” ކީއްވެތަ ދައްތަ އަހަރެން ގާތުގައި ނުބުނަން ތިއުޅެނީ؟ އަހަރެންވެސް މިގޭ މީހެއްނު މިއީ..؟ ” މަލަކް ހިތްހަމަނުޖެހިފައި ހުރެ އަހާލިއެވެ.
” އެއީ…. ” އަކީޝާ ބުނަން އުޅުނު ވާހަކަ ހުއްޓާލަން ޖެހުނީ މަތިން މީހަކު ބާރަށް ހަޅޭލަވައިގަތް އަޑަށެވެ. މަލަކް ސިހިފައި އަކީޝާއާއި ދިމާއަށް ބަލާލުމުން އަކީޝާއަށް ވެސް މަލަކްއާއި ދިމާއަށް ބަލާލެވުނެވެ. ދެމިހުން ވެސް އިން ތަނުން ތެދުވެގެން ކާކޮޓަރިން ނުކުތް އިރު އާދަމް ދުވެފައި ސިޑިން ފައިބައިގެން އަންނަނީއެވެ.
” އާދަމް! ކިހިނެތްވީ؟ ” އަކީޝާ ހާސްވެފައި ސުވާލުކުރިއެވެ. އާދަމް ޖަވާބު ދިނީ ލަންކާ ބަހުންނެވެ. އަކީޝާއަށް އޭނަ ބުނި އެއްޗެއް އެނގުނު ނަމަވެސް މަލަކްއަކަށް ނޭނގުނެވެ. އާދަމް ދުވެފައި ދޮރުން ބޭރަށް ނުކުތުމުން މަލަކް އަކީޝާގެ ގައިގައި ކޮއްޓާލުމަށްފަހު ވީ ކީއްތޯ އަހާލައިފިއެވެ.
” ކޮޓަރި! ” ބިރުން ހުރި ވަރުން އަކީޝާގެ ޖަވާބު ވަރަށް ވެސް ކުރެވެ.
” ކޮން ކޮޓަރިއެއް؟ ” މަލަކް ހައިރާންވެފައި ސުވާލުކޮއްލިއެވެ.
” އެންމެ މަތީ ބައިގައި ތަޅުލާފައި ހުންނަ ކޮޓަރި ހުޅުވިފައި ހުރި ވާހަކަ ބުނީ… އެކޮޓަރި ނުހުޅުވަން ސަލީމް ސަރ އެންމެނަށް ވެސް އަންގާފައިވާނީ. އެއީ ސަލީމް ސަރގެ ހަގު ދަރިފުޅު އަމާނީ މޭމްގެ ކޮޓަރި. އަމާނީ މޭމްގެ މަރަށްފަހު އެދޮރު ނުހުޅުވަން އަންގައި ތަޅުދަނޑިވެސް ފޮރުއްވާފައި އޮންނާނީ. އަނެއްކާ މޭމްތޯ އެތަން ހުޅުވީ؟ ” އަކީޝާ ކަންބޮޑުވެފައިވާ ޒާތަކަށް މަލަކްއަށް ބަލާލިއެވެ.
” ނޫން. އެބައި މައްޗަށް އެރީ ވެސް އެންމެ ފުރަތަމަ ދުވަހު. އެދުވަހު އަރީން އުޅުނު އެންމެ މަތީގައި.. ވެދާނެ އަރީން ކަމަށްވެސް…” މަލަކް ބުނެލިއެވެ.
” އަރީން ސަރ އެކަމަކު ވަރަށް ހީނުވޭ ހުޅުވަފާނެ ހެން. ސަރއަށްވެސް އެނގޭނެ ސަލީމް ސަރ ބުނެފައި ހުރި ވާހަކަތައް… ” އަކީޝާ ފާޑަށް ބޯހޫރުވާލަމުން ބުނެލިއެވެ.
” މޭމް. އަޅުގަނޑު މިއަދު ކައްކާފައި ގެޔަށް ގޮސްލަންތޯ؟ މާދަމާ އަންނަ ގޮތަށް..؟ ” އަކީޝާ ހީވަނީ އެގެއިން އަވަހަށް ނިކުންނަން ބޭނުންވެފައި ހުރި ހެންނެވެ. ސަލީމްގެ އެދުމުގެ މަތިން ހުރިހާ ނޯކަރުން އުޅެނީ ލިވް އިން ގޮތަށެވެ. އެންމެ ތިރީބައިގައި ބަދިގެޔާއި ޖެހިގެން އިންނަ ދެކޮޓަރި ހުރެއެވެ. މެލެރީއާއި އަކީޝާ އެއްރޫމެއްގައި އުޅޭ އިރު ޑުރައިވަރު ނިރްވެދްއާއި ފިރިހެން ނޯކަރު އާދަމް އުޅެނީ އަނެއް ރޫމްގައެވެ. ނަމަވެސް އެހުރިހާ އެންމެން ވެސް ބޭނުން ވެއްޖެނަމަ އެމީހަކު ބޭނުން ވަގުތަކު އާއިލާ ގާތަށް ގެޔަށް ދެވޭނެ ގޮތަށް ސަލީމް ހަމަޖައްސާފައެވެ.
މަލަކް އަކީޝާގެ އެދުމަށް އާނއެކޭ ބުނުމަށްފަހު އޭނަ އިށީނީ ސައިބޯށެވެ. އޭނަގެ ފަސް ފަހަތުން އައި އަކީޝާ ވެސް އޭނަގެ މަސައްކަތް ކުރަން ފެށިއެވެ. އަވަސް ހަރަކާތާއި އެކުގައި އަކީޝާ އިށީނދެގެން އިން އިރު ދެފައި ތަޅުވަމުން ދިޔައެވެ. އޭނަ ބިރުގަނެފައި ހުރި ވަރު ބަލާ މީހަކަށްވެސް ފެންނާނެއެވެ.
—
މަލަކް ސައިބޮއެގެން މައްޗަށް އެރި އިރު އަރީން އަދިވެސް ނުތެދުވެއެވެ. ނަމަވެސް އޭނަ ހުން މިހާރު ވަނީ މަޑުވެފައެވެ. ފޯނުން ޖަހާފައިވާ ޤުރުއާން އަދިވެސް ހުރުމުން މަލަކް ހިތްހަމަޖެހިފައި އެނދުގައި އިށީނދެލިއެވެ. ދެން ވިސްނާލެވުނީ މިމެންޝަންއަށް ބަދަލުވި ފަހުން ފެންނަން ފެށި އާދަޔާ ހިލާފު ކަންކަމާއި ދޭތެރޭގައެވެ. މެލެރީގެ ދަރިފުޅު ލާރާ ދެއްކި އުނދޯލި ކައިރީގައި ހުރި ކަޅު އެއްޗެކެވެ. ކޮޓަރިންނާއި އުނދޯލިއާއި ވީ ދިމާލުން ފެނުނު ކުޑަކުއްޖާއާއި ފާޑެއްގެ އަތްތިލައެވެ. މިހުރިހާ އެއްޗެއް އޭނައަށް ފެންނަނީ ކީއްވެބާއެވެ. އާދަމްއާއި އަކީޝާ ވެސް ބިރުން އުޅުނު ވަރެވެ.
” އެކަމަކު މިގޭގައި ދައްތަ އުޅޭކަށް ނުވާނެ… ލާރާގެ މަންމަ ބުނީ ދައްތަ ގާތުގައި ބުނާށޯ މިގެއިން އަވަހަށް ދާށޭ…” ލާރާގެ ވާހަކަތައް މަލަކްގެ ކަންފަތުގައި އެކޯވަމުން ދާކަހަލައެވެ.
” މަލަކް… ” މަލަކްއަށް ސިހިފައި ފަހަތް ބަލާލެވުނީ އަރީން އޭނަގެ އަތުަގައި ހިފާލުމުންނެވެ. ކުޑަކޮށް ދެލޯ ހުޅުވައިގެން އޮތް އަރީންއަށް ބަލާލަމުން މަލަކް އޭނަގެ މަގަތުގައި އޮށޯވެލިއެވެ.
” އަރީން. ރުޅި ނާންނަމަތިން އަހަރެން އެއްޗެއް އަހާލަންތަ؟ ” މަލަކް އަރީންގެ އިސްތަށިގަނޑުގައި ފިރުމާލަމުން އަހާލިއެވެ. އަރީން ބޯޖަހާލަމުން ވީ ކީއްތޯ އަހާލައިފިއެވެ.
” އަރީން ކުޑައިރު މިގޭތެރެއިން ޖިންނިއެއްގެ އުނދަގުލެއް ކަހަލަ އެއްވެސް ރޫޙާނީ ކަމެއް ދިމާވިތަ؟ އަހަރެންނަށް ވަރަށް ޔަޤީން މިގޭތެރޭގައި އެކަހަލަ ކަންކަން އެބަ ހިނގާ ކަމަށް… ” މަލަކް ކުރި ސުވާލުން އަރީން ކުއްލިއަކަށް ސިހިފައި ތެދުވެ އެނދުގައި އިށީނދެލިއެވެ.
” ކިހިނެތް މަލަކްއަށް އެނގުނީ؟ ” އަރީން ޖަވާބު ދިނުމުގެ ބަދަލުގައި ކުރީ ސުވާލެކެވެ.
” ކުރިން ރޭ އުނދޯލި ހެއްލޭތަން ފެނިގެން އަހަރެން ހުރީމެއްނު. އަރީން ވެސް ބެލީމެއްނު. އުނދޯލި އެހެން އެގޮތަށް ހެއްލުމުގެ ކުރިން އެތަނުން އަހަރެންނަށް ކަޅު އެއްޗެއް ފެނުނު.. ލާރާ އަހަރެންނަށް އޭތި ދެއްކީވެސް. އެފަހުން އަހަރެންނަށް ކުޑަކުއްޖެއް ފެންނަން ފެށީ. އަންހެންކުއްޖެއް. ލައިކް ސެވަން ވަރަކަށް އިޔާޒްގެ. ދިގު ހެދުމެއްލައިފައި އެކުއްޖާ ހުންނަ އިރު އިސްތަށިގަނޑު ދިގުވެފައި މޫނަށް އެޅިފައި ހުންނަނީ ވެސް… ހީވާ ހީވުމެއް ނޫން މިއީ… އަކީޝާ ވެސް އާދަމް ވެސް މަތީ ކޮޓަރި ދޮރު ހުޅުވިފައި ހުރި ކަން އެނގިގެން މިގެއިން ނިކުންނަން ހިނގައްޖެ. ” މަލަކް ތެދުވެ އަރީންގެ ގާތަށް ޖެހިލަމުން އޭނައަށް ފެންނަމުން ދިޔަ ވާހަކަތައް ކިޔައިދިނެވެ. މަލަކް ކިޔައިދެމުން ދިޔަ ވާހަކަތައް އަޑު އިވި އަރީންއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ.
” އައި ޑޯންޓް ނޯ މަލަކް. އެކޮޓަރި ދޮރު ހުޅުވީ އަހަރެން. އެއީ މާނީގެ ރޫމް. މާނީގެ ހަނދާން އާވާވަރުން ނުހުރެވިގެން އަހަރެން ބައްޕަގެ ލޯޔަރު އަތުން ތަޅުދަނޑި ހޯދައިގެން އެދޮރު ހުޅުވީ. އެކަމަކު ކުޑައިރު ދިމާވި އެއްވެސް ކަމެއްގެ ހަޤީޤަތެއް ނޭނގޭ. މާނީގެ ކޮޓަރި ބައްޕަ ތަޅުލައި ބަހައްޓަންވީ ސަބަބެއް ނޭނގޭ.. އޯލް އައި ނޯ އިޒް ޑެޑް މަންމަ ޑިވޯސް ކުރި ހިސާބުން ފެށިގެން މަންމަ މާލެ ބަދަލުވިތަނާހެން ބައްޕަ ދޮންމަންމަ… ދޮންމަންމަ ގެޔަށް އައި އިރު މާނީ ވަރަށް ކުޑަ. ބައްޕަ ކީ ގޮތުން ނަމަ މަންމައަށް ނޭނގި ދޮންމަންމައާ ބައްޕަ ދެއަންބަށް އިނދެގެން އުޅެފައި މަންމަ ދިޔައީމައި ދޮންމަންމަ މިގެޔަށް ގެނައީ. ސޯ މާނީ އަކީ ބައްޕަގެ ކުއްޖެއް. ދޮންމަންމަ އަހަރެންނަށް އެހާ ރަނގަޅެއް ނޫން. އަނިޔާއެއް ނުކުރޭ ބަޓް ޝީ ޑިޑިންޓް ކެއަރ އެބައުޓް މީ. މާނީދެކެ ވަރަށް ލޯބިވާނެ. މާނީ ބުނާކަމެއް ކޮއްދޭނެ. އަމިއްލަ ދަރިޔެއްވީމައި ކަންނޭނގެ. ދެން އައި ޑޯންޓް ނޯ.. މާނީއަށް ހަތް އަހަރުވި ތަނާހެން ކުއްލިއަކަށް މާނީ ގެއްލިގެން ހޯދި އިރު އުނދޯލި އެފަރާތު ގަސްތަކުގެ ތެރޭގައި އޮތީ. ޝީ ވޯޒް ޑެޑް. އައި ސްޓިލް ރިމެމްބަރ ހައު ޝީ ލުކްޑް. ބޯ ކިރިޔާ ވަކިނުވެ އޮތީ ހަށިގަނޑާ…..
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

