ލޯބިން ބަލާލީމާ 7
“އައި ޝުޑްންޓް ބީ ޑުއިންގ ދިސް…” ލަސްލަހުން ޔައީޝް ބުނެލީ ނައުރީންއަށް ވުރެ ބޮޑަށް އަމިއްލަ ނަފްސާ މުޚާތަބް ކޮށެވެ.
“ވައި؟” އެ ސުވާލާ އެކު ނައުރީން ކުރިއަށް ޖެހިލާ ދެ އަތްތިލަ ޔައީޝްގެ މޭގައި ޖައްސާލިއެވެ.
ޔައީޝްއަށް ޖަވާބެއް ނުދެވުނެވެ. ނައުރީންއާ ދިމާއަށް ބަލަން ހުރެވުނީއެވެ.
“ނައުރީން…” ނައުރީން އެއްޗެއް ބުނަން އަނގަ ހުޅުވާލި އިރަށް ޔައީޝް ގޮވާލިއެވެ. ހީވީ ނައުރީން ބުނަން އުޅުނު އެއްޗެއް އެނގިގެން ގޮވާލި ހެންނެވެ.
“އައި ލަވް ޔޫ!” ފަސްޖެހުނު ނަމަވެސް ނައުރީން ހާމަ ކުރިއެވެ.
ނައުރީންގެ ދެ އަތްތިލަމަތީ އަތް ޖައްސާލަމުން ޔައީޝް ލޯ މަރާލިއެވެ.
“ޔޫ ޑޯންޓް ނޯ މީ…” ޔައީޝް ބުނެލިއެވެ.
“ދެން ޓެލް މީ… ކާކު ތީ؟” ނައުރީން އެދުނެވެ.
“އަހަރެން ކިޔާދީފިއްޔާ ނައުރީން އަހަންނާ ދުރަށް ދާނެ” ކިޔާދޭން ޔައީޝް ފަސްޖެހުނެވެ.
“ތިއެއް ނިންމާނީ އަހަރެން… ޔައީޝް ކިޔާދީ” ދެ އަތުން ޔައީޝްގެ މޭގައި ނައުރީން ފިރުމާލިއެވެ.
“ނައުރީން… އަހަރެން—”
ދުރަށް ބަލާލަމުން ޔައީޝް ބުނަން ފެށި ނަމަވެސް އެ ބަސް ހުއްޓުވީ ނައުރީންއެވެ.
ކުރިއަށް ނުދިޔުމަށް ސިކުނޑި ގޮވާލި ނަމަވެސް ޔައީޝްއަކަށް ދުރަކަށް ނުދެވުނެވެ. އެއް އަތުން ނައުރީންގެ އުނަގަނޑުގައި ހިފާ ގައިގައި ޖައްސާލަމުން އަނެއް އަތުން ނައުރީންގެ ބޮލުގެ ފަހަތުން ހިފަހައްޓާލިއެވެ.
އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ތިބި ދެ މީހުންގެ ހަރަކާތްތައް މަޑު ޖެހިލީ ބޭރުން ބަޔަކު އަންނަ އަޑު އިވިގެންނެވެ. ހާސްވެފައި ނައުރީންއަށް ބަލާލެވުނީ ޔައީޝްއަށެވެ. ނައުރީން އެ ހުރި ގޮތަށް އެ މީހުންނަށް ފެނިއްޖެ ނަމަ ސުވާލު އުފެދޭނެއެވެ. ޔައީޝް ނައުރީންގެ އަތުގައި ހިފައިގެން އެންމެ އެތެރޭގައި ހުރި ހުސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
އެ ވަގުތު ކަންބޮޑުވެފައި ހުރި ނަމަވެސް ހަމަޖެހިލެވުމާއެކު ނައުރީންއަށް ހެވުނެވެ. އަޑު އިވިދާނެތީ އަނގަމަތީ އަތް އަޅާލަމުން ނައުރީން އެނބުރުނެވެ.
“ކޮން ކަމެއް ތިހާ މަޖާވީ؟” ހިނިއައިސްފައި ހުރެ ޔައީޝް އަހާލިއެވެ.
“ހީވީ ބަސްޓް ވެދާނެތީ އުޅުނު ކުޑަކުދިން ހެން ވިއްޔާ” ހުނުމުގެ ތެރެއިން ނައުރީން ބުނެލިއެވެ.
“ފެނިދާނެތީއެއްނު މި ތަނަށް މި ވަނީ” ނައުރީންއަށް ބަލަން ހުރެ ޔައީޝް ދޮރުގައި ލެނގިލި އިރު އެ ތުންފަތުގައިވެސް ވަނީ ހިނިތުންވުމެކެވެ.
“އެ މީހުންނަށް އެނގުނަސް އޯކޭ” އެ ދެމެދުގައި އުފެދުނު ގުޅުން އެހެން މީހުންނަށް ސިއްރު ކުރާކަށް ނައުރީން ބޭނުމެއް ނޫނެވެ.
“އަހަންނަށް އޯކޭއެއް ނޫން…” ނައުރީންއަށް ބަލާލަމުން ޔައީޝް ބުނެލިއެވެ.
ނައުރީން ހީލިއެވެ.
ޔައީޝް އިތުރު އެއްޗެއް ނުބުނެއެވެ.
ނައުރީން އިރުކޮޅަކު ޔައީޝްއަށް ބަލަން ހުރެފައި އަޅައިގެން ހުރި ބުރުގާގައި ހިފާފައި ލަސްލަހުން ބޭލިއެވެ. ކައިރީގައި ހުރި ގޮނޑީގައި ބުރުގާ އަޅުވާލާފައި އިސްތަށިގަނޑުގައި ޖަހާފައި އިން ހުޅި ނިއުޅާލާ އެއްފަރާތުން ގެނެސް ކުރިމައްޗަށް ވާހެން ދޫކޮށްލިއެވެ.
“ނައުރީން…” ދުރުގައި ހުރެ ޔައީޝް ގޮވާލިއެވެ.
“ބުނީމެއްނު… އިސްތަށިގަނޑު ބަލާލަން ބޭނުމޭ” ރަކިވެފައި ހުރެ ނައުރީން ބުންޏެވެ.
ޔައީޝްއަށް ކުރިއަށް ދެވުނީ އަމިއްލަ ބާރުގައި ނޫން ފަދައެވެ. ނައުރީން ކައިރީ ހުއްޓިފައި އެ ދިގު އިސްތަށިގަނޑުގެ ތެރޭ އަތްތިލަ ހިންގާލިއެވެ.
“ލޮނު… މޫދުން އެރި ގޮތަށް އަދިވެސް މިހިރީ…” ނައުރީން ވާހަކައެއް ދައްކަން މަސައްކަތް ކުރިއެވެ.
ޔައީޝް އެއް އަތުން ނައުރީންގެ އިސްތަށިގަނޑު އެއްކޮށްލާ ހިފަހައްޓާލިއެވެ. ނައުރީންގެ ކަންފަތާ ދިމާލުން ކަރުގައި އިން ކަޅުތިލައިގައި ޔައީޝް ތުންފަތް ޖައްސާލިއެވެ. ނައުރީންއަށް ލޯމަރާލެވުނެވެ. ޔައީޝް ދުރަށް ޖެހިލި އިރު އެ ކަޅުތިލަ އިން ހިސާބު ހުރީ ރަތްވެފައެވެ. ލޯ މަރާލައިގެން ޔައީޝްގެ ބާރުގައި ކޮޅަށް ހުރި ނައުރީންގެ މޫނުގައި ދެ އަތުން ހިފާލަމުން ނޭވާ ހުސްވަންދެން ތުންފަތުގައި ބޮސްދީފައި ޔައީޝް ނައުރީން ގައިން ދޫކޮށްލިއެވެ.
އެ ދުވަހު ނައުރީންއާ ޔައީޝް އެކުގައި އެހެން މީހުންނާ ވަކިން ވަގުތު ހޭދަ ކުރި ކަން އެންމެންނަށް އެނގެއެވެ. އެހެން ނަމަވެސް މަލްހާ ނޫން އެހެން މީހަކު އެ ވާހަކައެއް ނުދައްކައެވެ. މަލްހާވެސް އަހާލީ ނައުރީންއާ އެކު އެކަނި ވީ ވަގުތެއްގައެވެ.
ދަތުރު ނިންމާފައި މާލެ އައި ފަހުން ދެ މީހުން އެކަކު އަނެކަކަށް ގުޅައިގެން ވާހަކަ ދައްކައެވެ. ބައްދަލު ކުރަން ޔައީޝް ނުބުނާތީ ނައުރީންވެސް ބާރެއް ނާޅައެވެ. އެ ގޮތުގައި ދެ މަސް ވަންދެން އެ ގުޅުން ކުރިއަށް ދިޔައެވެ. ނައުރީންގެ އެދުމަށް ނައުރީންގެ ގެއަށް ޔައީޝް އައީ އެ ގޭގައި އެކަކުވެސް ނޫޅޭ ރެއެއްގައެވެ. އޭގެ ކުރިން ބައްދަލު ވާން ނައުރީން ނުބުނެ ހުރެފައި އެރޭ ބުނުމުން ޔައީޝް ދެކޮޅެއް ނުހަދައެވެ.
ޔައީޝް ގޮވައިގެން ނައުރީން ވަނީ ކޮޓަރިއަށެވެ. ދަތުރުގެ ފަހުން ބައްދަލު ނުވެ އެހާ ދުވަސް ވުމުން ނައުރީން ހުރީ ހިސާބަކަށް ޖެހިލުން ވެފައެވެ. އެނދުގައި އިށީން ގޮތަށް ޔައީޝްވެސް އަނގައިން ނުބުނެ އިނީއެވެ. ދެ މީހުން ފޯނުން ވާހަކަ ނުދައްކާ ދުވަހެއް ނުދެއެވެ. އެހެން ނަމަވެސް ކުރިމަތީ ތިބުމުން ދައްކާނެ ވާހަކައެއް އެކަކަށްވެސް ނޭނގުނެވެ.
ނައުރީން ގައިގައި އަތް ލެވޭ ހިސާބުން ދެން ވެދާނެ ގޮތަކާ މެދު ޔަގީންކަމެއް ނޯންނާނެ ހެން ހީވެ ޔައީޝް އިނީއެވެ. ދޮރު ކައިރީ ހުރެފައި ނައުރީން އައިސް ޔައީޝް ކައިރީ އިށީނެވެ.
“ހިކިއްޖެ ހެން ހީވޭ” ނައުރީން ބުންޏެވެ.
ނައުރީންއަށް ބަލާލަމުން ޖަވާބުގައި ޔައީޝް ހީލީއެވެ.
“ކީއްވެފަ ތީނީ؟ ވާހަކައެއް ނުދައްކާނަންތަ؟” ނައުރީން އަހާލީ ހިމޭންކަން ދިގުލާން ފެށުމުންނެވެ.
“ވާހަކަ ދައްކާކަށް ނޫން ބޭނުމީ” ހިތުގައި ހުރި ހުރިހާ އެއްޗެއް ނައުރީންއަށް ކިޔާދޭން ބޭނުން ވެ ހުރެވެސް ޔައީޝް ބުންޏެވެ. ހިތް އެދެމުން ދިޔައީ އަތުތެރެއަށް ނައުރީން ގެނެސް ދުވަހަކުވެސް ދުރަށް ނުދެވޭނެހެން ހިފަހައްޓާލާށެވެ.
“ވަޓްސް ރޯންގް؟ ކަމެއް ވީތަ؟” ޔައީޝްގެ މޫނުގައި ހިފާ ނައުރީންއާ ދިމާއަށް އަނބުރާލިއެވެ.
“އައި ލަވް ޔޫ…” ޔައީޝް ފުރަތަމަ ފަހަރަށް ލޯބި ވާކަން ހާމަ ކުރިއެވެ.
“އައި ނޯ…” ހީލަމުން ނައުރީން ޔައީޝްގެ މޭގައި ބޯ ޖައްސާލިއެވެ.
ޔައީޝް ދެ އަތުން ނައުރީން ގައިގައި ބައްދާލިއެވެ. ހިތަށް ވިސްނައިދޭން މަސައްކަތް ކުރިޔަސް ޔައީޝްއަކަށް ކާމިޔާބެއް ނުވިއެވެ. ދުރުގައި ހުންނަން އަމިއްލަ ނަފްސަށް ވަޢުދު ވި ނަމަވެސް އެ ވަޢުދުގެ މަތީ ސާބިތެއް ނުވެވުނެވެ. ނިންމައިގެން އައި ގޮތާ ޚިލާފަށް ކަންތައް ވާން ދޫކޮށްލީ ހިތުގެ އެދުމަށް ދެކޮޅު ހަދާނެ ހިތްވަރު ނެތުމުންނެވެ.
ލޯ މަރައިގެން އޮތް ނައުރީންގެ ނިތްކުރީގައި ޔައީޝް ބޮސްދިނެވެ. ނައުރީން ލޯ ހުޅުވާ ޔައީޝްގެ މޫނަށް ބަލާލިއެވެ.
“ތެންކްޔޫ… ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ” ނައުރީންއާ ހަތަރުކަޅި ހަމަވުމުން ޔައީޝް ބުންޏެވެ.
“މީ ޓޫ” ޔައީޝްގެ މޭގައި މޫނު ޖައްސާލަމުން ނައުރީން ބުންޏެވެ.
“ނައު… ކިތަންމެ ބޭނުން ވިޔަސް މިހެންނެއް ނުތިބެވޭނެ…” ނައުރީންގެ ކޮނޑުގައި ބޮސްދެމުން ޔައީޝް ބުންޏެވެ.
ނައުރީން އެނބުރިފައި ސައިޑްޓޭބަލް މަތީ އޮތް ފޯން ނަގާ ދެ މީހުންގެ ސެލްފީއެއް ނަގަން އުޅެފައިވެސް މަޑުކޮށްލިއެވެ.
“އޯކޭތަ؟” ޔައީޝްގެ ހުއްދައަށް ނައުރީން އެދުނެވެ. ޔައީޝް ބޯ ޖަހާލުމުން ނައުރީން ފޮޓޯއެއް ނެގިއެވެ. ނައުރީން އަތުން ފޯން އަތުލާފައި ޔައީޝް ތެދުވެލާ ނައުރީންގެ ތުންފަތުގައި ބޮސްދިނުމާ އެކު އެ ވަގުތުގެ ފޮޓޯއެއްވެސް ނެގިއެވެ.
“އަހަރެން މަތިން ހަނދާން ނެތިދާނެތީ…” ނައުރީން އަތަށް ޔައީޝް ފޯން ދިނެވެ.
ޔައީޝް ތެދުވެ ދާން ތައްޔާރުވިއެވެ. ނައުރީން ވަނީ ފާހާނާއަށެވެ.
ނިކުތުމުގެ ކުރިން ޔައީޝް ނައުރީން ގައިގައި ބައްދާލިއެވެ.
“އަހަރެން ދެކެ ރުޅި ނާންނައްޗޭ ޕްލީޒް… ދުރުގަ ހުންނަން އަހަރެން ވަރަށް ޓްރައި ކުރިން، އެކަމަކު ކެތް ނުވީ… ބިކޯޒް އައި ލަވް ޔޫ… ބަޓް ލަވް އިޒް ނޮޓް އިނަފް…” ނައުރީން ގައިގައި ބައްދާލައިގެން ހުރެ ޔައީޝް ބުނީ ނައުރީންއަށް ކިރިޔާ އިވޭ ވަރަށެވެ. ދެން ދުރަށް ޖެހިލާ ނައުރީންގެ ނިތްކުރީގައި ބޮސްދިނެވެ. ދެ މީހުން ކޮޓަރިން ނިކުތީ އެކީގައެވެ. ޔައީޝް ސައިކަލަށް އަރާ ދުއްވާލަން ދެން ނައުރީން ބަލަން ހުއްޓެވެ.
ޔައީޝް ގެއަށް ވަން އިރު ނަވީދުއާ ޝިޔާހް ތިބީ ކާށެވެ. ކައިރީގައި ނޫމާ އިނެވެ.
“ޒުހާ އެބަ އުޅޭ ޔައީޝްއާ ނުގުޅިގެން” ޔައީޝް ފެނުމުން ނޫމާ ބުންޏެވެ.
“ކޮން އިރަކު ޒުހާ އައީ؟” ޔައީޝްއަށް އަހާލެވުނެވެ. ޔައީޝް ބޭރަށް ދިޔަ އިރު، ހެނދުނު މަންމަ ގެއަށް ދިޔަ ގޮތަށް ޒުހާ ގެއަކަށް ނާދެއެވެ.
“ނުވަގަޑި ބައި ހާ އިރު އަތުވެއްޖެ” ނޫމާ ބުންޏެވެ.
ޔައީޝްއަށް ނިތްކުރީގައި އަތް ހާކާލެވުނެވެ. އެ ގޮތަށް ހުރެ ޒުހާގެ ކުރިމައްޗަށް އަރާކަށް ޔައީޝް ބޭނުމެއް ނޫނެވެ. އެހެން ވިޔަސް އެހެން ގޮތެއް ނެތެވެ.
ލަސްލަހުން ސިޑިން އަރާ ކޮޓަރީގެ ދޮރު ހުޅުވާލި އިރު ޒުހާ ފެންނާކަށް ނެތެވެ. ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލަމުން ޔައީޝް އަވަސްކޮށްލާފައި ލައިގެން ހުރި އެއްޗެހި ބާލާ، ދާވަށިގަނޑަށް ލާފައި ފާހާނާއަށް ވަނެވެ. ފެންވަރަން ހުރި އިރު ނައުރީންއާ އެކު އެރޭ ހޭދަވި ކޮންމެ ސިކުންތެއް ޔައީޝްގެ ހިތާ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. ފާރުގައި ދެތިން ފަހަރަށް ތަދުވާހާ ބާރަށް ބޮލުން ޖަހާލެވުނީ ނައުރީންއާ މެދު ކަންތައް ކުރެވުނީ ކިހާ ގޯސްކޮށް ކަން ހިތަށް އެރުމުންނެވެ.
ޔައީޝް ނިކުތް އިރު އެނދުގައި ޒުހާ އިނެވެ.
“ބަލާ ދާން ބުނަން ގުޅާފާނެތީތަ ފޯން ނިއްވާލައިގެން އުޅުނީ؟” ޔައީޝް ފެނުމާއެކު ޒުހާ އަހާލިއެވެ.
“ޒުހާއާ ޒުވާބު ކުރާކަށް މިރޭ މޫޑެއް ނެތް. ފޯން ނިވުނީ ބެޓެރި ހުސްވެގެން، ޗާޖަށް ޖަހާފަ އެއޮތީ، ގަބޫލު ނުކުރެވެންޏާ ބަލާ” އެރޭ ޒުހާގެ ޝަކުވާތަކާ ކުރިމަތި ލާނެ ހިތްވަރެއް ޔައީޝްގެ ކިބައިގައި ނެތެވެ.
“ޒުވާބު ކުރާކަށް އަހަރެންވެސް ބޭނުމެއް ނޫން. ޝީންމެންނާ އެކީ އަހަރެން ފޮނުވާނަމޭ ބުނޭ، އޭރުން—” ޒުހާ ބުންޏެވެ.
“ނުދާށޭ އަހަރެން ބުނިތަ؟ އަހަރެން ބުންޏޭ ކިޔާފަ ޒުހާ ބޭނުން ތާކަށް ނުގޮސް އެއްފަހަރުވެސް ހުރިންތަ؟” އަލަމާރިން ޓީޝާޓެއް ނަގަމުން ޔައީޝް އަހާލިއެވެ.
“ޔައީޝް ދާށޭ ބުނާ އިރަށް އަހަންނަށް ދެވޭތަ؟” ޔައީޝްގެ ޖަވާބު އަޑު އިވުމާއެކު ޒުހާގެ އަޑު ބާރުވިއެވެ.
“ޕްލީޒް ޒުހާ… މިރޭ ވަރަށް ބޮލުގަ ރިއްސާފަ މިހިރީ…” ތިރިއަށް ކާން ދާން އުޅެފައިވެސް ޔައީޝްގެ ޚިޔާލު ބަދަލުވިއެވެ. ބަނޑުހައިވެފައި ހުރި ނަމަވެސް ކާހިތް ކެނޑި، ލީ ޓީޝާޓު ބާލާފައި އަލުން އަލަމާރީގައި އަޅުވާފައި އައިސް އެނދަށް އެރިއެވެ.
“ނުވެސް ކައި އޮށޯންނަނީތަ؟ ސޮރީ… ހިނގާ ކާން” ޔައީޝް އޮށޯތުމުން ޒުހާ މަޑުމަޑުން ބުންޏެވެ.
ޔައީޝް އަޅައެއް ނުލިއެވެ. އެއީ ޒުހާގެ އާދައެވެ. ޒުހާ ބޭނުން ވާ ކަމެއް ކުރުމަށް ބޭނުން ކުރާ އުކުޅެކެވެ. ރުޅިއައިސް ހަޅޭލަވައިގެން ޔައީޝްގެ ފަރާތުން އެ ކަމެއް ނުވިއްޔާ ދެން އެދޭނީ މާފަށެވެ. ދެންވެސް ކާމިޔާބު ނުވިއްޔާ އަނެއްކާވެސް ޒުވާބެވެ.
“އަލި މަޑުކޮށްލާ” ޒުހާއާ ދުރަށް އެނބުރެމުން ޔައީޝް އެދުނެވެ.
ޔައީޝްއާ ޒުހާ ކައިވެނި ކުރީ ލޯބިންނެވެ. ނަމަވެސް އެއީ ތޫފާނެއް ފަދައިން ވެވުނު ލޯތްބެކެވެ. ރައްޓެހިވެގެން ތިންމަސް ނުވަނީސް ކައިވެނި ކުރެވި، ގިނަ ދުވަސްތަކެއް ނުވެ އެ ދެމެދުގައި އޮތް ލޯބި ފަނޑުވެ ނެތިގެން ދިޔައީއެވެ.
ޒުހާއަކީ ރީތި އަންހެން ކުއްޖެކެވެ. ދޮން، އަދި އެހާމެ ބައްޓަން ރީތި ހަށިގަނޑެކެވެ. ގުދުރަތުން ލިބިފައިވާ ރީތިކަމާ މެދު ޒުހާ ފަޚުރުވެރިވެއެވެ. އެ ރީތިކަން ދަމަހައްޓަން ޒުހާ ވަރަށް މަސައްކަތް ކުރެއެވެ. ހަމައެއާއެކު ފެޝަނަށް ލޯބި ކުރާ ކަން ހެދުން އަޅާ ގޮތުން ދޭހަވެއެވެ. ބުޅިބުޅި އިސްތަށިކޮޅު އޮންނަނީ ކޮނޑަށް ވުރެ ތަންކޮޅެއް ތިރިއާ ހަމައަށް ކޮށާލާފައެވެ. ރީތި ކަމުގެ ގޮތުން ޒުހާއާ އެކަށީގެންވާ ފަދަ މީހަކާ ނޫނީ ޒުހާ ގުޅުމެއް ނުބާއްވައެވެ. އުމުރުން އަށާރަ އަހަރުއްސުރެ ޒުހާ އުޅެމުން އައީ މިނިވަން ދިރިއުޅުމެކެވެ. ޒުހާގެ މައިންބަފައިންނަކީ އެ މިނިވަންކަމަށް ހުރަސްއަޅާ ބައެއް ނޫނެވެ.
ޒުހާއަކީ ގޮތްދޫނުކުރާ އަންހެން ކުއްޖެކެވެ. ޒުހާގެ އާއިލާއަކީ ތަނަވަސް އާއިލާއެއް ނޫނެވެ. ޒުހާއަކީ ދެމަފިރިންގެ ދެ އަންހެން ކުދިންގެ ތެރެއިން ދޮށީ ކުއްޖާއެވެ. ކިޔަވާ ނިމުމާއެކު ވަޒީފާއަށް ދާން ފެށީ އަމިއްލައަށް ބޭނުންވާ އެއްޗެހި ހޯދައިދޭން މަންމައާ ބައްޕައަށް ދަތިވާކަން އެނގޭތީއެވެ. ޒުހާ ކިޔަވާ ނިމުނަސް ކޮއްކޮގެ ކިޔެވުން އަދި ކުރިއަށް އޮތީތީއެވެ.
ޔައީޝްއާ ޒުހާ ދިމާވީ ދެ މީހުންގެވެސް އެކުވެރިއެއްގެ ކައިވެނި ޕާޓީއަކުންނެވެ. ޔައީޝްއަކީވެސް ފިރިހެނުންގެ ތެރެއިން ހޮވާލެވޭ ފަދަ ޒުވާނެކެވެ. ދިގު އިސްކޮޅާ އެއްވަރުގެ ހަށިގަނޑަކީ ކަސްރަތުންނާ އެކިއެކި ކުޅިވަރުތައް ކުޅުމުގެ ސަބަބުން އަންހެން ކުދިންގެ ސަމާލުކަން ހުއްޓޭފަދަ ހަށިގަނޑެކެވެ. އިސްތަށިގަނޑު އަބަދުވެސް ހުންނަނީ ކުރުކޮށް ކޮށާފައެވެ. ތުނބުޅިއާ މަތިމަސްވެސް ބަހައްޓަނީ ތުނިކޮށެވެ. ޒުހާގެ ސަމާލުކަން ޔައީޝްއަށް ދެވުނީ އެހެންވެއެވެ.
އޭރު ޔައީޝްގެ އުމުރަކީ 23 އަހަރެވެ. ޒުހާއަށް 21 އަހަރެވެ. އިސްވެ ވާހަކަ ދެއްކީ ޒުހާއެވެ. އެދެމެދުގައި ގުޅުމެއް އުފެދި އަހަރެއްވެސް ނުވެ ކައިވެންޏަށް އެހީ ޔައީޝްއެވެ. ޒުހާ އެ ކައިވެންޏަށް އާނބަސް ބުނީ ޔައީޝްއަކީ ޒުހާ ހިތް އެދޭ ފަދަ ޒުވާނަކަށް ވީތީއެވެ. އެކުގައި ހޭދަވީ ދުވަސްކޮޅު އެކަކު އަނެކަކާ ގަޔާވެވުނު ވަރުންނެވެ. ޒުހާގެ ކަންތަކަށް ޔައީޝް ދޭ ސަމާލުކަން ކަމުދިޔައީތީއެވެ. އަދި ޔައީޝްގެ އާއިލާއާ ބައްދަލުވެވި، އެ އާއިލާއަކީ އެކުގައި އުޅެން ފަސޭހަ ވާނެ އާއިލާއެއް ކަން އެނގޭތީއެވެ. ޔައީޝްއާ ކައިވެނި ކޮށްފި ނަމަ ހުރިހާ ގޮތަކުންވެސް ޒުހާއަށް ދިރިއުޅުން ފަސޭހަ ވާނެކަން ޔަގީން ވާތީއެވެ. ހަމަ އެހެން އޭރު އެކަކު އަނެކަކު ދެކެ ލޯބިވެސް ވާތީއެވެ.
އެކުގައި ދިރިއުޅެން ފެށުމުން އެކަކު އަނެކަކުގެ ގޮތް ދަސްވާން ފެށިއެވެ. ޔައީޝްއަކީ ހަރުދަނާ ޒުވާނެކެވެ. ފުރަތަމަ ކައިވެންޏަށް ހަތަރު އަހަރުގައި، ޔައީޝްއަށް އެންމެ ތިން އަހަރުގައި ނޫމާގެ ފިރިމީހާ އިޖާޒް ނިޔާވީ ދިމާވި އެކްސިޑެންޓެއްގައެވެ. އޭގެ ފަހުން ނަވީދުއާ ނޫމާ ދިމާވިއެވެ. ނަވީދުއަކީވެސް ކައިވެންޏެއް ކޮށް ދަރިއަކު ހުރި މީހެކެވެ. ޝިޔާހް ވިހެއުމުގެ ތެރޭގައި މަޒީނާ ނިޔާ ވުމަށް ފަހު ނަވީދު އުޅުނީ އެކަނިވެރި ދިރިއުޅުމެކެވެ. ނޫމާއާ ދިމާވެ ދެ މީހުން ކައިވެނި ކުރީ ދެ ދަރިންނަށް ޓަކައެވެ. އޭގެ ފަހުން އެ ދެމަފިރިންނަށް ލިބުނީ އަންހެން ދަރިއެކެވެ. ޔަޝާ ވީ މަންމައާ ބައްޕަގެ އިތުރުން ދެ ބޭބެވެސް ނުހަނު ލޯބިވާ ކުއްޖަކަށެވެ.
އެ އާއިލާއަކީ މެދުމިނުގެ އާއިލާއެކެވެ. ދިރިއުޅެނީ ނޫމާގެ ގޭގައެވެ. ނޫމާއާ ނަވީދުގެ އިތުރުން ޝިޔާހްއާ ޔައީޝްއާ ޔަޝާއަށްވެސް ދަސްވެފައި ވަނީ އެދެމަފިރިން ދިރިއުޅެމުންދާ ސާދާ ދިރިއުޅުމެވެ. ނަވީދުއާ ނޫމާއަކީ ޒުވާބުކޮށް ހަދާ ދެމަފިރިންނެއް ނޫނެވެ. އެކުގައި އުޅޭތާ އަށާރަ އަހަރު ވެފައި ވާއިރު އެގޭ ތެރެއިން ޒުވާބު ކުރާ އަޑެއް ނީވޭނެއެވެ. ޝިޔާހްއާ ޔައީޝްއަކީ ލޭގެ ގުޅުމެއް ނެތް ދެ ކުދިން ނަމަވެސް އެކަކު އަނެކަކު ދެކެ ލޯބިވަނީ އެއްބަނޑު އެއްބަފާ ދެބޭން ފަދައިންނެވެ.
ގޭތެރޭގެ ހަމަޖެހުން ގެއްލުނީ ޔައީޝް ކައިވެނި ކުރި ފަހުންނެވެ. އެކަކު އަނެކަކު ދެކެ ވީ ލޯތްބަށް ވީ ކިހިނެއް ކަމެއް ނޭނގުނެވެ. ޒުހާ ބޭނުން ވާ ހުރިހާ ކަމެއް ޔައީޝްއަށް ފުރިހަމަ ކޮށްނުދެވުން ވެގެން ދިޔައީ އެދެމެދުގައި ޒުވާބު ކުރެވެން ފެށި ސަބަބަށެވެ. ކައިވެނި ކުރި ނަމަވެސް ޔައީޝްގެ ގިނަ ކަންތައް ކޮށްދެނީ ނޫމާއާ ޔަޝާއެވެ. ނޫން ނަމަ ޔައީޝް އަމިއްލައަށެވެ. ޔައީޝް ކައިވެނި ކުރުމުގެ ކުރިންވެސް ބައެއް ފަހަރު އަމިއްލައަށް ލާ އެއްޗެހި އިސްތިރިކޮށްލުން، ނުވަތަ ކާން ހަދާފައި ނެތަސް އަމިއްލައަށް ކާން އަޅައިގެން ކެއުން އެއީ ޔައީޝްއާ ޝިޔާހްގެ އިތުރުން ނަވީދުވެސް ކުރާ ކަންތަކެވެ. އެހެން ކަމުން ކައިވެނީގެ ފަހުން ބައެއް ފަހަރަަށް ޔައީޝް އަމިއްލައަށް އެކަހަލަ ކަންތައް ކުރާތަން ފެނުނު ނަމަވެސް ނޫމާ އެކަމަކާ ފާޑެއް ނުކިޔައެވެ. ޒުހާއާ ޔައީޝްގެ މެދުގައި ކަންތައް ރަނގަޅު ނޫން ހެން ހީވާ ފަހަރު އައި ނަމަވެސް ނޫމާ އެއްޗެއް ނުބުނަނީ ދެމަފިރިންގެ ކަންތަކާ ބަސް ކިޔުމަކީ ނޫމާ ކުރާހިތްވާ ކަމަކަށް ނުވާތީއެވެ.
ދުވަހެއް ދުވަހަކަށް ޔައީޝްއާ ޒުހާ ދުރުވަމުން ދިޔައެވެ. ކައިވެންޏަށް ފަހުވެސް ޒުހާ ވަޒީފާއަށް ދެއެވެ. ޒުހާއަކީ ތަންތަނަށް ދާ ހިތްވާ ކުއްޖެކެވެ. ރާއްޖޭގެ އެކި ރަށްރަށާ ރިޒޯޓްތަކުގެ އިތުރުން ކައިރި ގައުމުތަކަށް ދިޔުމަކީ ޒުހާ އެންމެ ކުރާ ހިތްވާ ކަންތަކެވެ. ކައިވެންޏަށް ދެ އަހަރު ވީ އިރު ހަތަރު ފަހަރަށް ރާއްޖެއިން ބޭރަށް ދެވިއްޖެއެވެ. ހަ ރިޒޯޓަށް ދެވިއްޖެއެވެ. ޒުހާ ނުދާ އަތޮޅެއް ރާއްޖޭގައި ނެތެވެ. ކައިވެނީގެ ކުރީކޮޅު ގިނަ ފަހަރަށް ޒުހާއާ އެކު ޔައީޝް ދެއެވެ. ވަޒީފާއާ ކުޅިވަރުތަކުގެ ސަބަބުން ޔައީޝްއަށް ނުދެވޭ ފަހަރު ޒުހާ ދަނީ ރައްޓެހިންނާ އެކީއެވެ. ރައްޓެހިންނާ އެކު ދިޔުން ކުރިން މަނާ ކުރި ނަމަވެސް ފަހުންފަހުން އައިސް ޒުހާ ދާން ބޭނުން ތަނަކަށް ދާން ޔައީޝް ދޫކޮށްލަނީއެވެ. މަނާ ކޮށްފި ނަމަ ޒުވާބު ކުރަން ޖެހޭތީއެވެ. އެ ގޮތް ޔައީޝް ބޭނުން ނުވާތީ ޒުހާއަށް ދޫކޮށްލަނީއެވެ.
ދެން ޒުހާ ކުރަން ފެށި ޝަކުވާއަކީ، އެހެން ދާ ދަތުރުތަކަށް ޒުހާ ބުނާ ވަރަށް ޔައީޝް ފައިސާ ނުދޭތީ އެ ޝަކުވާއެވެ. އެ ޝަކުވާތަކުގެ ޖަވާބެއްގެ ގޮތުން ޔައީޝް ބުނީ، ޔައީޝްއަކީ އެ ގޮތަށް ޚަރަދު ކުރެވޭ ފެންވަރުގެ މީހެއް ނޫން ކަމުގައެވެ. ޒުހާ ގޮތްދޫ ނުކުރުމުން ބައެއް ފަހަރު ޔައީޝްއަށް ދެވުނު ވަރަކަށް ދެއެވެ. ނުދެވޭ ފަހަރު ޒުވާބު ކުރާ ހިސާބަށް ދެއެވެ.
ޔައީޝް ހުރީ ކުރެވުނު ކައިވެނީގެ ސަބަބުން ބޯ ހަލާކުވެފައެވެ. ޒުހާއަށް ވިސްނައިދީދީ ވަރުބަލި ވެފައެވެ.
ޒުހާއަށް ފަހު ޔައީޝްގެ ހިތުގައި އެފަދަ ޝައުގުވެރިކަމެއް އުފެއްދި އަންހެން ކުއްޖަކީ ނައުރީންއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.








Hi, here is part 7. Sorry for not uploading yesterday, I was not feeling well. Hope you like this. Part 8 InShaAllah on Tuesday
It’s ok
How are you now
Heyonuvaane nau and yaeesh dhuru nukurachey
They both are made for each other
Aaala and naaik also
Mi part kiyaafa rovijje
Zuha haadha goahey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you maash ❤️😍