” ޑޮކްޓަރ ބުނީ ޕުރެގްކަން ނޭނގޭ ގޮތަށޯ އަަހަރެން ހުންނަނީ…. ” ސާރާ އަޅައިގަންނަމުން ކަހަލަ ގޮތަށް ޖަވާބު ދިނުމުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.
” އެކަމަކު ކުރިން ނުބުނޭ އެހެނެއް..؟ އެއްވެސް ރިޕޯޓަކުވެސް އެވާހަކައެއް ނެތް… ” އަހަރެންނަށް ރުންކުރު ރާގަކަށް އަހާލެވުނެވެ.
” އެކި އަންހެނުން ތަފާތުވާނެ ދޯ؟ އެހެން ނޫނަސް އެވާހަކަ ދައްކާކަށް ނޫނޭ އަހަރެން މިއައީ؟ އަހަރެން ބޭނުން ސަލީމް އަހަރެންގެ ގާތަށް އަންނަން. އަބަދު އާތިކާގެ ފުލުގައެއް ނޫން އުޅޭނީ.. އިނީމައި އަދި ވާނީ ކިހިނެތް؟ މިއަދުވެސް ދެކުނީމޭ ތި ތިންމީހުން މިތާނގައި އުފާކުރަން ނިކުމެ އުޅެނިކޮށް… ” ޖެއްސުން ކުރާ ފަދަ ރާގަކަށް ވައްތަރު ޖައްސަމުން ސާރާ ބުންޏެވެ.
” ސާރާއަ… ” އަހަރެންގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ފަހަތުން އިވުނު ފިޔަވަޅުގެ އަޑުންނެވެ. ސިހިފައި އަހަރެންނަށް ފަހަތް ބަލާލެވުނު އިރު ފަހަތުގައި ހުރި މީހާ ފެނި އަހަރެންނަށް ހިންދިރުވާލެވުނެވެ. ހަތަރެސްފައި ފިނިވެ މީހާގެ ހިތް ހީވަނީ ނިކުންނަން އުޅޭ ހެންނެވެ.
” ތިދެމިހުން ތިދައްކަނީ ތެދު ވާހަކައެއްތަ ނޫނީ އެކްޓެއްތަ ތިއީ؟ ނޫން… ދަންވަރު ގަޑީގައި މީހަކު ނެތް ތާކު ތިކަހަލަ އެކްޓެއް ނުޖައްސާނެ ދޯ…؟ ” ޤަބޫލު ނުކުރެވިފައި ރޮމުން ކަހަލަ ގޮތަކަށް އާތިކާ ކުރަމުން ދިޔަ ވާހަކަތަކުން އަހަރެންނަށް ލޯމަރާލެވުނެވެ. ދަރިފުޅު ނިޔާވިތާ މާ ގިނަ ދުވަހެއްނުވެ އުޅެނިކޮށް އާތިކާއަށް އަހަރެންނަށް މިދެވުނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ؟
” ޖަވާބު ދީބަލަ ސަލީމް! ” އާތިކާގެ އަޑު ބާރުވުމުން އަހަރެންނަށް ލޯ ހުޅުވާލެވުނެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ އަހަރެންނަށް ކެތްވާވަރުގެ އަސަރުތަކެއް ނޫނެވެ. ކިތަންމެ ވަރަށް އަހަރެން ކޮންޓުރޯލް ކުރަން މަސައްކަތް ކުރިޔަސް އަހަރެންނަށް ސާރާދެކެ ވެސް ލޯބިވެވުނީއެވެ. އެއީ ގަސްތުގައި އަހަރެން ކުރި ކަމެއް ނޫނެވެ. ސާރާގެ ހީލުމާއި ސަމާސާތަކަށް އަހަރެންގެ ހިތް ދެވުނީއެވެ.
” އާތިކާ… ” އަހަރެންގެ ޖަވާބެއް ނުލިބުމުން އާތިކާ އަހަރެންނާއި ދުރަށް ގެޔާއި ދިމާއަށް ހިނގައިގަތެވެ. އަހަރެންނަށް އޭނަގެ ފަސްފަހަތުން ހިނގައިގަނެވުނެވެ. ނަމަވެސް ދަމުން އަހަރެން ފަސްއެނބުރި ސާރާއާއި ދިމާއަށް ބަލާލި އިރު އޭނަ ހުރީ އިސްޖަހައިގެންނެވެ. ހީވަނީ ކުރެވުނު ހުރިހާ ކަމަކަށް އޭނަ ލަދުވެތިވާ ކަހަލައެވެ.
” އާތިކާ ސޮރީ… އަހަރެން ގަސްތުގައެއް ނޫން.. އޯލް އައި ޑިޑް ވޯޒް އައި ލަވްޑް ހާ… އެންޑް ޔޫ ޓޫ… އަހަރެން އަދިވެސް އާތިކާދެކެ ލޯބިވެޔޭ. ދެމިހުން އުފަލުގައި ގެންގުޅެންނޭ އަހަރެން މިހުރީ… ” އަހަރެން ގޮސް އާތިކާގެ ކުރިމައްޗަށް އަރައި އޭނަ ހުއްޓުވީމެވެ.
” ދެން ކުއްޖަކު ލިބުމަށް ވެސް ކިޔަނީ ލޯބިތަ؟ ކައިވެނިނުކޮށް…!؟ ހަލާލު އަނބިމީހާއަށް ސިއްރުން؟ އެވާނީ ބޭފަވާތެރިވީ ކަމަށް!! ” އާތިކާގެ އަޑު ގަދަވެގެން ދިޔައެވެ. އަދި އަހަރެންގެ މޫނަށް ނުބަލަން ވެގެން އޭނަ ދުރު ބަލާލި އޭރުވެސް ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް ނާދެއެވެ.
” އެއީ އަހަރެންނަށް ނުވިސްނާ ކުރެވުނު ކަމެއް. އެކަމަކު އަހަރެން މިހާރު ތައުބާވެއްޖެއީމޭ… އޭނަގެ ބަނޑުގައި އެއޮތީ އަހަރެންގެ ދަރިޔެކޭ… އޭނަޔާއި އިނީމައި އެކުއްޖާ ވެސް ވާނީ ހަމަ އާތިކާގެ ދަރިޔަކަށްދޯ؟ ” އަހަރެން އޭނަގެ ދެކޮނޑުގައި ހިފަހައްޓާލައި އެދެލޮލަށް ފުންކޮށް ބަލަމުން ހަޤީޤަތް ކިޔައިދިނީމެވެ.
” ޔަޤީންތަ އެއީ ސަލީމްގެ ދަރިޔެއްކަން؟ ” އާތިކާ ކުރި ސުވާލަކުން ސިހިފައި އަހަރެންނަށް އޭނަގެ ގައިން ދޫކޮއްލެވުނެވެ. ކުރިން އޮތް ޔަޤީންކަމުގެ މައްޗަށް އަހަރެންގެ ހިތުގައި މިހާރު ޝައްކު އުފެދިއްޖެއެވެ. އާތިކާ އެކުރި ސުވާލުގައި ވަނީ ކިހާ ބޮޑު ހަޤީޤަތެއް ބާވައެވެ؟
” ކޮބާ؟ ޔަޤީނެއް ނޫނެއްނު! ” އާތިކާ ދައްކަމުން ދިޔަ ވާހަކަތަކަށް ބީރު ކަންފަތެއްދީ އަހަރެން ސާރާ ކޮބައިތޯ ބަލާލަން އޭނަ ހުރި ދިމާއަށް އަނބުރާ ހިނގައިގަތީމެވެ. ހަނދުވަރުގެ އަލީގައި އިތުރު މީހަކު އެތާކު ނެތެވެ. ފަނިފަކުސާގެ އަޑާއި ބެންޗު ކައިރީގައިވާ ފެންގަނޑުގައި އުޅޭ މަސްތައް ފިޔަވައި އިތުރު އަޑެއް ވެސް ނުވެއެވެ.
އަހަރެން ވަށައި ދެކޮޅު އަދިވެސް ބޮޑަށް ހޯދާލަމުން އަހަރެން ލައިގެން ހުރި ޓުރެކްސޫޓުގެ ޖީބުން ފޯނު ނަގައި ސާރާގެ ނަންބަރަށް ގުޅާލީމެވެ. ދެފަހަރަކު ފޯނުން ގުޅި އިރުވެސް ފޯނު އޮތީ ނިއްވާލާފައެވެ. އަހަރެންނަށް ދެން ހަދަންވީ ކިހިނެތްކަމެއް ނުވިސްނުނެވެ. އާތިކާއަށް ހަޤީޤަތް އެނގި އޭނަ ކުރި ސުވާލުން އަހަރެން ގޮތް ހުސްވެފައިވާ ކަހަލައެވެ. ސާރާ ވެސް ފޯނެއް ނުނަގައެވެ. އަހަރެންނަށް ދެން ވިސްނުނީ ސާރާ އުޅެމުންދާ ގެޔަށް ދިއުމަށެވެ. މިވަގުތު އާތިކާ ގާތުގައި މަޑުކޮއްގެން އަހަރެންނަށް އޭނަ ހިތެއް ނުރުއްސޭނެއެވެ. އަހަރެން ކިތަންމެ ވަރަކަށް ކިޔާ އެއްޗެއް އޭނަ އަޑެއް ނާހާނެއެވެ. އެއީ އޭނަގެ ހުންނަ ގޮތްދޫނުކުރުމުގެ ސިފައިގެ ސަބަބުންނެވެ. ވުމާއެކު އާތިކާއާ ދޭތެރޭ މިވަގުތު އަހަރެން ވިސްނާކަށް ބޭނުމެއް ނޫނެވެ. މިގަޑީގައި އަހަރެން ބޭނުންވަނީ ސާރާގެ ބަނޑުގައިވާ ކުއްޖަކީ ކާކުކަން ދެނެގަތުމެވެ. އެއީ އަހަރެންގެ ދަރިޔެއްތޯ އޭނަ ގާތުގައި އެހުމެވެ. އަހަރެންނަށް ދެން ހަނދާންވީ މިރޭ ސާރާގެ ގާތުގައި ކުރެވުނު ސުވާލެވެ.
‘ ކޮބާ ބަނޑު…؟ މިހާރު ފަމަސްވެގެން ދިޔަ އިރު ބަނޑެއް އިންނާނެ އެއްނު..؟’
އަނެއްކާ އޭނަގެ ބަނޑުގައި ކުއްޖެއް އެބަ އޮތް ބާވައެވެ؟ ބަނޑުބޮޑުކަމަށް އޭނަ ދެއްކި ވާހަކަތައް އެއީ ދެއްކި ދަޅައެއް ހެއްޔެވެ؟ އެހެންނެއް ނުވާނެއެވެ. ލިޔުންތައް ދޮގެއް ނުވާނެއެވެ. ނޫނެކެވެ. ލިޔުންތައް ވެސް މިހާރު މީހުން ޑޮކްޓަރުން ބޭނުން ކޮއްގެން ދޮގު ޙަބަރު ފަތުރަނީއެވެ. ދަރިފުޅުގެ އެލިޔުންތަކާއި ސުކޭންތައް އަހަރެންނަށް ގެނެސްދެނީ އަމަލްއެވެ. އަނެއްކާ އަމަލް ވެސް އެކަންކަމުގައި ބައިވެރިވަނީ ބާވައެވެ.؟
އަހަރެންގެ ސިކުނޑީގައި މިހާރު ވިސްނޭ ނުވިސްނޭ އެއްޗެއްވެސް ނޭނގެއެވެ. ގެޔަށް ވަދެ ކޮޓަރިއަށް ގޮތް ތަޅުދަނޑި ހިފައިގެން އަހަރެން ބޭރަށް ނުކުތް އިރު އާތިކާ ފެންނާކަށް ނެތެވެ. ހީވާ ގޮތުން އޭނަވީ ފާޙަނާގައެވެ. އޭނަ ހިތުގައި ޖައްސާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު އަހަރެންނަށް ކުރެވުނު ކުށުގެ އަދަބު މިއަދު މިލިބިގަންނަން ޖެހުނީ އާތިކާއަށެވެ.
ނިރްވެދްއަށް ގޮވުމެއްނެތި އަހަރެން ގޮސް ކާރަށް އަރައިގެން ނައްޓާލީ ސާރާ އުޅެން ހަމަޖައްސާފައި ހުރި ގެޔަށެވެ. އަހަރެންގެ ހަދަން ފަށާފައިވާ މެންޝަންގެ ކައިރީގައި ހުރި އެގެ މިހިސާބާ ފުދޭ ވަރަކަށް ދުރެވެ. ސާރާއަށް އެހިސާބުން ގެއެއް ހޯދައި ދިނީ ދެއަހަރެއްހާ ދުވަސް ފަހުން އެމެންޝަންއަށް އަހަރެމެންގެ ކުޑަ އާއިލާ ވެސް ބަދަލުވާނެތީއެވެ. އަދި އާތިކާއަށް ސިއްރުން ވެސް އޭނަގެ ގާތަށް ފަސޭހައިން ދެވޭނެތީއެވެ. އެހެނަސް އެހުވަފެނުގައި ދެން ކުލައެއް ނުޖެހޭނެ ކަންނޭނގެއެވެ. އާތިކާ އަހަރެންނާއި އެކުގައި ދެން އުޅޭކަށް ބޭނުމެއް ނުވާނެ ކަންނޭނގެއެވެ. އާތިކާގެ ބަދަލަށް އަހަރެންގެ ގާތުގައި އުޅެން ބޭނުންވާނީ ސާރާ ކަންނޭނގެއެވެ. އެގޮތަށް ކަންތައް ވެއްޖެނަމަ ދެރަ ލިބޭނީ އާތިކާއަށް އެކަންޏެއް ނޫނެވެ. އަހަރެންގެ ދަރިފުޅުއަށް އަރީންއަށާއި ދެމިހުންނަށެވެ.
ދެގަޑިއިރުގެ ދިގު ދަތުރަކަށްފަހު އަހަރެން ގޮސް ސާރާގެ ގެޔާއި އަރާ ހަމަވި އިރު އެގޭގެ ބޭރުން ފެންނަން ހުރި އެއްވެސް ކުޑަދޮރަކުން އަލިކަމެއް ނުފެނެއެވެ. ނުވިތާކަށް ސާރާއަށް އަހަރެން ގަނެދިން ކާރެއް ވެސް ބޭރުގައި ޕާރކުކޮއްފައެއް ނެތެވެ. އެހެނަސް އޭނަ އެތެރޭގައި އުޅޭތޯ ޔަޤީން ކުރުމަށްފަހު ނޫނީ އަހަރެން ދާކަށް ބޭނުމެއް ނޫނެވެ.
އަހަރެން ދުވެފައި އަވަސް އަވަހަށް ގޮސް ދޮރުގެ ތަޅުގައި ހިފައިލީމެވެ. ދޮރު ހުރީ ތަޅުލާފައެވެ. އަހަރެންގެ ޖީބުން ތަޅުދަނޑިފަތި ނަގާ އޭގެން ވަކިން ގޯލްޑް ކުލައިގައި އިން ތަޅުދަނޑި ނަގާ ތަޅަށް ޖަހާ އަނބުރާލީމެވެ. އަޑު ކިޔާ ހުޅުވުނު ދޮރުން އެތެރެއަށްވަދެ ބޮކި ޖައްސާ ހުރިހާ ތަނެއް ހޯދި އިރުވެސް ސާރާގެ ހިލަމެއް ނުވެއެވެ. ނުވިތާކަށް އޭނަގެ އެއްވެސް އަންނައުނެއްވެސް އެހެން ތާކަށް ނުގެން ގޮސް ރީތިކޮށް އަލަމާރީގައި އަޅުވާފައި ހުއްޓެވެ.
31 ޑިސެންބަރ 2002
2002 ދެވަނަ އަހަރު ނިމޭކަށް މާގިނަ ދުވަހެއް ނެތެވެ. މިއަހަރު ވަރަށް އުފަލުން ނިންމާލެވޭނެކަމަށް ހީކޮއްގެން ހުއްޓާ ކަންތައް ވެގެން މިދިޔައީ ވަރަށް ހިތިކޮށެވެ. އާތިކާ އަހަރެންނަށް ބޭވަފާތެރިވުމުން އޭނައަަކަށް އަހަރެންނާއި ދޭތެރޭ ކުރިން ކުރާ ގޮތަށް ރަނގަޅަކަށް ކަންތަކެއް ނުކުރެވުނެވެ. ގޭގެ މަސައްކަތްތައް އޭނަ ކުރި ކަމުގައި ވިޔަސް ކުރިން ކުރާހެން ނުހަނު ގަޔާވެފައި އޭނަ ނުކުރިއެވެ. އަރީންގެ ކަންކަމުގައި ފަރުވާ ކުޑަ ނުކުރި ކަމުގައި ވިޔަސް އޭނަ އަހަރެންގެ ކަންކަމާއި ގޭތެރޭގައި ކުރާ ކަންކަމަށް ނުހަނު ފަރުވާ ކުޑަވިއެވެ. ދަރިފުޅު ނިޔާވިތާ މާގިނަ ދުވަހެއްނުވެ އިވުނު ޙަބަރުން އޭނަ އަހަރެންނާއި އަނގައިން ވެސް ނުބުނެއެވެ. މަހެއްހާ ދުވަހު އޭނަ އެހެން އުޅުމަށްފަހު އޭނަ އަހަރެންގެ ގާތުން ވަރިޔަށް އެދުމުން އަހަރެން ވަރިކޮށް ދިނީއެވެ. އޭނަ ދޫކޮއްލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު އޭނަ އަހަރެންގެ ގާތުގައި އުފަލުގައި ނޫޅެންޏާ އޭނަ ދޫނުކޮއްލާ ބެހެއްޓުމުން އެއީ އޭނައަށް ލިބޭނެ ދެރައެކެވެ. ވުމާއެކު އަރީންއަށް ދެމިހުން ދުރުގައި ވިޔަސް އުފަލުގައި އުޅޭތަން ދުށުމަށް އަހަރެން ބޭނުންވީއެވެ. އާތިކާ ވަރިކޮށް އޭނައަށް ހުންނާނެ ގެއެއް ހަމަޖައްސައިދިން ފަހުން ދެމަސްވަރު ވެއްޖެއެވެ. އުޅޭ ތަނާއި އާމްދަނީގެ ގޮތުން އަހަރެންނަށް އަރީން ބެލުމުގެ ހުއްދަ ލިބުނަސް އޭނަ އޭނަގެ މަންމަ ގާތަށް ސުކޫލް ޗުއްޓީ ދުވަސްތަކުގައި ފޮނުވާނެކަމަށް އާތިކާ ކުރެ ވައުދުވީމެވެ. އަދި އާތިކާއަށް ބޭނުންވާނެ އެންމެހާ ފައިސާގެ ކަންކަން ވެސް އަހަރެން ހިތު ރުހުމުން ކޮއްދޭނެކަމަށް ބުނީމެވެ. އޭނަ ރާއްޖެ ބަދަލުވާން ބޭނުންނަމަ އަހަރެން ފޮނުވާ ދޭނަމޭ ބުނުމުން ވެސް އަރީން ގާތުގައި މަޑުކުރަން އޭނަ ލަންކާގައި ހުންނަން ބޭނުންވީއެވެ.
އާތިކާއަށް ހަޤީޤަތް އެނގުނު ރޭގެ ފަހުން ސާރާގެ ޙަބަރެއް ވެސް ނުވެއެވެ. އެތައް ބަޔަކު ލައްވާ އޭނަ ހޯދަން ވެސް ފޮނުވައިފީމެވެ. ނަމަވެސް މުޅިން ވެސް ވީ ނާކާމިޔާބެވެ. ރާއްޖެ ދިޔައީ ކަމަށް ހިތާ އެތައް ބަޔަކު ލައްވާ އޮޅުން ފިލުވުމުން ވެސް އޭނަ ރާއްޖެ ނުދާކަން އެނގުނެވެ. ނަމަވެސް ވީކޮންތާކުކަން އަހަރެންނަށް ބުނެދެވޭނެ މީހަކު ނުވިއެވެ. އަހަރެންނަށް ދަރިފުޅަށް ވީގޮތް ވެސް އޮޅުން ފިލުވަން ބޭނުންވި ނަމަވެސް އެކަމެއް ވެސް ނުކުރެވުނެވެ. އޭނަގެ ބައްޕަ ފަރާތު އާއިލާގެ ގާތަށް ދިޔައީ އޭނަގެ ބައްޕައާއި ނޫނީ އޭނަގެ ދޮންތަޔާ ބައްދަލުވޭތޯއެވެ. ނަމަވެސް އޭނަގެ ބައްޕައާއި ދޮންތަ ކޮންމެވެސް އާއިލާގެ މެންބަރެއްގެ ވެޑިންއަށް އެމެރިކާއަށް ދިޔަ މަގުމަތީގައި ފުލައިޓް އެކްސިޑެންޓެއްގައި މަރުވީ އިހަކަށް ދުވަހުއެވެ. އެތަނަށް ސާރާ ދިޔަ ކަމަށް ބެލި ނަމަވެސް އެއްވެސް ފުލައިޓަކުން އޭނަ ދިޔަ ޙަބަރެއް ލިބިފައެއް ނެތެވެ. އޭނަގެ ބައްޕަ ފަރާތު އާއިލާ މީހުންނަކަށް ވެސް އޭނަ ވީތަނެއް ނޭނގުނެވެ. އަމަލްއަކަށް ސާރާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތެވެ. އަދި އޭނަ ދަރިފުޅުގެ ލިޔުންތައް ބަދަލުނުކުރާ ކަމަށާއި އެއެއްޗެހި ގެންނަނީ ސީދާ ހޮސްޕިޓަލުގެ އެންމެ އިތުބާރު ހިފޭ މެނޭޖަރގެ އަތުންކަން ވެސް ބުނެދިނެވެ.
އެކަނިވެރި ބައްޕައެއް ގޮތުގައި އަހަރެން ދެން ނިމިދާނީ ކަންނޭނގެއެވެ. ސާރާއާއި އާތިކާ ނޫން އެހެން މީހަކާއި އަހަރެން އިންނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އަހަރެން ދުޢާ ކުރަމެވެ. އެނބުރި ދެމިހުންވެސް އަހަރެންގެ ގާތަށް އަންނާނެ ކަމަށެވެ.
===
އަރީންއަށް ފޮތް ލައްޕާލައި ސޯފާގައި އިށީނދެވުނެވެ. އޭނައަށް ނޭނގި ހާދަހާ ކަމެއް ހިނގާފައި އެބަވެއެވެ. މިއިން އެއްވެސް ވާހަކައެއް މިހާ ދުވަސްވީ އިރު އެކަކުވެސް ނުބުނީތީ އެނގުނު ބަޔަކު ދެކެ އިންތިހާ ރުޅި އައެވެ. އެހެނަސް ދެން އޭނަ ރުޅިއައިސްގެން ވާނެ ފައިދާއެއް ނެތެވެ. ވީކަމެއް ވެ ނިމިއްޖެއެވެ.
އަރީން ގަޑިއަށް ބަލާލައި ތެދުވެ މަލަކްއަށް ގޮވަމުން ކައިރީގައި ހުރި މޭޒުން ކުރުނބާ ފަނިތައްޓެއް އޭނައަށް ދިނެވެ. އަދި ބޮލުގައި އިން ތަނަށް ތަދު ކަނޑުވާ ބޭސް ދިނުމަށްފަހު އަރީން އޭނަ ގާތުގައި އަދި ނިދާލުމަށް ބުނެ އިށީނީ ސޯފާގައެވެ. އަދި ދެން ޖެހުނު އަހަރުގެ ފޮތް ނަގައި އޭނަ ހުޅުވާލީ ބޭކާރު ހިސާބުތައް ދުއްވާލުމަށް ފަހުގައެވެ.
===
18 އޮކްޓޯބަރ 2003
އަހަރެން މިއަދު ވެސް އަރީން ގޮވައިގެން މިނިކުމެލީ ބޭރަށެވެ. އޮފީހުގައި ބިޒީކޮށް އުޅުމަށްފަހު އަހަރެންނަށް މިހާރު ލިބޭ ހުރިހާ ވެސް އުފަލަކީ އަރީންއެވެ. އާތިކާއާއި ސާރާގެ އިތުރުން ސާރާއާއި އަަހަރެމެންެ ދެމިހުންގެ ދަރިފުޅު ނެތް ކަމުގެ އިހުސާސް ކިތަންމެ ކުރެވުނަސް މިއަދު އަހަރެންނަށް މިގޮތަށް އުޅެން ވަނީ މަޖުބޫރުވެފައެވެ.
އާދައިގެން މަތިން މިއަދުވެސް މެންޝަންގެ ކަންކަން ދާ ގޮތް ބެލުމަށްފަހު ނިކުތީ އެދިމާލު ފަރުބަދަމަތިން ކަނޑު ފެންނަ ހިސާބަށެވެ. މެންޝަން މިހާރު ދާދި ނިމެން ގާތްވަނީއެވެ. އެތަނަށް އަވަހަށް ބަދަލުވުމަކީ މިހާރު އަހަރެން ދެކޭ އެންމެ ބޮޑު ހުވަފެނެވެ. އޭރުން އަހަރެން ދުނިޔޭގައި ނެތް ހާލަތުގައި ވެސް އަރީންއާއި އަހަރެންގެ ތިންވަނަ ދަރިފުޅަށް ހަމަޖެހިގެން އުޅެވޭނެތާއެވެ.
އަހަރެންނާއި އަރީން ހީ ސަމާސާކޮށް ކަނޑުން އަންނަމުން ދިޔަ ވައިތައް އެތެރެއަށް ދަމަމުން ދިޔައީމެވެ. ނަމަވެސް ކުއްލިއަކަށް މީހަކު އަހަރެންގެ ނަމުން ގޮވުމުން އަހަރެންނަށް ސިހިފައި އެދިމާއަށް އެނބުރެވުނެވެ. ދާދި ގާތުގައި ފެންނަން ހުރި އަންހެންމީހާ ފެނި އަހަރެންގެ ދެލޯ ކަރުނުން ބަރާވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


vaahaka thi ninmaalee haadha kehkuran undhagoo⁹ hisaaba Kennedy
Mi vaahaka. Vv reethi miharu vvufaajj
Avas kon adhi ahaa dhigukok⁶
alhamdhulillah vaahaka kamudhaathey.. hehe.. kaaku hen heevaney ey?