ދެން އިވިގެން ދިޔައީ މީހެއްގެ ފިޔަވަޅެއްގެ އަޑެވެ. ބާރަށް ދުވެފައި އައި ފިޔަވަޅު މަޑުވީ ގޭގެ ބޭރަށް ނިކުންނަ ދޮރާ ހަމައިންނެވެ. ދެން އިވެންފެށީ ކޮންމެވެސް އެއްޗެއް ރޯވާން ފެށި އަޑެވެ. އެއަޑުގެ ފަހަތުން ޖިންނީގެ ހަޅޭކުގެ އަޑާއި ނުދަންނަ ބަހަކުން މީހަކު ވާހަކަ ދައްކަން ފެށި އަޑެވެ. ދަންނަ އަޑެކެވެ. އާނއެކެވެ. ހައްވައިދީގެ އަޑެވެ.
ހައްވައިދީގެ އަޑުން އަހަރެންގެ ގަޔަށް ހޫނުގަނޑެއް އަރައި ދެން ހީވީ ގައިގެ އެތައް މިތަނަށް މީހަކު ކަށިތަކެއް ހަރަމުން ދިޔަ ހެންނެވެ. ވޭނުގައި ވިޔަސް ވާގޮތް ބެލުމަށް އަހަރެންނަށް ވަގުތުން ލޯ ހުޅުވާލެވުނު އިރު އަހަރެންގެ މޫނާއި ޖެހޭ ނުޖެހޭ ހިސާބު ކުރިމަތީގައި އޮތް އެތީގެ ގައިން އަލިފާން ކަނިތަކެއް ބުރަމުން ދިޔައެވެ. ކަނިތަކުގެ ވަށައިން ފާޑެއްގެ ދުމެއް ފާޑު އެއްޗެއް ވެސް ފެންނަން ފެށިއެވެ. ހަޅޭލަވަމުން ދިޔަ އެތީގެ އަޑު ބާރުވާން ފެށިއެވެ. ޖިންނީގެ އަޑު ބާރުވާން ފެށުމުން ހައްވައިދީގެ އަޑު ވެސް ބާރުވިއެވެ. އެއާއެކު އަހަރެންގެ ގައިގައިވި ވޭން ގޮސް އެޖިންނި ވަގުތުން ގެއްލިއްޖެއެވެ. އެޖިންނި ދިޔަސް އޭތީގެ ގައިން އެރި ދުމުން ސިޓިންރޫމުވަނީ ފާޑަކަށް ފުސްވެފައެވެ.
” ނަވީން… ކޮއެ ރަނގަޅުތަ؟ ” ހައްވައިދީ އައިސް އަހަރެންގެ އަތްފައި މޮހެދެމުން ފާޑަކަށް ނުކެރިފައި ހުރެ ކަހަލަ ގޮތަކަށް ސުވާލުކުރިއެވެ. އޭނަ އަހަރެންނަށް ކުރިން އެހީތެރިކަން ނުދެވުމުން އެކަމާ އޭނަ ލަދުވެތިވާ ކަހަލައެވެ. އެހެނަސް އެކަމަށްވުރެ ވެދިޔަ ކަންކަމުގެ ސަބަބުން އަހަރެންގެ ސިކުނޑިވަނީ ސުމަކަށް ގޮހެވެ. ކާފަގެ ނުބައިކަމެވެ. ބައްޕަގެ ހަޤީޤަތެވެ. އަހަރެންގެ އެއްބަފާ ބޭބެއެއް ހުރިކަމެވެ. ހައްވައިދީގެ ސުވާލަށް ޖަވާބުދެވޭހާ ހިތްވަރެއް އަހަރެންގެ ނެތެވެ.
” ދަރިފުޅާ… ” މުހުސިންގެ މަންމަ ދޮރުން ވަދެ ސޯފާގެ ކައިރީގައި އޮތް މުހުސިން ނަގައި އޮޅުލަމުން ދިޔަ އިރު އަހަރެންނަށް އޮވެވުނީ ބަލާށެވެ. ޒުހުރާ މުހުސިން އޭނަގެ ފައިމަތީގައި ބާއްވާ މުހުސިންގެ ކޮލުގައި ކޮއްޓަމުން ދިޔައެވެ. ސުލޯ މޯޝަންހެން އެމަންޒަރު ފެނި އަހަރެންނަށް ދެލޯ މަރާލެވުނެވެ.
—
އަހަރެންނަށް ދެލޯ ހުޅުވާލެވުނު ހިނދު ލޯ ކުރިމަތީގައިވި އަލިކަމުން އަލުން ދެލޯ މަރާލެވުނެވެ. އެހެނަސް ހިތްވަރު ކޮއްފައި އަަހަރެން އަނެއްކާ ވެސް ލޯ ހުޅުވާލީމެވެ. ކުރިން ހެން އަހަރެންނަށް މިއޮއެވުނީ ހޮސްޕިޓަލުގައެވެ. ހަނިމާދޫގެ ހޮސްޕިޓަލުގައެވެ. އެހޮސްފިޓަލުގެ ޕުރައިވެޓް ކޮޓަރިއެއްގައެވެ. ކުރިން ވީ ކަންތަކުގެ ސަބަބުން އަހަރެން ވަރުދެރަވެގެން މިކޮޅަށް ގެނައީ ކަމަށް ނިންމާ އަހަރެންގެ މަޑުމަޑުން ދެލޯ މަރާލަމުން އެނދުގެ ދެއަރިމަތީގައި ހިފާ ތެދުވީމެވެ. އަހަރެން ދެލޯ ހުޅުވާލަމުން ރަނގަޅަށް އިށީންނަން އުޅެނިކޮށް ކުރިމައްޗަށް އެރި ސޫރަ ފެނި އަހަރެންގެ ހަރަކާތްތައް މަޑު ޖައްސާލަން ޖެހުނެވެ.
” ނަވީން… ދައްތައަށް މާފްކުރޭ… ” ދުޅަވެ ރަތް އަރާފައިވާ ދެލޮލަށް އައި ކަރުނަތައް އޮއްބަވުން ޒުހުރާ އައިސް އަހަރެންގެ ގާތުގައި އިށީނެވެ.
” ކީއްވެ ދައްތަ އަހަރެން ކުރެ މައާފަށް އެދެންވީ؟ ” އަހަރެން ހައިރާންވެފައި ސުވާލުކޮއްލީމެވެ.
” ކުރިން ދައްތައަށް އިނގޭ އެއްވެސް ވާހަކައެއް ނުބުނެވުނީމައި. އެންމެ ފުރަތަމަ ދުވަހު ވެސް ދައްތައަށް އެނގުނު ތިއީ އާމިރުގެ ދަރިއެއްކަން. ތިދެމިހުން ވައްތަރުކަމުން. އެކަމަކު އާމިރު އެހެން އަންހެނަކާ އިންކަން އެނގުމުން އާމިރުދެކެ އިންތިހާއަށް ރުޅި އާދެވުނީ. މުހުސިން އޭނަގެ މުސްކުޅިވެފައިވާ ކާފަ ޢުމަރުއާއި ހަވާލުކޮއްފައި މުހުސިން ނުބަލަންވެގެން އަހަރެން ބަދަލުވީ އަހަރެންގެ މަންމަމެން ގާތަށް ކުޅުދުއްފުއްޓަށް. ދެން ކުރެވުނީ ބަދު ދުޢާއެއް. އާމިރު މަރުވެއްޖެއްޔާ ވަރަށް ރަނގަޅުވާނެކަމަށް. އެހެންވެ އޭނަ އަނބުރާ މިރަށަށް އައި މަގުމަތީގައި އޭނަ އައި ދޯނި ކަނޑުވެ މިދުނިޔެ ދޫކޮށް ދިޔައީ. އެއީ ނަވާރަ ސަތޭކަ ނުވަދިހަ ފަސްވަނަ އަހަރު (1995). ނަވީންއަށްވަނީ އެންމެ އަހަރެއް ކަންނޭނގެ އޭރު. ދޯނި ކަނޑުވެ އާމިރުގެ ހަށިގަނޑު ނުވެސް ފެނުނު. އަދި އަދަށް ދާންދެން ވެސް. އެފަހުން ނަވާވީސް އަހަރުމިވީ.. ” ރޮއެފައި ގިސްލަމުން ކަހަލަ ގޮތަކަށް ޒުހުރާ ކިޔައިދެމުން ދިޔައެވެ. ބައްޕަ ދުނިޔޭގައި ނެތްކަން އެނގުމުން އަހަރެން ދެރައެއް ނުވިއެވެ. މަންމަގެ ތަރުބިއްޔަތުގެ ސަބަބުން ލޯބީގެ ބަދަލުގައި ބައްޕަދެކެ ވެވިފައިވަނީ ނަފުރަތުކަމަށްވާތީއެވެ. މުހުސިންގެ ބައްޕައަކީ ވެސް އަހަރެންގެ ބައްޕަކަން އެނގުމުން ހިތް ސާފު ވިޔަސް ވެވިފައި ނެތް ލޯތްބެއް ގެންނާނެ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ.
” ބޭބެ މަރުވީތަ؟ ” އަހަރެން ޒުހުރާ ކުރެ ސުވާލުކުރީމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

