” މަލަކް… ” ހަރަކާތެއް ނެތް އުއްޑުން އޮތް މަލަކް ނަގައި އަރިީންގެ ފައިމައްޗަށްލިއެވެ. އަވަސް މަލަކް ހަރަކާތާއިއެކު ވިންދު ޖަހާތޯ ޗެކްކޮއްލި އިރު ވިންދު މަޑެވެ. ނިއްކުރިން ތަންގަނޑެއް ހަލާކުވެފައި އިން އިރު ބޭރުފުށުން އިތުރު ގެއްލުމެއް ފެންނާކަށް ނެތެވެ. އަރީން މަލަކް ނަގައި އަތްދަނޑި މައްޗަށް ލަމުން ދުވެފައި ބޭރަށް ނިކުންނަ ދޮރާ ހަމަވި އިރު އޭނަގެ އެދުމަށް އައިސް ހުރި އާދަމް އާއި ނިރްވެދް ހުރީ ދޮރު ހުޅުވައިގެންނެވެ. ނިރްވެދްގެ އެހީގައި މަލަކް ކާރުގެ ފަހަތު ސީޓަށްލީ އިރު އާދަމް ގޮސް ލަގެޖު ޑިކީއަށް ލައިފިއެވެ. އަދި އަރީން އަވަސް އަވަހަށް އެންމެ ކައިރީގައިވި ހޮސްޕިޓަލަށް ގެންދިއުމަށް އެދުނެވެ.
—
އެމަޖެންސީ އޭރިޔާގެ ގޮނޑީގައި އިން އަރީން އިނީ ދެފައި ތަޅުވާލަ ތަޅުވާލައެވެ. މަލަކްއާއި ބޭބީއަށް ވީގޮތެއް އޮޅުން ފިލުވުމަށް އޭނަ ވަނީ ކެތްމަދުވެފައެވެ. ދެފަހަރަކު ކޮޅަށް ތެދުވެ ދޮރު ކައިރިއަށް ވެސް ގޮއްސިއެވެ. ނަމަވެސް މަޑުކުރަން ނަރުސް ކުއްޖަކު ބުނުމުން އޭނަ އިނީ ﷲއަށް ހުރިހާ ކަމެއް ރަނގަޅަށް ދޭތޯ ދުޢާ ކޮއްލަ ކޮއްލައެވެ.
ގަޑި އިރެއް ހާއިރު ފަހުން ޑޮކްޓަރ ފެނުމުން ސިހިފައި އަރީންއަށް ތެދުވެވުނެވެ. ޑޮކްޓަރ ދޭނެ ޙަބަރެއް އަޑުއަހަން އޭނަވަނީ ކެތްމަދުވެފައެވެ.
” ޕޭޝެންޓް މިވަގުތު އަނެއްހެން ސްޓޭބަލް. ހޭއަރާނެކަމަށް ލަފާކުރެވޭނެ އިރެއް ބުނެދޭކަށް ނޭނގޭ… ބޭބީގެ ހާލު މިވަގުތަށް އަނެއްހެން ރަނގަޅު. އެކަމަކު ކުރިން ވެސް ބައިގެން ގޮސްފައިވުމާއިއެކު ސިޑިން ވެއްޓުމުން، ފުރުސަތު އެބަ އޮތް ބޭބީ ދުވަސް ނުފުރާ ވިހާފާނެ ކަމަށް.. ޕޭޝެންޓް ދޫކޮއްލެވޭނީ ހޭއެރުމަށްފަހު ހަފްތާއެއް ވަންދެން މިކޮޅުގައި އެޑްމިޓްކޮށް ބޭބީގެ ހާލަތު ދާގޮތް ޗެކްކުރުމަށް ފަހުގައި… ” އިނގިރޭސި ބަހުން ޑޮކްޓަރ ދިން ޙަބަރުން އަރީންއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. ނަމަވެސް މިވަގުތަށް ހުރިހާ ކަމެއްވެސް ރަނގަޅުވުމުން ﷲއަށް ހާސްފަށުން އޭނައަށް ޝުކުރު ކުރެވުނެވެ.
އަރީންގެ ބޭނުންވެގެން މަލަކް ޕުރައިވެޓް ކޮޓަރިއަކަށް ބަދަލުކުރުމަށްފަހު އެނބުރި އެމަޖެންސީ ބަޔާއި ދިމާއަށް ހިނގައިގަތް ތަނާ މީހަކު ކޮނޑުގައި ހިފަހައްޓާލުމުން އޭނައަށް ސިހިފައި ފަސްއެނބުރި ބަލާލެވުނު އިރު ހުރީ ލޯޔަރު އަމަލްއެވެ. މަލަކް ބަދަލު ކުރެވޭނީ އިރުކޮޅެއް ފަހުން ކަމަށް ބުނެފައިވާތީ މަލަކްއަށް ވީ ގޮތް ކިޔައިދެމުން އަމަލްއާއިއެކު އަރީން ދިޔައީ ހޮސްޕިޓަލުގެ މަތީ ބައިގައި އިންނަ ކެފޭއަށެވެ.
” އަމަލް. ބައްޕައާއި ކޮންޕެނީގެ ވެސް ހުރިހާ ކަމެއް އެނގޭ މީހަކީ ތިއީ. އަމަލް އަހަރެންގެ އާއިލާގެ ކަންކަން ބަލަހައްޓާތާ މިހާރު ސާޅީހަކަށް އަހަރުވެދާނެ ދޯ؟ އަމަލް ހަނދާން ހުރިއްޔާ އަހަރެންނަށް ކިޔައި ދެވިދާނެތަ މީގެ އަށާރަ އަހަރުކުރިން އަސްލު ދިމާވި ކަންތައް؟ ” އަރީން ކުރި ސުވާލުން އަމަލްގެ ނިއްކުރިން ދާތިކިތައް ފާޅުވެގެން ދިޔައެވެ. އޭނަ ދުރު ބަލަން ފެށި ގޮތުން އެވާހަކަތައް އޭނަ ކިޔައި ދޭން ބޭނުން ނުވާ ކަހަލައެވެ.
” ބޭބެ… ބައްޕަ އަހަރެން ގާތުގައި ނުބުނުމަށް އެދިލެއްވިޔަސް އަހަރެން ބޭނުން އެވާހަކަތައް އެނގެން. އަހަރެންގެ އަންހެނުންނާއި ދަރިފުޅާއި ގުރީން ޝެލް މެންޝަން އިން ސަލާމަތް ކުރެވެން އޮތީ އެވާހަކަތައް އެނގިގެން. އެނގޭ އެއީ އަހަރެންނަށް އަޑުއަހަން ފަސޭހަ ނޫން ވާހަކަތަކެއްކަން ވެސް. މިއޮއް ހުރިހާ ދުވަހު އެކަން ނޭނގި އެއޮތީ އެހެންވެކަން ވެސް. އެކަމަކު ވެސް އެވާހަކަތައް އެނގެން ވަރަށް މުހިންމު… ” އަރީން އާދޭހުގެ ރާގަކަށް އެހެން ބުނުމުން އަމަލް އޭނައާއި ދިމާއަށް ބަލާލިއެވެ.
” އަހަރެން މިވާހަކަތައް ކިޔައި ދިނުމަށްވުރެ ސަލީމް ސަރގެ ފަރާތުން މިވާހަކަތައް އެނގުނިއްޔާ ކަންނޭނގެ ރަނގަޅުވާނީ… ” ހަޤީޤަތް ނޭނގޭ ވާހަކަތައް ކިޔައިދިނުމުގެ ބަދަލުގައި އަމަލް ބުނެލި ވާހަކައިން އަރީން ހައިރާންވިއެވެ.
” ސަލީމް ސަރ ކޮންމެ ދުވަހަކުވެސް އެދުވަހަކު ހިނގާ ކަންކަން ފޮތެއްގައި ނޯޓުކުރައްވާނެ. އޭގެ ތެރޭގައި އޮފީހާއި ގޭތެރޭ ދިމާވާ އެންމެހާ ކަންކަން ވެސް. ކުރު ގޮތަކަށް ބުނަންޏާ ޑައިރީ ލިޔާނެ ހަމަ އާދަވެގެން. ސަރގެ ފޮތްތައް އަދިވެސް ހުންނާނެ ގޭގައި ހުންނަ އޮފީސް ރޫމްގެ އެއްފަރާތުގައި ހުރި ބޮޑު ހަރުގައި. މުޅިން ވެސް ސަރ ގެ ޑައިރީތައް. ކޮންމެ ފޮތެއްވެސް އަހަރު ވަކިކޮށް ހުންނާނީ. ” އަމަލް ކިޔައިދެމުން ދިޔަ ވާހަކަތަކުން އަރީންއަށް އިސްޖަހާލެވުނެވެ. ބައްޕަ ދުނިޔޭގައި އެހާ ދުވަހު ހުރެ ބައްޕަގެ ގާތުގައި އޭނަ މަޑުނުކުރުމުން އޭނައަށް ބައްޕަގެ ހަޔާތާ ބެހޭ މާބޮޑު އެއްޗެއް ދަސްވެފައިއެއް ނެތެވެ. އުމުރުން އެގާރަ އަހަރުގައި މަންމަގެ ގާތަށް ބަދަލުވި ފަހުން ބައްޕަގެ ގާތަށް ދުވަސްކޮޅަކަށް އައުމަށް ކުރި އެތަކެއް އާދޭހަކަށްވެސް އޭނަ ދިނީ ބީރު ކަންފަތެކެވެ. ބައްޕަގެ ސަބަބުން މަންމަ އެކަނިވެރިވުމުން އޭނަގެ ބޭނުމަކަށް އޭރު ވީ ބައްޕަ ވެސް މަންމަ ފަދައިން އެކަނިވެރިއެއް ގޮތުގައި ގިނަ ދުވަހު އުޅޭށެވެ. ނަމަވެސް ވަގުތު ފާއިތުވެ އަނބުރާ ލަންކާއަށް އޭނަ އަނބުރާ އެއައީ ބައްޕަގެ މަރަށްފަހުގައެވެ. ކޮންމެ ގޮތަކަށް ކަންތައް ކުރި ކަމުގައި ވިޔަސް މައިންބަފައިން ވާނީ ހަމަ މައިންބަފައިންނެވެ. އެމިހުންނަށް ހަޔާތުގައި ދިމާވާ އެކި އެކި ކަންކަމާއި ކުރިމަތިލަމުން ދަރިން ބަލަމުން ގެންދަނީ ބުރަ މަސައްކަތުންނެވެ. ހުރިހާ އެންމެންނަށް ވެސް އެއްވަރަކަށް ކަންކަން ނުކުރެވޭނެޔޭ ބުނާ އުސޫލުން ގިނަ މައިންބަފައިންވެސް އެމީހުންގެ ދަރިން ބަލާނީ އެމީހަކަށް ބެލޭނެ އެންމެ ފުރިހަމައަށެވެ. ދީނުގައި ވެސް މައިންބަފައިންނަށް އޯގާތެރިވުމަށް އަންގާފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ.
” ސަރ. އަޅުގަނޑު މިވަގުތު ގޮސްލީ… އިން ޝާ ﷲ މިރޭ އަޅުގަނޑު އަދި އަންނާނަން. ކަމަށް ދަތިވެލައްވާނަމަ އަޅުގަނޑަށް ވަގުތުން އަންގާލައި ދެއްވާ… ހިތްވަރު އެލުވާނުލައްވައްޗޭ ސަރ. އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ” އަމަލް ގޮނޑިން ތެދުވެގެން ނިކުންނަން ހިނގައިގަތުމުން އަރީން ވެސް ކޮފީ ތަށި ހުސްކޮށްލުމަށްފަހު ތިރިޔަށް ފޭބި އިރު މަލަކް ކޮޓަރިއަކަށް ބަދަލުކުރަން ނެރެނީއެވެ.
—
އިރުއޮއްސި އަނދިރިވެގެން ދިޔަ އިރު ލެބަރ ރޫމްގެ އެނދުގައި އޮތް މަލަކްގެ ދެއަތްވަނީ އެނދުގެ ދަގަނޑު ހޮޅިތަކުގައެވެ. ވިހެއުމުގެ ގަދަ ވޭނަށް ކެތްނުވެގެން އޭނަ އުޅެމުން ދިޔަ އިރު ދާދި ގާތުގައި ނަރުހުންނާއި ޑޮކްޓަރަކު ހުއްޓެވެ. ނަރުހުންނާއި ޑޮކްޓަރުވެސް އިރުޝާދުތައް ދެމުން ދިޔައިރު މަލަކްގެ ވޭނާއިއެކު މުޅި ކޮޓަރިވަނީ އަޑުގަދަވެފައެވެ. މަލަކްގެ އެތަކެއް ހިތްވަރުން އިވުނު ތުއްތު ދަރިިފުޅުގެ ރުއިމުގެ އަޑުން އޭނަގެ ހަށިގަނޑު ފިނިވެލިއެވެ. ނަރުހެއްގެ އަތުގައި ސާފުކުރުމަށް ގެންދިޔަ ކުޑަކުޑަ ދަރިފުޅަށް ބަލާލަމުން އޭނަ ހިނިތުންވެލިއެވެ.
ނަރުހުން އޭނައަށް މަރުޙަބާ ކިޔަމުން ދަނިކޮށް ކުއްލިއަކަށް މާހައުލު އެއްކޮށް އަޑުމަޑުވެ ކޮޓަރިތެރެ ވެސް އަނދިރިވެގެން ދިޔައެވެ. ތުއްތު ކުއްޖާގެ ރުއިމުގެ އަޑު ފިޔަވައި އިތުރު އަޑެއް މަލަކްއަކަށް ނުއިވެއެވެ. އަނދިރިކަމަކަށް މަޑުމަޑުން ހޭނެމުން ދަނިކޮށް ދެން ފެނުނީ އޭނަގެ ދަރިފުޅު ގޮވައިގެން ދުރުގައި ހުރި މީހެކެވެ. އަންހެނެއްހެން ހީވާ އެމީހާގެ ވަށައިގެން ދުންގަނޑެއްވެއެވެ. އޭނާ ބަލަބަލާ ހުއްޓާ އެމީހާ ކުއްޖާ ގޮވައިގެން ހުޅުވާފައި ހުރި ކުޑަ ދޮރުން ފުންމާލައިފިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


❤️❤️❤️