ލޯބިން ބަލާލީމާ 14
“އާރ ޔޫ އޯކޭ؟” ނާއިކްގެ ނިތްކުރީގައި ފިރުމާލަމުން މިންހާލް އަހާލިއެވެ.
“އައިމް އޯކޭ… ތެންކްޔޫ!” ލޯ ހުޅުވާލަމުން ނާއިކް މިންހާލްއަށް ބަލާލާފައި ބުންޏެވެ.
“ހެޕީ ޓު ހެލްޕް” ހީލަމުން އެހެން ބުނެފައި މިންހާލް ކެބިންއިން ނިކުތެވެ.
ރޭގައި ކަންތައް ވީ ގޮތުން އާލާވެސް އިނީ ކަންބޮޑު ވެފައެވެ. ނާއިކް އޮފީހަށް ދަމުންވެސް އާލާ އާ ވާހަކަ ދެއްކީ ލޯބިންނެވެ. ރުޅި އައިސްފައި ހުރި ހެން ހީވާ ފަދަ ކަމެއް ނުކުރެއެވެ. އެހެން ނަމަވެސް އާލާއަށް ވިސްނެނީއެވެ. ނާއިކް ހިތްހަމަ ނުޖެހޭ ގޮތަކަށް ކަންތައް ކުރުމަކީ އާލާ ބޭނުން ވާ ގޮތަށް ނުވިޔަސް އާލާއަށް ކަންތައް ކުރެވެނީ އެހެންނެވެ. ކުރިން އާލާއާ ނާއިކްގެ މެދުގައި އޮތް ގާތް ގުޅުމަށް ވީ ކިހިނެއް ކަމެއް އާލާއަކަށްވެސް ނޭނގެއެވެ.
ނާއިކް ގެއަށް އައުމުން، ނާއިކް އުފާ ވާނެ ފަދަ ކަމެއް ކޮށްދޭން ހިތަށް އެރިޔަސް، އެ ވަގުތު ޖެހޭ އިރަށް އާލާގެ ޚިޔާލު ބަދަލު ވަނީއެވެ. ވެދިޔަ ކަންތަކާ މެދު ވިސްނެނީއެވެ. އާލާއަށް މަންމައަކަށް ނުވެވުނު އިރު، ބައްޕައަކަށް ވުމުގެ ފުރުޞަތު ނާއިކްއަށް ގެއްލުނީ އާލާގެ ސަބަބުންނޭ ހިތަށް އެރުމުން ނާއިކް އާލާ ދެކެ ފޫހި ވާނެޔޭ ހީވަނީއެވެ. އަދި ލޯބިން އުޅުނަސް އަބަދު ނާއިކް އެހެން ނުވާނެޔޭ ހިތަށް އަރަނީއެވެ. އޭގެ އިތުރުން އަމިއްލަ ނަފްސުގައި ހުރި އުނިކަމުގެ ސަބަބުން ތިމާއަކީ ފުރިހަމަ އަނތްބަކަށް ނުވެއޭ ހިތަށް އަރާ ނާއިކްގެ ގާތް ކަމަށް ދެކޮޅު ހެދެނީއެވެ.
އާލާގެ ޙާލު ރަނގަޅު ވުމާއެކު ނައުރީންގެ ކައިވެނީގެ ވާހަކަތައް އަނެއްކާވެސް ފެށުނެވެ. ކައިވެނީގެ ތާރީޚް ކަނޑައެޅުނު އިރު ހިދާޔާ އިސްވެ ހުރެގެން ކައިވެނީގެ ކަންތައްތައް ރާވަމުން ދިޔައީ ނައުރީންއާ ރިވާއުގެ ޚިޔާލާ އެކީގައެވެ.
ކައިވެނި ކުރެވެން ދެ ހަފްތާއަށް ވީ ތަނާ ނައުރީން ރިވާއުމެން ގޭގައި ރީޢާ ގޮވައިގެން އިންދާ ހަވީރު ތަންކޮޅެއް އަވަހަށް ރިވާއު އޮފީހުން އައެވެ.
“މިއަދު ހާދަ އަވަހަށް ތިއައީ؟” ރިވާއު ފެނުމުން ނައުރީން އަހާލިއެވެ.
“މިއަދު އޮތް މީޓިންގް ނިންމާފަ ދެން އޮފީހަށް ނުދާން ވެގެން މި އައީ. މިރޭ އެބައޮތް ސްޕެޝަލް ކަމެއް، ނައު ބިޒީ ވާނެތަ؟” ސޯފާގައި އިށީނދެ ރީޢާ އުރާލަމުން ރިވާއު އެހިއެވެ.
“ބިޒީއެއް ނޫން، ކޮން ކަމެއް އޮތީ؟” ނައުރީން އެހިއެވެ.
“އަހަރެންގެ ބެސްޓް ފްރެންޑްއާ އަދި ނައު މީޓްއެއް ނުވެއެއްނު؟ މިރޭ އަންނާނެ ޑިނަރއަށް” ހިނި އައިސްފައި އިނދެ ރިވާއު ބުންޏެވެ.
“މި ހުރިހާ ދުވަހު ކޮބާ ރިވާއުގެ ތި ބެސްޓް ފްރެންޑް؟ ކުއްލިއަކަށްތަ ދިމާ ވެގެން ތި އުޅެނީ؟” ނައުރީން އަހާލީ ސަމާސާ ގޮތަކަށެވެ.
“ނޫނޭ، އޭނަ އެއީ ވަރަށް ބިޒީ މީހެއް. އޮފީހުގަ އުޅެމުން ލިބޭ ހުސް ވަގުތުގަވެސް ހުހަކަށް ނުހުންނާނެ، އޭނަގެ ޝެޑިއުލް އޮންނާނީ ފުލްކޮށް. އެހެންވެ މިހާ ލަހުން އަހަރެންގެ ވާން އުޅޭ ވައިފްއާ މީޓްކޮށްލާނެ ވަގުތެއް އޭނައަށް އެ ލިބުނީ” އެކުވެރިޔާއާ ބެހޭ ގޮތުން ރިވާއު ނައުރީންއަށް ކިޔާދިނެވެ.
“އޯކޭ. ތިހާ ބިޒީ މީހެއް ވިއްޔާ ރިވާއަށްޓަކާ ވަގުތު ހުސް ކުރީމަ ކޮންމެހެންވެސް މީޓް ކުރަން ވާނީ. މި ގެއަށްތަ އަންނާނީ؟ ނޫނީ ބޭރަށް ދާނީތަ؟” ނައުރީން ސުވާލު ކޮށްލިއެވެ.
“އޭނަ އަންނާނެ ނައިންއަށް މި ގެއަށް. ނައު ބޭނުމިއްޔާ ބޭރަށްވެސް ދެވިދާނެ. އެކަމަކު އޭރުން ޖެހޭނީ ބައްޕަގެ ދަރިފުޅު ހޭލުމުގެ ކުރިން ތެޅިފޮޅިގެން ގެއަށް އަންނަން” ރީޢާގެ މޫނުގައި ބޮސްދެމުން ރިވާއު ބުންޏެވެ.
“އެހެން ވީމަ ގޭގަ ރަނގަޅު އެއްޗެއް ހަދާލަންވީ ދޯ؟” ނައުރީން ވިސްނާލީ ކައްކާނެ އެއްޗަކާ މެދުއެވެ.
“ނޫން، އޯޑަރ ކޮށްލީމަ ރަނގަޅު ވާނެ. ނައު އަނެއްކާ ކައްކަން އުޅޭނެ ކަމެއް ނެތް” ރިވާއު ނައުރީންއަށް ބަލާލިއެވެ. އަދި ނައުރީންގެ އަތުގައި ހިފާލިއެވެ.
“އަހަންނާ ކައިވެނި ނުކުރެވެނީސް ނައު ތި އުޅެނީ މިގޭގެ ހުރިހާ ކަމަކާ ހަވާލު ވެގެން، ރީޢާގެ މަންމައަކަށް ވެގެން. އައި އޭމް އަ ލަކީ މޭން. ނޭނގެ ކިހިނެއް ކަމެއް ނައުއަށް ޝުކުރު އަދާ ކުރާނީ” ރިވާއު ބުންޏެވެ.
ކައިވެނި ކުރެވެން އަދި ދުވަސް އޮތް ނަމަވެސް ކޮންމެ ދުވަހަކު ހެނދުނު ނައުރީން ރިވާއުމެން ގެއަށް އާދެއެވެ. ރީޢާގެ ހުރިހާ ކަމަކާ އަދި އެ ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓައެވެ. ސާޖިދު ބޭނުން ވެގެން ގޭތެރޭގެ ކަންތައްތަކުގައި ނައުރީންއަށް އެހީ ވުމަށް ވީނާ އައިތާ މަހެއް ވެފައިވީ ނަމަވެސް ވީނާގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލަން ނައުރީން ބޭނުމެއް ނުވެއެވެ. އަދި ރީޢާގެ އެއްވެސް ކަމެއް ވީނާއަކަށް ނައުރީން ނުޖައްސައެވެ. މަޑުމަޑުން ގޭގެ ކަންތައްތައް ނައުރީން އަންނަނީ ވީނާއަށް ދަސްކޮށްދެމުންނެވެ.
ރިވާއު ބުނި އެއްޗަކަށް ދޭނެ ޖަވާބެއް ނޭނގުމުން ނައުރީން ހަމައެކަނި ހީލިއެވެ. ދެން ރިވާއު އަތުން ރީޢާ ނަގައިގެން ތެދުވީ ރީޢާއަށް ބުއްފުޅި ދޭ ގަޑި ޖެހުމުންނެވެ.
ނައުރީން އަބަދު އައިސް އެ ގޭގައި އުޅުނު ނަމަވެސް ރިވާއުއާ ނައުރީންއާ ދެމެދު އޮންނަނީ ދެ އެކުވެރިންގެ ދެމެދު އޮންނަ ފަދަ ގުޅުމެކެވެ. ނައުރީންއާ ކައިވެނި ކުރަން ތައްޔާރުވަމުން ދިޔަ ނަމަވެސް ނައުރީންއާ ގާތްކަމެއް ބާއްވާކަށް ރިވާއު މަސައްކަތެއް ނުކުރެއެވެ. ރީޢާގެ ހުރިހާ ކަމެއްގެ އިތުރުން ބައެއް ފަހަރު ރިވާއުގެ ކަންތައް ކޮށްދިން ނަމަވެސް ރިވާއުއާ މެދު އެފަދަ ގާތް ގޮތަކަށް ނައުރީންއަކަށްވެސް ނުދެކެވެއެވެ.
ރީޢާ ނިންދަވާފައި ނައުރީން ގެއަށް ދިޔައީ އެރެއަށް ތައްޔާރު ވެލާށެވެ. ނުވައެއް ޖަހަން ފަނަރަ މިނަޓަށް ވީ އިރަށް ނައުރީން ބަލާ ރިވާއު އައުމުން ނައުރީން ދިޔައީ ރިވާއުއާ އެކު ސައިކަލުގައެވެ. އޭރު ވީނާ ހުރީ ނައުރީން ކިޔާދިން ގޮތަށް މޭޒުމަތި ތައްޔާރު ކޮށްފައެވެ. ނުވަގަޑި ފަހެއް ވީ ތަނާ ބެލް ޖަހާލުމުން ދޮރު ހުޅުވަން ދިޔައީ ރިވާއުއެވެ. ހަމަ އެ ވަގުތު ރީޢާ ހޭލައިގެން ނައުރީން ދިޔައީ ރީޢާ ކައިރިއަށެވެ.
ވިއްސަކަށް މިނަޓް ފަހުން ރީޢާ ނިދުމުން ނައުރީން ތިރިއަށް އައި އިރު ސިޓިންގް ރޫމްގައި ރިވާއުއާ އެކުވެރިންގެ އަޑު ގަދަވެފައި ހުއްޓެވެ. ރިވާއު ބާރަށް ވާހަކަ ދައްކާ އަޑު، ނުވަތަ ސަކަރާތް ޖަހާ އަޑު އިވިފައި ނުވާތީ އެފަދަ ސިފައެއް ރިވާއުގެ ކިބައިން ފެނުމުން ހިނިއައިސްފައި ނައުރީން ކުރިއަށް ދިޔައެވެ. ނައުރީން ފެނުމުން ރިވާއު ގޮވާލިއެވެ.
ނައުރީން އައިސް ރިވާއު ކައިރީގައި ސޯފާގައި އިށީނދެ ކުރިމަތީ ތިބި ދެ މީހުންނަށް ބަލާލިއެވެ. އެއާއެކު ސިހިފައި ނައުރީންއަށް ގަސްތަކާ ނުލާ ރިވާއުގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.
“ނައު… މީ އަހަރެންގެ ބެސްޓް ފްރެންޑް ޔައީޝް، ދެން މީ ޔައީޝްގެ ކޮއްކޮ ޝިޔާހް. ޔައީޝް، މީ ނައުރީން” ނައުރީންއަށް ވީ ގޮތް ރިވާއުއަށް ފާހަގައެއް ނުކުރެވެއެވެ. ނައުރީންގެ އަތަށް ބާރުކޮށްލަމުން ހިނިއައިސްފައި އިނދެ އެކުވެރިން ތަޢާރަފް ކޮށްދިނެވެ.
ރިވާއު ނައުރީންގެ ނަމުން ގޮވާލި ވަގުތުން ފެށިގެން ޔައީޝްއަށް އިނދެވުނީ ގަނޑުވެފައެވެ. ރިވާއު އެކަކު އަނެކަކުގެ ތަޢާރަފެއް ދިނުމުންވެސް ޔައީޝްއާ ނައުރީން އެއްޗެއް ނުބުނެ ތިބީއެވެ. ޔައީޝްގެ މޫނަށް ބަލާލަމުން ޝިޔާހް ނައުރީންއާ ދިމާއަށް ސަލާމަށް އަތް ދިއްކޮށްލީ ޔައީޝްގެ ކޮނޑުގައި ޖެހިގަންނަމުންނެވެ. އެންމެ ފަހަރަކު ފެނިފައި ވީ ނަމަވެސް ޝިޔާހްއަށް ނައުރީން އެނގުނެވެ. ޔައީޝް އެކޭ އެއް ގޮތަށް ރިވާއުއާ ނައުރީން ދިމާވި ގޮތަކާ ބެހޭ ގޮތުން ޝިޔާހްވެސް އިނީ ސުވާލު އުފެދިފައެވެ.
“ހާއި…” އަދިވެސް ޝޮކެއްގައި އިންހެން ލަސްލަހުން ޔައީޝްވެސް ނައުރީންއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.
ޝިޔާހްއާ ސަލާން ކޮށްލުމަށް ފަހު ޔައީޝްގެ އަތުގައި އިނގިލިތައް ކިރިޔާ ޖެހިލުމާ އެކު ނައުރީން ތެދުވިއެވެ.
“މި އަންނަނީ ކާން ހެދިއްޖެ ތޯ ބަލާލާފަ” ރިވާއު ބަލާލުމުން ނައުރީން އެހެން ބުނެފައި އަވަހަށް ދިޔައެވެ. ކާމޭޒުގައި ދެއަތް ޖައްސާލަމުން ނައުރީން ލޯ މަރާލަމުން ފުންކޮށް ދެތިން ނޭވާ ލިއެވެ. ބާރުބާރަށް ތެޅެމުން ދިޔަ ހިތާ ދިމާލުން މޭގައި އެއް އަތް ޖައްސާލައިގެން ހުރި އިރު، ޔައީޝްގެ ސޫރަ ހިތުގައި ކުރެހިފައިވިއެވެ.
އެ ވަގުތުކޮޅު ތެރޭ ނައުރީންގެ ހިތަށް އެތައް އެއްޗެއް އަރަމުން ދިޔައެވެ. ރިވާއުގެ އެންމެ ގާތް އެކުވެރިޔާއަށް ޔައީޝް ވުމަކީ ކޮންކަހަލަ އިއްތިފާގެއް ހެއްޔެވެ؟ އެދެމެދުގައި ކުރިން އޮތް ގުޅުން ރިވާއުއަށް ސިއްރު ކުރެވިދާނެ ހެއްޔެވެ؟ ނައުރީން ނުބުނެ ހުރިއްޔާ ޔައީޝްވެސް ހިމޭނުން ހުންނާނެ ހެއްޔެވެ؟ ރިވާއުއާ ޔައީޝްއަކީ އެންމެ ގާތް އެކުވެރިންނަށް ވާ އިރު އެކަން ސިއްރު ކުރުން އެއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟
އެކި އެކި ސުވާލުތަކުން ހިތަށް އުނދަގޫ ވަމުން ދިޔަ އިރު އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް ނައުރީންއަކަށް ނުވިސްނެއެވެ. އެ ވަގުތު އެ ޚިޔާލުތަކުން ސިކުނޑީގެ ހާސްކަން ފިލުވާލަން ބޭނުންވެ ދެފަރާތަށް ބޯ ހަލުވާލަމުން ނައުރީން ފެންފޮދެއް ބޯލިއެވެ.
“ނައު؟” ނައުރީން ލަސްވެގެން އައިސް ބަލާލި އިރު ނައުރީން ހުރި ގޮތުން ރިވާއު ގޮވާލިއެވެ.
“ލަސް ވީ ދޯ؟ ކާން ހެދިފަ މިހިރީ” ތުންފަތަށް ހިނިތުންވުމެއް ވެރި ކޮށްލަމުން ނައުރީން ބުންޏެވެ.
ރިވާއު އަލުން ގޮސް ޔައީޝްއާ ޝިޔާހްއަށް ގޮވިއެވެ. ނައުރީންއާ ރިވާއު ޖެހިޖެހިގެން ތިބި އިރު ނައުރީންއާ ކުރިމަތި ވާނެހެން ޔައީޝް އިނީ ޝިޔާހް ކައިރީގައެވެ.
“ވާން އުޅޭ ދެމަފިރިންނަށް މަރުޙަބާ” ކާން ފެށުމުގެ ކުރިން ޔައީޝް ބުންޏެވެ.
“ޔައީޝް، ފެމިލީ އެއްކޮށް ގެންނަން ވާނެ ވެޑިންގއަށް އިނގޭ. މަންމަ ކައިރީ ޚާއްސަކޮށް ބުނާތި” ކައިރީގައި އިން ނައުރީންގެ ހިތުގައި ހިނގަމުންދާ ތޫފާނުގެ ޚަބަރެއް ނުވެ އިން ރިވާއު އެކުވެރިޔާއަށް ބުންޏެވެ.
“ދަޢުވަތު ކާޑް ލިބުނީމަ އެކަކުވެސް ނައިހެއް ނުހުންނާނެއެއްނު” ނައުރީންގެ މޫނަށް ޔައީޝްއަށް ބަލާލެވުނެވެ.
“ކާޑް ފޮނުވާހާ ބޮޑުކޮށް ބާއްވާ ޕާޓީއެއް ނޫން. މި ފަހަރު ހަމަ ފެމިލީ އެންޑް ފްރެންޑްސްއަށް ސައެއް އޮތީ” ނައުރީންއަށް ބަލާލަމުން ރިވާއު ލަސްލަހުން ބުނެލިއެވެ.
“ދެން ދޮންބެވެސް ދެވަނަ ކައިވެންޏެއް ކުރަންވީއޭ، ދޯ ރިވާ؟” ޝިޔާހް ވާހަކަ އަނބުރާލިއެވެ.
“އާނ، މާ ގިނަ ދުވަހު ހުހަށް ހުންނާކަށް ނުވާނެ. ފަސް އަހަރު ވީ އިރު ޔައީޝްއަށް މަޑު ކުރެވިއްޖެއެއްނު؟” ރިވާއު ބުންޏެވެ.
އެ ވަގުތު ފެންފޮދެއް ބޯލި ނައުރީން ކޮށި އެރިއެވެ. ރިވާއު ނައުރީންއާ ދިމާއަށް އެނބުރި ނައުރީންގެ ބުރަކަށީގައި ދެފަހަރަކު އަތުން ޖަހާލަމުން ރަނގަޅު ތޯ އަހާލިއެވެ.
ނައުރީންއަށް ޔައީޝްއާ ދިމާއަށް ބަލަން އިނދެވުނީ ވާނުވާ ނޭނގިފައެވެ. ފަސް އަހަރު ވަންދެން ޔައީޝް މަޑުކޮށްގެން ހުރީ ކޮން ކަމަކަށް ހެއްޔެވެ؟ ޔައީޝްގެ އަންހެނުން ކޮބާ ހެއްޔެވެ؟ ޔައީޝް ދެވަނަ ކައިވެންޏެއް ކުރާ ވާހަކަ އެ ދައްކަނީ ކީއްވެ ހެއްޔެވެ؟
“ނައުގެ ފްރެންޑެއް ނެތްތަ ޔައީޝްއާ ސެޓް ކޮށްލަން؟ ޝިޔާވެސް މެރީ ކުރި އިރު ޔައީޝް ތިހެން ހުރެގެން ކަމަކު ނުދާނެ” ވާނުވާ ނޭނގި އިނދެ ރިވާއު ވާހަކަ ދައްކަމުން ދިޔައެވެ.
ކުރިމަތީ ހުރި ތައްޓަށް ބަލަން އިން ޔައީޝް ހީވީ އިސް އުފުލާ ނައުރީންއާ ދިމާއަށް ނުބަލަން އިން ހެންނެވެ. ނައުރީން އިން ގޮތް ފާހަގަ ކުރެވިގެން ޝިޔާހް އެއް ފަހަރު ނައުރީންއަށް، އަނެއް ފަހަރު ކައިރީގައި އިން ޔައީޝްއަށް ބަލަން އިނެވެ.
“ކޮބާ ވައިފް؟” ޔައީޝްއަށް ބަލަން އިން ނައުރީންއަށް އެ ސުވާލު ކޮށްލެވުނީ އަމިއްލަ އިޚްތިޔާރެއް ނެތް ފަދައިންނެވެ.
ކާން އިން ރިވާއުއަށް ހައިރާންވެފައި ނައުރީންއަށް ބަލާލެވުނެވެ. ޔައީޝްވެސް އިސް އުފުލާ ނައުރީންއާ ދިމާއަށް ބަލާލިއެވެ.
“ނައުއަށް ޔައީޝް އެނގޭތަ؟ ޔައީޝް ނައުރީން ދަންނަންތަ؟” ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން ރިވާއު އަހާލިއެވެ.
ނައުރީން ޖަވާބެއް ނުދީ އިސް ޖަހާލި އިރު އެ މޫނަށް އެރި ކުލަ ރިވާއުއަށް ފެނުނެވެ. ހަމަ އެއާއެކު ޔައީޝްއަށް ބަލާލި އިރު ޔައީޝްއާ ޝިޔާހްގެ މެދުގައި ބަދަލުވި ބަލާލުންވެސް ރިވާއުއަށް ފާހަގަ ކުރެވުނެވެ.
ފަސް އަހަރެއްހާ ދުވަސް ކުރިން ޔައީޝް ކިޔައިދިން ވާހަކަތައް ހަނދާން ވުމާއެކު، ނައުރީން ދެއްކި ވާހަކަވެސް ރިވާއުގެ ހިތަށް އައެވެ. ކުރިން އެފަދަ އެއްޗެއް ހިތަށް އަރާފައި ނުވި ނަމަވެސް ނައުރީންއާ ޔައީޝްއަށް ވީ ގޮތުން ދެ މީހުންގެ ވާހަކަ ގުޅުވާލާ އެ ދެމީހުންގެ މެދުގައި އޮތް ގުޅުން ދެނެގަންނާކަށް މާ ބޮޑު ވިސްނުމެއް ވިސްނާކަށް ރިވާއުއަކަށް ނުޖެހުނެވެ.
“އޯހ!” ރިވާއުއަށް ބުނެވުނެވެ.
ކުއްލިއަކަށް ނައުރީން ގޮނޑި ދުރަށް ޖައްސާލަމުން ތެދުވެގެން ދިޔައެވެ. ނައުރީން ގެއްލެން ދެން ބަލަން އިން ޔައީޝް ރިވާއުއަށް ބަލާލުމާއެކު އިސް ޖަހާލިއެވެ.
ނައުރީންގެ ޙަޔާތަށް ކުރިން އައިސްފައި ވި މީހަކީ ޔައީޝް ކަން ރިވާއުއަށް ޔަގީންވިއެވެ. ޔައީޝްވެސް ވަނީ ކަންތައް ވީ ގޮތް ރިވާއުއަށް ކިޔާދީފައެވެ. ޒުހާއާ ޔައީޝްގެ މެދުގައި ޖެހޭ މައްސަލަތަކުގެ ވާހަކަ އެންމެ ގާތް އެކުވެރިންނަށް ސިއްރުވެފައި ނެތީ ޔައީޝް ކިޔާދީގެންނެއް ނޫނެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ވާހަކަ ރިވާއު ނޫން މީހަކާ ޔައީޝް ދުވަހަކުވެސް ހިއްސާ ކޮށްފައެއް ނުވެއެވެ.
އެއްވެސް ރައްޓެއްސަކަށް ނޭނގި އޮތް ވާހަކަ ރިވާއުއަށް ޔައީޝް ކިޔާދިނީ ނައުރީން ރާއްޖެއިން ބޭރަށް ދިޔަ ފަހުންނެވެ. ޒުހާއާ ޔައީޝް ވަރިވި ކަން އެނގުނު އިރު، އެއީ އެކަން ނިމޭނެ ގޮތް ކަން މާ ކުރިންވެސް އެކަން ނިމޭނެ ގޮތްކަން ރިވާއުއަށް އެނގެއެވެ. ނައުރީންގެ ވާހަކަ ރިވާއުއަށް ޔައީޝް ކިޔާދިނީ ޒުހާއާ ދެމީހުން ވަކިވި ފަހުންނެވެ. އެ ދެމެދުގައި ހިނގާފައިވި ކަންތައް ރިވާއުއަށް އެނގުނީ ނައުރީންގެ ފަރާތުންނެވެ. ޒުހާއާ ވަކިވީ ފަހުން ޔައީޝް އިތުރު ކައިވެންޏެއް ކުރަން ބޭނުން ނުވަނީ ކީއްވެ ކަން ރިވާއުއަށް އެނގެއެވެ. އަދިވެސް ޔައީޝް ހުރީ އެ އަންހެން ކުއްޖާގެ އިންތިޒާރުގައެވެ.
އެހެން ނަމަވެސް ކަންތައް މިވީ ކިހިނެއް ހެއްޔެވެ؟ ރިވާއުއަށް ކައިވެނި ކުރެވެން މި އުޅެނީ އެންމެ ގާތް އެކުވެރިޔާގެ ލޯތްބާ ހެއްޔެވެ؟
“އައި ޑިޑްންޓް ނޯ ޔައީޝް. ނައުރީންއަކީ ޔައީޝްގެ ގަރލްއަށް ވެދާނެއެކޭ އެއްފަހަރުވެސް ހިތަކަށް ނާރާ” ތަށި ދުރަށް ޖައްސާލަމުން ރިވާއު ބުނެލިއެވެ.
“އަހަރެން ރިވާ ކައިރީ އެއީ ކާކު ކަމެއް ނުބުނަން، އެހެން ވީމަ ނޭނގޭނެއެއްނު؟” ޔައީޝް ހިތި ގޮތަކަށް ހިނިތުންވެލިއެވެ.
“ނައު ކިޔާދިން ކޮންމެސް ވަރަކަށް. ދެ މީހުންގެ ފަރާތުން އެއް ވާހަކައެއް އަޑު އިވުނު އިރު އެކަކުވެސް ނަމެއް ނުބުނޭ. އެހެން ނޫން ނަމަ މިހާ ހިސާބަކަށް މިކަމެއް ނައީސް. ނައުރީން ލޯބި ވަނީ ޔައީޝް ދެކެ ކަން އެނގުނު ނަމަ އަހަރެން އެ ދުވަހުވެސް ދެކޮޅު ހެދީމުސް. އައި ކާންޓް ޑޫ ދިސް!” އިސްތަށިގަނޑު ތެރޭ އަތްތިލަ ހިންގާލަމުން ރިވާއު ބުންޏެވެ.
“އޭރުން ނައުރީން… ރިވާ…” ރިވާއުއަށް ބަލާލަމުން ޔައީޝް އެއްޗެއް ބުނަން އުޅުނެވެ. ޔައީޝް ކަންބޮޑު ވީ ރިވާއު އެ ގޮތަށް ނިންމައިފި ނަމަ ނައުރީން ދެރަ ވެދާނެތީއެވެ. ކައިވެނީގެ ކަންތައް އެ ހިސާބަށް ދިޔަ އިރު، އެއީ ނައުރީން ހިތުގެ އަޑިން އެދޭ ގޮތް ކަމުގައި ޔައީޝްއަށް ހީވީއެވެ. ނަމަވެސް އެއަށް ވުރެ ކުރިން ރިވާއު ވާހަކަ ދެއްކިއެވެ.
“ނައުރީން އަދިވެސް ލޯބި ވަނީ ޔައީޝް ދެކެ. އެ ހިތުގަ އަދިވެސް ވަނީ ޔައީޝް. އޭނަ އަދިވެސް ހީކޮށްގެން އެ ހުންނަނީ ޔައީޝް ތީ މީހެއްގެ ފިރިއެއް ކަމަށް” ރިވާއު ބުންޏެވެ.
ޔައީޝްއަށް ގަބޫލު ނުކުރެވިފައި ރިވާއުއާ ދިމާއަށް ބަލަން އިނދެވުނެވެ.
“ޔައީޝް، ނައުއާ ވާހަކަ ދައްކަން ވީނު؟ ޑިވޯސް ވީ ވާހަކަ ނައު ކައިރީ ބުނޭ، ހުރިހާ އެއްޗެއް ކިޔާދީ” ރިވާއު ބުންޏެވެ.
“ނޫން، އަހަންނާ ނައުރީންގެ މެދުގަ އޮތް ކަމެއް ވިއްޔާ މިހާރު ނިމިއްޖެ. އެހެން ނޫނަސް އެއީ ކުޑަ ދުވަސްކޮޅެއްގެ ކަމެއް. މިހާ ދުވަސް ވާ އިރު ނައުރީން އަހަރެން މަތިން ހަނދާންވެސް ނުހުންނާނެ” ޔައީޝް ބުންޏެވެ.
“ޔައީޝް ހަނދާން ނުނެތުނު އިރު ނައުރީން ވަކި ހަނދާން ނެތޭނެތަ؟ ޓޯކް ޓު ހަރ ޔައީޝް” ރިވާއު ބުންޏެވެ.
“ނައުރީން ބޭނުމެއް ނުވޭ ވާހަކަ ދައްކާކަށް” ޔައީޝް ކުރި އެއްވެސް މެސެޖަކަށް ނައުރީން ޖަވާބެއް ނުދޭތީ ޔައީޝްއަށް އެހެން ހީވަނީއެވެ.
“ޔައީޝް ގުޅިންތަ ނައުއަށް؟ ވާހަކަ ދައްކަން ޓްރައި ކުރިންތަ؟ ކޮން އިރަކު؟” ރިވާއުއަށް އެނގިފައި އޮތް ގޮތުން ނައުރީންއާ ޔައީޝްގެ މެދުގައި އޮތް ގުޅުން ކެނޑުނު ފަހުން އެ ދެމީހުން ވާހަކަ ދައްކާފައެއް ނުވެއެވެ.
ޔައީޝް އެއްޗެއް ނުބުނެ އިނެވެ.
“ޔައީޝް ބުނިންތަ ޑިވޯސްވި ވާހަކަ؟” ރިވާއު އަހާލިއެވެ.
ޔައީޝް ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ނައު ހީކުރަނީ އަދިވެސް ޔައީޝް މެރިޑް ކަމަށް. ޔައީޝް ނުބުނަންޏާ ނައުއަށް ކިހިނެއް އެނގޭނީ؟ އޭގެ ފަހުން ނައު ކިޔަވަން ގޮއްސަ މިކޮޅަށް އައިތާ އަދި ގިނަ ދުވަހެއް ނުވޭ” ރިވާއު ބުންޏެވެ.
ދެންވެސް ޔައީޝް އެއްޗެއް ނުބުނެ އިނީއެވެ.
“ދޮންބޭ، އެއްޗެއް ބުނެބަލަ!” ޔައީޝްގެ ކޮނޑުގައި އަތް ޖައްސާލަމުން ޝިޔާހް ބުންޏެވެ.
“ދުވަސްކޮޅެއް ކުރިން ނައުރީން ދުށިން، އޭގެ ފަހުން މެސެޖް ކޮށްލަން… އެއް ފަހަރު ރިޕްލައި ކުރި މެސެޖް ނުކުރާށޭ ބުނެފަ، އޭގެ ފަހުން ނައުރީން އެއް ފަހަރުވެސް ރިޕްލައިއެއް ނުކުރޭ” ޔައީޝް ބުންޏެވެ.
“އޭރު ދޮންބެއާ ޒުހާ ޑިވޯސް ވި ވާހަކަ ބުނިންތަ؟” ޝިޔާހް އެހިއެވެ.
ޖަވާބުގައި ޔައީޝް ދެފަރާތަށް ބޯ ހަލުވާލީއެވެ.
“ޔައީޝް ނުބުނަންޏާ ނައުއަށް ކިހިނެއް އެނގޭނީ؟ ޔައީޝް މެރީ ކޮށްގެން އުޅޭ ކަމަށް ހީކޮށްގެން ނައު އެ ހުންނަނީ، އެހެން ވީމަ އޭނަ ރިޕްލައިއެއް ނުކުރާނެއެއްނު؟ ޔައީޝް ގެ އެއްވެސް ކަމެއް ހޯދާކަށްވެސް ނޫޅޭނެއެއްނު؟ މީ ހާދަ މޮޔަ ދެ މީހުންނޭ. އަސްލު ޔައީޝް މޮޔައީ. ލޯބި ވަންޏާ ލޯބި ހޯދަން މަސައްކަތް ކުރަން ޖެހޭނީ. ނޫނީ… ޔައީޝް މިހާރު ނައު ދެކެ ލޯބި ނުވަނީތަ؟” ރިވާއު އަހާލިއެވެ.
“ނޫން” ޔައީޝްގެ ޖަވާބު އަވަހެވެ.
“ދެން…؟ ކީއްވެ ތި އިންނަނީ؟ ދޭބަލަ!” ރިވާއު ސިޑިއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.
“ދޮންބޭ، ގޯ!” ޔައީޝްގެ ކޮނޑުގައި އަތް އަޅާ ކޮއްޕާލަމުން ޝިޔާހްވެސް ބުންޏެވެ.
ޔައީޝް ތެދުވެފައިވެސް ބަލާލީ ރިވާއުއަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.








Hyvx viyey rivaau ge friend ah vaani yaish ey, Ekm I want nau and yaish to be together. Ekm I also wanna mom for reeaa, dhn minhaal and rivaau gulhuvaala😆. Aala naaik aa deytherey Ehn nuvisna naaik loves her more than anything, naaik vx eha rulhi nais Dhemyhun dheythere problem eh create nukurahchey
Reesh kanbodu nuvey, adhi neyngeynu Yaeesh ah Nau dheyne jawaabeh, Nau aa Yaeesh gulhijjeyya Reeaa ah varah rangalhu mummy eh Marsha hoadha dheynan, Rivaau baaky kollaigen kamaku nudhaane ehnu. Aala dheke Naaik loabi vany kiha varakah kan engidhaane thaa!
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Rivaau haada rangalhey
Nau and yaish gulhuvachey
Minhaal and Rivaau gulhuvachey
They both are made for each other
Aaala and naaik dhuru nukurachey
E dhekudhin dhera gothah nuhadhachey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you maash ❤️😍
ekakahves dhera gotheh vaan Marsha ves neydhen, Minhaal and Rivaau?? hmm, visnaalan jeheyny….
Maasha Allah mi part vx varah varah reethi..
Avahah naureen aa yaish aa gulhuvaa…
Nauryn aa Yaeesh aa Rivaau ah hadhaane gothakaa medhu Marsha ves varah eba visnan, yagynun ves Nau gulhey eygen ekakaa, enme bodah visnan vaany Reeaa aa medhu dho
This story is the best story I’ve read so far
Masha Allah ❤️
Thank u so much ❤️ varah ufaa vejje
Ekm plzzz naureen aa yaish aa dhuru nukurahcheyy…
Dhn reeaa ah naureen ah vure vx rangalhu manmma eii hoadhadheyny..
Zuha emme rangalhu vaany reeaa ah manmma akh…
Eii minhaal ge kudhin thibyma fahareiiga reeaa aa thafaathu kh faane… ekm hama vrh rangalhu vx vedhaane….
Ekm marsha ah dhw ingeyny emme rangalhu vaane goii…
Knme gothakah hedhiyas vx reethihyyaa e nimunyy…
Mee alhugandu ge hiyaslu…
hmm Reeaa ah good mom eh hoadhumuge masahkathuga Marsha mi ulheny
U mean yaeesh an nau gulheyneythr, don’t separate Aala and naaik
hinga vaa gotheh balamaa dho