” ހިނގާ ކާން ދަމާ ދޯ؟ ދެންމެ ތިރިން މެލެރީއަށް ފެނިގެން ބުނެފި ކާން އަންނާށޭ… ” އަރީން ތެދުވަމުން ބުނެލިއެވެ. މަަލަކް ބޯޖަހާލުމުން އޭނަ މަލަކް ގޮވައިގެން ތިރިއަށް ދިއުމަށް ހިނގައިގަތް ތަނާ މަލަކްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އަރީން ހައިރާންވެފައި މަލަކްއަށް ބަލާލި އިރު މަލަކްގެ ނަޒަރު ހުއްޓިފައިވީ އުނދޯންޏާ ދިމާއަށެެވެ. އަރީން މަލަކްއެކޭ އެއްފަދައިން އުނދޯއްޔާ ދިމާއަށް އެނބުރުނު އިރު މީހަކު ނެތި އުނދޯލި ބާރަށް ހެއްލެނީއެވެ.
އަރީންއަށް ދެން ބަލާލެވުނީ މަލަކްއާއި ދިމާއަށެވެ. އޭރުވެސް މަލަކްގެ ނަޒަރު ހުއްޓިފައިވަނީ ހެއްލެމުން ދިޔަ އުނދޯއްޔަށެވެ.
” މަލަކް.. ކާން ދާން ހިނގާބަލަ… ކޯޗަކަށްތަ ތިބަލަނީ؟ އެއުނދޯލި ވައިޖެހޭތީއޭ އެހެއްލެނީ… ” އަރީން މަލަކްގެ ކޮނޑުގައި ހިފާލިއެވެ.
” މަލަކް! ” އަރީންގެ އަޑުގަދަވެގެން ދިޔަ ވަގުތު މަލަކްއަށް ސިހިފައި އަރީންއަށް ބަލާލެވުނެވެ.
” ހިނގާ ކާން… މެލެރީ ހޯދާނެ މިހާރު… ” އަރީން ހިނިތުންވެލިއެވެ.
” އަރީންއަކަށް ނުފެނޭތަ އޭތި؟ ” މަލަކް ހައިރާންވެފައި ސުވާލުކުރިއެވެ.
” ކޯޗެއް؟ ” އަރީން ނިއްއަރުވާލިއެވެ.
” ކަޅު އެއްޗެއް. އެތާ އުނދޯލި ކައިރީގައި ހުރީ….. ” މަލަކް ރޮއެގަންނަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.
” އެތާކު ނެތޭ އެއްވެސް އެއްޗެއް. ހަމައެކަނި ވަޔާ އުނދޯލި އެހެއްލެނީ… ” އަރީންގެ ހިތް ނުގަނަވަސްވިއެވެ. އޭނައަށް ނުފެންނަ އެއްޗެއް މަލަކްއަށް ފެންނަންވީ އެއްވެސް ސަބަބެެއް ނެތެވެ.
” މަލަކްއަށް މިކަހަލަ ގެއަކަށް ބަދަލުވެވުނީމައި ކަންނޭނގެ.. ބައްޕަ މަރުވެ މިގޭގައި މެލެރީމެންވެސް ނޫޅޭތާ ފުދޭ ވަރަކަށް ދުވަސްފަހުން ދޯ އަހަރެމެންނަށް މިއާދެވުނީ. ދެން ގަސްތައް ގިނަ ސަރަހައްދެއްގައި ހުސްކޮށް ހުރި ގެއެއްގައި ރޫޙާނީ އެއްޗެހި ވެސް އުޅޭ ހިތްވާނެ ދޯ.. ދެން އެކަމަކު އަހަރެމެން ޤުރުއާން ކިޔަވާ ހަދަންޏާ އެއެއްޗެހި ވެސް އިން ޝާ ﷲ ދެން ނުކުމެގެން ގޮސްދާނެ… ” އަރީން މަލަކްގެ ބޮލުގައި ފިރުމާލައި އޭނަ ގަޔާ ކައިރިކޮއްލިއެވެ. މަލަކް ހިނިތުންވެލަމުން ބޯޖަހާލިއެވެ.
—
ތަން ބަދަލުވުމުގެ ސަބަބުން ނުނިދިގެން މަލަކް ތެދުވެ އެނދުގެ ހެޑްބޯޑްމަތީގައި ލެނގިލިއެވެ. އަދި ފޯނުން ގަޑި ބަލާލިއެވެ. ފަތިސްވާކަށް ދެން މާ ގިނައިރެއް ނެތެވެ. މަލަކް އަރީންއަށް ފަތިސް ނަމާދަށް ތެދުވުމަށް ގޮވާލިއެވެ. ލަންކާ ރާއްޖެއަށްވުރެ ފިނިވުމުން ފަތިހު ފެންނުވަރާނެކަމަށާއި އަދިވެސް ތަންކޮޅެއް ނަމާދު ވަގުތު ކައިރިކޮށް ގޮވުމަށް ބުނުމުން ކޮފީ ތައްޓެއް ބޯލުމުގެ ނިޔަތުގައި މަލަކް ވަށް ބުރުގަލެއް އަޅައިގެން އޭނަ ނިކުތީ ކޯރިޑޯއަށެވެ. ރޭގަނޑުވުމުގެ ސަބަބުން ކޯރިޑޯގައި ދިއްލާފައިވާ ބޮކިތަކުގެ އަލިވަނީ ފަނޑުކޮއްފައެވެ.
މަޑު ފިޔަވަޅުުތަކެއް އަޅަމުން މަލަކް ދިޔަ އިރު ރޭގައި ފެނުނު އެއްޗެއްގެ ހަނދާނެއް މިވަގުތު ނެތުމުން އޭނަ ހުރީ ފުދޭވަރަކަށް ހިތްހަމަޖެހިފައެވެ. ފަހަރު ހަރުފަތެއް ގިރާކޮށް ސިޑިން ފައިބަމުން ދަނިކޮށް ސިޑީގެ މެދާއި ހަމައިން އޭނައަށް ހުއްޓެން މަޖުބޫރުވިއެވެ. ސިޑީގެ އެންމެ ތިރީ ހަރުފަތުގެ ކައިރީގައި ހުރި ސިފަ ނޭނގޭ ކުޑަ އަންހެންކުއްޖާގެ ވަށައިގެން ދުންގަނޑެއްވެއެވެ. ރަތްދެލޯ އޭނައަށް އަމާޒުވެފައިވުމުން އޭނަގެ ހިތްހީވަނީ ނިކުންނަން އުޅޭ ހެންނެވެ.
މަލަކް ބަލަބަލާ ހުއްޓާ ކުއްލިއަކަށް އެކުއްޖާ ގެއްލިއްޖެއެވެ. ބިރުން ސިހިފައި އަވަހަށް ކޮޓަރިއަށް ވަނުމަށް އޭނަ ދުއްވައިގަންނަން އުޅެނިކޮށް އެކުއްޖާ އޭނަގެ ކުރިމަތިން ފާޅުވިއެވެ. ދެން ފެނުނީ އެކުއްޖާ މަލަކް ކޮއްޕާލި ތަނެވެ. އެލް ޝޭޕަށް އިން ސިޑީގެ ހުސްތަންގަނޑުގައި ހުރި މަލަކް ތިރީބައިވި ސިޑީގެ ހަރުފަތްތަކުގެ މަތިން ފުރޮޅެމުން އޭނަ ގޮސް ބިމާ ހަމަވި އިރު އޮތީ ބަނޑުވަތަށެވެ. ވީތަދުން ރޮއެގަނެފައި އޭނައަށް ބަނޑުގައި ހިފަހައްޓާލެވުނެވެ. ދެން ފެނުނީ ލައިގެން ހުރި މަޑުނޫކުލައިގެ ހެދުމުގެ ފަލަމަސްގަނޑާއި ދިމާއިން ލެއިން ފޯވެގެން ދާންފެށި ތަނެވެ.
” ނޫން! ” ސިހިފައި މަލަކްއަށް ތެދުވެވުނު އިރު އޭނަވަނީ ދާހިތްލާ ފޯވެފައެވެ. އަވަސް ހަރަކާތާއި އެކު ހޭވިފައިވާ އިސްތަށިގަނޑު މޫނުމަތިން އެއްކައިރި ކުރަމުން އޭނަ ލައިގެން ހުރި ހެދުމުގެ ފަލަމަސްގަނޑާއި ދިމާއަށް ބަލާލިއެވެ. ލޭއައިސް ހުރި ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.
” މަލަކް. ލޯބި ކިހިނެތްވީތަ؟ ” ފާޙާނައިން ނިކުތް އަރީން ވަގުތުން އައިސް މަލަކްގެ ގާތުގައި އެނދުގައި އިށީނދެލިއެވެ.
” އަރީން… އައި ސޯ އަ ޑުރީމް. ހުވަފެނުގައި އަނެއްކާ މިސްކެރިޖްވެގެން ދިޔަ ތަން ފެނިގެން… ” މަލަކްއަށް އޭރު ރޮވެނީއެވެ. އަރީން ފުންނޭވާއެއް ދޫކޮއްލަމުން މަލަކްގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮއްލަމުން އޭނަ ރޯން ފުރުސަތު ދިނެވެ.
” ކުރިން ދެ ފަހަރު ވެސް މިސްކެރިޖްވީ. މިފަހަރުވެސް މިސްކެރިޖް ވެދާނެކަމުގެ ޗާންސް ވަރަށް ހައިކަމަށް ބުންޏެއްނު ޑޮކްޓަރ. ކީއްވެތަ އަބަދު އަހަރެންނަށް މިކަހަލަ އިމްތިހާން މިދައްކަވަނީ؟ ” މަލަކް ކުރަމުން ދިޔަ ޝަކުވާތައް އަޑުއެހުމުގައި އަރީން އިން އިރު އޭނަގެ ދެލޯ ވެސް ފެންކަޅިވެފައިވެއެވެ.
” ކޯޒް ﷲ ނޯސް ވަޓްސް ބެސްޓް ފޯރ ޔޫ. މަލަކްއަަށް މާ ރަނގަޅު ދަރިޔަކު ﷲ ދެއްވަން ހުރީމައި އެއީ. އިން ޝާ ﷲ މިފަހަރު ރަނގަޅުވާނެ. ކުރީ ފަހަރުތަކަށްވުރެ މިފަހަރު މާ ކުރިޔަށް ގޮއްސިއެއްނު. ބައްޕިގެ މިދަރިފުޅު ވަރަށް ހިތްވަރު ގަދަޔޭ ދޯ ދޫނީ… ” އަރީން ތިރިވެލާފައި ކުޑަކޮށް ނިކުމެފައި އިން މަލަކްގެ ބަނޑުގައި ކޮއްޓާލައި ބޮސްދިނެވެ. މަލަކްގެ ގާތަށް އައީ ހިންޏެވެ.
” ކުރިން ލިބުނު ދެކުދިން ވެސް އިން ޝާ ﷲ ޤިޔާމަތް ދުވަހު މަލަކްއާއި ސުވަރުގެއިން ބައްދަލުވާނެ… މިރޭ އެކަމަކު މިއޮއް ވީގޮތެއް ދޯ؟ ފަތިސް ނަމާދަށް އަހަރެންނަށް ނުތެދުވެވުނު. ތަން ބަދަލުވީމައި ނުނިދިގެން އުޅުނީމައި ކަންނޭނގެ. މަލަކްއަށް ވެސް ވީ އެހެންދޯ؟ ދެން ދޭ ފެންވަރައި ވުޞޫކޮއްގެން އައިސް ޤަޞާއަށް ފަތިސް ނަމާދުކޮއްގެން އަހަރެންނާއެކު ސައިބޯން ދާން. އިރުކޮޅަކުން އޮފީހަށް ދާންކަމަށް މިއުޅެނީ. ތަނުގެ ބޮޑުމީހާ ވިޔަސް މުވައްޒަފުންނާއި ބައްދަލުކޮށް މަސައްކަތްތަކާއި ހަވާލުވެ ބައްޕަ ފަދައިން ވިޔަފާރި ކުރިޔަށް ގެންދަން އަހަރެން ބޭނުން.. ” އަރީން މަލަކް ދުރުކޮއްލާ ހިނިތުންވެލަމުން މަލަކްގެ ނިތައް ބޮސްދިނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


❤️❤️❤️
Vaahaka vvvvvvv reethi Maa shaa Allah
❤️❤️❤️
Jazakillah hairan dear 🤍🤍🤍