ކުށަކީ ކޮބާ – 07
” މައި ދޮންބެ ކައިރީ ބުނަންވީނުން.. އެއީ ޕޮލިހެއްނުން؟ މަޔާންއަށް އެނގޭނެ ކަންތައްކުރަންވީގޮތް!..” އައިނާ އެހެން ބުނުމުން މައިރީން ދެލޯ ބޮޑު ކޮށްލާފައި އައިނާއަށް ބަލާލިއެވެ.
*****
އެހިތުގައި އެވަގުތު އައިނާއާއި މެދުގައި ޝަކުވާ އުފެދުނެވެ. ” ތިހެން ބުނި އިރު އައިއަށް ރަގަނޅަށް އެނގޭނެ މައި އޭނަ އާއި ވާހަކަ ނުދައްކާކަން..” މައިރީންގެ އަޑުން މައިރީން ހުރީ ވަރަށް ބޮޑަށް ދެރަވެފައިކަން އެނގެއެވެ. މައިރީން މަޔާންދެކެ ރުޅި އަންނަނީ ކީއްވެކަން އެއިން އެއްވެސް ކުއްޖަކަށް ނޭނގެއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއިހެދި މައިރީން މަޔާންއާއި ވާހަކަ ނުދައްކާކަން ދެކުދިންނަށްވެސް އެނގެއެވެ. ” އެއީ މައިގެ ދޮންބެއޭ… މައި މިއީ ކޮންމެވެސް މީހެއްގެ ގާތު ބުނަން ޖެހޭނެ ވާހަކައެކޭ.. މިކަހަލަ ކަންތައް ސިއްރު ކުރަންޔާ ކަރީމް ކަހަލަ މީހުނަށް ލިބޭނީ ނުބައި މެސެޖެއް! އޭރުން އޭނަގެ ކަންތައް މާ މައްޗަށް ދާނީ!.. ” ރީމާ މައިރީންއަށް ވިސްނާދޭ ރާގަކަށް ބުންޏެވެ.
” ރީ ވެސް ތަ؟.. ހެޔޮ! ނުވާނެ އެކަކު ކައިރިވެސް ބުނެގެން!! ” މައިރީން ހިތްހަމަ ނުޖެހިފަ ހުރިވަރުން އެތަނުން ދާން ހިގައިގަތެވެ.
” އަޅޭ އައި… މަޔާން ކައިރީ ބުނަން ހިނގާ ނޫނީ ނާއި ކައިރީ ބުނަން ތަ؟؟؟.. މައި ކިތަންމެ ރުޅި އަޔަސް މިކަހަލަ ކަންކަން ސިއްރު ކުރާކަށް ނުވާނެ! އޭނަ މައި އާއި ބެހެފިއްޔާ އޯ؟؟ ” ރީމާ ހާސްވެ ހުރެ އައިނާ ކައިރީ އަހާލިއެވެ. ރީމާއަށް މައިރީން އޭނަ އާއި ދުވަހަކު ވާހަކަ ނުދެއްކިޔަސްހެވެ. އެކަހަލަ ކަމެއް އެއްގޮތަކަށްވެސް ސިއްރު ކުރާކަށް ރީމާ ބޭނުމެއް ނުވިއެވެ. ނަމަވެސް އައިނާ އެކަމަށް ދެކޮޅެވެ. ކިތަންމެ ސިއްރު ކުރަން ބޭނުންނުވި ނަމަވެސް އެކުވެރިޔާގެ އެދުމަށް އެކަން ސިއްރު ކުރަން ބޭނުންވިއެވެ. ” އޭނަގެ ކަންތަށް މާ ބޮޑުވިއްޔާ ބުނާނީ.. ” އައިނާއަށް ރީމާ ހިތްހަމަ ނުޖެހޭނެކަން އެނގެއެވެ. ނަމަވެސް އޭނަ ބޭނުންވީ މައިރީން އެމީހުން ގާތުގައި އެހީ އަކަށް އެދުމުން ނޫނީ ކަމެއް ނުކުރާށެވެ. އެހެންކަމުން އައިނާގެ ވިސްނުން ރީމާ އާއި ހިއްސާ ކޮށްލިއެވެ. ” ވަރަށް ރުޅި އައިސްގެން އެދިޔައީ.. ހީވޭތަ ރީމެން ކައިރީ ކަމެއް ވިޔަސް ބުނާނެހެން. ” ރީމާ ވިސްނަން ހުރެފައި އަހާލިއެވެ. ” ނާއި ކައިރީ ބުނެގެން މައި އޯކޭ ކޮށްލަބަ.. ފަހަރެއްގަ އަމިއްލައަށް ނާއި ކައިރީ އެވާހަކަ ދައްކަފާނެ!..” އައިނާ ރީމާ ގާތު ބުނެލުމުން ރީމާ އެކަމަށް އެއްބަސްވިއެވެ. ނާއިން ރީތިކޮށް ވާހަކަދައްކައިފި ނަމަ މައިރީން ނާއިން އާއި އޭނަ ހިތުގައި އޮންނަ އެއްޗެއް ކޮންމެވެސް ގޮތަކަށް ކިޔާދޭނެއެވެ. އެހެންކަމުން އައިނާގެ ނުރުހުމުގައިވެސް ނާއިންއަށް ކަންތަށް ވަމުންދާގޮތް ރީމާ ގުޅާފައި ކިޔާދިނެވެ. އަދި މަޔާންއަށްވެސް އެކަންތައް ކިޔާދިނުމަށް ބުންޏެވެ. އަދިހަމައެހެންމެ މައިރީންއަށް ވިސްނާދިނުމަށް އެދުނެވެ.
އައިނާ މައިރީން މަންމައަށް ގުޅާލުމަށްފަހު މައިރީން ގެއަށް ދިޔަކަން ޔަގީން ކުރުމަށްފަހު، ދެކުދިން ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. އެވަގުތު މަޣްރިބް ނަމާދުގެ ބަންގީގެ އަޑު މުޅި ފަޒާގައި ފެތުރިލިއެވެ. ދެކުދިން ގެއަށް ގޮސް އަވަސްވެގަތީ ވުޟޫކޮށްލައިގެން ނަމާދުކުރާށެވެ.
***
ނަމާދުން ފައިބައިގެން ޔާދިން މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ. މިއަދު އޭނާގެ ހިތަށް ލިބިފައިވާހަމަޖެހުން ބަޔާން ކުރަން އުނދަގުލެވެ. ވާނީވެސް އެހެނެއްނުން ހެއްޔެވެ؟ އޭނާގެ ފުރަތަމަ ލޯބި ކާމިޔާބު ވާނޭ ކަމުގެ ފެހި ސިގްނަލް މިއަދު ލިބިއްޖެއެވެ. އޭނާއަށް އަދިވެސް މައިރީން އެއަތުގެ ތެރޭގައި ހުރިގޮތް ސިފަވާހެން ހީވިއެވެ. ” ކަލޯ މިސޮރު ކަންފަތް ބީރީތަ؟ ގޮވާގޮވާ މަގޭ ކަރުން ހަންގޮސްފިޔޭ!!.. ” ޔާދިންގެ ދޮންބެ ކަމުގައިވާ ޔަޒަކް ޔާދިންގެ ކަންފަތުގައި ހިފާލަމުން ބުންޏެވެ.
” ޕިސްޕިސް ގެއަށް އައުންލަސްވެފަ ދެމީހުނަށް ހުންނާނީ… ދެ އަހަރުގެ ދަރިއެއް އޮތް އިރުވެސް މި ޒެކް ބޮޑެއް ނުވާނެ..” ޔަޒަކްގެ އަނބިމީހާ ކައިރާ ބޯހޫރާލަމުން ބުނެލިއެވެ. ޔަޒަކް ޔާދިންގެ އިސްތަށިގަނޑުން އަތް ދޫކޮށްލުމަށްފަހު ކައިރާ ގާތަށް ގޮސް ވަރަށް ލޯބިން ކައިރާގެ ގައިގައި ބައްދާލިއެވެ. ” ބޭބީ އަދި ރުޅި އަންނަ ވަރެއް ނުވޭނުން.. އަބަދު ތިހެން ރުޅިއަންނަންޔާ ބީޕީ މައްޗަށް ގޮސްފާނެ އަނެއްކާވެސް..” ޔަޒަކް ކައިރާ ކޮލަށް ދޮނެއް ދެމުން ބުނެލިއެވެ. ޔާދިން ހުރީ އޭނާގެ ދޮންބެ އުޅެމުން ދިޔަގޮތް މަޖާވެފައެވެ. އަދި މައިރީންއާއި އޭނާ މުސްތަޤްބަލުގައި އުޅޭނެ ގޮތުގެ ހިޔާލީ ފޮލާ ކައްކަން ފެށިއެވެ.
” ޔާދު މި ދުނިޔެއިން ބޭރު ކުރަނީ މި ކޮން އަންހެންކުއްޖެއްތަ؟ ” ކައިރާ ޔާދިން އާއި ދިމާލަށް ބަލާލަމުން ލާނެތް ގޮތަކަށް ބުނެލިއެވެ. ޔާދިން ސިހިފައި ކައިރާއާއި ދިމާލަށް ބަލާލިއެވެ. އޭނަ އެހާވަރަށް ސިއްރުކުރަމުން އައި ކަންތައްގަނޑު ކައިރާއަށް އެނގުމުން ލަދުގަތެވެ. ” ކައިރާ މި ކިޔަނީ ތެދެއްތަ ޔާދިން..؟ ” ޔާދިން މަންމަ ޔައިނާ އަހާލިއެވެ. ޔައިނާ ނަމާދު ކޮށްގެން ކައިލްއަށް ޤުރުއާން ކިޔަވާދީފައި އައި ވަގުތު އިވުން ވާހަކައިގެ ސަބަބުން ހުރީ ދަތްޕިލަ ސޭލު އަޅުވައި ގެންނެވެ. ޔާދިންއަށް ބުނާނެ އެއްޗެއް ނޭނގި ހުރެ މަޑުމަޑުން ބޯޖަހާލިއެވެ. ” އެއީ ކޮން ކުއްޖެއް ” ޔައިނާއާއި ޔަޒަކްއަށް އެއްފަހަރާއި އަހާލެވުނެވެ. އެވަގުތު ކައިރާ އާއި ކައިލްގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ.
” އެ ކުއްޖާ އާ އެކޭ ބުނެފިއްޔާ ބުނާނަން ” ޔާދިން އޭނާގެ މަންމައާއި ދޮންބެ އުޅޭ ގޮތުން ހިނިއައިސްފައި ހުރެ ބުނެލިއެވެ. ” ދެން މަންމަގެ ޔާދިންއަށް ނޫނެކޭ ބުނާނީ ކާކުތަ؟ ” ޔައިނާ ޔާދިންގެ ޖަވާބުން ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. ޔާދިން މަންމަމެނަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ. ޔާދިން ފަހަތުން ޔަޒަކް ހިނގައިގަތީ ޔާދިންގެ ޕަރީއަކީ ކާކުކަން ބުނީމަ ނޫނީ ދުލެއް ނުކުރާނަމޭ ބުނަމުންނެވެ. ޔައިނާ އެދެކުދިންގެ ހަރަކާތަށް ބަލަމުން ހީލައިފައި ދެ ފަރާތަށް ބޯހޫރުވާލިއެވެ. ޔާދިންއަކީ މިޒާޖުގެ ގޮތުން މަޑުމައިތިރި ބަސްމަދު ކުއްޖެކެވެ. ނަމަވެސް ޔަޒަކްއަކީ ޔާދިންގެ އިދިކޮޅޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޔައިނާ އެންމެ އުފާވަނީ އޭނާގެ ދެ ކުދިން އުޑާ ބިމާހައި ތަފާތުވިނަމަވެސް އެހައި ގުޅިގެން އެކުވެރިކޮށް އުޅޭތީއެވެ.
ޔައިނާ ފޯނުން އެކުވެރިއަކަށް ގުޅައިގެން އިންދައި ޔައިނާގެ ބޭބެ ކަމަށްވާ ކަރީމް އައިސް ގެއަށްވަނެވެ. “އަހަ ދޮންބޭ.. ކޮން ދަތުރެއް؟ ” ޔައިނާ ހީލަމުން އަހާލިއެވެ. ” ހަމަ ވަދެލީ.. ކުދިން ކޮޅު ކިހިނެތް؟ އަދިވެސް ޔާދިން މީހަކާ އިންނާކަށް ނުވޭތަ؟.. ” ކަރީމް އެތެރެއަށް ވަންނަމުން އަހާލިއެވެ. ޔައިނާ ހީލާފައި އެންމެންވެސް ރަނގަޅުކަމުގައި ބުނެލިއެވެ. އަދި ޔާދިންއަށް ކުއްޖަކު ކަމުގޮސްގެން އުޅޭ ވާހަކަ ބުނެލިއެވެ. އަދި އެކުއްޖަކު މީހަކާ އިންނަން ވީމަ އެނގޭނީ އެކުދިންނަށް ކަމުގައި ބުންޏެވެ. ކަރީމްވެސް އެހެންހޭ އަހާލުމަށްފަހު ޔައިނާގެ ފިރިމީހާ ޝަރީފް އައުމުން ކޮފީއަކަށް ދާން ހިނގާށޭ ކިޔާ ހިނގަށްޖެއެވެ.
****
މައިރީން އިނީ މަޔާން އެރޭ ގެއަށް އައުމުން އުނދަގޫވެފައެވެ. މަޔާން އެއައީ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްޓަކައި ފުވައްމުލަކުގައި ދެ މަސްދުވަސް ހޭދަކޮށްފައެވެ. މާކިން އިނީ މަޔާން އެމީހުނަށް ހަދިޔާ ގެނައުމުން މަޔާން ގާތުގައެވެ. ނާއިންއާއި ޝިޔާމާ އަދި ރިޔާޒް ދިޔައީ މަޔާންއާއި ވާހަކަ ދައްކަމުންނެވެ. ޝިޔާމާ ދިޔައީ މަޔާން ޓްރެއިނިން އިން އައިއިރު ހިކިފައި ހުރުމުން ޝަކުވާ ކުރަމުންނެވެ. ” ދެން މަންމާ.. އެމީހުން މަންމަ ހާ މީރުކޮށް ނުކައްކައޭ.. ” މަޔާން އަކުރު ތަކަށް ދަމާލަމުން ބުނެލިއެވެ. އެމީހުނަށް މައިރީން ނުފެންނަ ފަދައެވެ. މައިރީންއަށް ދިޔައީ ބާކީވުމުގެ އިހްސާސް ކުރެވެމުންނެވެ. ” ދެން މަންމަމެންގެ ފޭވް އައީމަ މިގޭގަ އުޅޭ ކުޑަ ބޭބީގެ މަތިން ހަދާންނެތުނީތަ..؟ މިހާރުވެސް އެހުރީ ރޮވެންވެފައި..” ނާއިން ސަމާސާ ރާގަކަށް ބުނެލިއެވެ. މައިރީން ގާތަށް އައި ރުޅިން ސޯފައިގައި އޮތް ކުޝަން ނާއިންއާއި ދިމާލަށް އެއްލާލަމުން ކޮޓަރިއަށްވަނެވެ.
(ނުނިމޭ)
رمضان مبارك ހުރިހާ ކުދިންނަށް… މި ޕާޓްވެސް ހުރިހާ ކުދިންނަށް ކަމުދާނޭ ކަމަށް އުންމީދުކުރަން❤
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







Ramadan mubarak butterfly 🦋
Mi part ves vrh reethi
Masha Allah❤️