( 2ވަނަ ބައި ) މަޑުމޮޅިގޮތަކަށް ހިނގާފައި އެލީނާ އައިސް ގެޔަށް ވަނެވެ. އެގެއެއްގެ ތެރެއިން އަބަދު ކުޑަކުދިން ހުނުމާއި ސަކަރާތް ޖެހުމާއި މަޖާކުރުމުން ގުގުމާފައި މިހާދުވަހު އޮތް ގޭ މިއަދު ފެންނަނީ ހިތާމައި ސާލުލައި މަޑުމޮޅިވެފައިވާ ތަނެވެ. ގޭތެރެއިން މީހެއްގެ ހިލަމެއްވެސް ނުވާކަހަލައެވެ. އެލީނާ ގެޔަށްވަދެ ސިޓިންރޫމަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. ގޭގެފާރުތައްވެސް އެހިތާމައިގައި ބައިވެރިވާކަހަލައެވެ. އެލީނާ ސިޓިންރޫމަށް ވަންގޮތަށް ޖަހަފާއިން ބުދެއްހެން އިންދާ އެލީނާ ސިއްސުވާލީ ޝާހީންގެ ޅައަޑުންނެވެ. ” ދޮންތާ… ދޮންތާ… ކޮއްކޮ ބަނޑުފައިވަނީ …..” މިބަސްތައް އިވުމުން އެލީނާއަށް އިތުރަށް އަސަރު ކުރިއެވެ. ފާއިތުވެގެންގޮސްފައިވާ ދުވަސްތަކުގައި ދުވަހަކުވެސް މިގޭގައި އެއްވެސް ކުއްޖަކު ގަޑިންގަޑިޔަށް ނުކައި އުޅެފައެއްނެތެވެ. ހަމަ އެސިކުންތުގައި އެލީނާ މަންމައަށް ގޮވާލަން އަނގަހުޅުވާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެލީނާ އެހިޔާލު ދޫކޮއްލިއެވެ. އެލީނާގެ ޅަސިކުނޑިއަށް މަންމައަށް ކޮއްފައިވާ އަސަރު އިހުސާސްވީ ކަންނޭނގެއެވެ. އެލީނާ ކޮއްކޮ ގޮވައިގެން ބަދިގެއަށްގޮސް ކޮއްކޮއަށް ކާންދިނެވެ. އަދި ސަމީނާއަށްވެސް ގޮވައި ކާންދިނެވެ. ނަމަވެސް އެލީނާ ކާކަށް ބޭނުމެއްނުވިއެވެ. ކޮއްކޮމެން ކައި ނިމުމުން އެލީނާ ކޮއްކޮމެން ގޮވައިގެން ގޭތެރެއަށް ދިޔައެވެ. އެކުދިން ކުޅެން ބައިތިއްބާފައި އެލީނާ މަންމަގެ ހާލުބަލާލުމަށް މަންމަގާތަށް ދިޔައެވެ. އެލީނާގެ މަންމައަކީ ހިއްވަރުގަދަ މީހެއްކަމުގައި ވީނަމަވެސް މިއަދު އެހިއްވަރުވަނީ އެލިފައެވެ. އެސާދާ މޫނުމަތީގައި އެއްވެސް އުޖާލާ ކަމެއްނެތެވެ. މިހާރު މަންމަގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނާދެއެވެ. ރޮއެރޮއެ ކަރުނަ ހުސްވީ ކަހަލައެވެ. އެލީނާގޮސް މަންމަ ކައިރީ އިށީނެވެ. މަންމަ މަޑުމަޑުން އެލީނާގެ ބޮލުގައި ފިރުމާލިއެވެ. އެއީއެމަންމަގެ އަބަދުގެވެސް އާދައެކެވެ، ކުދިންނަށް އަޅާލައި ލޯބިދީ ހަދައެވެ. އޯގާވެރި ފިރުމުންތަކުން އެކުދިންނަށް އެކުދިންގެ ބައްޕަ ކައިރިގައި ނުއުޅޭކަމުގެ އިހުސާސްވެސް ނުވާވަރަށް ލޯބިދެއެވެ. އެކަމަމަކު މިއަދު އެއަތުގައި ތަފާތެއްވެއެވެ. އެއަތް ތުރުތުރުއަޅައެވެ. ބުނާކަހަލައެވެ. މަންމަ އެކަނިވީއެވެ. އެލީނާ މަންމައަށް ކައިރީ މިއަންނީއޭ ބުނެފައި ބަދިގެޔަށްގޮސް ޖޫސްތަޓެއް ހިފައިގެން އައިސް މަންމައަށް ދިނެވެ. އެލީނާގެ މަންމަ އެލީނާގެ މިހަރަކާތަށް ވަރަށް ފުންކޮށް ބަލާލިއެވެ. އަދި ޖޫސްތަށި އަތުލުމަށްފަހު ކޯވަރެއް ބޯލިއެވެ. މަންމަގެ މާޔޫސް ވެފައިވާ މޫނުބަލަން އެލިނާއަށް ކެތެއް ނުކުރެވުނެވެ. އެލީނާ މަޑުމަޑުން ގޭތެރެއަށް ދިޔައެވެ. މުޅިދުވަސް ވޭތުވެގެން ދިޔައީ ހިތާމަޔާ މާޔޫސް ކަންމަތީގައެވެ. އެލީނާ ކޮއްކޮމެންގޮވައިގެން އުޅެފައި އެކުދިން ނިދުމުން އެނދުގައި ހަމަޖެހިލިއެވެ. ނަމަވެސް އެލޮލުގައި ނިދީގެ އަސަރެއްވެސް ނެތެވެ. އެލީނާގެ ހިޔާލު ހުއްޓިފައިވަނީ އެލީނާގެ ބައްޕައަށެވެ. ބައްޕަޢާއި އެކު ހޭދަކޮއްފައިވާ އުފާވެރި ދުވަސްތަކަށެވެ. މިހިޔާލުތަކުގައި އޮއްވައި އެލީނާއަށް ނިދުނީ ކޮންއިރަކުކަމެއް އެލީނާއަކަށްވެސް ނޭނގެއެވެ.
އެލީނާއަށް ހޭލެވުނީ ޤުރުއާން ކިޔަވާ އަޑަށެވެ. އެލީނާ ގަޑި ބަލާލިއިރު 06:30 ވަނީއެވެ. ދުވަސް ކޮޅަކީ ސްކޫލްގެ ޗުއްޓީ ދުވަސް ކޮޅެވެ. އެލީނާ އަކީ އާދަވެގެން ކޮންމެ ދުވަހަކުވެސް ހެނދުނު ފެންވަރައި ރީތިވާ ކުއްޖެއް ކަމުން އާދައިގެ މަތިން ރީތިވެލައިގެން ކޮޓަރިން ނިކުތެވެ. އެހެންދުވަހާއި ހިލާފަށް ގޭތެރެވަނީ ހިމޭންވެފައެވެ. ގޭތެރެއިން އިވެމުން ދަނީ ޑީވީޑީއިން ޖަހާފައިވާ ޤުރުއާންގެ އަޑެވެ. އެލީނާ ބަދިގެޔަށް ދިޔައެވެ. އަދި ފެނުނުމަންޒަރުން ވަރަށް ހައިރާންވިއެވެ. އިއްޔެ ހަތަރުދަމު މާޔޫސްވެ ވީރާނާ ކަންމަތީ އުޅުނު މަންމަ މިއަދު ފެންނަނީ ވަރަށް ތަފާތު ކޮށެވެ. އެހެން ދުވެހެކޭ އެއްގޮތަށް ކުދިންނަށް ސައި ތައްޔާރު ކުރުމާއި ކެއްކުމާއި ގޭތެރޭގެ މަސައްކަތް ތަކުގައި މަންމަ އަވަދިނެތި އުޅޭ މަންޒަރު ފެނުމުން ހައިރާން ވީނަމަވެސް އުފާވެސް ކުރިއެވެ. މަންމަގެ ހިއްވަރުގަދަކަމާއި ކެއްތެރިކަމަށް ޓަކައެވެ. އެލީނާއަކީ ގޭތެރޭގެ ކަންތަކުގައި އެހާބޮޑަށް އުޅޭ ކުއްޖެއް ނުންކަމުން އެހާބޮޑު ފަރުވާލެއް ނުބަހައްޓާއި ސައިބޮއިގެން ކޮއްކޮމެން ގާތަށް ދިޔައެވެ. ދުވަސްތައް މިގޮތުގައި ފާއިތުވަމުންދެއެވެ. ކޮންމެ ދުވަހަކަށް އިރުއެރުމަށްފަހު އާދައިގެ މަތިން ރޭގަނޑަށް ނަދަލުވަމުންދެއެވެ. ދުނިޔެ ދައުރުވަމުންދާގޮތަށް ބަދަލެއް ނާދެއެވެ. ނަމަވެސް އެލީނާގެ އާއިލާއަށް ދިޔައީ ވަރަށް ބޮޑެތި ބަދަލުތައް އަންނަމުންނެވެ. ތަފާތު ގޮތްގޮތުން ނިކަމެތިކަން ކުރިމަތިވަމުންނެވެ. ދުވަސްތަށް ފާއިތުވަމުންގޮސް އައުއަހަރަކަށް މަރުޙަބާ ކިޔައިފިއެވެ. އަދި މިއާއިއެކު އައުއަހަރުގެ ކިޔެވުން ފެށިއްޖެއެވެ. މީގެކުރިން އުފަލާއި ހިތްހަމަޖެހުމާއި މަޖަލުގައި އުޅެމުންއައި އެލީނާގެ އާއިލާމިއަހަރަށް މަރުޙަބާކީ ފުންހިތާމަޔާއި ނިކަމެތިކަމާއެކުގައެވެ.
ސްކޫލްގެ ކިޔެވުން ފެށޭ ދުވަސް ކަމަށް ވުމާއެކު އެލީނާ ސްކޫލަށްދިޔުމަށް ތައްޔާރު ވެގެން އާދައިގެ މަތިން ސައިބޯން އައިސް އިށީނެވެ. އަބަދުވެސް އެލީނާ ސައިބޯން އިށީނުމުން އެލީނާގެ މަންމަ ( ޙައްވަ ) އެލީނާގެ ބޯއޮމާންކޮށް ފުނާއަޅުވައިދެއެވެ. އެލީގެ ބޮލުގައި އޮންނަ ފަން އަދި އެހާމެދިގު އިސްތަށިގަނޑުގައި ފުނާއަޅާކަށް އެލީނާއަށް ނޭނގެއެވެ. އެހެން ކަމުން އެލީނާ ސައިބޯން އިށީނުމުން އެލީނާގެ މަންމަ އެލީނާގެ ބޮލުގައި ފުނާ އަޅަންފެށިއެވެ. އެލީނާ ސައިބޮއި ނިމުނުއިރު ބޯއޮމާންކޮށް ނިމިއްޖެއެވެ. އެލީނާ ހިނިތުން ވުމާއެކު މަންގާތު ދަނީއޭބުނެލިއެވެ. ހަމައެވަގުތު ޙައްވަ އެލީނާއަށް ގޮވާލިއެވެ އަދި ނުހަނު ލޯތްބާއެކު ބުނެލިއެވެ. “ދަރިފުޅާ… މިހާރު ދަރިފުޅު އަމިއްލައަށް ފުނާއަޅަން ދަސްކުރަން ވެއްޖެ!! މަންމައަށް ގޭތެރޭގެ މަސައްކަތް ކުރަމުން އާއްމްދަނީ ހޯދުމަށް ބުރަމަސައްކަތް ކުރަމުން ދަރިފުޅުގެ ކަންތަކާއި ކޮއްކޮމެންގެ ކަންތައް ކުރަން ވަރަށް ދަތިވޭ…. ދަރިފުޅަކީވެސް މިހާރު ބޮޑުކުއްޖެއް މިފަދަ ކުދިކަންތައް އަމިއްލައަށް ކުރެވޭނެ މަންމައެދެނީ ދަރިފުޅުގެ އަމިއްލަ ކަންތަކާއި ކޮއްކޮމެންގެ ކަންތައް ދަރިފުޅު މަންމައަށްޓަކައި ކޮށްދިނުން…….” މަންމަގެ ވާހަކަތައް ކަނުލާއަޑުއަހަން އިން އެލީނާ މަންމައަށް ލޯބިންފުރިގެންވާ ނަޒަރަކުން ބަލާލުމަށްފަހު މަންމަގެ ވާހަކައަށް އެއްބަސް ވިއެވެ. އަދި މަންމައަށް މަންމައެދުނު ކަންތައް ކޮސްދިނުމަށް އެއްބަސްވިއެވެ.
ދުވަހަކުވެސް އަމިއްލަ ބޮލުގައި ފުނާއަލައިފައިވެސް ނުވާ އެލީނާއަށް ފުރަތަމަފަހަރަށް މަސައްކަތް ކުރަންޖެހުނެވެ. މިއީ ޅައުމުރގައި އެލީނާއަށް ފުރަތަމަ އުފުލަން ޖެހުނު ޒިންމާއެވެ. މިޒިންމާއަކީ ކިހާވަރެއްގެ ކަމެއްކަން އެލީނާއަށް އިހުސާސްވެސް ނުކުރެވެއެވެ. ނަމަވެސް މަންމަ އުޅެމުންދާ ބުރަހާލު އެލީނާއަށް ފެނެއެވެ. އެހެންކަމުން އެލީނާ މަންމައަށް އެހީވުމަށްޓަކައި މިޒިންމާނެގުމަށް އަތުކުރި އޮޅާލިއެވެ. ނަމަވެސް މިއީ ޒިންމާތަކުގެ ފެށުންކަން އެލީނާއަށްވެސް އާއި ޙައްވަ އަދި މިއާއިލާގެ އެއްވެސް މީހަކަށް ނޭނގެއެވެ. އުމުރުން އެންމެ 12 އަހަރުގެ ކުއްޖަކަށް އުފުލަން ކުރިޔަށް އޮތީކޮންފަދަ ކަންތަކެއްކަން އެކަކަށްވެސް ނޭނގެއެވެ. އަދި ހަމައެހެންމެ ޙައްވަ ބޭނުންނުވީ ކަމުގައި ވީނަމަވެސް މިނޫންގޮތެއް މިއަދު ޙައްވަ އަކަށްނެތެވެ. ދަރިފުޅު ސްކޫލަށް ދިޔުމަށް ގެއިން ނުކުމެގެން ދިޔަމަންޒަރު ބަލަންއިން ޙައްވަގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަދި ދަރިފުޅާ ހަވާލުކުރެވުނު މަސައްކަތާއި މެދު ހިތާމަކުރިއެވެ. ހަމައެއާއިއެކު ދަރިފުޅިގެ ކިޔަމަންތެރިކަމަށްޓަކައި އުފާކުރިއެވެ. އިރުކޮޅަކު މިގޮތަށްހުރެފައި ދެން އަވަސްވެގަތީ އާއްމްދަނީ ހޯދުމަށްޓަކައި މަސައްކަތް ފެށުމަށެވެ. އާދެ ހެދިކާ ހެދުމަށެވެ. …. މިމަސައްކަތަކީ ހައްވަގެ ފިރިމީހާ ދުނިޔޭގައި ހުރިއިރުވެސް ހައްވަ ކޮށްއުޅުނު މަސައްކަތެއް ކަމުގައި ވީނަމަވެސް އެހާރާއި މިހާރު ވަރަށް ތަފާތެވެ. އޭރު މަދު ހެދިކާކޮޅޭއް ހެދި ކަމުގައި ވީނަމަވެސް މހާރު ގޭގެހަރަދު ބަރަދު ހަމޖެއްސުމަށްޓަކައި ބައިވަރު ހެދިކާ ހަދަން ވަނީ މަޖުބޫރުވެފައެވެ. ރޭގަނޑުގެ އަރާމުނިދި ނަގާލައި ދުވާލު ހަތަރުދަން ހޭދަކުރަމުން ދަނީ މިމަސައްކަތުގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހައްވަގެ ހަށިގަނޑުވެސް ވަނީ މިބުރަ މަސައްކަތް ކުރަންފެށިފަހުން ހިކި އަނަރޫފަވެފައެވެ. ކަންތައް ވަމުން ދާގޮތާމެދު ހައްވަ ފުންކޮށް ވިސްނަމުން ދެއެވެ. ހައްވަ ފިރިމީހާ ދުނިޔޭގައި ހުރިއިރު ކުދިންނަށް ބޭނުންވާ ސާމާނާއި ކާޑުގެ ބާވަތްތައް ހުސްނުވެ އަބަދު ގޭގައި ހުރެއެވެ. ނަމަވެސް މިހާރު އެއްފަހަރު ރަނގަޅަށް ކައިފިނަމަ އަނެއްފަހަރު ކަޅުސައިތައްޓެއް ފިޔަވައި އިތުރު އެއްޗެއް ނުލިބެއެވެ. ޙައްވަގެ ކުދިންނަކީ އަބަދު ކިރުސަޔާއި މީރުކާނާ ކައިގެން ބޮޑުވެފައި ތިބިކުދިން ކަމުގައި ވީނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެއެެވެ. އެކުދިންނަށް މީރުކާނާ އާއި ރީތިހެދުން ނުލިބުނުކަމުގައި ވީނަމަވެސް އެއްވެސް ކުއްޖަކު އެކަމާ ޝަކުވާ ކޮއްފައެއްނުވެއެވެ. އެއްޗެއް ހޯދައި ދިނުމަށް ހައްވަގާތު ބުނެފަވެސް ނުވެއެވެ. ނަމަވެސް ހައްވަގެ މޭލަނގޮޑި އެކުދިންގެ ހިތުގެ ހާލަތު ރަނގަޅަށް އިހުސާސް ކުރެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. މައިވަންތަ ކަމަކީ އެންމެމާތް ގުޅުން ކަމުގައި ﷲ ސުބުޙާނަހޫ ވަޢާލާވަނީ ލައްވާފައެެވެ. ހައްވަގެ ކުދިންނަށް ކުރީގެ އުފާވެރި ދިރިއުޅުން ހޯދައި ނުދެވޭތީ ޙައްވަ އެކަމާ އިންތިހާއަށް ހިތާމަކޮށް ރޮއިހަދައެވެ.
( ނުނިމޭ )

0

3 Comments

  1. ކިއުޓީ

    June 12, 2013 at 1:04 pm

    ވ ރީތި

  2. ނިހާ

    June 12, 2013 at 6:57 pm

    ދެވަނަބައި ސަޅި ވާނެހެން ހީވަނީ

  3. ނާޒުލީ

    June 12, 2013 at 9:44 pm

    ހަަމަ ސަޅި

Comments are closed.