Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 5

umny Level 210 Stories
April 25, 2024 3 Mins Read
0 Comments

އަރީންއާއިއެކު ސައިބޮއެ އަރީން އޮފީހަށް ދިއުމުން މަލަކް ހިނގައިގަތީ އުނދޯއްޔާއި ދިމާއަށެވެ. މެންދުރުވަމުން ދިޔަ ވަގުތު އިރުގެ އަލީގެ ބަދަލުގައިވަނީ ކަޅު ބިޔަ ވިލާތަކުން އުޑުމަތި ބަނަވެފައެވެ. އުނދޯއްޔާ ހަމަޔަށް ބިންމަތީގައި އަތުރާފައިވާ ގާތަކުގެ މަތިން މަލަކް ހިނގަމުން ދިޔަ އިރު ދުރުން ފެންނަމުން ދިޔަ ކަނޑުގެ ރާޅުތަކުން މީހާގެ ހިތަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ވާރޭ ވެހިދާނެކަމަށް ގެނައި ކުޑަ އުނދޯލީގެ އެއްކައިރީގައި ބަހައްޓަމުން އުނދޯލީގައި އިށީނދެލަން އުޅެނިކޮށް ހުދުކުލައިން ކުޑަ އަތްތިލައަކާއި އެއަަށްވުރެ ކުޑަ އަތްތިލައެއް އަޅައިގަތެވެ. ކުޑަ އަތްތިލައިގައި ‘އަރީން’ ޖަހާފައިވާ އިރު އޭގެ ކުޑަ އަތްތިލާގައި ‘މާނީ’ ޖަހާފައިވެއެވެ. ހިނިތުންވެލައި ދެއަތުގެ މަތީގައި އަތް ހާކާލަމުން އޭނަ އުނދޯލީގައި އިށީން އިރު އުނދޯލިއާއި ވީ ދިމާއިން ރޭގައި ފެނުނު އެއްޗެއްގެ މަތިން ހަނދާނެއްނެތެވެ.

އޮށޯވެލޭވަރަށް ހަދާފައިވާ އުނދޯލި ފެންނަނީ އާއެއްޗެއް ހެންނެވެ. ވަރުނީސްލައި ރީތިކޮއްލާފައިވާ އުނދޯލީ މަލަކް ހުރަހަށް ދެފައި ތިރިކޮއްލައިގެން އޮށޯވެލިއެވެ. އަދި މަތި ބަލާލެވުނު ވަގުތު ފެނުނު މަންޒަރުން އޭނައަށް ހައިރާންކަމެއް ވެރިވިއެވެ. އުނދޯލީގެ އެހެން ހުރިހާ ދިމާއެއް އާހެން ހީވި ނަމަވެސް ހިޔާކޮއްފައިވާ އުނދޯއްޔާ ދިމާއިން ކަޅުކުލައިގެ މޯލްޑް ޖަހައިފައިވެއެވެ. އެކި ތަންތަންގަނޑުގައި ބޮޑެތި މޯލްޑް ޖަހާފައިވާ އިރު މަތީގައި ކަޅުކުލައިގެ ތުއްތުކުއްޖެއްގެ ކުދި ފިޔަވަޅުތަކެއްވެއެވެ. އޭނަ ހައިރާންވެފައި މައްޗަށް ބަލަން އޮއްވާ ދާދި ގާތުން ތުއްތު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވި އޭނައަށް ސިހިފައި ތެދުވެވުނެވެ. އެހެންވާންވީ ސަބަބެއް ނެތެވެ. މިތަނުގައި އިތުރު މީހަކު ނެތެވެ. ހީވި ހީވުމެއް ކަމަށް ނިންމާ އަރީންއަށް އުނދޯލި މަތި ދެއްކުމަށް އަތުގައި އޮތް ފޯނުން ހަޑިވެފައިވާ ތަނުގެ ފޮޓޯއެއް ނަގާލިއެވެ. އަދި ހިތްހަމަ ޖައްސާލުމުގެ ގޮތުން ފައި ބިންމަތީގައި ޖައްސާ ކުޑަކުޑަކޮށް އުނދޯލި ހެއްލާލިއެވެ. އުނދޯލި ހެއްލުމުގެ ސަބަބުން ކަނޑުން އައިސް ޖެހެމުން ދިޔަ ވައިރޯޅިތައް އިތުރުވެ ފިނިކަން ވެރިވެގެން ދިޔަ ނަމަވެސް ކެތްކުރެވޭ ވަރުވެއެވެ.

” ދަރިފުޅު. މަންމި މިއިނީ ދަރިފުޅުގެ އަސްލު ގޭގައި އިން އުނދޯއްޔެއްގައި. އިނގޭތަ މިގެ ވަރަށް ބޮޑު. މަންމިއާއި ދެކުދިން އެރިލަން ޕޫލެއްވެސް އެބަ އޮތް. މަންމި ވަރަށް އުފާވެފައި މިއިންނަނީ މިތަނަށް އާދެވުނީމައި. މަންމި އުއްމީދުކުރަން ދަރިފުޅު ވެސް މިގެ ބަލާލަން މަންމިއާއި ބައްޕިއާއިއެކު ދިރިއުޅެން އަންނާނެކަމަށް. އިން ޝާ ﷲ. ” މަލަކް ބަނޑުގައި ފިރުމަމުން ދިޔައިރު ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. މަލަކްގެ ވާހަކަތައް އިވިގެން ކުޑަ ދަރިފުޅަށްވެސް އެނގުންވި ކަހަލައެވެ. ވަގުތުން ބަނޑުގައިވި ކުއްޖާ ތޮޅިލައިފިއެވެ.

” މަޑުކުރޭ.. އަދި ނުވޭ ނިކުންނާކަށް ދޫނީ.. އަދި ފޯރ މަންތްސް މަޑުކޮއްލާފައި އިނގޭ… ” މަލަކް ކުރިޔަށްވުރެ  ބޮޑަށް ބަނޑުގައި ފިރުމާލަމުން ހީގަނެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނައަށް ސިހިފައި ފަރާތް ފަރާތަށް ބަލާލެވުނީ ކުރިން އިވުނުހެން ކުއްޖަކު ރޮއެގަތް އަޑަށެވެެ. ދެން ފެނުނީ ޖަންގަލިހެން ހުރި އުނދޯލިގެ ކަނާތް ފަރާތުގައިވި ގަސްތައްވެސް ކުއްލިއަކަށް މާބާރަކަށް ހެލިގަތްތަނެވެ. އޭރު ބަނަކޮށް އޮތް ވިލާތަކުން ވާރޭ ކަނިކަނިވެސް ޖަހަން ފަށައިފިއެވެ.

މަލަކް ސިހިފައި އެދިމާއަށް ބަލަން އިންދާ ފެނުނީ ހަތްވަރަކަށް އަހަރުގެ ކުޑަ އަންހެންކުއްޖަކު އުނދޯލީގެ ފުރަގަހުން ގޮސް ގަސްތައް ތެޅިގަތް ހިސާބުން އެދިމާއިން ތެރެއަށް ވަތްތަނެވެ. މޫނު ނުފެންނަ ދިގު ވޭވީ ކަޅު އިސްތަށިގަނޑެއްގެވެރި އެކުއްޖާގެ ހަންގަނޑު ނުހަނު ދޮނެވެ. ލައިގެން ހުރި ރަތް ކަކުލާ ހަމަޔަށް އަރާ ހެދުން ކޮށިކޮއްލައިގެން އޭނަ ވަތް އިރު ހުނުމުގެ އަޑު މާހައުލުގައި ހިފާލާފައިވެއެވެ.

މަލަކްގެ ހުރީ ހިތްބިރުގަނެފައެވެ. ރޭގައިވި ކަންތައް އޭނަ ހަނދާންވެއްޖެއެވެ. ލާރާ ދެއްކި އެއްޗެއް ހުރީ ވެސް އުނދޯލި ކައިރީގައެވެ. އޭނައަށް މިއިނދެވުނީ އެއުނދޯލީގައެވެ. އަދި އުނދޯލީގެ އެއްފަރާތުގަިވި ޖަންގަލިހެން އޮތް ގަސްތައްވެސް އެއޮތީ މާދުރަކުނޫނެވެ.

އަވަސް އަވަހަށް އުނދޯލިން ފައިބައި އުނދޯލީގެ އެއްފަރާތެއްގައިވި ކުޑަ ނަގައިގެން އޭނަ އެތެރެއާއި ދިމާއަށް ހިނގައިގަންނަން އުޅެނި އުސްކޮށް އޮތް ގަލެއްގައި އަޅައިގަނެފައި އުއްޑުން ބިންމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ. އަތްވަރުވާ ގަލަށް ބަލާލައި ބޮހޫރުވާލަމުން ވެހެމުން ދިޔަ ވާރޭގެ ތިކިތައް ބޯކުރާތީވެއާއިއެކު އޭނަ އަވަސް އަވަހަށް އެތެރެއަށް ދިއުމަށް ހިނގައިގަތެވެ.

ގޭތެރެއަށްވަދެ ގޭގައި އުޅޭ ފިރިހެން ނޯކަރު ލުގުމާނު އަތަށް ކުޑަ ދެމުން އޭނަ ގޮސް ސޯފާގައި އިށީނދެލިއެވެ. ބަނޑުބޮޑުވުމުގެ ސަބަބުން ނުދުވިޔަސް ބާރަށް ހިނގާފައި އައުމުން އޭނަ ކުޑަކޮށް މާނޭވާލެވެއެވެ. އަދި ކުޑަކޮށް އަރާމުކޮއްލުމަށް އޭނަ ސޯފާގައި އޮށޯވެލިއެވެ.

—

ކޮންޕެނީގެ ބިލްޑިންއަށް އަރީން ވަތް އިރު ކޮންޕެނީގެ އަދި އަރީންގެ ފެމެލީގެ ދުވަސްވީ ލޯޔަރު ދެބައި އުމުރުގެ ރާއްޖެއަށް އުފަން އަމާލް އަރީންގެ އިންތިޒާރުގައި ހުއްޓެވެ. އަރީން ފެނުމުން މަރުޙަބާ ކިޔައި އޭނައާއި އެކު އަރީންގެ އޮފީސް އިންނަ ފުލޯއަށް އެރިއެވެ. ލިފްޓު ހުޅުވުނު ދޮރުން އެތެރެއަށްވަދެ އެންމެ ކައިރިން ޖެހުނު އަރީންގެ އޮފީސް ރޫމް ހުޅުވާލުމާއިއެކު ރޫމްގެ އެއްފާރު އެއްކޮށް ޖަހާފައިވާ ބިއްލޫރީގެ ފަހަތުން ނޫރައްލިޔާގެ ހިތްގައިމު މަންޒަރުތައް ފެންނަމުން ދިޔައެވެ. އަދި އެމަންޒަރުތަކަށް އިތުރު ފުރިހަމަކަމެއް ގެނުވަމުން ދިޔައީ ވެހެމުން ދިޔަ ވާރެއެވެ. މަޑު ކުރީމްކުލައެއް ލާފައިވާ ފާރުތަކާއި ގުޅޭ ގޮތަށް ފަރުނީޗަރުތައްވަނީ ހުދުކުލައިގެންނެވެ. ބިއްލޫރި ފާރު ކައިރީގައި އަރީންގެ މޭޒާއި ގޮނޑިތައް ވީ އިރު މޭޒުގައި އެއްފަރާތު ފާރުގައި ފައިލްތަކުން ފުރިފައިވި ކަބަޑުތައް ބަހައްޓާފައިވެއެވެ. މޭޒުގެ ކުރިމައްޗަށް ރޫމްގެ މެދުގައި ކޮފީ ޓޭބަލްއަކާއި ފަސްގޮނޑީގެ އަރމްޗެއަރ ބަހައްޓާފައިވާ އިރު ދެފަރާތުން ދެގޮނޑި އަދި މެދުގައި އެއްގޮނޑި ބައިންދާފައިވެއެވެ.

އަރީން ގޮސް އޭނަ ބޮޑު ގޮނޑީގައި އަތް ޖައްސާލިއެވެ. މީގެ ފަނަރަ އަހަރުގެ ކުރިން އޭނަގެ ޒުވާން އުމުރުގެ ބައްޕަވެސް އެބޮޑު ގޮނޑީގައި އިން ހަނދާންވެއެވެ. އަރީންއަށް ދިމާވި ކަންކަމުގެ ސަބަބުން އޭނަގެ އެދުމަށް ސަލީމް އިޙުތިރާމްކޮށް އަރީންގެ މަންމަ ގާތަށް މާލެ ފޮނުވި ފަހުން އަނބުރާ ލަންކާއަށް އޭނަ މިއައީ އަދި އަލަށެވެ. މާލޭގާއި ހުއްޓަސް ދެމައިންނަށް ދަތިނުވާ ވަރަށް ފައިސާ ސަލީމް ޙަރަދުކޮއްދީ ހެދިއެވެ. އަދި މާލޭގައި ހުރި ކޮންޕެނީގެ އެންމެ ބޮޑު މީހަކަށްވެސް އަރީން ހަދައިދިނެވެ.

” ސަރ. މިއަދު އެއްވެސް މަސައްކަތެއް ފަށާކަށް އަޅުގަނޑަކަށް ނުފެނޭ. އަދި އިއްޔޭ ނޫންތޯ ތިދުރުވީ.؟ މިއަދު މުވައްޒަފުންނާ ބައްދަލުކޮއްލާ ކޮންޕެނީގެ ތަންތަން ޗެކްކޮއްލުމަށްފަހު އަވަހަށް ގެޔަށް ދުރުވިއްޔާ ކަންނޭނގެ ރަނގަޅުވާނީ.. ސަރ އަކަށްވެސް ތަން ބަދަލުވީމައި ރަނގަޅަކަށް ނުނިދެއޭނޫންތޯ؟ ” އަމާލް އެއްފަރާތުގައިވި އާރމްޗެއަރ އެއްގައި އިށީނދެލަމުން އަރީންއާއި ދިމާއަށް ބުނެލިއެވެ.

” އަމާލް ހަނދާން އެބަހުރިދޯ؟ އަހަރެން މުޅިން އޯކޭއޭ… ކޮންކަމެއްތަ އެންމެ ފަހުން ބައްޕަ ކޮއްފައި ހުރީ..؟ ” އަރީން ގޮސް މެދުގައި ވަކިން އިން ގޮނޑީގައި އިށީނދެލިއެވެ.

” މިކޮޅުގައި ގެސްޓް ހައުސްއެއް ހަދަން ފަށާފައިވަނީ… ސަލީމް ސަރގެ މަރުގެ ޙަބަރާއިއެކު މަސައްކަތް ފަސްކޮއްފައިވަނީ. އޭގެ އިތުރުން ކުލައިންޓެއްގެ ގޭގެ މަސައްކަތް ވެސް ވަގުތީ ގޮތަށް ހުއްޓާލައިފަނީ… އަދި އޭގެ އިތުރުން ވެސް ދެބޮޑު ޕުރޮޖެކްޓެއްވެސް އެބަ އޮތް. ” އަމާލް ކިޔައިދިނެވެ.

” އޯކޭ… އެކަމަކު އަމާލް… އަހަރެން ސުވާލެއް ކޮއްލަންތަ؟ ” އަރީން ކުޑަކޮށް ސީރިއަސްވެލަމުން އަހާލިއެވެ.

” އެނީތިންގް ސަރ… ” އަމާލް ހިނިތުންވެލިއެވެ.

” މެންޝަންގައި ނުހުޅުވައި ހުންނަ ރޫމްގެ ތަޅުދަނޑި ކޮބާ؟ ” އަރީން ކޮއްލި ސުވާލުން އަމާލްއަށް ދެލޯ ބޮޑުކޮއްލެވުނެވެ.

ނުނިމޭ

ބަލިކޮށް އުޅުމުގެ ސަބަބުން މިޕާރޓް ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

އޭ ހަނދާ

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ނަވާރަވަނަ ބައި)

Next
April 25, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ނަވާރަވަނަ ބައި)

Previews
April 23, 2024

އޭ ހަނދާ



All Right Reserved!