ފުރިހަމަޔަށް ދަމުން ދިޔަ ވަލީމާގައި ތިބި މީހުންނަށް ސިހުން ގެނުވީ ކުއްލިއަކަށް ދިއްލާފައިވާ ހުރިހާ ލައިޓްތަކެއް ނިވުމުންނެވެ. އަނދިރިދެކެ ބިރުގަންނަ ބައެއް މީހުން ހާސްވެ އަޑުގަދަވެގެން އުޅޭ އަޑު އިވުމުން އަހަރެން ވީގޮތް ބެލުމަށް ސާރާގެ ގާތުގައި މަޑުކުރުމަށް ބުނުމަށްފަހު ނުކުތީ ބޭރަށެވެ. މުޅި ވެޑިން ހޯލް ފިޔަވައި ބޭރު އެހެން ތަނެއް ހުރީ ދިއްލާ އަޅާފައެވެ. އަހަރެން ދުވެފައި ޕާޓީގެ ކަންކަމާއި ހަވާލުވެގެން ތިބި މީހުން އުޅޭ ދިމާއަށް ދަނިކޮށް ކުޑަތަންކޮޅެއް ދުރުން ހޮޓެލްގެ ތިރި ފާރު ބުރީގެ ބޭރުން ދަންނަ މީހެއްގެ ހިލަމެއް ވިއެވެ. މީހަކަށް ފިލަން ކަހަލަ ގޮތަކަށް ބާރަށް ހިނގަމުން ފަސްދީ އެދަނީ އަހަރެންނާއި ވަރަށް ގާތް މީހެކެވެ.
” އާތިކާ!؟ ” އަހަރެންނަށް ލިބުނު ސިހުމުން ދެލޯ ބޮޑުކޮއްލެވުނެވެ. އާތިކާ މިގަޑީގައި މިހިސާބުގައި ކުރަނީ ކީއް ހެއްޔެވެ؟ އޭނަ އެއައީ އަހަރެން ދައުވަތު ނުދިނަސް އަހަރެން އިން އަޑު އިވިގެން ހެއްޔެވެ؟ އަނެއްކާ ބޮކިތައް ނިވާލީ އާތިކާ ހެއްޔެވެ؟ އަހަރެން ސާރާއާއި ކައިވެނި ކުރީމައި ހެއްޔެވެ؟ އެކަމާއި އޭނަ ހަސަދަވީ ބާވައެވެ؟
” ސޮރީ ސަލީމް… ކުޑަ ވަޔަރިން މައްސަލައެއްކަމަށް ބުނީ. ދެން އެކަމަކު ރަނގަޅުވާނެ.. ” ހުސެން އައިސް އަހަރެންގެ ގާތުގައި މަޑުކޮއްލުމުން އަހަރެންނަށް ހިޔާލުތަކުން ދުރުވެވުނެވެ. އަހަރެން ޝުކުރު އަދާކޮށް ހިނިތުންވެލަމުން އެތެރެއަށް ވަތް އިރުވެސް ހިތުގައި އުތުރި އަރަމުން ދިޔަ ސުވާލުތައް ނުނިމުނެވެ.
” ސަލީމް. ކިހިނެތްވީ؟ ” އެތެރެއަށް ވަދެ ސާރާގެ ގާތުގައި ހުއްޓުނު ވަގުތު އޭނަ ސުވާލުކުރުމުން އަހަރެން ފަހުން ބުނާނެކަމަށް ބުނެ ވާހަކަ އޮއްބާލީ ސާރާގެ ގާތުގައި އާތިކާ ފެނުނު ވާހަކަ ބުނެވިދާނެތީއެވެ.
===
ފުންނޭވާއެއް ދޫކޮއްލި އަރީންއަށް ފޮތް ލައްޕާލެވުނު އިރު މަލަކް ފާހަނައިން ނުކުންނަނީއެވެ. ހެނދުނު އިރު އަރާކަށް ދެން މާގިނަ ވަގުތެއް ނެތެވެ. ފޮތް ކިޔަން އިނުމުން ނަމާދު ވަގުތު ވީއިރުވެސް އޭނައަށް ނޭނގުނެވެ. އެހެންވެ އޭނަ ފޮތް ލައްޕާލައި ފާހަނައިން ވުޞޫކޮއްގެން ނިކުމެ މަލަކްއާއި އެކު ނަމާދު ކުރި އިރުވެސް ޑައިރީގައިވި ވާހަކަތައް ހިތުން ފިލައިގެން ނުދެއެވެ. ނަމާދަށް ހުރެ ބޭކާރު ވިސްނުން ވިސްނާކަށް ނުވާނެކަން އިނގެއެވެ. އެކަމަކު ވެސް އޭނައަށް ވިސްނުނީއެވެ.
ދެމަފިރިން އެކުގައި ނަމާދުކޮއްގެން މަލަކްއަށް ސައި ދިނުމަށް އަރީން އަވަސްވެގަތެވެ. އާއްމުކޮށް ސައިބޯ ގަޑި ނޫނަސް އެހާ ހެނދުނާ އަރީން އެދުމުން އަކީޝާ ސައި ގެނެސްދީފިއެވެ. ޑޮކްޓަރ ވެސް އިރު ކޮޅަކުން މަލަކްއާއި ބައްދަލު ކުރަން އަންނާނެ ވާހަކަ ބުނެފައި ވުމުން ރަނގަޅަށް ކައިގެން ހުރުން މުހިންމުކަމަށް ނަރުސް ކުއްޖާ ބުނެފައިވާތީއެވެ.
—
” ދެބޭބީގެ ހާލު އަލްޙަމްދުލިﷲ ރަނގަޅު ހަމަ. މިރޭ އަދި އިރުއޮއްސޭ ހާއިރު ޗެކް ކުރާނެ ދެބޭބީގެ ހާލު… އެކަމަކު ކުރިން އަނެއް ޑޮކްޓަރ ބުނެލިހެން ކުރިން ދެފަހަރަކު ބައިގެން ގޮސްފައި ވުމާއި އެކު ވެއްޓުމުން ޗާންސް އެބަ އޮތް ދުވަސް ނުފުރާ ވިހަން ޖެހިދާނެކަމަށް. އަދި ވިހެއުމުގެ ބަދަލުގައި ސީސެކް ވެސް ހަދަން ޖެހިދާނެކަމަށް. އެކަމަކު ﷲއަށް ދުޢާކުރުން ހުއްޓަ ނުލައްވައްޗޭ… ދެން މިހާރުވެސް ދީފައި ހުރި ވިޓަމިން ބޭސްތައް ބޭނުންކުރުން ވަރަށް މުހިންމު. ދެން ހަމަ ރެސްޓް ކުރުން އެންމެ ރަނގަޅީ.. ” ޑޮކްޓަރ ހިންދު އައިސް މަލަކްގެ ބަނޑު ޓެސްޓުކޮށް އިނގިރޭސިން ދިން ޖަވާބުން މަލަކް ބިރުގަނެފައި ކަހަލަ ގޮތަކަށް ބަލާލީ އަރީންއަށެވެ. އޭނަގެ ގާތުގައި ދުވަސް ނުފުރާ ދެކުދިން ވިހަން ޖެހިދާނެ ކަމަކަށް ނުބުނެއެވެ. އަދި ސިޒޭރިއަން ހަދަން ޖެހިދާނެ ވާހަކަ ވެސް ނުބުނާތީއެވެ.
” ކީއްވެތަ އަރީން ކުރިން ނުބުނީ.؟ އަހަރެން ހީކުރީ ހުރިހާ ކަމެއްވެސް ރަނގަޅުކަމަށް! ” ޑޮކްޓަރ ދިއުމުން މަލަކް ރޮއެގަތެވެ. އަރީންއަށް ކުރެވުނު ހާ ވެސް ކަމަކީ މަލަކްގެ ގައިގައި ބައްދާލުމެވެ. ބައްޕަގެ ޑައިރީގެ ސަބަބުންނާއިއެކު މީހާ ހިތްވަނީ އިންތިހާއަށް ނުތަނަވަސްވެފައެވެ. އެންމެ ފަހުން ކިޔުނު ގަނޑުންނަމަ އެގެޔަށް ސިހުރު ހެދީ އޭނަގެ މަންމަ ބާވައެވެ؟ ދޮންމަންމައާއި އިނުމުން އެކަމާއި ހަސަދަވެރިވެގެން ބާވައެވެ؟ އެކަމަކު މަންމަ ބޭނުންވި ނަމަ ބައްޕަ ހުރީ އަނބުރާ މަންމަ ބަލައިގަންނަ ގޮތަށެވެ. އެހެންކަމަށް ވަންޏާ މަންމަ ބައްޕައާއި އަލުން ނުއިނީ ކީއްވެ ބާވައެވެ؟
މަލަކް ސައިބޮއެގެން ރެސްޓް ކުރަން އޮތުމުން އަރީން ނެގީ ދެހާސް ހަވަނަ އަހަރުގެ ފޮތެވެ. ދެހާސް ތިނަކާއި ހަޔަކާއި ދޭތެރޭ އޮތް ފޮތްތަކުގައި މާބޮޑަށް ސަމާލުވާން ޖެހޭ ވާހަކައެއް ނެތުމުންނެވެ. ދެހާސް ތިންވަނަ އަހަރުގެ ބައްޕަ ދެވަނަ ފަހަރަށް ކައިވެނި ކުރިރޭ މަންމަ ބައްޕައަށް ފެނުނު ފަހުން މަންމަގެ އުނދަގުލުގެ ވާހަކަ ލިޔެފައި ނެތުމުންނެވެ. އަދި މެންޝަންއަށް ބަދަލުވީ ދެހާސް ހަވަނަ އަހަރުންކަމަށްވާތީއެވެ.
” ތިއީ ކޮން ފޮތްތަކެއްތަ؟ އަރޫއަށް އެއްވެސް އެއްޗެކޭ ހިތަކަށް ނާރާ ދޯ ޑޮކްޓަރ ބުނި ވާހަކަތަކުން؟ މިގަޑީގައި ވެސް މަސައްކަތް ދޯ މުހިންމީ؟ ” އަރީން ފޮތް ހުޅުވާލަން ރެޑީވި ތަނާ މަލަކް ފާޑަކަށް ހިތްހަމަ ނުޖެހިފައި ސުވާލުކޮއްލިއެވެ. އަރީން ގޮސް މަލަކްގެ މަގަތުގައި އެތާގަނގައި ހުރި މުށިކުލައިގެ އާރްމް ޗެއަރގައި އިށީނދެލިއެވެ.
” ނޫނޭ މަލަކް. އެއްގޮތަކަށް ވެސް އެހެންނެއް ނޫނޭ ދޫނީ.. މިއީ މަލަކްއަށް ހަމަޖެހޭނެ ދިރިއުޅުމެއް ހޯދައިދޭން އަހަރެން ދިރާސާ ކުރަނީ. ބައްޕަގެ ޑައިރީތައް މިއީ. ކުރީގައި ވީ ކަންކަން އެނގިގެން އަހަރެންނަށް އެމެންޝަންގައި އެއުޅޭ އެއްޗަކުން ސަލާމަތް ކުރެވެން އެނގޭނީ… މިހާރުވެސް ނޭނގޭ އެތަކެއް ކަމެއް އެނގިއްޖެ… ” އަރީން މަލަކްގެ ނިތައް ބޮސްދެމުން ބޮލުގައި ފިރުމާލިއެވެ.
” އެހެންވީ އިރު އަހަރެންވެސް އަޑު އަހަން ބޭނުން… ޕުލީޒް؟ ” މަލަކް އާދޭހުގެ ރާގަކަށް ބުނެލަމުން އަރީންއަށް ބަލާލިއެވެ. އަރީން އާނއެކޭ ބުނެ ބޯ ޖަހާލައި ފޮތް ހުޅުވާލިއެވެ.
—
12 މާރޗް 2006
މިއަދަކީ ވަރަށް ވެސް އުފާވެރި ދުވަހެކެވެ. މެންޝަން ހަދަން ބަޔަކާ ހަވާލު ކުރިތާ ހަތަރު އަހަރުވެގެން ގޮސް މިއަދު އެންމެ ފަހުން މިއޮތީ ބަދަލުވެވިފައެވެ. އަހަރެންގެ ކުޑަ އާއިލާގެ ގޭގައިވި ފަރުނީޗަރުތައް ފިޔަވާ އެންމެހާ ސާމާނެއް މިހާރު މެންޝަންއަށް ގެނެސްފައި އެބަހުއްޓެވެ. އެއީ ރޭގައި އެހާ ދަންވާން ދެން އަހަރެންނަށް ހޭލާ ހުންނަން ޖެހުނު ސަބަބެވެ. ދެހާސް ތިންވަނަ އަހަރަށް ނިމެން އޮތް މި މެންޝަންގެ ނިންމުން އިތުރަށް ލަސްވެގެން ދިޔައީ އަހަރެންގެ ދެވަނަ އަންހެނުން ސާރާ މިމެންޝަންއަށް އިތުރު ބަދަލުތަކެއް ގެންނަން ބޭނުންވުމުންނެވެ. އެކަމާއި ދެމިހުން އެދުވަސްވަރު މައްސަލަ ޖެހުނު ނަމަވެސް އޭނަގެ އެދުމަށް އެކަން އަހަރެން ކޮއްދިނީމެވެ. އަދި މިއަދު މިއޮތީ އޭގެ ފުރިހަމަ ނަތީޖާ ފެންނާށެވެ. އަންހެނުންގެ ވިސްނުން ފިރިހެނުންނަށްވުރެ ރަނގަޅުވަނީއޭ ބުނަނީ އެހެން ވެގެންތާއެވެ.
” މާޝާﷲ.. ބައްޕަ ބުނި ގޮތަށްވުރެ މަންމަ ހަދަން ބުނި ގޮތް މާރީތި… ” ހަތްއަހަރުގެ އަރީން އަހަރެންގެ ގާތުގައި މަޑުކޮއްލަމުން މެންޝަންގެ ބޭރުގައި ހުރެގެން މެންޝަންގެ މަލަމައްޗަށް ބަލާލިއެވެ.
” ދޯ؟ ދަރިފުޅު ބައްޕަ ގޮތް ދޫކުރީމައި އެއްނު މިހާވަރު މިވީ ވެސް… ” ސާރާ ކާރުން ފައިބައިގެން އައި އިރ ހަތަރު އަހަރުގެ އަމާނީ ދުވެފައި އައިސް އަރީންއާއި ހަމަކޮއްފިއެވެ.
” ތެންކިޔު ސަލީމް. އަަހަރެންގެ އެދުންތަކަށް އިޙްތިރާމް ކުުރާތީ.. ” ސާރާ ހިނިތުންވެލަމުން އަހަރެންގެ އަތުގައި ހިފާލިއެވެ. އަދި އޭނަ މެންޝަންއަށް ބަލާލަމުން އަނެއްކާ އަަހަރެންނަށް ބަލާލައި ކުރިޔަށްވުރެ ވެސް ބޮޑަށް ހިނިތުންވެލިއެވެ. އަލްޙަމްދުލިﷲއެވެ. އަހަރެންނަށް މިއަދު މިލިބުނީ ކޮންފަދަ ނަސީބެއް ހެއްޔެވެ؟ އަގުބޮޑު ގެއެއް އެބަ ހުއްޓެވެ. ނުހަނު ރަނގަޅު އަންބެއް އެބަ ހުއްޓެވެ. ލޯބިލޯބި ދެކުދިން އެބަ ހުއްޓެވެ. ސާރާއާއި އިން ފަހުން އަހަރެން ކުރިޔަށް ވުރެ ވެސް އުފާވެރިއެވެ. އަމިއްލަ ދަރިޔަށް ނުވިޔަސް އަރީންއަށް ވެސް ސާރާ ނުހަނު ހެވެ. އަހަރެން އޮފީހަށް ދިއުމުން ދެކުދިން އެކަނި ރީތިކޮށް އަމިއްލައަށް ސުކޫލަށް ގެންދާނެއެވެ. އާތިކާއާއި ހިލާފަށް ސުކޫލު ބައްދަލުވުންތަކާއި ކުދިންގެ އެކި އެކި ކަންކަމުގައި ބޭރަށް ވެސް ގޮސް ހަދަނީ ސާރާއެވެ. އޭނައާއި އިން ފަހުން ވެސް މިހާރު ތިން އަހަރުވީއެވެ. އެކަމަކުވެސް އަލްޙަމްދުލިﷲ، އޭނަދެކެ އަހަރެން ވާ ލޯތްބަށް އަދިވެސް ފަނޑުކަމެއް ނާދެއެވެ. ނަމަވެސް ދެރައީ މިހާރު ސާރާއަށް ފަސޭހައިން ކުދިން ނުލިބޭތީއެވެ. ފާއިތުވި ތިން އަަހަރު ތެރޭގައި އިތުރު ކުދިން ހޯދަން މަސައްކަތް ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އެކަމަކު އަދިވެސް ﷲއަށް ދުޢާކުރުން ހުއްޓައެއް ނުލާނަމެވެ. އަދި ކޮންމެވެސް ދުވަހަކުން އެކަން ވެސް ކާމިޔާބުވާނެ ކަމަށް އަހަރެންގެ ހިތް ވަރަށް ބުނެއެވެ.
އާތިކާގެ ޙަބަރެއް އަހަރެންނަށް ނުވާތާ މިހާރު ތިން އަހަރުވަރު ވެއްޖެއެވެ. އަމަލް ދިން ޙަބަރުން އޭނަ މިކޮޅުން ވަޒީފާއަކަށް ވަނުމުން ބިޒީކޮށް އުޅޭތީއެވެ. ފުރަތަމަ ދުވަސްކޮޅު އަރީން މަންމަ ގާތަށް ދާން ބޮޑާ ހޭކިޔަސް މިހާރު ސާރާ ހުރުމުން އާތިކާ ނެތަސް އޭނައަށް ހެވެ. އާތިކާ އަރީން ބަލާ އައުމުން އަރީން އެހެން އާތިކާގެ ގާތުގައި ބުނުމުން އާތިކާ އެފަހުން ގެޔަކަށް އަރީން ކޮބާތޯ ބަލާކަށް ނާދެއެވެ. ފޯނުން އަރީންގެ ހާލު އަހާކަށް ގުޅައެއްވެސް ނަހަދައެވެ. އެހެންވެ އެފަހުން އާތިކާގެ ޙަބަރެއް އަހަރެންނަކަށް ނުވެއެވެ.
” ކޮބާ ހިނގާ ދަރިފުޅުމެން އަވަހަށް އެތެރެއަށް. އެކުއްޖެއްގެ ކޮޓަރި ދައްކާނަން… ” އަހަރެން އަމާނީ އުރާލަމުން އެތެރެއަަށް ހިނގައިގަތީމެވެ.
” ބައްޕި ޕުރިންސެސް ކޮޓަރިއެއްތަ؟ ” އަމާނީ ނިކަން އެކްޕެކްޓް ކުރާ ކަހަލަ ގޮތަކަށް އަހަރެންގެ ގާތުގައި އަހާލައިފިއެވެ.
” ނޫން ދަރިފުޅު….” އަހަރެންގެ ޖަވާބުން އަމާނީ ވަގުތުން ކުސްތަޅައިގަތެވެ.
” ދަރިފުޅޫ… ޕުރިންސަސްއަށްވުރެ ސުޕެޝިއަލް އެއްޗެއްވީމައި ޕުރިންސެސް ގޮތަށް ނެހެދީ… ” އަހަރެން އެހެން ބުނުމުން ވެސް އޭނަ ބޮޑާހޭކުން ނުހުއްޓެއެވެ. އަދި އަހަރެން އެކުއްޖާ ހެއްވަން ގިލިގިލި ކޮއްޓުވައިގަތުމުން އޭނަ ވަގުތުން މޫޑު ބަދަލުވެ ހޭން ފަށައިފިއެވެ.
” ދެން އަޅުގަނޑުގެ ކޮޓަރި ކިހިނެތްތޯ ހެދީ ބައްޕާ؟ ” އަރީން އަހަރެންގެ ގައިގައި ކޮއްޓާލިއެވެ.
” ދަރިފުޅަށް ވެސް ކަމުދާނެހެން. އެކަމަކު ސަޕްރައިޒްކޮށް… ” އަަހަރެން އަރީންގެ އިސްތަށިގަނޑުގައި ފިރުމާލީމެވެ.
—
ކުދިންނަށް އެކުދިންގެ ކޮޓަރިތަައް ދައްކާ ނިމުމަށްފަހު ކުދިން ކޮޅު މެދު ގޯއްޗަށް އާދަމްގެ އެހީގައި ކުޅެން ފޮނުވާ އަހަރެން އުޅުނީ ސާރާއާއި އެކު ކުދިންގެ ސާމާނުތައް ކޮޓަރިތަކަށް ވައްދާށެވެ.
” ސަލީމް ތެންކިޔު އިނގޭ… އަހަރެމެންގެ ކުޑަ އާއިލާއަށް ބޭނުންވާ އެންމެހާ ކަންކަން ކޮއްދޭތީ… އަހަރެން އަބަދުވެސް ބޭނުންވީ ތިކަހަލަ ފިރިއެއް… އަލްޙަމްދުލިﷲ ” އަހަރެން ކުޑަކޮށް ވަރުބަލިވުމުން އަމާނީގެ އެނދުގައި އިށީނދެލި ވަގުތު ސާރާ އައިސް އަހަރެންގެ ގާތުގައި އިށީނދެލަމުން ކޮނޑުގައި ބޯއަޅާލިއެވެ.
” މިކަހަލަ މުސްކުޅި ފިރިއެއް؟ ” ސަމާސާގެ ރާގަކަށް އަހަރެން އެހެން ކިޔައި ގަތުމުން އޭނަ އަހަރެންގެ ގައިގައި ތަދުނުވާނެހެން ޖަހާލިއެވެ.
” ދެން ސަލީމް ވެސް ދޯ؟ ސަލީމް އަދި މުސްކުޅިއެއް ނުވެއެއްނު؟ އަދި އެންމެ ސާޅީސް ތިންއަހަރޭ… ދެބައި އުމުރެއްނު… ހޫމް އެޔެއް ނޫނޭ…. އެބަ އޮތޭ ކުޑަ ހިޔާލެއް..؟ ” ސާރާ އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ވަރަށް ހިނިއައިސްފައި އިނދެ ބުނެލިއެވެ. އަހަރެން ކޮންކަމެއްހޭ އަހާ ފަދަ ގޮތަކަށް ނިއްއަރުވާލުމުން އޭނަ ގާތަށް އައީ ހިންޏެވެ. ސާރާގެ އެފަރި ހިނިތުންވުން ހަދިޔާ ކުރަމުން ކިޔައިދެމުން ދިޔަ ކޮންމެ ވާހަކައަކަށް އަހަރެންގެ ހިތް އަދިވެސް ލެނބެމުން ދާ ކަހަލައެވެ.
” މިހިތަށް އަރަނީ މާދަމާ ހަވީރު ވެލްކަމް ޕާޓީއެއް ބާއްވަން ހިނގާބަލާށޭ… ސަލީމްއާއި އަހަރެންގެ ހުރިހާ ގާތް މީހުންނަށް. ބޮޑުކޮށް ބާއްވަންޏާ ނޫހަށް ވެސް އަރާނެ ކަންނޭނގެ ދޯ… އެހެންވެ ކުޑަކޮށް… ” ސާރާ ހީގަތެވެ.
” ކުޑަކޮށް ބޭއްވިޔަސް ނޫހަށް އަރާނެ… އަހަރެންގެ ގާތް ރައްޓެހިންނަކީ މުއްސަނދިން ވިއްޔާ… ” އަހަރެން ހީގަތީމެވެ.
” އާތިކާއަށް ދައުވަތު ދެންތަ؟ ” އަހަރެން ފާޑަކަށް ނުކެރިފައި ހުރެ ސާރާ ކުރެ އަހާލީމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Vv higgaim reethi kuri ah oe baithah inthizaaru kuran inshaaALLAH
🤍🤍
Varah varah reethi!!!
❤️
🤍🤍