ލޯބިން ބަލާލީމާ 10
“ނައުރީންއާ ހެދި އަހަރެން ޒުހާ ވަރި ކުރާނެ ނަމަ އެކަން ކުރިތާ މިހާރު ކޮން ދުވަހެއް؟ ޒުހާ ވަރި ނުކުރިޔަސް ނައުރީން އިންނަން ހުރިއްޔާ އަހަރެން އޭނަޔާ އިންނާނަން” ޔައީޝް ބުނެލިއެވެ.
ޔައީޝް އެހެން ބުނުމާ އެކު ރުޅި ގަދަވެގެން ޒުހާ އައިސް ޔައީޝްގެ މޭގައި ދެއަތް އަޅާ ކޮއްޕާލިއެވެ. ފަހަތަށް ދިޔަ ޔައީޝް އިތުރަށް ކޮޓަރީގައި މަޑުނުކޮށް ނިކުމެގެން ދިޔައީއެވެ.
ފަތިސް ނަމާދަށް ގޮވި އިރުވެސް ޔައީޝް އިނީ އެ އިމާރާތުގެ ޓެރެސްގައި ހުރި ގޮނޑިއެއްގައެވެ. ބަންގީގެ އަޑު އިވުމުން ތެދުވެގެން ސިޑިން ފައިބައިގެން އެޕާޓްމެންޓަށް ވަނެވެ. ކޮޓަރިއަށް ވަން އިރު އެނދުގައި ޒުހާ އޮތެވެ. ފެންވަރައިގެން ޔައީޝް ދިޔައީ މިސްކިތަށެވެ.
ދެ ދުވަސް ވީ އިރު ޒުހާއާ ޔައީޝް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ޔައީޝް ނިދާކަށް ކޮޓަރިއަކަށް ނުވަދެއެވެ. ހެނދުނު އޮފީހަށް ދާގޮތަށް ޔައީޝް ގެއަށް އަންނަނީ އިރުއޮއްސެން ކައިރި ވާ ފަހުންނެވެ. ދެން ފެންވަރައިގެން މިސްކިތަށް ދާ މީހާ އަންނަނީ ޢިޝާ ނަމާދު ކޮށްގެންނެވެ. ނޫމާމެން ނިދަން ވަންނަން ދެން ޔައީޝް އިންނަނީ ޓެރެސްގައެވެ. ސިޓިންގްރޫމް ސޯފާގައި ނިދަން އޮށޯންނަނީ ގޭ އެންމެން ނިދާ ފަހުންނެވެ. ޔައީޝް އައިސް ވަންނަ އިރަށް ޒުހާ ކޮޓަރިން ނިކުމެއެވެ. ހީވީ ޔައީޝްއެކޭ އެއްގޮތަށް ޒުހާވެސް ޔައީޝްއަށް ފިލަން އުޅޭ ހެންނެވެ.
ތިން ވަނަ ދުވަހު ޔައީޝް ގެއަށް އައިސް ނިދަން އޮށޯތް އިރުވެސް ޒުހާ ގެއަކު ނެތެވެ. ގުޅައިގެން ޒުހާ ވީ ތަނެއް ބަލާކަށް ޔައީޝް ނޫޅެއެވެ. ނަމަވެސް އަނެއްރޭވެސް ޒުހާ ގެއަށް ނައުމުން ކަންބޮޑު ވީ ނޫމާއެވެ. ޔައީޝް ޒުހާއަށް ގުޅީ ނޫމާ ކިޔާ ވަރުންނެވެ.
ޔައީޝް ގުޅުމުން ފޯން ނުނަގާ، މަންމަ ގޭގައި ހުރި ކަމަށް ބުނެ ޒުހާ ކޮށްލީ މެސެޖެކެވެ. ހަފްތާއެއް ވީ ފަހުން ޒުހާ ގެއަށް އައީ ނޫމާ ގުޅާފައި ބުނުމުންނެވެ.
“އަދިވެސް ތި ކަންތައް ނިންމާކަށް ނުވޭތަ؟” ޔައީޝްއާ ޒުހާ ސިޓިންރޫމްގައި ބައިތިއްބައިގެން ނޫމާ އެ ދެ މީހުންނާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.
“މި ގޭގަ ހުންނާކަށް ބޭނުމެއް ނޫން” ޒުހާ މަޑުމަޑުން ބުންޏެވެ.
“ޒުހާ ބޭނުން ވިޔަކަސް މި ގެއަކުން އަދި ނުދެވޭނެ، އަމިއްލައަށް ތި ނިންމުމެއް ނުނިންމޭނެ، ތީ ޔައީޝްގެ އަންހެނުން. ދެ ކުދިން ވާހަކަ ދައްކަބަލަ” ނޫމާ ބުންޏެވެ.
“ޔައީޝް ކައިރީ އަހާބަލަ އަހަރެން މީ އަނތްބެއް ކަމަށް ދެކެންތޯ” އިސްޖަހައިގެން އިނދެ ވާހަކަ ދެއްކި އިރު ޒުހާގެ އަޑު މަޑެވެ. ކުރިން ނުވާ މަޑުމައިތިރިކަމެއް ޒުހާގެ ފުށުން ފެނުނެވެ.
“އިނދެގެން ހުރިއްޔާ އަނތްބެއް ނޫން ކަމަށް ވާނެތަ؟” ހިތާ ދެކޮޅަށް ބުނާހެން ޔައީޝް ބުނެލިއެވެ.
“ޔައީޝް! ވާހަކަ ދައްކާނީ ތިހެންނެއް ނޫން. އަނެއްކާ ޒުވާބު ކުރާކަށް ނޫން ޒުހާ ގެނައީކީ. ޔައީޝްވެސް ތި ރުޅި މަޑުކުރަން ވެއްޖެ މިހާރު. ޒުހާ ރުޅި އައީ ޔައީޝް ކަންތައް ކުރި ގޮތުން، ޒުހާ ނޫނަސް ކޮންމެ އަންހެނަކުވެސް ފިރިމީހާ އެކަހަލަ ކަމެއް ކުރީމަ ރުޅި އަންނާނެ. ޔައީޝްއަށް ވިސްނިގެން ތި ކަމެއް ހުއްޓާލިޔަސް ޔައީޝްއަށް މާފު ކުރަން ފަސޭހަ ކަމަކަށް ޒުހާއަކަށް ނުވާނެ. ޒުހާއަކީ ކޮންމެ ކަހަލަ އަނތްބަކަށް ވިޔަސް އެއީކީ ނޫން ޔައީޝް ކަންތައް ކުރަންވީ ގޮތަކީ. ވީ ކަންތަކަށް ޒުހާ އެކަންޏެއް ނޫން މާފަށް އެދެންވީ. ދެ މީހުންވެސް ރުޅި މަޑުކޮށްފަ ވާހަކަ ދައްކަބަލަ” ނޫމާއަށް ބުނެވުނީ ދެ މީހުންނާ މެދުވެސް ނުރުހުންވެފައި އިނދެއެވެ. ދެ މީހުން އެކަނި ވާހަކަ ދައްކަން ފުރުސަތު ދީފައި ނޫމާ ކޮޓަރިއަށް ވަނެވެ.
“ސޮރީ!” އެކަކުވެސް ވާހަކަ ދައްކަން ބޭނުން ނުވެ ތިބެފައި ޒުހާ އިސްވެ ފެށިއެވެ.
ޔައީޝް ޒުހާއާ ދިމާއަށް ބަލާލިއެވެ. ނަމަވެސް އެއްޗެއް ނުބުންޏެވެ.
“އަހަންނަށް މިހާރު ގަބޫލު ކުރެވޭ އަހަރެންގެ ކުށުން ކަން މި ހިސާބަށް އަންނަން ޖެހުނީ. ޔައީޝްއަށް ވުރެ އެހެން ހުރިހާ ކަމަކަށް އިސްކަން ދެވުނީ އޭރު ނުވިސްނޭތީ. އެހެން ވިޔަސް ޔައީޝްވެސް ކުރީ ކޮށްގެން ނުވާނެ ކަމެއް. ކޮންމެ ގޮތެއް ވިޔަސް މިހާރު އެނގޭ އަހަރުމެން ދެ މީހުންނަށް ދެން އެކީގައެއް ނޫޅެވޭނެ ކަން… އެހެންވެ… އަހަރެން ބޭނުމީ… ވަރިވާން” ފަހު ބަސްތައް ޒުހާ ބުނެލީ ލަސްލަހުންނެވެ.
ދެންވެސް ޔައީޝް އެއްޗެއް ނުބުނެއެވެ.
“އަދިވެސް އެއްޗެއް ނުބުނާނަންތަ؟” ޒުހާ އަހާލިއެވެ.
“ކީކޭ އަހަރެން ބުނަންވީ؟ މާފަށް އެދެންވީތަ؟” ޔައީޝްވެސް ކޮށްލީ ސުވާލެކެވެ.
“ޔައީޝް ކުރީ ކުށެއް ކަމަށް ގަބޫލު ނުކުރެވެންޏާ މާފަށް އެދޭށޭ ކިޔާފަ ބޭކާރު ބަސްތަކެއް އަނގައިން ބޭރުކުރާނެ ކަމެއް ނެތް” ޒުހާ ބުންޏެވެ.
“އައިމް ސޮރީ!” އެއްޗެއް ނުބުނާނެހެން ހީވާހާ އިރު ކޮށްފައި ޔައީޝް ބުންޏެވެ.
“ބުނީމެއްނު އަހަރެން އިސްވެ އެދިގެން ނޫނިއްޔާ ވަރިއެއް ނުކުރާނަމޭ؟ އެ ފުރުސަތު މި ދިނީ” ޒުހާ ހަނދާން ކޮށްދިނެވެ.
ޔައީޝް އިސް އުފުލާ ޒުހާއާ ދިމާއަށް ބަލާލިއެވެ.
ނޫމާ ނިކުތް އިރު ޔައީޝް ގެއަކު ނެތެވެ. ކޮޓަރީގައި ޒުހާ އުޅުނީ އޭނަގެ އެއްޗެހިތައް ފޮއްޓަށް އަޅާށެވެ.
“ޒުހާ” ނޫމާ ގޮވާލިއެވެ.
“ދާން މި އުޅެނީ މަންމާ” ނޫމާއާ ދިމާއަށް އެނބުރެމުން ޒުހާ ބުނެލީ ހިނިތުން ވެލަމުންނެވެ. އިތުރު ސުވާލެއް ނުކޮށް ނޫމާއަށް ވިސްނުނެވެ.
ކުޅިވަރު ހަލްފާއަށް ފަހު ނައުރީން މާލޭގައި ހުރީ ހަފްތާއެއް ވަންދެނެވެ. ދެން ރާއްޖެ ދޫކޮށް ދިޔައީ ކިޔެވުމުގެ ބަހަނާގައެވެ. ޔައީޝްގެ ދިރިއުޅުމުގައި ކަންތައް ވީ ގޮތެއް ނައުރީންއަކަށް ނޭނގެއެވެ. ބަލާކަށް ނައުރީން ނުވެސް އުޅެއެވެ.
ނަމަވެސް ނައުރީން ރާއްޖެއިން ބޭރަށް ދިޔަކަން ޔައީޝްއަށް އެނގެއެވެ. ޔައީޝް އަމިއްލައަށް ބާސިމްއަށް ގުޅީ ނައުރީންއާ ގުޅަން މަސައްކަތްކޮށް ކާމިޔާބު ނުވެގެންނެވެ. ނައުރީން ދިޔަކަން އެނގުމުން އޭގެ ފަހުން ޔައީޝްވެސް ނައުރީންއާ ގުޅާކަށް އިތުރަކަށް މަސައްކަތެއް ނުކުރެއެވެ.
“ސޯ… ދެޓްސް ޔައީޝް!” ނައުރީންގެ ކޮޓަރިއަށް ވަދެ އެނދުމަތީ އިށީނދެފައި އާލާ ބުންޏެވެ.
ޝޯލްއަށް ޖަހާފައި ހުރި ޕިންތައް ނައްޓަން ހުރި ނައުރީން ލޯގަނޑުން އާލާއަށް ބަލާލިއެވެ.
“އެކޮޅަށް ދިޔަ ފަހުން އަދިތަ ތި ފެނުނީ؟” އާލާ އަހާލިއެވެ.
“ހްމްމް… އެ ގަރލް އެއީ އޭނަގެ ވައިފްއެއް ނޫން. ކާކުބާ އެއީ؟ ދެން އިން މީހާއާ އެކީ ގޮސް އިން ކުއްޖެއްތަ؟ ނޫނީ…” ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކޮށް ނައުރީން ހުއްޓާލިއެވެ.
“ވެދާނެއެއްނު ފެމިލީ ކަމަށްވެސް” އާލާއަށް ހީވާ ގޮތް ބުންޏެވެ.
“ވެދާނެ. އޭނަގެ ވައިފް ނޫން މީހަކު އަހަންނަކަށް ނޭނގެ. ފެމިލީއެއް އެހެން އެއްޗެއްވެސް ނޭނގެ…” ކޮނޑު އަރުވާލަމުން އެހެން ބުނެފައި ނައުރީން އައިސް އެނދުގެ ބިއްދަށަށް އަރާ އިށީނެވެ.
“ހޯދަން ވީނު؟” އާލާ ޚިޔާލެއް ދިނެވެ.
“ނޯ!” ނައުރީން ވަގުތުން ދެކޮޅު ހެދިއެވެ.
އާލާ އެއްޗެއް ނުބުނެ އިރުކޮޅަކު ނައުރީންއަށް ބަލަން އިނެވެ.
“ހާލު ބަލާލަން ގުޅާލެވިދާނެއެއްނު؟” އާލާ ބުނެލިއެވެ.
“ނޫން… އަހަރެންގެ ލައިފްއިން އެ ޗެޕްޓަރ ނިމިއްޖެ މިހާރު. ދެން އަލުން އެ ވާހަކަ ދައްކާނެ ކަމެއް ނެތް. އެހެން ނޫނަސް އަހަރެންގެ ވާހަކަ ދައްކާކަށް ނޫން ދޯ އާލް މިރޭ އައީކީ” ހިތަށް އުނދަގޫ ކުރަމުން ދިޔަ ޚިޔާލުތައް ފޮހެލަން މަސައްކަތް ކުރަމުން ނައުރީން އެކުވެރިޔާއާ ދިމާއަށް އެނބުރުނެވެ.
ބާރަ ޖަހަން ދެން އެކި އެކި ވާހަކައިގައި ތިބެފައި އެހެން ދުވަހަކުން އާލާމެން ގެއަށް އައުމަށް ނައުރީންއަށް ދައުވަތު ދީފައި އާލާ ދިޔައީ ނާއިކް ބަލާ އައުމުންނެވެ.
ނިދަން ތައްޔާރު ވެގެން ނައުރީން އެނދަށް އަރާ ސައިޑް ޓޭބަލް މަތީ އޮތް ފޯން ނެގީ ސައިލެންޓަށް ލާށެވެ. ވައިބަރ އިން މެސެޖެއް އައިސްފައި އިނުމުން ނައުރީން މެސެޖް ހުޅުވާލިއެވެ.
“ހައު އާރ ޔޫ؟” ހަމަ އެކަނި އެހެން އަހާލާފައި ޔައީޝް ފޮނުވާފައި އިން މެސެޖް ކިޔާލާފައި ނައުރީންއަށް މޭގައި ފޯން ޖައްސާލެވުނެވެ.
“ޕްލީޒް ޑޯންޓް” ހަމައެކަނި އެހެން ޖަހާލާފައި ނައުރީން މެސެޖް ފޮނުވާލިއެވެ.
ސްކްރީންގެ ތިރިއަށް ބަލާލުމުން އެކޮޅުން މެސެޖް ލިޔާ ކަން އެނގި ނައުރީން ފޯނަށް ބަލަން އިނެވެ. އިރުކޮޅަކުން އައި މެސެޖްގައި އޮތީ “ސޮރީ” އެ ބަހެވެ. އެ މެސެޖަށް ޖަވާބެއް ނުދީ ފޯން ދުރުގައި ބާއްވާފައި ނައުރީން އެނދުގައި އޮށޯވެ ލޯ މަރާލިއެވެ. ނަމަވެސް ނައުރީންއަށް ނިދުނީ ފަތިސް ވާން ކައިރިވެފައި ހުއްޓައެވެ.
އޮފީހުގައި ބުރަކޮށް އުޅުނު ނާއިކްއަށް ފޯން ބަލާލެވުނީ މެންދުރު ވާން އުޅެނިކޮށެވެ. ހެނދުނު އަށްގަޑި ބައިން ފެށިގެން ވިދިވިދިގެން އޮތް ދެ ބައްދަލުވުން ނިންމާފައި ނާއިކްއަށް ވަގުތެއް ވީ ބާރަ ޖަހަން އުޅެނިކޮށެވެ. ފޯން ބަލާލެވުނު އިރު އާލާގެ ތިން ކޯލް މިސްވެފައި އިނެވެ. އެންމެ ފަހު ކޯލް އައިސްފައި އިނީ ދިހަ މިނަޓް ކުރިންނެވެ. ނާއިކް ގުޅަން އުޅެނިކޮށް އާލާގެ މެސެޖެއް އައެވެ. މެސެޖް ކިޔާލި ގޮތަށް ނާއިކް އަވަސްއަވަހަށް އާލާއަށް ގުޅިއެވެ.
“އާ ޔޫ އޯކޭ؟” ފުރަތަމަ ރިންގާއެކު އާލާ ފޯން ނެގުމުން ނާއިކް އެހިއެވެ.
“އާދެވިދާނެތަ؟” ބަލި އަޑަކުން އަލާ އެދުނެވެ.
“މި ދަނީ” ފޯން ކަނޑާލާފައި ނާއިކް ކެބިންއަށް ވަދެ ސައިކަލު ތަޅުދަނޑި ހިފައިގެން ނިކުތް އިރު ހިތުގައި އާލާއާ މެދު އިންތިހާއަށް ކަންބޮޑުވުން ވިއެވެ. ހަތަރު ދުވަސް ކުރިން އާލާ ހުން އައިސް ހޮޑުލާން ފެށި ގޮތަށް ކިރިޔާވެސް ރަނގަޅު ވެލީ އިއްޔެއެވެ. ތިން ދުވަހު އޮފީހަށް ނައިސް ހުރެފައި ނާއިކް އޮފީހަށް އައީ އެ ދުވަހުއެވެ. އެހާ ބުރަކޮށް އުޅެން ޖެހުނީވެސް އެހެން ވެއެވެ.
އެ ދުވަހު ހެދުނު އާލާގެ ޙާލު ކުރިއަށް ވުރެ ރަނގަޅެވެ. އަމިއްލައަށް ތެދުވެ އުޅެވެއެވެ. ނާއިކް އޮފީހަށް ދިޔައީވެސް އާލާ އަމިއްލައަށް ބުނުމުންނެވެ. ހެނދުނު އާލާ ތެދުވެ ދެ މީހުންނަށް ސައިވެސް ހެދިއެވެ. އެހެން ނަމަވެސް ދެންމެ އާލާ ގުޅި އިރު އަޑުން އާލާ ރަނގަޅު ނޫން ކަން ނާއިކްއަށް ޔަގީންވިއެވެ.
ނާއިކްއަށް އާދެވުނު އިރު ފާހާނާއިން އާލާ އޯކަށް ދެމޭ އަޑު އިވެއެވެ. ނާއިކް ވަދެ އާލާ ގައިގައި ހިފަހައްޓާލިއެވެ.
“ނިމުނީތަ؟” ސިންކާ ދުރަށް ޖަހިލާ ނާއިކްގެ ގައިގައި އާލާ ލައްވެލުމުން ނާއިކް އަހާލިއެވެ.
އާލާ ބޯ ޖަހާލުމުން ނާއިކް އާލާގެ މޫނުގައި ފެންފޮދެއް ހާކާލާފައި އާލާ ގެނެސް އެނދުގައި ބޭންދިއެވެ. ބަދިގެއަށް ވަދެ ކަޅުސައި ތައްޓެއް ގިރައިގެން ގެނެސް އާލާއަށް ދޭން މަސައްކަތް ކުރިއެވެ.
“އަނެއްކާ ޑޮކްޓަރަށް ދާންވީ ދޯ؟” އާލާ އެނދުގައި އޮށޯތުމުން ނާއިކް އަހާލިއެވެ.
“އަހަރެން ހީކުރީ ރަނގަޅު ވީ ކަމަށް. އެކަމަކު ނާއިކް ދިޔަ ފަހުން އަނެއްކާ ސްޓާޓް ވެއްޖެ” ވަރުބަލިކަމާ އެކު އާލާ ބުންޏެވެ.
ނާއިކް އާލާ ގޮވައިގެން ކްލިނިކަށް ދިޔައެވެ. ކުރިން ޓެސްޓެއް ނުހަދާ ހަމަ އެކަނި ބޭސް ދިން ނަމަވެސް، އެ ފަހަރު ޓެސްޓްތައް ހަދަން ޖެހުނެވެ. އޭގެ އިތުރުން ޑޮކްޓަރ ކުރަމުން ދިޔަ ސުވާލުތަކުން ނާއިކްއާ އާލާ ހައިރާންވިއެވެ.
“އާލާ…” ކްލިނިކުން ނިކުމެ ގެއަށް ދާން ޓެކްސީއަކަށް އަރާފައި ނާއިކް ގޮވާލިއެވެ.
“ނާއިކް ޕްލީޒް… ތި ސުވާލު ނުކުރާތި!” ނާއިކްގެ ހިތުގައި އޮތީ ކީކޭ ކަން އާލާއަށް އެނގޭ ކަހަލައެވެ. ކުޑަވެސް އުންމީދެއް ހިތުގައި ވާކަށް އާލާ ބޭނުމެއް ނޫނެވެ.
ނާއިކް އިތުރަށް އެކަމާ އެއްޗެއް ނުބުންޏެވެ. ގެއަށް ގޮސް އޮށޯތުމުން އާލާއަށް ނިދުނީ ޖެހި އިންޖެކްޝަންގެ ސަބަބުންނެވެ.
އެރޭ ރިޕޯޓް ބަލާ ދިޔައީ ނާއިކްއެވެ. އަތަށް އެ ސިޓީ އުރަ ލިބުމާއެކު ނާއިކްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ޑޮކްޓަރ ކުރި ސުވާލުތައް ހަނދާން ވިއެވެ. ނަމަވެސް އެ ރިޕޯޓް ބަލާނެ ހިތްވަރެއް ނާއިކްގެ ކިބައިގައި ނެތެވެ.
ގެއަށް އައި އިރު އާލާ ސިޓިންގްރޫމް ސޯފާގައި އިނެވެ. އާލާ ކައިރީ އިށީނދެފައި ނާއިކް ސިޓީ އުރަ އާލާއަށް ދިއްކޮށްލިއެވެ.
ނާއިކްއާ ދިމާއަށް ނުބަލާ އިނދެ އާލާ ރިޕޯޓް ނަގާ ހުޅުވާލިއެވެ. އޭގައި އޮތް ތިން ކަރުދާސް ދެ ފަހަރަށް ބަލާފައިވެސް އިނީއެވެ.
“އާލާ…؟” ނާއިކް ގޮވާލީ އާލާ އެއްޗެއް ނުބުނެ އިނުމުންނެވެ.
ނާއިކް ގޮވާލުމާއެކު އާލާ ރޮމުން ނާއިކް ގައިގައި ބައްދާލިއެވެ. ވީ ގޮތް ނާއިކްއަށް ވިސްނުނެވެ. އާލާ ފަދައިން ބާރަށް ނުރުއި ނަމަވެސް ނާއިކްގެ ލޮލުންވެސް ކަރުނަ އައެވެ. ހީވި ގޮތް ޔަގީން ކުރަން ބޭނުންވެ ނާއިކް ރިޕޯޓް ބަލާލިއެވެ. އެއާއެކު ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު ކުރަމުން ނާއިކް ކުރިއަށް ވުރެ ބޮޑަށް އާލާ މެއާލާ ފިއްތާލިއެވެ.
“ނާއިކް… ފަސް އަހަރު ފަހުން… އެންމެ ފަހުން އަހަރެން މަންމައަކަށް ވަނީ… ނާއިކް ބައްޕައަކަށް ވަނީ…” ނާއިކްއާ ދުރަށް ޖެހިލާ އަދިވެސް ރޮމުން އާލާ ވާހަކަ ދެއްކިއެވެ.
އާލާގެ މޫނުގައި ދެ އަތުން ހިފާލަމުން ނާއިކް ބޯ ޖަހާލިއެވެ.
އޭގެ ފަހުން އާލާ މުޅިން ބަދަލުވިއެވެ. ހޮޑުލެވިލެވި ވަރުބަލި ވެގެން ނުތެދުވެވިފައި އޮންނަ އިރުވެސް މޫނުމަތިން ހިނިތުންވުން ފިލާ ނުދެއެވެ. އޮފީހުން ދުވަސްކޮޅަކަށް ޗުއްޓީ ނެގީ ބަލިވެ އިންކަން އަދި އެހެން މީހުންނާ ހިއްސާ ކުރަން ބޭނުން ނުވާތީއެވެ. ސާއިމާއާ ޝާދިޔާ އަދި ރަމްލާ ގާތުވެސް އަދި ނުބުނެ ހުރީއެވެ. ރިޕޯޓް ލިބުނުތާ ދެ ދުވަސް ފަހުން އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް ދައްކަން ދިޔައީ ދެމަފިރިން އެކީގައެވެ. ބަނޑަށް ހަ ހަފްތާ ކަމާ، އެ އަހަރުގެ ފަހުކޮޅު އާލާ ވިހާނެ ކަމަށް ޑޮކްޓަރު ބުންޏެވެ.
އާލާގެ ބަނޑަށް ދެމަސް ވީ އިރު ގިނައިން ހޮޑު ނުލެވުނު ނަމަވެސް އަބަދުހެން ހުންނަނީ މޭނުބައި ކޮށްފައެވެ. އެހެންވެ ކެއުމާ އާލާ ވަރަށް ދުރުވިއެވެ. ކާ އެއްޗެއް ކެވޭ ފަހަރެއްގައިވެސް ކުޅި އެއްޗެއް ނޫނީ ނުކެވެއެވެ. ކާ އެއްވެސް ފަހަރަކު ތެލުލި މިރުހާ ނުލާ ނުކައެވެ. ކުރިން އަބަދުހެން ފޮނި އެއްޗެއް ކާ ހިތްވެފައި ހުންނަ އާލާ ފޮނިއެއްޗެހި މަތިން ފޫހިވިއެވެ.
އެހެންވެ ނާއިކް އިރުއިރުކޮޅާ އާލާއާ ދިމާ ކޮށްލައެވެ. އެކަމާ އާލާ ރުޅި އަތުވެއްޖެ ނަމަ ލޯބިން ސަމާސާ ކޮށްލުމާއެކު އާލާ ރުއްސާކަށް ނާއިކްއަކަށް އުނދަގުލެއް ނުވެއެވެ.
އާލާ އެ ޚަބަރު އެންމެ ފުރަތަމަ ހިއްސާ ކުރީ ސާއިމާއާއެވެ. އިތުރު މީހެއް ގާތު އަދި ނުބުނުމަށް އާލާ އެދުމުން އާޒިމްއާ ޝާދިޔާއަށް ސިއްރު ކުރުން އުނދަގޫ ކަމަކަށް ވީ ނަމަވެސް އެ މީހުންނަށް ނާންގާ ހުރީ އެ ގޮތަށް އާލާ އެދުނީތީއެވެ.
ނާއިކްގެ އާއިލާއަށް އެ ޚަބަރު ދޭން ދެމަފިރިން ބޭނުންވީ އެ ގެއަށް ގޮހެވެ. އެހެންވެ އާލާ ތަންކޮޅެއް ރަނގަޅަށް ހުރި ދުވަހެއްގައި ދެ މީހުން އެކުގައި އަމީންމެން ގެއަށް ދިޔައީ ދާ ކަން އަންގާވެސް ނުލައެވެ.
ނާއިކްއާ އާލާ ވަން އިރު ރަމްލާ އުޅުނީ ކާން ހަދާށެވެ. ނާއިކްއާ އެކު އާލާ ފެނުމުން ރަމްލާ އުފަލުން އައިސް އާލާ ގައިގައި ބައްދާލިއެވެ.
“މަންމަ ވަރަށް އުފާ ވެއްޖެ ނާއިކްއާ އެކީ އާލާ އައީތީ. މިރޭ މަންމަމެންނާ އެކީ ކައިގެން ދާން ވާނީ. މި އަންނަނީ ބައްޕައަށް ގޮވާފަ އިނގޭ، އިހަށް އާދޭ އިށީންނަން” ރަމްލާ ބުންޏެވެ. އަދި ގޭގައި ގެންގުޅޭ ދިލްޝާން ގާތު މޭޒުމަތީ އިތުރު ދެ މީހުންނަށް ކެވޭ ގޮތަށް ތަށިތައް އަތުރަން ބުނެފައި ކޮޓަރިއަށް ވަނެވެ.
އަމީންއާ ރަމްލާ ނިކުމެ އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ކާން ދިޔައީ ޒަރީނާ ނިކުތުމުންނެވެ. އާދައިގެ މަތިން އާލާއަށް ހަމައެކަނި ގޮވާލާފައި ނާއިކްއާ ލޯބިން ވާހަކަ ދައްކަން ޒަރީނާ އިނެވެ.
ކައި ނިމިގެން ސޯފާގައި ތިބެފައި ދުފަން އިން ރަމްލާއަށް ނާއިކް ގޮވާލިއެވެ. ޓީވީ ބަލަން އިން އަމީންވެސް ނާއިކް ގޮވާލި ގޮތުން ބަލާލިއެވެ.
“ވާހަކައެއް ބުނަން ވެގެން އަސްލު މިރޭ މި އައީ” ނާއިކް ބުންޏެވެ.
ރަމްލާއާ އަމީން ނާއިކްއާ ދިމާއަށް ބަލަން ތިބެފައި ދެން ބަލާލީ ނާއިކް ކައިރީ އިން އާލާއަށެވެ. އެދެމީހުންގެ ހިތަށް އައީ އެންމެ ކަމެކެވެ. އެހެން ނަމަވެސް އެއްޗެއް ނުބުނެ ނާއިކް ބުނާ އެއްޗެއްގެ އިންތިޒާރުގައި ތިއްބެވެ.
“އާލާ ބަނޑުބޮޑު” ހިނިއައިސްފައި އިނދެ ނާއިކް ބުންޏެވެ.
“އަލްޙަމްދުﷲ!” އަމީންއާ ރަމްލާއާ ޒަރީނާއަށް އެއްފަހަރާ ބުނެވުނެވެ. އެއާއެކު ރަމްލާ ތެދުވެގެން އައިސް އާލާ ގައިގައި ބައްދާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.








Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Finally Aaala and naaik is happy
They both are made for each other
Yaeesh and nau gulhuvachey
They both are made for each
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you maash ❤️😍
thank u cutie girl
Salaam, Marsha bunefa onna dhuvasthakah vaahaka genesnudheveythy sorry. kudakoh balive ulhunyma ehen vy, Alhamdhulillah mihaaru rangalhu, dhen Sunday Tuesday and Thursday thakuga genesdheynan. hope u like this story
Wow vrh vrh vrh lwbi mi part can’t wait for the next part pls vrh avx kohdhehche..
thank u ghost girl, InShaAllah Thursday morning ga upload kolladheynan
varah reethi
thank u yam
vrh reethi..
masha allah ❤
thank u ❤️
Yeyyyy aaalaa and naaik parents ah vany.. e myhunah ufaaverikah libihje…
Dhn naureen aa yaish aa gulhuvaba….
Anyways mi part vx vrh reethi maasha Allah…
Mihaaru mihiry next part inthizaaruga… surprise akh thankolheii avahah upload kh dheyne namey hithah araa 🤣
Mi vhk vrh vrh reethi 💕💕💕👌
Marsha ge hurihaa vhk eii vx kiyaalin ….
Vrh vrh reethi😁
Mihaaru next part vaguthu gunan fashaifin 🕒
I have a question… eii chekey here nukurahchey 🙃
How older you?
Dhn thee kn rasheii?
thank u so much Nawar, kuriah huri baithakun Yaeesh and Nauryn gulheytho balama, and Aala and Naaik ge story adhi othy kuriah. hehe, keehve kameh neynge readers Marsha ge age balan beynun vany, Marsha online koh stories liyaathaa 12 yrs vejje mihaaru, and I was born and raised in Male’. I have 3 kids. mihaa info in fudheyne kamah hykuran.
I think thats fine kanneyge age bunelan
Writer ehves detail eh ves neygeyne thaa dw eyakun adhi
Marsha v gina dhuvas vehje story piyaathaa
And v gina kudhinge fav eh thee
So they are curious
Kurin adhi mihaaru ves esfiya ab liyamundhaa authors ves hurey egothah bunelaa dheefa
Like. Kiyaara , rifsha , maash, shaleen , annora, zidhan, mutha, eysh, himna , adhuves many manh morey hunnaane
Ehchekey hithah naaruvahcheyy alhugadu hama bunelii mi
Kureedhuvahu ehn juhjeh kuri comment eh ves rep kuri jru e question in ignore kohfa
Story is awesome 👏
Waiting for the next
thank u Amaya, that’s ok