ކުށަކީ ކޮބާ – 28
އިސްޖަހައިލައިގެން ހުރެ ޝެލީން ގާތު ދޮރުކައިރިން ދުރަށް ދިޔުމަށް އެދުނެވެ. އެއާއެކު ޝެލީން އައިސް ޝާއިލް ލައިގެން ހުރި ކަޅުކައިގެ ހޫޑީގެ ކަރުގައި ހިފައިލިއެވެ. ” ނުދާނަން ” ޝާއިލްއާއި ހަތަރު ކަޅި ހަމަކޮށްލަމުން ޝެލީން ބުނެލިއެވެ. އޭނަ ގާތުން ސަލާމަތް ނުވެވޭނެކަން ޔަގީންވުމުން ޝާއިލް ބަލި ގަބޫލު ކުރިއެވެ. ” ވަޓް ޑޫ ޔޫ ވޯންޓް ” ޝެލީންގެ މޫނަށް އަސަރެއް ނެތި ބަލައިލަމުން ޝާއިލް އަހައިލިއެވެ. އެއާއެކު ޝެލީން ޝާއިލްއާއި ގާތްވެލިއެވެ. ” ޔޫ… އައި.. ވޯންޓް.. ޔޫ.. ” ކޮންމެ ބަހަކަށް ވަކިވަކިން ބާރުލަމުން ޝެލީން ބުނެލިއެވެ. އެއަށްފަހު ޝެލީން ކޮށްލިކަމަކުން ޝާއިލް ސިހުނެވެ.
***ޕާޓް 28***
” އެހެމް އެހެމް ” މީހަކު ކަރުކެހެލި އަޑަށް ދެމީހުން ދުރުވެލިއެވެ. އޭރު ޝެލީންގެ މޫނުގައިވާހައި ލެޔެއް އޭނާގެ ތުންފަތަށް ޖަމާކޮށްލާފައިވާހެން ހީވިއެވެ. އިކާންއަށް ފެނުނު މަންޒަރުން އޭނަ ހުރީ ދެލޯ ދެ ކާށި ވަރަށް ބޮޑުކޮށްލައިގެންނެވެ. އިކާން ހުރި ގޮތުން އޭނައަށް ދެންމެވީ ކަންތައް ފެނުންކަން ޝާއިލްއަށް ޔަގީންވިއެވެ. އެއާއެކު ޝާއިލް ޝެލީންއާ ދިމާލަށް ބަލައިލިއެވެ. ޝާއިލް ބަލައިލުމާއެކީ ޝެލީންގެ ދެ ކޯތާފަތަށް ރަތް ކުލަވެރިވިއެވެ. އޭނަ އަވަހަށް އިސްޖަހައިލީ އެކަން ފޮރުވުމަށްޓަކާއެވެ. ޝާއިލް އިސްޖަހައިގެން އަވަސް ފިޔަވަޅު ތަކެއްގައި ކްލާހުން ނުކުތެވެ. އޭރު އޭނާގެ ކަންފަތްވަނީ ކޮންމެވެސް ވަރަކަށް ރަތްވެފައެވެ. އޭނައަށް ދެންމެ ކުރެވުނީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ޝެލީންއަކީ އޭނަޔަށް އެކަށީގެން ވާވަރުގެ ކުއްޖެއް ނޫނެވެ. އެކަން އެ ބޯހަރު ކުއްޖާއަށް ނޭނގެނީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ. އިކާން އައުމުގެ ކުރިން ގެއަށް ދިޔުމަށްޓަކައި ޓެކްސީއެއް ނެގިއެވެ.
ދުވަސްތައް އެގޮތް މިގޮތަށް ދަމުން ގޮސް އައިނާމެންގެ ޓެސްޓްތައް ނިމުމަށްފަހު ޗުއްޓީ، ދެ ހަފްތާއަށް ލިބިގެން ދިޔައެވެ. ޓާމް ޗުއްޓީގައި ހުރިހާ ކުދިން ނިންމީ އެކުއްޖެއްގެ ރަށަށް ދިޔުމަށްށެވެ. ޝިޔާންވެސް އައިނާމެންނާ އެކީ މިފަހަރު ދިޔައެވެ. ރަށަށް ދެވުމުން އެކުދިންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެހެންނަމަވެސް އައިނާގެ ހިތަށް ނުތަނަވަސްކަން ވެރިވީ ބަނދަރުމަތީ ހުރި ރާކިން ފެނުމުންނެވެ.
ރާކިން ފެންނަނީ ކުރިއަށް ވުރެ ތަފާތުކޮށްށެވެ. ލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓް ވަނީ އޭނާގެ ބައިމަތި ފުޅާ ހަށިގަނޑަށް ހިފާލާފައެވެ. ކޮންމެވެސް ވަރަކަށް ހިކިފައިހުރިހެން ހީވެއެވެ. ނަމަވެސް އޭނާ ހަށިގަނޑުގެ ވަރުގަދަކަން ތަރުތީބުން އެތުރިފައިވާ މަސްތަކުން ދޭހަވެއެވެ. ރާޅުބާނި ކަމެއްވާ ކަޅުކަންގަދަ އިސްތަށިގަޑު މިހާރު ކަނދުރާގައި ކޭއްތޭ ވަރަށް ވަނީ ދިގުކޮށްލާފައެވެ. ކަންފަތަށް އިއާރޕޮޑްސް ޖަހައިގެން ދިއްގާގަހުގައި ލެގިލައިގެން ހުރިގޮތުން މޮޑެލްއަކަށް ދޫނުކުރާނެކަން ޔަގީނެވެ.
ރާކިން އެހެން ހުރި އިރު ލާންޗުން ފައިބައިގެންދާ ނޫކަށިފުރާ ޒުވާން އަންހެން ކުދިންގެ ކަތި ނަޒަރު ދިޔައީ އޭނައަށް ހުއްޓެމުންނެވެ. އެތަން ފެނި އައިނާގެ ހިތުގައި ހަސަދައިގެ ހުޅުކޮޅު ރޯވިއެވެ. އޭނާގެ ހިތް ރާކިން މަތިން ކިތަންމެ ވަރަކަށް ހަނދާން ނައްތާލަން އުޅުނަސް އެކަން ކާމިޔާބު ވިޔަކަ ނުދެއެވެ. އެންމެފުރަތަމަ ރާކިން ފެނުމުން އެ ހިތް ތެޅުނު ފަދައިން މިއަދުވެސް ރާކިން ފެނުމުން އެހިތް ތެޅެމުން ދިޔައެވެ. އައިނާއަށް އޭނާގެ އަމިއްލަ ނަފްސް ދެކެ ރުޅިއާދެވުނެވެ.
ރާކިންއަށް އައިނާ ފެނުމުން އޭނާގެ ދެލޮލުން ކުޑަ ވިދުމެއް ފެނިގެން ދިޔައެވެ. ދެވަނަ ސިކުންތު އޭނާގެ ކަޅުކަންގަދަ ބުމަ ގޮށްޖެހިގެން ދިޔައީ އައިނާއާއެކު ލާންޗުން ފޭބި ޝިޔާން ފެނިއެވެ. ރާކިން އައިނާ އާއި ދިމާލަށް ހިނގާ ގަތް ވަގުތު އާހިލް އައިސް އޭނާގެ މުލައްދަނޑީގައި ހިފައި ހުއްޓުވިއެވެ. ރާކިން ރުޅިވެރިކަމާއެކު އާހިލްއަށް ބަލައިލުމުން އިންޒާރުގެގެ ބެލުމެއް އާހިލް ރައްދުކޮށްލިއެވެ. އައިނާ ރާކިން ފެންނަކަމަށްވެސް ހަދާނުލާ އޭނަ ހުރަސް ކޮށްފައި ދިޔައެވެ. މޫނުމަތިން އެއްވެސް އަސަރެއް ނުދައްކައި ދިޔަ ނަމަވެސް އޭނާގެ ހިތުގައި ހިނގަމުން ދިޔަ ހައިޖާނު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. އައިނާ ކަންތައް ކުރިގޮތުން ހިތުގައި ޖެހިފައި ހުރެ ރާކިން ގާތަށް ހިނިއައީ އޭނައާއި ދިމާލަށް ލޯއަޅައިގެން ހުރެ ދިޔަ މައިރީން ފެނުމުންނެވެ.
” ވަޓް އަ ޖާރކް އަދި ފާޑަކަށް ބަލަން އެބަހުރިއޭ.. ” ތުން އަބުރާލަމުން އައިނާ އާއި ދިމާލަށް ބުންޏެވެ. މައިރީން އެހެން ބުނެލުމުން އައިނާ ރާކިންއާއި ދިމާލަށް ބަލައިލިއެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އަވަސްއަވަހަށް އައިނާ އިސްޖަހައިލިއެވެ.
އައިނާގެ ނޭފަތުގައި ގެއަށް ވަން ވަގުތު މަންމަ ހަދާ މީރު ހެދިކާގެ ވަސްގަނޑު ޖެހިލިއެވެ. އޭނަ ގެއަށް ވަން އިރު އަޔާނާ ހުރީ ދޮރާ ފުރަގަސްދީގެން މޭޒުމަތީ ހެދިކާޔާއި ފާޑުފާޑުގެ ބުއިންތައް އަތުރާށެވެ. އޭރު މައިރީންގެ މަންމަގެ އިތުރުން އެގޭ ނޯކަރެއްވެސް އެމީހުންނާއި އެއްބައިވެގެން އުޅެއެވެ. އައިނާ މައިރީންއަށް ބަލައިލަމުން ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެވެ. އައިނާ ކުރަން އުޅޭ ކަމެއް އެނގުމުން މައިރީންވެސް އައިނާއާއި ދިމާލަށް އެއްލޯ މަރައިލަމުން ފައިގެ އިނގިލިކޮޅުތައް ޖައްސަމުންގޮސް އޭނާގެ މަންމަގެ ގައިގައި ފަހަތުން ބައްދާލިއެވެ. ހަމަ އެވަގުތު މައިރީން ކަންތައް ކުރި ފަދައިން އައިނާވެސް ކަންތައް ކުރިއެވެ. އެއާއެކު އިވުނީ ދެކުދިންގެ މަންމަގެ ހަޅޭކުގެ އަޑެވެ. އަދި މައިރީންމެންގެ ހުނުމުގެ އަޑެވެ.
” ހާދަ ލާނެތް ކުދިންތަކެކޭ ދޯ މީ.. ކިރިޔާނުން އަހަރެމެންނަށް ހާޓު އެޓޭކެއް ނުދިނީ.. ” ފުން ކޮށް ނޭވާލަމުން އަޔާނާ ބުނެލިއެވެ. އެއާއެކު މައިރީންމެންގެ ހުނުމުގެ އަޑު ގަދަވެލިއެވެ. އެވަގުތު ވީ މައިރީންގެ އާއި އައިނާގެ ކޮށްކޮ ކޮޓަރިން ނިކުތް ވަގުތެވެ. އެއާއެކު އެތަނުގެ ފޯރި ވަކިން ގަދަވިހެން ހީވިއެވެ. އަޔާނާ ޝިޔާންއަށް ގޮވައި ސައި ބުއިމަށް އެދުނެވެ. އަދި އެގޭ ގެސްޓްރޫމްއެއް އޭނައަށް ތައްޔާރު ކުރެވިފައިވާނެ ކަމަށް ބުންޏެވެ. ސައިބޮއެ ނިމުމުން ވަރުބަލިކަން ފިލުވާލުމަށްޓަކައި އައިނާ އާއި ޝިޔާން ކޮޓަރިއަށް ދިޔައެވެ. އަދި މައިރީން އޭނަ މަންމައާއެކީ ދިޔައީ ގެއަށްށެވެ.
އެރޭގެ ވަގުތެވެ. އައިނާ ތައްޔާރުވަމުން ދިޔައީ މައިރީންމެންގެ ގެއަށް ދިޔުމަށްޓަކައެވެ. ގުރާފެހިކުލައިގެ ދޫ މަތިކޮޅަކާއި ފުޅާ ހަރުވާޅެއްލުމަށްފަހު މަޑު ފެހި ކުލައިގެ ސްކާފެއް އެޅިއެވެ. އަދި ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސާލުމަށްފަހު ކޮޓަރިން ނިކުތެވެ. އެއަށްފަހު އޭނަ ދިޔައީ ޝިޔާން ކުރާ ކަމެއް ބަލައިލާށެވެ. އެހެންކަމުން ޝިޔާންގެ ކޮޓަރީގައި ޓަކިޖެހިއެވެ. ކުޑައިރުކޮޅަކަށްހު ޝިޔާން ދޮރު ހުޅުވައިލިއެވެ.
އޭރު އޭނާގެ ބުޅި އިސްތަށިގަނޑު ހުރީ ހޭވިފައެވެ. ދެލޯ ރަނގަޅަށް ނުހުޅުވި ހުރުމުން ހަމަ ދެންމެ ނިދާފައި ހޭލީކަން އައިނާއަށް އެނގުނެވެ. ހަމައެކަނި ސްވެޓްޕޭންޓެއް ލައިގެން ހުރިއިރު، އޭނާގެ ހިނދިބަޑުގައި ތަރުތީބުން އަތުރިފައިވާ ގޮޅިތައްހުރީ ފެންނާށެވެ. ޝިޔާން ހުރިގޮތުން އައިނާ އަވަސް އަވަހަށް މޫނު މަތީގައި އަތް އެޅުމަށްފަހު އަނެއްފަރާތަށް އެނބުރުނެވެ. އައިނާގެ އަމަލުން ޝިޔާން އަމިއްލަ ހަށިގަނޑަށް ބަލައިލިއެވެ. އަދި އަވަސް އަވަހަށް ދޮރު ކައިރިކޮށްލަމުން ޓަކިޖެހީ ކީއްވެތޯ އަހައިލިއެވެ.
” އަމްމް.. މައި އާއި އެކީ ހިނގާލަން ދާން އުޅޭތީ ދާނަން ތޯ އަހައިލަން.. ” އައިނާ ހުރިގޮތަށް ހުރެ ބުނެލިއެވެ. ” ދެކުދިން ގޮސްލާ އަހަރެން މިރޭ ނިދާލާނީ.. ” އެހެން ބުނުމަށްފަހި ޝިޔާން ދޮރުޖެހިއެވެ. އައިނާ އޯކޭއޭ ބުނުމަށްފަހު ރީތި ގޮތަކަށް ހުރި ފައިވާނަކަށް އަރައިގެން ނިކުތެވެ. ގެއިން ނިކުމެ މައިރީންއާއި ބަލާދަނީ ކަމަށްބުނެ މެސެޖް ކޮށްލިއެވެ.
މައިރީން އޮތީ ފެންވަރައި ނިމިގެން ހެދުން ލައިގެން އެނދުގައެވެ. ރީތިވާން ކަންނެތްވެފައޮތް މައިރީންއަށް އައިނާގެ މެސެޖް ފެނުމުން ކޮޅަށް ޖެހުނެވެ. ” އަޅޭ ހާދަ ވަރުބައްޔޭ.. ” އަކުތަކަށް ދަމާލަމުން އަމިއލަ ނަފްސަށް އަޑުއިވޭނެ ފަދައިން މައިރީން ބުނެލިއެވެ. އެވަގުތު ޔާދިން މައިރީންއަށް ގުޅައިލިއެވެ.
” ހޭއި ޕްރިންސެސް.. ކީއްކޮށްލަނީ؟؟ ” ޔާދިން ލޯބިން ފުރިފައިވި އަޑަކުން އަހައިލިއެވެ. ” އައި އަންނާތީ ރީތިވާން މިއުޅެނީ.. ބަޓް ސޯ ޓަޔާރޑް.. ޔާދު ކީއްކޮށްލަނީ؟؟ ” މައިރީން އަހައިލިއެވެ. ” އެހެންދޯ ޔާދު މިހިރީ ޓެސްޓްކުރަން އަނެއްކައިވެސް މަޑުކޮށްގެން.. މިފަހަރު އެހެން ސެންޓަރެއްގައި.. ” ޔާދިން ބުނެލިއެވެ. ” އޯހް.. އަޅޭ މައި ދުއާ ކުރާނަން ޔާދުއަށް ވައިޓްއެއް ލިބޭތޯ.. ” މައިރީން ބުނެލިއެވެ. ” މީ ޓޫ ލަވް.. ދެން އުޅޭ އަވަހަށް ރީތިވާން.. ޔާދު މި ވަންނަނީ ޓެސްޓް ކުރަން މިހާރު.. ޓޯކް ޓު ޔޫ ލޭޓާ.. ލަވް ޔޫ ” ޔާދިން ބުނުމުން މައިރީން އާއެކޭ ބުނުމަށްފަހު ލޯބިވާކަމަށް ބުނެލިއެވެ. އަދި ތައްޔާރުވާން ފެށިއެވެ. މައިރީން ކޮންމެވެސް ވަރަކަށް ހާސްވިއެވެ. އައިނާ އަންނާނަމޭ ބުނިތާ މިހާރު ފަނަރަ މިނެޓްވަނީއެވެ. އައިނާމެން ގެ އާއި މައިރީންމެން ގެއާ އެހާ ދުރުނޫންކަމުން ފަސް މިނެޓްވެސް ނުވެ އެގެއަށް އާދެވޭނެއެވެ. މައިރީން އައިނާއަށް ގުޅަން ފެށިއެވެ.
ފޯނު ރިންގްވާ އަޑުއިވުމުން ޝިޔާން ދިޔައީ ސިހިގެންނެވެ. ފޯނު ސައިލެންޓަށް ނުލައި އޮތުމުން އަމިއްލަ ބޮލުގައި ޖަހާލާފައި އަވަހަށް ހޯދަން އުޅުނު އެއްޗެއް ހޯދޭތޯ މަސައްކަތް ފެށިއެވެ. އަދި އަވަސް އަވަހަށް ފޯނު ސައިލެންޓަށް ލިއެވެ. މީހަކު ކައިރި ހިސާބެއްގައި ނެއްކަމީ ނަސީބެކޭ އޭނާގެ ހިތަށް އެރިއެވެ. ފޯނުގެ އަލިން ފައިލްތަކާއި ކަރުދާސްތައް ދުރުކުރަމުން، އެތަނުގެ ދޮރާ ދިމާލަށް މީހަކު ވަދޭތޯ ބަލަމުން ދިޔައިރު އޭނާގެ ނިއްކުރި މަތިން ހުރީ ދާ ތިކިތަށް ވިދަމުން ދިޔައެވެ. ދެކަންފަތަށް ޖަހާފައި އޮތް އެއާޕޮޑްސްއިން މީހަކު ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. އެމީހަކު ދިޔައީ އަވަސް ކުރާށޭ ކިޔަމުންނެވެ. އެތަނުން އޭނާ ހޯދާ އެއްޗެއް ނުފެނުމުން ދެން އޭނަ ދިޔައީ ވާއަތް ފަރާތުގައި ހުރި މޭޒުތައް ކައިރިއަށްށެވެ. އަދި އެތާގެ ކަބަޑުތައް ބަލަން ފެށިއެވެ. އޭނައަށް ސިހުމެއް ލިބުނީ ފަހަތުން އަޑެއް އިވުމުންނެވެ.
އައިނާ ދިޔައީ އޭނާގެ އަނގަމަތީގައި އަތްއަޅާފައި ހުރި މީހާގެ އަތް ދަށުން ސަލާމަތްވެވޭތޯ މަސައްކަތް ކުރަމުންނެވެ. އޭރު އެ ބޮޑު ދެލޮލުން ފެންނަމުން ދިޔައީ ހާސްކަމާއި ބިރުވެރިކަމެވެ. އޭނާ ހިފަހައްޓާގެން ހުރި މީހާ ލައިގެން ހުރި ގަމީހުން ދުވި ވަސް އޭނާގެ ނޭފަތުގައި ޖެހުމުން ހުއްޓުން އެރިއެވެ. އެއީ އޭނާ ހިތާ ފުރާނައިން ލޯބިވާ ރާކިންގެ ގައިން އަބަދުމެ ދުވާ ވަހެވެ. އޭނާއަށް އެ ވަހެއް ދުވަހަކުވެސް ނޯޅޭނެއެވެ. އެމީހާ އޭނަ ކައިރީގައި ހުރި ފަޅު ގެއަކަށް ވެއްދިއެވެ. އަދި އައިނާގެ އަނގަމަތިން ދޫކަމެއް ދިނެވެ. ” ރާކިން؟؟؟ ” އައިނާ ސުވާލުގެ ނަޒަރުން ރާކިން އާއި ދިމާލަށް ބަލައިލިއެވެ.
” އިނާ އައި ވޯންޓް ޔޫ ޓް ލިސެން ޓް މީ ކެއާފުލީ.. ” ރާކިން އައިނާގެ މޫނުގައި ދެއަތުން ހިފާލަމުން އޭނާގެ މޫނާއި ސީދާ ކުރަމުން ވާހަކަ ދެއްކިއެވެ. އޭނަ ހުރީ ރާކިން އާއި ފާރާއި ދެމެދު ފިތިފައެވެ. އެހައި ކައިރީގައި ހުރުމުން ރާކިންގެ ހޫނު ނޭވާތައް ދިޔައީ އައިނާގެ މޫނަށް އެޅެމުންނެވެ. އައިނާގެ މޫނު އެހައި ކައިރިން ފެނުމުން ރާކިން ބުނަން އުޅުނު އެތި ހަނދާން ނެތުންފަދައެވެ. ދެ މީހުން ދެ މީހުންގެ ލޮލަށް ގެއްލިފައި ހުރި އިރު ވަށައިގެން ވާހާ ކަމެއް ހަނދާން ނެތުނެވެ. އައިނާ ރާކިންއާއި ނަޒަރު ވަކި ކޮށްލީ ރާކިން އޭނާއަށް އޮޅުވާލިކަން ހަނދާންވުމުންނެވެ. އަދި އެއީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއްކަން އެ ވީޑިއޯތަކުން އެނގުމުން އޭނާގެ ގައި ހީބިހި ނެގިއެވެ. އަނެއްކާ މިހާރު އޭނަ ހުރީ ހަމައިގަ ބާއޭ ހިތަށް އެރިއެވެ.
އައިނާ މޫނު އަނބުރާލަމުން ކިތަންމެ ހިތުގައި ޖެހުނު ނަމަވެސް ރާކިން އެކަން ހިންދާލިއެވެ. އައިނާގެ ފަރާތުން ފެނިގެންދިޔަ ހާސްކަމުގެ އަސަރުތަކުން އޭނައަށް އެނގުމެއްވިއެވެ. ” އިނާ.. އަހަރެންނަށް އެނގޭ އަހަރެންނަށް ވަރަށް ބޮޑަށް އިނާއަށް އޮޅުވައި ލެވިއްޖެކަން.. އަދި އިނާ އަހަރެންނަށް ނަފްރަތު ކުރާކަންވެސް.. އަހަރެން އިނާ މިތަނަށް ގެނައީ އިނާއަށް އަނިޔާއެއް ނޫނީ ދެރައެއް ދޭކަށެއް ނޫން.. އަހަރެން އިނާ މިތަނަށް ގެނައީ އަހަރެންގެ ހަގީގަތް ކިޔާދޭން.. އަދި އިނާއާ އެކީ މިއަދު ރަށަށް ގެނާ ފިރެހެން މީހާގެ މަގްސަދު ރަނގަޅު ނޫންކަން ބުނެދޭން.. ” ރާކިން އައިނާގެ ދައްދޮޅީގައި ހިފައި އޭނައާއި ދިމާލަށް އަބުރައިލިއެވެ.
(ނުނިމޭ)
This part is dedicated to one of the most important people in my life.. My best friend Dori❤ who was there for me through thick and thin.. Love you so much dear and HAPPY BIRTHDAY DORI 🎂🎉🎁 Congrats you’re officially legal❤ 31-05-2024
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






