ކުށަކީ ކޮބާ – 16
މައިރީން އިސްޖަހައިގެން ހިނގައިގަތީ އޭނަގެ ފަހަތުން މަޔާންމެން އަންނަކަމަށް ހީކޮށެވެ. މައިރީން ނުބަލައި ދަނިކޮށް ދުވެފައި އައި ކުއްޖެއްގެ ގައިގައި ޖެހި ވެއްޓުނެވެ. މައިރީން އެކުއްޖާގާތުން މާފަށް އެދުނެވެ. އަދި ތެދުވެ އެކުއްޖާއަށް އަނިޔާއެއްވިތޯ ސުވާލު ކޮށްލިއެވެ. ކުރިމަތީގައި ހުރި ކުއްޖާފެނި މައިރީން ހުއްޓުން އެރިއެވެ. ” ރީ!!!”
***ޕާޓް 16***
ބޯ ނިވާކުރަން ކަޅުކުލައިގެ ކުޑަ ބުރުގަލެއް އަޅާފައިވާއިރު، ބުމައިގައި އެންމެ އިސްތަށްޓެއްވެސް ނެތެވެ. މޫނުމަތި ހުދުވެފައިވާއިރު ތުންފަތް ވަނީ ކުރަކިވެ ފެޅިފައެވެ. ދެލޯވަނީ ވަޅުވަދެ ކައިރި ކަޅުވެފައެވެ. ނޭފަތަށް ވަނީ ނާސަލް ކެނިއުލާ އެއް ގުޅާފައެވެ. ލައިގެން ހުރީ ނޫކުލައިގެ ހޮސްޕިޓަލް ގައުންއެކެވެ. ރީމާގެ ކަރުނުން ފުރިފައިވާ ދެލޯ އެތަކެއް ވާހަކަ ތަކެއް ބުނެދޭ ފަދައެވެ. އޭނަ ހުރީ މައިރީން އާއި ދިމާލަށް ޖަހާފައި ހުރި ބުދެއްހެން ބަލާށެވެ. ކުށްވެރިކަމުގެ އިހްސާސްއިން މީހާ ވަށާލުމުން އިސްޖަހާލިއެވެ.
މައިރީންއަށް ހުރެވުނީ ފެންނަ ކަންތައް ހުވަފެނަކަށް ވޭތޯ ދުޢާ ކޮށްލަކޮށްލައެވެ. ދެތިން ފަހަރު އެސްފިޔަ ޖަހާލުމުންވެސް މަންޒަރު ބަދަލު ނުވުމުން އޭނާގެ ދެލޯ ފެންކަޅިވިއެވެ. ކުޑައިރުއްސުރެ އެކުއުޅެ ބޮޑުވި ރަޙްމަތްތެރިޔާ އެފަދަ ހާލެއްގައި ހުރުމުން އޭނާގެ ހިތަށް ތޫނު ތަދެއް އިހްސާކުރެވެމުން ދިޔައެވެ. މައިރީންއަށް ރީމާގެ ފަހަތް ބަލައިލެވުނީ މީހަކު ރީމާއަށް ގޮވާތީއެވެ. އެމީހާގެ އަޑު އިވުމުން ސިހިފައި ރީމާ އެތަނުން ދާން މަސްއްކަތް ކުރިއެވެ. ރީމާގެ ބައްޕަ އައިސް ރީމާ އަތުގައި ހިފެއްޓިއެވެ. އަދި ގަބު ވެފައި ހުރި މައިރީންއަށް ބަލައިލިއެވެ. އެމީހުނާ އެކު އައުމަށް މައިރީންއަށް އިޝާރާތް ކުރުމުން މައިރީން އެމީހުނާއި އެކު ދިޔައެވެ. އޭރު ރީމާގެ މަޑު ގިސްލުމުގެ އަޑު އިވެމުން ދިޔެއެވެ.
ރީމާގެ ބައްޕަ ޖުނައިދް ހުރީ ރީމާގެ ކޮޑުގައި ހިފައި ކައިރި ކޮށްލައިގެންނެވެ. ރީމާ އިސްޖަހައިގެން ހުރި އިރު އެ ބޮޑު ދެލޮލުން ދިޔައީ ހޯސް ލާފައި ކަރުނަތައް ފައިބަމުންނެވެ. ޖުނައިދް ގޮސް ހުއްޓިލީ ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމްއެއްގެ ކުރިމަތީގައެވެ. ޖުނައިދް ދޮރު ހުޅުވާލަމުން އެތެރެއަށްވަދެ ރީމާ އެނދުގައި ބޭންދިއެވެ. އަދި ނާރސްއަކަށް ގޮވައިލިއެވެ. އެ ކޮޓަރީގެ މެދެއްހައި ހިސާބުގައި މައިރީން ހުރީ ހުއްޓިލައިގެންނެވެ. ހުދު ބެޑްޝީޓް އަޅައިފައިވާ އެނދެއް ހުރިއިރު ވާއަތް ފަރާތުގައި ނޫކުލައިގެ ސޯފާއެއް ހުއްޓެވެ. ކަނާއަތް ފަރާތުގައި އައިވީ ސްޓޭންޑް ހުރިއިރު އެތާ ބޭރު ފެންނަފަދަ ކުޑަދޮރެއް ހުއްޓެވެ. ކޮޓަރީގައި ލެވިފައިވަނީ ހުދު ކުލައެކެވެ.
މައިރީން ހުރީ އޭނާގެ ސުވާލުތަކުގެ ޖަވާބު ހޯދަން ވަރަށް ބޭނުންވެފައެވެ. މިކަން ޖުނައިދަށް އިހްސާސްވުމުން މައިރީން ގާތު އޭނަ އާއި އެކު އައުމަށް ބުނެލިއެވެ. އޭރު ނާރސް އައިސް ރީމާގެ އަތަށް އައިވީ ގުޅައިފައި، ރީމާ ޗެކް ކުރަނީއެވެ. ޖުނައިދު ކޮޓަރިން ބޭރަށް ނުކުތުމަށްފަހު މައިރީންއަށް ބަލައިލިއެވެ. އަދި ވާހަކަ ދައްކަންފެށިއެވެ.
” ބޭބެއަށް އިނގޭ މައިރީންގެ ހިތުގައި ސުވާލުތަކާއި ވަރަށް ޝަކުވާ ހުންނާނެކަން.. ރީމާގެ ހާލު އެހައި ރަނގަޅެއް ނޫން.. އެއީ އަބަދުވެސް ބަލި ކުއްޖެއް.. ބޭބެމެން މިކޮޅަށް ބަދަލުވިތަނާ އެއް ދުވަހަކު ރީމާ ކޮށިއެރި ވަގުތު ލޭ އައީ.. އެދުވަހު އޭނަ ހެޔަށް ގޮތްވެގެން ހޮސްޕިޓަލަށް ގެނައިމަ އެނގުން އޭނައަށް ޖެހިފައިވަނީ ފަރުވާއެއް އޮތް ބައްޔެއް ނޫންކަން… އަހަރެންގެ ދަރިފުޅަށް ވަނީ ލުކީމިއާ ޖެހިފަ… ” އެހިސާބަށް ބުނެވުން ތަނާހެން ޖުނައިދުއަށް ރޮވެން ފެށުނެވެ. އޭރު މައިރީންގެ ދެ ލޮލުންވެސް ދިޔައީ ހޯސްލާފައި ކަރުނަތައް ފައިބަމުންނެވެ. ކޮޅަށް ހުންނާނޭ ވަރުނެތުމުން މައިރީން ކައިރީގައި ހުރި ގޮޑިއެއްގައި އިށީނެވެ.
” މިހާރު ސްޓޭޖް ދޭއްގަ އެހުރީ.. ކީމޯ ހަދަމުންދަނީ.. އެކަމަކު އެކުއްޖާގެ ސިފަ މިހާރު އެއްކޮށް ގެއްލިއްޖެ.. ކުރިން ފެންނަ ހިނިތުންވުމެއް އެމޫނަކު ނުހުރޭ، އެ އުޖާލާކަމެއް ނުހުރޭ.. ކީމޯގެ ވޭނުގައި އޭނަ އުޅޭކަށް ބޭނުމެއްނުވޭ.. ދެ ފަހަރަށް އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި. އެކަކާ ވާހަކަ އެއް ނުދައްކާ.. އެކުވެރިން ގާތު އޭނާގެ ހާލު ބުނެގެން ނުވާނެ ކަމަށް ވަނީ ބުނެފަ.. ނާއިން ގާތުވެސް.. މައިރީން އެއީ ކުރީގެ ރީމާއެއް ނޫން.. އަހަރެންގެ ދަރިފުޅު އަހަރެންނަށް ގެއްލިއްޖެ..” ޖުނައިދުގެ ވާހަކަ ނިމުން އިރު ދެމީހުންވެސް ހުރީ ގިސްލެވިފައވެ. ޖުނައިދު މަޑުމަޑުން ބޮލުގެ އިސްތަށިގަނޑަށް ވާން ކޮށްލައި އިސްޖަހާލިއެވެ.
” ބޭބޭ ހިތްވަރު ކުރަންވާނެ.. ޝިފާ ދެއްވާނީ އަޅަމެންގެ ވެރި ރަސްކަލާނގެ… އެކަލާނގެ އިންސާނުންނަށް ނުއުފުއްލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެ.. ކޮންމެކަމެއްގައިވެސް ހިކުމަތެއްވާނެ.. ގިނަގިނައިން ރީ ރަނގަޅުވޭތޯ ދުޢާ ކުރަންވީ.. އަޅުގަނޑު އަބަދުވެސް ހުންނާނީ ރީ އާއިއެކު.. އަޅުގަނޑުމެން ދުރުކޮށްލީމަ ސަބަބު ހޯދަން ނޫޅެވުނީމަ ދެރަވޭ މިހާރު.. ދެން ރީއެއް އެކަންޏެއް ނުވާނެ..” މައިރީން ދެލޯ ފޮހެލަމުން ޖުނައިދަށް ހިތްވަރުދިނެވެ. އޭނާގެ ފޯނު ރިންގުވުމުން ބަލައިލިއެވެ. މަޔާންއާއި އައިނާގެ އެތައް މިސްކޯލެއް އައިސްފައި ހުއްޓެވެ. ބަލަބަލަ ހުއްޓައި އައިނާގެ ކޯލެއް އަންނަން ފެށިއެވެ. މައިރީން ފޯނު ނަގައި އަވަހަށް ވީގޮތް ކިޔައިދިނެވެ. އަދި އަވަހަށް އައުމަށް އެދުނެވެ.
އައިނާ އާއި މަޔާން އިރުކޮޅެއްނުވެ އެތަނަށް އައެވެ. އޭރު އައިނާ ހުރީ އެކުވެރިޔާ ފެންނާތީ އުފާވެފައެވެ. ނަމަވެސް މައިރީން ޖުނައިދު ކިޔައިދިން ވާހަކަތައް ކިޔާދިނުމުން އޭނާގެ ދެލޮލުންވެސް ކަރުނަ ފާއްދާލިއެވެ. މައިރީން ކޮޓަރި ދޮރުހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ. އޭނައާއި އެކު އައިނާވެސް ވަނެވެ. ރީމާއަށް އައިނާމެން ފެނުމުން ކުޑަދޮރާ ދިމާލަށް އަވަހަށް ނަޒަރު ބަދަލް ކޮށްލިއެވެ. އައިނާ މަޑުމަޑުން ރީމާއަށް ގޮވާލުމަށްފަހު އޭނާގެ މަގަތުގައި އިން ގޮޑީގައި އިށީނެވެ. އަދި އެ އަތުންގައި ވަރަށް ބަލައިގެން ހިފައިލިއެވެ. މައިރީން ގޮސް ރީމާގެ ބޮލުގައި ފިރުމާލއެވެ. އެވަގުތު ބޮލުގައި އަބަދު އޮންނަ ސްކާޕް ނެތްކަން އިހްސާސްވުމުން ބޯނިވާކުރުމުގެ ގޮތުން އޭނަ އަތް އަޅާލިއެވެ. އެކުވެރިޔާގެ ހާލުފެނި އެކުދިނަގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އެކުވެރިންގެ އޯގާތެރިކަން ލިބުމުން ރީމާގެ ދެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަދި ކުރަކިވެފައިވާ އަޑުން މާފަށް އެދުނެވެ. އައިނާ ބީރައްޓެހި ކަންކަޑާލައިފައި ވާހަކަ ދައްކަން ފެށިއެވެ.
” އޯހް ރީ.. ޔޫ ހޭވް ނޯ އައިޑިޔާ ހައު މަޗް ވީ މިސްޑް ޔޫ.. މިތަން ހާދަ ފޫއްސޭ.. އަވަހަށް ރަނގަޅުވެގެން ޅިޔަނާ މެރީ ކުރަން އުޅޭ.. ރީ މެރީ ކުރީމަ ނޫނީ މިހިރަ މައި ވެސް މެރީ ނުކުރާނެ.. ކުޑައިރު ރޭވި ގޮތަށް ތިން މީހުން އެއްކޮށް ކުރަން ވާނީ..” އައިނާގެ ވާހަކަ ތަކުން ރީމާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިވިޔެވެ. ” މިހުރިހާ ދުވަހު ފިލައިގެން އުޅެވިއްޖެއެއްނުން މައިމެންނާ!! ދެން ބަލާނަމޭ ފިލޭތޯ.. ހަމަ ރަނގަޅު ވަންދެން އުނދަގޫ ކުރަން މައިމެން ތިބޭނަން.. ހެޔޮ މައިމެން ފޫހި ކުރަން މާކަނައެއްހެން ތުން ބިމަށް ހަރައިގެން ވާހަކަ ނުދައްކާ ހުއްޓަސް..” މައިރީން އައިނާއާ ބައިވެރިވުމުގެ ގޮތުން ބުނެލިއެވެ. އަދި ދެކުދިންވެގެން ރީމާއަށް ހިތްވަރު ލިބޭފަދަ އެތަށް ވާހަކައެއް ދެއްކިއެވެ. ރީމާ ވާހަކަ ނުދައްކައިއިން ނަމަވެސް އެކުދިންގެ ހުރިހާ ވާހަކަ އެއް އަޑުއެހިއެވެ. އަދި ﷲ އަށް އެފަދަ ރަނގަޅު އެކުވެރިންތަކެއް ދެއްވީތީވެ ޝުކުރުކުރިއެވެ. މައިރީންމެން ދިޔައީ އިޝާ ނަމާދަށް ގޮވަން ކައިރިވީމަ، އަދި އުނދަގޫ ކުރަން އަންނާނަމޭ ބުނެފައެވެ. ޖުނައިދްއަށް ރީމާގެ އެކުވެރިން އަައުމުން އޭނާއަށް އައި ބަދަލު ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ. އެހެންޔާ ހުންނަ މާޔޫސްކަން އެމޫނު މަތިންފިލައި ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އެ މޫނު މަތިން ފެނިގެން ދިޔައެވެ.
އެކުވެރިކަމަކީ މިއީއެވެ. ކިތަންމެ ދުރުގައި ހުރި ނަމަވެސް ރަނގަޅު އެކުވެރިއެއްނަމަ ހިތުގައި އެދުރުކަމެއް ނުބާއްވާނެއެވެ. އެކުވެރިޔާގެ މަތިން ހަދާނެއްނުނައްތާލާނެއެވެ. އެކުވެރިޔާގެ ހާލަތު އިހްސާސްވާނެއެވެ. އެއް ލެއެއް ނޫން ކަމުގައި ވިޔަސް އެފަދަ އިން ލޯބި ވާނެއެވެ. ޖެހިލުމަކާއި ނުލައި އިތުބާރު ކުރާނެއެވެ. އަދި އެ އިތުބާރު ހިފައްޓާނެއެވެ. ރަނގަޅު އެކުވެރިޔަކީ، އެކުވެރިޔާގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމަށް މާފުކޮށް ހިތުގައި ބުރަކަމެއް ނުބާއްވާ ކުދިންނެވެ. ކޮންމެ ކަހަލަ ގުޅުމެއްގައިވެސް އަޑިގުޑަންތަކާއި އުސްގަނޑުތައް އަންނާނެއެވެ. ހަމަ އެފަދައިން އެކުވެރިކަމުގެ ގުޅުމުގައިވެސް މައްސަލަތަށް ކުރިމަތި ވާނެކަން ގައިމެވެ. އެފަދަ މައްސަލުތައް ޖެހި މޫނު ކެނޑުމަކީ ހައްލެއް ނޫނެވެ. އަފަދަ މައްސަލަތައް ޖެހުމުން އެކަން ހައްލު ކުރަން މަސައްކަތް ކުރުމަކީ ދެކުދިންގެ ހިތަށްވެސް ހަމަޖެހުން ލިބޭނެ ކަމެއްކަން ޔަގީނެވެ. މަޢާފަށް އެދުމާއި މަޢާފް ކުރުމަކީ މާތް ﷲ އެކަމަށް ބާރު އަޅުއްވައިފައިވައި ރިވެތި ވެގެންވާ އަމަލެކެވެ.
މައިރީންމެނަށް ގެއަށް ދެވުން އިރު އިޝާ ނަމާދަށް ގޮވަން ދިހަ މިނެޓްއަށް ވެއްޖެއެވެ. އެހެން ކަމުން ދެކުދިން ނަމާދު ކޮށްލައިގެން، ފޮށީގައިވާ އަންނައުނާއި ކިޔަވަން ބޭނުންވާފަދަ ތަކެތި ތަރުތީބު ކުރަން ފެށިއެވެ. އޭރު އެދެކުދިން ނޫން އެހެން ބަޔަކު އެކޮޓަރިއަކު ނެތެވެ. އެގޮތުން މައިރީންއާއި އައިނާގެ ދެމެދުގައި ރީމާގެ ވާހަކަތައް ދެކެވެމުން ދިޔައެވެ. އަދި ނާއިންއަށް އެކަން އަންގަން އައިނާ ހިޔާލުދިނެވެ. އެހެންކަމުން މައިރީން ނާއިންއަށް ގުޅުމަށްފަހު ރީމާގެ ހާލަތު ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. ނާއިން ފުރަތަމަ ހީކުރީ އެދެކުދިން އޭނައަށް ދޮގުހަދަނީ ކަމަށެވެ. ސަބަބަކީ ރީމާއާއި އޭނަ އިންސްޓަރގްރާމްއިން މެސެޖްގެ ޒަރިއްޔާއިން ވާހަކަ ދައްކާތީއެވެ.
އެހެންނަމަވެސް ނާއިންގެ ހިތުގެ ކަނަކުން އެއީ ތެދެއްކަމުގައި ބުނެއެވެ. ސަބަބަކީ ރީމާ އާއި މި ތިން މަހު ގުޅައިގެން ވާހަކަ ދެއްކިފައި ނެތީމައެވެ. އަދި އޭނަ ގުޅަން އުޅުމުން ރީމާ އެކިކަހަލަ ބަހަނާ ދައްކާފައި ވުމުންނެވެ. އޭނަ ޔަގީން ކުރަން ބޭނުންވުމުން ރިސޯޓްއިން ޗުއްޓީ ހަމަޖެހުމުން ވީހާވެސް އަވަހަކަށް ދާނޭކަމަށް ބުނެލިއެވެ. އަދި ރީމާއަށް އޭނާ ދާކަން ސިއްރު ކޮށްދިނުމަށް އެދުނެވެ. މައިރީން އެކަމަށް އެއްބަސްވަމުން ފޯނު ކަނޑާލިއެވެ. އަދި ރީމާއަށް އިންސްޓަރގްރާމްއިން މާދަން ހަދިޔާއެއް ހިފައިގެން ދާނެކަމަށް ބުނެ މެސެޖް ކުރިއެވެ. ރީމާ މެސެޖް ސީން ކުރިނަމަވެސް އެއްޗެކޭ ނުބުނެއެވެ.
ހައިލިޔާ ކޮޓަރިއަށް ވަދެ ދެކުދިން ގާތު ޝާޒިޔާ ކާން އަންނަން ބުނިކަމުގައި ބުނެލިއެވެ. އެއާއެކު ދެކުދިންވެސް އަވަހަށް ކާން ދިޔައީ ބަނޑުހައިވެފައި ހުރި ވަރުންނެވެ. ކުޑަވަށް ބުރުގަލެއް އަޅައިގެން ދެކުދިން ކޮޓަރިއިން ނިކުތް އިރު ކާކޮޓަރީގައި ފިރެހެނެއް އިނެވެ. ޝާޒިޔާއަށް އެކުދިން ފެނުމުން ކާން އައުމަށް ބުނެ، މޭޒު ކައިރީ އިން ޒުވާނާއަކީ އޭނާގެ ދަރިފުޅު ޝިޔާން ކަމަށް ބުނެ ތައާރަފް ކޮށްދިނެވެ. އައިނާ އާއި މައިރީން ޝިޔާންއަށް ހިނިތުންވުމެއް ދިނުމަށްފަހު މޭޒުކައިރީ އިށީނެވެ. މައިރީންއަށް ޝިޔާންއާއި ދިމާލަށް ބަލައިލެވުނީ އެމީހުނާއި ދިމާލަށް ޝިޔާން ބަލާހެން ހީވާތީއެވެ. އޭރު ޝިޔާން އިނީ ކަޅިޖަހާނުލައި އައިނާއާއި ދިމާލަށް ބަލާށެވެ. މައިރީން ބަލައިލުމުން އަވަހަށް ބޯކަހައިލަމުން ހިގައްޖެއެވެ. މައިރީންވެސް ކޮނޑު އަރުވައިލަމުން ޝާޒިޔާ ހަދައިފައިވާ ޓޮމާޓޯ ޕާސްޓާ ކާންފެށިއެވެ.
ކައި ނިމުމުން ތަށިދޮވުމަށްފަހު ދެކުދިން ކޮޓަރިއަށް ގޮސް ނިދަން ތައްޔާރުވިއެވެ. މައިރީން ޔާދިންއަށް ގުޅި އިރު އައިނާ ރާކިންއަށް ގުޅައިގެން ވާހަކަ ދައްކަނީއެވެ. މައިރީންގާތު ދުވަސް ދިޔަގޮތް ޔާދިން ސުވާލު ކުރުމުން މައިރީން މިއަދު ހިނގި ހުރިހައި ކަމެއް ޔާދިންއަށް ކިޔައިދިނެވެ. މާ ލަސްވާން ފެށުމުން ބާއްޖަވެރި ރެއަކަށް އެދުމަށްފަހު ކޯލު ކުރުކޮށްލިއެވެ. މައިރީން ފިޔަވާ ހުރިހާ ކުދިން ނިދައިފިއެވެ. މައިރީން މާދަމާ ރީމާ ގާތަށް ދިޔުމަށްފަހު ކަންތައް ކުރާނެ ގޮތާ މެދު ވިސްނަން އޮއްވައި އޭނާގެ ދިގު އެސްފިޔަތަކަށް ބަރުވާން ފެށިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Hi butterfly
Mi part varah reethi Masha Allah
Kon irakun next part kiyaalan libeyni
Aslu kurin kiyaalin ingey.ekam term test onnaathi buxy kamun comment nukohlevuny
Curiosly waiting for the next part butterfly
Love you butterfly<3
Hey Rifoo
Awwwnn thank you.. Vrh happy vejje Rifoo ah mi part reethi v kan enguneema❤
Hehe it’s okey I’m happy kiyaali kan enguneema… Focus on your exams more girl.. And good luck ❤
Love you moree❤