ލަސްނުކޮށް އަހަރެން އަވަސް އަވަހަށް މުހުސިންގެ އެހީއަށް އެދި އެގެޔަށް ދިޔައީމެވެ. އިރުއޮއްސި އަނދިރިވަމުން ދިޔަ ވަގުތު އެގެޔަށް އަހަރެން ވަތް އިރު އޭނަ އިނީ ގޭގެ ބޭރު އުނދޯލީގައެވެ.
” މުހުސިން! އަހަރެންނަށް ހުރިހާ ކަމެއް އިނގިއްޖެ.. އަހަރެން ސަލާމަތްކޮއްދީބަލަ! ” އަހަރެން އާދޭހުގެ ރާގަކަށް އޭނަގެ ގާތަށް ގޮސް ބުނީމެވެ. އަހަރެން ގާތުގައި އެއްޗެއް ބުނުމުގެ ބަދަލުގައި މުހުސިން ޖަހާލީ ހިނިގަނޑެކެވެ. އަދި އަހަރެން ގާތުގައި އުނދޯލީގައި އިށީންނަން ބުނެ އޭނަ އެތެެރެއަށްވަދެ އައީ ފެންތައްޓެއް ހިފައިގެންނެވެ. ވަރުބަލިވެފައި ހުރުމުން އަހަރެންނަށް އެއްނޭވާއިން ފެންތަށި ހުސްކޮއްލެވުނެވެ.
” ސޮރީ އިނގޭ… އެގަޑީގައި ނަވީން ހުރި ގޮތުން އަސްލު ހެވުނީ… ކޮންކަމެއް އެނގުނީ؟ ” މުހުސިން ވަގުތުން ސީރިއަސްވެލަމުން އަހަރެންގެ ގާތުގައި އިށީނދެ އަހާލިއެވެ. އަހަރެން އެގޭގައިވި ހުރިހާ ކަމެއް މުހުސިންއަށް ކިޔައިދިނުމުން އޭނަގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހަމްދަރުދީގެ އަސަރުތަކެވެ.
” ނަވީން ގެޔަށް ދޭ އިހަށް އިނގޭ… އުމަރުބޭގެ ޙަބަރެއް ނުވެއްޖެއްޔާ އުސްމާންބޭ ގޮވައިގެން އިޝާގެ ފަހުން ތިގެޔަށް ދާނަން… ” މުހުސިން އެހެން ބުނުމުން އަހަރެންނަށް ދެން އަނބުރާ އެގެޔަށް ދާން ނުކެރޭނެ ވާހަކަ ބުނީމެވެ.
” އެހެންވީއިރު ދޭ އަހަރެންގެ ކޮޓަރިއަށް. އަންހެނުން ރަށުގައި މިވަގުތު ނުޅޭ.. އޮފީސް ކަމަކު ކުޅުދުއްފުއްޓަށް ގޮސްވީ.. މާދަމާ ދެން އަންނާނީ… ދޭ އިނގޭ… މަންމައަށް ތަށި ދީފައި ބުނޭ އަހަރެންގެ ކޮޓަރީގައި އުޅޭ ވާހަކަ…އަހަރެން މިސްކިތަށް މިދަނީ… ނަވީން ވެސް ތާޒާވެލައިގެން މިސްކިތައް އަންނައްޗޭ…” މުހުސިން އުނދޯލިން ތެދުވެ ގޭގެ ދޮރާއްޓާއި ދިމާއަށް ހިނގައިގަތެވެ. އަހަރެން އެތަނުގައި ވެސް އިންނަން ނުކެރިގެން ތަށި ހިފައިގެން ގޭގެ އެތެރެއަށްވަދެ ދޮރުލައްޕާ ތަޅުލީމެވެ. އަދި ގޮސް މުހުސިންގެ މަންމަ ޒުހުރާގެ ކޮޓަރީގައި ޓަކި ޖަހާލީމެވެ.
” ކިހިނެތްވީ ދަރިފ….” ޒުހުރާ ދޮރު ހުޅުވި ވަގުތު ކުރިމަތީގައި އަހަރެން ހުރި ތަން ފެނުމުން ޒުހުރާގެ ވާހަކަ މަޑުވިއެވެ. އަދި އިތުރު އެއްޗެކޭ ނުބުނެ އެންމެ ފުރަތަމަ އެގެޔަށް ކާން އައި ރެއެކޭ އެއްފަދައިން އޭނަ އަހަރެންގެ ލޯމަތިން ގެއްލެމުން ކޮޓަރި ދޮރުލައްޕާލިއެވެ. މުހުސިން މަންމަގެ އާދަޔާހިލާފު މިޒާޖުން އަހަރެން ފުރަތަމަ ދުވަހުވެސް ސުވާލުކުރަން އުޅެ ފަހުން އެކަމާއި ހަނދާންނުވުމުން އެވާހަކައެއް މުހުސިންކުރެ ނޭހުނެވެ.
އަހަރެން ބޮލުގައި އަތް ހާކަމުން ގޮސް މުހުސިންގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލާފައި ގޮސް އެނދުގައި އިށީނދެލީމެވެ. އަދި އަތުގައިވި ތަށީ ނައިޓް ސުޓޭންޑްގައި ބަހައްޓާލި ވަގުތު އަހަރެންގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ. ދެން ވީގޮތެއް ނޭނގުނެވެ.
—
ދެލޯ ހުޅުވާލެވުނު އިރު އަހަރެންނަށް އޮއެވުނީ ރިވާލޭކްގެ ސިޓިންރޫމް ޓައިލްސްމަތީގައެވެ. މުޅި އަތާއި ފައި ފަހަތަށް ބަނދެފައެވެ. ގޭގެ ދޮރު ހުޅުވާފައި ހުރުމުން ރޭގަނޑުވެފައިވާކަން އެނގުނެވެ. އަހަރެންނަށް ވަށާ ހޯދާލެވުނު އިރު ދާދި ގާތުގައި އިން ގޮނޑީގައި ފިރިހެނަކު އިނެވެ. ފަނޑު އަލީގައި އިސް ތިރިކޮއްލައިގެން އިނުމުން އަހަރެންނަށް އެއީ ކާކުކަން ދެނެގަންނަން އުނދަގޫވިއެވެ.
” ކާކު؟ ” އަހަރެން ބިރުންހުރެ ސުވާލުކޮއްލީމެވެ. ދެން އިވުނީ ހުނުމެއްގެ އަޑެވެ.
” ގެސް؟ ” އަހަރެން ހައިރާންވެފައި އޭނައަށް ބަލާލުމުން އޭނަ ހިނިތުންވެލިއެވެ. އެހިނިތުންވުން އަހަރެންނަށް ދަންނަ މީހަކާއި ވައްތަރުވެގެން ދިޔައެވެ. އެއާއެކު އަހަރެންގެ ލޯމައްޗަށް ސިފަވި މީހެއްގެ ސަބަބުން ދެލޯ ބޮޑުކޮއްލެވުނެވެ. ގޮނޑީގައި އިން މުހުސިންގެ ހިނިތުންވުން ވައްތަރުވީ ޢުމަރުއާއެވެ. އަހަރެންގެ ކާފަ ފަރީދު ފަނާކޮއްލި އާއިލާގެ ހަމައެކަނި ވާރިސް ޢުމަރު ޢަލީއާއެވެ.
” އަސްލު ތެދުތެދަށް ބުނަންޏާ އައި ހެޑް ނޯ އައިޑިއާ ތިއީ ފަރީދުގެ ކާފަ ދަރިޔެއްކަމެއް. އެކަމަކު ފަހުން ނަވީން އެހުރިހާ ވާހަކައެއް ކިޔައިދިނީމައި އަހަރެންނަށް އެނގިއްޖެ އަހަރެންގެ ކާފަ ޢުމަރު އަހަރެންގެ ގާތުގައި އަބަދުވެސް ދައްކަމުން ދިޔަ ވާހަކަތައް. މިގެޔަށް އަދި ފަރީދުގެ ލެޔެއް ދިރިއުޅެން އަންނާނޭ… އެދުވަހަކުން އެމީހެއްގެ މަރު އޮންނާނީ ވަރަށް ކައިރީގައޭ… އަސްލު ހީކުރީ ކާފަ ކިޔަމުން ދިޔައީ ފުލޯކު ވާހަކައެއްކަމަށް. އެކަމަކު މިހާރު އިނގޭ… ހައްވައިދީ ވެސް އެކަމަށް އެއްބަސްވެފައި އޮތީ… ހައްވައިދީއަށް އެނގޭނެތާ އެއީ ސިހުރު ހެދި އިބްރާހީމްބެގެ ދަރިޔެއްވީމައި… ” މުހުސިން މަޑުމަޑުން ބޯޖަހަމުން އިނދެގެން އެވާހަކަތައް ކިޔައިދެމުން ދިޔަ އިރު އަހަރެންގެ ކަންފަތަށް އެވާހަކަތައް އިވެމުން ދިޔައީ ހޮނުގުގުރި ފަދައިންނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބުނު އެކުވެރިޔާއަކީ އަސްލުގައި އަހަރެންގެ ދުޝްމަނެއްކަން އެނގުމުން އެވާހަކަ ޤަބޫލުކުރުމަށް އަހަރެންގެ ހިތް އެއްބަހެއް ނުވެއެވެ. ނޫނެކެވެ. އެހެންވިޔަކަ އަހަރެން ނުދޭނަމެވެ. އަހަރެން މުހުސިންގެ ކިބައިން މައާފަށް އެދި އެކަމުން ސަލާމަތްވެވިދާނެއެވެ.
” މުހުސިން އައި އޭމް ސޮރީ… އެކަމަކު އަހަރެން މިރަށަށް އައީ ގޭގެ ދަހިވެތިކަމެއްގައި ނޫން. އަހަރެން ނުވެސް ދެނެހުރިން އެވާހަކަތަކެއް… ޤަބޫލުކޮއްބަލަ… އަހަރެންނަށް އެނގިގެން މުހުސިންގެ އާއިލާއަކަށް ދެރައެއް ދީފައި ނޯންނާނެ. ކުރެވުނު ކަމެއްވިއްޔާ ކުރީ އަހަރެންގެ ކާފަ. ކާފަ އެކަމަކު މިހާރު ދުނިޔެއަކު ނެތޭ… އެވާހަކަތައް އަހަރެންނަށް ކިޔައިދީ ގެ ހޯދާކަށް މަންމައެއް ވެސް ނުބުނޭ.. ރިވާލޭކްގެ ދަހިވެތިކަމުގައި އުޅުނު ބަޔަކު ވިއްޔާ މިދުނިޔެއިން ނެތި ގޮއްސި.. އަހަރެންނަށް މާފުކުރޭ… އަހަރެންނަށް ކުރެވެން އޮތިއްޔާ އެވަގުތަށް އަނބުރާ ގޮސް މިކަމެއް ތަކުރާރުވިޔަކަ ނުދިނީމުސް… ” އަހަރެންގެ ދެލޯ ކަރުނުން ފާއްދާލިއެވެ. ކާފަގެ ސަބަބުން އަހަރެންނަށް މިއަދު ކުރިމަތިލާން މިޖެހުނީ ކޮންފަދަ ކަމަކާހެވެ؟
” އަހަރެންނަކަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް… އިބްރާހީމްބެ ދުނިޔެއަކު ނެތް. އޭނަގެ ސިހުރު ބާތިލް ކުރެވޭ ވަރުގެ އިތުރު މީހަކު ހުރިހެނެއް ހިޔެއް ނުވޭ… ދެން ތިހުރި ގޮތަށް ހުރެގެން މަރުވީމައި އެނިމުނީނުން… އޭރުން މަށަށް ހީވަނީ ތި ބުލަޑްލައިން ވެސް އެފަނާވީހެން… ” މުހުސިން އަނެއްކާވެސް ހޭންފެށިއެވެ.
އެއާއެކު ގޭގެ ކޮޓަރިއަކުން އިވުނު އަޑަކުން އަހަރެންނަށް ސިހިފައި އެދިމާއަށް ބަލާލެވުނެވެ. ހީވަނީ ބިންމައްޗަށް ފުރާޅު ނަގައި ޖެހި ހެންނެވެ.
” އެއައީ އޭނަ…! ” މުހުސިން ވައިއަޑުން އަހަރެންގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Please aneh part genesdhybaaa 😭😭😭
Varah kiyaa hithun mihureee