ލޯބިން ބަލާލީމާ 5
“އާލާ ނޫން އެހެން މީހަކާ އެކީ ކުއްޖަކު ހޯދާކަށް އަހަރެން ބޭނުމެއް ނޫން. އާލާއާ އެކީ ނުލިބުނިއްޔާ ނުލިބުނީ، ލިބިއްޖެއްޔާ އަލްޙަމްދުﷲ!” ގޭ ދޮރާ ހަމަވެފައި ނާއިކް އެނބުރި ބަލާލަމުން ބުނެލިއެވެ.
އާލާއަށް އެ ވަގުތު ނާއިކްގެ މޫނަށް ބަލާލެވުނެވެ. ހިތްހަމަ ނުޖެހި، ރުޅި ގަދަވެފައި ހުރި ނާއިކްއަށް އެކަމެއް ފާހަގައެއް ނުކުރެވެއެވެ. އާލާގެ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ނާއިކް ނިކުތެވެ.
ގެއަށް ގޮސްފައިވެސް ނާއިކް ރުޅި މަޑެއް ނުވިއެވެ. ލައިގެން ހުރި ގަމީސް ބާލާފައި ކޮޓަރިއަށް ވަން ގޮތަށް އަތުކޮޅަށް ގަމީސް އެއްލާލާފައި ކޮޓަރީގައި ހުރި ސޯފާއަށް ވެއްޓިގަތެވެ. އާލާއަށް ވަދެވުނު އިރު ނާއިކް އޮތީ ނިތްކުރިއާ ލޮލުގައި އަތްތިލަ ޖައްސާލައިގެންނެވެ.
ޒަރީނާގެ ބަސްތައް ހިތުން ނުފިލާ ވީ އިރު، ނާއިކްގެ ކުށެއް ނެތް ނަމަވެސް އާލާއަށް ނާއިކް ދެކެވެސް ރުޅި އާދެވެނީއެވެ.
ގައިދޮވެލައިގެން ނިކުމެ އާލާ އެނދަށް އަރާ އޮށޯތެވެ.
ނާއިކް ތެދުވީ އާލާ އޮށޯތުމުންނެވެ. ނާއިކްވެސް އެއްޗެހި ބަދަލު ކޮށްގެން އައިސް އޮށޯތެވެ.
“އާލާ ލަވް… މާމަ ކިޔާ އެއްޗެއްސާ އެހާ ވަރަށް ނުވިސްނާ އިނގޭ… މާމަ އެހެން ބުނަނީ ގޯސް އެއްޗެއް ހިތުގަ އޮވެގެންނެއް ނޫން—” އާލާއާ ކައިރި ވެލަމުން ނާއިކް ވާހަކަ ދެއްކިއެވެ.
ނަމަވެސް އާލާއަށް އެ އަޑު އަހަން ކެތެއް ނުވިއެވެ.
“އަހަންނާ ދިމާއަށް ކޮންމެ މީހަކުވެސް ހިތުހުރި އެއްޗެއް ކިޔާލަނީ އަހަރެން ދެކެ ލޯބިން ވިއްޔަ. ކިހާ ދުވަހެއް ވެއްޖެ ނާއިކްގެ މާމަ އެ ގޮތަށް ވާހަކަ ދައްކާތާ؟ އަހަރެން ބަލިވެ ނީންނަ ވާހަކަ ބުނެނުލާ އެންމެ ދުވަހަކުވެސް އެ ގެއަކަށް ނުދެވޭ. ކޮންމެ ފަހަރަކު އަހަރެން ފެންނަ އިރަށް އެހެން ނުކިއްޔާ އަހަންނަށް ދަރިން ނުލިބޭ ކަން އަހަންނަށް ނޭނގެނީތަ؟ މިއަދު އެ ބުނެވުނީ ނާއިކް އެހެން މީހަކާ އިންނަ ވާހަކަ، މާދަން ބުނާނެ އަހަރެން ވަރި ކުރާށޭ…” ނާއިކް ވާހަކަ ދެއްކީ ލޯބިން ނަމަވެސް އާލާއަށް ހިތުގައި ހުރި ޝަކުވާ ބޭރުކޮށްލެވުނީ ރުޅީގެ ސިފައިގައެވެ.
“އާލާ… ރުޅި ނައިސްބަލަ…” ނާއިކް އާލާގެ ކޮނޑުގައި ހިފާ ނާއިކްއާ ކައިރިކޮށްލަން އުޅުނެވެ.
“އެހެން މީހުން އަހަންނާ ދިމާއަށް ކޮންމެ އެއްޗެއް ކިޔަސް އަހަރެން ރުޅިވެސް އައިސްގެން ނުވޭ؟ އަހަރެން މީ މީހުން ބޭނުން އެއްޗެއް ކިޔާލަން ހުރި މީހެއްތަ؟ ދަރިއަކު ނުލިބުނޭ ކިޔާފަ އަހަރެން ޖެހޭނީ މީހުން ކިޔާހާ އެއްޗެއް އަޑު އަހަން ހުންނަންތަ؟” ނާއިކްގެ އަތް ފޮޅުވާލަމުން އާލާ ދުރަށް ޖެހިލީ ހައްތަހާ ރުޅި ގަދަވުމުންނެވެ.
“އަހަރެން ދުވަހަކުވެސް އާލާއާ ދިމާއަށް އެއްޗެކޭ ނުބުނަމެއްނު؟” ތެދުވެ އެއް އަތުން ނިތްކުރީގައި ފިރުމާލަމުން ނާއިކް އަހާލިއެވެ.
“ނާއިކްވެސް ހިތަށް އަރާނެ އިނދެވުނީ ބޭކާރު އަންހެނަކާއޭ. ނާއިކްގެ މަންމައަށް މާމަ ދަރިއަކުވެސް އަހަންނަށް ނުދެވުނޭ… ނާއިކްއަށް ބައްޕައަކަށް ނުވެވުނޭ…” އާލާއަށް އެންމެ ފަހުން ރޮވުނީއެވެ.
“އަހަންނާ މެދުވެސް އާލާ ތި ޝައްކު ކުރަނީ މިހާރު. އާލާއަށް އަހަރެންގެ ފަރާތުން ދުވަހަކުވެސް ޝަކުވާއެއް އަޑު އިވުނުތަ؟ އަހަރެން އާލާ ދެކެ ވާ ލޯތްބަށް ބަދަލެއް އައިތަ؟ އެކަހަލަ ކަމެއް އަހަރެންގެ ފަރާތުން ފާހަގަ ކުރެވުނުތަ؟ ކުރިންވެސް އަހަރެން ބުނިން އަހަންނަށް ކުއްޖަކު ހޯދުން އެހާ މުހިންމެއް ނޫނޭ. މިއަދު އެންމެން ކުރިމަތީވެސް އެހެން ބުނިން. އަހަރެން ބުނާ އެއްޗެއް އާލާއަކަށް އަޑެއް ނީވޭ، އެކަމަކު އަހަރެން ހިތަށްވެސް ނާރާ އެއްޗެހި އަހަންނަށްވެސް ނޭނގި އާލާއަށް އެނގޭ؟” ނާއިކް މަސައްކަތް ކުރީ އާލާއާ މެދު ނާއިކްގެ ހިތުގައި ލޯބި ނޫން އެއްޗެއް ނުވާކަން ބުނެދޭށެވެ.
“އެންމެން ކިޔާ އެއްޗެއް ނާއިކްވެސް ހިތަށް އަރާނެ” އާލާ ބުނެލިއެވެ.
ނާއިކް ފުން ނޭވައެއް ދޫކޮށްލިއެވެ. އާލާ އެހާ ވަރަށް ރުޅިއައިސްގެން އެ އުޅެނީ އެރޭ ޒަރިނާގެ ބަސްތައް ހުރި ގޮތުން ވީ ދެރައިން ކަން ނާއިކްއަށް އެނގެއެވެ. އާލާ ދެރަވާ ފަދަ ބަހެއް އެއްވެސް މީހަކު އާލާއާ ދިމާއަށް ބުނުމަކީ ނާއިކްވެސް ވަރަށް ދެރަވާ ކަމެކެވެ. އެހެން ނަމަވެސް އެންމެންގެ ދުލުގައެއް ނާއިކްއަކަށް ނުހިފެހެއްޓޭނެއެވެ. ނާއިކްއަށް ކުރެވޭނެ ކަމަކީ އާލާގެ ދިފާޢުގައި އެއްޗެއް ބުނުމެވެ. އަބަދުވެސް ނާއިކް އެކަން ކުރެއެވެ. ނަމަވެސް އަޑުއިވޭ ބަސްތައް އާލާގެ ހިތުގައި ހަރުލާނެކަން ނާއިކްއަށް އެނގެއެވެ. އެހެން ވިޔަސް ނާއިކްއަށް ކުރެވޭނެ ކަމަކީ އާލާގެ ހިތްހަމަ ޖައްސައިދިނުމަށް މަސައްކަތް ކުރުމެވެ. އެރޭވެސް ނާއިކް އެ ކުރަނީ އެ މަސައްކަތެވެ.
“އާލާ ލަވް… ޕްލީޒް… ތިހާ ވަރަށް ނުވިސްނަބަލަ… މިކޮޅަށް އެނބުރިބަލަ…” އެ ޚިޔާލުތައް އާލާގެ ހިތާ ސިކުނޑިން ނެރެލުމަށް އެހެން ގޮތެއް ނާއިކް ވިސްނިއެވެ. ނާއިކް އާލާގެ ގައިގައި ހިފާލަމުން ފުރޮޅިލީ ގޮތަށް އާލާއަށް ދުރަށް ނުދެވޭނެހެން ހިފަހައްޓާލިއެވެ.
“ނާއިކް!” އާލާގެ ތުންފަތުގައި ނާއިކް ބޮސްދޭން އުޅުމުން އާލާ މޫނު އަނބުރާލިއެވެ. ނާއިކް ހުއްޓާލާ ޚިޔާލެއް ނުކުރިއެވެ. އާލާގެ ކަރުގައި ތުންފަތް ޖައްސާލިއެވެ.
“ނާއިކް! ދޫކޮށްލާ، އަހަރެން ބޭނުމެއް ނޫން…” ނާއިކްގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލަމުން އާލާ ބުންޏެވެ.
ނާއިކް ދުރަށް ޖެހިލިއެވެ. ނުބަލަން އޮވެފައިވެސް އާލާ ނާއިކްގެ މޫނަށް ބަލާލިއެވެ.
“އާލާ…” ނާއިކް ލަސްލަހުން ގޮވާލިއެވެ. ދެންވެސް ކައިރިވެލަން އުޅުނެވެ.
“ނޯ!” އާލާ އަނެއްކާވެސް ދެކޮޅު ހެދިއެވެ.
ނާއިކް ތެދުވެ އެނދުގެ މަގަތުން އިށީނެވެ.
“ނާއިކް މާމަގެ ބަސްތައް އިރުއިރުކޮޅާ އަހަރެންގެ ކަންފަތަށް އަޑުއިވޭހެން ހީވަނީ. ނާއިކްގެ އާއިލާ ނާއިކްގެ ފަރާތުން އެދޭ އެދުން ފުރިހަމަ ނުކޮށްދެވުނު މީހެއް އަހަންނަކީ. ނާއިކްއަށް ދަރިއަކު ހޯދާދެވޭނެ މީހަކާ ނާއިކް އިންނަން މާމަ ބޭނުން ވަނީ. ނާއިކްވެސް އެ ވަރުގެ މީހަކު ހޯދައިގެން އެ މީހުން ބުނާހެން ދަރިއަކު ހޯދާ. އަހަރެން ނޫނަސް ނާއިކްގެ ތި އެދުންތައްވެސް އެ މީހަކު ފުއްދާދޭނެ—”
“އާލާ!” އާލާގެ ނަމުން ނާއިކް ބާރަށް ގޮވާލީ ހުއްޓާލާށޭ ބުނާ ފަދައިންނެވެ.
“މާމަ ދެއްކި ވާހަކައަށް އަހަރެން އެ ވަގުތު ޖަވާބު ދިނިން. އެހެން މީހަކު ކިޔާ އެއްޗަކުން އާލާ ރުޅި އަޔަސް ހިތަށް އަރާހާ އެއްޗެއް ދުލާ ހަމައަށް ގެންނާކަށް ނުޖެހޭ. ތި ބުނެވެނީ ކީކޭ ކަން އާލާއަށް ވިސްނޭތަ؟” ނާއިކް ވާހަކަ ދެއްކީ ދުވަހަކުވެސް އާލާއާ ވާހަކަ ނުދައްކާހާ ހަރުކަށި ރާގެއްގައެވެ.
އާލާ ޖަވާބެއް ނުދިނެވެ. ހިތުގައި ޖެހިފައި އިން ވަރުން، ނާއިކްވެސް ހުރީ ދެރަވެފައި ކަން އާލާއަށް ފާހަގައެއް ނުކުރެވުނެވެ. އަމިއްލަ ނަފްސާ މެދު ހިތާހިތާ ޝަކުވާ ކުރެވެމުން ދިޔައީ އެ އުނިކަން އާލާގެ ކިބައިގައި ހުރީތީއެވެ. ހިތުގައި ގިނަވެ ފުނި ޖެހެމުން ދިޔަ ޝަކުވާއާ ނާއުންމީދުގެ އިހުސާސްތައް ހިއްސާ ކުރާނެ މީހަކު ނެތި، އެ ކަމުންވެސް އާލާއަށް އިތުރަށް އުނދަގޫ ވަނީއެވެ. ނާއިކް އެއްޗެއް ނުބުނި ނަމަވެސް، ނާއިކްވެސް ހުންނާނީ އާލާއާ މެދު ހިތްހަމަ ނުޖެހިފައޭ ހީވަނީއެވެ. ނާއިކް ހިތުގެ އަޑިން ބުނާ ބަހާމެދުވެސް އާލާއަށް ޝައްކު ވަނީއެވެ. އާލާ ދެކެ ނާއިކް ފޫހި ވާނެޔޭ ހީވަނީއެވެ. ޒަރީނާގެ ޝަކުވާ ގިނަވީ ވަރަކަށް ނާއިކްވެސް އަދި ނާއިކްގެ މަންމައާ ބައްޕަވެސް އެކޮޅަށް ބުރާވާނެޔޭ ހިތަށް އަރާ، ހިތް ބިރުގަންނަނީއެވެ.
ނާއިކްއަކީ އޭގެ ކުރިން ދުވަހަކުވެސް މަންމައާ ބައްޕަ އަދި މާމައާ އެ ގޮތަށް ވާހަކަދެއްކި މީހެއް ނޫނެވެ. އެ ދުވަހު މާމައާ ދެކޮޅަށް އެއްޗެއް ބުނެވުމުން ނާއިކް ހުރީ ދެރަވެފައެވެ. ނާއިކް ވާހަކަ ދެއްކި ގޮތުން މާމަ ދެރަވާނެކަން އެނގޭތީއެވެ. އަދި މަންމަވެސް ނާއިކްދެކެ ހިތްހަމަނުޖެހޭނެތީއެވެ. މަންމައާ ބައްޕަގެ ޚާއްސަ ރޭ އެ މީހުންގެ ހިތަށް ތަދުވާ ފަދަ ގޮތަކަށް ކަންތައް ވީތީވެސް ނާއިކް ހުރީ ކަންބޮޑުވެފައެވެ. އަދި އެރޭ ގެއިން ނިކުމެގެން އާދެވުނު ގޮތުން ނާއިކްގެ ހިތަށް އުނދަގޫވެފައެވެ. ބަލިވެ އިނުމުގައި ދިމާވަމުންދާ ހުރަސްތަކުގައި އާލާގެ ކުށެއް ނެތްކަން ނާއިކްއަށް އެނގެއެވެ. މާމަގެ ޝަކުވާއަކީ ނާއިކްގެ ފަރާތުން ކުރެވޭ އުންމީދެއްގެ ސަބަބުން އުފެދޭ ޝަކުވާއެއް ކަންވެސް ނާއިކްއަށް އެނގެއެވެ. އެހެން ވިޔަސް އާލާއަށް ނިސްބަތްކޮށް މާމަގެ ދުލުން އެ ފަދަ ބަހެއް އިވޭކަށް ނާއިކް ބޭނުމެއް ނޫނެވެ. މާމަ އެ ދުވަހު ދެއްކި ވާހަކައިން ނާއިކް ހުރީ ހިތްހަމަ ނުޖެހިފައެވެ. ދެރަވެ ރުޅިވެސް އައިސްފައެވެ. މަންމައާ ބައްޕަގެ ކުރިމަތީ ބާރަށް ބަހެއް ބުނުން އެއީ ނާއިކް ދުވަހަކު ކުރަން ހިތަށްވެސް އެރުވި ކަމެއް ނޫނެވެ. އެހެން ވިޔަސް އެކަންވެސް ނާއިކްއަށް ކުރެވިއްޖެއެވެ. އާލާގެ ފަރާތުން ނޫނީ ކުއްޖަކު ނުހޯދާނެ ކަމަށް ބުނެ އާލާގެ ދިފާޢުގައި ނާއިކް ހާމަކުރީ ތެދެކެވެ. އާލާ ނޫން ކުއްޖަކާ ކައިވެނި ކުރާކަށް ނާއިކް ބޭނުމެއް ނޫނެވެ. އެއީ ނާއިކްއަށް ނުވާނެ ކަމެކެވެ.
އެ ހުރިހާ ކަމަކާ ހެދި ބޮލުގައި ރިއްސާފައި ހުއްޓާ އާލާގެ ފަރާތުންވެސް އެ އިވުނީ ހައްތަހާ ނާއިކްގެ ހިތަށް ތަދުވާ ފަދަ ބަސްތަކެކެވެ.
ނާއިކް ތެދުވެގެން ގޮސް ކޮޓަރިން ނިކުމެ ސިޓިންގްރޫމް ސޯފާގައި އޮށޯތެވެ. އާލާގެ ބަސްތަކުން ނާއިކްގެ ދެރަވިއެވެ. ކުއްޖަކު ނުލިބިގެން އެކަމާ އެހާ މައްސަލަ ގޯސްވެދާނެ ކަމަކަށް ކުޑަކޮށްވެސް ނާއިކް ހިއެއް ނުކުރެއެވެ.
އާލާ އައިސްފައި ހުރި ރުޅިގަނޑު މައިތިރިވީ ނާއިކް ރުޅި އައުމުންނެވެ. އެ ނޫނީ އާލާ ދެކެ ރުޅިއައިސްގެން ނާއިކް އެގޮތަށް ކޮޓަރިން ނިކުމެގެން ނުދެއެވެ. ނާއިކް ނިކުތުމާއެކު ރޮވުނީއެވެ. އާލާ ކަންތައް ކުރި ގޮތުންނާ ބުނި ބަހުން ނާއިކް ދެރަ ވާނެކަން އެނގޭތީ ވަކިން ބޮޑަށް އާލާއަށް ރޮވުނެވެ. ނާއިކް ކޮޓަރިން ނިކުތް ފަހުން ގަޑިއިރަކަށް ވުރެ ގިނަ ވެގެން ދިޔަ އިރުވެސް އަލުން ކޮޓަރިއަކަށް ނާދެއެވެ.
ނާއިކް އެ ގަޑީގައި ބޭރަށް ދިޔައީ ބާއޭ ހިތަށް އަރާފައި ކަންބޮޑުވެގެން އާލާ ތެދުވިއެވެ. ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން އާލާ ކޮޓަރިން ނިކުތެވެ. ސޯފާގައި ނިދިފައި އޮތް ނާއިކް ފެނިފައި އާލާގެ ހިތަށް ތަދުވެލިއެވެ. މަޑުމަޑުން ހިނގާފައި އައިސް އިރުކޮޅަކު ބަލަން ހުރެފައި ސޯފާގައި ނާއިކްގެ މަގަތުން އޮށޯތެވެ.
ނާއިކްއަށް ހޭލެވުނު ނަމަވެސް އެއްޗެއް ނުބުނެ އޮތީއެވެ. އާލާ ނާއިކްގެ އަތުގައި ހިފާފައި އާލާގެ އުނަގަނޑުމަތިން ގެނެސް ހިފަހައްޓާލައިގެން ހަމަޖެހިލިއެވެ. އެހެން ތިބެ ދެ މީހުންނަށްވެސް ނިދުނީއެވެ. ދެ ގަޑިއެއްހާ އިރު ފަހުން ނާއިކްއަށް ހޭލެވުނީ އާލާ ފުރޮޅިލުމުންނެވެ. ނިދީގައި ނާއިކްއާ ކުރިމަތި ވާނެހެން އެނބުރިލި އާލާ ފަހަތަށް ވެއްޓިދާނެހެން ހީވެ ނާއިކް އާލާ ގެނެސް މޭގައި ޖައްސާލާ ދެ އަތުން ބައްދާލިއެވެ. އެ ވަގުތު އާލާއަށްވެސް ހޭލެވުނެވެ.
“ސޮރީ…” އެކަކު އަނެކަކަށް ބަލަން ތިބެފައި އާލާ މާފަށް އެދުނެވެ.
“އައި ވޯންޓް ޔޫ، އޮންލީ ޔޫ… އެހެން މީހަކު ނުފުދޭނެ…” ނާއިކް ބުނެލިއެވެ.
“އެހެން މީހަކު ހޯދައިގެންވެސް ނުވާނެ” ނާއިކްގެ މޭގައި ފިރުމާލަމުން އާލާ ބުންޏެވެ.
“އޭޒް ލޯންގް އޭޒް ޔޫއާ ވިތް މީ…” އާލާއާ އިތުރަށް ކައިރި ވެލަމުން ނާއިކް ބުނެލިއެވެ.
އެރޭގެ ފަހުން ނާއިކްމެން ގެއަކަށް އާލާ ނުދެއެވެ. ނާއިކްވެސް ދާކަށް ނުބުނެއެވެ. ރަމްލާ ގުޅައިގެން އާލާއާ ވާހަކަ ދައްކައެވެ. އަދި އާލާއާ ނާއިކްގެ ގެއަށް އަމީންއާ އެކު ދެއެވެ. ނާއިކް ޒަރީނާއާވެސް ވާހަކަ ދައްކައެވެ. ނަމަވެސް އާލާއޭ ކިޔާ ޒަރީނާ އެއްވެސް ވާހަކައެއް ދައްކަން ފަށައިފި ނަމަ އެންމެ ސިކުންތަކުވެސް ދެން އިތުރަށް އެގޭގައި މަޑެއް ނުކުރެއެވެ. ގޭތެރޭގައި ޒަރީނާ އާލާގެ ވާހަކަ ފަށާ އިރަށް ރަމްލާއާ ޒަރީނާގެ މެދުގައި ދެބަސްވުމެއް އުފެދެއެވެ. މަންމައަށް ވީތީ ޒުވާބަކަށް ނުހަދާ ރަމްލާ ދޫކޮށްލަނީއެވެ. އާލާއާ މެދު ޒަރީނާގެ ވާހަކައާ އަމަލުތައް ހުރި ގޮތުން ހިތްހަމަ ނުޖެހި އަމީންއާ ޒަރީނާގެ މެދުގައި ވާހަކަ ދެއްކުން މަދުވިއެވެ.
ޑިގްރީ ނިންމާ، މަސްޓަރސްވެސް ހަދާފައި ނައުރީން އަލުން މާލެއަށް ބަދަލުވީ ހަތަރު އަހަރު ފަހުންނެވެ. އައިސް ހަމަޖެހިލެވުމާއެކު ނައުރީން ގުޅީ އާލާއަށެވެ. ދެ އެކުވެރިން ބައްދަލުވާން ނިންމީ އެރެއެވެ. ނައުރީން އެދުނީ ނައުރީންމެން ގެއިން ބައްދަލު ވާށެވެ. އާލާ ދެކޮޅެއް ނުހަދައެވެ.
އަށެއް ޖެހި އިރަށް އާލާ ނާއިކްއާ އެކު ސައިކަލުގައި އައިސް ނައުރީންގެ ގޭ ކުރިމައްޗަށް މަޑުކޮށްލި އިރު ނައުރީން ހުރީ ބޭރުގައި އާލާގެ އިންތިޒާރުގައެވެ. ބަލާ އަންނަން ވުމުން ގުޅާނެ ކަމަށް އާލާ ބުނުމުން ބޯ ޖަހާލާފައި ނައުރީންއަށް ގޮވާލާފައި ނާއިކް ދިޔައީއެވެ. ދެ އެކުވެރިން އެކަނިވެލަން ބޭނުންވި ނަމަވެސް އެރޭ ގޭގައި މީހުން ގިނަ ވުމުން ވާހަކަ ދައްކާލާނެ ފުރުސަތެއް ގެއިން ނުލިބޭނެ ހެން ހީވެގެން ނައުރީން އެދުނީ ބޭރަށް ދާށެވެ.
ރެސްޓޯރެންޓް ތެރެއިން ކަނެއްގައި ހުރި މޭޒެއް ކައިރީ އާލާއާ ނައުރީން އިށީނދެ ފިނި ބުއިމަކަށް އޯޑަރ ދީފައި ވާހަކަ ދައްކަން ފެށިއެވެ.
“އާލް… އިޒް އެވްރީތިންގ އޯކޭ؟” އެކުވެރިޔާ ނުބުނި ނަމަވެސް ކަމެއް ވެއްޖެހެން ނައުރީންއަށް ހީވިއެވެ.
“އަހަންނަށް ކުދިންނެއް ނުލިބޭ” އާލާ ބުނެލިއެވެ.
“ވަޓް!!؟” ނައުރީންއަށް އަހާލެވުނެވެ.
“ބޭސް ކޮށްގެން ލިބޭނެ ކަމަށް ޑޮކްޓަރުން ބުނަނީ. އެކަމަކު އަދި ނުވޭ” އާލާ ލަސްލަހުން ބުންޏެވެ.
ނައުރީން އާލާގެ އަތްތިލައިގައި ހިފާލިއެވެ.
އާލާ ހުރިހާ ވާހަކައެއް ކިޔާދޭން ފެށިއެވެ. ސުވާލެއް ނުކޮށް އަޑު އަހަން ނައުރީން އިނެވެ.
“ނާއިކް އެއްޗެއް ނުބުނަންޏާ އާލާ ކަންބޮޑު ނުވޭ. ނާއިކްގެ ފެމިލީވެސް އޯކޭއެއްނު؟ މާމަ ކިޔާ އެއްޗަކަށް އަޅާނުލާ. އެންމެން ހިތްހަމަ ޖައްސައިގެންނެއް އެކަކަށްވެސް ނޫޅެވޭނެ” އާލާ ވާހަކަ ދައްކާ ނިމުމުން ނައުރީން ބުންޏެވެ.
“އަބަދަކު ނާއިކްގެ މަންމަވެސް އެހެންނެއް ނުހުންނާނެ. އޭރުން ނާއިކްވެސް ބަދަލު ވާނެ” އާލާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ކަންތައް ނައުރީންއަށް ހާމަ ކުރިއެވެ.
“އާލް… ނާއިކް ވަރަށް ލޯބިވޭ އާލް ދެކެ. އޭނަގެ ފަރާތުން ކަމެއް ނުފެންނަ އިރު ކީއްވެ ތި ގޮތަށް ވިސްނަނީ؟ ތި ނެގެޓިވިޓީ ދޫކޮށްލާ، އެހެން ނޫނީ ހިތްހަމަޖެހުމެއް ނުލިބޭނެ. ނާއިކްވެސް ދެރަވާނެ އޭނައާ ދިމާއަށް އާލް ތިކަހަލަ އެއްޗެހި—” ނައުރީން ކުއްލިއަކަށް ވާހަކަ ދެއްކުން ހުއްޓާލިއެވެ. ކުރިމައްޗަށް ބަލަހައްޓައިގެން އިންއިރު އެ ދެލޮލަށް ކަރުނަ ޖަމާވި ތަން އާލާއަށް ފެނުނެވެ.
“ނައު…؟” ނައުރީންއަށް ވީ ގޮތުން އާލާ ގޮވާލިއެވެ. އަދި އެނބުރިފައި ނައުރީންގެ ނަޒަރު ހުއްޓިފައި ހުރި ދިމާއަށް ބަލާލިއެވެ.
ރެސްޓޯރެންޓް ތެރެއަށް ވަދެގެން އައި ދެ ފިރިހެނުންނާ އަންހެން ކުއްޖާ ފެނުމުން އާލާ އެނބުރި ނައުރީންއަށް ބަލާލިއެވެ.
“ނައު… ވަޓްސް ރޯންގް؟” ނައުރީންގެ އަތުގައި ހިފާ ބާރުކޮށްލަމުން އާލާ އަހާލިއެވެ.
ނައުރީން އެއްޗެއް ނުބުނެ އިސްޖަހާލީ ކުރިމައްޗަށް ހުރި މޭޒުކައިރީ އެއައި މީހުން އިށީނުމުންނެވެ.
“ނައު… އެތާ ދަންނަ މީހަކު ހުރީތަ؟” އާލާ އަނެއްކާވެސް އަހާލީ، އެ މީހުން ފެނިފައި ނައުރީންއަށް ވީ ގޮތް ނުވިސްނިގެންނެވެ.
“ވިންޑޯ ކައިރީ އެއީ ޔައީޝް” ނައުރީން ބުންޏެވެ.
ގަސްތަކާ ނުލާ އާލާއަށް އެނބުރިފައި އެ މޭޒާ ދިމާއަށް ބަލާލެވުނެވެ. ގާތްގަނޑަކަށް އެއް އުމުރެއްގެ ދެ ޒުވާނުންނާ، ބަލާ ބެލުމަށް އާލާމެންނަށް ވުރެ ހަގު އަންހެން ކުއްޖަކު އެ މޭޒުދޮށުގައި ތިއްބެވެ. ކުޑަދޮރު ކައިރީ އިން ޔައީޝްއަށް ރަނގަޅަށް ބަލާލާފައި އާލާ އެނބުރުނެވެ.
“ދާންވީތަ؟” ނައުރީން އަވަސްއަވަހަށް އެސްފިޔަ ޖަހާލިތަން ފެނިފައި އާލާ އެހިއެވެ.
ނައުރީން ބޯ ޖަހާލުމުން އާލާ ތެދުވިއެވެ. ޔައީޝްއަށް ނައުރީން ފެނުނީ އެވަގުތުއެވެ. އެ ދިމާއަށް ބަލާލެވުނު ނައުރީންއާ ޔައީޝްގެ ނަޒަރު އަމާޒުވިއެވެ.
އިރުކޮޅަކަށް ދެމީހުން ނޭވާ ލާންވެސް ހަނދާން ނެތިފައި ތިބިހެން އެކަކު އަނެކަކަށް ބަލަން ތިއްބެވެ.
އާލާގެ އަތް ނައުރީންގެ ކޮނޑުގައި ޖައްސާލުމުން ފުރަތަމަ އިސްޖަހާލީ ނައުރީންއެވެ.
“ހިނގާ” އާލާ އެހެން ބުނުމުން ބޯ ޖަހާލަމުން އާލާއާ އެކު ނައުރީން ނިކުތީއެވެ.
“ގެއަށްތަ ދާނީ؟” ބޭރަށް ނިކުމެފައި ޓެކްސީއެއް ހުއްޓުވަމުން އާލާ އަހާލިއެވެ.
ނައުރީން ބޯޖަހާލިއެވެ. ޓެކްސީއެއްގައި ނައުރީންމެން ގެއާ ހަމައަށް ދެވެން ދެން އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
ޔަޝާއާ ޝިޔާހްއާ އެކު ޔައީޝް އެރޭ ބޭރަށް ނިކުތީ ޝިޔާހްގެ އެދުމަށް ޝިޔާހް ކައިވެނި ކުރަން އުޅޭ ކުއްޖާއާ ބައްދަލު ކޮށްލުމަށެވެ. އަހަރުތަކަކަށް ފަހު އެރޭ ނައުރީން ފެނިދާނެ ކަމަށް ޔައީޝް ކުޑަކޮށްވެސް ހިތަކަށް ނާރައެވެ. ނަމަވެސް އެހާ ދުވަސް ފަހުން ނައުރީން ފެނުމުން، ހިތުގައި ނައުރީންއަށް ދެވިފައިވާ މަގާމް ބަދަލު ނުވާކަން ޔައީޝްއަށް ޔަގީންވިއެވެ.
“ދޮންބޭ…” ޝިޔާހް ގޮވާލުމުން ޔައީޝް ކޮއްކޮމެންނާ ދިމާއަށް ބަލާލިއެވެ.
“އެއީ ނައުރީންތަ؟” ޔަޝާ އަހާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.








Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Aaala and naaik dhuru nukurachey
They both are made for each other
Aaala ah vaa gothun v dheravey
Naaik haada rangalhey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you maash ❤️😍
Love it
Thanks girl for writing a story about me
Sorry wrong story gave comment