Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 2

umny Level 210 Stories
April 3, 2024 3 Mins Read
0 Comments

ދެމިހުން ދަތުރުކުރަމުން ދިޔައީ ލަންކާގެ ނޫރައްލިޔާގެ މަގުތަކުންނެވެ. ދެމިހުންގެ ވެސް މިސްރާބަކަށްވެފައި އޮތީ އަރީން ކުޑައިރު އުޅުނު ގެ ކަމަށްވާ ‘ގްރީން ޝެލް މޭންސަން’އަށެވެ. ކައިވެނިކޮށްގެން ހަމަސްވީ ތަނާހެން އަރީންގެ ބައްޕަގެ މަރުގެ ޙަބަރު ލިބި މެންސަންގެ ވާރިސްއަށް އަރީންވުމުން ލަންކާއަށް ބަދަލުވާން ޖެހުނީއެވެ. އަދި ބައްޕަގެ ވިޔަފާރި ވެސް ހިންގާ އެވިޔަފާރި ފުޅާކުރުމަށް ހަވާލުވެފައިވާ ވަނީ ވެސް އަރީންއަށެވެ.

ފުދޭ ވަރެއްގެ ދިގު ދަތުރަކަށްފަހު ދެމަފިރިންނަށް އެމިހުންގެ މަންޒިލަށް އާދެވުނު އިރު ހަވީރުވަނީއެވެ. ކުރިން ވެސް ހުރި ކަޅު ގޭޓުން ކާރު ވަދެގެން ގޮސް މަޑުކޮއްލީ ހުދު މެންސަންގެ ދޮރު މައްޗަށެވެ. އަބަދުވެސް ކުޑަދޮރުތައް ރީތިކޮށް ބަހައްޓާ ފާރުތަކުގައި ކުލަ އާކުރާތީ މެންސަން އަދިވެސް ބަލާލަން ކިތަންމެ ހާވެސް ރީއްޗެވެ. ގަދަ އަވީގައި ދުރުދުރަށް ދާންދެން ހެދިފައިވާ ފެހިކަންގަދަ ޤުދުރަތީ މާހައުލު ފެނި ކާރުން ފޭބި އަރީން ފުންނޭވާއެއް ދަމާލިއެވެ. އަދި މަލަކްގެ އަތުގައި ހިފައިގެން ގޭގެ ދޮރާއި ދިމާއަށް ހިނގައިގަތް ވަގުތު އަރީންގެ ލޮލުގައި ދުރުގައިވި ގަސްތަކާއި ދިމާލުން އެއްޗެއް އަޅައިގަތެވެ. ރަތްގަދަ އަވީގައި ދެލޯ ހަނިކޮއްލަމުން އޭނަ އެދިމާއަށް ބަލާލި އިރު ކުޑައިރު ހެއްލި އުނދޯލި ހުއްޓެވެ. އުނދޯލި މަޑުމަޑުން ހެއްލެމުން ދިޔައިރު އުނދޯއްޔަށް އެރުމުން ބިންމަތީގައި ފައިނުޖެހޭ ވަރުގެ ކުޑަ އަންހެންކުއްޖެއް އިން ތަން އަރީންއަށް ފާހަގަވިއެވެ. އުނދޯލި ދުރުގައިވުމުން އެއީ ކޮންކުއްޖެއްކަމެއް އަރީންއަށް ފާހަގަކުރާކަށް ނޭނގުނެވެ. އެދިމާއަށް އޭނަ ހިނގައިގަންނަން އުޅުމުން މަލަކް އޭނަގެ އަތުގައި ހިފައިގެން ނޯކަރަކު ހުޅުވި ބޮޑު ދޮރުން އެތެރެއަށް ވެއްދިއެވެ. ބޮޑު މީހާ ނޫޅޭތީ ނޯކަރަކު އޭނަގެ ކުއްޖެއް ގެނައި ކަމަށް ހިތާ އަރީންގެ ހިތަށް ވިސްނައިދިނެވެ.

” މަރްހަބާ ސަރ، މެޑަމް… ” ނޯކަރު އަދަބުވެރި ކަމާއެކު ބުނެލަމުން އޭނަ އެތެރެއަށް ވަނުމަށް އިޝާރާތްކޮއްލިއެވެ.

ގޭގެ އެތެރޭގައިވި ފަރުނީޗަރު ބަދަލުވެ، ފާރުތަކުގައި ކުރިން ހުރި މަޑު އަޅި ކުލައިގެ ބަދަލުގައިވަނީ ހުދުކުލައެވެ. ކުރިން ހުރި ގޮތާއި ހިލާފަށް ސިޓިންރޫމަށް މޮޑާންކަން ގެނުވާ އެތަކެއް ބަދަލުތަކެއް ގެނެސްފައިވެއެވެ. ގެއިން ވަންނަތާ ކަނާތް ފަރާތުގައި ހުރި ކަޅު ސިޑީގެ މަތިން ހުސް ފާރުގައި ހަތަރު މެންބަރުންގެ ބޮޑު ފުރޭމް ހަރުކުރެވިފައިވެއެވެ. ހިނިތުންވެލައިގެން ތިބި ސަލީމްއާއި ސާރާއާއި އަރީންއާއި އަމާނީއެވެ. ކުރީގެ އެފޮޓޯގަނޑުވަނީ ކުލަ ގެއްލެން ކައިރިވެފައެވެ.

ސިޑިއާއި ޖެހިގެން އަށް ގޮނޑީގެ ބޮޑު ލެދަރ ކަޅު ސޯފާއަކާއި މާބްލް ކޮފީ ޓޭބަލެއް ބެހެއްޓިފައިވެއެވެ. އަދި ސޯފާގެ ކުރިމަތީގައި ފަންސާސް އިންޗީގެ ބޮޑު ޓީވީއެއް ހަރުކުރެވިފައިވާއިރު ޓީވީއާއި ޖެހިގެން ހުރި ފާރު އެއްކޮށް ބިއްލޫރި ޖަހާ ބޭރަށް ނިކުމެވޭ ގޮތަށް ދޮރެއް ހަރުކުރެވިފައިވެއެވެ. ބިއްލޫރީގެ ބޭރުން ބޮޑު ޕޫލްއަކާއި އައުޓްޑޯ ފަރުނީޗަރު ސެޓެއް ބަހައްޓާފައިވެއެވެ.

” މިތަން ވަރަށް ރީތި. އަރީން ބައްޕަގެ އައިޑިއާ ވަރަށް މޮޅު. ކުރިން މިހެނެއް ނޫން ދޯ ހުރީ؟ ” މަލަކްއަށް މިކަހަލަ ބޮޑު ތަނަކަށް އަލަށް އާދެވުމުން އޭނަ ހުރީ ފެންނަމުން ދިޔަ މަންޒަރުތަކުން އާޝޯހުވެފައެވެ. މެދުފަންތީގެ ކުޑަ އާއިލާއަކަށް އުފަން މަލަކް ޑިގްރީ ހެދީ ރާއްޖެއިންނެވެ. ކިޔަވާ ނިމި ވަޒީފާއަށް ދާން ފެށި ތަނާ އެއްއޮފީހަކުން އަރީން ދިމާވެ ދެމިހުން މާގިނަ ދުވަހެއް ނުވެ އިން އިރު ވެސް އަރީންއަކީ މުއްސަންޖެއްގެ ދަރިޔެއްކަން އޭނައަކަށް ކުރިން ނޭނގެއެވެ. އަދި އޭނަ މަސައްކަތް ކުރަމުން ދިޔަ އޮފީސް އެއީ އަރީންގެ ތަނެއްކަން ވެސް ކުރިން ނޭނގެއެވެ. ދަތިތަކާއިއެކު އުޅެފައި ލިބުނު ނަސީބު މިވީ އޭނައަށް ޤަބޫލުކުރަން ދަތިކަމަކަށެވެ.

” ޔެއަރ. ކުރިން ހުންނާނީ ބޮޑަށް އިޓަލިއަން ކަންޓްރީ ސުޓައިލްއަކަށް. އަސްލު ތެދުތެދަށް ބުނަންޏާ މިގޭގައި އަހަރެން އުޅުނު އިރު އެހާ ރަނގަޅު ހަނދާންތަކެއް ނެތް. އެކަމަކު ބުނަން… މިއީ މިހާރު މަލަކްގެ ވެސް ގެ. އުއްމީދުކުރަން މަލަކް މި ގެ އަސްލު ގެއެއް ގޮތަށް ހަދާނެކަމަށް. އަދި ކުރިން ލިބުނު ހަނދާންތަކަށްވުރެ މާފުރިހަމަ ހަނދާންތަކެއް ދޭނެކަމަށް… ” އަރީން ހިނިތުންވެލަމުން މަލަކްގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

” ކީއްވެ ރަނގަޅު ހަނދާންތަކެއް ނެތޭ ތިބުނީ؟ ” މަލަކް ހައިރާންވެފައި ސުވާލުކޮއްލިއެވެ.

” މެރީ ކުރި އިރު ވެސް އަހަރެން ބުނީމެއްނު އަހަރެން ކުޑަ އިރު ވަރަށް ގިނަ ކަންކަން ދިމާވި ވާހަކަ… އެހުރިހާ ކަމެއް ހިނގާ ދިޔައީ މިގޭ ތެރޭގައި.. އެހެންވެ… އެންޑް އަހަރެންނަަށް ވަރަށް ރަނގަޅު ކުރިޔެކޭ އެއްފަދައިން މަލަކް އެވާހަކަތައް އަހަރެންކުރެ ނޭހިއްޔާ… ” އަރީން މަލަކްގެ ކޮނޑުގައިވި އަތް ބާރުކޮއްލަމުން ބުނެލިއެވެ. މަލަކް ހިނިތުންވުމަކާއިއެކު ބޯޖަހާލިއެވެ.

—

މެންދުރު ކެއުން ހެދުމަށް މަލަކް ގޭގައި އުޅޭ ދެބައި އުމުރުގެ އަންހެން ދެނޯކަރުން އަކީޝާއާއި މެލެރީއާއި އެކު ކާކޮޓަރީގައި އުޅެމުން ދިޔައެވެ. އަކީޝާއާއި މެލެރީ ކިތަންމެ ވަރަކަށް އެކަމާ ދެކޮޅު ހެދިޔަސް މަލަކް ގޮތް ދޫނުކުރުމުން އެދެމިހުންގެ މަސައްކަތުގައި މަލަކް ބައިވެރި ކުރީއެވެ. ކެއްކުމުގައި ވެސް އެދެމިހުންގެ ގޮތްތަކާއި މަލަކް ދެކޮޅަށް ތަކެތި ހަދާތީ ދެމިހުން ހުރީ ފާޑަކަށް ކަންބޮޑުވެފައެވެ. ދުރުގައި މަލަކްގެ މަސައްކަތްތައް ބަލަން ހުރި އަރީން ނޯކަރުންގެ މޫނު ފެނި އޭނަގެ ގާތަށް އައީ ހިންޏެވެ. އަދި އެނބުރި ހޯލްވޭ ތެރެއިން ލައިގެން އޭނަ ދިޔައީ ސިޑިން މައްޗަށް އަރާށެވެ.

ފާއިތުވި އަށާރަ އަހަރުގައި ބަދަލުތަކެއް ގެޔަށް އައިސްފައިވީ ނަމަވެސް އޭނަގެ ސިކުނޑީގައިވި ހަނދާންތަކެއް ބަދަލެއް ނުވާނެއެވެ. އެހެނަސް އެހުރިހާ ވޭނީ ހަނދާންތަކަށްވުރެ އޭނާ ހަނދާން ހުރީ ކޮއްކޮ އަމާނީއާއެކު ގޭގެ އެކި ތަންތަނުގައި ކުޅެ ހެދި ހަނދާނެވެ. ވަންނަމުން ދިޔަ ކޮންމެ ކޮޓަރިއަކުން އަމާނީ ފިޔަވަޅުތަކާއި މައުސޫމް ހިނިތުންވުމުގެ ހަނދާންތައް ފިލްމެއްހެން ފެންނަމުން ދިޔައެވެ. އަރީންއަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ.

މުޅިއަކު ދިހަ ކޮޓަރިވި އެމޭންސަންގެ އެންމެ މަތީ ދެވަނަ ބުރީގެ އެންމެ އެތެރެއަށް އިން ކޮޓަރީގެ ތަޅުގައި އޭނަ އަތްޖައްސާލިއެވެ. އަދި ފުންނޭވާއެއް ދޫކޮއްލާ އޭނަ އެދޮރުގެ ތަޅު މަޑުމަޑުން އަނބުރާލިއެވެ. ތަޅުލައިފައިވި އެދޮރުގެ ތަޅެއް އަރީންއަކަށް ނުހުޅުވުނެވެ. ހަމަ ޖެހުމުގެ ނޭވާއަކާއެކު އޭނަ ހިނިތުންވެލަމުން އަނބުރާ ތިރިޔަށް ދިއުމަށް އޭނަ އެނބުރެލިއެވެ. އަޅަން އުޅުނު ފިޔަވަޅު އޭނައަށް ހުއްޓާލަން މަޖުބޫރުވީ ދެންމެ ތަޅުލައިފިވި ކޮޓަރީގެ ދޮރުގެ ތަޅުގައި މީހަކު ހިފާ އަނބުރާލި އަޑަށެވެ. ސިހިފައި އަރީންއަށް އަނެއްކާ އެދިމާއަށް ބަލާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ކުށަކީ ކޮބާ – 13

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އެގާރަ ވަނަ ބައި)

Next
April 4, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އެގާރަ ވަނަ ބައި)

Previews
April 3, 2024

ކުށަކީ ކޮބާ – 13



All Right Reserved!