” ޢަލީ! ” ދަތުރު ނިންމާލުމަށްފަހު ޢަލީ ފާލަމުން ފައިބައިގެން ދަނިކޮށް އޭނަގެ ރައްޓެހި އަޙްމަދު ގޮވާލިއެވެ.
” އަހަން އަޙްމަދު… ކޮބާ ކިހިނެތް؟ ” ޢަލީ ހިނިތުންވެލަމުން ސުވާލުކުރިއެވެ.
” ތި ވާހަކަ ދެއްކޭކަށް ނެތޭ… އަވަހަށް ހިނގާބަލަ ތި ގޯތިދޮށަށް!! ” އަޙްމަދު އެހެން ބުނުމުން ކަމެއް ގޯސްވެއްޖެކަން ޢަލީއަށް އެނގުނެވެ. އަތުގައި އޮތްހާ އެއްޗެއް ވިއްޔާ އެއްލާލާފައި އަޙްމަދަށްވުރެ ކުރިން އޭނަ ގެޔަށް ވަތް އިރު ގޯތިތެރެއަށް މީހުން އެއްވެފައި އޮތެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގެން އޭނަ ގޭގެ ދޮރުމައްޗަށް ދިޔަ އިރު ފިހިގެން ފުރާނަ ގޮސްފައިވާ އޭނަގެ ލޯބިވާ އަންހެނުން އައިމިނަގެ ގައިގައި ފޮތިގަނޑު އަޅަނީއެވެ. ޢަލީއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ވަގުތުން މީހާގެ ހޭ ހުސްވެ ބިމަށް ދެމިގެން ދިޔައެވެ.
—
” ޢަލީ..؟ ” ފަށްޖެހި އެނދުގައި އޮތް ޢަލީއަށް ތެދުވެވުނީ ކައިރީގައި އިން މުދިންބެ ގޮވާ އަޑަށެވެ. އޭރު މުދިންގެ ލުޤުމާނު އަތުގައި ތަސްބީހައެއް އޮތް އިރު ދާދި ގާތުގައި ހުރި ރުނބައެއް ފާޑު އެއްޗަކުން އޭނަ ފެން ތައްޓެއް ނަގަނީއެވެ.
” ކޮޔެ ކިހިނެތް މިހާރު؟ މިހާރު ތިހެން ހޭނެތިފައި އޮންނަތާ ވެސް މިއަދަށް މިވީ ފަސްދުވަސް ” މުދިންބެ ޢަލީ ކުރެ ސުވާލުކުރިއެވެ. ޢަލީ މުދިންބެގެ ގެޔަށް ގެނެވުނީ ރުކުގޭގައި ހިނގާދިޔަ އާދަޔާ ހިލާފު ދެމަރާއިއެކުއެވެ. ހަސްނާ ފެންގަނޑު ތެރޭގައި ގެންބިގެން މަރުވި ހާދިސާއާއި އައިމިނަ ގައިގައި ރޯވެގެން މަރުވި ހާދިސާގައި މީހުންގެ ސުވާލުތައް އުފެދޭތީއެވެ. މިއޮތް ހުރިހާ ދުވަހު ހުރި ފެންގަނޑަކަށް ހަމަ އެދުވަހު ވެއްޓި ހަސްނާ މަރުވީ ކިހިނެތް ހެއްޔެވެ؟ މިއޮތް ހުރިހާ ދުވަހު ރަނގަޅަށް ދަރު ބަދިގޭގައި މަސައްކަތް ކުރަމުން ދިޔަ އައިމިނަ ހަމަ އެދުވަހު ރޯވެގެން މަރުވީ ކިހިނެތް ހެއްޔެވެ؟ ވުމާއެކު އެތައް ބަޔެއްގެ ލަފާގެ މަތިން ސިހުރު އެއާއިލާގެ މެންބަރުންނަށް ނުވަތަ ގެޔަށް ހަދާފައިވާހެން ހީވާތީއެވެ.
” ކިހިނެތްވެގެންތަ މިހެން މިވީ؟ ” ޢަލީއަށް މުދިންބެއަށް ބަލާލާފައި ރޮއެގަނެވުނެވެ.
” ހިތްވަރު ކުރޭ ޢަލީ… އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… ” ލުޤުމާނު އޭނައަށް ހިތްވަރު ދިނުމުގެ ގޮތުން ޢަލީގެ ކޮނޑުގައި އަތްބާއްވާލިއެވެ. އަދި ޢަލީގެ ކަންފަތްދޮށުގައި ސިއްރު ސިއްރުން ކޮންމެވެސް ވާހަކައެއް ބުނެލިއެވެ.
” ކަތީބް…؟ ” ކުއްލިއަކަށް ޢަލީގެ ހިތަށް އެރި އެއްޗަކުން އޭނަ ފަށްޖެހި އެނދުން ތެދުވިއެވެ. އަދި އަވަސް އަވަހަށް އެގެއާއި ދާދި ގާތުގައި ހުރި ކަތީބުގެ ގެޔަށް މިސްރާބު ޖެހީ މުދިންބެ ގޮވަ ގޮވާ ހުއްޓައެވެ.
—
” ކަތީބް! ” ޢަލީ ކަތީބްމެންގޭގެ މެދުގޯތީގައި ހުރެގެން ގޮވަމުން ދިޔައެވެ.
” ކިހިނެތްތޯވީ؟ ” ކަތީބްގެ އަންހެނުން މަރިޔަމްމަނިކޭ އޭނަގެ މާމަ ކުއްޖެއް އުރާލައިގެން މެދު ގެއިން ބޯ ދިއްކޮއްލިއެވެ.
” ކަތީބު އެބަ އުޅުއްވާތޯ؟ ” ޢަލީ އަނެއްކާ ވެސް އައި ބޭނުން ބުންޏެވެ. މަރިޔަމްމަނިކޭ އާނއެކޭ ބުނެ ބޯޖަހާލަމުން އޭނަ އިޝާރާތްކޮއްލީ ބިއްދޮށު ފަރާތަށެވެ. ޢަލީއަށް ކަތީބް އިނީ އެގޭގެ ބޮޑު އުނދޯލީގައިކަން އެނގުމުން އެދިމާއަށް ހިނގައިގަތް އިރު ކަތީބް އިނީ ދުފާށެވެ.
” ކަތީބް! ކިހިނެތްތަ މިވަނީ؟ ކަތީބް އެވާހަކައެއް ދެއްކިފަހުން އަހަރެންގެ މުޅި ގޭ ވިއްސި ވިހާލި ވެއްޖެ. ސިހުރު ޖެހިގެން އަނބިމީހާއާއި ދަރިއެއް ނެތް. ގެ މުޅި ފަޅުވެއްޖެ. ހުސް ގެއެއްގައި އަހަރެން ކިހިނެތް އުޅޭނީ؟ ކިހިނެތް އަަހަރެން އެންމެ ލޯބިވާ ދެމިހުން ނެތި ދިރިއުޅޭނީ؟ ” ޢަލީގެ އަޑުގައިވީ ރުޅިއަށްވުރެ ހިތާމައިގެ ރާގެވެ. އާނއެކެވެ. ކުއްލި ގޮތަކަށް ލޯބިވާ އަނބިމީހާއާއި ދަރިފުޅު މިދުނިޔެ ދޫކޮށް ދިޔައީ ކޮންފަދަ ހާލެއްގައި ކަމެއް ވެސް އޭނައަކަށް ނޭނގެއެވެ.
” އެހެންވެގެން ވީކަމެއްތަ އެއީ؟ ” ކަތީބް ސިހިފައި ދެލޯ ބޮޑުކޮއްލަމުން އަހާލިއެވެ. ހީވާ ގޮތުން އޭނައަށް އެވާހަކަތައް އެނަގައިގަނެވުނީ އަދި ކިރިޔާއެވެ.
” އެހެން ނޫނީ ކިހިނެތް؟ ކުއްލިއަކަށް ހަމަ އެވާހަކަ ދެއްކިފަހުން އެކަހަލަ ކަމެއް ވާނީ؟ މުދިންބެ ބުނި ގޭގެ އުޅޭ އެންމެނަށް ސިހުރު ޖެހިފައިއޭ ވަނީ. އެކަމަކު އެއީ ގެޔަށް އަސްލު ހަދާފައިވާ ސިހުރެކޭ… އޭނަ އެންމެ ފުރަތަމަ އެގެޔަށް ވަތް ވަގުތު ވެސް އެކަހަލަ ކަމެއް އިހުސާސްވިޔޭ… ގޭގެ ދަހިވެތިކަމުގައި އުޅުނީ އެންމެ މީހެއް. އެބުނާ ފަރީދުއެއް! ” ޢަލީ ކަތީބްއާއި ދިމާއަށް ހަޅޭލަވައިގަތުމުން ބިރުން ގޮސް ގޭތެރެއިން ދެކުއްޖަކު ރޮއެގަތް އަޑު އިވުނެވެ.
” އެކަމަކު އަހަރެން ނުވެސް ދެނެހުރިން އޭނަ އެއީ އެކަހަލަ މީހެއްކަމަކަަށް. އަހަންނަށް އަދި މި އެނގުނީ ކީއްވެގެންކަން އެއީ. ސިޓީއަކުން ޢަލީ ގެ ނުވިއްކާނެ ވާހަކަ ބުނީމައި ފަހުން ރައްދުގައި ދެން އެންމެ ރަނގަޅުކަމަށް ބުނުމުން އަހަރެން ހީކުރީ އެހިސާބުން އެމައްސަލަ އެނިމުނީ ކަމަށް. އަހަރެންނަށް މާފު ކުރޭ ޢަލީ.. އަހަރެން އެބުނާ މީހެއްގެ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވަން. އެކަމަކު ނޭނގި ނަމަވެސް އެހެން ގޮތަކުން ވެސް ކަމެއް ކުރެވިފައިވާނަމަ މައާފަށް އެދެން… ” ކަތީބްގެ އާދޭހާއިއެކު ބުންޏެވެ.
ކަތީބްއަކީ ރަނގަޅު މީހެކެވެ. އޭނަ ދުވަހަކު ދޮގެއް ހެދި ކަމެއް އަޑުއެހި އަދި ދުށް މީހަކު އެރަށުގައި ނުހުންނާނެއެވެ. ހުރިހާ ކަމެއްގައި ވެސް ރައްޔިތުންނަށް އެހީވާން ކަތީބް އަބަދުވެސް ހުންނާނީ ތައްޔާރަަށެވެ. ވުމާއިއެކު އޭނަ އެބުނީ ތެދެކެވެ. ނަމަވެސް ފިރިހެނަކަށް ވިޔަސް ފިރިހެނުންނަކީ ވެސް ހާލަތްތަކުގައި ހިތްބަލިކަށިވާ ބައެއް ކަމުން ޢަލީއަށް ރޮއެގަނެވުނީއެވެ.
—
މާޔޫސްކަމާއި ނުތަނަވަސްކަމާއިއެކު ޢަލީ އައިސް ރުކުގޭގެ ދޮރާށީ ހުޅުވާލިއެވެ. ވައި ނުޖެހޭތީ ގަސްތައް ވަޔާ ނުހޫރޭތީ ގޯތިތެރެވަނީ ހަމަހިމޭންކަމުގައެވެ. ޢަލީ މަޑު ހިނގުމެއްގައި ގޮސް މައި ގެޔަަށް ވަންނަ ދޮރު ހުޅުވާލި އިރު އޭނަ ބިރުން ހުރި ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އެހެނަސް އެއީ ސަބަބެއް ނެތިއެއް ނޫނެވެ. ލޯބި އަޑުން ގޭތެރެ އަޑުގަދަ ކުރާކަށް މިއަދު ހަސްނާއެއް ނެތެވެ. ހަސްނާގެ ވާހަކަތައް އަޑުއަހާ ރައްދުދޭކަށް މިއަދު އައިމިނައެއް ވެސް ނެތެވެ. ވުމާއިއެކު ޢަލީ ދެން ބިރުން އުޅެން ޖެހެންވީ އެއްވެސް ސަބަބެއްނެތެވެ. އެމިހުން ނެތް ދުނިޔެއެއްގައި ޢަލީ ހުންނާކަށް ބޭނުމެއް ވެސް ނޫނެވެ.
” ތިގެއަށްވަނީ ކޮންމެވެސް މީހަކު ސިހުރު ހަދާފައި. ސީދާ އަޅުގަނޑަކަށްވެސް ކާކުކަމެއް ބުނާކަށް ނޭނގޭ.. އެކަމަކު ބުނެވޭނީ ގޭގައި ދެން ތިބި މީހުންނަށް ވެސް އޭގެ އަސަރުކޮއްފައިވާކަމަށް. ޢަލީގެ ބޮޑުބެ ހަސަންގެ އަންހެނުން ނާސިރާ ވެސް އައިމިނަ މަރުވި ދުވަހާ ޖެހުނު ދުވަހު ފާޑަކަށް ޖިންނި މޮޔަވެގެން އުޅުނު. މަށަށް ހީވަނީ އޭނަ ހަސްނާ ނިޔާވެގެން އައިމިނަ އެކަނި ވެދާނެތީ އެގޭގައި މަޑުކުރީމައި ކަންނޭނގެ. ތިގޭ އަނެއް ފަރާތަށް އޮތް ދިއްގަރުގޭ ހައްވަ ބުނި ނާސިރާ ހަސްނާ މަރުވި ރޭ އެގޭގައި މަޑުކުރި ކަމަށް. އަޅުގަނޑު މިދިޔަ ފަސް ދުވަހު ފެން ކިޔެވިން ގޭގެ ބޭރު ވަށައިގެން. އެކަމަކު މިފަހަރު އެހެން ސިހުރުތަކަށްވުރެ އެސިހުރުގެ ބާރުގަދަވީމައި ވަކި ހިސާބަކުން ޖެހެނީ ހުއްޓާލަން. އެހެންވެ އަޅުގަނޑު ލަފާދޭނީ މިހިރަ ކައިރީގައި މިއޮތް އޮތް ފަޅުރަށުގައި އުޅޭ ފަންޑިތައާއި ބެހޭ އިބްރާހީމްބެ ކައިރިއަށް ޢަލީ ދާން. ” ޢަލީގެ ހަނދާނަށް އައީ އޭނަ ހޭއެރި ވަގުތު ލުޤުމާނު އޭނަގެ ކަންފަތް ބުޑުގައި ބުނި ވާހަކަތަކެވެ.
ޢަލީ ގޭގެ އެތެރޭގައިވި އުނދޯލީގައި އޮށޯތެވެ. އަދި އިބްރާހީމްގެ ގާތަށް އޭނަ މާދަމާ ދިއުމަށް އަޒުމް ކަނޑައެޅިއެވެ.
—
ފަތިސްވެގެން އައިސް އިރު އެރި އިރު ޢަލީ އިނީ އޭނަގެ ދޯންޏެއްގައެވެ. އޭނަގެ މިސްރާބު އޮތީ ހަނިމާދޫގައި ކައިރީގައިވި ހޮނޑައިދޫއަށެވެ. ސިހުރު ހަދާ މީހެއްގެ ރަށަކަށްވުމުން އެކުގައި އެހީވާން ދާން ލިބުނީ ފަޅުވެރިއަކަށް އުޅެމުން ދިޔަ ކުދީންގެ ތެރެއިން ދެކުއްޖެކެވެ. އެވެސް އިތުރު ގަޑިޔަށް ފައިސާ ދޭވާހަކަ ބުނުމުންނެވެ.
އަލިކަން ވެރިވެފައިވި އުޑުމައްޗަށް ޢަލީ ބަލާލީ ވިއްސާރަ ވިލާތައް ވަށާލާހެން ހީވެގެންނެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. ބޯ ވިއްސާރަ ވިލާގަނޑަކުން އުޑުމަތި ބަނަކޮއްލައިފިއެވެ. އެހެނަސް ޢަލީ އޭނަ މަޤްސަދު ކާމިޔާބުކޮއްފައި ނޫނީ އެނބުރި ރަށަކަށް ނުދާނެއެވެ. ފަޅުވެރި ކުއްޖަކު ދެން ދަތުރު ނިންމާލާފައި އަނބުރާ ދާން ހިނގާށޭ ބުނުމުން ވެސް ޢަލީ އެއްބަހެއް ނުވިއެވެ.
ބަލަބަލާ ހުއްޓާ ވިއްސާރަ ވިލާތަކުން ބޯވާރޭގަނޑު އޮއްސާލައިފިއެވެ. އޮށްގަލުން ތަޅަމުން ދިޔަ ވާރޭގައި ވިޔަސް ޢަލީ ހުރީ ދަތުރު ހުއްޓާ ގޮތަކަށް ނޫނެވެ. ވުމާއިއެކު އޭނަ އެންމެ ސިކުންތު ކޮޅަކުވެސް ހުންގާނުން އަތެއް ދުލެއް ނުކޮއްލައެވެ.
ކުއްލިއަކަށް އައި ނައިތަނެއް ނޭނގި ބިޔަ ބޮޑު ރާޅަކާއި އެކު ދޯނި ބަންޑުން ޖަހާލިއެވެ. ރާޅުގަނޑުގެ ދަށުން ދޯނި އިދިފުށަށް މައްޗަށް އެރި އިރު ފަޅުވެރި ދެމިހުން ވެސް މާގިނައިރެއް ނުވެ މައްޗަށް އަރައިފިއެވެ. ނަމަވެސް ޢަލީގެ ޙަބަރެއް ނުވެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

