” އެއައީ އޭނަ…. ” މުހުސިންގެ އަހަރެންގެ ކަންފަތް ދޮށުގައި ވައިއަޑުން ބުނެލިއެވެ.
ކުޑަކުއްޖެއް ފަދައިން އަހަރެންނަށް ދެލޯ ބޮޑުކޮއްގެން އެދިމާއަށް ބަލަން އޮވެވުނު އިރު ހިތްތެޅެމުން ދިޔަ ވަރުން ހީވީ ދެންމެ ދެންމެ ހިތް ބޭރަށް ނުކުމެދާނެ ހެންނެވެ. ހަޤީޤަތް އެނގިއްޖެއެވެ. އެއެއްޗެއްގެ ބޭނުން ވެސް އެނގިއްޖެއެވެ. އަހަރެން މިއީ އެއެއްޗެހީގެ އަމާޒުކަން އެނގުމުން އަހަރެންނަށް ސަލާމަތްވެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ހެޔޮ އަމަލެއް ކުރެވިފައިއެއް ނެތެވެ. ފާއިތުވި ތިރީސް އަހަރު ދުވަހު ހެޔޮ އަމަލުކޮށް ރަނގަޅު ގޮތުގައި އުޅެވެން އޮއްވާ އަހަރެންނަށް އަމަލު ނުކުރެވުނިތީ މިއަދު އެކަމާ ދެރަވެއްޖެއެވެ. ﷲގެ ހަޒުރަތުން އަހަރެން ތައުބާވާން ބޭނުމެވެ.
ކުއްލިއަކަށް އަހަރެން ސިހިގެން ދިޔައީ މުހުސިން ފާޑަކަށް ތެޅި ގަތުމުންނެވެ. އަހަރެން ސިހިފައި އޭނައާ ދިމާއަށް އެނބުރުނު އިރު އޭނަގެ ހަތަރެސްފައިވަނީ ހަރުވެފައެވެ. ބޯ މައްޗަށް ހިއްލިފައި މުޅި މީހާ ގޮނޑީގައި އިނދެގެން ތެޅެމުން ދިޔައެވެ. އަހަރެންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. މުހުސިންއަށް އެއެއްޗެއް އަނިޔާ ކުރަނީ ކީއްވެގެން ހެއްޔެވެ؟
” މުހުސިން! ” އަހަރެންގެ އަތްފައި ބަނދެފައިވުމުން އަހަރެންނަށް އޭނަގެ ގާތަށް ދެވޭކަށް ނެތެވެ. އެހެނަސް އަހަރެން މިއީ އަހަރެންގެ މަންމަހާ ނުބައި މީހެއް ނޫން ކަމުން އަތްފައި ނެއްޓޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރަން ފެށީމެވެ.
” ނޫނުން ނަވީން. އަލިފުން އާމިރު. ނަވީން އާމިރު.. ” ދާދި ކައިރިން އިވުނު ކުރަކި އަޑުން އަހަރެންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ސިހިފައި އަހަރެން މަޑުމަޑުން ބޯ އަނބުރާލި އިރު މުހުސިން އޮތީ އަހަރެންނާއި މޫނު ދާދި ޖެހޭ ނުޖެހޭ ހިސާބުގައި ބަނޑުވަތަށެވެ. ނުލަފާ ގޮތަކަށް ހިނިއައިސްފައި އޮތް އިރު ދެލޮލުގެ ކަޅި ކައިރިން ރަތްކުލައިގެ ފަށަލައެއް ލެވިފައިވެއެވެ. އެފަށަލަ ފާޑަކަށް ވިދަވިދާ ހުއްޓެވެ.
” ތިއީ މުހުސިންއެއް ނޫން… ” އަހަރެން ޔަޤީންކަމާއި އެކު ބުނެލީމެވެ. މުހުސިން ހިނިގަނޑެއް ޖަހާލިއެވެ.
” ހޫމް…. މީމުން މުހުސިން… އަލިފުން އާމިރު… މުހުސިން އާމިރު! ” މުހުސިންގެ އަޑު ބާރުވެގެން ދިޔައެވެ. އިވުނު ބިރުވެރި އަޑަށްވުރެ އަހަރެންގެ ކަންފަތް އަމާޒުވީ މުހުސިންގެ ފުރިހަމަ ނަން ބުނުމުންނެވެ. މުހުސިންގެ ބައްޕަގެ ނަމާއި އަހަރެންގެ ބައްޕަގެ ނަން އެއްގޮތް ވުމުންނެވެ.
” އެއްބައްޕަގެ ދެމިހުންނަށްވެ ހުރެ ތިދެމިހުން ކުރެ އެކަކަށްވެސް ނޭނގުނު ދޯ ތިއީ ދެބެންކަމަށް.. އާމިރު ދެއަންބަށް ސޯބިރާއާ އިން އިރު އޭނައަކަށް ނޭނގޭ ސޯބިރާ އެއީ އޭނަގެ ކާފަގެ އާއިލާގެ ޤާތިލުގެ ދަރިޔެއްކަމެއް. ތި ނަވީން އައި ހިސާބުން އޭނައަށް އެކަން އެނގިގެން އެކަމާ ރުޅިގަދަވެގެން އޭނަ ސޯބިރާ ވަރިކޮށް ދޮށީ އަނބި ކައިރިއަށް މިރަށަށް އަންނަން އުޅުނީ…” މުހުސިން ބަނޑުވަތަށް ޖެހި މޮޔަޔަކު ފަދައިން ދެފައި ތަޅަމުން ހޭންފެށިއެވެ. ކުރިން ނުއިވޭ އެތައް ވާހަކަތަކެއްގެ ސަބަބުން އަހަރެން އައިސް ހުރި ބިރުމަތިން ވެސް ހަނދާންނެތުނު ކަހަލައެވެ. ކުރިމަތީގައި އޮވެގެން ހެމުން ދިޔަ ޖިންނިއަށްވުރެ އަހަރެންގެ ވިސްނުމުގައި ހަރުލަމުން ދިޔައީ އެއެއްޗެއް ބުނަމުން ދިޔަ ވާހަކަަތަކެވެ.
ކުއްލިއަކަށް އަހަރެންގެ ކަރަށް ބާރުވާން ފެށިއެވެ. ވޭނަށް ކެތްނުވެގެން އަހަރެންނަށް ކަރުގައި ހިފަހައްޓާލެވުނު ވަގުތު ހީވީ ދެންމެ ދެންމެ ފަހު ވަގުތު ކައިރިވަމުންދާ ހެންނެވެ. ނަމަވެސް މާގިނައިރު އެވޭނަށް ކެތްކުރާކަށް ނުޖެހުނެވެ. އެވޭން މަޑުމަޑުން ކުޑަވަމުން ދާން ފެށިއެވެ. ފުދޭ ވަރަކަށް ލުއިކަން އިހުސާސްވުމުން އަހަރެންނަށް ކެއްސައިގަނެވުނެވެ. ލެއާއިއެކު އަނގަ ތެރެއިން ބިންމައްޗަށް ވެއްޓުނީ ބޮނޑިކޮއްފައިވާ ބޯ ކަރުދާސްގަނޑެކެވެ. ލެއާއިއެކު ފޯވެފައިވީ ނަމަވެސް ނޭނގޭ ބަހުރަކުން ކޮންމެވެސް އެއްޗެހި ތަކެއް ލިޔެފައިވެއެވެ.
އަހަރެންނަށް ދެން ބަލާލެވުނީ މުހުސިން ކޮބާތޯއެވެ. އަހަރެންގެ ވަށައިގެން އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. އެހެނަސް އެހިސާބުން ދެން ނިމުނީ ނޫންކަން އަހަރެންނަށް އެނގެއެވެ.
ދެންމެ ލިބުނު ވޭނުގެ ސަބަބުން ވަރުބަލިވެފައި ހުރެ އަހަރެންނަށް ބިންމަތީގައި ބޯ ޖައްސާލައި މައްޗަށް ބަލާލެވުނެވެ. ހުޅުވާފައިވާ ސިޓިންރޫމުގެ ދޮރުގެ ބޭރުން އައި އަލިކަމުގައި މަތީގައި އެެއްޗެއް ވާހެން ހީވެގެން އަހަރެންނަށް ލޯ ކުޑަކޮއްލެވުނެވެ. އާނއެކެވެ. ހަތަރެސްފައި ޖަހައިގެން ކަޅު އެއްޗެއް އެބަ އޮތެވެ. އެއެއްޗެއް ރަތް ދެ ލޯ ވަނީ އަހަރެންނާއި ދިމާއަށް އަމާޒުވެފައެވެ. ބޮލުގައިވި ދެދަޅުން އެއީ މުހުސިންގެ ސިފަ ނޫން ކަން އަހަރެންނަށް ޔަޤީންވުމާއި އެކު ހިންދިރުވާލެވުނެވެ.
” އަދިވެސް މަރުވާކަށް ނޫޅުނު ދޯ؟ ” ކުރަކި އަޑެއްގެވެރި އެއެއްޗެއް ކުއްލިއަކަށް ފުންމައިގެން ތިރިޔަށް ފޭބިއެވެ. އަަހަރެންގެ ހަށިގަނޑާއި ޖެހޭ ނުޖެހޭ ހިސާބުގައި ތަނަކު ނުޖެހި އޮތް އެއެތީގެ ދެލޯވަނީ އަހަރެންނާ ހަތަރުކަޅި ހަމަވެފައެވެ. ބިރުން ގޮސް މީހާ ދާ ހިތްލާ ފޯވެއްޖެއެވެ. ކުރިޔަށް ދެން ވާން އޮތް ކަމެއް ވާން ދޫކޮއްލަމުން އަހަރެން ދެލޯ މަރާ ބާރުކޮއްލީމެވެ.
ދެން އިވިގެން ދިޔައީ މީހެއްގެ ފިޔަވަޅެއްގެ އަޑެވެ. ބާރަށް ދުވެފައި އައި ފިޔަވަޅު މަޑުވީ ގޭގެ ބޭރަށް ނިކުންނަ ދޮރާ ހަމައިންނެވެ. ދެން އިވެންފެށީ ކޮންމެވެސް އެއްޗެއް ރޯވާން ފެށި އަޑެވެ. އެއަޑުގެ ފަހަތުން ޖިންނީގެ ހަޅޭކުގެ އަޑާއި ނުދަންނަ ބަހަކުން މީހަކު ވާހަކަ ދައްކަން ފެށި އަޑެވެ. ދަންނަ އަޑެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Yaaaay Finally.!!!!
Thank you umny. Varah reethi mi part vx ♥️♥️♥️