެ ފަރާތުން އޭނާގެ ހައްޤު ލިބުން އެދިގެން ހުރި ރީހާންގެ ބޭނުންތަކަށް މައިރާ ނޫނެކޭ ބުނުމަށް ވުރެ ރީހާން ހިތްހަމަ ނުޖެހުނީ ޒާނާގެ ވާހަކަ މައިރާ ފެށުމުންނެވެ. މައިރާ ދުރުކޮށްލާފައި ފޯނު ނަގައިގެން ކޮޓަރިން ނިކުންނަން ދާން ރީހާން ހިނގައިގަތުމުން މައިރާ ފަހަތުން އައިސް ރީހާން ގެ އަތުގައި އޮތް ފޯނު ޖަހައިގަތީއެވެ. ” ފޯނު ދީ… “ ރީހާން އޭނާގެ ރުޅި ހިންދާލަން ފުން ނޭވާއެއް ލަމުން އަތް ދިއްކޮއްލީ މައިރާ ފޯނު ދޭތޯއެވެ. އެހެނަސް މައިރާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އެއަށް ވުރެ އޭނާގެ ހިތުގައި ޒާނާ އާއި މެދު ވާ ނަފްރަތު ބޮޑުވެފައި ރުޅި ގަދައެވެ. ފޯނު އަތުލަން ރީހާން ކައިރިވެލުމުން ރުޅިގަދަވެފައި ހުރި މައިރާ ވިސްނާ ނުލާ ފޯނު އަތުގެކޮޅަށް ހޫރާލީ އޭނާގެ އަތުގައި ހުރިބާރެއްލާފައެވެ. ކުރިމަތީގައި ހުރި ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ވަތް ލޯގަނޑުގައި ޖެހުނު ފޯނާއެކު ލޯގަނޑު ތަޅައިގެން ގޮސް ދިމަދިމާއަށް ބިއްލޫރިކޮޅުކޮޅު ބުރައިގެން ދިޔައީ ވެރިވެފައިވާ ހަމަ ހިމޭންކަމަށް ތޫފާނެއް ގެނުވަމުންނެވެ.
” މާއިރާ .. !! ކިހިނެތް ވެގެން ތި އުޅެނީ…؟؟ “ ރީހާންގެ އަޑު ބާރުވެފައި އެ އަޑުގައި ވީ ރުޅިވެރިކަން އޭނާގެ ލޮލުން ހާމަވާން ހުއްޓެވެ. ކައިރީގައި ހުރި މައިރާގެ ދެ އަތުގެ މުލަށްދަނޑީގައި ބާރަށް ހިފާފައި ގެންގޮސް ޖެހިގެން ހުރި ފާރާއި ރީހާންގެ މެއާއި ދެމެދުގައި މައިރާ ހިފަހައްޓާލި އިރު މައިރާއަށް ތަދުވެއްޖެކަން ރީހާނަށް އިހުސާސް ވުމުން މައިރާގެ އަތުން ދޫކޮށްލާފައި ފާރުގައި ދެއަތް ވިއްދާލައިގެން އިރުކޮޅަކު ހުއްޓި ހުރީއެވެ. ” ކީއްވެ…؟ “ ރީހާން ވައި އަޑަކުން ބުނި ޖުމްލަވެސް މައިރާއަށް ހީވީ ގުގުރިއެއްގެ އަޑު ހެންނެވެ. ރީހާންގެ މެއާއި ފާރާއި ދެމެދު ފިތިފައި ހުރި މައިރާއަށް ރީހާންގެ ނޭވާލާ އަޑުވެސް އިވެމުން ދިޔައީ އިހުނަށް ވުރެ ބާރަށެވެ. ރީހާން ރުޅިއަޔަސް ދުވަހަކުވެސް މައިރާއަށް އަނިޔާއެއް ވެދާފަދަ އެއްވެސް ކަމެއް ނުކުރެއެވެ. ރީހާން އެހާ ރުޅި ގަދަވެފައި ހުއްޓާ މައިރާއަށް އަލަށް ފެނުމުން ވީ ކަންތަކައި މެދު ޖެހިލުންވެ އޭނާ ހުރީ ބިރުގަނެ ލޮލުން ކަރުނަ ހިލިފައެވެ. ” އެނގޭތަ ތީ މިރޭ އަހަރެންގެ ދެކުދިންގެ މަންމަ ނޫންނަމަ ނޭނގެ އަހަރެންގެ މި އަތުން ފައިން ހެދޭނެ ގޯހެއް ވެސް… “ މައިރާ އާއި ކުޑަކޮށް ދުރަށް ޖެހިލަމުން ރީހާން ފަހަތަށް ޖެހިލިއެވެ. ” މި ހުރިހާ ކަމެއް މި ވަނީ އެ އަންހެނަކާ ހެދި.. އޭނަ އަހަރެމެން ދޭތެރަށް ނައިނަމަ މިހެނެއް ނުވީސް… ލަދެއް ހަޔާތެއް ވެސް ނެތް އުޅުމެއް ނެތް މީހެއް އެ ނޫނިއްޔާ ނުދެކެން…“ އަނެއްކާވެސް މައިރާގެ ދުލުން ޒާނާއަށް ނިސްބަތްކޮށް ބުނަމުން ދިޔަ ޖުމްލަ ތަކުން ރީހާންގެ ރުޅިގަދަވެ އޭނާގެ ނަފްސުގެ ކޮންޓްރޯލު ނެއްޓި އޭނާގެ އަތް މުއްކަވާލައި މައިރާ އާދިމާއަށް ދިއްކުރި އަތުން ފާރުގައި ބާރަށް ދެތިން ފަހަރު ޖެހީ މައިރާއަށް އަނިޔާކުރުމަށް ވުރެ އަމިއްލަ ނަފްސަށް އަނިޔާ ދީގެންވެސް ރުޅި މައިތިރި ކުރެވޭތޯއެވެ. ” ހުއްޓާލާ…! ހަމަ މިހާރު… އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނާތި…!! ތި އެހެން މީހުންގެ ވާހަކަ ދައްކަން އަނގަ ހުޅުވާވަރުގެ މީހެއް ނޫން… ނުހައްޤުން މީހެއްގެ އަބުރު ކަތިލަން ނޫޅެ ތިމާ އަށް އުޅެވޭގޮތް ވިސްނަންވީ… “ ރުޅިއައިސް ހުރި ރީހާންގެ ލޮލުން ކަނި ބުރަމުން ދިޔަކަހަލައެވެ. ޒާނާއާއި މެދު މީހަކު އެއްޗެއް ބުނާއަޑު އަހަން ރީހާންއަކަށް ކުޅަދާނައެއް ނޫނެވެ. ޒާނާ ގެއްލުމުން ރީހާންގެ ހިތުގައި ވާ ރިހުން އެހެން މީހަކަށް އިހުސާސް ނުވާނެއެވެ. ”ހަމަ އޭނަގެ ސަބަބުން.. ހަމަ އެ ޒާ…“ ރީހާން އަނެއްކާވެސް އަތް މުއްކަވައި ފާރުގައި އޭނާގެ އަތުން ބާރަށް ޖަހާލަމުން މައިރާ ގެ ޖުމްލަ މެދުކަނޑާލިއެވެ. ކައިރީގައި ހުރި މައިރާވެސް ސިހުނީ ރީހާން ގެ ރުޅި ފެނި އޭނާ ކޮންޓްރޯލުން ނައްޓައިފިކަން ހިތަށް އައުމުންނެވެ…” ޝްްޝް…!! މައިރާ ތިހިރީ ___________“
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



OMG love love love this one!!! girlyyyyyyyyy its soo well writtennnn ♡
Thankyou Anonymous 🥹☺️. So glad that you loved it.. 🫶
Vrh salhi. heevanee manzaruthah lolah fennaheh. sifakurunthah vrh furihama… ❤
Thankyou Fiza 🫶 ☺️,
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Reehaan and naa gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Thankyou Cutie girl. ☺️ komme part akah ves comment kohlaathy v ufaa vey. Reeban aa naa gulhuvaany kihineh baa ?? 🤔😊
so Maira ge goiyves mi enguny, kihineh baa vaany. varah reethi vaahaka eh, waiting for part 6
Thankyou Mar Sha, will try to upload part 6 soon IA. ☺️