ކުށަކީ ކޮބާ – 08
” ދެން މަންމަމެންގެ ފޭވް އައީމަ މިގޭގަ އުޅޭ ކުޑަ ބޭބީގެ މަތިން ހަދާންނެތުނީތަ..؟ މިހާރުވެސް އެހުރީ ރޮވެންވެފައި..” ނާއިން ސަމާސާ ރާގަކަށް ބުނެލިއެވެ. މައިރީން ގާތަށް އައި ރުޅި ސޯފައިގައި އޮތް ކުޝަން ނާއިންއާއި ދިމާލަށް އެއްލާލަމުން ކޮޓަރިއަށްވަނެވެ.
****
ނާއިން މަޔާންއާއި ދިމާލަށް ބަލާލުމަށްފަހު ލޮލުން މައިރީން ދިޔަ ދިމާލަށް އިޝާރާތްކޮށްލިއެވެ. ” މަންމާ.. އަޅުގަނޑު އެބަ އަންނަން މައިއަށް ގެނާ ހަދިޔާ ދީފަ.. ” މަޔާން ސޯފާގައި ހުރި ކޮތަޅެއް ހިފައިގެން މައިރީންގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ނާއިންވެސް މަޔާންއާއި އެކީ ދިޔައެވެ.
ނާއިން އެދުވަހުގެ ވަގުތެއްގައިވަނީ މަޔާންއަށް ގުޅާ ރީމާ އޭނައާއި ހިއްސާކުރި ވާހަކަތައް ކިޔާދީފައެވެ. މަޔާން، ނާއިން އޭނައާއި އެވާހަކަތައް ސިއްރުނުކޮށް ކިޔާދިން ކަމަށްޓަކައި ޝުކުރުވެރިވިއެވެ. އަދި އޭނަ ހުރީ މައިރީން މަންމަމެނަށް އެވާހަކަތައް ހިއްސާ ނުކުރުމުން ހިތްހަމަ ނުޖެހިފައެވެ. މަޔާން ހުރީ މައިރީން އާއި އޭނަ އެކަނި ވާނެ އިރަކަށް އިންތިޒާރުކޮށްލަކޮށްލައެވެ. ނާއިން އެކަންތައް ފަހި ކޮށްދިނީ އޭނަވެސް މައިރީންއާއި ވާހަކަ ދައްކަން ބޭނުންވެފަ ހުރީމައެވެ. މަޔާން މައިރީން ކޮޓަރިއާއި އަރާހަމަވުމުން މަޑުމަޑުން ދޮރުގައި ޓަކިޖަހާލިއެވެ. ކުޑަ އިރުކޮޅަކަށްފަހު މައިރީން ދޮރު ހުޅުވާލިއެވެ. މައިރީންގެ މޫނުމަތިން ހައިރާންކަން ފެނުނީ މަޔާން ކޮޓަރި ދޮރުމަތީ ހުރީމައެވެ. ދެކުދިން މައްސަލަ ޖެހުނު ފަހުން މަޔާން މައިރީންގެ ކޮޓަރިއަށް މި ނޫނީ ވަދެފައިއެއް ނުވެއެވެ.
” މައިއަށް ހަދިޔާއެއް ހިފައިގެން މި އައީ… ދޮންބެ ނުވައްދާނަންތަ؟.. ” މަޔާން ވަރަށް ލޯބިން އަހާލިއެވެ. މަޔާން އެހާ ލޯބިން އަހާލުމުން މައިރީންއަށް މަޔާން ނުވައްދައި ބަހައްޓާކަށް ނުކެރުނެވެ. އެހެންކަމުން އޭނަ ދޮރު ބޮޑަށް ހުޅުވާލުމަށްފަހު އެނދު ކައިރީ ހުއްޓިލިއެވެ. މަޔާން އެކޮޓަރިއަށް ރަނގަޅަށް ބަލާލިއެވެ. އަޅި ކުލައާއި ކަޅުކުލަ ފާރުތަކުގައި ލާފައި ހުރިއިރު، ފަރުނީޗަރުތައްވެސް ވަނީ އެ ދެ ކުލައިން ޒީނަތްތެރިކޮށްފައެވެ. ހުރިހައި އެއްޗެއް ހުރީ ތަރުތީބު ކުރެވިފައެވެ. މަޔާން ހައިރާންވިއެވެ. އޭނާގެ ކޮށްކޮއަކީ އަނދިރި ކުލަތަށް އެހައި ކަމުދާ ކުއްޖެއްނޫނެވެ. މަޔާން މައިރީންއަށް ބަލާލުމަށްފަހު ކައިރިއަށް އައުމަށް އެދުނެވެ. މައިރީން ނުދާން ހުރެފައިވެސް ނާއިން ބޮލުން އިޝާރާތްކޮށްލުމުން ދިޔައެވެ.
މަޔާން މައިރީންއަށް ކޮތަޅު ދިނުމަށްފަހު ހުޅުވަމަށް އެދުނެވެ. މައިރީން މަޑުމަޑުންހުރެ އެ ކޮތަޅު ހުޅުވާލިއެވެ. މައިރީންގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވިއެވެ. ކޮތަޅު ތެރޭގައި އޮތީ މައިރީން އެންމެ ބޭނުންވާ ފަދަ މެކްބުކްއަކާއި އެޕަލްވޮޗްއެކެވެ. މަޔާންއަށް ކޮށްކޮގެ މޫނުގައިވާ ހިނިތުންވުން ފެނި ހިނިތުންވެވުނެވެ. ނަމަވެސް އެހިނިތުންވުން ދިގުދެމިގެނެއް ނުދިޔައެވެ. މައިރީން އެ އެއްޗެހި ދުރުކޮށްލަމުން ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކޮށްލިއެވެ. މަޔާން މަޑުމަޑުން މައިރީންގެ އަތުގައި ހިފާލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ސުވާލުކުރަން ތައްޔާރުވެލިއެވެ. މައިރީންގެ ހިތުގެ ތެޅުންދިޔައީ އަވަސްވަމުންނެވެ. އޭނާގެ ސިކުނޑި އެއްޗެއް އަންގަން އުޅޭފަދައެވެ.
” އިނގޭތަ ކަރީމްބެ ކުރިން ޖަލަށްލިކަން؟ އެއީ އަންހެންކުއްޖަކާ ބެހުނީމަ.. ދޮންބެ ކައިރީ ކުއްޖަކު ބުނެފި މައި އާއި ދޭތެރޭ އޭނަގެ ނިޔަތް ރަނގަޅު ނޫން ވާހަކަ… ދޮންބެ އެހާ އޯކޭއެއް ނޫން މައި އެ ފިހާރައަށް ދާކަށް.. ” މަޔާން ވިސްނުންތެރިކަމާއެކު ވާހަކަތައް އަމުނާލިއެވެ. މަޔާން އިނީ މައިރީން ވާހަކަ ނުދައްކާ މަޑުން އިނުމުން އޭނަގެ ބޮލުގަ ހިނގާހިޔާލުތައް ނޭނގިފައެވެ. ” މައިއަށް އޭނަ ކަމެއްކުރިތަ އަނެއްކާ؟؟..” މަޔާންއަށް މައިރީންގެ ހިމޭންކަމުން މާނަ ނެނގުނީ އެންމެ ނުބައިކޮށެވެ.
” ކޮށްފިއްޔާ ދޮންބެއަށް ކުރެވޭނީ ކީއް؟؟؟ ކިއާ އެހާލުގަ އޮތް އިރު ފިނޑިކަމުން އޭނަ މަރުވާން ބާއްވާފައި އައި މީހެއްތީ..! ދޮންބެ އެހެން ނުހެދި ނަމަ ކިއާ ހުންނާނީ މައިމެން ކުރިމަތީ.. ” މައިރީންއަށް އެހަދާންތައް އައުވުމުން ނޭވާއަވަސްވިއެވެ. ރުޅި އާއި ހިތާމައިގެ އިހްސާސް އެއްވުމުން ދާހިއްލަންފެށިއެވެ. މައިރީން ނާއިންމެން ގާތު ނުކުންނަން ހަރުކަށި ރާގަކަށް ބުންޏެވެ. މަޔާންއަށް ހުރެވުނީ މައިރީން ދެއްކި ވާހަކަތަކުން އިސްޖެހިފައެވެ. މައިރީންއަށް އެރޭ ވީގޮތް އެނގޭނެ ނަމައޭ ހިތައް އެރިއެވެ. މަޔާން ކިޔާދޭން މަސައްކަތްކުރި ނަމަވެސް، ނުކިޔާދެވެނީ މައިރީން އޭނަގެ ވާހަކަތައް އަޑުނާހާތީއެވެ. އެކަމުގެ ސަބަބުން މައިރީން މަޔާންއާއި ރަނގަޅަން ވާހަކަ ނުދައްކާތާ ތިން އަހަރުވަނީއެވެ. މައިރީން ދެވަނަ ފަހަރަށް ނިކުންނަން ބުނުމުން މަޔާންއާއި ނާއިން ކޮޓަރިން ނިކުތެވެ.
މައިރީންއަށް ހުރިތަނަށް ތިރިވެވުނެވެ. އަނގަމަތީ އަތް އަޅައިގެން ހުރެ ރޯންފެށިއެވެ. މައިރީންގެ ހިތުގައި ކަރީމްއާއި މެދު ނަފްރަތާއި ފޫހިކަން އުފެދުނެވެ. މައިރީން ހިތުގައި އަޒުމެއް ކަނޑައެޅިއެވެ. މާދަމާ އޭނަ ފިހާރައަށް ދާނެއެވެ. އަދި ހަދާނުން ނުފިލާވަރުގެ ފިލާވަޅެއް ކަރީމްއައް ނަގައިދޭނެއެވެ. ދެލޯފޮހެލުމަށްފަހު މައިރީން އޭނާގެ ފޯނު ހޯދަންފެށިއެވެ. ކިޔަވާ މޭޒުމަތިން ފޯނުފެނުމުން އަވަހަށް ނަގައި ފޮޓޯސް އެޕްއަށްވަނެވެ. އެއަށްފަހު ލޮކްޑް ފޯލްޑާރއަށްވަނެވެ. އޭނަ ހޯދާ އެއްޗެހިފެނުމުން ކާމިޔާބުގެ ހިނިތުންވުމެއް އެ ކުޑަ ތުންފަތަށްވެރިވިއެވެ. ރިކޯޑާރ އެޕްގައި ހުރި ރިކޯޑިންތަކާއި ލޮކްޑް ފޯލްޑާރގައި ހުރި ތަކެތި ލެޕްއަށް އަޅާލުމަށް ފަހު އެނދުގައި އޮށޯވެލީ މާދަމާ ކަންތައް ކުރާނެގޮތް ރާވާލަމުންނެވެ. މައިރީން އެހެން އޮއްވައި މީގެ ތިން އަހަރު ކުރިންވީ ކަންތަކާއި މެދު ވިސްނެން ފެށިއެވެ.
******
އޭރު މައިރީންއަށް ތޭރައަހަރެވެ. މައިރީންގެ އާއިލާއާއި އެކު މާލެ އައިސްގެން އުޅުނީ އިސްކޫލަށް ބޭނުންވާތަކެތި ގަންނާށެވެ. މައިރީންގެ އާއިލާ ހުރީ މައިރީން މަންމަގެ އެކުވެރިއެއްގެ ގޭގައެވެ. އެގޭގައި މައިރީންގެ އުމުރުގެ ކުއްޖެއް އުޅެއެވެ. މައިރީން މަންމަމެންގެ އެކުވެރިކަމުގެ ސަބަބުން އެދެކުދިން ދެމެދުވެސް އެކުވެރިކަމުގެ ގުޅުންވަނީ އުފެދިފައެވެ. ދެ ކުދިން އުޅޭ ގޮތުން ބޮޑަށް ހީވާނީ އެއްބަނޑުއެއްބަފާ ކުދިންތަކެއްހެންނެވެ. ކިޔާރާއަށް މައިރީންގެ ހުރިހާ ކަމެއް އެނގޭފަދައިން މައިރީންއަށްވެސް ކިޔާރާގެ ހުރިހާ ކަމެއް އެނގެއެވެ.
އައުއަހަރު ފެށޭ ރޭކަމުން މާލޭގައި ވަރަށް ފޯރި ހުއްޓެވެ. މައިރީންމެން ހުރީ މަޔާންއާއި ކިޔާރާގެ ދޮންބެ ކަމުގައިވާ ކައިލްގެ ބެލުމުގެދަށުގައެވެ. ކައިލްއާއި މަޔާން އޮލަ ވާހަކައެއްގައި ހުއްޓާ ކިޔާރާ އެކުވެރިއެއް ފެނުމުން އެކުއްޖާ ކައިރިއަށް ދިޔައެވެ. މައިރީންވެސް މަޔާން ކައިރީ ބުނުމަށްފަހު ކިޔާރާއާއިއެކު ހިނގައިގަތެވެ. ކިޔާރާގެ އެކުވެރިޔާ ސަކަރާތް ޖެހުމުގެ ގޮތުން ކިޔާރާގެ ބޮލުގައި އަޅާފައިން ބޭންޑް ހިފައިގެން ދުއްވައިގަތެވެ. ކިޔާރާވެސް މަޖާވެފައި ދުއްވާގަތެވެ. މައިރީން ހުރީ އެކުދިންގެ ސަކަރާތް ބަލަން ދުރުގަ ހިނިއައިސްފައެވެ. އެކުދިންނަށް ނޭނގުންކަމަކީ އެދިމާލަކީ މީހުން މަދު ތަނެއްކަމެވެ. އަދި ބަޔަކު އެކުދިންގެ ހަރަކާތްތަކަށް ފާރަވެރިވެގެން ތިބި ކަމެވެ. މައިރީން އެކަނިވި ވަގުތު ބަލައިފައި ކުއްލިއަކަށް ފަހަތުން މީހަކު އައިސް މައިރީނގެ އަނގަމަތީއަތްއެޅިއެވެ.
މައިރީން ތެޅިގަތެވެ. އަދި އެމީހަކުގެ އަތުގައި ބާރަށް ދަތްއެޅިއެވެ. އޭރު ބިރުން އެހަށިގަނޑު ތުރުތުރު އަޅައެވެ. އެމީހަކު މައިރީންގެގައިން ދޫކޮށްލީ މައިރީން ގެ ތޫނު ދަތްތައް އޭނާގެ އަތަށް އިހްސާސްވުމުންވީ ތަދުންނެވެ. މައިރީން އަރައިފައިހުރި ސްނީކާސްއިން އެމީހާގެ ފައި މަށްޗައް އަރައި ފިއްތާލުމަށްފަހު ދުއްވައިގަތެވެ. ބިރުން ހުރިވަރުން މައިރީންއަށް އެހީއަކަށް އެދި ހަޅޭލަވައިގަންނާކަށްވެސް ނޭނގުނެވެ. މައިރީން ދުއްވައިގަތީ ކިޔާރާ ހޯދާށެވެ. އެވަގުތު އަންހެންކުއްޖެއްގެ ހަޅޭކުގެ އަޑު އެތާހުރި ގޯޅިގަނޑަކުން އޭނާއަށް އިވުނެވެ. މައިރީން ޖެހިލުންވެހުރެ އެތަނާއި ކައިރިވެލިއެވެ. ފުރުސަތަކަށް ބަލަބަލާހުރި މީހާ ހުށިޔާރު ކަމާއިއެކު މައިރީންގެ އަނގައާއި ނޭފަތްނިވާވާ ފަދައިން ފޮތިގަނޑު ޖައްސާ ބާރުކޮށްލިއެވެ. މައިރީންއަށް އޭގެ ވަސްޖެހުމާއެކު ބޮލަށް އެނބުރުންއެރިއެވެ. މަޑުމަޑުން އޭނާގެ ލޯމެރިގެން ދިޔަ ހިނދު އެމީހަ އޭނަ ކޮންމެވެސް ދުއްވާ އެއްޗަކަށް އެރުވިކަން އެނގުނެވެ…
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






