ހިތާ ކުޅެލާފާ 3
“ހުޅުވާފައޭ ބުނީމަވެސް ޔާނު ހަމަ ޓަކި ޖަހަޖަހާ ހުންނަން ޖެހޭތަ؟ މީވެސް އުނދަގޫ ބޮޑު—” ޓަކި ޖެހީ އިޔާން ކަމަށް ހީކޮށް އެއްޗެހި ކިޔަމުން އައިސް ދޮރު ހުޅުވާލި އިސްރާ ކުއްލިއަކަށް ބަސް ހުއްޓުނީ ދޮރުމަތީ ހުރި ޚަލަފް ފެނިފައެވެ.
“ހުޅުވާފަ ހުއްޓަކަސް ވަންނާކަށް ނުކެރޭނެއެއްނު؟ އެތެރެއިން ފެންނާނީ ކޮން ކަހަލަ މަންޒަރެއް ކަމެއް ނޭނގޭނެ ވިއްޔަ” އިސްރާއަށް ވީ ގޮތުން ހިނިއައިސްފައި ޚަލަފް ބުންޏެވެ.
“އަހަރެން މީ ޚަލަފްއެއް ނޫނޭ” އިސްރާ ވަގުތުން ރައްދު ދިނެވެ.
“ކޮޓަރިތެރޭވެސް އިންނަނީ ބުރުގާ އަޅައިގެން ކަން އެނގުނު ނަމަ ޓަކިވެސް ނުޖަހާ އަހަރެން ވަދެ ހުއްޓާ ފެންނާނީ. އަބަދު ތި އަޅައިގެން އުޅޭ އިރު ހޫނެއް ނުވޭތަ؟” އެހެން ބުނެލި އިރު ޚަލަފް ހުރީ އިސްރާ އަޅައިގެން ހުރި ވަށް ބުރުގާގެ ކައިރިފަށުގައި ހިފާ ދަމާލައިގެންނެވެ. ޚަލަފްގެ ކިބައިން އިސްރާއަށް ފެނުނީ ކުރިންވެސް ފެންނަ ސަމާސާ ގޮތެވެ.
“ޚަލަފް!” އިސްރާ ޚަލަފްގެ އަތްތިލައިގައި ބާރަށް ޖަހާ އެ އަތް ފޮޅުވާލިއެވެ. “ތި ގަމީސް ލައިގެން ހުންނަ އިރު ހޫނެއް ނުވޭތަ؟ ތިހާ ހޫނު ވަންޏާ އެއްޗެހި ނުލާ އުޅެންވީނު؟” ކޮޓަރިން ނިކުންނަމުން އިސްރާ ރައްދު ދިނެވެ.
“އަނހާ! އިސްރާ އިޒް ބެކް!” ޚަލަފް ބުންޏެވެ. “އެއްޗެހި ނުލާ އަހަރެން އުޅެން ފެށީމަ އެހެން މީހުން ލަދުން ފިލާނެތީ މި ހުންނަނީ” އިސްރާގެ ފަހަތުން ދަމުން ޚަލަފް ބުނެލީ ކުރީގެ އިސްރާގެ ފަރާތުން ފެންނަ ފަދަ ކަމެއް ފެނުނީތީ އުފަލުން ހުރެއެވެ. އެދެމެދުގައި އުފެދިފައިވި ދުރުކަމުން ވެރިވެފައިވާ ބީރައްޓެހިކަން ނައްތާލަން ބޭނުންވެފައި ހުރި ޚަލަފް ސަމާސާ ކޮށްލީ ހިތުގައި އުފެދެމުން ދިޔަ އިހުސާސްތައް އިސްރާގެ ކުރިމަތީ އަދި ފާޅުވާން ބޭނުން ނުވާތީއެވެ. އެ އިހުސާސްތައް އަދި ޚަލަފްއަށްވެސް ރަނގަޅަށް ނުވިސްނޭތީއެވެ.
އިސްރާ އެނބުރިފައި ދެލޯ ބޮޑުކޮށްލާފައި ޚަލަފްއަށް ބަލާލިއެވެ. އެއާއެކު ޚަލަފް ބާރަށް ހީގަތެވެ.
“ކީއްކުރަން މި ގަޑީގަ ތިއައީ؟” ލޯއަޅާލަމުން އިސްރާ އަހާލިއެވެ.
“އިސްރާ ކާން ނުދިޔައިމަ ކާ އެއްޗެހި ހިފައިގެން މި އައީ. އަހަރެން އަމިއްލައަށް އައީއެއް ނޫން، ޔޯރ މަމް ސެންޓް މީ” ޚަލަފް އައިސް މޭޒުމަތީ ހުރި ކޮތަޅު ދައްކާލިއެވެ.
“މިރެއަކު ދެން ނުކެވޭނެ، މާ ލަސް ވެއްޖެ، ނިދި އައިއްސި މިހާރު. މަންމަމެން ނޫޅޭތަ އަދިވެސް އަންނާކަށް؟” އާފުރިލަމުން އިސްރާ ސޯފާގައި އިށީނެވެ.
“އިސްރާގެ މަންމަމެން އަންނަން ދެން އަހަރެން މަޑުކޮށްފާނަމޭ، ނިދި އަންނަންޏާ ދޭ އޮށޯންނަން. އެކަމަކު ކޮންމެސް އެއްޗެއް ކައިގެނެއްނު ނިދަން ވާނީ؟” ސޯފާގެ އަނެއް ކޮޅުގައި ޚަލަފް އިށީނެވެ.
“މިހާ ލަސްވީމަ ނުކެވޭނެ. އޯކޭ ޚަލަފް ދިޔަޔަސް” ދެފައި ފަތްޖަހާލާ ގައިދަށަށް ލައްވާ އިށީނދެ ހަމަޖެހިލާފައި ލޯ މަރާލަމުން އިސްރާ ބުންޏެވެ.
“އައިލް ސްޓޭ، ތިތާ އޮވެ ނުނިދާ ދޭ ކޮޓަރިއަށް” އިސްރާއާ ދިމާއަށް ބަލަން އިނދެ ޚަލަފް މަޑުމަޑުން ބުންޏެވެ.
ޚަލަފްގެ އަޑު ހުރި ގޮތުން އިސްރާ ލޯ ހުޅުވާ ބަލާލިއެވެ. ޚަލަފް ކައިރިއަށް ޖެހިލާ އިސްރާގެ އަތްތިލައިގައި ހިފާލިއެވެ.
“ކޮން ކަމަކާ އަހަރެން ދެކެ ރުޅި އައިސްގެން ތި އުޅެނީ؟” އިސްރާގެ މޫނަށް ބަލާލަމުން ޚަލަފް އަހާލިއެވެ.
“ނާދޭ ރުޅިއެއް” އިސްޖަހާލަމުން އިސްރާ ބުންޏެވެ.
“ދެން…؟ ވަޓްސް ރޯންގް އިސްރާ؟” އިސްރާއަށް އައި ބަދަލުގެ ސަބަބު އެނގެން ޚަލަފް ބޭނުމެވެ.
“ނަތިންގް… ނިދަން މި ދަނީ” ޚަލަފްގެ އަތުތެރެއިން އަތްތިލަ ދަމާލަމުން އިސްރާ ތެދުވެ ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގޮސް ކޮޓަރިއަށް ވަނެވެ. ޚަލަފްވެސް ތެދުވީ އިސްރާގެ ފަހަތުން ދާށެވެ. ނަމަވެސް ހުއްޓުނީ ގޭގެ ދޮރު ހުޅުވާލި އަޑު އިވުމުންނެވެ.
“ކޮބާ އިސްރާ؟ ނިދާފަ ދޯ؟” އާލިމާ އަހާލިއެވެ.
“އާނ، އަހަރެން ދެން މި ދަނީ” ބޯ ޖަހާލަމުން ޚަލަފް އެހެން ބުނެފައި ނިކުތީއެވެ. އިސްރާއާ ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އެކަން ނުވީތީ ނުތަނަވަސްވެ ހުރެއެވެ.
ދެން އައި ދެ ހަފްތާ ތެރޭ ޚަލަފްއަށް އިސްރާ ފެނުނީ ތިން ފަހަރުއެވެ. އެހެން ނަމަވެސް ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބެއެވެ. އެ ދުވަސްތައް ޚަލަފް ހޭދަ ކުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ޚަލަފްގެ ހިތް ބުނެދެމުން ދިޔަ ހަގީގަތް ސިކުނޑިއަށް ނަގައިގަނެވުނީ ގޭތެރޭގައި ދެކެވުނު ވާހަކައެއް އަޑު އިވުމުންނެވެ.
ޚަލަފް އޮފީހުން އައި އިރު އާލިމާއާ ފަރުހާނާ ތިބީ ސައިބޯށެވެ. ޚަލަފް އައުމުން ސައިބޯން އަންނަން ފަރުހާނާ ބުނުމުން، ފުރަތަމަ ފެންވަރާލަން ބޭނުން ކަމަށް ބުނެފައި ޚަލަފް ވަނީ ކޮޓަރިއަށެވެ.
ބަނޑުހައިވެފައި ހުރި ވަރުން އަވަސް ކޮށްލައިގެން ޚަލަފް ނިކުތެވެ. ނަމަވެސް މަންމަމެންނަށް ނުފެންނަ ހިސާބުގައި މަޑުކޮށްލެވުނީ އާލިމާ ދައްކަމުން ދިޔަ ވާހަކަ އަޑުއިވިފައެވެ.
“…ހީވަނީ ކަމެއް ކުރާހެން. ގެއަށް އައިސް އަބަދު ކޮޓަރީގަ އޮންނަނީ. ވަރަށް ގިނައިން ފޯންވެސް އާދޭ، ހަމަ އަންނަ އިރަށް ވަންނާނީ ކޮޓަރިއަށް. އެކަމަކު އަހަރެން އަހާލީމަ އެއްބަހެއް ނުވި. ދެރެއަކު ބޭރަށްވެސް ދިޔަ، ބުނީ ރައްޓެހި ކުއްޖަކާ އެކީ ސައިކަލު ދުއްވާލާށޭ ދަނީ” އާލިމާގެ އަޑު އިވިފައި ޚަލަފްއަށް މަޑުކޮށްލެވުނެވެ.
“ދެން ރަނގަޅެއްނު؟ މިހާރު އިސްރާ އެހެރީ މީހަކާ އިންނަވަރު ވެފަ. އަމިއްލައަށް ހޯދާ ފިރިހެން ކުއްޖަކީ ރަނގަޅު ކުއްޖަކަށް ވަންޏާ މައްސަލައެއް ނެތެއްނު؟” ފަރުހާނާ ބުންޏެވެ.
“އާނ، ތީ ތެދެއް. އެކަމަކު ބުނެލައިގެންވެސް އުޅެވިދާނެ ތާ! ނޭނގެ އެހާ ސިއްރުން އެ އުޅެނީ ކީއްވެ ކަމެއް” އާލިމާ ބުންޏެވެ.
“އާލިމާ ކަންބޮޑު ނުވޭ، އަދި ނުކެރިފަ ހުރީ ކަންނޭނގެ. ރަނގަޅު ވަގުތު ޖެހުނީމަ އިސްރާ ނުހުންނާނެ ނުބުނެއެއް” ފަރުހާނާ ބުންޏެވެ.
އަޑު އިވުނު ވާހަކަތަކުން ޚަލަފްގެ ހަމަޖެހުން ގެއްލުނެވެ. އެނބުރި ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެވުނު އިރު އިޚްތިޔާރަކާ ނުލާ ރުޅި އާދެވި އަތުގެ އިނގިލިތައް މުއްކަވާލެވިއްޖެއެވެ. އިސްރާގެ ދިރިއުޅުމަށް އެހެން މީހަކަށް އާދެވެންވީ ކީއްވެ ހެއްޔެވެ؟ އެވަރު ކަމެއް އިސްރާގެ ޙަޔާތުގައި ވީ އިރު ޚަލަފްއަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟ އެއާއެކު އައި ރުޅި ފިނިވީ ޚަލަފްގެ ހިތް އަމިއްލަ ނަފްސާ ކޮށްލި ސުވާލަކުންނެވެ.
އިސްރާގެ ޙަޔާތަށް އެހެން ފިރިހެނަކު އައުމުން ޚަލަފް ކަންބޮޑުވަނީ ކީއްވެ ހެއްޔެވެ؟ އިސްރާގެ މައްޗަށް ޚަލަފްގެ އެއްވެސް ހައްގެއް ވޭ ހެއްޔެވެ؟
“އައި ލަވް ހަރ!” ޚަލަފްއަށް ބުނެވުނެވެ. އެއާއެކު އަނގަމަތީ އަތް ޖައްސާލެވުނެވެ. ބުނެވުނީ ތެދެއް ކަން ވިސްނުމާއެކު ޚަލަފް ފުންމައިގެން ތެދުވިއެވެ.
“އައި ލަވް އިސްރާ؟” އަމިއްލަ ނަފްސާ ސުވާލު ކޮށްލާހެން ޚަލަފް އަހާލިއެވެ.
“އައި ލަވް އިސްރާ!” ޖަވާބުވެސް ދިނީ ޚަލަފް އަމިއްލައަށެވެ.
ހިތުގައި ވި ނުތަނަވަސްކަމުގެ އަސްލު ޚަލަފްއަށް އެނގުނީ އެ ވަގުތުއެވެ. އެއާއެކު ބޭނުންވީ އިސްރާ ކައިރިއަށް ގޮސް ސުވާލު ކުރާށެވެ. އިސްރާ އެހެން މީހަކު ދެކެ ލޯބި ވަނީތޯ އަހާށެވެ.
ފަރުހާނާ އައިސް ދޮރުގައި ޖަހާލަމުން ގޮވާލި އަޑަށް، ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުރި ޚަލަފް ސިހުނެވެ.
ޚަލަފް އިންތިޒާރު ކުރަމުން ދިޔައީ އިސްރާއާ އެކަހެރިކޮށް ވާހަކަ ދައްކާލާނެ ފުރުސަތަކަށެވެ. އެ ފުރުސަތު ޚަލަފްއަށް ލިބުނީ ހަފްތާއެއް ވީ ފަހުންނެވެ.
އިޔާން ގޮވައިގެން އާލިމާއާ ނާފިޒް ހަފްތާއަކަށް ރަށަށް ގޮސްލީ ނާފިޒްގެ ކޮއްކޮއެއްގެ ކައިވެންޏަށެވެ. އިސްރާއަށް އެ ދަތުރުގައި ބައިވެރި ނުވެވުނީ އޮފީހުން ޗުއްޓީ ނުލިބިގެންނެވެ. އެ މީހުން ދިޔަތާ ތިން ވަނައަށް ވީ ދުވަހު އާލިމާ ފަރުހާނާއަށް ގުޅީ އިސްރާ މާ ބޮޑަށް ބޮލުގައި ރިއްސާތީ އާލިމާއަށް ގުޅުމުންނެވެ. ފަރުހާނާ ވަގުތުން އެ ގެއަށް ގޮސް އިސްރާއަށް ބޭސް ދީ ކާނެ އެއްޗެއް ދިނެވެ. ހަވީރު ވީ އިރު އިސްރާގެ ހާލު ރަނގަޅު ވުމުން ފަރުހާނާ ގެއަށް އައީ އާފާގު އައިސް ފަރުހާނާ ނެތިގެން ފޯން ކުރުމުންނެވެ.
އެރޭ އިސްރާއަށް ބޭސް ގަނެގެން ގެންގޮސް ދިނުމަށް ފަރުހާނާ އެދުނީ ޚަލަފް ކައިރިންނެވެ. އިސްރާ އެކަނި ގޭގައި ހުރި ކަން ޚަލަފްއަށް އެނގުނީވެސް އެ ދުވަހުއެވެ.
ބެލްގެ އަޑު އިވުނީ އިސްރާ ފެންވަރައިގެން ނިކުތް ތަނާއެވެ. ފޯނުން ގަޑި ބަލާލި އިރު ނުވައެއް ޖަހަނީއެވެ. މިސްވެފައި އިން ކޯލް، އަދި އައިސްފައި އިން މެސެޖް ފެނުނީ އެ ވަގުތުއެވެ. ފަރުހާނާ ގުޅާފައި އިސްރާ ފޯން ނުނެގުމުން، ބޭސް ހިފައިގެން ޚަލަފް ދާނެ ކަމަށް ބުނެ ފަރުހާނާ މެސެޖް ކޮށްފައި އޮތެވެ.
އިސްރާ ދޮރު ހުޅުވުމުން ޚަލަފް ބޭސްކާޑް ދިއްކޮށްލިއެވެ. އިސްރާ އެއްޗެއް ނުބުނެ އޭގައި ހިފިއެވެ.
“ނުވައްދާނަންތަ؟” ދޮރުމަތީ ހުރެ ޚަލަފް އަހާލިއެވެ.
އިސްރާ ބޮޑަށް ދޮރު ހުޅުވާލާފައި ފަހަތަށް ޖެހިލުމުން ޚަލަފް ވަދެ ދޮރު ލައްޕާލިއެވެ.
“އަދިވެސް ބޮލުގަ ރިއްސާތަ؟ އޮށޯންނަން ބޭނުމިއްޔާ އަހަރެން ގޮސްދާނަން” ޚަލަފް ބުންޏެވެ.
“މިހާރު ރަނގަޅު، އާދޭ އިށީންނަން. މި އަންނަނީ” ސޯފާއާ ދިމާއަށް އަތް ދިއްކޮށްލާފައި އިސްރާ ވަނީ ބަދިގެއަށެވެ.
ޚަލަފް އިސްރާގެ ހަރަކާތްތަކަށް ބަލަން އިނެވެ. އިސްރާ ފެންފޮދަކާ އެކު ބޭސްގުޅަ ކާލައިގެން އެނބުރިފައި ޚަލަފްއަށް ބަލާލިއެވެ.
“ކޮފީ ބޯނަންތަ؟” އިސްރާ އެހިއެވެ.
“ބޯނަން. ދެން ނޭނގެ ވިއްޔަ އިސްރާ އަހަންނަށް ކޮފީއެއް ދޭން ބުނާނީ ކޮން ދުވަހަކު ކަމެއްވެސް” ޚަލަފް ސޯފާއިން ތެދުވެގެން އައިސް ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ.
އިސްރާ ކޮފީ ގިރާފައި ޚަލަފް ކުރިމަތީ ބަހައްޓާފައި ގޮސް ސޯފާގައި އިށީނެވެ. އިސްރާއަށް ބަލަން އިނދެ ޚަލަފް ލަސްލަހުން ކޮފީ ބޮމުން ދިޔައެވެ. ޚަލަފް ބަލަން އިން ކަން އިހުސާސް ކުރެވި، އެކަމާ އުނދަގޫ ވުމުން އިސްރާ ޓީވީ ހުޅުވާލިއެވެ.
“އިސްރާ، އަހަރެން ސުވާލެއް ކޮށްފިއްޔާ ތެދަށް ޖަވާބު ދޭނަންތަ؟” ހުސްތަށި މޭޒުމަތީ ބަހައްޓާފައި ޚަލަފް އައިސް އިސްރާ އިން ސޯފާގެ އަނެއް ކޮޅުގައި އިށީނދެފައި އެހިއެވެ.
“ސުވާލު ކުރީމަ އެނގޭނީ” އިސްރާ ބުންޏެވެ.
“މި ހުރިހާ ދުވަހު އަހަރެންނާ ވާހަކަ ނުދައްކަން އުޅުނީ ބޯއިފްރެންޑް ބުނެގެންތަ؟ އޭނަ ހިތްހަމަ ނުޖެހެނީތަ އިސްރާ އަހަންނާ ވާހަކަ ދައްކަން؟” އިސްރާގެ ޙަޔާތުގައި އެހެން މީހަކު ވާކަން ޔަގީން ކުރަން ބޭނުން ވިޔަސް ސީދާ އެ ސުވާލު ކުރަން ފަސްޖެހިފައި، އެހެން ގޮތަކަށް ޚަލަފް އެހިއެވެ.
“ކީކޭ ތި ކިޔަނީ؟ ކާކު ބުނި އެއްޗެއް ތީ؟” އެ ފަދަ ސުވާލެއް ޚަލަފް ކުރީތީ އިސްރާ ހައިރާންވިކަން އެ މޫނުން އެނގުނެވެ.
“ޖަވާބު ދީބަލަ” ޚަލަފް ބުންނެވެ.
“ކާކު ޚަލަފް ކައިރީ ތިހެން ބުނީ؟” ދެންވެސް އިސްރާ ކުރީ ސުވާލެވެ. އެފަދަ ވާހަކައެއް ޚަލަފްއާ ހަމައަށް ދިޔައީ ކިހިނެއްތޯ ސާފު ކުރަން ބޭނުން ވެގެންނެވެ.
“ބޯއިފްރެންޑެއް ނެތީތަ؟ ނޫނީ އޭނަ ބުނެގެން ނޫންތަ އަހަންނާ ވާހަކަ ނުދައްކަނީ؟” ޚަލަފް ދެންވެސް ތަކުރާރު ކުރީ ޖަވާބު ހޯދަން ބޭނުންވާ ސުވާލެވެ.
“އަހަރެން ކައިރީ އެއްވެސް މީހަކު ނުބުނޭ ޚަލަފްއާ ވާހަކަ ނުދައްކާކަށް. އެހެން ނޫނަސް ޚަލަފްއާ ވާހަކަ ނުދައްކައެއް އަހަރެން ނުހުންނަން. މިހާރުވެސް މި ދައްކަނީނު؟” އިސްރާގެ ޙަޔާތުގައި ހިނގާ ހުރިހާ ކަމެއް ޚަލަފްއަށް ކިޔާދޭން ބޭނުން ނުވާތީ، އެ ޙަޔާތަށް ފިރިހެން ކުއްޖަކު އަދި ނާންނަ ކަންވެސް ޚަލަފްއަށް އަންގަން ބޭނުނު ނުވެ އިސްރާ ޖަވާބު ދިނެވެ.
އެ ޖަވާބުން ޚަލަފް ބޭނުން ވި ކަމެއް އޮޅުމެއް ނުފިލިއެވެ.
“ކާކު އެއީ؟” ޚަލަފް އަހާލިއެވެ.
ނުވިސްނިފައި އިސްރާ ޚަލަފްއަށް ބަލާލިއެވެ.
“ހޫ އިޒް ޔޯރ ބޯއިފްރެންޑް؟” ޚަލަފް ތަކުރާރުކޮށްލިއެވެ.
“ތި ކުރަނީ މާ ޕަރޒަނަލް ސުވާލެއް ހެން ޚަލަފްއަށް ހިއެއް ނުވޭތަ؟” ޚަލަފްއަށް އެއްވެސް ކަމެއް އެނގޭ ގޮތަކަށް އިސްރާ ޖަވާބެއް ނުދެއެވެ.
“އެއީ އެހާ ސިއްރުން އުޅޭވަރު ކަމެއްތަ؟” އިސްރާއަށް ދޫނުކުރަން ޚަލަފް އުޅޭ ކަހަލައެވެ.
“ނިދި އައިއްސި. ޚަލަފް ދާން ވީނު؟” ނިތްކުރީގައި ފިރުމާލަމުން އިސްރާ ބުނެލިއެވެ.
“އަނެއްކާ ރިއްސަނީތަ؟” ޚަލަފް ކަންބޮޑުވިއެވެ.
“ނުރިއްސާ. އެކަމަކު ޚަލަފްގެ ސުވާލު ގިނަ ކަމުން ހީވަނީ އެހެންވެސް ވާނެހެން” އިސްރާގެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ.
“އަހަރެން ކުރާ ސުވާލުގެ ޖަވާބު ދިނީމަ ހިނގައިދާނަން. ކީއްވެ އަހަރެން ދެކެ ރުޅިއައިސްގެން މިހާ ދުވަހު ތި ހުންނަނީ؟ އަހަރުމެންނަކީ ކުރިން މިހެން އުޅުނު ދެ މީހުންނެއް ނޫނެއްނު؟” ޚަލަފް އެހިއެވެ.
“ކަމެއް ނުވޭ. އަހަރެން ޚަލަފް ދެކެ ރުޅިއެއް ނާދޭ” އިސްރާ ބުންޏެވެ.
“ވީ ގޮތެއް ބުނީމަ އަހަރެން ހިނގައިދާނަން. އިސްރާ ބުނެފިއްޔާ ދެން އިތުރަށް އިސްރާއާ ވަހަކަ ދައްކާކަށްވެސް ނޫޅޭނަން. އުނދަގުލެއް ނުކުރާނަން. އެޓްލީސްޓް ޓެލް މީ ވަޓް އައި ޑިޑް” ޚަލަފްގެ އަޑާއި ރާގުވެސް ބަދަލުވިއެވެ. ހީވީ އެ ސުވާލުތަކުގެ ޖަވާބު ހޯދާފައި ނޫނީ ނުދާން އަޒުމް ކަނޑައަޅައިގެން އިން ހެންނެވެ.
“ޚަލަފް ދެކެ އަހަރެން ރުޅި އަންނަ ވަރުގެ ކަމެއް ޚަލަފް ނުކުރޭ. އަހަރެން ޚަލަފް ދެކެ ރުޅިއެއްވެސް ނާދޭ. ޚަލަފް ކިތަންމެ ވަރަކަށް ސުވާލު ކުރިޔަސް ދޭނެ އެހެން ޖަވާބެ އަހަންނަކަށް ނޭނގޭ. ދެން ޚަލަފް ދޭ. އަހަރެން އޮށޯވެލަން ބޭނުން” ލޯ މަރާލަމުން އެހެން ބުނެފައި އިސްރާ ލޯ ހުޅުވާ އާދޭހުގެ ބެލުމަކުން ޚަލަފްއަށް ބަލާލިއެވެ.
އިސްރާގެ ބެލުމުގައިވި އާދޭސް ޚަލަފްއަށް އިހުސާސް ކުރެވުނެވެ. އިން ތަނުން ތެދުވެ ކައިރިއަށް ޖެހިލި ގޮތަށް ޚަލަފް އިސްރާގެ މޫނުގައި އަތް ޖައްސާލިއެވެ.
“ބޮލުގަ ރިއްސަނީތަ؟” މަޑުމަޑުން ޚަލަފް އަހާލީ އިސްރާއާ މެދު ކަންބޮޑުވީ ވަރުންނެވެ.
އިސްރާ ދެފަރާތަށް ބޯ ހަލުވާލިއެވެ.
“އައި ނީޑް ޓު ނޯ އިސްރާ. އިސްރާ ހިތްހަމަ ނުޖެހޭ ކަމެއް އަހަންނަށް ކުރެވުނީތަ؟ ނޫނީ އެކަހަލަ އެއްޗެއް ބުނެވުނީތަ؟” ޚަލަފް އެހިއެވެ.
އިސްރާ އެއްޗެއް ނުބުނެ އިނީއެވެ.
“އިސްރާ، އަހަރެން ޖަވާބެއް ބޭނުން” ކުރިއަށް ވުރެ އިސްރާއާ ކައިރި ވެލަމުން ޚަލަފް ބުންޏެވެ.
“އަހަރެންގެ ބޯއިފްރެންޑެއް ނުހުންނާނެ. ޚަލަފްއަށް ތި ވާހަކައެއް ތި އިވުނީ ރަނގަޅަކަށް ނޫން” އިސްޖަހާލަމުން އިސްރާ ދިނީ ޚަލަފް ދެއްކި ވާހަކައާ ނުގުޅޭ ރައްދެކެވެ.
އެ ޖަވާބުން ޚަލަފްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އެ ވަގުތު އިސްރާ ތެދުވެގެން ކޮޓަރިއަށް ވަނީއެވެ.
އިސްރާއަށް ދޮރު ލައްޕާނުލެވެނީސް ޚަލަފް އިސްރާގެ ފަހަތުން ވަދެ ދޮރު ލައްޕާލިއެވެ.
“ޚަލަފް ޕްލީޒް… ދޭ ދެން…” ޚަލަފްއާ ދުރަށް ފިޔަވަޅެއް އަޅާލަމުން އިސްރާ އެދުނެވެ.
“ދެން ހިތްހަމަނުޖެހިގެން ތި އުޅޭ ކަމެއްވެސް ބުނޭ” ޚަލަފް ކުރިއަށް ޖެހިލާ އިސްރާގެ ކޮނޑާ ހިސާބުން ހިފާލަމުން ގެންގޮސް ފާރުގައި އިސްރާ ޖައްސާލިއެވެ.
“އައި ކާންޓް… އައި ކާންޓް ޓެލް ޔޫ…” ކިރިޔާ އަޑު އިވޭ ވަރަށް އެހެން ބުނެލަމުން އިސްރާ އިސްޖަހާލިއެވެ.
“އަހަރުމެންގެ މެދުގަ ކަންތައްތައް ބަދަލުވެއްޖެ…” ޚަލަފް ބުނެލީ ވީ ގޮތް ކޮންމެވެސް ވަރަކަށް ވިސްނިގެން ކަހަލައެވެ.
އިސްރާ ހަމައެކަނި ބޯ ޖަހާލީއެވެ.
ޚަލަފް އިސްރާގެ ދަތްދޮޅީގައި އެއްއަތުން ހިފާ އުފުލާލިއެވެ. އިސްރާ ޚަލަފްގެ މޫނަށް ބަލާލިއެވެ. އެއާއެކު އެ ދެމީހުންނަށްވެސް އެކަކު އަނެކަކާމެދު ކުރިން ނޭނގޭ ކަންތައްތަކެއް އެނގިގެން ދިޔައެވެ. ޚަލަފް އިސްރާގެ ދެ އަތްތިލައިގައި ހިފާ އުފުލާލަމުން ގެނެސް ޚަލަފްގެ މޭގައި ޖައްސާލިއެވެ. އަދި އިސްރާގެ އުނަގަނޑުގައި ދެފަރާތުން ހިފާލަމުން ގެނެސް ޚަލަފްގެ ގައިގައި އިސްރާ ޖައްސާލިއެވެ.
“އައި ނީޑް ޔޫ އިން މައި ލައިފް” ޚަލަފް ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.








Salaam, heres part3. part 4 on Sunday. Have a happy weekend, and Happy Independence Day!
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Israa and khalaf gulhuvachey
They both are made for each
Khalaf ehbas vejje Israa dheke loabivaa kamah
Happy independence
Love you
Happy independence day
maashaa allah i cant wat for the next part….
Reethi