(ފަސްވަނަ ބަޔާއިގުޅޭ)…………
ވަގުތުކައިރިވަރަކަށް ބޯޓަށް އަރަމުން ދިޔަ މީހުންވެސް އޭރު ގިނަވަމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނަށްވެސް އަހަރެން ވަކިވަކިން ބަލަން އިނީމެވެ. ތޫއާދޭތޯއެވެ. ނަމަވެސް ފުރަން ފަސްމިނިޓްވީ އިރުވެސް ތޫއެއްނާދެއެވެ. އަހަރެން މާޔޫސްވިއެވެ. ނިހާލުމެން ތޫއަންނާނެކަމަށް ބުނަމުން އަހަރެންގެ ހިތްހަމަޖައްސަން މަސައްކަތް ކުރަމުން ދިޔައެވެ. އެމީހުން އެދުނީ އެންމެފަހުން ތޫއަށް ގުޅުމަށެވެ. ފޯނުމަތިން ހަނދާންވީވެސް އެވަގުތުއެވެ. އަހަރެން އަވަސްއަވަހަށް ފޯނުނަގާ ތޫގެ ނަންބަރަށް ޑައިލް ކުރަން އުޅުނީމެވެ. ނަމަވެސް އޭގެ ކުރިން އަހަންނަށް ފޯނެއްއައެވެ. އަހަންނަށް ބަލާލެވުނީ ނިހާލުމެން މޫނަށެވެ. ހައިރާންވެ ހުރެއެވެ. ގުޅަނީ ތޫއެވެ. އަހަރެން އަވަސްއަވަހަށް ފޯނުނެގީމެވެ. ”ތޫ ކޮންތާކު؟” ތޫ އެއްޗެކޭ ބުނުމުގެ ކުރިން އަވަހަށް އަހަންނަށް އަހާލެވުނެވެ. ”އަހަރެން މިއިނީ ކާރު ތެރޭގައި. ވަރަށް ލަސްވެއްޖެ. މިހާރު ބޯޓު ނައްޓާ ނުލާކަމެއްވެސް ނޭނގޭ…. ކާރެއް ނުލިބިގެން ލަސްވީ…..” ތޫވެސް އަވަސްވެފައިވާ އަޑަކުން ބުނެލިއެވެ. ”ބޯޓު ނައްޓައެއް ނުލައޭ….” އަހަންނަށް ބުނެވުނުއެއްޗެއް ހަނދާންވީ މާފަހުންނެވެ. ނިހާލު އަހަރެން ގައިގައި ވިކައިގަތުމުންނެވެ. ތޫ ކީކޭހޭ ކިޔާފައި އެކަމާއި ސުވާލުކުރިއެވެ. އަދި އަހަންނަށް އެނގުނީ ކިހިނެއްހޭވެސް އަހާލިއެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. އަނގައޮޅުނެވެ. އަހަރެން އިތުރަށް ވާހކަނުދައްކާ އަވަހަށް ދިޔުމަށް ބުނެފައި ފޯނުކަނޑާލީމެވެ. ފޯނު ބާއްވަމުން އަހަރެން ހިންހަމަޖެހުމުގެ ނޭވާއެއް ލީމެވެ. ތޫ އަންނަކަން އެނގޭތީއެވެ. އަހަރެން ބަލާލީ ރައްޓެހިންގެ މޫނަށެވެ. އެމީހުން ހެވިލާފައި ބަލަންތިއްބެވެ.

މާގިނައިރުތަކެއްނުވެ ތޫ ބޯޓަށްއެރިއެވެ. ތޫގެ ނަޒަރުގައި އެނަމެފުރަތަމަވެސް އަޅައިގަތީ އަހަރުމެންނެވެ. އޭނާ ހުރީ ލޮލުން ފެންނަ އެއްޗެއް ގަބޫލުކުރަން ދަތިވެފައި ކަހަލަގޮތަކަށެވެ. ކައިރިޔަށް އައިސް ތޫ އަހަރެންގެ މޭމަތީގައި އިނގިލިން ޖައްސާލިއެވެ. އެއިނގިލީގައި އަހަރެން ހިފުމުން ތޫއަށް ހައިރާންކަމާއެކު ބަލާލެވުނެވެ. އަދި ހަމަރަނގަޅަށްވެސް އަހަރެން އެތާގައި ހުރީތޯ އަހާލިއެވެ. އަހަރުމެން ހެމުން އާއެކޭ ބުނީމެވެ. ތޫގެ މޫނުމައްޗަށް ހިނިތުންވުން އައީ ދެނެވެ. އަހަރުމެން ދާތީ އޭނާ ވަރަށް އުފާވާ ވާހަކަ ބުންޏެވެ. އެވަގުތު ބޯޓުގެ އިންޖީނު ސްޓާޓް ކޮށްލިއެވެ. އަހަރެން ވަގުތުން ބޭރަށް ނުކުތީމެވެ. މަންމަމެން ތިބިތޯ ބެލުމަށްޓަކައެވެ. އެމީހުން އޭރުވެސް ތިއްބެވެ. އަހަރެން ހަނާއެޅީމެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ. ކުޑާއްތަގެ މެސެޖެކެވެ. ”ދެންމެ ބޯޓަށްއެރީ ތޫދޯ…….. ފަހަރި ވަރަށް ކިއުޓް……” އަހަރެން ބަލާލި ކުޑާއްތަގެ މޫނަށެވެ. ހިނިތުންވުމާއިއެކުއެވެ. އަދި އާނއެކޭ ބުނެލުމުގެ ގޮތުން ބޯޖަހާލީމެވެ. ކުޑާއްތަވެސް ހީނލިއެވެ. ބޯޓް ޖެޓީން ނައްޓާލީ އަހަރެން އެމީހުންނަށް ހަނާއަޅަމުން ބަލަން ހުއްޓައެވެ. ބޯޓް ފަޅުން ނުކުތުމުން މަންމަމެން ކާރަށް އަރައިގެން ނައްޓާލިއެވެ. އެމީހުން ދިޔުމާއިއެކު އަހަރެން އެތެރެއަށް ވަނީމެވެ. އޭރު ތޫ ނިހާލުމެން ކައިރީގައި ޖައްސާލައިގެން އިނެވެ. އެމީހުން ތޫއަށް ދަތުރު ހަމަޖެހުނު ގޮތުގެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި އެރަށަށްގޮސް ތިބޭތަނުގެ ވާހަކަވެސް ބުންޏެވެ. ތޫއަށް އުބެއިދުބޭއަކީ ކާކުކަމާއި އަދި އެގޭ ހުންނަނީ ކިހާހިސާބެއްގައި ކަންވެސް އެނގުނެވެ.

ބޯޓް ނައްޓާލައިގެން މާގިނައިރު ނުވަނީސް ބޯޓުގައި ތިބި ގިނަމީހުން ޖައްސާލީ ނިދާށެވެ. އެކޮޅަށް ދެވޭނީ ހެނދުނުގައިކަމަށް ވާތީއެވެ. އަހަރުމެން ދިޔައީ ބޯޓުގެ މައްޗަށެވެ. އެތާގައި ފިރިހެން ވެރިންގެ ދެތިން ބަޔަކުއުޅުނެވެ. އަހަރުމެންވެސް ގޮސް އެއްފަރާތެއްގައި ޖައްސާލީމެވެ. ތޫއިނީ އަހަރެންގެ ކައިރީގައެވެ. ބޯޓުގެ މަތި ވަރަށް ފިނިއެވެ. އަހަރެން ވަށައިގެނ ބަލާލީމެވެ. އުޑާއި ކަނޑު ހާމަޔަށް ފެންނަން އޮތެވެ. އަރާމު ފިނި ވައިރޯޅިތައް ގައިގައި ބާރުބާރަކަށް ބީހެމުން ދިޔައެވެ. ފުރިހަމަވާން ކައިރިވެފައިވާ ހަނދު ދުނިޔޭގެ ރީތިކަމަށް ސަނާކިޔަމުންދިޔައެވެ. ހީވާގޮތުންނަމަ އެރެއަކީ ހަނދުމަހުން ތޭރަ ވިލޭރޭއެވެ. އުޑުމަތި ސާފު ރީތި ރެއެއްކަމުން ގިނައަދަދެއްގެ ތަރިތައް ވިދާ ބަބުޅަމުން ރޭގަނޑުގެ ރީތިކަމަށް އިތުރު ފުރިހަމަކަން ގެނެސްދެމުން ދިޔައެވެ. އަހަރެން ތޫއަށް ބަލާލިއިރު ތޫއިނީ މިރީތި މަންޒަރަށް ގެއްލިފައެވެ. އަހަރެންގެ ތުންފަތްމައްޗަށް ލުއިހިނިތުންވުމެއް ވެރިވިއެވެ. ހާމަޔަށް ފެންނަންހުރި ރީތި ހަނދަށްވުރެ އެމޫނުގެ އުޖާލާކަމާއި ރީތިކަން އެތައްގުނަޔަކަށް އިތުރުވުމުންނެވެ.

ދައްކާނެ މާގިނަ ވާހަކަތަކެއް ނެތުމާއިއެކު އެރޭ މަތީގައި ތިބެގެން އަހަރުމެން އެކިއެކި ކުޅިވަރުތައް ކުޅުނީމެވެ. ބަސްގޭމުތަކާއި ލަވަބާޒީއެވެ. އަދި އެމީހެއްގެ ހަޔާތުގައި ދިމާވެފައިވާ އެންމެ މަޖާކަމެއްގެ ވާހަތައްވެސް އެކަކުއަނެކަކާއި ހިއްސާ ކުރީމެވެ. ޖޯކުތައް ކިޔައިދީ ހުނުނީމެވެ. އެވަގުތުއެއީ ޙަޔާތުން ފިލުވާލަން ދަތި ވަގުތެކެވެ. ތޫގެ ހުނުމާއި ހިނިތުންވުން އަހަރެންގެ ހިތުގެ އެންމެ ފުނުގައި ބިންވަޅުނެގިގެން ދިޔައެވެ. އެހިނިތުންވުން އަބަދުގެ އަބަދަށް އެމޫނުމަތީގައި ވުމަށާއި އެއުފާވެރިކަން ތޫގެ ޙަޔާތުގައި އަބަދުގެ އަބަދަށް ވުމަށްއެދި އެވަގުތު އަހަންނަށް ދުޢާކުރެވުނު ވަރެއްވެސް ނޭގެއެވެ. އަހަންނަށް ވެގެންވާނަމަ ތޫގެ ޙަޔާތަށް ހިތާމައިގެ ހިޔަނިވެސް އެޅުނަކަނުދޭނަމެވެ. އަހަރެންގެ މީހަކަށް ތޫ ވެއްޖިއްޔާ ދުނިޔޭގެ ހުރިހާ އުފަލެއް ތޫއަށް ހޯދައިދޭނަމެވެ. އެލޮލުން ކަރުނައިގެ އެންމެތިކެއްވެސް ބޭކާރުކޮށް ނުލާނަމެވެ. ތޫގެ ހިނިތުންވުމަށް ގެއްލިފައި އިންވަރު އަހަންނަށް އިހުސާސްކުރެވުނީ ބޯޓް ތެޅިލުމުންނެވެ. އެވަގުތު ތޫ އައިސްޖެހުނީ އަހަރެންގެ ގައިގައެވެ. ވަގުތުން ތޫ ސޮރީއޭ ބުނެލިއެވެ. އަހަންނަށް ހުރެވުނީ ތޫއަށް ބަލާށެވެ. އަވާރާވެފައެވެ. އަދި އެއްފަހަރު ބޯޓް ތެޅިލާނެނަމައޭ އަހަރެންގެ ހިތަށް އެވަގުތުއެރިއެވެ.

ކުޑަހުވަދުއަށް ދެވެންދެން ބޯޓުމަތީގައި ނުނިދައި މަޖާކުރުމުގައި ތިބެން ނިންމައިގެން އަޔަސް މެންދަމަށް އެޅުނުފަހުން އެންމެންގެ ލޮލުން ނިދީގެ އަސަރު ފާޅުވާން ފެއްޓިއެވެ. އަހަރެން ފިޔަވައެވެ. ނިދި އަހަންނާއި އެތައް މޭލެއްގެ ދުރުގައިވާ ކަހަލައެވެ. ސަމާހުއޮތީވެސް ފާރިޝްގެ އުނގުގައި ބޯއަޅައިގެން ނިދާފައެވެ. ފިނިކަމުން އެފަކީރު އޮތީވެސް ކުރުގެޅިގެންނެވެ. ފާރިޝްމެން ބޭނުންވީ ތިރިއަށް ދިއުމަށެވެ. ތޫއަށް ނުފެންނަހެން އަތުގެ އިޝާރާތުން ބެސްޓް އޮފް ލަކްއޭ ބުނުމަށްފަހު އެމީހުން ތިރިޔަށް ދިޔައެވެ. އެމީހުންނާއެކުގައި ތޫވެސް ދާންބޭނުންނަމަ ދިޔުމަށް އަހަރެން ބުނީމެވެ. ނަމަވެސް ހިތާއިހިތުން ތޫ ނުދިއުމަށް އަހަރެން އެދުނީމެވެ. ވީވެސް އެހެންނެވެ. ތޫ އަދި ނިދި ނައަންނަ ކަމަށް ބުނެފައި އަހަރެން ކައިރީގައި މަޑުކުރިއެވެ. ނިހާލުމެން ދިޔުމަށްފަހު އެތާގައި ތިބީ އަހަންނާއި ތޫއެކަންޏެވެ. ތޫއަހަރެންގެ ކައިރިއަށް ޖެހިލިއެވެ. އަހަރެން ވަރަށް ހިންހަމަޖެހުނެވެ. އެހާ އެކަނިވެރިގޮތަކަށް ތޫގައިރީގައި އަހަންނަށް އިނދެވުނު އެއީ ފުރަތަމަ ފަހަރެވެ. ތޫއިނީ އަހަރެންގެ ކުރިމަތީގައި މާސިންގާ ބިޔަ ކަނޑަށް ބަލަހައްޓައިގެންނެވެ. ތޫގެ އިސްތަށިގަނޑުން ބޮޑުބައެއް ވަޔާއިއެކު އަހަރެންގެ މޫނުގައި ބީހެމުންދިޔައެވެ. އަހަރެންގެ އިހުސާސްތައް އަހަންނަށް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. އެހެންވެ ހިތާއި އިދިކޮޅަށް އަހަރެން އަނެއްފަރާތަށް މޫނުއަބުރާލީމެވެ. އިރުކޮޅަކު އެހެން އިނދެފައި އަހަރެން ތެދުވެގެން ގޮސް ދަނގަޑުކައިރިއަށް ހުއްޓުނީމެވެ. އަދި ތޫއާއި ދިމާލަށް އެނބުރުނީމެވެ. އެރޭ އަހަރުމެން ޙަޔާތުގެ ބައެއްވާހަކަތައް ޝެއަރ ކުރީމެވެ. ދުނިޔޭގެ ވާހަތައް ދެއްކީމެވެ. އެކަނިވިޔަސް އަހަރުމެން ދެމީހުންގެ ދެމެދުގައި އެނޫންކަމެއް ނޯވެއެވެ. ތޫގެ ޙަޔާތުން އަހަންނަށް ނޭނގޭ ބައެއްކަންތައް އެރޭ އަހަންނަށް އެނގުނެވެ. އެއީ ތޫއަށް ފަތަން ނޭނގޭކަމާއި ކުރަފިދެކެ ތޫ އިންތިހާޔަށް ބިރުގަންނަކަމެވެ. އަދި ތޫ އެންމެ ހިންހަމަޖެހެނީ އިރުއޮއްސެމުން ދާގަޑީގައި ފިނިވަޔާއިއެކު ދޮންވެލިގަނޑުމަތީގައި ޖައްސާލައިގެން އިނުންކަމެވެ. ރަށުގައި އުޅޭއިރު ސިކުޑި ތާޒާކޮށްލުމަށް ތޫ ވަރަށްގިނައިން އެކަންކުރާވާހަކަވެސް ބުންޏެވެ.

ގަޑިން އެކެއްޖެހީވެސް އަހަރުމެން އެހެން ވާހަކަދައްކަން ތިއްބައެވެ. އަހަރެން ތޫކައިރީގައި ތިރިއަށް ދިޔުމަށް އެދުނީމެވެ. ތޫ ނިދަން ބޭނުންވެދާނެތީއެވެ. ނަމަވެސް ތޫބޭނުންވީ ސާފު ވައިގެ ތެރޭގައި އިނުމަށެވެ. އަހަރެންގެ ހިތުގެ އަޑު ތޫއަށް އެނގެނީބާއޭވެސް ބައެއްފަހަރު އަހަރެންގެ ހިތަށް އަރައެވެ. ތޫ މާބޮޑަށް ފިނިވެގެން އުޅޭކަން ތޫގެ ހަރަކާތްތަކުން އަހަންނަށް އެނގުނެވެ. ބޯޓުމަތީގައި ފިނިވެދާނެތީ މަންމަ އަހަރެން އަތަށްދިން ބޯފޮތިގަނޑުމަތިން ހަނދާންވީ އެވަގުތުއެވެ. އަހަރެން ފޮތިގަނޑު ނަގައިގެން އައިސް ތޫގެ ގައިގައި އޮޅާދިނީމެވެ. ތޫ އަހަންނަށް ބަލާލީ ޝުކުރުގެ ނަޒަރަކުންނެވެ. ތޫ އަހަންނާއި ދިމާލަށް ބަލާލާފައި އޭނާކައިރިގައި އިށީނުމަށް އެދުނެވެ. އެއެދުމާއި ދެކޮޅުހަދާކަށް އަހަންނަށް ނުކެރުނެވެ. އަހަރެން ތޫއާއި ވަރަށް ކައިރީގައި އިށީނީމެވެ. ދެމީހުންތިބީ ޖެހިގެން ކަހަލަގޮތަކަށެވެ. ދެމީހުންގެ ދެމެދަށް ދެންވެރިވީ ހިމޭންކަމެވެ. އެ ހިމޭކަމުން އަހަންނަށް އުނދަގޫ ވާންފެއްޓިއެވެ. އެހެންކަމުން އަހަރެން ފޯނުނަގައިގެން ފޮޓޯތައް ދައްކާފައި އަހަރެންގެ އާޢިލާގެ އެންމެން ތޫއަށް ތަޢާރަފްކޮށްދިނީމެވެ. އެންމެންގެ އެކިއެކި ވާހަކަތައް ކިޔައިދިނީމެވެ. އާޢިލާއިން އަހަންނާއި އެންމެކައިރީ އަހަރެންގެ ބެސްޓް ބަޑީއަކީ ކުޑާއްތަ ކަމުގައިވެސް ބުނީމެވެ. އަހަރެން ދައްކާ ވާހަކަތައް އަޑުއަހާށާއި ފޮޓޯތަކަށް ބަލަން ތޫއިނީ ހެވިފައެވެ. ތޫވެސް އޭނާގެ އާޢިލާގެ މީހުންގެ ފޮޓޯތައް ދެއްކިއެވެ. އެމީހުންގެ ވާހަކަތައް ކިޔައިދިނެވެ. އެވަގުތު އަހަރެން އިނީ ވަރަށް އުފަލުންނެވެ. އަހަރެންގެ ހިތުގައި އުތުރިއަރަމުން ދިޔަ ޝުޢޫރުތައް ބަޔާންކުރަން ދައްޗެވެ. އެހެންގޮތަކަށް ބުނާނަމަ އެދުވަހާއި ހަމަޔަށް އެވަގުތަކީ އަހަރެންގެ ހަޔާތުގައި ލިޔެވުނު އެންމެ އުފާވެރި ސޮފްޙާއެވެ. އެވަގުތު ނިމިގެން ނުދާނޭނަމައޭ އަހަރެންގެ ހިތަށް އެތައްފަހަރަކުއެރިއެވެ. ނަމަވެސް ވަގުތަކީ ހިފެހެއްޓޭނޭ އެއްޗެއް ނޫނެވެ. އެހެންނޫންނަމަ އެވަގުތު އަހަރެން އުމުރަށް ހިފެހެއްޓީމުސްއެވެ.

އެރޭ އަހަންނަށް އިހުސާސްވީ ތޫގެ ހިތުގައިވެސް އަހަންނަށްޓަކައި ޚާއްސަކަމެއް ވާކަމެވެ. އޭނަވެސް އަހަރެންދެކެ ލޯބިވާކަމެވެ. އޭނަގެ ދުލުން ނުބުންޏަސް މިޒާޖުން އަހަންނަށް ނަގައިގަނެވުނީ އެހެންނެވެ. އަހަރެންގެ ކޮންމެ ވާހަކައެއް އޭނަ ކަނުލާ އަޑުއެހުމާއި އަހަންނަށް އޭނަރައްދުކޮށްދޭ ލޯބިވެތި ހިނތުންވުމުން ރަމްޒުކޮށްދެނީ ލޯބިކަމަށް އަހަރެންގެ ޅަސިކުޑި އަހަންނަށް ވިސްނުވައިދެމުން ދިޔައެވެ. އަދި އަހަރެން ކިތަންމެ އިންތިޒާރު ކުރިޔަސް އަންހެން ކުއްޖަކު އިސްވެ ލޯބި ހުށަނާޅާނެކަންވެސް ވިސްނުވައިދިނެވެ. އެހެންވެ އަހަރެން ބޭނުންވީ އެވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށެވެ. އަހަރެން އެކިއެކި ވާހަކަ ދައްކަމުންގޮސް ވަރަށް ހިތްވަރުކޮށްލާފައި ތޫކައިރީގައި އަހަރެން ވަރަށް ބޮޑުވާހަކައެއް ބުނަންބޭނުންވެފައި އޮތްކަމަށް ބުނީމެވެ. އޭރު ގަޑިން ތިނެއް ޖަހަން ކައިރިވަނީއެވެ. އަހަރެން އިނީވެސް ތޫއަށް ފުރަގަސްދީގެންނެވެ. އެވާހަކަބުނާއިރު ތޫއާއި ހަތަރުކަޅި ހަމަކުރަން ބޭނުންނުވާތީއެވެ. ތޫ ވަރަށް މަޑުން ކޮންވާހަކައެއްހޭ އަހާލިއެވެ. އެއްޗެކޭ ނުބުނެ އިރުކޮޅެއް ވަންދެން އަހަރެން އިނީމެވެ. ބާރުބާރަށް ތެޅެމުންދިޔަ އަހަރެންގެ ހިތް ކުޑަކޮށް މައިތިރި ކުރުމަށްޓަކައެވެ. އެއަށްފަހު ފުންނޭވާއެއްލާފައި ތޫކައިރީގައި އަހަރެން ލޯބިވާ ވާހަކަބުނީމެވެ. އަހަރެންގެ ދުލުން އެހެން ބުނެވިއްޖެކަން އަހަންނަށްވެސް ގަބޫލުކުރަން ދަތިވިއެވެ. އެހެންވެ ދެވަނަފަހަރަށްވެސް އަހަރެން ތޫދެކެ ލޯބިވާވާހަކަ ބުނީމެވެ. …………… (ނުނިމޭ)

7

8 Comments

  1. pinky

    June 9, 2013 at 8:22 pm

    ވާއު ހަބޭސް… ދެން ވާނީ ކިހިނެތްބާ؟؟؟ ވ.ވރީތި..

  2. fathimath Asim

    June 9, 2013 at 8:53 pm

    ކިހިނެއް ވާނެބާ ދޯ.ވ ރީތި

  3. އަނާ

    June 12, 2013 at 6:51 pm

    ވަރަށް ސަޅި

  4. ނާޒުލީ

    June 12, 2013 at 9:43 pm

    ހްމްމް. މިބައިވެސް އޯސަމް

  5. zoyasham

    June 13, 2013 at 6:28 am

    Thanks All

  6. zoyasham

    June 13, 2013 at 6:29 am

    ހހމމ….. ހީވަނީ ކިހިނެއްހެން ވާނީ؟؟؟؟؟؟؟؟؟؟؟؟؟؟

    • Renan

      February 5, 2014 at 11:58 am

      Short, sweet, to the point, FRexcEEa-tly as information should be!

    • term quotations

      September 23, 2014 at 11:00 pm

      AFAICT you’ve covered all the bases with this answer!

Comments are closed.