ލޯބިން ބަލާލީމާ 13
ދަރިއަކު ލިބުމަކީ އާލާ ކިހާ ވަރަކަށް އެދޭ ކަމެއް ކަން ނާއިކްއަށް އެނގެއެވެ. އެހާ ދުވަސް ފަހުން ބަލިވެ އިނުމަށް ފަހު އެ ދަރިފުޅާ ވަކިވާން ޖެހުމުން އާލާގެ ހިތަށް ކުރާނެ އަސަރު ނާއިކްއަށް ވިސްނެއެވެ. ނާއިކް އެހާ ދެރަވާ އިރު، އާލާގެ ހިތް މުޅިން ކުދިކުދި ވާނެކަން ނާއިކްއަށް އެނގެއެވެ. އާލާގެ ހިތާމަ ލުއިކޮށްދޭން ކިތަންމެ ބޭނުން ވި ނަމަވެސް އާލާއާ އެކުގައި ހުރުން ފިޔަވާ ނާއިކްއަށް ކޮށްދެވޭނެ ކަމެއް ނެތެވެ.
ތިން ހަފްތާ ފަހުން އާލާ ގޮވައިގެން ގެއަށް ބަދަލުވުމުގެ ހުއްދައަށް އާޒިމްއާ ސާއިމާގެ ފަރާތުން ނާއިކް އެދުނެވެ. އާލާގެ ޙާލު ކުރިއަށް ވުރެ އެޔައް ތަނެއް ރަނގަޅު ވުމާ އެކު، ނާއިކްއަށްވެސް ފަސޭހަ ވާނީ އަމިއްލަ ގެއަށް ދެވުމުން ކަން ވިސްނޭތީ ސާއިމާ ދެކޮޅެއް ނުހަދައެވެ. އަދި ނާއިކްއާ އެކު އެކަނި ވަގުތު ހޭދަ ކުރަން ފެށުމުން، އެހެން މީހުންގެ ތެރޭ އާލާއަށް ނުދެވުނު ވަރަށް ލޯތްބާ އަޅާލުން ނާއިކްގެ ފަރާތުން ލިބުމުން އެއީ އާލާއަށް އިތުރު ފަރުވާއަކަށް ވާނެ ކަމުގެ އުންމީދު ސާއިމާގެ ހިތުގައި ވާތީއެވެ.
އެހެން ނަމަވެސް އާލާ ދިޔައީ ދާން ބޭނުން ވެގެންނެއް ނޫނެވެ. ނާއިކްއާ ވާހަކަ ދައްކަން ބޭނުން ވިޔަސް ބުނާނީ ކީކޭ ކަން ނުވިސްނިފައި ހުރި އިރު، މަންމައާ ބައްޕަވެސް އެދުނީ ނާއިކްއާ އެކު ދިޔުން ކަމަށް ވާތީ ދެކޮޅު ނުހަދާ އާލާ ދިޔައީއެވެ.
ގެއަށް ދިޔަ ފަހުންވެސް އާލާ ނާއިކްއާ މާ ގިނަ ވާހަކައެއް ނުދައްކައެވެ. އޮފީހުން ނެގި ޗުއްޓީ ހަމަ ވުމުން، ޗުއްޓީ އިތުރުކޮށް ގޭގައި އަދި ދުވަސްކޮޅަކު ހުރެލަން އާލާ ބޭނުން ވާތީ ނާއިކް ދެކޮޅެއް ނުހަދައެވެ.
ގެއަށް އައި ފަހުން އާލާ ގިނަ ވަގުތު އެކަނި ހޭދަ ކުރަން ފެށިއެވެ. އޮފީހުގައި ބޮޑު ކަމެއް ދިމާވެގެން ކޮންމެހެން މަޑުކުރަން ޖެހިގެން ނޫނީ ނާއިކް އަވަހަށް ގެއަށް އާދެއެވެ. ދެ މީހުން އެކުގައި ކާން އެރިޔަސް އާލާ އިންނާނީ ވިސްނުމަކަށް ގެއްލިގައި އިންނަ ހެންނެވެ. ނާއިކް އެއްޗެއް ބުންޏަސް ކުރު ޖަވާބަކުން ފުއްދާލެވޭތޯ އާލާ ބަލައެވެ. ދެމީހުން އެކުގައި ބޭރަށް ދާން ނާއިކް ބުންޏަސް އާލާ ދެކޮޅު ހަދައެވެ. ސާއިމާ ނުވަތަ ރަމްލާ ގުޅާފައި އެ ގެއަށް ނައިސް ގިނަ ދުވަސް ވެގެން އެ ވާހަކަ ދެއްކިޔަސް އާލާ ދާ ޚިޔާލެއް ނުކުރެއެވެ.
އާލާ އާ ވާހަކަ ދައްކަން އެކި ގޮތްގޮތުން މަސައްކަތް ކޮށްގެންވެސް ނާއިކްއަށް ކާމިޔާބެއް ނުވިއެވެ. އާލާ ކިރިޔާވެސް ވާހަކަ ދައްކަނީ ނައުރީން އަންނަ ދުވަހެއްގައެވެ. ރަމްލާއާ އަމީން ނުވަތަ ސާއިމާއާ އާޒިމް ރާޔާއާ ނާޔާ ގޮވައިގެން އަންނަ ދުވަހެއްގައިވެސް އާލާ އެ މީހުން ގާތު އިންނަ އިރުވެސް ބަހެއް ބުނެލާނީ މަދު ފަހަރެއްގައެވެ. އެންމެންވެސް ނަސޭޙަތް ދީފައި ބުނަނީ އެއް ވާހަކައެކެވެ.
“އާލާ، އަދި އުންމީދު ގެއްލުވާލާކަށް ނުވޭ، އިރާދަ ކުރެއްވިއްޔާ އާލާއާ ނާއިކްއަށް ކުއްޖަކު ލިބޭނެ. ބައެއް ކަންތައްތައް ވާނީ ގިނަ ދުވަހުން. އަބަދު އެއް ގޮތަކަށް ކަންތަކެއް ނުވާނެ. ތިހެން ގޭގަ އަބަދު ނީނދެ ނާއިކްއާ ދެކުދިން ބޭރަށް ނިކުމެލާ ހަދާބަލަ. މިހާރު މަންމަމެން ގެއަށްވެސް ނުދޭ. ނާއިކް، އާލާ ހިތްހަމަ ޖައްސާލަން އާލާ ގޮވައިގެން ރާއްޖެއިން ބޭރަށް ގޮސްލަބަލަ” ރަމްލާއާ ސާއިމާއާ ދެ މީހުން އައި ދުވަހެއްގައި، ދެ މީހުންގެ މެދުގައި އާލާ ބައިންދައިގެން ތިބެ ރަމްލާ ބުންޏެވެ.
“އާލާ ދާން ބޭނުން ދުވަހަކުން ދާންވީ” ނާއިކް ބުންޏެވެ.
އެރޭ އެންމެން އެކީ ކެއީ އެ ގޭގައެވެ. ރަމްލާއާ ސާއިމާ އިސްވެ ތިބެ ކެއްކުމުގެ ކަންތައް ކުރި އިރު ކައިރީގައި އެއްވެސް ކަމެއް ނުކުރުވާ އާލާ ބައިންދައިގެން އެކިއެކި ވާހަކަތައް ދެއްކިއެވެ.
“އާލާ، މި ފަހަރު ބައްޕަ ދައްކާލަން ދާ އިރު ރާޔާއާ ނާޔާވެސް ދާނަމޭ އެބަ ކިޔާ. އަދި ދޮންތަވެސް ބުނި ދާނަމޭ. އާލާއާ ނާއިކްވެސް މަންމަމެންނާ އެކީ ދާންވީނު؟ ރަމްލާއާ އަމީންވެސް އަހަރުމެންނާ އެކީ މި ދަތުރުގަ ގޮސްލަން ކިހިނެއް ވާނެ؟” ކައްކަން ހުރެފައި ސާއިމާ ބުންޏެވެ.
“ނާއިކްއާ އަމީންއަށް އެއްފަހަރާ ދާން ފަހަރެއްގަ އުނދަގޫ ވެދާނެ. އެކަމަކު އަހާލާނަން” ރަމްލާ ވިސްނާލަމުން ބުންޏެވެ. އެހެން ވިޔަސް އާލާއާ ނާއިކް ދާ ދަތުރެއްގައި ރަމްލާއާ އަމީން ދާ ނަމަ ޒަރީނާވެސް ގެންދަން ޖެހޭނެތީ އެ ދަތުރުގައި ބައިވެރިވުން އެހާ ރަނގަޅު ޚިޔާލަކަށް ރަމްލާއަކަށް ނުވިއެވެ.
“އާލާ، ދަރިފުޅު ނާއިކް ކައިރީ ބުނައްޗޭ. ނޫނީ ހުރޭ، މަންމަ ބުނާނަން” ސާއިމާ އެނބުރިފައި އާލާއަށް ބުންޏެވެ.
ކާން އަރާފައި ސާއިމާގެ ޚިޔާލު ހުށައެޅުމުން އެ ޚިޔާލަށް އެންމެން ތާއީދު ކުރިއެވެ. ނަމަވެސް އަމީންވެސް ބާރު އެޅީ އަމީންއާ ރަމްލާ ނުދިޔަޔަސް ނާއިކްއާ އާލާ އެ ދަތުރުގައި ބައިވެރި ވުމަށެވެ. އެންމެ ފަހުން ކެއުން ނިމުނު އިރު އެ ދަތުރުގެ ހުރިހާ ކަމެއްވެސް އޮތީ ހަމަޖެހިފައެވެ.
އެންމެން ދިޔުމުން އާލާ ބޭނުން ވީ ނިދާލާށެވެ. ފެންވަރައިގެން އައިސް އާލާ އޮށޯތްތާ ގިނަ އިރެއް ނުވެ ނާއިކްވެސް ނިދަން ތައްޔާރު ވެގެން އައިސް އޮށޯތެވެ. ނާއިކް އޮށޯތުމުން އާލާ “ގުޑްނައިޓް”އޭ ބުނެ ލޯ މަރާލަމުން މަގަތަށް އެނބުރިލިއެވެ.
އާލާ އެ ބުނީ ކީކޭ ކަން ވިސްނުނު ނަމަވެސް އެރޭ އެހެން ވާކަށް ނާއިކް ބޭނުމެއް ނުވިއެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައެވެ. ނިދަން އޮށޯތުމާއެކު އާލާ އެހެން ބުނެ ނާއިކްއާ ދުރަށް އެނބުރެނީއެވެ. އެހެން ނަމަވެސް އާލާ ނުނިދާ އެތައް އިރަކު އޮންނަ ކަން ނާއިކްއަށް އެނގެއެވެ. ނާއިކްއާ ކައިރި ވާން އާލާ ބޭނުން ނުވަނީ ކަމެއް، ނޫނީ ނާއިކް އިސް ނަގަން ދެން އާލާ ހުންނަނީ ކަމެއް ނާއިކްއަށް ޔަގީނެއް ނުވެއެވެ. އެހެން ވިޔަސް ނާއިކް ފަސް ޖެހެނީ އާލާގެ ފަރާތުން ފެންނަ ދުރުކަމުންނެވެ. އެ ދުރުކަން ނައްތާލަން ނާއިކް ބޭނުމެވެ. އެހާ ތަނަށްވެސް ނާއިކް ކެތްކުރީ އާލާގެ ފަރާތުން ކުޑަވެސް އިޝާރާތެއް ވޭތޯއެވެ. އެ ދެމެދުގައި އުފެދިފައިވާ ދުރުކަން ނައްތާލުމަށް އާލާ ފިޔަވަޅެއް އަޅާތޯއެވެ. ނަމަވެސް އެހެން ނުވާނެ ހެން ހީވާތީ އެރޭ އެ ގޮތަށް ދޫކޮށްނުލާން ވެގެން ނާއިކް އާލާއާ ކައިރިވެލަމުން ފަހަތުން އާލާ ގައިގައި ބައްދާލިއެވެ.
“ނާއިކް…” އާލާ ނާއިކް އާ ދުރުވެލަން އުޅުނެވެ.
“އާލާ ލަވް…” ނާއިކްއާ ކުރިމަތި ވާނެހެން އާލާ އަނބުރާލަމުން ނާއިކް ގޮވާލީ ލޯބިންނެވެ.
އާލާ އިރުކޮޅަކަށް ހިމޭން ވެލާ، ނާއިކްގެ މޫނަށް ބަލާލިއެވެ. އާލާގެ މޫނު މައްޗަށް ފައިބާފައި އޮތް އިސްތަށިކޮޅު ނާއިކް އަތުން ދުރަށް ޖައްސާލިއެވެ.
“އައި މިސް ޔޫ… އަހަރެން ވަރަށް ލޯބިވޭ އާލާ ދެކެ… އެނގޭ ދޯ؟” މަޑުމަޑުން ނާއިކް އަހާލިއެވެ.
އާލާ ބޯ ޖަހާލިއެވެ. ނާއިކް އާލާގެ އަތްތިލައިގައި ހިފާލަމުން ގެނެސް ތުންފަތުގައި ޖައްސާލިއެވެ. އާލާ އެއްޗެއް ނުބުނުމުން ނާއިކް ތެދުވެ ފުރޮޅިލުމާ އެކު އަތުތެރޭ އާލާ ހިފަހައްޓާލަމުން އާލާގެ ކަރުދޮށުގައި މޫނު ފޮރުވާލިއެވެ. ލޯ މަރާލަމުން އާލާ ނާއިކްއަށް ފުރުޞަތު ދީގެން އޮތެވެ. ނާއިކްގެ ހަރަކާތްތައް އަވަސް ވާން ފެށުމުން އާލާ ނާއިކްގެ ނަމުން ގޮވާލިއެވެ. ނަމަވެސް އާލާއަށް އެއްޗެއް ނުބުނެވެނީސް ނާއިކް އާލާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ.
“ނާއިކް… މަޑު ކޮށްބަލަ… ނޯ ނާއިކް… ނާއިކް ޕްލިޒް…” ނާއިކްގެ ބީހުންތަކުން އުނދަގޫ ވަމުން ދިޔައީ ކީއްވެ ކަމެއް އާލާއަކަށްވެސް ނުވިސްނެއެވެ. އެ ވަގުތު ބޭނުންވީ ނާއިކްއާ ދުރަށް ދާށެވެ.
ނާއިކްއަށް އާލާ ބުނި އެއްޗެއްގެ އަޑު ނީވޭ ކަހަލައެވެ. އާލާ ބުނި ބަސްތައް ސިކުނޑިއާ ހަމައަށް ނުފޯރި ނަމަވެސް އާލާގެ މޫނަށް ބަލާލުމާއެކު އެ ލޮލުން އަންނަމުން ދިޔަ ކަރުނަ ފެނިފައި ނާއިކްގެ ހަރަކާތްތައް މަޑުވެލިއެވެ.
“ލަވް… ވަޓްސް ރޯންގް؟” އާލާގެ ދެ ފަރާތުން ދެއަތް ވިއްދާލާ ތެދުވެލަމުން ނާއިކް އަހާލިއެވެ.
“އައި ކާންޓް… އަދިއެއް ނޫން… ޕްލީޒް….” ރުއިމުގެ ތެރެއިން އާލާ އެދުނެވެ.
“އޯކޭ އޯކޭ…” ވީ ގޮތެއް ނުވިސްނުނު ނަމަވެސް ނާއިކް ތެދުވެ އާލާގެ މަގަތުން އިށީނދެ އާލާ ގައިގައި ބައްދާލަން އުޅުނެވެ. ނަމަވެސް ބިރުގެންފައި އިންހެން އާލާ ޖެހިލީ ދުރަށެވެ.
“އާލާ…؟” ހައިރާންވެފައި ނާއިކްއަށް ގޮވާލެވުނެވެ.
ނާއިކްއަށް ޖަވާބެއް ނުދީ އެނދުން ތެދުވި ގޮތަށް އާލާ ދުވެފައި ގޮސް ވަނީ ފާހާނާއަށެވެ. އާލާއާ މެދު ކަންބޮޑުވެފައި ހުރި ވަރުން ނާއިކް އާލާ ފަހަތުން ގޮސް ފާހާނާގެ ދޮރުގައި ޓަކި ޖަހާލަމުން ގޮވާލިއެވެ.
މާގަނޑު ދޫކޮށްލުމުގެ ކުރިން އާލާގެ ރުއިމުގެ އަޑު ނާއިކްއަށް އިވުނެވެ. ހިތްނުތަނަވަސްވެފައި ހުރެ ނާއިކް އެނދުގައި އިށީނެވެ. ނާއިކް ހަނދާންވީ ނާއިކްއާ ބައްދަލު ކޮށް ޑޮކްޓަރ ދައްކާފައި ހުރި ވާހަކަތަކެކެވެ. އެފަދަ ކަންތައްތައް އާލާގެ ފަރާތުން ފެނިދާނެ ވާހަކަ ޑޮކްޓަރ އޮތީ ބުނެފައެވެ. އެހާ ދުވަސް ވަންދެން އެ ގާތް ކަމަށް އާލާގެ ފަރާތުން ނޭދި ނާއިކް ހުރީ އެހެންވެއެވެ. ނަމަވެސް އޭގެ ފަހުން ދެމަސް ވީއެވެ. އާލާއަށް ޓަކާ ދެންވެސް ނާއިކް ކެތްތެރިކަން ޚިޔާރު ކުރާނެއެވެ. އެހާ ދުވަސް ވަންދެންވެސް ނާއިކް އަމިއްލަ ހިތަށް ވިސްނައިދީ އެ އެދުންތަކާ ދެކޮޅު ހަދަމުން ދިޔައީއެވެ. އެހެން ނަމަވެސް ނާއިކް އާލާއަށް ބޭނުންވެއެވެ. އެރޭ ނާއިކްއަށް އިހުސާސްތައް ހިފަހައްޓާ ނުލެވުނީއެވެ. އާލާއަށް ބޭނުންވި ވަރުން އާލާގެ އިހުސާސްތަކަށް ވުރެ ނާއިކްގެ އެދުން އިސްކުރެވުނީއެވެ. ކެތްކުރަން ބޭނުން ވި ނަމަވެސް އެރޭ ނާއިކްއަށް ދުރުގައި ހުރުން އުނދަގޫވީއެވެ. އާލާއަށް ވަގުތު ދޭން ވިސްނައިގެން ހުރި ނަމަވެސް އެ ވިސްނުމުގެ މައްޗަށް ހިތުގެ އަޑު ގަދަވީއެވެ.
ދެ އަތްތިލަ މޫނުގައި ޖައްސާލަމުން ނާއިކް އެނދުމައްޗަށް ވެއްޓިގަތެވެ.
“އާލާ…. އާލާ….” މޭގައި އެއްއަތުން ފިރުމާލަމުން އަކުރުތަކަށް ދަމާލާފައި ނާއިކްއަށް އާލާގެ ނަން ކިޔާލެވުނީ އޭރުވެސް ހިތާ ހަށިގަނޑު އާލާއަށް ގޮވަމުން ދިޔައީތީއެވެ. ހިތާ ސިކުނޑިއަށް ވެރިވެފައިވި ޚިޔާލުތަކުން މިންޖުވުމަށް ނާއިކް އެހެން ކަންތައްތަކާ މެދު ވިސްނަން ފެށިއެވެ. އެރޭ ރޭވުނު ދަތުރު މަތިން ހަނދާން ވުމުން އެ ދަތުރަށް ތައްޔާރުވުމަށް ކުރަން ޖެހޭ ކަންތައް ރާވާލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ދެންވެސް ހިތަށް ސިފަކުރެވުނީ އެ ދަތުރުގައި އާލާއާ އެކު ވަގުތު ހޭދަކުރާނެ ގޮތްތަކެވެ.
“ކަމްއޯން…!” އެނދުން ތެދުވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގަހިނގާ ހުރެފައި ނާއިކް ކޮޓަރިން ނިކުތެވެ. ބަދިގެއަށް ވަދެ ފްރިޖް ހުޅުވާ ފިނިފެންފުޅިއެއް ނަގާ ފެންފޮދެއް ބޯލާފައި ނާއިކް ސިންކާ ކައިރިވެ ފެންފުޅި މޫނަށް އޮއްސާލީ ދަތްދޮޅި ދަށުން ގަޔަށް ފެންތައް ފައިބާ ވަރަށެވެ. ފިނި ވެގެން ގޮސް ތުރުތުރު އަޅާލި ނަމަވެސް ހިތުގައި ވި ޚިޔާލުތަކާ ދުރުވެލުމަށް އެ ފިނިކަން ނާއިކްއަށް އެހީއަކަށް ވިއެވެ.
ނާއިކް ކޮޓަރިއަށް ވަން އިރުވެސް އާލާ ފާހާނާއިން ނުނިކުމެއެވެ. ނަމަވެސް އޭރު މާގަނޑުން ފެން ފައިބާ އަޑެއް ނީވެއެވެ. ނާއިކް ދޮރުގައި ދެ ފަހަރަކު ޖަހާލިއެވެ.
“އާލާ… ދެން ނިކުމެބަލަ…” ނާއިކް ގޮވާލިއެވެ.
އިރުކޮޅެއް ފަހުން އާލާ ނިކުމެ ޖެހިލުންވެފައި ހުރެ އެނދުގައި އިން ނާއިކްއަށް ބަލާލިއެވެ.
“އާދޭ ދެން ނިދަން… ވަރަށް ލަސް ވެއްޖެ” ނާއިކް މަޑުމަޑުން ބުންޏެވެ.
ނާއިކް ގޮވާލުމުންވެސް އާލާއަށް ދުރުގައި ހުރެވުނީ ނާއިކް ހިތްހަމަނުޖެހިފައި ހުރެދާނެ ހެން ހީވާތީއެވެ.
“އުރާލައިގެން ގެނެސް އެނދަށް ލައިދޭން ވީތަ؟” ހިނިއައިސްފައި އާލާއަށް ބަލަން އިނދެ ނާއިކް އަހާލިއެވެ. އެއާއެކު އަވަސައަވަހަށް އައިސް އާލާ އެނދަށް އަރާ އޮށޯތެވެ.
“އާލާ، މިކޮޅަށް އެނބުރިލަބަލަ…” އެނދުގައި އޮށޯވެ އާލާއާ ދިމާއަށް އެބުރިފައި ނާއިކް އެދުނެވެ.
ދެކޮޅު ހަދަން ނުކެރިގެން އާލާ އެނބުރުނެވެ.
“އާލާ… ސޮރީ އެބައުޓް ޓުނައިޓް… އަހަރެން ވެއިޓް ކުރާނަން… އާލާ އޯކޭ ނުވަންޏާ އަހަރެން ދުރުގަ ހުންނާނަން… އަހަރެން ދެކެ ލަވް ރުޅި ނާންނައްޗޭ” ނާއިކް ވާހަކަ ދެއްކިއެވެ.
“ނާއިކް ރުޅިއެއް ނާދޭ؟” އާލާ އަހާލިއެވެ.
“މިބުނީނު އަހަރެން ވެއިޓް ކުރާނަމޭ” ހިތުގައިވި ޝަކުވާތަކާ ނުތަނަވަސްކަން ފޮރުވާލަމުން ނާއިކް ހިނިތުންވެލާފައި އާލާގެ އަތްތިލައިގައި ހިފާލިއެވެ.
“އައިމް ސޮރީ…” ނާއިކް ބޭނުންވާ ގޮތް އެނގޭ އިރު ހިތް ދެކޮޅު ހަދަމުން ދާތީ ދެރަވި ނަމަވެސް އާލާއަށް ބުނެވުނީ އެހެންނެވެ.
“އިޓްސް އޯކޭ… ދެން ނިދާލެވޭތޯ ބަލާ” ނާއިކް ބުންޏެވެ.
އާލާއަށް ވުރެ ކުރިން ލޯ މަރާލި ނަމަވެސް، ނާއިކްއަށް އެރޭ އެއްގޮތަކަށްވެސް ނުނިދުނެވެ. ފަތިސް ނަމާދަށް ބަންގި ގޮވި އަޑު އިވުމުން ތެދުވެ ފެންވަރައިގެން މިސްކިތަށް ދާން ނިކުތުމުގެ ކުރިން ނާއިކް އާލާއަށް ގޮވާލިއެވެ. އޮފީހަށް ދާން ވަންދެންވެސް އެއްވެސް ކަމެއް ނުވާހެން ކުރިއެކޭ އެއްގޮތަށް ނާއިކް އުޅުނެވެ. ނަމަވެސް އޮފީހަށް ވަދެވުމާއެކު ނާއިކްގެ މިޒާޖު ބަދަލުވިއެވެ. ކެބިންއަށް ވަން ގޮތަށް ފުރަތަމަވެސް ނާއިކްގެ ޕީއޭއަށް ގޮވާފައި އެ ދުވަހަށް ހަމަޖެހިފައި އޮތް ދެ ބައްދަލުވުން އެހެން ދުވަހަކަށް ފަސް ކުރުމަށް ބުންޏެވެ. އެގާރަ ޖަހަން ވީއިރު، އެ ދުވަހު ނާއިކްއާ ހަމައަށް އައި ކޮންމެ މީހަކަށް ނާއިކްގެ ރުޅިއާ ހިތްހަމަނުޖެހުން އަމާޒުވިއެވެ.
“ނާއިކް، ޓޫގަ އޮތް މީޓިންގް ފަހެއް ނުކުރެވުނު، އެ ކޮޅުން އަންނަ އެކަކަށް ދެން ޓައިމް ވާނީ ދެ ހަފްތާ ފަހުންނޯ” ނާއިކްގެ ޕީއޭ މިންހާލް ވަދެފައި ބުންޏެވެ.
ވިސްނާނުލާ އެ ވަގުތު ނާއިކްގެ ދުލުން ބުނެވުނީ އެހެން މީހަކަށް އަޑު އިވޭ ގޮތަށް ބުނަން ބޭނުންވި ބަހެއް ނޫނެވެ.
“ނާއިކް!” މިންހާލްއަށް ނާއިކްގެ ނަމުން ގޮވާލެވުނެވެ.
“އައިމް ސޮރީ!” މޫނުގައި ދެ އަތް އަޅާލަމުން ނާއިކް ބުންޏެވެ.
“މިއަދު އޮފީހަށް އައީއްސުރެ ޔޫ އާރ ނޮޓް ޔޯސެލްފް. މި ތަނަށް ނުވަދޭ ނާއިކް ރުޅި އައިސްގެން އެ މީހަކާ ދިމާލަށް އެއްޗެއް ނުބުނާ އެކަކުވެސް. ކޮބާ މައްސަލައަކީ؟ ބުނީމަ ދޯ އެނގޭނީ” ނާއިކްގެ މޭޒު ކުރިމަތީ ހުއްޓިލަމުން މިންހާލް އަހާލިއެވެ.
އެ އޮފީހުގެ އެހެން މުވައްޒަފަކަށް ނާއިކްއާ ވާހަކަ ދައްކަން ނުކެރޭނެ ގޮތަކަށް މިންހާލްގެ ވާހަކަ ހުރުމުން ނާއިކް މޫނުން އަތް ނަގާ ބަލާލިއެވެ.
“ތިހެން އަހަންނާ ސުވާލު ކުރާކަށް ނުކެރޭނެ މިންހާލް ނޫން އެހެން އެކަކަށްވެސް” ނާއިކް ބުނެލިއެވެ.
“މި ވަގުތު މިތާ ހުރީ އަހަރެން ކަން އެއީވެސް ނަސީބެއް” މިންހާލް ބުންޏެވެ.
ނާއިކް އެއްޗެއް ނުބުނެ ލޯ މަރާލަމުން ގޮނޑީގައި ލެނގިލިއެވެ.
“އަހަރެން…” ނާއިކް ބުނަން ބޭނުންވި ނަމަވެސް ފަސް ޖެހުނެވެ.
“ވަޓްސް ރޯންގް؟ ބުނެބަލަ، އޭރުން ފަހަރެއްގަ އަހަންނަށް ހެލްޕްއެއްވެސް ވެވިދާނެއެއްނު؟” މޭޒު ކައިރީ ހުރި ގޮނޑީގައި މިންހާލް އިށީނެވެ.
މި ކުރެވެނީ ރަނގަޅު ކަމެއް ބާއޭ ހިތުގައި ސުވާލު އުފެދުނު ނަމަވެސް، ހިތުގައި ވި ޝަކުވާ ނާއިކް ފުރަތަމަ ފަހަރަށް އެހެން މީހަކާ ހިއްސާ ކުރިއެވެ. ނާއިކްގެ އެންމެ ގާތް އެކުވެރިޔާ ޖައިލަމްއަށްވެސް ކިޔާނުދެވުނު ވާހަކަތައް މިންހާލްއަށް ކިޔާދިނެވެ. އެހެން ވިޔަސް ދެމަފިރިންގެ ދޭތެރޭ ހިނގި ހުރިހާ ކަމެއް މިންހާލްއަށް ނާއިކް ކިޔައެއް ނުދެއެވެ.
“ސޯ… އާލާ ދެކެ ރުޅި އައިސްގެން ހުރެތަ އޮފީހަށް ތިއައީ؟ ކަމެއް ވީތަ؟” މިންހާލް އަހާލިއެވެ.
“ނޫން… އަހަރެން އަންޑަސްޓޭންޑް ވޭ އާލާއަށް ކުރިއަށް ދާން ޓައިމް ބޭނުން ވާނެކަން… އެހާ ދުވަހު ޓްރައި ކޮށްގެން ޕްރެގްނަންޓް ވެފަ މިހެން ވީމަ ދެރަވާނެ، ހަނދާން ނައްތާލާކަށް ފަސޭހައެއް ނުވާނެ… އެކަމަކު… ބޭބީ ގެއްލުނީ އާލާއަށް އެކަންޏެއް ނޫން… އެއީ އަހަރެންގެވެސް ބޭބީ، އަހަރެންވެސް އެ ބޭބީއަށް ވަރަށް އިންތިޒާރު ކުރިން. އެކަމަކު އެކަކުވެސް އެކަން ހަނދާނެއް ނުހުރޭ.
އެންމެންނަށްވެސް ހީވަނީ އާލާ އެކަންޏޭ ދެރަ ވާނީ، އާލާ އެކަންޏޭ ބޭބީ މިސް ވާނީ… އެކަމަކު އަހަރެންވެސް ދެރަވޭ. އެހެން ނުވި ނަމައޭ ހިތަށް އަރާ. އައި ނޯ އާލާއަށް ކުރެވޭ އިހުސާސް ތަފާތު ވާނެކަން، އާލާ ސަފަރ ކުރާ ވަރާ ގާތަށްވެސް އަހަންނަށް ނުކުރެވޭ ކަން… އެކަމަކު އެއީ ނުވާ ކަމަކަށް ނުހެދޭނެ. ކިތަންމެ އުނދަގުލަސް ހަނދާން ނައްތާލަން މަސައްކަތް ކުރުމަކީ ގޯހެއްތަ؟ އެ ހަނދާންތަކާ ދުރުވެ އަލުން ދިރިއުޅުމާ ކުރިމަތި ލައިގެން ކުރިއަށް ދިޔުމެއް ނޫންތަ ރަނގަޅީ؟ އަހަރެން އާލާއަށް ހެލްޕް ވާން ކޮންމެ ކަމެއްވެސް ކޮށްދޭން ރެޑީއަށް މިހިރީ، ހަމަ އެހެން އަހަރެންވެސް ބޭނުން އާލާގެ ހެލްޕް….”
މީހެއް ގާތު ފާޅު ކުރާނެ ފުރުޞަތެއް ނުލިބި ހިތުގައި ފުނި ޖެހެމުން ދިޔަ ޝަކުވާތައް ނާއިކްގެ ދުލުން ބޭރުވަމުން ދިޔަ އިރު، އެ ޝަކުވާތައް އަޑު އިއްވުނީ އެންމެ ރަނގަޅު ފަރާތަށް ނުވެދާނެޔޭ އެއް ފަހަރުވެސް ނާއިކްގެ ހިތަކަށް ނާރައެވެ. އެއަށް ވުރެ ނާއިކް ހުރީ އެ ވާހަކަތައް އަޑުއަހާނެ ފަރާތަކަށް ބޭނުންވެފައެވެ.
ނާއިކް ވާހަކަ ދެއްކުން ހުއްޓާލުމުން ކެބިން ތެރެއަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. ނާއިކް ލޯ ހުޅުވާލުމާއެކު ލޮލުގައި ގިނަވެފައި ހުރި ކަރުނަ ހިންދާލަން މަސައްކަތް ކުރަމުން މޭޒުމަތީ ހުރި ޓިޝޫ ފޮށިން ދެތިން ޓިޝޫ ނަގާ ލޮލުގެ ކައިރީގައި ޖައްސާލިއެވެ.
އެ ވާހަކަތައް އަޑު އަހާފައި ނާއިކްއާ މެދު ހިތުގައި ހަމަދަރުދީ އުފެދި، މިންހާލް އެ ވަގުތު ގޮނޑިން ތެދުވެގެން ގޮސް ނާއިކްގެ ގޮނޑީގެ ފަހަތުގައި ހުއްޓި ދެ އަތުން ނާއިކްގެ ކޮނޑާ ކަނދުރާ މަސާޖް ކޮށްދޭން ފެށިއެވެ. ނާއިކް ސިހިފައި ދުރަށް ޖެހިލަން އުޅުނެވެ.
“ސްޓޭ!” މިންހާލް ދެ އަތުން ނާއިކްގެ ކޮނޑުގައި ބާރަށް ހިފާލިއެވެ.
އިތުރަށް ދެކޮޅު ނުހަދާ ނާއިކް ކުރިން އިން ހެން ގޮނޑީގައި ލެނގިލިއެވެ. އޭގެ ކުރިން ފާހަގަ ކުރެވިފައި ނުވާ ވަރުބަލިކަމެއް ހަށިގަނޑުގައި ހުރި ކަން ނާއިކްއަށް އިހުސާސްވީ އެ މަސާޖުން ސިކުނޑިއަށާ ހަށިގަނޑަށް ލުއިވާން ފެށުމުންނެވެ. މިންހާލް ކުރަން ބޭނުން ކަމެއް ކުރަން ދޫކޮށްލައިގެން ލޯމަރާލައިގެން އިން އިރު އެ ވަގުތުވެސް ނާއިކްގެ ހިތުގައި ވީ އާލާއެވެ.
ނާއިކްގެ ވާހަކަތަކުން މިންހާލްގެ ހިތަށް ތަދުވެލިއެވެ. އާލާއަށް ކަންތައް ދިމާވި ގޮތުން އެންމެން އާލާއާ މެދު ކަންބޮޑުވެ ހާސްވަމުން ދިޔައިރު، އެކަކުވެސް ނާއިކްއާ މެދު ވިސްނާނުލީ ކީއްވެ ބާއޭ މިންހާލްގެ ހިތަށް އެރިއެވެ. އެ ދެމެދުގައި ކުރިން އޮތް ގުޅުން ނެތް ނަމަވެސް އަދިވެސް ނާއިކްއާ މެދު މިންހާލްގެ ހިތުގައި ކޮންމެވެސް އިހުސާސްތަކެއް ވިއެވެ. ނާއިކްއާ މެދު ކަންބޮޑުވެ ވިސްނޭ ސަބަބަކީ އެއީއެވެ.
ނާއިކްއާ މިންހާލް ދިމާވީ އޭގެ ބާރަ ވަރަކަށް އަހަރު ކުރިންނެވެ. ނާއިކްގެ ޙަޔާތަށް ފުރަތަމަ އައީ މިންހާލްއަށް ނުވިޔަސް މިންހާލްގެ ޙަޔާތަށް ލޯބީގެ ގޮތުން ފުރަތަމަ އައި ފިރިހެނަކީ ނާއިކްއެވެ. ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ނޫޅުނު ނަމަވެސް މިންހާލްގެ ހިތުގައި ނާއިކްއަށް ޚާއްސަ ކަމެއް ދެވިފައި ވަނީ އެހެންވެއެވެ.
އޭގެ ފަހުން މިންހާލް ކައިވެނި ކޮށް ދެ ކުދިން ލިބުނު ފަހުން ދެމަފިރިން ވަނީ ވަކިވެފައެވެ. ކުދިން ގޮވައިގެން އެކަނި އުޅެން ޖެހުމުން އަލުން ވަޒީފާއަކަށް ކުރިމަތި ލާ، އޮފީހަށް ނިކުންނަން ފެށި އިރު އެފަދަ ގޮތަކަށް ނާއިކްއާ ދިމާވެދާނެ ކަމަކަށް މިންހާލް ހިތަކަށްވެސް ނާރައެވެ. ދެ އަހަރު ކުރިން ނާއިކްގެ ޕީއޭއަކަށް މިންހާލް ނެގީ ނާއިކްގެ ބައްޕަ އަމީންއެވެ.
މިންހާލްއާ ދިމާ ވުމުން، ކުރީގެ ރަޙުމަތްތެރިއެއް ފަދައިން މިންހާލްއަށް ނާއިކް މަރުހަބާ ކިއެވެ. ނާއިކްގެ ދަށުން މަސައްކަތް ކުރަން މިންހާލްއަށް އުނދަގުލެއް ނޫނެވެ. މިންހާލްއަކީ މަސައްކަތަށް ފަރުވާތެރި ގާބިލް އަންހެން ކުއްޖެއް ކަން ނާއިކްއަށް އެގުމުން ނާއިކްއަށްވެސް އޮފީހުގެ މަސައްކަތްތައް ފަސޭހަވެގެން ދިޔައެވެ. އެ ދެމެދުގައި ކުރިން ގުޅުމެއް އޮތް ކަމެއް އަމީންއަށް، އަދި އޮފީހުގެ އެހެން މުވައްޒަފަކަށްވެސް ނޭނގެއެވެ.
“އާރ ޔޫ އޯކޭ؟” ނާއިކްގެ ނިތްކުރީގައި ފިރުމާލަމުން މިންހާލް އަހާލިއެވެ.
“އައިމް އޯކޭ… ތެންކްޔޫ!” ލޯ ހުޅުވާލަމުން ނާއިކް މިންހާލްއަށް ބަލާލާފައި ބުންޏެވެ.
“ހެޕީ ޓު ހެލްޕް” ހީލަމުން އެހެން ބުނެފައި މިންހާލް ކެބިންއިން ނިކުތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.








Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Mi part kiyaafa hiy kudhi kudhi vejje
Aala and naaik dhuru nukurachey
They both are made for each other
Yaish and nau ves gulhuvachey
Aala ah vaa gothun v dheravey
Naaik and Aaala be patience
Naaik is the best husband he deserves to be better
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you maash ❤️😍
thank you cutie, Naaik is a good man, but sometimes things happen dho, hinga vaa gotheh balamaa
Dhnn keeive thr aala ah abadhu dhera vanyy 😭😭😭
Aaala aa naaik aa dhurunukurahcheyy 😭😭😭e minhaal gandu dhn naaik aa aala aa dhemedhah vannaany balahcheyy 🤬
Mi part vx vrh vrh reethi
evves myhakah abadhu dhera gotheh nuvaane, InShaAllah adhi Aala ah happy dhuvaheh annaane, lets see dho
Oh my gosh, I thought minhaal was a boy🤧. They should think about naaik too that’s also true that he also lost his baby Ekm Aala ah Maa effect vaane dhw. I’m not saying that naaik vx vrh dera vaane Evarah wait kohfa dhw. Ekm naaik should control his self and Aala ah hiyvaru dheyn dhw. Don’t let minhaal ruin their relationship
Naaik kihineh tho hadhany balama dho, 2 myhunves visnan vaane, Naaik bodah visnan vaane Aala aa medhu dho
If u are going to let Naaik cheat on Aala and then please let Aala leave the relationship so that she finds a better life partner without a toxic grandma.Aala deserves to be happy after all the pain she’s been through 😊 but the plot is ur choice m saying how I feel.vrh reethi story eh unique plotting🥰
lets see whether Naaik stays faithful to Aala, loabi vanya betray nukuraane dho
oh no! huriha comments ah reply kurevuny login nuve, Hehe. Marsha inge reply koffa e hury
Marsha…
Next part kn irakun thw.?
Mi bai vx varah varah reethi