ނިދިފައި އޮތް މަލަކްއަށް ހޭލެވުނީ ހޫނުވާ ވަރުންނެވެ. ކުޑަދޮރުން އެޅިފައިވާ ހަނދުވަރު ފަނޑު އަލީގައި މަލަކް ތެދުވެ އޭސީ ބާރުކޮއްލަމުން ތެދުވެ ފޯނުން ގަޑި ބަލާލިއެވެ. ދަންވަރު ދެގަޑި ބައިވެެއްޖެކަން އެނގުމުން ތެދުވާ ވަގުތު ނުޖެހޭތީ އަނެއްކާވެސް އެނދުގައި އޮށޯތެވެ. އަދި ނިދޭތޯ މަރާލިއެވެ. ނަމަވެސް ލައްޕާލި ދެލޯ އަނެއްކާވެސް ހުޅުވާލަން ޖެހުނީ ފެނުނު މަންޒަރަކުންނެވެ. ކޮޓަރީގެ އެކި ދިމަ ދިމާލު ސީލިންގްއާއި ދިމާއިން ރަތްކުލައިގެ ހުއްޕާހަން ތަކެއް ފެންނަން ހުއްޓެވެ. ހުއްޕާހަން ތަކުގެ ފުލުގައި ރިބަން ވެސް އަޅުވާފައި ވުމުން ހީވަނީ ސީލިންގް ވެސް ވަރަށް ތިރިހެންނެވެ.
މެންދުރު ދިމާވި ކަންކަން ހަނދާންވެ މަލަކް ހީވާ ހީއެއް ކަމަށް ހިތަށް ވިސްނާދީ ބިރުންހުރެ ދެލޯ މަރާ ބާރުކޮއްލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަނެއްކާވެސް ލޯ ހުޅުވާލަން ޖެހުނީ ކުޑަކުއްޖަކު މަންމާއޭ ކިޔައި ރޮމުން ގޮވާ އަޑަށެވެ. އޭރު ކޮޓަރިން ނިކުންނަ ދޮރު ކައިރީގައި އޭނައަށް ފުރަގަސްދީގެން އަންހެންކުއްޖަކު އިނެވެ. އިސްތަށިގަނޑު ދޫކޮއްލާފައިވުމުން ފެންނަނީ ފުދޭ ވަރަކަށް ނާމާން ޒާތަކަށެވެ.
މަލަކް ބަލާބަލާ ހުއްޓާ އެކުއްޖާ އޭނައާ ދިމާއަށް ކުއްލިއަކަށް އެނބުރި ގަތެވެ. މޫނު އެއްކޮށް ކަޅުކޮށް ހުރި އިރު ލައިގެން ހުރި ހުދު ހެދުމުގެ ކަރުވަޅާއި ދިމާއިން ރަތްކުލައިގެ ތަންގަނޑެއް ހުއްޓެވެ. މެންދުރުފަހު ފެނުނު ކުއްޖެކޭ އެކުއްޖާއެކޭ އެއްވެސް ތަފާތެއް ނެތެވެ. ކުއްލިއަކަށް އެކުއްޖާ އެއިން ތަނުން ތެދުވެގެން ފާޑަކަށް ގުދުޖެހިގެން ކަހަލަ ގޮތަކަށް ހިނގާފައި އަންނަން ފެށިއެވެ. މަލަކް ހިންދިރުވާލަމުން އެއްފަހަރު އަރީންއަށް އަނެއްފަހަރު އެކުއްޖާއާ ދިމާއަށް ބަލާލިއެވެ. ހަދަންވީ ކިހިނެތްކަމެއް ނޭނގުނެވެ. ބަނޑުގައި އޮތް ދަރިފުޅު ވެސް ހަރަކާތް ކުރަން ފެށީ ބިރުން އުޅޭ ކަހަލަ ގޮތަކަށެވެ.
ކުއްލިއަކަށް ކުރުސި ހަނދާންވެ ދެލޯ މަރައިގެން ހުރެ އޭނާ ކުރުސި ކިޔަވަން ފެށިއެވެ. ތިން ފަހަރަކު ކުރުސި ކިޔަވާ ނިމުމަށްފަހު އޭނަ ދެލޯ ހުޅުވާލިއެވެ. އެކުއްޖާ ފެންނާކަށް ނެތެވެ. ހުއްޕާހަންތަކެއް ވެސް ފެންނާކަށް ނެތެވެ. ނަމަވެސް އޭނައަށް ދެން އެފަހުން ނުނިދުނެވެ. ފަތިސް ނަމާދު ބަންގި ގޮވަން ދެން އޭނަ އޮތީ ހޭލައެވެ.
—
ފަތިސްވެ ނަމާދަށް ގޮވި އިރު އަރީން އޮތީ ހުންގަދަވެފައެވެ. އަކީޝާ ލައްވާ ފިނިފެން ތައްޓަކާއި ރުމާލެއް ގެނެސް ފެންފޮތިލައި ހެދިއެވެ. ހުން މަޑު ނުވާތީ އެތައް ފަހަރަކު މަލަކްގެ އެދުމަށް ހޮސްޕިޓަލަށް ދާން ބުނުމުން ވެސް އަރީން ފަހަރަކު ދެކޮޅު ހެދިއެވެ. އެހެންވެ ގެޔަށް ޑޮކްޓަރެއް ގެނެސް އަރީން ބަލާފައި ދިއުމުން އަރީންއަށް ސައި ދީ ބޭސްދީފައި މަލަކް އުޅުނީ ރާއްޖެއިން ގެނައި ސާމާނުތައް ތަރުތީބުކޮށް ނެހެދޭތީ ވަގުތުގެ ބޭނުން ހިފައި އެއެއްޗެހި ތަރުތީބުކޮއްލާށެވެ. މާބޮޑެތި ކަންކަން ނުކުރުމަށް އަރީން ބުނެ ނަސޭހަތްތެރިވެފައިވުމުން އޭނަގެ ބޭނުމަކަށްވީ އަންނައުނުތައް ލަގެޖުން ނަގައި އަލަމާރިއަށްލާށެވެ.
މަލަކް ކޮޓަރިއަށްވަދެ ދޮރު ހުޅުވައި ދިނުމުން ގޭގައި އުޅޭ ފިރިހެން ނޯކަރު އާދަމް އެމިހުންގެ ސާމާނުތައް ކޮޓަރިއަށް ވައްދާދިނެވެ. އަރީންއަށް ނިދިފައި އޮތުމުން މަޑުމަޑުން މަލަކް ބޭނުންވާ ގޮތަށް އެނދު ކައިރީގައި ފޮށިތައް ބަހައްޓާފައި އާދަމް ދިއުމުން މަލަކް އޭގައިވި ސާމާނުތައް ތަންތަނަށް ލާންފެށިއެވެ. އަލަމާރި ވަތްގަނޑުތަކަށް އަންނައުނުތައް ލައި އޭނަ ޑުރެސިން ޓޭބަލް މަތީގައި ހުރި ރީތިވާ ސާމާނުތައް ވެސް ތަރުތީބުކޮއްލިއެވެ. ނަމަވެސް ކުއްލިއަކަށް އެނދާއި ދިމާއަށް އަނބުރާ ހިނގައިގަންނަން އުޅެނިކޮށް އޭނައަށް ސިހިފައި ލޯގަނޑާ ދިމާއަށް ބަލާލެވުނީ ލައިގެން ހުރި ގަޔަށްދޫ ދިގު ހެދުމުގެ ބަނޑާއި ދިމާއިން ވާންވާތީއެވެ. ފުރަގަހުގައި ހުރެގެން ކޮންމެވެސް މީހަކު ހެދުން ގަޔަށް ހެޔޮވަރު ކުރަން ބާރުކުރާހެން ހެދުމުގެ ބަނޑާއި ދިމާއިން ވާންވެގެން ރޫޖެހެމުން ދިއުމުން މަލަކްއަށް ހިންދިރުވާލެވުނެވެ. ދެން ފެނުނީ ކުރަކި ކަޅު ނިޔަފަތިތައް ދިގު އަތަކުން ފުރަގަހުން އައިސް ފަސްމަސްވެފައިވާ މަލަކްގެ ބަނޑާއި ދިމާއަށް އަތް ގެނައި މަންޒަރެވެ. ހުތުރު އަތްތިލައިގެން ބަނޑުގައި ފިރުމަމުން ދިއުމުން ބިރުން ހުރި މަލަކް ސިހިފައި ތެޅި ގަންގަމުން ފަހަތަށް ފަހަތަށް ގޮސް އެނދުގައި އަޅައިގަނެފައި އޭނަ އުއްޑުން ގޮދަނޑި މައްޗަށް ވެއްޓެން ގޮސް މަޑުޖެހުނީއެވެ. އަދި އަވަސް އަވަހަށް އޭނަ ފަރާތް ފަރާތަށް ބަލާލުމަށްފަހު އަރީންގެ ފޯނުނަގައި ކޮޓަރީގައި ޤުރުއާން ޖަހާލިއެވެ. އަދި ސައިވެސް ނުބޯތީއާއިއެކު އޭނަ އިތުރަށް އެތަނުގައި މަޑުކުރަން ނަހަދައި ކޮޓަރިން ނިކުމެ ދޮރު ލައްޕާލި އިރު މާނޭވާ ލެވެނީއެވެ. މަލަކް ބަނޑުގައިވި ދަރިފުޅަށް ވިސްނާ މަޑު ހިނގުމެއްގައި ކުރުސި ކިޔަވަމުން އޭނަ ތިރިޔަށް ފޭބި އިރު މެންދުރުގެ ކެއުން ތައްޔާރު ކުރުމަށް އަކީޝާ އުޅެއެވެ.
” އަކީޝާއްތާ.. ކޮބާ މެލެރީ ދައްތަ؟ ” މަލަކް ގޮޮސް ކާކޮޓަރި ދޮރުމަތީގައި މަޑުކޮށް އެތެރެ ބަލާލަމުން ބުނެލިއެވެ.
” މެލެރީ މިއަދު ބަލިވެ ގެޔަށް ދުރުވީ.. މޭމް ސައިބައްލަވަންވީ ނޫންތޯ؟ ” އަކީޝާ ސުވާލުކޮއްލިއެވެ. މަލަކް ބޯޖަހާލުމުން އަކީޝާ ސައި ތައްޔާރު ކޮއްދީފައި ކުރިން ވެސް ކުރަން އިން ކަންތަކައިގެން މޭޒު ދޮށުގައި އިށީނެވެ. މަލަކްއަށް ބޮޑު މޭޒު ދޮށުގައި ހަދައިދިން ސައިބޯ ތަކެތި ހިފައިގެން އައިސް ކާކޮޓަރީގައި އަކީޝާ އިން ކުޑަ މޭޒު ދޮށުގައި އިށީނުމުން އަކީޝާ ވަގުތުން ގޮނޑިން ތެދުވިއެވެ.
” މޭމް ބޮޑު މޭޒަށް ދުރުވޭ… އަޅުގަނޑާއި އެއްމޭޒެއްގައި އިންނަވާކަށް ނުވާނެ.. ” އަކީޝާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
” އެއީ ކީއްވެ؟ ” މަލަކް ހައިރާންވެފައި އަހާލިއެވެ.
” ސާރާ މެޑަމް ކުރިން ބުނި ގޮތަށް އަޅުގަނޑު އަމަލު ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ…. ” އަކީޝާ ބުނެދިނެވެ.
” ސާރާ ތިބުނީ ކާކު؟ ސަލީމް ސަރ ގެ ސެކަންޑް ވައިފް ދޯ؟ ” މަލަކް ނިއްއަރުވާލަމުން އަހާލިއެވެ. އޭނަ ވަނީ އަރީންގެ މަންމަ އާތިކާ ނިޔާވުމުގެ ކުރިން އާތިކާއާއި ދިމާވެފައެވެ. އާތިކާއަކީ އޭނަ މަންމަގެ ވަރަށް ގާތް ރައްޓެއްސަކަށްވެ ކުޑަ އިރުވެސް ބޮޑުދައިތައެއް ގޮތުގައި ދެކުނު ނަމަވެސް އަރީން އެއީ އާތިކާގެ ދަރިޔެއްކަން އެނގުނީ އޮފީހަށް ވަތް ފަހުންނެވެ. އޭރު މަލަކް ހުރީ އަރީންގެ ދަށުން އެންމެ ކައިރިން މަސައްކަތްކުރާ ސުޓާފްގެ ގޮތުގައެވެ. ދެމިހުން ރައްޓެހިވިތާ އަހަރު ވަނިކޮށް އާތިކާ ނިޔާވީ ކެންސަރު ބަލީގެ ވޭނުގައި އެތައް ދުވަހަކު އުޅުމަށްފަހުގައެވެ.
” މިގޭގައި އަކީޝާއްތަ ވެސް އުޅެންޏާ އެއީ ހަމަ އަހަރެން އާއިލާގެ މެންބަރެއް. އަނެއްކާ މިގޭގެ ވެރީންނަށް މަސައްކަތް ކޮށްދިނުމުގައި ތިހުންނަނީ. އަރީން ބުނި އަކީޝާއްތަ މިގޭގައި އުޅެޔޭ އަރީން އެންމެ ތުއްތު އިރުއްސުރެ… އެހެންވެ ދެން ތިހާ މާތްބަހުން ނޫޅެ ދައްތައެއް ގޮތަށް އުޅުނިއްޔާ ވަރަށް ރަނގަޅު ” މަލަކް ހިނިތުންވެލިއެވެ. އަކީޝާ ފާޑަކަށް ބޯޖަހާލަމުން ފުންނޭވާއެއް ދޫކޮށް ފަނޑު ހިނިތުންވުމެއް ދިނެވެ. އަދި މަލަކްގެ ގާތުގައި އިށީނދެ މަސައްކަތް ކުރަން ފެށިއެވެ.
” އެއްޗެއް އަހާލަންތަ؟” މަލަކް ތަރުކާރީ ކޮށަން އިން އަކީޝާކުރެ އެއްސެވެ. އޭރު މެންދުރުގެ ހޫނުގަދަ ވަގުތު ކަމުގައި ވިޔަސް މޫދާއި ދިމާ ވާގޮތަށް ހުޅުވާފައިވާ ބޮޑު ބިއްލޫރި ދޮރުން ފިނި ވައިރޯޅިތައް ވަންނަމުން ދިޔައެވެ.
” މިގެއިން އެއްވެސް ކަހަލަ ޖިންނިއެއް ކަހަލަ އެއްޗެއްގެ އުނދަގުލެއްވޭތަ؟ ” މަލަކް ކުރި ސުވާލުން އަކީޝާ އޭނަގެ މަސައްކަތް ހުއްޓުނެވެ.
” ކާކު ދެއްކި ވާހަކައެއް؟ ” އަކީޝާގެ ވާހަކަތައް ހުރީ އަޅައަޅައި ގަންނަ ކަހަލަ ގޮތަކަށެވެ.
” އެއްވެސް މީހަކު ދެއްކީއެއް ނޫން… އިއްޔެ ވެސް ރޭގައި ދަންވަރުވެސް އެކަހަލަ ކަންކަން ފެނުނީމައި މިއަހާލެވުނީ.. ހަމަގައިމު ވެސް ކުށް ހީއެއްނޫން… ” މަލަކް އެހެން ބުނި އިރު މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ.
” އެކަހަލަ ކަމެއް މިގޭތެރޭގައި ނުވޭ. ކީއްވެތޯ މެޑަމްއަށް އެކަނި ފެންނަންވީ؟ ” އަކީޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ.
” ނޭނގެ… އިއްޔެ ކުއްލިއަކަށް އެހެން ވާން ފެށީ؟ ” މަލަކް ރޮށި ތަށި ގާތްކޮއްލިއެވެ.
” ކުޑަކުއްޖެއްތަ؟ ” ބޭއިޙްތިޔާރުގައި އަކީޝާއަށް ވައިއަޑުން ބުނެވުނު ބަސް މަލަކްގެ ކަންފަތާއި ހަމަޔަށް ފޯރިއެވެ.
” އާން. ކިހިނެތް އެނގުނީ؟ ” މަލަކްއަށް އަޑު އިވުނުކަން އެނގުމުން އަކީޝާގެ މޫނުމަތީގައިވި ރޫތައް ކުރިޔަށްވުރެ ގިނަވެ ދާތިކިތައް ފާޅުވިއެވެ.
” އަކީޝާއްތަ އަހަރެންނަށް ކަމެއް ފޮރުވަންދޯ އެބަ…؟ ” މަލަކް އަކީޝާއާއި ދިމާއަށް އެނބުރެލިއެވެ. އަކީޝާ ހިންދިރުވާލިތަން ފެނުމުން އޭނަ ކުރި ސުވާލުގެ ޖަވާބު ވަރަށް ޔަޤީންކަމާއިއެކު ލިބިގެން ދިޔައެވެ.
” ކީއްވެތަ އަހަރެން ގާތުގައި ނުބުނަން ތިއުޅެނީ؟ އަހަރެންވެސް މިގޭ މީހެއްނު މިއީ..؟ ” މަލަކް ހިތްހަމަނުޖެހިފައި ހުރެ އަހާލިއެވެ.
” އެއީ…. ” އަކީޝާ ބުނަން އުޅުނު ވާހަކަ ހުއްޓާލަން ޖެހުނީ މަތިން މީހަކު ބާރަށް ހަޅޭލަވައިގަތް އަޑަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

