ރުކުގެ ދޮރާށި ކުރިމައްޗަށް މަޑުކޮއްލި ޒުވާނާ ގޭގެ ދޮރާއްޓާއި ދިމާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އާދައިގެ ލަކުޑިއެއްގައި ރުކުގެ ނަން ލިޔެފައި ގޭގެ ބޭރު ފާރުގައި ހަރުކޮއްފައިވެއެވެ. ތިރީހަކަށް އަހަރުގެ ހެޔޮވަރެއްގެ އިސްކޮޅަކާއި ފަލަނޫން ހަށިގަނޑެއް ހުރި އެޒުވާނާ ދޮނެވެ. ލައިގެން ހުރި ކަޅުކުލައިގެ ފަޓުލޫނާއި އަތްކުރު ނޫ ގަމީހުން މާ މުންޑު ލާހިތްވާ ޒުވާނެއް ނޫންކަން އަންގައިދެއެވެ.
އޭނަ އަތުގައިވި ކުޑަ ފޮށި އަނެއް އަތަށް ލަމުން މަގުގެ ދެކޮޅު ބަލާލައިލައިފައި އޭނަ ދޮރާށި ތަޅުގައި ހިފާލި ތަނާ މީހަކު އޭނަގެ ކޮނޑުމަތީގައި އަތް ބާއްވާލައިފިއެވެ. ސިހިފައި އޭނަ ފަހަތަށް އެނބުރުނު އިރު ހަސަންފުޅު ފެނިގެން އޭނަ ނިއްއަރުވާލިއެވެ.
” ޢުމަރު… އެފަހުން ތިން މަސް ވިޔަސް ތިގެޔަށް ވަނުން ރަނގަޅުކަމަކަށް އަހަރެންނަކަށް ނުފެނޭ… ” ހަސަންފުޅު ރުކު ގެޔާއި ދިމާއަށް އިޝާރާތްކޮއްލަމުން ބުނެލިއެވެ.
” އެނގޭ… އެކަމަކު ވެސް ނުވަދެ ރަނގަޅެއް ނުކުރެވޭނެތާ… އެހެންނޫނަސް އަހަރެންނަކަށް ހިއެއް ނުވޭ އަހަރެންނަށް އެކަމުން ގޮތެއް ވެދާނެ ހެނެއް… ” ޢުމަރު ޖަވާބުދިނެވެ. އަދި ކަތީބުގެ ފުރަގަހުން އައި މުސްކުޅިޔާ ފެނިފައި އޭނަ ބޯޖަހާލިއެވެ.
” ކަތީބް ދެން މިސްކިތަށް ދުރުވަންޏާ ދުރުވޭ… ނޫނީ ވަންނަންޏާ އެތެރެއަށް ވަނަސް އެންމެ ރަނގަޅު… ” ޢުމަރު ގޭގެ ތަޅުގައި ހިފާލުމާއެކު ގިނަ ދުވަހު ނުހުޅުވާ ހުރުމުން ގޮވާ އަޑެއް ދޮރުން ގޮވިއެވެ. ކަތީބް އެއަޑަށް ސިހުނެއްކަމަކު ޢުމަރުއާއި ދެން ހުރި މުސްކުޅި ފިރިހެންމީހާގެ މޫނުމަތިން ފެންނަމުން ދިޔައީ ކެރޭކަމެވެ.
ހިކި ފަތް އެޅި އެކަށް ހަޑިވެފައިވާ ގޭގެ މެދުގޯއްޗަށް ޢުމަރު ބަލާލިއެވެ. ގޭގައި ހެދިފައިވާ އެންމެ ގަހެއްގައި ވެސް މިހާރު ފަތެއް ނެތެވެ. ހުރިހާ ގަހެއްވަނީ މަރުވެފައެވެ. ދެމި ދެމި އޮތް ފެންގަނޑު ހުއްޓިފައިވާ އިރު ފެހިން މުޅި ފެންގަނޑު ފުރިފައިވެއެވެ.
ޢުމަރުގެ ދެލޮލަށް ކަރުނަތައް ގިނަވިއެވެ. ލޯބިވާ ބައްޕަ ޢަލީ މިދުނިޔޭގައި ނެއްތާ މިހާރު ތިން މަސް ވެއްޖެއެވެ. ބައްޕަ ފަހުން އިން އަންހެނުން އައިމިނައާއި އެއްބަފާ ކޮއްކޮ ހަސްނާގެ ކުއްލި މަރުގެ ޙަބަރު އޭނައަށް ލިބުނީ މިދިޔަ ހަފްތާއެވެ. ބޯޓް ދަތުރުކުރަން އުޅޭތީވެ އޭނައަށް ސިޓީ ފޮނުވުން ހަސަންފުޅަށް އުނދަގޫވެގެންނެވެ.
އޭނަގެ މަންމަ އޭނަ ވިހާފައި މަރުވުމުން ޢަލީ އައިމިނައާއި އިނީ އޭނައަށް މަންމައެއްގެ ލޯބި ދިނުމަށެވެ. އައިމިނަ އޭނަ ބަލައި ބޮޑުކުރީ އަމިއްލަ ދަރިޔެއް ފަދައިން ލޯބި ދީގެންނެވެ. އަމިއްލަ ދަރިޔެއް ލިބުނު ފަހުން ވެސް އައިމިނަ ހަސްނާއާއި ޢުމަރުއާއި ތަފާތެއް ނުކުރެއެވެ. އިތުރު ތައުލީމަށް ޢުމަރު މާލެ ބަދަލުވީ ކޮއްކޮ ލިބުނުތާ އަހަރެއްވީ ފަހުންނެވެ. އެފަހުން ކިޔަވައި ނިމިގެން އޭނަ ކުރާ ހިތުން ނުހުރެވިގެން ދިޔައީ ބޯޓު ދަތުރުކުރާށެވެ.
” އިބްރާހީމްބޭ… މިހާރުން މިހާރަށް މިކަން ފަށަން އަހަރެން ބޭނުމީ…” ޢުމަރު ދެލޯ ފުހެލަމުން އޭނަގެ ފަހަތުގައި ހުރި މުސްކުޅި އިބްރާހީމްއާއި ކުރިމަތިލަމުން ބުނެލިއެވެ. މުސްކުޅި މީހާ ބޯޖަހާލުމުން ހަސަންފުޅު ދެން ދަނީކަމަށް ބުނެ ގޭގެ ދޮރާށި ލައްޕާލިއެވެ.
ސިހުރު ކަންކަމަށް މޮޅު ހޮނޑައިދޫ އިބްރާހީމް ވަގުތުން އޭނަގެ އަތުގައި އޮތް ބޮޑު ރުނބާގައި ހުރި ފެން އެތި ގޭގެ ވަށާ ކޮންމެ ފާރަކަށް އުކަން ފެށިއެވެ. އަދި އެކަމުން އަވަދިވެގެން ގޭގެ މެދުގައިވާ ފަތްތައް އެއްކޮށް އަލިފާންގަނޑެއް ރޯކޮށް އޭގެ ކައިރީގައި އިށީނދެ ކޮންމެވެސް އެއްޗެއް ކިޔަވަން ފެށިއެވެ. ޢުމަރު ބަދިގެޔަށް ވަދެ ދަރުކޮޅެއް ހިފައިގެން އައިސް އެއަލިފާންގަނޑު އިތުރަށް ބޮޑުކޮށްލަމުން އޭނައަށް އިބްރާހީމް ދިން ފާޑެއްގެ ވެއްޔެއް އިބްރާހީމްއާއި އަލިފާންގަނޑު ވަށައިގެން އަޅާލަމުން އޭނަ އިބްރާހީމްގެ ގާތުގައި އިށީނދެ ލޯ މަރާލިއެވެ.
ކުއްލިއަކަށް ގޭގެ ގޯތިތެރޭގައިވާ ފަތްތަކަށް ގުޑުން އަރަން ފެށިއެވެ. މަރުވެފައިވާ ގަސްތައް ވެސް އަލުން ދިރެމުން ދިޔަ ކަހަލަ އަޑުތަކެއް ވެސް އިވެން ފެށިއެވެ. އެހެނަސް ޢުމަރުއާއި އިބްރާހީމް ދެލޯ ހުޅުވައެއް ނުލައެވެ. އެއީ އެމިހުން ބިރުގަންނަވަން ވެގެން ކުރުވާ ކަމެއްކަން މާކުރިން ވެސް އެނގޭ ކަހަލައެވެ.
އިބްރާހީމް ކުރިޔަށްވުރެ ބާރަށް ކިޔަވަން ފެށިއެވެ. އެއާއެކު ކުރިޔަށްވުރެ ބާރު އެހެން އަޑެއް އިވެން ފެށުމުން ޢުމަރުއަށް ލޯ ހުޅުވާލެވުނެވެ. ރުކުގެ އެކަށް ފުނޑުފުނޑުވެގެން އޭރު ފައިބަނީއެވެ. އެއާއެކު ވަގުތުން އޭނަގެ ދެލޮލަށް އަނދިރިވެގެން ދިޔައެވެ.
—
” ޢުމަރު… ” އިބްރާހީމް ޢުމަރުއަށް ގޮވަން ފެށުމުން އޭނަ ތެދުވެ އިށީނެވެ. އިބްރާހީމް ޢުމަރު ކުރެ އޭނަ ރަނގަޅުތޯ އެހުމުން ޢުމަރު ބޯޖަހާލިއެވެ.
” މިގެޔަށް ހަދާފައިވާ ސިހުރު އެކަންޏެއް ނޫން މިއީ… މިގެޔަށް ހެދި ސިހުރުގައި މިގޭގައި ދިރިއުޅެމުން ދިޔަ ބަޔަކު ވެސް ވަނީ ލިޔެވިފައި. އެހެންވެ އެމިހުން ފަނާވެގެން ދާން ޖެހުނީ… މިއީ ގަސްތުގައި ކޮއްފައިވާކަމެއް ކަމަށް ބުނެވޭނީ… މިގޭގައި ދިރިއުޅުނަ ނުދޭން ވެގެން… ހަސްނާ މަރުވީ ފެންގަނޑު ތެރޭގައި ގަންބާލައިގެން. އޭގެ ކުރިން އޭނަ ބަލިވީ ޖިންނީގެ ސޫރަ ފެނިގެން. އައިމިނަ މަރުވީ އެއެއްޗެއް ފެނި ރޯކޮއްފައިވާ އަލިފާނުގައި ރޯވެގެން. ޢަލީ މަރުވީ ދޯނި ބަންޑުންވެ އެއެއްޗެއް ކަނޑުގެ ޖަނަވާރެއްގެ ސިފައިގައި އައިސް ކެއުމުން. ” އިބްރާހީމްބެ ކީ އެއްޗަކުން ޢުމަރުއަށް ދެލޯ ބޮޑުކޮއްލެވުނެވެ. އަދި އޭނަގެ ދެބުމަ ގޮށް ޖެހިގެން ދިޔައީ ބަދަލު ހިފުމުގެ ރޫހު އާލާވެގަތުމުންނެވެ.
” މިގޭގައިވާ މިސިހުރު ނައްތާލާފަ މިގެ ރައްކާތެރިކުރުމަށް އާ ސިހުރެއް ހަދާ… އަހަރެން ބޭނުން ބަދަލު ހިފަން… އެކަމަށް އެދުނު ފަރީދުއާއި އޭނަގެ ލެޔާއި ގުޅިފައިވާ އެންމެން މިގެޔަށް ދިރިއުޅެން އައިސްފިނަމަ އެމިހުން ނެތިދާ ގޮތަށް… އެކަމާ ނުގުޅޭ ބަޔަކަށް އަލުން ހަދާ ސިހުރުގެ އުނދަގޫ ނުވާ ގޮތަށް… ” ޢުމަރު އޭނަގެ އެދުން ހާމަކުރިއެވެ. ފަރީދު އަދި މިގެ ހޯދަން އަންނާނެކަން އޭނައަށް އިނގެއެވެ. އަބަދުވެސް ތައްޔާރަށް ހުންނަ އިބްރާހީމްބެ ބޯޖަހާލަމުން އެކަމުގެ މަސައްކަތް ކުރުމަށް އެއްބަސްވެ އެކަން ފެށިއެވެ.
އިބްރާހީމްގެ މަސައްކަތުން ގޭގައި ކުރިންވި ސިހުރު ބާތިލްވެ އެރެއިން އެރެއަށް އައު ސިހުރެއް ހެދުނެވެ. އަދި އެކަމާއި ބެހޭ އެންމެހާ ކަމެއްގެ ވާހަކަ ނުދެއްކުމަށް އެދި ޢުމަރު އޭނައަށް އިތުރު ރުފިޔާ ދީފައި އޭނަގެ ރަށަށް ފޮނުވާލިއެވެ. ވުމާއެކު އައު ސިހުރުގެ ހަޤީޤަތް އެނގޭނީ ހަމައެކަނި ޢުމަރުއަށެވެ. އަދި އަންނަން އޮތް ޖީލްތަކަށް ގެ ބޭނުން ކުރެވޭ ވަރަށް އޭނަ ގޭ އަލުން ހަދައި ގޭގެ ނަން ރިވާލޭކްއަށް ބަދަލުކުރިއެވެ. އޭނަ ހިނިތުންވުމުގެ ނަޒަރަކުން ގެޔަށް ބަލާލިއެވެ. ޢުމަރުއަށް ދެން ހަމަޖެހިލައިގެން މިގޭގައި އުޅެވޭނެއެވެ. އޭނަގެ ދަރިންނާއި ކާފަ ކުދިންނަށް ވެސް މިގެ ބޭނުން ކުރެވޭނެއެވެ.
—
އަހަރެންނަށް ދެލޯ ހުޅުވާލެވުނު އިރު އޮވެވުނީ ސިޓިންރޫމު ޓައިލްސްތަކުގެ މަތީގައެވެ. އެގޭގައި ކުރިން ހިނގާދިޔަ ހުރިހާ ކަމެއް އޭނައަށް މިހާރު އެނގިއްޖެއެވެ. އެއެއްޗެއް އަހަރެންނަށް އެމަންޒަރުތައް ދައްކައިދީފިއެވެ. އަހަރެންނަށް އުނދަގޫކޮށް އޭނަ މަރާލަން އެއެއްޗެއް އުޅޭ ސަބަބު އެނގިއްޖެއެވެ. އަހަރެންގެ ކާފަ ފަރީދުއަކީ ތިންމަރުގެ ޤާތިލެކެވެ. މިގޭގެ އަސްލު ވާރިސުންގެ ޤާތިލެވެ. ކާފަ މިރަށަށް ކުރި ދަތުރު ފަހުން މާލޭ އައިސް އެހާ ހާލުގައި އެތައް ބަލިތަކާއި އެކު ތެޅެމުން މަރުވި ވަގުތު އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. އެކަމަކު އެއީ އަހަރެން ކުރި ކުށެއް ނޫނެވެ. ކާފަ ކުރި ކުށަކަށް ކުށް ނުކުރާ ކާފަގެ ލޭ ހުރި ބަޔަކު އެއަދަބު ލިބިގަންނަންވީ ކީއްވެގެން ހެއްޔެވެ؟ އެ ޢުމަރުއެއް ކޮބާ ބާވައެވެ؟ އޭނަގެ އާއިލާ ހޯދައި އެބަޔަކު ކައިރިން މައާފަށް އެދެން ބޭނުމެވެ. އެހެން ނޫނީ މިކަމުން ސަލާމަތެއް ނުވާނެ ކަންނޭނގެއެވެ.
ލަސްނުކޮށް އަހަރެން އަވަސް އަވަހަށް މުހުސިންގެ އެހީއަށް އެދި އެގެޔަށް ދިޔައީމެވެ. އިރުއޮއްސި އަނދިރިވަމުން ދިޔަ ވަގުތު އެގެޔަށް އަހަރެން ވަތް އިރު އޭނަ އިނީ ގޭގެ ބޭރު އުނދޯލީގައެވެ.
” މުހުސިން! އަހަރެންނަށް ހުރިހާ ކަމެއް އިނގިއްޖެ.. އަހަރެން ސަލާމަތްކޮއްދީބަލަ! ” އަހަރެން އާދޭހުގެ ރާގަކަށް އޭނަގެ ގާތަށް ގޮސް ބުނީމެވެ. އަހަރެން ގާތުގައި އެއްޗެއް ބުނުމުގެ ބަދަލުގައި މުހުސިން ޖަހާލީ ހިނިގަނޑެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

