އާދައިގެން މަތިން މިއަދުވެސް މެންޝަންގެ ކަންކަން ދާ ގޮތް ބެލުމަށްފަހު ނިކުތީ އެދިމާލު ފަރުބަދަމަތިން ކަނޑު ފެންނަ ހިސާބަށެވެ. މެންޝަން މިހާރު ދާދި ނިމެން ގާތްވަނީއެވެ. އެތަނަށް އަވަހަށް ބަދަލުވުމަކީ މިހާރު އަހަރެން ދެކޭ އެންމެ ބޮޑު ހުވަފެނެވެ. އޭރުން އަހަރެން ދުނިޔޭގައި ނެތް ހާލަތުގައި ވެސް އަރީންއާއި އަހަރެންގެ ތިންވަނަ ދަރިފުޅަށް ހަމަޖެހިގެން އުޅެވޭނެތާއެވެ.
އަހަރެންނާއި އަރީން ހީ ސަމާސާކޮށް ކަނޑުން އަންނަމުން ދިޔަ ވައިތައް އެތެރެއަށް ދަމަމުން ދިޔައީމެވެ. ނަމަވެސް ކުއްލިއަކަށް މީހަކު އަހަރެންގެ ނަމުން ގޮވުމުން އަހަރެންނަށް ސިހިފައި އެދިމާއަށް އެނބުރެވުނެވެ. ދާދި ގާތުގައި ފެންނަން ހުރި އަންހެންމީހާ ފެނި އަހަރެންގެ ދެލޯ ކަރުނުން ބަރާވިއެވެ. ހިތް ވެސް ހީވަނީ ފަޅާލާފައި ނިކުމެ ގަންނަން އުޅުނު ހެންނެވެ.
” ސާރާ…” އަރީން އަހަރެންގެ ގާތުގައި ހުރި ކަމެއް ހަނދާންނެތި ބޭއިޙްތިޔާރުގައި އަހަރެންނަށް ގޮސް އޭނަގެ ގައިގައި ބައްދާލެވުނެވެ. ދެލޮލުން ކަރުނަ އޮހޮރޭ ހާލު އަހަރެންނަށް ވަރަށް ބާރަށް އޭަނަގެ ހަށިގަނޑުގައި އަތް ވަށާލެވުނެވެ.
” ކޮންތާކު އުޅެފައި ތިއައީ؟ އަހަރެން ހާދަ ހޯދައިފީމޭ… އެނގޭތަ ކިހާ ދުވަހަކު އަހަރެންނަށް ކެތްކުރަން ޖެހުނުކަން؟ ” އަހަރެން ދެލޯ ފުހެލަމުން އޭނަ ދުރުކޮއްލަމުން އެމޫނަށް ބަލާލީމެވެ. ކުރިޔަށްވުރެ ވެސް މީހާ ދޮންވެފައި ސާރާ މިހާރު ވަރަށް ވެސް ރީއްޗެވެ. ކުރިން ހުންނަ ވަރަށްވުރެ ވެސް ހިކިވެފައި ހަށިގަނޑުގެ ބައްޓަންތައް ވަރަށް ވެސް ފުރިހަމައެވެ.
” ސޮރީ ސަލީމް. އަހަރެން އާތިކާއާ ސަލީމްއާ ދެމިހުންގެ ދޭތެރެއަށް ވަންނަން ބޭނުން ނުވީ. ކޯޒް އަހަރެންނަށް އިނގޭ އެހެން ކަންތައްވީމައި ކުދިންނަށް ވާނެ ގޮތް. އަހަރެންގެ މަންމައާއި ބައްޕަގެ ދޭތެރެއަށް ވަތް އަންހެނެއްގެ ސަބަބުން ދެމިހުން ވަރިވާން ޖެހުނީ… ” ސާރާ ފެންކަޅިވެފައިވާ ހާލު ކިޔައިދިނެވެ. އަހަރެންނަށް ލޯބި މިވެވުނީ ކޮންފަދަ މައުސޫމް ކުއްޖެއް ދެކެހެވެ. އާތިކާއަށް ހަޤީޤަތް އެނގުނު ރޭ އޭނަ ގެއްލުމުގެ ކުރިން ވާހަކަދެއްކި ގޮތުންނާއި އާތިކާ ކުރި ސުވާލުން އަހަރެން އޭނައާއި ދޭތެރޭ ޝައްކު އުފެއްދުނީއެވެ. މިހާރު އަހަރެންނަށް ޔަޤީންވެއްޖެއެވެ. ސާރާ އަހަރެންނަށް އޮޅުވައެއް ނުލާނެއެވެ. ސާރާއަކީ ރަނގަޅު ކުއްޖެކެވެ. އޭނަ އަނބުރާ އެއައީ ވެސް އަހަރެންދެކެ ލޯބިވާތީއެވެ.
” ވީއާރ ޑިވޯސްޑް ނައު… ” އަހަރެން ފަނޑު ހިނިތުންވުމެއް ދިނީމެވެ.
” އެނގޭ. އެހެންވެ އަނބުރާ މިއައީ. އެނގޭ ސަލީމް އަހަރެންނަށް އިންތިޒާރު ކުރާނެކަން… ” ސާރާ ހިނިތުންވެލަމުން އަހަރެންގެ އަތުގައި ހިފާލިއެވެ.
” އަދި އެބަ އޮތް ކުޑަ ސަޕްރައިޒެއް. ހިނގާބަލަ ގެޔަށް… ” ސާރާ އަހަރެންނަށް ބަލާލައި ހީގަންނަމުން އަހަރެންގެ އަތުގައި ހިފައިގެން ވިނަގަނޑުގެ މަތިން ހިނގައިގަތެވެ.
” ދަރިފުޅާ އަރީން ވެސް އާދޭ… ” ސާރާއަށް އަރީން މަތިން ހަނދާންވެގެން އޭނައަށް ގޮވިއެވެ. އަހަރެން ސާރާއަށް ހިޔާލުތައް ގޮސް ގެއްލިފައިވުމުން އަރީން މަތިން ހަނދާނެއްވެސް ނެތެވެ. އަދި ސާރާ އަރީންއަށް ދަރިފުޅާއޭ ކިޔާ ގޮވާލުމުން އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ.
” އާންޓީ ކޮންތާކަށް ގޮސް ތިއައީ…؟ ” ހަތަރު އަހަރުގެ އަރީން ދުވެފައި އައިސް ސާރާގެ އަނެއް އަތުގައި ހިފާލިއެވެ. ސާރާ ޖަވާބު ދިނުމުގެ ބަދަލުގައި ހިނިތުންވެލީއެވެ.
—
ކުރިން ވެސް އުޅުނު ގެޔަށް ވަދެ މެދުގޭގައި ކާރުގައި ގޮސް މަޑުކޮށް އަހަރެން ކާރުން ފޭބި އިރު ސާރާ އަރީން ގޮވައިގެން ފައިބަނީއެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން އޭނަ ހިނގައިގަތީ އެތެރެއަށެވެ.
” ލޯމަރާބަލަ..” ސާރާ އެތެރެއަށް ވަދެ އަރީންގެ އަތުން ދޫކޮއްލަމުން އަހަރެންގެ ގާތުގައި ބުނެލިއެވެ. އަހަރެން އޭނަ ބުނި ގޮތަށް ކަންތައް ކުރުމުން އޭނަ އަހަރެން ގޮވައިގެން ގޮސް މަޑުކުރީ ކޮންތާކު ކަމެއް ނޭނގެއެވެ. އަދި އަހަރެން ހުރި ތަނަކު އިށީންނަން ބުނުމުން އަހަރެން އިށީން އިރު މިއިށީނދެވުނީ ސޯފާގައިކަން ޔަޤީންވިއެވެ. ސާރާ ނުބުނަނީސް ލޯނުހުޅުވަން އިނުމުން ވަނީ ކިހިނެތްކަމެއް ނޭނގެއެވެ.
” ދެން ލޯ ހުޅުވަބަލަ… ” ސާރާގެ އެދުމަށް އަހަރެން ލޯ ހުޅުވާލި އިރު އޭނަ އަހަރެންގެ ކުރިމަތީގައި ހުރެގެން އަތަށްލައިދިނީ އެއްއަހަރުވާ ކުޑަ އަންހެންކުއްޖެކެވެ. އަހަރެންގެ އަތްފައި ވަގުތުން ފިނިވެގެން ދިޔަ ވަގުތު ދެލޯ ފެންކަޅިވިއެވެ. ދެން ބަލާލެވުނީ ސާރާއަށެވެ. އޭނަ ބޯޖަހާލީ އާނއެކޭ ބުނާ އުސޫލުންނެވެ.
” މިއީ އަމާނީ… އަހަރެމެންގެ ދަރިފުޅު… ” ސާރާ ހިނިތުންވެލަމުން ބުނެދިނެވެ. އަހަރެން ދަރިފުޅު އަހަރެންނާއި ދިމާއަށް އަނބުރާލުމުން އޭނަ ބަލާލިއެވެ. ދުވަހަކު ނުފެނުނަސް އޭނަ އަހަރެން އަތްލީމައި ބޮޑައެއް ނަހާކައެވެ. މަޑު މުށިކުލައިގެ ދެލޮލުން އޭނަ އަހަރެންނަށް ބަލަމުން ދިޔައީ ދަސްކުރަން އުޅޭ ހެންނެވެ. އަހަރު ވިޔަސް ތުއްތު ކުއްޖާ ހުރީ ފުށްގަނޑެއް ހެންނެވެ. އެހާ ދޮންވެފައި ނުހަނު ލޯތްބެވެ. އެކަމަކު ކުއްޖާ ވަައްތަރުވަނީ ކާކާކަން އަހަރެންނަށް ބުނާކަށް ނޭނގުނެވެ. ބައެއް ކުދިން އެކުދިންގެ މާމަ ކާފާއާއި ވައްތަރުވާ އުސޫލުން ކަމަށް ވެދާނެއެވެ. އަހަރެން ދުވަހަކުވެސް ސާރާގެ މައިންބަފައިންނެއް ނުދެކެވެ. އެމީހުންނާއި ވައްތަރުވަނީކަން ނޭނގެއެވެ.
” ދަރިފުޅާ އަމާނީ… ބައްޕަ ހާދަ ދުވަހަކު ދަރިފުޅު ނުފެނިގެން ހޯދައިފީމޭ.. ” އަހަރެން އަމާނީ މެޔާލައި ބޮނޑިކޮއްލަމުން އެކުއްޖާއަށް އެތައް ފަހަރަކު ބޮސްދިނީމެވެ.
” ތެންކިޔު. އަހަރެމެންގެ ދަރިފުޅު ހެޔޮ ހާލުގައި ބޮޑުކުރީތީ… އެންޑް ސޮރީ… ދަރިފުޅު އެންމެ ތުއްތު އިރު ސާރާއާއި ދެމިހުން ގާތުގައި ނުހުރެވުނީމައި…” އަހަރެން އަމާނީ އުރުގައި ބައިންދައިގެން އިނދެ ގާތުގައި އިން ސާރާ ގެނެސް ބައްދާލީމެވެ. މިހާރު އަހަރެން ވަރަށް ހިތްހަމަ ޖެހިއްޖެއެވެ. އަލްޙަމްދުލިﷲއެވެ.
” އަރީން ދަރިފުޅު އާދެބަލަ މިކޮޅަށް.. ” އަހަރެން ދުރުގައި ހުރި އަރީންއަށް ގޮވާލުމުން އޭނަ ދުވެފައި އައިސް އަހަރެންގެ ގާތުގައި މަޑުކޮއްލިއެވެ.
” މިއީ ދަރިފުޅުގެ ކޮއްކޮ އަމާނީ.. ދެން މިއީ ދަރިފުޅުގެ ދޮންމަންމަ އިނގޭ.. މީގެ ފަހުން ހުރިހާ ކުދިން އެއްކޮށް އުޅޭނީ އިނގޭ.. ” އަހަރެން އަރީން ގަޔާއި ކައިރިކޮއްގެން އިނދެ ބުނެދިނީމެވެ.
” ދެން ސަލީމް ދޯ؟ ދޮންމަންމައެއް ނޫން އިނގޭ. މަންމި ކިޔާ ދަރިފުޅުވެސް ދެން… ” ސާރާ އަރީން އޭނަގެ އުނގަށްލިއެވެ.
” ދަރިފުޅު ކޮއްކޮ އުރާލާނަންތަ؟ ” އަހަރެން އަރީންކުރެ އަހާލުމުން އޭނަ ނުހަނު ހިނިއައިސްފައި އިނދެ އާނއެކޭ ބުނެފިއެވެ.
އަރީން އަމާނީ އުރައިގެން އިންތަން ފެނުމުން އަހަރެން ނުހަނު ހިތްހަމަޖެހުނެވެ. މީގެ އަހަރެއް ކުރިން އަހަރެން ދުށް ހުވަފެނަކީ އެއީއެވެ. އެހެނަސް އެންމެ ކުރިން ދުށް ހުވަފެނުގައިވަނީ އަމާނީގެ ބަދަލުގައި އިރްފާންއެވެ. ސާރާގެ ބަދަލުގައި އާތިކާއެވެ. ނަމަވެސް ސާރާއާއި ދިމާވެ އޭނަ ބަނޑުބޮޑުކަން އެނގުނު ހިސާބުން އެމަންޒަރު އަހަރެންގެ ސިކުނޑީގައި ބަދަލުވެގެން ދިޔަ ނަމަވެސް ތަޤުދީރުގައި މިދިމާވީ ކިހިނެތް ހެއްޔެވެ؟ އާތިކާ އެފޮޓޯގަނޑުގައި ނެތް ކަމުގައި ވިޔަސް ސާރާ އަހަރެންގެ ގާތަށް އެނބުރި އައިހެން އާތިކާ ވެސް އެނބުރި އަންނާނެކަމަށް އަހަރެންނަށް އަދިވެސް ޤަބޫލުކުރެވެއެވެ. އާތިކާއާއި ސާރާއާއި އެކު އިތުރު ކުދިން ހޯދަން ވެސް އަހަރެން ބޭނުމެވެ. އަދިވެސް އުއްމީދުކުރަމެވެ. އެފޮޓޯގަނޑުގައި މަދުވެގެން ފުރިހަމަޔަށް ފަސް މެންބަރުން ވާނެ ކަމަށެވެ.
” ކޮއްކޮއާއި އެކު މިތާ ބިންމަތީގައި ކުޅެލާ އިނގޭ… ” އަހަރެން އަމާނީ ނަގައި ބިންމަތީގައި ބައިންދާލަމުން އަރީންގެ ގާތުގައި އެތާނގާއި އިށީނުމަށް ބުނީމެވެ. އަދި މެލެރީ ގާތުގައި ކުދި މީހުންނަށް ސަމާލުވާން ބުނެ އަހަރެން ސާރާގެ ގޮވައިގެން ހިނގައިގަތީ ގޯތިތެރެއަށެވެ.
” ސާރާ… އަހަރެންނާއި އިންނާންތަ؟ ” އަހަރެން ޖީބުން ނެގި އަނގޮޓި ސާރާއަށް ދެމުން އަހާލީމެވެ. ސާރާ ލިބުނު ސިހުމުން މޭގައި އަތްއަޅާލައި ބޯޖަހާލި އިރު އުފަލުގެ ކަރުނަތައް ދެލޮލުން ފާޅުވަމުން ދިޔައެވެ. އަހަރެން އޭނަގެ އިނގިލީގައި އެއަޅައިދިން ވަގުތު އޭނަ އަހަރެންގެ ގައިގައި ބައްދާލިއެވެ.
” އަލްޙަމްދުލިﷲ. އައި އޭމް ވެރީ ހެޕީ ސަލީމް… ” ސާރާ ދުރުވެލަމުން ކަރުނަތަކުގެ ތެރެއިން އަހަރެންގެ ދެލޮލަށް ބަލާލަމުން ފުންކޮށް ހީލިއެވެ.
” އަލްޙަމްދުލިﷲ.. ސާރާއާއި މިސުވާލު އަހަންވެގެން ހުންނަތާ ކިހާ ދުވަހެއް މިހާރު. އައި މިސްޑް ޔޫ ސޯ މަޗް… ” އަަހަރެން އޭނަގެ ކަރުނަތައް ފުހެލަދެމުން ނިއްކުރިއަށް ބޮސްދިނީމެވެ.
” އެކަމަކު ކިހިނެތް އަނގޮޓި ނެގީ؟ ދެންމެ އެއްނު ގެޔަށް ތިއައީ؟ ” ސާރާ ހައިރާންވެފައި ސުވާލުކުރިއެވެ.
” ސާރާ ގެއްލުނު ފަހުން އަހަރެން އަބަދުވެސް މިއަނގޮޓި ތަޅުދަނޑީގެ އިންނަ ދެފޮށީގެ ތެރެއިން އެއްފޮށީގައި ގެންގުޅެން… އެނބުރި ސާރާ އަންނާނެކަމަށް އަބަދުވެސް އުއްމީދު ކުރެވޭތީ… ” އަަހަރެން ތަޅުދަނޑި ފަތިން އެމަރަލްޑް މަހުމާ ފާޑު ފޮއްޓެއް ދައްކާލަމުން ބުނެލީމެވެ.
” ދެން އަނެއް ފޮށި؟ ” އާތިކާ ގަދަ ނޫކުލައިގެ މަހުމާ ފޮއްޓަށް އިޝާރާތްކޮއްލިއެވެ.
” އާތިކާގެ ހަނދާނުގައި… އެކަމަކު ހާސްނުވޭ. އޭނަ އެނބުރި އަންނާނެ ކަމަށް ޔަޤީންކަން ވަރަށް ދެރަ. އެއީ އޭނަގެ ހުންނަ ގޮތް ދޫނުކުރާ ސިފައިގެ ސަބަބުން. އޭނަ އެނބުރި އަޔަސް ސާރާގެ އެއްވެސް ކަމަކަށް އަހަރެން ފަރުވާ ކުޑައެއް ނުވާނަން.. އިން ޝާ ﷲ ” އަހަރެން އޭނަގެ ކޮލުގައި ފިރުމާލީމެވެ.
—
15 ނޮވެންބަރ 2003
ސާރާއާއި އަހަރެމެން ދެމިހުންގެ ކައިވެނި ޕާޓީ އޮތީ މަޝްހޫރު ހޮޓަލެއްގައެވެ. އަހަރެންގެ އެދުމަށް އަހަރެންގެ ގާތް އެކުވެރިޔެއް ކަމަށްވާ ހުސެން އެއިންތިޒާމް އެންމެ ފުރިހަމަ ގޮތުގައި އަހަރެންނަށް ހަމަޖައްސައި ދިނީއެވެ. އެތަކެއް ވިޔަފާރިވެރިންނަކަށް ދައުވަތު ދީގެން ބާއްވާ މި ވަލީމާ ބޭއްވީ ސާރާ އެދުނުހެން ވަރަށް ވެސް ކުލަގަދަކޮށެވެ. އެތަކެއް ބަޔަކަށް އަހަރެންގެ ހަގު ދަރިފުޅުގެ ހަޤީޤަތް އެނގިދާނެތީވެ ބަދުނާމުން ސަލާމަތްވާން އަމާނީ ޕާޓީއަށް ގެންނަން ސާރާ ދެކޮޅު ހެދުމުން އެކުއްޖާ ބެހެއްޓީ ގޭގައެވެ. ގޭގައި އުޅޭ ނޯކަރު އަކީޝާއާއި މެލެރީގެ ހަވާލުގައެވެ. އެދެމިހުން އެކުއްޖާއަށް ސަމާލުވާނެކަން އެނގޭތީއެވެ. ވުމާއެކު މިވަލީމާގައި ބައިވެރިވީ ހަމައެކަނި އަހަރެމެންގެ ފިރިހެން ދަރިފުޅު އަރީންއެވެ.
ކައިވެންޏަށްފަހު ރަން ހަވާލުކޮށް ވަލީމާ އެހާ ކުލަގަދަކޮށް ފެށިގެން ދިޔައީ ނުހަނު ފުރިހަމައަށެވެ. އެތަކެއް މުއްސަނދިން އަގުބޮޑެތި ހަދިޔާތައް ހިފައިގެން އައި ނަމަވެސް އާތިކާ މަތިން އަހަރެން ހަމަ ހަނދާންވާތީ ހިތްވަނީ ނުތަނަވަސްވެފައެވެ. އާތިކާއަށް ދައުވަތު ދޭން އަހަރެން ބޭނުންވި ނަމަވެސް އޭނަ ހިތުގައި ޖެހޭނެހެން ހީވާތީ އަހަރެން ދައުވަތެއް ނުދެމެވެ. އަހަރެއްހާ ދުވަސް ވޭތުވެގެން ދިޔަ ނަމަވެސް އަހަރެންގެ ހިތަކުން އާތިކާއެއް ނުފިލައެވެ. އަރީން ފެންނަ ކޮންމެ ފަހަރަކު އެސޫރަ އާލާވެގެން ދަނީ އެންމެ ފުރަތަމަ އޭނައާއި ބައްދަލުވި ދުވަހުގެ މަތިންނެވެ. ކައިވެނި ކުރި ދުވަހު އާތިކާވެސް ސާރާހެން އެފަދަ އަގުބޮޑު ހުދު ހެދުމެއްގައި އަހަރެންނާއި ދާދި ގާތުގައި ހުއްޓެވެ. ލަދުވެތި ހިނިތުންވުމަކާއި އެކު އަހަރެންގެ އަތުގައި ހިފަހައްޓައިގެންނެވެ. މީގެ ފަސްއަހަރު ކުރިން އާއިލާގެ އެދުމަށް އާތިކާއާއި އިނީ ލޯތްބަކުން ނޫނެވެ. އެހެނަސް އަހަރެއް ވަނިކޮށް އޭނަދެކެ ލޯބިވެވުނީއެވެ. އާތިކާއަށް ވެސް ވީ ހަމަ އެހެންނެވެ. އަހަރެން އޭނަދެކެވާ ލޯތްބަށް އަދިވެސް ފަނޑުކަމެއް ނާދެއެވެ. އެކަމަކު އަހަރެންނަކީ އޭނަގެ ނުރުހުމުގައި އަހަރެން އޭނައަށް މަޖުބޫރު ކުރުވައިގެން ކަންތައް ކުރާނެ ފިރިހެނެއް ނޫނެވެ. އަހަރެން އެއަށްވުރެ ބޮޑަށް އޭނަގެ އެދުންތަކަށް އިޙްތިރާމް ކުރަމެވެ.
ފުރިހަމަޔަށް ދަމުން ދިޔަ ވަލީމާގައި ތިބި މީހުންނަށް ސިހުން ގެނުވީ ކުއްލިއަކަށް ދިއްލާފައިވާ ހުރިހާ ލައިޓްތަކެއް ނިވުމުންނެވެ. އަނދިރިދެކެ ބިރުގަންނަ ބައެއް މީހުން ހާސްވެ އަޑުގަދަވެގެން އުޅޭ އަޑު އިވުމުން އަހަރެން ވީގޮތް ބެލުމަށް ސާރާގެ ގާތުގައި މަޑުކުރުމަށް ބުނުމަށްފަހު ނުކުތީ ބޭރަށެވެ. މުޅި ވެޑިން ހޯލް ފިޔަވައި ބޭރު އެހެން ތަނެއް ހުރީ ދިއްލާ އަޅާފައެވެ. އަހަރެން ދުވެފައި ޕާޓީގެ ކަންކަމާއި ހަވާލުވެގެން ތިބި މީހުން އުޅޭ ދިމާއަށް ދަނިކޮށް ކުޑަތަންކޮޅެއް ދުރުން ހޮޓެލްގެ ތިރި ފާރު ބުރީގެ ބޭރުން ދަންނަ މީހެއްގެ ހިލަމެއް ވިއެވެ. މީހަކަށް ފިލަން ކަހަލަ ގޮތަކަށް ބާރަށް ހިނގަމުން ފަސްދީ އެދަނީ އަހަރެންނާއި ވަރަށް ވެސް ގާތް މީހެކެވެ. ނުވަތަ ރަނގަޅަށް ބުނާނަމަ ކުރީގައި ގާތް މީހެކެވެ.
” އާތިކާ!؟ ” އަހަރެންނަށް ލިބުނު ސިހުމުން ދެލޯ ބޮޑުކޮއްލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


vv reethi kiyaahithun invarun v.kuru henves heevanee, mi hithah aranee aslu
Ae baava ey thi geah ava ligen ulhey handi akee, dhen vaanee kihineh kameh balaa hithun vv shauq veri vevenee , vaahaka gendhaa goy vv furihama
Alhamdhu lillah 🤍
plllllllsssssssssssss i need nextt part asap mihareethi vaaahaka eh adhi nukiyann yourr sooo talented mashallah looking foward to read next partsssss
Jazakallah hairan dear. Upload kohfa ihnaaney mihaaru 🤍
Wooowww varah reethi. Please next part avahah up kohdhecheyy
Jazakillah hairan 🤍
Mi vaahaka hurihaa part thah fennaany kihineh?
Alhugandhu name ah tap kohleema fehnaane hurihaa part eh