ހިތާ ކުޅެލާފާ 2
“އުހުނ، އަދި މެރީ ކުރާކަށް ނުވޭ. އަހަރެން މި ބުނަނީ… މިހެން ކިޔައެއް ނުދެވޭނެ، އެހެންވެ މި ބުނަނީ، އިސްރާވެސް ކުއްޖަކާ ރައްޓެހި ވީމަ އެނގޭނީ. އެ ދުވަހަކުން އަހަރެން ވަރަށް ސުވާލު ކުރާނަން އިނގޭ، ރެޑީ ވެގެން ހުންނާތި” ޚަލަފް ބުނަން އުޅޭ އެއްޗެއް އިސްރާއަށް ވިސްނައިދޭނެ ގޮތެއް ނޭނގިގެން އެންމެ ފަހުން އެ ވާހަކަ ހުއްޓާލީއެވެ.
އެރޭގެ ފަހުން އިސްރާއަށް ޚަލަފްއާ އެކީ ކުރިން އުޅޭހެން ސަކަރާތް ޖަހާ އުޅެން އުނދަގޫ ވިއެވެ. ފެނުނު މަންޒަރުން އިސްރާގެ ހިތަށް ނުތަނަވަސްކަން ވެރިވެ، ޚަލަފްއާ މެދު ނުރުހިފައި ހުރެވެނީއެވެ. ޚަލަފް ފެންނަ ކޮންމެ ފަހަރަކު އެ ހަނދާންވެ ޚަލަފް ދެކެ ރުޅި އާދެވޭ ސަބަބެއް ޚުދު އިސްރާއަކަށްވެސް ނުވިސްނެއެވެ.
ނާފިޒްއަށް އިސްރާ އޮފީހަށް ގެންގޮސްނުދެވޭ ދުވަސްތަކުގައި އިސްރާ ގެންގޮސްދެނީ ޚަލަފްއެވެ. އެހެން ނަމަވެސް ޚަލަފްގެ ސައިކަލުގެ ފަހަތުގައި ޚަލަފްއާ ޖެހިގެން އިނުން އިސްރާއަށް ކުރަން އުނދަގޫ ކަމަކަށް ވިއެވެ. އެހެންވެ ފަހުން އައިސް ނާފިޒްއަށް ނުދެވޭ ދުވަސްތަކުގައި ޚަލަފްއަށް ގުޅުމުގެ ބަދަލުގައި ހިނގާފައި އޮފީހަށް ދާން ފެށިއެވެ. ކުރިން ކޮންމެ ދުވަހަކު ޚަލަފްމެން ގެއަށް ދާ ކުއްޖާ، އާލިމާ ބުނެގެން ނޫނީ އެ ގެއަށް ނުދާން ފެށިއެވެ. އެކަމާ އާލިމާއާ ފަރުހާނާ ޝަކުވާ ކޮށް އިސްރާ ކައިރީ އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު، އޮފީހުގައި ބުރަކޮށް އުޅޭތީ ވަރުބަލި ވާ ކަމަށް ބުނެއެވެ. އަދި އެ ބަހަނާ އަޑު ނާހައިފި ނަމަ ކޮންމެވެސް އެހެން ބަހަނާއެއް ދައްކާފައި އިސްރާ އޮޅުވާލައެވެ.
ޚަލަފްއަށް އިސްރާއާ މެދު ވިސްނެން ފެށީ، އިސްރާ ޚަލަފްއާ ދުރުވެއްޖެ ކަމުގެ އިހުސާސް ކުރެވެން ފެށުމުންނެވެ. ކުރީގައި ބައެއް ފަހަރު ފޫހިވެގެންވެސް ޚަލަފް އިސްރާމެންނަށް ގުޅައިގެން ގެއަށް ގެނެއެވެ. ނޫން ނަމަ އެ ގެއަށް ޚަލަފް ގޮސްގެންވެސް އެގޭ ކުދިންނާ ސަކަރާތް ޖަހައެވެ. ފަހަކަށް އައިސް އިޒްވާއާ އެކު އިސްރާ އެ ގެއަށް އަންނަ މަދު ފަހަރެއްގައިވެސް އުޅޭނީ އަވަހަށް ނުދެވިގެންނެވެ. ޚަލަފް ގޮސްފި ނަމަ ގިނަވާނީ އިސްރާ ކޮންމެވެސް ކަމެއް ކުރާތީއޭ ބުނެ ކޮޓަރިން ނުނިކުންނަ ފަހަރެވެ. އިސްރާއާ ވާހަކަ ދައްކަން ބޭނުން ވެގެން، ގެއަށް ނާންނާތީ، ނޫނީ ޚަލަފް އިސްރާމެން ގެއަށް ދިޔަޔަސް ބައްދަލު ނުވާތީ ފޯން ކުރިޔަސް އިސްރާ ފޯން ނަގަނީ މަދު ފަހަރެއްގައެވެ. ޚަލަފްގެ ކޯލަށް ޖަވާބު ދޭ ފަހަރެއްގައިވެސް އިސްރާ ކޮންމެވެސް ބަހަނާއެއް ދައްކާފައި އަވަހަށް ކަނޑާލެވޭތޯ ބަލައެވެ.
އިސްރާ އެކަނި އޮފީހަށް ދާކަން ޚަލަފްއަށް އެނގުނު ދުވަހު ޚަލަފް ހަގީގަތުގައިވެސް ދެރަވިއެވެ. އެ ދުވަހު ޚަލަފް ތަންކޮޅެއް އަވަހަށް އޮފީހަށް ދާން ނިކުތީ މުހިންމު ބައްދަލުވުމަކަށް ބޭނުންވާ ޕްރެޒެންޓޭޝަންއެއްގެ އެންމެ ފަހު ކަންތައް ނިންމުމަށެވެ. ޚަލަފް ސައިކަލުގައި ނިކުމެގެން އަނެއް މަގަށް އަޅާލި އިރު އިސްރާ އެކަނި ހިނގާފައި ދާތަން ފެނުމުން ހައިރާންވިއެވެ.
“އިސްރާ، އެކަނިތަ؟ ހިނގާފަތަ؟” އިސްރާ ކައިރިއަށް މަޑުކޮށްލަމުން ޚަލަފް އަހާލިއެވެ.
“ބައްޕަ ނެތީމަ…” މަޑުކޮށްލާފައި ލަސްލަހުން އިސްރާ ޖަވާބު ދިނެވެ.
“ދެން ކީއްވެ އަހަންނަށް ނުގުޅީ؟” ޚަލަފްގެ އަޑުގައިވީ ޝަކުވާއެވެ.
“ބައްޕަ ރަށުގަ ނުހުންނަ ކޮންމެ ދުވަހަކު ޚަލަފްއަށް އުނދަގޫ ކުރާކަށް ނުވާނެއެއްނު؟ ޚަލަފްވެސް ބިޒީ ވާނެ ކަން އެނގޭ” އެ ބަހަނާ ޚަލަފް ގަބޫލު ނުކުރާނެ ކަން އެނގޭ އިރުވެސް އިސްރާއަށް ބުނެވުނެވެ.
“އިސްރާ ތަނަކަށް ގެންގޮސްދޭން ޖެހިގެން އުނދަގޫ ވެގެން ދުވަހަކުވެސް އަހަރެން އުޅުނިންތަ؟ އެހެން ކިޔާފަ އެއްޗެއް ބުންޏަސް ބުނެފަ އޮންނާނީ މަޖަލަކަށް ކަން އިސްރާއަށް އެނގޭނެ. ހިނގާފަ ދާނެ ކަމެއް ނެތް، އަރާ، އަހަރެން ގެންގޮސްދޭނަން” އަމުރު ކޮށްލާހެން ބުނި އިރު ޚަލަފްގެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ.
“އޯކޭ ވާނެ ހިނގާލާފަ ދާން” ޚަލަފް ހިތްހަމަނުޖެހިފައި ހުރިކަން އެނގި، ޖެހިލުންވެފައިވެސް އިސްރާ ދެކޮޅު ހަދަން އުޅުނެވެ.
“ވަޓް އިޒް ރޯންގް ވިތް ޔޫ؟ ކިހިނެއްތަ އިސްރާއަށް ވީ؟ ކީއްވެތަ މިހާރު ތިހެން ތި އުޅެނީ؟ އިސްރާ ރުޅި އަންނަ ކަހަލަ އެއްޗެއް އަހަންނަށް ބުނެވުނީތަ؟ އެހެން ވިއްޔާ ސޮރީ! ޕްލީޒް، އަހަންނަށް ވަރަށް އުނދަގޫވޭ އިސްރާ ތިހާ ދުރުދުރުން އުޅޭތީ” ޚަލަފްއަށް ބުނެވުނީ އިސްރާއަށް ވެގެން އުޅޭ ގޮތެއް ނޭނގޭތީއެވެ.
ކުއްލިއަކަށް އިސްރާ އެހާ ބަދަލު ވީތީ ހަގީގަތުގައިވެސް ޚަލަފް ހުރީ ވީ ގޮތެއް ނޭނގި ކަންބޮޑުވެފައެވެ. ވަކިން ޚާއްސަކޮށް އިސްރާ އެކަނި ހިނގާފައި އޮފީހަށް ދާކަން އެނގުމުން ޚަލަފް ހަގީގަތުގައިވެސް ދެރަވިއެވެ. ކުރިން އިސްރާއަކީ ތަނަކަށް ދާން ބޭނުން ވެއްޖެ ނަމަ ޚަލަފް ނިދާފައި އޮތަސް އައިސް ގަދަކަމުން ނަގައިގެން ވިޔަސް ޚަލަފްއާ އެކީ ނޫނީ ތަނަކަށް ދާ އަންހެން ކުއްޖެއް ނޫނެވެ.
“އެއްވެސް ކަމެއް ނުވޭ” ޚަލަފްގެ މޫނަށް ބަލާލަމުން އިސްރާ ބުންޏެވެ.
“އެހެން ވިއްޔާ އަރާބަލަ” ޚަލަފް ބުންޏެވެ.
ދެކޮޅު ހަދަން ނުކެރިގެން އިސްރާ ޚަލަފްގެ ފަހަތުގައި އިށީނެވެ.
“ދެން އެކަނި ނުދާތި! ނާފިޒްބެ ނެތިއްޔާ އަހަންނަށް ގުޅާތި. މިއަދު ބަލާ ދާނަން، އަހަރެން ކައިރި ކޮށްލާފަ ގުޅީމަ ނިކުންނާނީ، އިނގޭ!” ޚަލަފް ބުންޏެވެ.
“ހްމްމް” އިސްރާ އަޑު އިވުނުކަން އަންގާލުމަށް ހޫނ ލައްވާލިއެވެ.
ޚަލަފް ހީކުރީ އެ ދުވަހުގެ ފަހުން ކުރިން ފެނުނު އިސްރާ އަލުން ފެންނާނެ ކަމަށެވެ. ނަމަވެސް އެހެންނެއް ނުވިއެވެ. އިސްރާ ހީވީ ޚަލަފްއާ ވާހަކަ ދައްކަން ބޭނުން ނުވެގެން، ޚަލަފްއަށް ފިލަން އުޅޭހެންނެވެ. ޚަލަފްގެ އެކުވެރިކަން އިތުރަށް އިސްރާ ބޭނުން ނުވާ ކަހަލައެވެ. ޚަލަފް މަސައްކަތް ކުރި ނަމަވެސް އިސްރާގެ ފަރާތުން އެއްބާރުލުމެއް ނުލިބޭތީ ދެ މީހުންގެ އެކުވެރިކަމުގެ ގުޅުން ހީނަރުވަމުން ދިޔައެވެ. އެންމެ ފަހުން އެކަމާ އަޅާނުލާން ހުރި ނަމަވެސް، އެކަމެއްވެސް ޚަލަފްއަކަށް ނުވިއެވެ. އިސްރާއާ މެދު ވިސްނޭވަރު އިތުރުވިއެވެ. ކުރިން އިހުސާސްނުވާ ނުތަނަވަސްކަމެއް ހިތަށް ވެރިވާން ފެށިއެވެ. ހުރިހާ ވަގުތެއްގައި ހިތާ ސިކުނޑީގައި އިސްރާގެ ޚިޔާލުތައް އެނބުރެން ފެށިއެވެ. ނައިޝާއާ ގުޅާނުލެވޭ ދުވަސްތައް ގިނަވިއެވެ. ނައިޝާ އެކަމުގެ ޝަކުވާ ކޮށްފިނަމަ ޚަލަފް ހިތްހަމަ ނުޖެހި ރުޅިގަދަވެއެވެ.
އެހެން އުޅޭތާ އަހަރެއް ހާ ދުވަސް ފަހުން ދެ މީހުން އެކުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހުނީ އިޒްވާގެ ކައިވެންޏަށް ތައްޔާރު ވާން އުޅުނު އިރުއެވެ. ނާފިޒްއާ އާލިމާއެކޭ އެއްފަދައިން ފަރުހާނާއާ އާފާގުވެސް އިޒްވާއާ އާކިފްގެ ކައިވެނީގެ ކަންތަކުގައި އުޅުނެވެ. ޚަލަފްއާ ހަވާލު ކުރެވުނީ ކައިވެންޏަށް އެގޭ ޓެރެސް ތައްޔާރު ކުރުމާ ބެކްޑްރޮޕް ހެދުމެވެ. އިސްރާގެ މަސައްކަތަކަށް ވީ މޭޒުތަކުގައި އަޅާނެ ފޮތި ހޯދުމާ، ސެންޓަރޕީސްގެ ކަންތަކެވެ. އެހެންވެ ކައިވެނި ކުރެވެން އޮތް ދުވަހުގެ މެންދުރުފަހު، އެހެން އެކުވެރިންނާ އެކު ޚަލަފްއާ އިސްރާވެސް އުޅުނީ ޓެރެސްގައެވެ.
“އޭ، ޚަލަފް، އިސްރާއަށް ކިހިނެއް ހަދައިގެން ތިއުޅެނީ؟ މިހާރު ނުފެނޭ މިގެއިންވެސް” ޚަލަފްގެ އެންމެ ގާތް އެކުވެރިޔާ ލާމިއު އިސްރާއާ ދިމާއަށް ބަލަން ހުރެ ބުންޏެވެ.
“އާނ، މިހާރު ވަރަށް ނާދޭ، ގުޅާލިޔަސް ބުނަނީ މާ ބިޒީއޭ. ނޭނގެ އޭނައަށް ވެގެން އުޅޭ ގޮތެއް” އިސްރާ ހުރި ދިމާއަށް ޚަލަފްވެސް ބަލާލިއެވެ.
“ޝީ އިޒް ސޯ ބިޔުޓިފުލް… ނޫންތަ ޚަލަފް؟” ލާމިއުގެ ނަޒަރު އަދިވެސް ހުރީ އިސްރާއަށް ހުއްޓިފައެވެ.
ލާމިއު އެހެން ބުނުމުން ސިހިފައި ލާމިއުއަށް ޚަލަފް ބަލާލިއެވެ. އެއާއެކު ދެބުމަ ކައިރި ކޮށްލެވުނީ އިސްރާއަށް ބަލަން ލާމިއު ހުރި ގޮތުންނެވެ.
“ތި ފާޑަށް ނުބަލާ އޭނައަށް!” ލާމިއުގެ ބޮލުގައި ފަހަތުން ޖަހަމުން ޚަލަފް ބުނެލިއެވެ.
“ކިހިނެއްވީ؟ އަހަރެން އޭނައަށް ބެލިޔަސް ޚަލަފްއަށް ކޮން ކަމެއް؟ އެހާ ރީތި ކުއްޖަކު އެހާ ކައިރީގަ ހުރި އިރު ޚަލަފް ތި އުޅެނީ އެހެން ކުދިން ގޮވައިގެން ވިއްޔަ. ދެން ޚަލަފް ނުނެގި ޗާންސެއް އަހަރެން ނެގިއްޔާ ކޮބާ މައްސަލައަކީ؟” ލާމިއު ބުނެލިއެވެ.
“ސީރިއަސް ނޫނިއްޔާ އޭނައާ ކައިރި ނުވާތި!” ލާމިއުގެ ވާހަކައިން ހިތްހަމަނުޖެހި ރުޅި ގަދަވެފައި އަނެއްކާވެސް ޚަލަފް އިންޒާރެއް ދިނެވެ. އިސްރާގެ އަމިއްލަ ކަމެއްގެ ތެރެއަށް ވަނުމުގެ ހައްގެއް ނެތްކަން އެނގޭ އިރުވެސް، އެއްވެސް މީހެއްގެ ފަރާތުން އިސްރާއަށް ދެރައެއް ލިބެން ބޭނުން ނުވާތީ އެކަން އެކުވެރިޔާއަށްވެސް އަންގާލީއެވެ.
“އަދި ސީރިއަސް ވާކަށް ނުވޭނު؟” ހިނިގަނޑަކާއެކު ލާމިއު ބުނެލިއެވެ.
އޭރު އިސްރާއާ އެކު އެކުވެރި ދެ ކުއްޖަކު އުޅުނީ ދޮންވެލި އަޅާފައި ހުރި ބިއްލޫރި ފުޅިތަކުގެ ތެރެއަށް އުއްބައްތިތަކެއް ލާށެވެ. އެ މަސައްކަތް ނިންމާފައި ދެން ތިބި ދެކުދިން ތެދުވެ އެރޭ އަންނާނެ ކަމަށް ބުނެފައި ދިޔައީއެވެ.
އިސްރާއަށް ޚަލަފް ބަލާލީ އެ ކުދިން ދިޔުމުންނެވެ. އަޅި ކުލައިގެ އަބާޔާއެއްގައި ހުރި އިރު ރަތް ކުލައިގެ ޝޯލްގެ ތެރެއިން އިސްރާގެ މޫނު ފެންނަނީ ނުހަނު އަލިކޮށެވެ. އަވީގައި ގިނައިރު އުޅުމުގެ ސަބަބުން އެ ދޮން މޫނު ވަނީ ހިސާބަކަށް ރަތްވެލާފައެވެ. ޚަލަފް ބަލަން ހުއްޓާ، ކަނާތު ކޮނޑުމަތިން ކުރިމައްޗަށް ވެއްޓިފައި އޮތް ޝޯލްގެ ބައިން އިސްރާ މޫނު ފޮހެލިއެވެ. އަދި އެއްފަރާތެއްގައި ހުރި މޭޒުމަތިން ފެންފުޅިއެއް ނަގާ އަނގަޔަށް ފެންފޮދެއް އޮއްސާލިއެވެ. ފެންފުޅި މާ ބޮޑަށް އަރިކޮށްލެވުމުން އިސްރާގެ ދަތްދޮޅިން ފެށިގެން މޭމައްޗަށާ އެކީ ފެން އެޅުނެވެ. އަވަސްއަވަހަށް ފެންތައް ފޮޅާލުމާއެކު، ފެންފުޅިއަށް ބަލާލާފައި އިސްރާ އަތްތިލައަށް ފެންފޮދެއް އަޅާލާ ދެ ފަހަރަކު މޫނަށް ޖަހާލިއެވެ.
އެ މަންޒަރު ބަލަން އެސްފިޔަ ޖަހާނުލާ ޚަލަފްއަށް ހުރެވުނެވެ. އޭގެ ކުރިން ދުވަހަކުވެސް އިސްރާއާ މެދު ހިތަށް ނާންނަ ޚިޔާލުތަކެއް އެ ވަގުތު ޚަލަފްއަށް ސިފަކުރެވުނެވެ. އެފަދަ ޚިޔާލުތަކެއް އިސްރާއާ މެދު ދުވަހަކުވެސް ހިތުގައި އުފެދިދާނެ ކަމަށް ޚަލަފް ހިއެއް ނުކުރެއެވެ. އަވަސް އަވަހަށް ދެ ފަރާތަށް ބޯ ހަލުވާލަމުން ޚަލަފް ލޯ މަރާލީ އެ ޚިޔާލުތައް ހިތުން ފޮހެލާށެވެ. ނަމަވެސް ލޯ މަރާލުމާއެކު އެ މަންޒަރުތައް ކުރިއަށް ވުރެ ސާފުކޮށް، އެއަށް ވުރެ ތަފްސީލުކޮށް ފެންނަން ފެށި ކަހަލައެވެ. އެއާއެކު ހިތުގެ ތެޅުން އަވަސްވެ، ތަފާތު ހޫނެއް ހަށިގަނޑަށް ވެރިވިއެވެ.
“އަހަރެން މޮޔަވީތަ؟ މާ ބޮޑަށް ހޫނުވީ ކަންނޭނގެ” ލޯ ހުޅުވާލުމާއެކު ޚަލަފް އަމިއްލަ ނަފްސަށް ބުނެލިއެވެ. އަދި ވިސްނާލުމެއް ނެތި ދިޔަ ގޮތަށް ގޮސް އިސްރާގެ އަތުން ފެންފުޅި ނަގާ އަމިއްލަ ބޮލަށް އޮއްސާލިއެވެ.
“ޚަލަފް!” ހައިރާންވީ ވަރުން އިސްރާ ގޮވާލިއެވެ.
“އިސްރާ” ޚަލަފްވެސް އިސްރާގެ ނަމުން ގޮވާލިއެވެ.
ބުނާނެ އެއްޗެއް ނޭނގިފައި ޚަލަފްއާ ދިމާއަށް ބަލަން އިސްރާ ހުރީއެވެ.
“ހޫނެއް ނުވޭތަ؟” ޚަލަފް އަހާލިއެވެ. ހިތުގައި ވި ޚިޔާލުތައް އެއްފަރާތް ކުރަން މަސައްކަތް ކުރަމުން ޚަލަފް ލާނެތް ގޮތަކަށް ހީލީ އިސްރާއަށް ޖެއްސުމެއް ކޮށްލަން ހިތަށް އެރުމުންނެވެ.
“ޚަލަފް!” ޚަލަފް ތެމިފައި ހުރި އިސްތަށިގަނޑުން ފެންތައް އިސްރާއާ ދިމާއަށް ފޮޅާލުމުން އިސްރާ ހަޅޭލަވައިގަތުމާއެކު ދުރަށް ދާން އުޅުނެވެ.
ޚަލަފް ކުއްލިއަކަށް އިސްރާގެ ދެ އަތުގައި ކޮނޑާ ދިމާލުން ހިފެހެއްޓިއެވެ.
“ވަރަށް ދުވަހު އަހަންނަށް ފިލައިގެން އުޅެފީމެއްނު؟ ކޮން ދުވަހެއް މިހެން ޖެއްސުމެއް ކޮށްނުލެވޭތާ؟ އަބަދު ތިހެން އުޅެވޭނެ ކަމަށްތަ ހީކުރީ؟ މިއަދު އަތުގަ ޖެހިފަ ތިހިރީ، އަހަރެން ބޭނުން ގޮތެއް ހަދާފަ ދޫކޮށްލާނީ” ޚަލަފް ބުނަމުން ދިޔައީ ކުރިން އެ ދެމެދުގައި އަބަދުވެސް ބުނާ ކަހަލަ އެއްޗެއްސެވެ. ނަމަވެސް އެ ދުވަހު ބަސްތަކުގެ މާނަ ތަފާތުކަން އެނގެނީ ޚަލަފްއަށެވެ. ހިތުގައި ވީ ކީކޭ ކަން އެނގެނީ ޚަލަފްއަށެވެ. އެ ޚިޔާލުތައް އައީ ކޮންތާކުން ކަމެއް ނޭނގުނަސް އެއީ ޚަލަފްގެ ހިތުގެ އެދުން ކަން ޚަލަފްއަށް އެނގެއެވެ.
ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އިސްރާ ހުރީ ޚަލަފްގެ ލޮލުން ފެންނަމުން ދިޔަ އިންޒާރު މާނަ ކުރަންވީ ގޮތެއް ނޭނގިފައެވެ. ޚަލަފް އެ ބުނެލި ބަސްތަކުގައި އެހެން މާނައެއް ވާ ކަމުގައި އިސްރާއަށް ބުނެދިނީ ޚަލަފްގެ ދެ ލޮލެވެ. ހަދަންވީ ގޮތެއް ނުނިންމިފައި ހުއްޓާ ކިރިޔާ ޚަލަފްގެ ގައިގައި އިސްރާ ނުޖެހޭހާ ކައިރިއަށް ގެނައެވެ. އިސްރާގެ މޫނާ ޚަލަފްގެ މޫނު ކައިރި ކޮށްލިއެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔަ ނަމަވެސް ދެންވެސް އިސްރާއަށް ހުރިގޮތަށް ހުރެވުނީއެވެ. ޚަލަފް އިތުރަށް ކައިރި ވެލިއެވެ. ސިހިފައި އިސްރާ ފަހަތަށް ފިޔަވަޅެއް އަޅާލީ ޚަލަފްގެ ނޭފަތުގެ ކޮޅު އިސްރާގެ ނޭފަތުގައި ޖެހުމުންނެވެ.
އިސްރާ ފަހަތަށް އަޅާލި ފިޔަވަޅު ޚަލަފް ކުރިއަށް އަޅާލިއެވެ. ނަމަވެސް ކުއްލިއަކަށް އިސްރާގެ އަތުން ދޫކޮށްލާ ޚަލަފް ފަހަތަށް ޖެހިލީ ފަރުހާނާ ގޮވާލި އަޑު އިވުމުންނެވެ.
“ތިޔޯ؟” ޚަލަފް ތެމިފައި ހުރުމުން އެހެން އަހާލީ ފަރުހާނާގެ ފަހަތުން އައި އާލިމާއެވެ.
“އެ އުޅެނީ އިސްރާއަށް ކޮންމެސް ޖެއްސުމެއް ކުރަން. ޚަލަފްގެ ތި އާދައެއް ބަދަލެއް ނުވާނެ ދޯ ދުވަހަކުވެސް؟” ހިނިއައިސްފައި ފަރުހާނާ ބުނެލިއެވެ.
“އާނ، އެކަމަކު މިފަހަރު ކުރަން އުޅުނު ކަމެއް ނުވި. އިސްރާ، އަދި މި ނިމުނީއެއް ނޫން އިނގޭ، ބީ ރެޑީ” ފަރުހާނާއަށް ޖަވާބު ދީފައި އިސްރާއަށް އެހެން ބުނެފައި ޚަލަފް ދިޔައީއެވެ.
“އަޅާނުލާ އިސްރާ، އޭނަ އެހެން އުޅޭނެ. ޑެކަރޭޝަން ނިމުނީތަ؟” ވަށައިގެން ބަލާލަމުން ފަރުހާނާ އަހާލިއެވެ.
“އޯލްމޯސްޓް…” ޚަލަފްގެ ސަބަބުން ހިތަށް އުނދަގޫވެފައި ހުރި އިސްރާއަށް ފަރުހާނާ ކުރި ސުވާލާ މެދު މާބޮޑަކަށް ނުވިސްނުނެވެ. ހަމައެކަނި އެހެން ބުނެފައި އިސްރާ އެ ތަނުން ނިކުންނަން ދިޔައެވެ.
“މި ފަހަރު މަށަށް ހީވަނީ ޚަލަފް އެ ކުއްޖާ ރުޅި އަރުވާލައިފި ހެން” އިސްރާ ދިޔަތަން ބަލަން ހުރެ ފަރުހާނާ ބުންޏެވެ.
“އިސްރާއަށް އެނގޭނެ ޚަލަފް ކުރާނީ ސަމާސާ ކަން” އެހެން ބުނި އިރު އާލިމާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.
ކައިވެނި ކުރެވުނު ވަގުތު ޓެރެސްގައި ތިބީ ކައިވެނި ކުރެވޭ ދެ ކުދިންގެ އާއިލާއާ، ފަރުހާނާގެ އާއިލާގެ އިތުރުން އެންމެ ގާތް އެކުވެރިންނެވެ. ނަމަވެސް ޕާޓީ ފެށުމާއެކު މީހުން ގިނަވެ ތަން އެއްކޮށްހެން ފުރުނެވެ. އެގާރަ ޖެހި އިރު އަނެއްކާވެސް ތިބީ އެންމެ ކުރިން ތިބި މީހުންނެވެ.
މުޅި ރޭ ޚަލަފްގެ ނަޒަރު އިސްރާއަށް ހުއްޓޭ ކަމުގެ އިހުސާސް އިސްރާއަށް ކުރެވެމުން ދިޔައެވެ. އެ ދުވަހު އެދެމެދުގައި ވީ ކަންތައް އިރުއިރުކޮޅާ އިސްރާގެ ހިތާ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އެއީ ހަމައެކަނި ޚަލަފް ކޮށްލި ސަމާސާއެއް ބާއޭ، ނޫން ނަމަ އެ ސަމާސާގެ ފަހަތުގައި ފޮރުވިފައިވާ އެހެން ސިއްރެއް ވޭބާއޭ އިސްރާގެ ހިތަށް އަރަމުން ދިޔައެވެ. އެ ދެމެދުގައި ކުރިން އޮތް އެކުވެރިކަން އެހެން ގުޅުމަކަށް ބަދަލުވެދާނެ ބާއޭ އަމިއްލަ ހިތާ ސުވާލު ކުރެވެނީއެވެ.
އެ ވަގުތު ޚަލަފްމެން ގެއިން ނިކުމެގެން ގެއަށް ގޮސް ކޮޓަރިއަށް ވަން ގޮތަށް އިސްރާއަށް ރޮވުނީއެވެ. ޚަލަފްއާ މެދު އިސްރާގެ ހިތުގައިވާ އިހުސާސްތަކުގެ އޮޅުންބޮޅުން ކޮންމެވެސް ވަރަކަށް ފިލީ އެ ދެމެދުގައި ކިރިޔާ ނުހިނގާ ދިޔަ ކަމަކުންނެވެ. އެއީ ޚަލަފްގެ ސަމާސާއެއް ބާއޭ ހިތަށް އަރާ ކޮންމެ ފަހަރަކު އިސްރާގެ ހިތަށް އެހާ އުނދަގޫ ވަނީ އެހެންވެއެވެ. އެއީ ސަމާސާއަކަށް ވުމަށް އިސްރާ ބޭނުމެއް ނޫނެވެ.
ޚަލަފްއާ ނައިޝާ އެކުގައި ފެނުނު ރެއިން ފެށިގެން އިސްރާގެ ހިތް އިސްރާއަށް ބުނެދޭން މަސައްކަތް ކުރަމުން އައީ ކީކޭ ކަން ވިސްނުނީ އަދިކިރިޔާއެވެ. އެ ހިތުގައި އުފެދެމުން އައި އިހުސާސަކީ ލޯބިކަން ވިސްނުނީ އެ ދުވަހު ޚަލަފްގެ ފަރާތުން ފެނުނު ގާތްކަމުގެ ސަބަބުންނެވެ. ހިތް އެދެމުން ދިޔައީ އެފަދަ ވަގުތުކޮޅަކަށް ކަން ވިސްނުމުންނެވެ.
ޚަލަފްއަކީ އަބަދުވެސް އިސްރާއާ ޖެހިއްޖެ ނަމަ ސަކަރާތުގެ ބޮޑެކެވެ. އެހެން ކަމުން ޚަލަފްގެ ފަރާތުން އެ ފެނުނު ކަންތަކުގެ މާނަ ޔަގީން ކުރަން އިސްރާއަކަށް ނޭނގުނީއެވެ. އެހެން އަންހެން ކުދިންނާއެކު ޚަލަފް އުޅޭ ގޮތެއް އިސްރާއަކަށް ނޭނގެއެވެ. އަންހެން ކުއްޖަކު ގޮވައިގެން އެންމެންނާ އެކީ ވަގުތު ހޭދަ ކުރި ނަމަވެސް ނައިޝާއާ އެކު ޚަލަފްގެ ކޮޓަރިން އެ ދެމީހުން ފެނުނު ރޭ ނޫނީ ޚަލަފްގެ ފަރާތުން އެފަދަ މަންޒަރެއް އިސްރާއަށް ފެނިފައެއް ނުވެއެވެ.
އެ ޚިޔާލުތަކުގެ ތެރޭ ގެއްލިފައި އިން އިސްރާ ސިހުނީ އިޔާން އައިސް ގޮވާލުމުންނެވެ.
“ދާންވީ” އިސްރާ ބަލާލުމުން އިޔާން ބުންޏެވެ.
އިޒްވާއާ އާކިފްގެ ފަހަތުން އެންމެން ނިކުތެވެ. އަލަތު ދެމަފިރިން ގޮވައިގެން ލޯންޗް އޮތް ހިސާބަށް ދިޔައީ ޚަލަފްއާ، އާކިފްގެ ކޮއްކޮއެވެ. އެ މީހުން ފުރުވާފައި ޚަލަފް ގެއަށް އައި އިރު ޓެރެސްގައި އާލިމާއާ ނާފިޒްއާ އިޔާންއާ ފަރުހާނާއާ އާފާގު ތިބީ ކާށެވެ.
“އާދޭ ކާން” ޚަލަފް ފެނުމުން ފަރުހާނާ ބުންޏެވެ.
“އަހަރެން އާޒިންމެންނާ އެކީ ކައިގެން މިހިރީ” ޚަލަފް ބުންޏެވެ.
“އެހެން ވިއްޔާ އާލިމާއްތަ ޕެކް ކޮށްފަ އެހުރި ތަށިތައް ހިފައިގެން ގޮސް އިސްރާއަށް ދީބަލަ. އޭނަ އަދި ހުރީ ނުކައި. ފެންވަރައިގެން އަންނާނަމޭ ކިޔާފަ ދިޔަ ގޮތަށް ނާދޭ އަދި. މާ ވަރުބަލި ވީ ކަންނޭނގެ” ފަރުހާނާ އެދުނެވެ.
ބޯ ޖަހާލާފައި ޚަލަފް ކޮތަޅު ހިފައިގެން ނިކުތީ ގޭގެ ތަޅުދަނޑި އާލިމާ އަތުން އަތުލައިގެންނެވެ.
ޚަލަފް ވަން އިރު ސިޓިންގްރޫމް އޮތީ ހުހަށެވެ. ޚަލަފް އިރުކޮޅަކު މަޑުކޮށްލާފައި ކޮތަޅު ކާމޭޒުމަތީ ބަހައްޓާފައި އިސްރާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ.
“ހުޅުވާފަ!” އިސްރާގެ އަޑު އެތެރެއިން އިވުނެވެ.
ދޮރު ހުޅުވާނުލާ ޚަލަފް އަނެއްކާވެސް ޓަކި ޖަހާލިއެވެ.
“ހުޅުވާފައޭ ބުނީމަވެސް ޔާނު ހަމަ ޓަކި ޖަހަޖަހާ ހުންނަން ޖެހޭތަ؟ މީވެސް އުނދަގޫ ބޮޑު—” ޓަކި ޖެހީ އިޔާން ކަމަށް ހީކޮށް އެއްޗެހި ކިޔަމުން އައިސް ދޮރު ހުޅުވާލި އިސްރާ ކުއްލިއަކަށް ބަސް ހުއްޓުނީ ދޮރުމަތީ ހުރި ޚަލަފް ފެނިފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.








Salaam, here’s part 2, part 3 on Thursday
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V kiyaala hithun kiyani
You’re my fav author
V interesting story eh
Israa and khalaf gulhuvachey
They both are made for each
Israa and khalaf eulheni Loabi vevigen ehbas nuvan
Love you
maashaa allah keep it up….