ކުށަކީ ކޮބާ – 11
” މިފޮނުވާ ލިންކު ބަލާބަ.. ” އާހިލް އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ސިކުންތަކަށްފަހު މަޔާންގެ ފޯނަށް އެބުނާ ލިންކުއައެވެ. ވަގުތު ބޭކާރު ކުރުމެއްނެތި މަޔާން އޭގައި އޮތް އެއްޗެއް ބެލުމަށްޓަކައި ލިންކަށް ވަނެވެ. މަޔާންއަށް އޭގައިވާ ތަކެތިފެނި ހީވީ މީހަކު އޭނާގެ މޫނުގައި ޖެހިހެންނެވެ. އެ އެއްޗެހި ބަލަމުންދިޔަ ވަރަކަށް އޭނަގެ ރުޅިގަނޑު ދިޔައީ ގަދަ ވަމުންނެވެ. މަޔާން ބާރަށް ހިނގައިފައި ގޮސް މައިރީންގެ ދޮރުގައި ޓަކިޖަހަންފެށިއެވެ.
****
މައިރީން ދޮރު ހުޅުވާލުމާއިއެކު މަޔާން ކޮޓަރިތެރެއަށް ދެމިގަތެވެ. ” މައި އިސް ދިސް ޓްރޫ؟؟ ” މަޔާން ހާސްވެހުރެ އޭނާގެ ކޮށްކޮގެ މޫނަށް ބަލައިލަމުން އެހިއެވެ. މައިރީން ދޮންބެއާއި ދިމާލަށް ބަލާލުމަށްފަހު މަޑުމަޑުން ބޯޖަހާލިއެވެ. މަޔާންއަށް މިވަގުތު ކަރީމް ފެނުނުނަމަ އޭނާގެ ބޮލާއި ހަށިގަނޑު ދެތަން ކުރާކަށް ފަހެއް ނުޖެހޭނެއެވެ. އޭނަ ހުރީ އެހާވެސް ރުޅި އައިސްފައެވެ. މަޔާން އައިސް މައިރީންގެ ހަށިގަނޑުގައި ބައްދާލިއެވެ. ފުރަތަމަ ދުރައްދާން މަސްއްކަތްކުރި ނަމަވެސް މައިރީންހުރީ އޭނާގެ ދޮންބެގެ ހިމާޔަތަށް އިންތިހާއަށް ބޭނުންވެފައެވެ. މަޔާން މަޑުމަޑުން މައިރީންގެ ބޮލުގައި ފިރުމަމުން ކޮށްކޮގެ ހިތްވަރަށް ތައުރީފު ކޮށްލިއެވެ.
ކޮޓަރީގެ ދޮރުގައި ޓަކިޖަހާ އަޑުއިވުމުން މަޔާން ދުރުވުލެމަށްފަހު ދޮރު ހުޅުވާލިއެވެ. މައިރީންގެ މަންމައާއި ބައްޕަގެ އިތުރުން ނާއިންއާއި މައިރީންގެ އެކުވެރިން ދޮރުމަތީ ތިއްބެވެ. އެމީހުންގެ މޫނު މަތިން ފެންނަނީ ބަޔާން ކުރަން ދަތި އަސަރުތަކެކެވެ. ޝިޔާމާގެ ދެލޯ ކަރުނުން ފުރިފައިވާއިރު އެދޮލޮލުން ދިޔައީ ޝަކުވާކުރަމުންނެވެ. ޝިޔާމާ ކުއްލިއަކަށް މައިރީންގެ ގައިގައި ބައްދާލުމަށްފަހު އޭނަ ގާތު މައިރީންއަށް ކުރިމަވި ކަންކަން ކިޔައިނުދިނީ ކީއްވެތޯ ސުވާލު ކުރިއެވެ. މައިރީން އިސްޖަހާލުމަށްފަހު މަޑުމަޑުން އޭނާގެ އިހްސާސްތައް ހާމަ ކުރަންފެށިއެވެ.
” މަންމަމެނަށް އޭނަ ހުކުރު ދުވަހުވެސް ފަނިގިރަން އޮރެންޖް ކަހަލަ މޭވާދޭ.. މަންމަމެން ދައްކަނީ އަބަދު އޭނަގެ ރަނގަޅުވާހަކަ.. ފިހާރައަށް ނުދިޔައެއްކަމަކު މުސާރަ ނުކަނޑާ ވާހަކަ.. ފިހާރައަށް އަންނަ މީހުނަށް ހަދިޔާގެ ގޮތުން އެއްޗެހިދޭ ވާހަކަ.. އެހެންވެ ދޮންތި ހީކުރީ މަންމަމެން އެވާހަކަތައް ގަބޫލެއް ނުކުރާނޭ.. ފިހާރައަށް ނުދާން ދައްކާ ބަހަނާއެއްހެން ހީވެދާނެ ނެތީ… ދޮންތި ބޭނުންވީ އެއީ ކޮންކަހަލަ މީހެއްކަން ހެއްކާއި އެކީ މަންމަމެނަށް ދައްކަން.. އެހެންވެ މިހުރިހާ ދުވަހަކު އެތާ އުޅުނީ.. ” މައިރީން ވާހަކަ ދައްކާނިމުންއިރު އެތާހުރި އެންމެންގެ ލޯތައް ތެމިއްޖެއެވެ.
ޝިޔާމާއަށް ދަރިފުޅުގެ ވާހަކަތައް އަޑުއިވުމުން ހިތުގައި ޖެހުނެވެ. މިހެން ކަންތައް މިވީ އޭނާގެ ފަރުވާކުޑަ ކަމުންނޭ ހިތަށް އެރިއެވެ. ޝިޔާމާ ރޮއެރޮއެފައި މައިރީންއަށް ވިސްނާދީ މަޢާފަށްއެދުނެވެ. އެކަހަލަ ވާހަކަ ތަކަކީ ސިއްރު ކުރާފަދަ ވާހަކަތަކެއް ނޫންކަމަށް ވިސްނާދިނެވެ. އަދި މައިރީންގެ ހިތްވަރަށް ސާބަސް ދިނެވެ. އައިނާއާއި ރީމާ އައި މައިރީން ގައިގައި ބައްދާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ރިޔާޒްއާއި މަޔާން ކަރީމްގެ ފިހާރައަށް ދިއުމަށްޓަކައި ސައިކަލުގައި މިސްރާބު ޖެހިއެވެ. މަޔާންމެން ހައިރާންވީ އެފިހާރަ ދޮށުގައި ބައިވަރު މީހުން އެއްވެފައި ހުރުމުންނެވެ. ރިޔާޒްގެ އެކުވެރިއެއް އޭނަ ޕޮލިހަށް އަންގާފިކަމުގައި ބުންޏެވެ. މަޔާން ކަރީމްއާއި ދިމާލަށް ބަލާލިއިރު ކަމަކުދާކަށްނެތެވެ. އެ ފިހާރަ ދޮށުގައި ކަރީމް އޮތީ ހެއްދެވިގޮތަށްށެވެ. އޭނައަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު މަޔާންއަށް އެހާލުގައި ކަރީމް ފެނުމުން ހިނިތުންވެވުނެވެ. އަދި ކަރީމްގެ ގާތު އުޑުފައިން އިށީނުމަށްފަހު އޭނާގެ ތުބުޅީގައި ހިފައި މައްޗަށް ނެގިއެވެ. ކަރީމް ބަންޑުން އޮތީ ލަދުގަނެފައިހުރިވަރުންނެވެ. މައިރީން ދިޔަފަހުން ތަރުކާރި ގަންނަން އައި މީހަ ކަރީމް އާއި ހާޖަރު ދުރުކުރިމުން އޭނައާއި ދިމާލަށް ހުތުރު ބަސްތަކެއް ކިޔާލިއެވެ. އެއަށްފަހު ހާޖަރުގެ އަތުގައި ހިފައިގެން ހުރެ އޭނާގެ ގެއަށް ވަދެ ހާޖަރު މުށިތައްމައްޗަށް ހޫރާލިއެވެ. ފިހާރައާއި ގެ ހުންނަނީ ޖެހިފައިކަމުން މީހުންގެ ނަޒަރުން ސަލާމަތްވިއެވެ. ނަމަވެސް އޭނަގެ މައިރީން ލީކް ކޮށްލި ތަކެތި ފެނުމުން ކައުންސިލްގެ އިސްވެރިއެއް ކަމަށްވާ މައިރީންގެ ބޮޑުބޭބެ އައިސް ކަރީމް ގެއިންނެރެ އަޑުގަދަކުރަންފެށީއެވެ.
މަޔާން ގައިގައި ހުރި ބާރެއްލުމަށްފަހު ކަރީމްގެ މޫނުމަތީ ބޮޑިއެއް އެޅިއެވެ. އޭނަ ތަޅައިގަންނަން އުޅެނިކޮށް ނާއިން ހިފެއްޓުމަށްފަހު އެއީ ޕޮލިހެއްކަން ހަދާން ކޮށްދިނެވެ. އެހެންނޫންނަމަ ޔަގީނުންވެސް މަޔާންގެ އަތުންފައިން ގޯހެއް ހެދުނީހެވެ. ކައިރީގައި އޮތް ރަށަކުން ޕޮލިހުން އަންނަ ވާހަކަ ބުނުމުން ކަރީމް އޮފީހުގައި ބަންދުކުރިއެވެ.
***
ޔާދިންއަށް އިވެމުންދިޔަ އަޑުތަކާއި ފެންނަމުން ދިޔަ ކަންތައްތަކަކީ ބިރުވެރި ހުވަފެނަކަށްވުމަށް އެދެވުނެވެ. ކަރީމްއަށް އެހިތުގައި ނަފްރަތު އުފެދުމާއެކު މައިރީން އޭނައަށް ލިބުމުގެ އުންމީދު ފެނަށްވިފަދައެވެ. ޔާދިން މާޔޫސް ކަމާއެކު ގެއަށް ދިޔުމަށް ހިނގައިގަތެވެ. ޔާދިން އާއިއެކު ކުޅި ބަލަން އައިސް ހުރި ޔަޒަކްއަށް ކޮށްކޮގެ މާޔޫސްކަމުގެ ސަބަބެއް ކަމަށް ހީވީ ބޮޑުބޭބެ ކުރިކަންތައް ކަމަށެވެ. ޔާދިންއަށް އޭނާގެ ހިތުގައި ބޮޑުބޭބެއާއި މެދު ޝަކުވާ އުފެދުނެވެ. މަޑުމަޑުން އެތަން ހޯދައިލެވުނީ މައިރީންގެ ހިލަމެއްވޭތޯ ބަލާށެވެ. މައިރީންގެ ހިލަމެއް އެތަނުން ނުވުމުން އޭނަ ހިނގައިގަތީ ގެއަށްދާށެވެ.
ދިޔަ މަގުމަތީ ޔަޒަކް އެހައި ގިނައިން ވާހަކަ ދެއްކުމުންވެސް ޔާދިން އެއްޗެކޭ ނުބުނެއެވެ. އޭނާ ހުރީ މައިރީންއާއި މެދު ވިސްނާށެވެ. މިވަގުތު މައިރީން ގާތު ހުންނަން އޭނަ ވަރަށް ބޭނުންވިއެވެ. ގެއާއި އަރައި ހަމަވުމުން ޔާދިން އިސްޖަހައިގެން ހުރެ ކޮޓަރިއަށް ދިޔައެވެ. ” ޑެޑީ.. ޑެޑީ.. ” ގެއަށް ވަނުމާއެކު ކަޔާންއައިސް ޔާޒަކްގެ ފައިގައި ބައްދާލިއެވެ. ކަޔާން ހުރިގޮތުން އެއައީ ފެންވަރައިގެންކަން އެނގުނެވެ. ކުޑަ ނެޕީ ކޮޅެއްގައި ހުރި އިރު މައުސޫމްކަމުގެ އިންތިހާއެވެ. އެވަގުތު ކޮޓަރިން ނިކުން ކައިރާފެނި ޔަޒަކްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ކައިރާގެ މުޅި މޫނުގައި ހުރީ ބޭބީ ޕައުޑާއެވެ. އެއައީ ކަޔާން ރީތި ކުރުމުގެ ހަނގުރާމައިގައި އުޅެފައިކަން އެނގުނެވެ. ކައިރާ ދެބުމަ ގޮއްޖަހާލުމުން ޔަޒަކް އަވަހަށް ހިނިގަނޑު މަތަ ކޮށްލިއެވެ. ” ޑެޑީގެ ޕްރިންސް ކައިރީ ބުނަމެއްނުން މަންމިއާ ފައިޓް ނުކުރާށޭ.. ހަޑިކުދިން އުޅޭގޮތަށްނުން މި އުޅެނީ.. އަވަހަށްދޭ މަންމިއާއެކީ ތިއްތިވާން.. ” ޔަޒަކް ކަޔާންގެ ކޮލުގައި ބޮސްދެމުން ބުނެލިއެވެ. ޔަޒަކް އެހެން ބުނެލުމުން ކަޔާން ކައިރާ ގާތަށް ދިޔައެވެ.
” އަހަރެންނަކަށް ދެން ނުކެރޭނެ ބޭރަށް ނިކުންނާކަށްވެސް.. އަޅެ ދޮންބެ އެފާޑަށް އުޅޭކަށް ހަމަ ލަދު ނުގަނޭތަ؟ އަހަރެން ހީކުރީ އޭނަ އެއުޅުން ހުއްޓާލީ ކަމަށް.. ” ޔައިނާ ރޮއެރޮއެފައި އޭނާގެ ފިރިމީހަ ޝަރީފް ގާތު ޝަކުވާކުރަން ފެށިއެވެ. ޔަޒަކްއަށް އެ އަޑު އިވި ހިތުގައި ރިއްސާލިއެވެ. މަޑުމަޑުން މަންމަ ގާތަށްގޮސް ފަހަތުން ބައްދާލިއެވެ. އަދި ކަންތައް އެވީ ރަނގަޅަށް ކަމުގައި ބުންޏެވެ. އޭނައަށްވަނީ ކަރީމް، ހާޖަރުއަށް އަނިޔާ ކުރާތަން ފެނިފައެވެ. ނަމަވެސް ހާޖަރުގެ އާދޭސްތަކުގެ ސަބަބުން އޭނަ އެކަން ސިއްރުކުރިއެވެ. ކަރީމް ހައްޔަރު ކުރިއްޔާ ހާޖަރުއަށްވެސް ހަމަޖެހިލައިގެން އުޅެވޭނެއެވެ. ޔައިނާއަށް އެވާހަކަތައް އަޑުއިވި އަނގަމަތީގައި އަތްއެޅުނެވެ. އެފަދަ ނުލަފާ މީހެއްގެ އަމަލުތައް ފަލީހަތް ކުރުމުން މާތް ﷲ އަށް ޝުކުރުވެރިވިއެވެ.
ޔާދިންގެ ކޮޓަރިތެރެއިން މަޑު ގިސްލުމެއްގެ އަޑު އިވެމުން ދިޔައެވެ. ކަރީމްއާއި މެދު އޭނާގެ ހިތުގައި ޝާކުވާ އުފެދުނެވެ. އޭނަގެ ފުރަތަމަ ލޯބި ކާމިޔާބުވުމުގެ ފޮނިރަހަ ކަރުބުޑުގައިލުމުގެ ކުރިން ހިތިރަހަލައިފި ކަމުގެ އިހްސާސް ކުރެވެން ފެށިއެވެ. އޭނަގެ ބަދުނަސީބުކަން ހިތައް އެރުމުން އިތުރަށް ރޮވެންފެށިއެވެ. ޔާދިން ސިހުނީ ކަޔާން ދުވެފައި އައިސް ކޮޓަރިއަށް ވަނުމުންނެވެ. ކަޔާން ފަހަތުން އައި ޔަޒަކްއަށް ރުއިމުގެ ސަބަބުން ރަތްވެފައިވާ ޔާދިންގެ ދެލޯފެނި ހައިރާންވިއެވެ. ” ޔާދު ރުއީތަ؟؟ ” ޔާދިންއަށް ޔަޒަކް ފެނުމުން ލޯ ފެހެލުމަށްފަހު ބާރު ހިނގުމެއްގައި ފާހަނައަށް ވަނެވެ. ޔަޒަކް ފާހަނައިގައި ދޮރު ކައިރީ ހުއްޓި ކާންއައުމަށް ބުނެލިއެވެ. ޔާދިން ހޫނ އެއް ލައްވާލަމުން އޭނައާއި މެދު ވިސްނަމުން ޔަޒަކް ނުކުތެވެ.
” ދަރިފުޅާ ކަޔާން ކީކޭތަ މި ކިޔަނީ؟.. ޔާދިން ރޮނީއޯ ؟ ” ޔައިނާ ހާސްވެހުރެ ޔަޒަކް ކައިރީ އަހާލިއެވެ. ޔަޒަކް މަންމައަށް ބަލާލުމަށް ފަހު އެއީ ތެދެއްކަމުގައި ބުނެލިއެވެ. ޔައިނާ އެކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ޔަޒަކް އޭނާގެ މަންމަ އަތުގައި ހިފެއްޓިއެވެ. އަދި އޭނަ ޔާދިންއާއި ސުވާލު ކުރާނަންކަމުގައި ބުނެލިއެވެ. އެވަގުތު ޔާދިން ކޮޓަރިން ނިކުތުމުން ޔައިނާ ކާން އައުމަށް ބުނުމަށްފަހު ކާކޮޓަރިއަށް ދިޔައެވެ. އޭނާގެ ފަހަތުން ޔާދިންއާއި ޔަޒަކްވެސް ހިނގައިގަތެވެ.
***
މައިރީން އޮތީ އޭނާގެ ކޮޓަރީގެ އެނދުގައި އޮށޯވެގެންނެވެ. އައިނާއާއި ރީމާ ދިޔައީ އެކުދިންނަށް މައިރީން ކަންކަން ހިއްސާ ނުކުރާތީ ޝަކުވާ ކުރަމުންނެވެ. ރީމާ، މައިރީންއަށް ކަރީމްގެ ކަންކަން ފަޅާއަރުވާލުމަށް ހިތްވަރު ލިބުނީ ކިހިނެތްތޯ ސުވާލު ކުރިއެވެ. މައިރީން ވިސްނާލުމަށްފަހު ކިޔާރާގެ ވާހަކަ އެކުދިންނަށް ހިއްސާކުރިއެވެ. އެވާހަކައަކީ އޭނައަށް އެހެން މީހުނަށް ހިއްސާކުރަން ފަސޭހަ ވާހަކައެއްނޫނެވެ. ނަމަވެސް ދެން އެކުވެރިންނަށް ސިއްރުކުރާކަށް އޭނަ ބޭނުމެއްނުވިއެވެ. އެވާހަކަ ކިޔައިދީ ނިމުންއިރު ރީމާ އާއި އައިނާގެ ލޯ ކަރުނުން ތެންމާލިއެވެ. މަޑުން ނޭފަތް ދަމާލަމުން މައިރީން އޭނާގެ ދޮންބެ އައުމުން އެކަންތަކުގެ މަތިން ހަނދާންވީ ކަމުގައި ބުންޏެވެ. މައިރީންގެ އެކުވެރިން އޭނައަށް ހިތްވަރު ދިނެވެ. ރީމާ ބޭރަށް ގޮސްލަން ހިނގާށޭ ބުނުމުން މައިރީން އިންކާރު ކުރިއެވެ. ކަންތައްވެފައި އޮތް ގޮތުން އޭނަ ބޭރަށް ނިކުންނާކަށް ބޭނުމެއްނުވިއެވެ.
” އަޅެ މައީ ހިނގާބަ ކޮޓަރީގަ ނޯވެ ނުކުމެލަން.. އައި މަމްގެ ބިސްނަސްގެ އަހަރީ ދުވަސް ފާހަގަ ކުރާތީ މިރޭ ޕާޓީއެއް ބާއްވާނެ… އައި އޭމް އިންވައިޓިން ޔޫޓޫ… ޕްލީސް ޑޯންޓް ސޭ ނޯ… ” އައިނާ އާދޭސް ކުރަންފެށިއެވެ. އައިނާ އެހައި ވަރަށް ކިޔުމުން ނޫނެކޭ ބުނާކަށް މައިރީންއަށާއި ރީމާއަކަށް ނުކެރުނެވެ. އެހެންކަމުން އެކުދިން ދާނެކަމަށް ބުންޏެވެ. އައިނާ އުފާވެހުރެ ކުލަ އާއި ގަޑި ބުންޏެވެ.
އައިނާ ބައްޕަ ޒާހިރުގެ ބިސްނަސް ކަމަށްވާ އޭ.ޒެޑް އަކީ ޓުއަރިޒަމް ދާއިރާގައި ފިޔަޖަހަމުންދާ ކުންފުންޏެކެވެ. އައިނާގެ ބައްޕަ ނިޔާވުމުން އައިނާގެ މަންމަ އަޔާނާވަނީ ކުންފުންޏާ ހަވާލުވެފައެވެ. އެރަށުގައި އޭ.ޒެޑްގެ ދެ ރެސްޓޯރެންޓް ހުންނައިރު ދެ ރިސޯޓެއްވެސް އޭ.ޒެޑްގެ ބެލުމުގެ ދަށުގައިވެއެވެ. މިއަދަކީ އޭ.ޒެޑްގެ ނަވާރަ ވަނަ އަހަރީ ދުވަހެވެ. ދެހާސް ފަސްވަނަ އަހަރުގެ މެއި މަހުގެ ތިރީސްއެއްވަނަ ދުވަހަކީ އޭ.ޒެޑް އުފެދުނު ތާރީހެވެ. އެއީ ޒާހިރު، އަޔާނާގެ އެހީ އާއިއެކު އުފެއްދި އެދެމީހުންގެ ލޯބީގެ ބިންގަލެވެ.
މައިރީން އާއި ރީމާ އެމީހުންގެ މައިންބަފައިން ގާތުން ޕާޓީއަށް ދިޔުމަށް ހުއްދަހޯދިއެވެ. ޕާޓީގެ ކުލައަކީ ނޫކުލަ އާއި ހުދު ކުލައެވެ. މައިރީންމެން ތައްޔާރުވާން ދިޔައީ އައިނާމެންގެއަށްށެވެ. އައިނާ މަންމަވަނީ ތިން ކުދިން ތައްޔާރުކުރުމަށް މޭކަޕްއާޓިސްޓުން ގެނެސްފައެވެ. އަޔާނާ މައިރީންއާއި ރީމާ، އައިނާއާއި ތަފާތެއް ނުކުރެއެވެ. އޭނަ ދެކެނީ އެއީވެސް އޭނާގެ ދަރިން ކަމުގައެވެ. ތިންކުދިން ސަކަރާތްޖަހަމުން ތައްޔާރުވެގެން ނިކުތެވެ. އޭ.ޒެޑް ސްޓާރލައިޓް ރެސްޓޯރަންޓްގެ ބަގީއެއް އެކުދިންގެ އިންތިޒާރުގައި އޮތެވެ. ތިން ކުދިން ބަގީއަށްއެރުމުން ބަގީ އޭގެ މަންޒިލަށް ދަތުރުފެށިއެވެ.
( ޔަޒަކްގެ ދަރިފުޅުގެ ނަން ވާނީ ކަޔާންއަށް ބަދަލު ކޮށްލެވިފައެވެ. )
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







Hey butterfly mi part vx vrh reethi Masha Allah 💗❤️❤️
Vaan vi Gothah e vee vx
Once again mi part vrh reethi
Kon irakun next part kiyaalan libeyni
Lysm butterfly 🦋
Heyy Rifoo.. vrh happy vejje mi part rifoo ah reethikan engunyma❤❤
hehe
Awwwwn Thankyou darling
next part fridayga insha allah
Lyssm dear❤❤❤
So Nice