ލޯބިން ބަލާލީމާ 8
ޔައީޝް ހުރީ ކުރެވުނު ކައިވެނީގެ ސަބަބުން ބޯ ހަލާކުވެފައެވެ. ޒުހާއަށް ވިސްނައިދީދީ ވަރުބަލި ވެފައެވެ.
ޒުހާއަށް ފަހު ޔައީޝްގެ ހިތުގައި އެފަދަ ޝައުގުވެރިކަމެއް އުފެއްދި އަންހެން ކުއްޖަކީ ނައުރީންއެވެ. އެ ޓީމްގެ ކޯޗެއްގެ ގޮތުގައި ހޭދަވި ދެ މަހެއްހާ ދުވަސް ތެރޭ ޔައީޝްގެ ހިތް އެކީ ނައުރީންއަށް ދެވުނީއެވެ. އެހެން ވިޔަސް ހިތުގެ އެދުމަށް ޔައީޝް އިޖާބަ ނުދީ ހުރީއެވެ. ތިމާއަކީ މީހެއްގެ ފިރިއެއް ކަން އަމިއްލަ ހިތަށް ހަނދާން ކޮށްދިނުމުގައި ދެމި ހުންނަން މަސައްކަތް ކުރިއެވެ. ޒުހާއަކީ ކޮންމެ ކަހަލަ އަންހެން ކުއްޖަކަށް ވިޔަސް އެއީ ޔައީޝްގެ އަނބިމީހާ ކަން ހަނދާން ނައްތައެއް ނުލައެވެ.
ދަތުރުގައި ޔައީޝްއަށް އަމިއްލަ ނަފްސު ނުހިފެހެއްޓުނީއެވެ. ވިސްނުމުގެ މައްޗަށް ހިތުގެ އަޑު ގަދަވެ ހިތުގެ މައްޗަށް ބާރު ނުފޯރުވުނީއެވެ. ޔައީޝްއަށް ނުވިސްނުނު ކަމަކީ އޮޅުވާލެވެނީ ހަމައެކަނި ޒުހާއަށް ނޫން ކަމެވެ. ސީދާ ދޮގެއް ނުހެދި ނަމަވެސް ތެދަށް ނުބުނުމަކީ ނައުރީންއަށްވެސް އޮޅުވާލުން ކަން ޔައީޝްގެ ހިތަށް އެއްފަހަރުވެސް ނާރައެވެ.
އެހެން ވިޔަސް އަހަރުތަކަކަށް ފަހު ޔައީޝްގެ ހިތަށް އުފާވެރިކަމާ ހަމަޖެހުން ގެނެސްދިނީ ނައުރީންއެވެ. އެ ދެމެދުގައި ދެކެވޭ ވާހަކަތަކެވެ. އެކަކު އަނެކަކަށް ޓަކާ ހިތުގައި އުފެދުނު ލޯތްބެވެ.
ޒުހާގެ އެކުވެރިއެއްގެ އުފަން ދުވަސް ފާހަގަ ކުރުމަށް ކައިރި ރިޒޯޓަކަށް ދާން ލިބުނު ދަޢުވަތު ގަބޫލުކޮށް، އެ ދަތުރަށް ތައްޔާރު ވާން ބާޒާރު ކުރަން ޒުހާ ބޭނުންވީއެވެ. ޒުހާއަށް ހެދުމާ ފައިވާނުގެ އިތުރުން އެކުވެރިޔާއަށް ދޭނެ ހަދިޔާ ގަންނަން ޖެހުނީއެވެ. އެ ދުވަސްކޮޅު އެވަރުގެ ޚަރަދެއް ކުރެވެން ނެތް ކަމަށް ޔައީޝް ބުނުމުން ޒުހާ ހިތްހަމަ ނުޖެހުނީއެވެ. ކުރީރޭ ފެށުނު ޒުވާބު ހެނދުނުވެސް ނުނިމެއެވެ. ޔައީޝް ގޮތްދޫ ނުކުރުމުން ޒުހާ ރުޅިއައިސްގެން ދިޔައީ ޒުހާގެ މަންމަމެން ގެއަށެވެ.
ނައުރީންގެ ދަޢުވަތު ލިބުނީ އޮފީހުގައި އިންދައެވެ. އެ ދަޢުވަތު ގަބޫލުކޮށް އެ ގޮތަށް ބައްދަލު ވާން ދިޔައީ ޔައީޝްއާ ނައުރީންގެ މެދުގައި އެފަދަ ކަމެއް ވެދާނެ ކަމަކަށް ނޫނެވެ. އެހެން ވިޔަސް ވީ ކަމެއް ބަދަލެއް ނުކުރެވޭނެއެވެ.
ލޯ މަރާލައިގެން އޮތް އިރު ޔައީޝްއަށް ވިސްނެމުން ދިޔައީ ނައުރީންއާ މެދުގައެވެ. ހުރިހާ އެއްޗެއް ތެދަށް ނައުރީންއަށް ކިޔާދޭން ޔައީޝްގެ ހިތް ގޮވާލިއެވެ. ރަނގަޅު ގޮތަކީ އެއީއެވެ. އެހެން ނަމަވެސް ހިތް ބިރުގަތީ، ޔައީޝްއަކީ މީހެއްގެ ފިރިއެއް ކަން އެނގޭ ހިސާބުން ނައުރީން ޔައީޝްއާ ގުޅުން ކަނޑާލަފާނެތީއެވެ. އެފަދަ ފިކުރުތަކުން ބޮލުގައި ހުރި ރިހުން ގަދަވާން ފެށުމުން ޔައީޝް ތެދުވެ ބޭސް ގުޅައެއް ކައިގެން އަނެއްކާވެސް އޮށޯތީއެވެ.
ނިދިފައި އޮތް ފިރިމީހާއަށް ބަލަން ކޮޓަރީގައި ހުރި ކުޑަ ސޯފާގައި ޒުހާ އިނެވެ. އެހެން އިންދާ ޗާޖަށް ޖަހާފައި އޮތް ޔައީޝްގެ ފޯނަށް ނޮޓިފިކޭޝަންއެއް އައި އަޑު އިވުމުން ޒުހާ ތެދުވީ އެ ފޯން ސައިލެންޓަށް ލާށެވެ. ފޯން ނެގުނު ގޮތުން އިނގިލި ޖެހި ސްކްރީން ހުޅުވުމުން ޒުހާ ބަލާލިއެވެ. އެއާއެކު ލޯ ބޮޑުކޮށްލަމުން ފޯން މޫނާ ކައިރިކޮށްލީ ވައިބަރ އިން އައިސްފައި އިން މެސެޖް ފެނިފައެވެ.
“އައި ވިލް ނެވަރ ފޮގެޓް ޓުނައިޓް… ލަވް ޔޫ!” އެ މެސެޖްގެ ފަހަތުގައި ރަތް ކުލައިގެ ހިތެއް އިނެވެ.
ގަބޫލު ނުކުރެވިފައި ޒުހާ ޔައީޝްއަށް ބަލާލިއެވެ. އެއީ އަނެއްކާ އޮޅިގެން ޔައީޝްގެ ފޯނަށް އައި މެސެޖެއް ބާއެވެ؟ ޒުހާ އެ މެސެޖް ހުޅުވާ ބަލާލިއެވެ. ނަމެއް ނެތް އެ އެކައުންޓްގައި އިނީ މެދުގައި ހިތެއް ޖަހާފައި އިން އެން އަކުރަކާ އައި އަކުރެކެވެ. އެ ނަމްބަރުން އެހެން މެސެޖެއް އައިސްފައެއް ނެތެވެ.
ޔައީޝް އެހެން އަންހެނަކާ ގުޅުމެއް ނުބާއްވާނެޔޭ ޒުހާ ހިތާހިތުން ބުނެލިއެވެ. އަދި ސައިލެންޓަށް ލާފައި ފޯން އަލުން ބާއްވާފައި ފާހާނާއަށް ވަނީ ނިދަން ތައްޔާރު ވާށެވެ. އަލަމާރިން ނިދަން ލާ އެއްޗެހި ނަގައިގެން އެނބުރިލި ޒުހާގެ ނަޒަރު ޔައީޝްގެ ފޯނަށް ހުއްޓުނެވެ. އިރުކޮޅަކު އެހެން ހުރެފައި ޒުހާ އައިސް އަނެއްކާވެސް ފޯން ނެގިއެވެ. ވައިބަރ ހުޅުވާ މެސެޖް ކޮށްފައި އިން ނަމްބަރު ބަލާލިއެވެ. ދެ ޚިޔާލެއްގައި ހުރެފައި ވައިބަރ އިން ނިކުމެ ކޯލް ލޮގް ހުޅުވާފައި އެ ނަމްބަރު އިން ތޯ ބަލާލިއެވެ.
ޒުހާ ހައިރާން ވީ ދެ މަހެއް ހާ ދުވަސް ވަންދެން އެ މީހަކާ ޔައީޝް ވާހަކަ ދައްކާފައި ހުރުމުންނެވެ. އެ ނަމްބަރަށް ނުގުޅާ، ނުވަތަ އެ ނަމްބަރުން ޔައީޝްގެ ފޯނަށް ނުގުޅާ އެންމެ ދުވަހެއްވެސް ނެތެވެ. ކޮންމެ ދުވަހަކު ދެތިން ފަހަރު ގުޅާފައި ހުއްޓެވެ. ގިނަ ކޯލްތަކުގެ ދިގުމިން ގަޑިއެއްގެ އިރާ ގާތް ކުރެއެވެ. ޒުހާ އެސްއެމްއެސްތައް ބަލާލިއެވެ. އެރޭ ވައިބަރ އިން ފޮނުވާފައި އިން މެސެޖް ނޫނިއްޔާ ދެން ވާހަކަ ދައްކާފައި ހުރީ މުޅިންވެސް ގުޅައިގެންނެވެ.
ނިދާފައި އޮތް ޔައީޝްއާ ދިމާއަށް ޒުހާ ބަލާލިއެވެ. ހަގީގަތުގައިވެސް ޔައީޝްއާ އެހެން އަންހެން ކުއްޖަކާ ގުޅުމެއް އޮތީ ހެއްޔެވެ؟ އެފަދަ ކަމެއް ޔައީޝް ކޮށްފާނެ ކަން ގަބޫލު ކުރަން ޒުހާއަށް އުނދަގޫވިއެވެ.
ޔައީޝް ގެއްލިދާނެ ކަމުގެ ބިރު އެވަގުތު ޒުހާގެ ހިތް ވަށާލިއެވެ. ޔައީޝްއަކީ ފިރމީހާއަށް ވާ އިރު، ޒުހާއަކީ ފިރިމީހާ ބުނާ ގޮތް ހަދައިގެން، ފިރިމީހާގެ އެދުންތަކަށް އިސްކަން ދީގެން އުޅޭ އަނތްބެއް ނޫނެވެ. ޒުހާގެ އުޅުމާ މެދު ނުރުހުނަސް ޔައީޝް އެ ވާހަކަ ދައްކާ ޝަކުވާކޮށެއް ނުހަދައެވެ. ބަލަނީ ވީހާވެސް ރީތިކޮށް މަޑުމައިތިރިކަމާ ލޯތްބާ އެކީ ޒުހާއަށް ވިސްނައިދެވޭތޯއެވެ. ޔައީޝްގެ އާއިލާއަކީވެސް ތަފާތު ބައެކެވެ. އެ ދެމަފިރިންގެ ދޭތެރެއަށް ވަދެއެއް ނުހަދައެވެ. ޒުހާ އުޅޭ ގޮތުގެ ޝަކުވާއެއް ނުކުރެއެވެ.
ފޯން ބާއްވާފައި އެނދަށް އަރާ އޮށޯތް ނަމަވެސް އެރޭ ޒުހާއަކަށް ނުނިދުނެވެ. ޔައީޝްގެ ފޯނުން ފެނުނު މެސެޖާ، އެ ކޯލްތަކުގެ ހަގީގަތް ހޯދަން ބޭނުން ވަނީއެވެ. އެހެން އަންހެނަކު ޔައީޝްގެ ހަޔާތަށް އައިސްފައި ވާނަމަ އެކަން ހުއްޓުވަން ބޭނުން ވަނީއެވެ. ވިސްނި ވަރަކަށް ޒުހާއަށް ރުޅި އާދެވުނެވެ.
ޒުހާއަކީ ޔައީޝްގެ އަނބިމީހާއެވެ. ޒުހާ ހުއްޓާ އެހެން އަންހެނަކާ ޔައީޝް ގުޅުމެއް ބާއްވައިގެން ނުވާނެއެވެ. އެއީ ޒުހާގެ ފިރިމީހާ ކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެ އަންހެން މީހާއަށްވެސް މީހެއްގެ ފިރިއެއް ނޫނީ ނުލިބުނީ ހެއްޔެވެ؟ އެ ދެމީހުންގެ ގުޅުން ގޮސްފައި އޮތީ ކިހާ ހިސާބަކަށް ހެއްޔެވެ؟ ޔައީޝް ޒުހާ ވަރިކުރަން އުޅެނީ ހެއްޔެވެ؟ ނުވަތަ ދެ އަނތްބަށް އެ މީހަކާ ކައިވެނީ ކުރާނީ ހެއްޔެވެ؟
އެހެންނެއް ނުވާނެއެވެ. ޔައީޝްއާ އެހެން އަންހެނަކާ މެދު ގުޅުމެއް އޮންނަ ނަމަ ޔައީޝް ޖެހޭނީ އެކަން ހުއްޓާލާށެވެ.
ފަތިސް ވަންދެން އެފަދަ ޚިޔާލުތަކުން ސިކުނޑި ހާސް ވަމުން ދިޔަ އިރުވެސް، ޔައީޝް އެހެން އަންހެނަކާ ގާތް ވުމަށް މެދުވެރިވި ސަބަބަކަށް ޒުހާގެ އުޅުން ވެދާނެއެކޭ އެއްފަހަރުވެސް ޒުހާގެ ހިތަކަށް ނާރައެވެ. ފިރިމީހާ އެހެން އަންހެނަކަށް ބޭނުން ވަނީ ބައެއް ފަހަރަށް އަނބިމީހާގެ ފަރާތުން ނުލިބޭ ލޯތްބާ އަޅާލުން ހޯދުމަށް ކަމަށް ވެދާނެއޭ ޒުހާގެ ވިސްނުމަކަށް ނާދެއެވެ.
ފަތިހު ނަމާދަށް ހޭލާފައި މިސްކިތަށް ދާން ނިކުތުމުގެ ކުރިން ނަމާދު ކުރުމަށް ޒުހާއަށް ޔައީޝް ގޮވާލި އިރުވެސް ޒުހާ އޮތީ ހޭލައެވެ.
އޭގެ ފަހުން ހަފްތާއެއް ވީ އިރު ޒުހާ ހުރިހާ ހަގީގަތެއް ހޯދައިފިއެވެ. ނައުރީންގެ ނަން ހޯދާ، އޭނަ އުޅޭ ގެއާ، މަސައްކަތް ކުރާ އޮފީސްވެސް ހޯދިއެވެ. ޔައީޝްއާ ނައުރީން އެކަކު އަނެކަކާ ބައްދަލު ނުކުރާ ކަމާ އެ ދެމެދުގައި އޮތް ގުޅުމެއް އޮތީ ފޯނުން ކަންވެސް ޒުހާއަށް އެނގެއެވެ.
ނައުރީންއަށް ހަގީގަތް ކިޔައިދޭން ޔައީޝް ބޭނުންވެއެވެ. ނަމަވެސް ފަސް ޖެހެވެނީއެވެ. ޔައީޝްއަކީ މީހެއްގެ ފިރިއެއް ކަން އެނގުމަށް ފަހު ނައުރީން ދެން ހަދާނެ ގޮތެއް ނޭނގޭތީ ޔައީޝް ހާސްވަނީއެވެ. އެދެމެދުގައި ހިގި ގާތް ގުޅުމަށް ފަހު ޔައީޝްގެ ހިތާ ސިކުނޑިން ނައުރީންގެ ޚިޔާލުތައް އެންމެ އިރުކޮޅަކަށްވެސް ނުފިލައެވެ. އެންމެ ފަހުން ނިންމީ ކޮންމެ ގޮތެއް ވިޔަސް ހަގީގަތް ހާމަ ކުރާށެވެ. ނައުރީން ރުޅިއައިސް ގުޅުން ކަނޑާލަން ބޭނުން ނަމަ އެ ގޮތާވެސް ޔައީޝް ރުހޭނެއެވެ. ނައުރީން ބޭނުން ވަނީ ކައިވެނި ކުރަން ނަމަ އެކަންވެސް ޔައީޝް ކުރާނެއެވެ.
ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހުގެ ރެއަކީ ޒުހާ ރައްޓެހިންނާ އެކީ ބޭރަށް ދާ ރެއެކެވެ. އެރޭ އެންމެ އަވަހަށްވެސް ޒުހާ ގެއަށް އަންނާނީ ބާރަ ޖަހަންވާ އިރަށެވެ. އެރޭ ނައުރީންއާ ބައްދަލު ކުރަން ޔައީޝް ނިންމީ އެހެންވެއެވެ.
ނައުރީންގެ ގެއިން ބައްދަލު ކުރަން ޔައީޝް ބޭނުމެއް ނޫނެވެ. އެހެން ބަޔަކަށް ފެނިދާނެ ކަހަލަ ތަނަކަށްވެސް ނައުރީން ގޮވައިގެން ދާން ބޭނުން ނުވާތީ ބައްދަލު ކުރާނެ ތަނެއް ނިންމަން ޔައީޝް ދޫކޮށްލީ ނައުރީންއަށެވެ.
ނައުރީން އެހީއަކަށް އެދުނީ މަލްހާ ގާތުންނެވެ. މަލްހާ އެދުނީ މަލްހާގެ ގެއަށް ޔައީޝް ގޮވައިގެން އައުމަށެވެ. މަލްހާއަކީ ތަނަވަސް ދެމަފިރިއެއްގެ އެންމެ ހަގު ދަރިފުޅެވެ. އެ ގޭގެ ޓެރެސްގައި ޔައީޝްއާ ނައުރީން ބޭނުންވާ ހެން މިނިވަން ކަމާއެކު އެކަހެރިކޮށް ބައްދަލު ވެވޭނެ ގޮތް މަލްހާ ހަމަޖައްސައިދިނެވެ.
ލިފްޓުން ނުވަވަނަ ފްލޯރއަށް މަލްހާ ފޭބުމުން އެންމެ މައްޗަށް ހުރި ޓެރެސްއަށް އެރީ ނައުރީންއާ ޔައީޝް އެކީގައެވެ. ލިފްޓުން ނިކުންނަ އިރު ކުރިމައްޗަށް އޮތީ ވަށައިގެން ރެއިލިންގް ޖަހާފައި ހާމައަށް އޮތް ހުސް ތަނެކެވެ. ލިފްޓާ ސިޑީގެ ބިއްދޮށަށް އޮތް ހިސާބު އޮތީ އެކަހެރިވެލަން ބޭނުން ބަޔަކަށް އެ ފުރުސަތު ލިބޭނެހެންނެވެ. އެބައި އޮތީ ހިޔާ ކޮށްފައެވެ. އެއް ފަތާރުގައި ދެ މީހުންނަށް އިށީނދެވޭނެ ކުޑަ އުނދޯއްޔެއް އެލުވާފައި ހުރި އިރު އޭގެ ކަނާއަތް ފަރާތުންނާއި ކުރިމަތީގައި ދެ މީހުންގެ ޖާގައިގެ ދެ ސޯފާ ހުއްޓެވެ. މެދުގައި ހުރީ ބިއްލޫރި ވަށް މޭޒެކެވެ. މަގުމައްޗަށް އޮތް ބައިގައި ދިއްލާފައި ހުރި ބޮކިތަކުން އެ ހިސާބަށް ކޮންމެވެސް ވަރަކަށް އަލިވެފައި އޮތެވެ.
މަލްހާ އަންނަން ދެން ދެ މީހުންވެސް މަޑުކޮށްލީ މަގުމަތި ފެންނަ ހިސާބުގައެވެ. އެކަކުވެސް ވާހަކަ ދައްކަން ނޫޅެ ކުރިމަތިން ފެންނަ އިމާރާތްތަކަށް ބަލަން ތިބީއެވެ.
“އާދޭ މިކޮޅަށް” ދިހަ ވަރަކަށް މިނަޓް ފަހުން މަލްހާގެ އަޑު އިވުމުން ދެމީހުން އެ ދިމާއަށް ދިޔައެވެ.
މަލްހާ އިށީނީ އުނދޯލީގައެވެ. ކުރިމަތީ ހުރި ސޯފާގެ ދެކޮޅުގައި ޔައީޝްއާ ނައުރީން އިށީނެވެ.
“މި ނައު ނުވެސް ބުނޭ. އެކަމަކު މަށަށް އޭރުވެސް އެނގުނޭ ތި ދެ މީހުންގެ މެދުގަ ކަމެއް އުޅޭ ކަން” ގެނައި ތަބަކުގައި ހުރި ކޮފީ މަގުތައް ދެ މީހުންނަށް ދިއްކޮށްލަމުން ހިނިއައިސްފައި މަލްހާ ދިމާކޮށްލިއެވެ.
ނައުރީން ރަކިވެފައި އިސްޖަހާލި އިރު ޔައީޝް މަޑުމަޑުން ހީލީއެވެ.
“މަ ނެތިން ތި ދޭތެރޭގަ ހުރަހަކަށް ވެގެން މިތާ ހުންނާކަށް. މަ މި ދަނީ. ދެ މީހުން ދެން ތި ކުރާ ކަމެއް ކުރޭ” ނައުރީން ބަލާލި ގޮތުން ހެމުން މަލްހާ ދިޔައެވެ.
“އައި މިސްޑް ޔޫ…” ޔައީޝްއާ ދިމާއަށް ބަލަން އިނދެ ނައުރީން ބުންޏެވެ.
“ނައުރީން…” ދައްކަން އައި ވާހަކަ ފަށާނީ ކިހިނެއް ބާއޭ ހިތަށް އަރަމުން ދިޔަ ޔައީޝް ގޮވާލިއެވެ.
ނައުރީން ތެދުވެ ޔައީޝްއާ ޖެހިގެން އިށީނދެ ޔައީޝްގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.
“އަހަރެން ވާހަކައެއް ބުނަން އެބަ އޮތް…” ލަސްލަހުން ޔައީޝް ބުނެލިއެވެ.
“އަހަރެން ބޭނުން މަންމަމެން ކައިރީ ޔައީޝްގެ ވާހަކަ ބުނަން” ހަމަ އެވަގުތު ނައުރީން ބުންޏެވެ.
“ނައުރީން…” ނައުރީންގެ އަތުގައި ހިފާ ދުރުކޮށްލާ ހަތަރުކަޅި ހަމަކޮށްލަމުން ޔައީޝް ގޮވާލިއެވެ.
“ހްމްމް..؟” ބޯ ޖަހާލަމުން ޔައީޝް ބުނަން އުޅޭ އެއްޗެއް އަޑު އަހަން ނައުރީން އިނެވެ.
“އަހަރެންނަކީ މީހެއްގެ ފިރިއެއް…” ލަސްލަހުން ޔައީޝް ބުންޏެވެ.
އަޑު އިވުނީ ރަނގަޅަށް ކަން ޔަގީން ނުވެފައި ޔައީޝްގެ މޫނަށް ބަލަން ނައުރީން އިނެވެ.
“ކީއްވެ…؟” ޔައީޝް އެ ބުނީ ދޮގެއް ނޫން ކަން ޔަގީން ވުމުން ނައުރީންއަށް އަހާލެވުނެވެ.
“ނައުރީންއަށް އޮޅުވާލާކަށް ނޫން… އެ ދުވަހުވެސް އަމިއްލަ ނަފްސު ހުއްޓުވަން މަސައްކަތް ކުރިން… އެކަމަކު އަހަންނަށް ނައުރީންއާ ދުރު ނުވެވުނީ… އެހެން އަންހެން ކުއްޖަކާ މެދު މިގޮތަށް ފީލްއެއް ނުވޭ ކުރިޔަކުން… އަހަރެން ނައުރީން ދެކެ ލޯބިވޭ… ވަރަށް ލޯބިވޭ… އެހެން ވިޔަސް އަހަރެން އޮޅުވާނުލާ ކަމަކަށް ނުވާނެ… ޒުހާއާ އަހަރެންގެ ގުޅުން ކޮންމެ ގޮތަކަށް އޮތަސް އެއީ އަހަރެންގެ އަންހެނުން… އެހެން އަންހެނަކާ އެއްވެސް ގުޅުމެއް އަހަރެން ބާއްވައިގެން ނުވާނެ… އެހެން މީހެއްގެ ފިރިއެއްގެ ގޮތުގައި ހުރެ ނައުރީންއާ ގާތްވެގެން ނުވާނެ… އެކަމަކު އަހަންނަށް ދުރަށް ނުދެވުނީ… އައިމް ސޮރީ…” ނައުރީންގެ އަތުގައި ހިފައިގެން އިނދެ ޔައީޝް ބުންޏެވެ.
“ޔައީޝް…” ނައުރީންއަށް ގޮވާލެވުނެވެ. ޔައީޝް ދެކެ ރުޅިއެއްވެސް ނާދެވުނެވެ. ދެރަވީއެވެ. އެދެމެދުގައި ހިނގި ކަންތަކަށް ފަހު ނައުރީންއަށް ހީކުރެވުނީ ގިނަ ދުވަސްތަކެއް ނުވެ ޔައީޝްގެ އަނތްބަކަށް ވެވޭނެ ކަމަށެވެ.
“ނައުރީންއަށް ދެރައެއް ދޭކަށް ނޫން އެއްވެސް ކަމެއް ކުރީކީ… ބުނަން ހިތަށް އަރާފަވެސް ކޮންމެ ފަހަރަކުވެސް ފަސްޖެހެވެނީ އެކަން އެނގޭ ވަގުތުން ފެށިގެން އަހަންނަށް ނައުރީން ގެއްލޭނެ ކަން އެނގޭތީ… ދިން ކޮންމެ ސަޒާއެއް ގަބޫލު ކުރާނަން… އެކަމަކު އަހަރެން ނައުރީން ދެކެ ވާ ލޯތްބާ މެދު ޝައްކު ނުކުރައްޗޭ… ވަރަށް ލޯބިވޭ…” ވާހަކަ ދައްކަމުން ނައުރީންގެ މޫނުގައި ދެ އަތުން ހިފާލަމުން ޔައީޝްގެ ނިތްކުރި ނައުރީންގެ ނިތްކުރީގައި ޖައްސާލިއެވެ.
“ޔައީޝްގެ ވައިފްއާ މައްސަލަ ޖެހިގެންތަ ތި އުޅެނީ؟ އަހަންނަށް ހުރިހާ އެއްޗެއް ކިޔާދެވިދާނެތަ؟” ނައުރީން އަހާލިއެވެ.
ޔައީޝް ހުރިހާ ވާހަކައެއް ކިޔާދިނެވެ.
“އަހަރެން ބޭނުމެއް ނޫން އަހަންނާ ހެދި ޔައީޝްގެ ވައިފް ވަރި ކުރާކަށް. ތި ދެ މީހުންގެ މެދަށް ވަނީ އަހަރެން، އެހެން ވީމަ ދުރަށް ދާން ޖެހޭނީވެސް އަހަރެން. ޔައީޝް ދެކެ ލޯބި ވެވުނު އިރަކު ނޭނގޭ ތީ މީހެއްގެ ފިރިއެއް ކަމެއް، މީހެއްގެ ހައްގަކަށް އަރައިގަތީ ގަސްތުގައެއް ނޫން. އެހެން އަންހެނެއްގެ ދިރިއުޅުން ހަލާކު ކޮށްލި މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން. ތި ދެމެދުގަ ޖެހިގެން އުޅޭ މައްސަލަތައް ދެ މީހުން ވާހަކަ ދައްކައިގެން ހައްލު ކުރޭ. އަހަރެން ދެކެ ޔައީޝް ލޯބި ވާކަން އެނގޭ، އެހެން ވިޔަސް ވައިފްއާ އެކީ ދިރިއުޅެން މަސައްކަތް ކުރޭ. އަހަންނާ ގުޅެން ބޭނުން ވެގެންނޭ ކިޔާފަ އޭނަ ވަރިކޮށްފަ އަޔަސް އަހަރެން ޔައީޝްއާ ކައިވެންޏެއް ނުކުރާނަން”
އެއްޗެއް ނުބުނެ ޔައީޝް ބޯ ހަޖާލިއެވެ. ނައުރީންވެސް އިރުކޮޅަކު ވާހަކަ ނުދައްކާ އިނެވެ.
“އައިމް ސޮރީ… އެރޭ…” ލަސްލަހުން ޔައީޝް ބުނަން ފެށިއެވެ.
“ޕްލީޒް، މާފަށް ނޭދޭ…” އެދެމެދުގައި ވީ ކަންތަކަށް ޔައީޝް މާފަށް އެދޭކަށް ނައުރީން އެއްގޮތަކަށްވެސް ނޭދެއެވެ. ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް މަލްހާ އައިސް ނައުރީންއަށް ގޮވާލުމާއެކު ޔައީޝްގެ ނަމުން އެހެން މީހަކު ގޮވާލި އަޑު އިވުނެވެ.
“ޒުހާ!” އިން ތަނުން ތެދުވަމުން ޔައީޝްއަށް ބުނެވުނެވެ.
މަލްހާއާ އެކު އައި އަންހެން ކުއްޖާއަކީ ކާކުބާއޭ ހިތަށް އެރި ސުވާލުގެ ޖަވާބު ނައުރީންއަށް ލިބުނެވެ.
“ޔައީޝް ހީކުރީ އަހަންނަށް ނޭނގޭ ކަމަށްތަ؟” ޒުހާ އަހާލީ ޔައީޝްއަށް ބަލަން ހުރެއެވެ.
“ތި ހީކުރާ ގޮތަކަށް ނޫން… މިރޭ ޔައީޝް އައީ މި ކަންތައް ނިންމާލަން—” ޔައީޝްގެ ދިފާޢުގައި ނައުރީން ބުނަން ފެށި ނަމަވެސް އެ ފުރުސަތެއް ނުލިބުނެވެ.
ކުރިއަށް ދެތިން ފިޔަވަޅު އަޅާލުމާއެކު ޒުހާ ކަނާއަތް ހިއްލާ ނައުރީންގެ ވައަތު ކޯމަތީ ޖެހި އަޑު އެ ތަނުގައި ގުގުމައިގެން ދިޔައެވެ. ޖެހި ބާރުގައި ނައުރީން އަރިއަކަށް ގޮސް ޔައީޝް ގައިގައި ޖެހުނެވެ.
“ޒުހާ!” ދެ އަތުން ނައުރީން ގައިގައި ހިފާލަމުން އަޑަށް ބާރުލާފައި ޔައީޝް ގޮވާލިއެވެ.
“މަގޭ ފިރިމީހާގެ ދިފާޢުގަ ހިލޭ އަންހެނަކު ދައްކާ ވާހަކަ ނުޖެހޭ އަޑު އަހާކަށް” ޒުހާގެ ރުޅިވެރި ނަޒަރު ހުރީ ނައުރީންއާ ދިމާއަށެވެ.
“ޒުހާ… ގެއަށް ގޮސް ވާހަކަ ދައްކާނީ” ރުޅިއައިސްފައި ހުރި ނަމަވެސް އެކަން ނުދައްކާ ވޭތޯ ޔައީޝް ބެލިއެވެ.
“ގެއިން ބޭރުގަ ކުރާ ކަންތަކުގެ ވާހަކަ ކީއްކުރަން ގެއަށް ގޮސް ދައްކަނީ؟ އެހެން ވިއްޔާ މީނަ ގޮވައިގެން ޔައީޝް އޮންނާނީ ގޭގައެއްނު؟” ރުޅިއައިސްފައި ހުރި ޒުހާގެ އަޑު މަޑެއް ނުވިއެވެ.
“ނައު… ކިހިނެއް މި ވަނީ؟” ސޯފާގައި އިށީން ނައުރީންއާ ކައިރިވެލާފައި މަލްހާ އަހާލިއެވެ.
“ވެގެން އުޅޭ ގޮތެއް ނޭނގޭތަ؟ ތަނަކުން ފިރިހެނަކު ފެންނަ އިރަށް މޮޔަ ވެގެން ދުވަނީނު؟ އެ ހެޔޮ މީހެއްގެ ފިރިއަކަސް—” ޒުހާ ބުނެލިއެވެ.
“ނައުއަކަށް ނޭނގޭ އެއީ މީހެއްގެ ފިރިއެއް ކަމެއް” މަލްހާ އެނބުރިފައި ޒުހާއާ ދިމާއަށް ބުންޏެވެ.
“މިތާ ޒުވާބު ކުރަން ނުހަދާ ހިނގާ ގެއަށް” ޒުހާގެ އަތުގައި ހިފައިގެން ޔައީޝް ދާން އުޅުނެވެ.
“މި އަންހެން މީހާ ކުރިމަތީ ޒުވާބު ކުރަން ޔައީޝް ބޭނުން ނުވިޔަސް އަހަރެން ދާނީ ބޭނުން އެއްޗެއް ބުނެފަ. ދެ ދުވަހު ޔައީޝް ތި ކަހަލަ އަންހެނެއް ކައިރިއަށް ދިޔައީތީ ހީ ނުކުރާތި އޭނަ ކަލެޔާ އިންނާނެޔޭ. ފިރިހެނުންގެ ވައްތަރު ކަލެއަށްވެސް އެނގޭނެ. އަހަންނަށް ބޭވަފޭތެރި ވި މީހަކު ވަކި ކަލެއަށް ވަފާތެރި ވާނެތަ؟ އެހެން ވިޔަސް އެއީ މަގޭ ފިރިމީހާ. ފޫހި ފިލުވަން ތި ކަހަލަ މީހެއް ކައިރިއަށް ދިޔަޔަސް އެންމެ ފަހުން އަންނާނީ އަހަރެން ކައިރިއަށް” ޔައީޝްގެ އަތް ފޮޅުވާލި ޒުހާގެ ބަސްތައް އަމާޒުވީ ނައުރީންއަށެވެ.
“ތިމާގެ ފިރިމީހާއާ ބެހޭ ގޮތުން ތިހެން ވާހަކަ ދައްކާ އިރު އެނގޭތަ އެހެން މީހުން ކުރިމަތީ ފިރިމީހާއޭ ކިޔާފަ ތި ކިޔެނީ ކީކޭ ކަން؟ ހިލޭ އަންހެނެއް ކުރިމަތީ ފިރިމީހާގެ އަގު ހިފަހައްޓަން ނޭނގުނު އަންހެނަކު ރަނގަޅު އަނތްބަކަށް ވޭތަ؟ މިހާރު ވިސްނިއްޖެ ޔައީޝް އަހަރެން ކައިރިއަށް އަންނަން ޖެހުނީ ކީއްވެ ކަން. އަހަރެން ބޭނުމިއްޔާ ދުވަހަކުވެސް ޒުހާ ކައިރިއަށް ޔައީޝް ދިޔަނުދީ ހިފެހެއްޓިދާނެ، އެކަމަކު އަހަރެން ޔައީޝް މި ދޫކޮށްލަނީ ޒުހާއަށް ވިސްނޭތޯ. ދެވަނަ ފަހަރަށް އަހަރެން ކައިރިއަށް ޔައީޝް އަޔަނުދީ ހިފެހެއްޓޭތޯ ބަލާ” ޔައީޝްއާ މެދު ނައުރީންގެ ހިތުގައި ހަމްދަރުދީ އުފެދުނީ ޒުހާގެ ފަރާތުން ފެނުނު ކަންތަކުންނެވެ. ނައުރީންގެ ސަބަބުން ކައިވެންޏެއް ރޫޅެން ނޭދޭތީ ޔައީޝް ހިފަހައްޓަން ބޭނުން ނުވީ، އެ ކައިވެނި ދަމަހައްޓަން ޔައީޝްއަށް ފުރުސަތު ދިނުމަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.








Hi marsha mi part vx varah varah reethi..
Next part ga aala and naaik ge baeh kiyaalan libeyne kamah ummeedhu kuran 😊
Next part Thursday ga dhw?
Lysosome
Tch
Hi marsha mi part vx varah varah reethi..
Next part ga aala and naaik ge baeh kiyaalan libeyne kamah ummeedhu kuran 😊
Next part Thursday ga dhw?
Lysosome
Tc
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Yaeesh and nau gulhuvachey
They both are made for each other
Aaala and naaik ves dhuru nukurachey
Hope next part ga Aaala aa naaik ge baeh kiyaalan libeyne kamah
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you maash ❤️😍
Whn next
Alheyyy
Next part thankolheii avahah upload kohdhy plzzzz..🙏🙏
Mi haaru vhk kiyaahithun miohgen maruvany😐😐
Iru iru kolhakaa eba beley up vehje thw…🙃
Thankolheii avahah next upload kh dhyba…
Vanyaa ingey…
Ingey busy kamun noony bali vegen lasvanyy..
Balive ulhenyyaa avas shifa akah edhen 😊
Vrh inthizaaru eba kuran next part ah..🥰🕒🕒🕦🕓🕓🕧🕡♥️
salaam, vaahaka upload kurun las vythy varah bodah sorry, Marsha kudakoh balive ulheythy ei. InShaAllah, mirey new part eh upload kolladheynan
It’s ok
Shafakallah dear