ލޯބިން ބަލާލީމާ 9
“ތިމާގެ ފިރިމީހާއާ ބެހޭ ގޮތުން ތިހެން ވާހަކަ ދައްކާ އިރު އެނގޭތަ އެހެން މީހުން ކުރިމަތީ ފިރިމީހާއޭ ކިޔާފަ ތި ކިޔެނީ ކީކޭ ކަން؟ ހިލޭ އަންހެނެއް ކުރިމަތީ ފިރިމީހާގެ އަގު ހިފަހައްޓަން ނޭނގުނު އަންހެނަކު ރަނގަޅު އަނތްބަކަށް ވޭތަ؟ މިހާރު ވިސްނިއްޖެ ޔައީޝް އަހަރެން ކައިރިއަށް އަންނަން ޖެހުނީ ކީއްވެ ކަން. އަހަރެން ބޭނުމިއްޔާ ދުވަހަކުވެސް ޒުހާ ކައިރިއަށް ޔައީޝް ދިޔަނުދީ ހިފެހެއްޓިދާނެ، އެކަމަކު އަހަރެން ޔައީޝް މި ދޫކޮށްލަނީ ޒުހާއަށް ވިސްނޭތޯ. ދެވަނަ ފަހަރަށް އަހަރެން ކައިރިއަށް ޔައީޝް އަޔަނުދީ ހިފެހެއްޓޭތޯ ބަލާ” ޔައީޝްއާ މެދު ނައުރީންގެ ހިތުގައި ހަމްދަރުދީ އުފެދުނީ ޒުހާގެ ފަރާތުން ފެނުނު ކަންތަކުންނެވެ. ނައުރީންގެ ސަބަބުން ކައިވެންޏެއް ރޫޅެން ނޭދޭތީ ޔައީޝް ހިފަހައްޓަން ބޭނުން ނުވީ، އެ ކައިވެނި ދަމަހައްޓަން ޔައީޝްއަށް ފުރުސަތު ދިނުމަށެވެ.
“ތި ކަހަލަ އަންހެނުންނަށް ފިރިހެނުން ހިފެހެއްޓޭނީ އެންމެ ގޮތަކުން. އެކަން ނޭނގިގެން ނޫޅެމޭ—” ނައުރީން ދެއްކި ވާހަކަ އަޑުއަހާފައި ޒުހާ ހައްތަހާ ރުޅި ގަދަވިއެވެ.
“ޒުހާ! ހުއްޓާލާ ދެން!” ޒުހާގެ ވާހަކަ ހުރި ގޮތުން ޔައީޝްއަށް ބުނެވުނީ ބާރަށެވެ. ޒުހާގެ އަތުގައި ހފާ ދަމާފައި ކަހަލަ ގޮތަކަށް އެ ތަނުން ނިކުތެވެ.
ލޯމަތީ އަތް އަޅާލަމުން ނައުރީންއަށް ރޮވުނީ ދެނެވެ.
“ނައު…” ނައުރީން ކައިރީ އިށީނދެފައި މަލްހާ ގޮވާލިއެވެ.
“އަހަންނަކަށް ނޭނގޭ އެއީ މީހެއްގެ ފިރިއެއް ކަމެއް… އެނގިހުރެ އިނދެގެން އުޅޭ ދެ މީހުންގެ މެދަކަށް އަހަރެން ނުވަންނާނަން…” ރުއިން ހުއްޓާލެވި ހަމަޖެހިލެވުމުން ނައުރީން ބުންޏެވެ.
“އެއްވެސް މީހަކަށް ނޭނގޭ އެކަމެއް. ޝަބާމެން ނޫނީ ބާސިމްމެން މީހަކަށްވެސް އެނގޭ ނަމަ އޭރު ކޮންމެސް އެއްޗެއް ބުނީސް” މަލްހާވެސް އިނީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“މިރޭ މީޓް ކުރަން ޔައީޝް ބުނީ އެ ވާހަކަ ބުނަން… އޭނައަކަށްވެސް ނޭނގޭ އޭނަގެ ވައިފްއަށް އެނގޭ ކަމެއް” ނައުރީން ބުންޏެވެ.
“އަންހެނުންނަށް އެނގުނީމަ ނައު ކައިރީ އެ ބުނީ. އެއީ އެކަހަލަ މީހުންގެ ވައްތަރު” އެރޭ އެނގުނު ކަންތަކުން މަލްހާ އިނީ ޔައީޝް ދެކެ ފޫހިވެފައެވެ.
“ނޫން މަލް… ޔައީޝްއަކީ އެކަހަލަ މީހެއް ނޫން… އޭނަ ހުރިހާ ވާހަކައެއް ކިޔާދިން… އޭނަ އައީ މެރިޑް ކަން ބުނެފަ މި ގުޅުން ނިންމާލަން. އޭނަ… އޭނަ އަހަރެން ދެކެ ލޯބި ވޭ” ނައުރީންގެ ހިތުގައި ޔައީޝްއާ މެދު ޝަކުވާއެއް ނެތެވެ.
އެރޭގެ ނައުރީންއާ ޔައީޝް އެކަކު އަނެކަކާ އޮތް ގުޅުން ކަނޑާލީއެވެ. ގެއަށް ދިޔަ ގޮތަށް ޒުހާގެ ޝަކުވާތަކުން ބޯ ހާސްވެގެން ޔައީޝް ނިކުތީ ބޭރަށެވެ. ދެ ދުވަސް ވަންދެން ގެއަށް ނައިސް ހުރެފައި ދެން އައި ގޮތަށް ޒުހާ އަނެއްކާވެސް އެ ވާހަކަ ފެށުމާއެކު ޔައީޝް ދިނީ އިންޒާރެކެވެ. ނައުރީންއޭ ކިޔައިގެން އެއްވެސް އެއްޗެއް ބުނެފި ނަމަ ވަގުތުން ޒުހާ ވަރިކުރާނެ ކަމުގައި ބުނުމުން ޒުހާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
އޭގެ ދެ މަހެއްހާ ދުވަސް ފަހުން ދެ މީހުން ބައްދަލު ވީ ކުޅިވަރު ހަފްލާއަކުންނެވެ. އެތަނުން ބައްދަލުވެދާނެ ކަމަކަށް އެކަކުވެސް ހީކޮށްފައި ނުވެއެވެ. އެ ހަފްލާއަށް ނައުރީން ދާން ޖެހުނީ އެންމެ ފަހު ވަގުތު ކަމުން އެ ކަން އިންތިޒާމު ކުރުމުގައި އުޅުނު ޔައީޝްއަށްވެސް ނައުރީން ބައިވެރި ވާ ކަމެއް ނޭނގެއެވެ. އެ ހަފްލާއަށް ޔައީޝް ދިޔައީ ޒުހާ ގޮވައިގެންނެވެ.
ޔައީޝްއަށް ނައުރީން ފެނުނީ ހަފްލާ ނިމެން ކައިރިވެފައި ވަނިކޮށް ނައުރީންގެ އޮފީސް ޓީމްގެ ބައެއް މެމްބަރުން ފެނިގެން އެ މީހުން ކައިރިއަށް ދިޔަ ވަގުތުއެވެ. އެތާ ނައުރީން ހުރި ކަން އެނގުނު ނަމަ ޔައީޝް އެ މީހުން ކައިރިއަކަށް ނުދިޔައީހެވެ. އޭރު ޒުހާ ހުރީ ޔައީޝްގެ އޮފީސް އަންހެން ކުދިންތަކަކާ އެކުއެވެ.
“ހޭ ޔައީޝް، ކިހިނެއް؟” ކައިރިއަށް އައި ޔައީޝްގެ ކޮނޑުގައި އަތް އަޅުވާލަމުން އެ މީހުންގެ މެދަށް ޔައީޝް ގެނައީ ބާސިމްއެވެ.
ޔައީޝްއަށް އެތަނުން ނައުރީން ފެނުމުން ހައިރާންވެފައި ހުރެވުނީއެވެ.
“ނައުރީން ފެނުނީމަ އަދިވެސް ޔައީޝްއަށް ގޮތްގޮތް ވޭ ދޯ؟” ޔައީޝްއަށް ވީ ގޮތް ފެނި ބާސިމް ދިމާކޮށްލިއެވެ. އެއާއެކު އެހެން މީހުންވެސް ޔައީޝްއާ ނައުރީންއާ ދިމާކޮށްލުމަށް އެއްޗެއް ބުނެލިއެވެ.
“އެބަ އަންނަން…” ނައުރީންއަށް އުނދަގޫ ވެގެން އެތަނުން ދުރަށް ދިޔައެވެ.
އެ ވަގުތު ޒުހާ އައިސް ޔައީޝް ކައިރީ މަޑުކޮށްލީ ދުރުން ނައުރީން ފެނިގެންނެވެ.
“މީޓް މައި ވައިފް ޒުހާ” ޒުހާގެ ކޮނޑުގައި ހިފާ ކައިރިކޮށްލަމުން ޔައީޝް އެ އެންމެންނަށް ބުންޏެވެ.
ހައިރާންވެފައި ޔައީޝްގެ މޫނަށް ބަލާލަމުން ބާސިމް ޒުހާއާ ސަލާން ކޮށްލިއެވެ. ދަތުރުގައި ނައުރީންއާ ޔައީޝް ފާޅުގައި އެކުގައި ވަގުތު ހޭދަ ނުކުރި ނަމަވެސް އެ ދެމެދުގައި ގުޅުމެއް އޮތް ކަން ބާސިމްއަށް ޔަގީންވިއެވެ. އޭރުވެސް ޔައީޝްއަކީ މީހެއްގެ ފިރިއެއް ބާއޭ ބާސިމް ހިތުގައި ސުވާލު އުފެދުނެވެ. ދެންތިބި މީހުން އިރުކޮޅެއް ކުރިން ޔައީޝްއާ ދިމާ ކުރި ނަމަވެސް، އެއީ އެ ދަތުރުގައި އެ މީހުންނަށް ހީވި ގޮތެކޭ ހީކޮށް އެކަން ހިތުން ފޮހެލާ އެދެމަފިރިންނާ ވާހަކަ ދައްކަން ތިއްބެވެ.
އެކުވެރިއަކު ފެނިގެން ކަމަށް ބުނެ ޒުހާ ދިޔުމުން ޔައީޝް މަޑުކޮށްލީއެވެ.
މީހުންނާ ވަކިން އެކަނި ނައުރީން ހުރި ދިމާއަށް ޒުހާ ގޮސް ނައުރީންއަށް ގޮވާލިއެވެ.
“ޔައީޝްއާ އެކީ އަހަރެން ފެނުނީމަތަ ފިލަން ތި އައީ؟” ޒުހާ އަހާލިއެވެ.
ނައުރީން ޖަވާބެއް ނުދީ ހުރީއެވެ.
“ޔައީޝްގެ ފަހަތުން އޭނަ ދާހާ ތަނެއް ބަލަމުން މިހާރުވެސް ދުވަނީތަ؟ އެހާވެސް އޭނަ ބޭނުންތަ؟ އަދިވެސް ޔައީޝް ލިބޭނެ ކަމަށްތަ ތި ހުންނަނީ؟ އެހެން ހީކޮށް ނުހުންނައްޗޭ. އެއީ އަހަރެންގެ ފިރިމީހާ. އޭނަ ދެން ނުދާނެ ނައުރީން ކައިރިއަކަށް” ޒުހާ ހީވީ ނައުރީންއާ ޒުވާބު ކުރަން ބޭނުން ވެގެން އުޅޭހެންނެވެ.
“ކިހިނެއް ވެގެންތަ ތިއުޅެނީ؟” ނައުރީންއަށް އަހާލެވުނީ ހިމޭނުން ހުންނަން އުނދަގޫ ވެގެންނެވެ.
“ކަލޭ ހީކުރީ ޔައީޝް އަހަރެން ދޫކޮށްލާފަ ކަލޭ ކައިރިއަށް ދާނެ ކަމަށް ދޯ؟ އެކަމަކު އޭނަ ނުދާނެ. އެކަން ޔަގީން ކޮށްދޭން އަހަރެން ބޭނުމީ. އަހަރެން ފެންނަ އިރަށް ފިލައިގެން ދުރަށް ތި އައީ ކަލޭ ފަހަތުން އޭނަ އަންނާނެ ކަމަށްތަ؟ އަދިވެސް ހަނދާނެއް ނުނެތޭ ދޯ؟ ޔައީޝްއަށް އެނގޭނެ މީހަކު އޭނަ މަތިން ހަނދާން ނުނެތޭ ވަރު ކޮށްދޭން. އެކަމަކު ކީއް ކުރާނީ؟ ދެން ނައުރީންއަށް އެ ފުރުސަތެއް ނުލިބޭނެ ވިއްޔަ. ތީ ޔައީޝް ފޫހި ފިލުވާލަން ބޭނުން ކޮށްލި ވަގުތީ މީހެއް. އާ އެއްޗެއް ފެނުނީމަ ކޮންމެ މީހަކުވެސް ދުވަސްކޮޅަކަށް އިންޓްރެސްޓް ވާނެ—”
“ޝަޓްއަޕް!”
“ޒުހާ!”
ޒުހާ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލުމަށް ނައުރީންއަށް ބުނެވުނު އިރު އެ ހިސާބަށް އައިސް ހުއްޓުނު ޔައީޝްއަށްވެސް އެ ވާހަކަތައް އަޑު އިވުނެވެ.
“މީ މޮޔަ އަންހެނެއްތަ؟ ކީއްވެގެންތަ އެ އުޅެނީ؟” ނައުރީން ނުރުހުންވެފައި ޔައީޝްއަށް ބުންޏެވެ.
“އައިމް ސޮރީ…” ޔައީޝް މާފަށް އެދުނީ ޒުހާ ކީ އެއްޗިއްސަށެވެ.
“ޔައީޝް ނުޖެހޭނެ މީނަ ކައިރިން މާފަށް އެދޭކަށް. އަހަރެން ބުނީ ދޮގެއްތަ؟ މީ މީހުން ވަގުތީ ގޮތުން ބޭނުން ކޮށްލާ ކަހަލަ އަންހެނެއް—”
އެ ވަރަށް ޒުހާއަށް ބުނެވުމާއެކު ޔައީޝް ޒުހާގެ އަތުގައި ހިފާ ނައުރީންއާ ދުރަށް ދަމައިގަތެވެ.
“ދެން އެއްޗެއް ނުބުނައްޗޭ!” ޒުހާ އަނގަ ހުޅުވާލުމާއެކު ޝަހާދަތް އިނގިލި ދިއްކޮށްލާފައި ޔައީޝް ބުނެލިއެވެ.
އެ ވަގުތު އެތާ ނުހުރެ ނައުރީން ދިޔައީއެވެ.
އައިސްފައި ހުރި ރުޅީގައި އިތުރު އެއްޗެއް ނުބުނެ ޔައީޝް އެ ތަނުން ނިކުތީއެވެ. ޒުހާ ނިކުތް އިރު ޔައީޝް ފެންނާކަށް ނެތެވެ. ގުޅުމުން ފޯނަށް ޖަވާބެއްވެސް ނުދިނެވެ. ޒުހާ ގެއަށް ގޮސް ކޮޓަރިއަށް ވަން އިރު އެނދުގައި އިން ޔައީޝް ފެނުމާއެކު ފިނި ނުވެ ހުރި ރުޅިގަނޑު ހީވީ އަލުން ހުޅު ފަޅައިގެން ދިޔަހެންނެވެ.
“ޔައީޝް ބޭނުންހާ ގޮތަކަށް ކަންތައް ކުރެވޭނެ ކަމަށް ހީ ނުކުރައްޗޭ. އަހަންނާ އިނދެގެން ހުރެ އެހެން އަންހެނުންނާ އެކީ ބޭނުންހާ ގޮތްގޮތަށް އުޅެފަ އައިސް އަދި އަހަރެން އެއްޗެއް ބުނާ އިރަށް ރުޅި އަންނަން ވީ ޔައީޝްތަ؟ އޭނަގެ މޫނުމަތީ ދެތިން ފަހަރަށް ޖަހަން އަހަރެން ހިތަށް އެރި، އެކަމަކު ނުޖަހާ އެތަނުން އަހަރެން މި އައީ. އެ ވަރުންވެސް އަދިވެސް އަހަރެންތަ ގޯސް ވަނީ؟ ޔައީޝް ހީކުރީ ހެދި ކޮންމެ ގޮތެއް ވަރިހަމަ ވެގެން އަހަރެން ހުންނާނެ ކަމަށްތަ—؟” ޒުހާ އައިސް ހަޅޭލަވަން ފެށިއެވެ.
ރުޅިއައިސްފައި ހުރި ޔައީޝް ތެދުވި ގޮތަށް ޒުހާގެ ދެ ކޮނޑުގައި ހިފާ ފަހަތަށް ގެންގޮސް ފާރުގައި ޖައްސާލީ ތަދުވާ ވަރަށެވެ.
“ކޮންމެ ގޮތެއް ވަރިހަމަ ވެގެން ތި ހުންނަނީ ޒުހާތަ؟ ތި އުޅޭހާ ގޮތަކަށް ފާޑު ނުކިޔާ އަހަރެންނެއް ނޫންތަ މި ހުންނަނީ؟ ބޭނުން އިރަކު ގޮސް އެތަން މިތާ އުޅެއުޅެފަ އަންނަ އިރު ޒުހާއާ އަހަރެން ސުވާލު ކުރަންތަ؟ ދުވަހަކުވެސް އަހަރެން ބުނާ އެއްޗެއް އަޑު އަހައިގެން އަހަރެން ބުނި ގޮތެއް ހެދިންތަ؟ ތި ރައްޓެހިންނާ، ދަތުރުތަކާ ތި ކުރާ ކަންތަކަށް ވުރެ އެންމެ ފަހަރަކުވެސް އަހަރެން އިސްކުރިންތަ؟ ކައިވެނި ކުރީމަ ޒުހާ އަނތްބަކަށް ވީ އިރު އަހަރެން ފިރިއަކަށްވެސް ވީކަން ޒުހާއަށް އެނގޭތަ؟ ބުނާހާ ކަމެއް އަހަރެން ޒުހާއަށް ކޮށްނުދެންތަ؟ ކަމެއް ކޮށްނުދެވި ދާ ފަހަރެއްގަ ޒުހާ އަނގައިން ކިޔާހާ އެއްޗެހި ހަނދާން އެބަ ހުރިތަ؟ ޒުހާ ހީކުރީ އަހަރެން އެއްޗެއް ނުބުނެ ހުންނަނީ ޒުހާގެ ރަނގަޅު ކަމުންނޭތަ؟” ހަޅޭ ލަވަމުން ދިޔަ ޒުހާއަށް ވުރެ ޔައީޝްގެ އަޑު ބާރެވެ. އޭގެ ކުރިން ދުވަހަކުވެސް އެހާ ބާރަށް ޔައީޝް އެއްޗެއް ނުބުނެއެވެ. އެ މަންޒަރު ފެނި ޒުހާ އިރުކޮޅަކަށް މައިތިރިވިއެވެ.
“ޒުވާބު ކުރަން ބޭނުން ނުވާތީ އަހަރެން އެއްޗެއް ނުބުނަނީ. މި ކައިވެނި ރޫޅާލަން ބޭނުން ނުވާތީ ޒުހާ ބުނި ކޮންމެ ކަމެއް ކޮށްދެނީ. އަހަންނަކީ ޒުހާގެ ފިރިމީހާ ކަން ޒުހާ ހަނދާން ވީ އަހަރެން ނައުރީން ކައިރިއަށް ދިޔަކަން އެނގިގެން. އެއީތަ އަނތްބަކަށް ވާ ގޮތަކީ؟” ޒުހާގެ ގައިން ދޫކޮށްލާފައި ފަހަތަށް ޖެހިލި ޔައީޝްގެ އަޑު ކުރިއަށް ވުރެ މަޑުވިއެވެ.
އެ ވަގުތު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.
“ޔައީޝް، ޒުހާ…” ދޮރު ހުޅުވާލާފައި ވަން ނޫމާ ހައިރާންވެ ގޮވާލިއެވެ.
ނޫމާގެ ފަހަތުން ނަވީދުއާ ޔަޝާވެސް ކޮޓަރިއަށް ވަނެވެ.
“ކޮން ކަމަކާ އަޑު ގަދަކޮށް ޒުވާބު ކުރަނީ؟ ޖެހޭ މައްސަލަތައް ހައްލު ކުރަން ޖެހޭ ގޮތަކީ ތިއެއް ނޫން” ނަވީދު ވާހަކަ ދެއްކީ ޔައީޝްއާއެވެ.
“ކަންތައްތައް މާ މައްޗަށް ދިޔައީމަ އަޑުގަދަ ވާނެ” އިސް ޖަހާލަމުން ޔައީޝް ބުނެލިއެވެ.
“ޔައީޝް. އައިސްފައި ހުންނަ ރުޅީގައި ޒުވާބު ކޮށްގެން ކަންތައް ހައްލެއް ނުވާނެ. ދެ މީހުންވެސް ވާހަކަ ދައްކާނީ ރުޅި މަޑު ވީމަ. މަންމަ ހީކުރަނީ ޔައީޝްއަށް އެވަރު ވިސްނޭ ކަމަށް” ނޫމާ ކުރިއަށް ޖެހިލާ ޔައީޝްގެ އަތުގައި ފިރުމާލަމުން ބުންޏެވެ.
“އާނ، ވިސްނޭ މީހަކީ ޔައީޝް. އެހެންވެ އަހަންނާ އިނދެގެން ހުރެ އެހެން އަންހެނަކާ އެކީ ފާޑުފާޑަށް އުޅެނީ” ޒުހާއަށް މަޑުންނެއް ނުހުރެވުނެވެ.
“ޒުހާ!” މަންމައާ ބޭބެ ކުރިމަތީ އެ ވާހަކަ ދެއްކުމުން ޔައީޝް އަނެއްކާވެސް ރުޅި ގަދަވިއެވެ.
“ކިހިނެއްވީ؟ މަންމަމެންގެ ވިސްނޭ ދަރިފުޅު ކުރާ ކަންތައް އެ މީހުންނަށްވެސް އެނގެން ވާނެއެއްނު؟ ޔައީޝް ހީކުރަނީ ސިއްރު ކުރެވޭނެ ކަމަށްތަ؟ މަންމަ އަހާބަލަ ޔައީޝް މީހަކާ ރައްޓެހި ނުވަންތޯ؟ ކޮންމެ ދުވަހަކު އެ މީހާއަށް ގުޅައިގެން އެތައް އިރަކު ވާހަކަ ނުދައްކަންތޯ؟ އޭނަ ގޮވައިގެން ތަންތަނަށް ނުދަންތޯ އަހާބަލަ. މިރޭވެސް އޭނަ ކުރިމަތީ އަހަންނާ ދިމާލަށް ޔައީޝް ހަޅޭނުލަވަން ތޯ އަހާބަލަ!” ޒުހާ ބޭނުން ވީ އާއިލާ ކުރިމަތީ ޔައީޝްގެ ހުރިހާ ކަމެއް ހާމަކުރާށެވެ.
“ތެދެއްތަ ޔައީޝް؟” ގަބޫލު ކުރަން ދަތިވެފައި ހުރެ ނޫމާ އަހާލިއެވެ.
ޔައީޝް ޖަވާބެއް ނުދިނެވެ.
“ދޮންބެ ކުރި ކަމެއް ކުރާނީ ޒުހާއްތަގެ ސަބަބުން ކަން ޔަގީން. ޒުހާއްތަ ކޮން އިރަކު ތީ ދޮންބެގެ އަނތްބެއް ކަމުގަ ހީކޮށްގެން އުޅުނީ؟ ޒުހާއްތަ އަމިއްލައަށް ކަންތައް ކުރާ ގޮތުން ދޮންބެ އެހެން އުޅެން ޖެހޭނީ” އެ ވަގުތު ޔަޝާ ބުނީ ނޫމާއާ ނަވީދުގެ ހިތުގައި އޮތް ގޮތަށެވެ.
“އަދިވެސް އަހަރެންތަ ގޯސް ވީ؟ ޔައީޝް އަންހެނަކު ގޮވައިގެން މިތާ މި އެނދުމަތީ އޮއްވާ ފެނުނަސް—”
“ޒުހާ!” ޔައީޝް ގޮވާލިއެވެ. ނަމަވެސް ޔައީޝްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ނޫމާ ވާހަކަ ދެއްކިއެވެ.
“ޒުހާ! މައިންބަފައިން ކުރިމަތީ ދައްކަން ނުޖެހޭ ވާހަކަވެސް ހުންނާނެ، އެވަރު ނޭނގޭތަ؟” ޒުހާ ދެކެ ހިތްހަމަ ނުޖެހުނު ވަރުން ނޫމާއަށް ބާރަށް ބުނެވުނެވެ.
“މަންމަމެންނަށް އަބަދުވެސް ފެންނާނީ އަހަރެންގެ ކުށް. ޔައީޝް އެ ވަރުގެ ކަމެއް ކުރި އިރުވެސް އަހަރެން ހުންނަންވީތަ އެއްޗެއް ނުބުނެ؟” އެ މީހުންނަށް ޔައީޝްގެ ކުށް ނުފެންނާތީ ޒުހާ ހައިރާންވެ ރުޅިވެސް ގަދަވިއެވެ.
“ޔައީޝް ކުރިޔޭ ކިޔާފަ ގޯސްކަމެއް ރަނގަޅެކޭ މަންމަ ނުބުނާނަން. އެކަމަކު ޒުހާވެސް އެއްޗެއް ބުނާ އިރު ވިސްނާލަން ވާނެ” ނޫމާ ވާހަކަ ދެއްކީ ޒުހާއަށް ވިސްނައިދޭން އުޅޭ ހެންނެވެ.
“ޔައީޝް. ތި ކުރާ ކަމެއް ހުއްޓާލާ. ޒުހާއަކީ ޔައީޝްގެ އަންހެނުން. ޔައީޝްގެ ފަރާތުން އެ ކަހަލަ ކަމެއް ފެނުނީމަ ޒުހާވެސް ނުހުންނާނެ ރުޅި ނައިސް އެއްޗެއް ނުބުނެއެއް. މީހުންނާ އިނުމަކީ ކުޅޭ ކުޅިވަރެއް ނޫން” ގޭތެރޭގައި ކަންތައް ވަމުން އަންނަ ގޮތް ފެނި ހިތްހަމަނުޖެހިފައި ހުރި ނަވީދު ބުންޏެވެ.
“ދެކުދިންގެ މެދުގަ ޖެހޭ މައްސަލަތަކުގެ ތެރެއަށް ވަނުމަކީ މަންމަ ކުރާ ހިތްވާ ކަމެއް ނޫން. އެހެން ވިޔަސް މި ޖެހުނީ އެކަންވެސް ކުރަން. މީ ޔައީޝް ކޮށްފާނެއޭ މަންމަ ހިތަށްވެސް އެރި ކަމެއް ނޫން. މީހަކާ އިނދެގެން ހުރެ ތި ގޮތްގޮތަށް އުޅުމަކީ ވަރަށް ހުތުރު ކަމެއް. އެއީ އެއްވެސް އަނތްބަކު ރުހިގެން ބަލަން ހުންނާނެ ކަމެއް ނޫން. ތި ކަންތައް ހުއްޓާލާފަ ދެ މީހުން ވާހަކަ ދައްކައިގެން ތި މައްސަލަ ހައްލު ކުރޭ. އަޑު ގަދަކޮށް ތަޅާފޮޅާ ހަދައިގެން ނުވާނެ. ޒުހާވެސް ރީތިކޮށް ވާހަކަ ދައްކާތި” ނޫމާ ދެ މީހުންނަށްވެސް ނަސޭޙަތް ދީފައި އެ ކޮޓަރިން ނިކުތެވެ.
“ހުރިހާ ކަމެއް އެނގޭ އިރު އެރޭގެ ފަހުން އަހަރެން ނައުރީންއާ ވާހަކަ ނުދައްކާ ކަންވެސް ޒުހާއަށް އެނގޭނެ. މިރޭވެސް ހުރިހާ ކަމެއް ފެށީ ޒުހާ. މިރޭގެ އިވެންޓަށް ނައުރީން ދާ ކަމެއް އަހަންނަކަށް ނޭނގޭ. އެނގުނު ނަމަ އަހަންނެއް ނުދާނަން. ކަމެއް ކުރަން ބޭނުން ވި ނަމަ އަހަރެން އެ ތަނަށް ދާނީ ޒުހާ ގޮވައިގެންނެއް ނޫން. ނިމިފަ އޮތް ކަމެއްގެ ވާހަކަ ފަށައިގެން ނައުރީންއާ ދިމާއަށް ޒުހާ ހިތަށް އެރިހާ ގޮތަކަށް އެއްޗެހި ނުކީ ނަމަ މިރޭ މިވީ އެއްވެސް ކަމެއް ނުވާނެ” އެންމެން ނިކުމެ ދޮރު ލައްޕާލުމުން ޔައީޝް ބުންޏެވެ.
“ތި ކަމެއް ނިމިފަ އޮތިއްޔާ އަހަރެން އޭނައާ ދިމާއަށް އެއްޗެއް ބުނެގެން ޔައީޝް ތިހާ ރުޅި އަންނާކަށް ނުޖެހޭނެ” ޒުހާއަށް އެކަން ބަލައިގަންނަން ފަސޭހައެއް ނުވިއެވެ.
“ނައުރީންއަކަށް ނޭނގޭނެ އަހަރެން ޒުހާއާ އިނދެގެން އުޅޭ ކަމެއް. އެނގުނު ދުވަހުން ފެށިގެން އޭނަ އަހަންނާ ވާހަކައެއް ނުދައްކާ. އެހެން ވީމަ އެކަމާ ޒުހާ ނުޖެހޭނެ ނައުރީން ފެންނަހާ ތާކުން އޭނައާ ދިމާއަށް އެއްޗެހި ކިޔާކަށް. އެއްޗެއް ކިޔަން ޒުހާ ބޭނުމިއްޔާ އަހަންނާ ދިމާއަށް ކިޔާ” ޔައީޝްއަށް ރުޅި އާދެވެނީ ވެދިޔަ ކަންތަކުގައި ނައުރީންއާ ދިމާއަށް ޒުހާ އެއްޗެހި ކިޔާތީއެވެ.
“އަހަންނާ އަހަރެންގެ ފިރިމީހާގެ މެދަށް ވަން މީހަކާ ދިމާއަށް އަހަރެން ބޭނުން އެއްޗެއް ބުނާނަން. މި ދޭތެރެއަށް ތި ނައުރީންއެއް ވަން ފަހުން ޔައީޝްއަށް އައި ބަދަލު އެނގޭ އެކަކުވެސް އެބަ ހުރިތަ؟ ޔައީޝްގެ މަންމަމެންނަށްވެސް ފެންނާނީ އަހަރެންގެ ކުށް، ޔައީޝް އުޅޭ ގޮތެއް ނުފެންނާނެ.
އެންމެ ފަހުން އަހަންނާ އެކީ ޔައީޝް ބޭރަށް ދިޔައީ ކޮން ދުވަހަކު؟ އަހަރެން އާދޭސް ކޮށްގެންވެސް އަހަންނާ އެކީ ޔައީޝްއަށް ދެވޭނީ މަންމަމެން ގެއަށް އެކަނި. ތަނަކަށް ގެންގޮސްދޭން ނޫނީ ބަލާ އައިސްދޭން ބުންޏަސް ޔައީޝްއަށް ވަގުތެއް ވާ ކަމަކަށް ނުވޭ. އެއީތަ އިނދެގެން އުޅޭ ދެ މީހުން އުޅޭ ގޮތަކީ؟” ޒުހާގެ ހިތުގައި ހުރި ޝަކުވާ ޔައީޝްއަށް އިއްވާލިއެވެ.
“މި ދެމަސް ދުވަހުތަ ޒުހާއަށް ތި ކަން ފާހަގަ ވީ؟ އޭގެ ކުރިން ޒުހާއަށް އަހަރެންގެ ކަމަކު ވަގުތު ވިތަ؟ އަހަރެން ބޭރަށް ދާން ބުނެގެން ދެވުނުތަ؟ ތި ރައްޓެހިންނާ އެކީ އުޅެފަ އެހެން މީހަކަށް ދޭނެ ވަގުތެއް ޒުހާއަށް ވިތަ؟ އަހަރެން ގަބޫލު ކުރަން އަހަރެން ކުރީ ގޯސް ކަމެއް ކަން. އެކަމަކު އޭގެ ކުރިން ޒުހާއަށް އުޅެވުނީ ރަނގަޅަށްތަ؟
އަހަރެން ޒުހާއާ އިނދެގެން މި ހުންނަނީ މިހެން އުޅެން ބޭނުން ވާތީއެއް ނޫން. ހީ ނުކުރާތި މީ އެހެން މީހެއްގެ ސަބަބުން ވީ ކަމެކޭ. ނައުރީންއާ ދިމާ ވުމުގެ މާ ކުރިންވެސް އަހަރެން ޒުހާ ދެކެ ފޫހި ވެއްޖެ. އެހެން ވިޔަސް ޒުހާ އެދިގެން އިސްވެ ނުބުނަނީސް ވަރިއެއް ނުކުރާނަން” ޒުހާ ދެކެ ފޫހިވެފައި ހުރި ވަރު ޔައީޝްގެ ވާހަކައިން ޒުހާއަށް އިހުސާސް ކުރެވުނެވެ.
“ތި ނައުރީން އަކާ ހެދި އަހަރެން ވަރި ނުކުރެވިގެންތަ ތި އުޅެނީ؟ އަހަރެން ދެކެ ތިހާ ފޫހިވަންޏާ ވަރިކޮށްފަ އޭނަ ކައިރިއަށް ދާންވީނު؟” ޒުހާގެ އަޑު އަނެއްކާވެސް ބާރުވިއެވެ. ޔައީޝް ދެއްކި ވާހަކައަކުން ޒުހާއަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ.
“ނައުރީންއާ ހެދި އަހަރެން ޒުހާ ވަރި ކުރާނެ ނަމަ އެކަން ކުރިތާ މިހާރު ކޮން ދުވަހެއް؟ ޒުހާ ވަރި ނުކުރިޔަސް ނައުރީން އިންނަން ހުރިއްޔާ އަހަރެން އޭނަޔާ އިންނާނަން” ޔައީޝް ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.








Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Yaeesh and nau gulhuvachey
They both are made for each other
Aaala and naaikdhuru nukurachey
Hope next part ga aala and naaik ge baeh kiyaalan libeyne kamah
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you maash ❤️😍
Next part up kuranrr koikaku?
@admin why is the site not updating??