” އައިމިނަ. މިއީ ކިހިނެތްވީ ކަމެއް؟ ” ނާސިރާ ކުރިއަށްވުރެ ބޮޑަށް ރޮއެ ގަންނަމުން އައިމިނައާއި ސުވާލުކުރިއެވެ. ހަރަކާތް ހުއްޓިފައިވި އައިމިނަގެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ. އޭނަ ހަސްނާ ކައިރިން ކޮޓަރިން އެއައީ ދެންމެއެވެ. އެތުއްތުކުއްޖާގެ ނިތައް ބޮސްދީފައެވެ. މިވީ ކިހިނެތް ހެއްޔެވެ؟ މިފެންގަނޑުގައި މިއޮތީ އޭނަގެ ދަރިފުޅު ކަމަށް ވަންޏާ އެނދުގައި އެއޮތީ ކާކު ހެއްޔެވެ؟ ރޭގައި ފާޙާނައަށް ވަދެފައި އައި ފަހުން ހަސްނާގެ ދެލޮލުން ތަފާތުކަމެއް ފެނުނީ އެއީ ހަސްނާއަށް ނޫން ވީމައި ހެއްޔެވެ؟ ސުބްހާނަﷲއެވެ. އެއީ ހަސްނާގެ ސިފައިގައިވި ޖިންނިއެއް ހެއްޔެވެ؟
—
މެންދުރު ނަމާދުގެ ފަހުގައި ހަސްނާގެ ކަށުނަމާދު ކުރެވި އެކުއްޖާ ވަޅުލެވުނެވެ. އެއިރުންސުރެ ހަރަކާތް ހުއްޓިފައި އިން އައިމިނަގެ ހަރަކާތް އަދިވެސްވަނީ ހުއްޓިފައެވެ. އަޑު އިއްވައިގެން ނުރުޔެއްކަމަކު އެދެލޮލުން ކަރުނަ ފޭބުން ނުހުއްޓެއެވެ. އެތައް ބަޔަކު އައިމިނައަށް ހިތްވަރު ލައިދެމުން ދިޔައެވެ.
—
އިރުއޮއްސެން ކައިރިވެފައިވުމުން ނާސިރާ ނޫން އެހެން އެންމެން އެމިހުންގެ ގެތަކަށް ދިޔައެވެ. ނާސިރާގެ އާއިލާއަކީ ޢަލީގެ ދުނިޔޭގައި ހުރި ހަމައެކަނި އާއިލާއެވެ. ޢަލީގެ މަންމަ އާއި ބައްޕަވަނީ ބޮޑު ބައްޔެއްގައި ޢަލީގެ އުމުރުން ވަރަށް ކުޑައިރު ނިޔާވެފައެވެ. ވުމާއެކު އޭނަގެ އެއްބަނޑު އެއްބަފާ އިތުރު މީހަކު ނުހުރެއެވެ.
ނާސިރާއަކީ ބޮޑުބޭބެގެ އަންހެނުންނަށް ވުމާއިއެކު އައިމިނަ އެކަނި ވާތީ އޭނާ މަޑުކުރީއެވެ. ނާސިރާގެ އެތަކެއް އާދޭހަކާއި ހިތްވަރާއިއެކު އައިމިނަ ނާސިރާގެ އެހީގައި ފެންވެރިއެވެ. އަދި އައިމިނައަށް ކާންދީ ހެދުމަށްފަހު އޭނަ ނިދުމަށް އެނދުގައި ބާއްވާދީފައި ނާސިރާ ނުކުތީ މައިގޭގެ އުނދޯއްޔަށެވެ.
އެނދުގައި އޮވެގެން އަނެއްކާވެސް އައިމިނައަށް ރޮވެން ފެށުނެވެ. އެހާ ދުވަހުން ލިބުނު ލޯބިވާ ދަރިފުޅު މިދުނިޔެއާއި ވަކިވެގެން ހިނގައްޖެއެވެ. އެދަރިފުޅު ލޯތްބާއިއެކު މަންމައަކަށް ދެން ނުގޮވާލާނެއެވެ. އެދަރިފުޅު ރޮއެ އަދި ހީހަދާ އަޑެއް ދެނެއް ނުއިވޭނެއެވެ. އެދަރިފުޅު ޝަކުވާކޮށް ބޭނުންވަނީ ކޯޗެއްކަމެއްވެސް ދެން ނޭނގޭނެއެވެ. ތާ އަބަދުމެ އަބަދަށް މިދުނިޔެއިން ދެން އެދަރިފުޅުގެ ނިޝާންތައް އެފުހެވުނީއެވެ.
—
އާދުވަހަކަށް އިރު އެރީ އައިމިނައަށް ހިތާމައާއި އެކުގައެވެ. ރޭގައި ވެސް ރަނގަޅަކަށް އޭނައަށް ނުނިދުނެވެ. ހަސްނާގެ ހަނދާންތަކާއި ބިރުވެރި ހުވަފެނުން ރޭގައި ވީ ނިދިއާއި ހަނގުރާމަކުރަން ޖެހުނު ރެއަކަށެވެ. ނަމަވެސް މިއަދު ޢަލީ އަންނާތީ އޭނައަށް ކާން ތައްޔާރު ކުރުމަށް ގޭގެ ބިއްދޮށުގައިވާ ރާނާފައިވާ ބަދިގެ ނޫން ދަރު ބަދިގެޔަށް ވަނެވެ. ޢަލީއަށް މީރީ ދަރު އުނދުނުން ކައްކާ އެއްޗެއްސަށް ވީމައެވެ. ބަދިގޭގައި އައިމިނައަށް އެހީވުމަށް ނާސިރާ ވެސް ހުއްޓެވެ. އިއްޔެއިން ސުރެ އައިމިނައާ ދުރަކަށް ނާސިރާ ނުދެއެވެ. ރޭގައި ނާސިރާ ނިދީވެސް އެގޭގެ އުނދޯލީގައެވެ.
ނާސިރާ ބަދިގެ ތެރޭގައި ހޫނުވާތީވެ ޖޯއްޔަށް ބަނބުކެޔޮ މަށަން ނުކުތީ ކަމެއް ވެއްޖެޔާ ގޮވާށޭ ކިޔާފައެވެ. އެ އިރު އައިމިނަ އުޅެނީ ބަތްޕެން ކައްކަން އުދާށެވެ. ހަނޑުލާއި ފެން އަޅާފައި އުނދުން މަތީގައި ބަހައްޓަން އުޅެފައި އޭނަ ހުޅުގަނޑަށް ބަލާލިއެވެ. އުނދުނުގެ ހުޅުގަނޑު މަދެވެ. އޭނަ ބަތްޕެންތަށީ މޭޒުމަތީގައި ބަހައްޓަމުން އައިމިނަ ގޮނޑިއަކަށް އަރައި މަތިން ރަނގަޅު ދަރުކޮޅެއް ހޯދަމުން ދިޔައެވެ. ކުއްލިއަކަށް ދަރުތައް ބަހައްޓާފައި ހުރި ދިމާލުން ހަތަރެސްފައި ޖަހައިގެން އޮތް އެއްޗެއް އައިމިނައަށް ފެނުނެވެ. ސިފަ ވަކިނުވާ ކަޅު އެތިގަނޑެއް ކަހަލަ އެއްޗެކެވެ. އައިމިނަ ބަލަބަލާ ހުއްޓާ އެއެއްޗެއް ދެލޯ ހުޅުވާލިއެވެ. ބިރުން ގޮސް އައިމިނަގެ ހިތް ހުއްޓުނު ކަހަލައެވެ. އަވަސް އަވަހަށް އައިމިނަ ގޮނޑިން ފައިބަން އުޅެނިކޮށް އެއެއްޗެއް އައިމިނައާއި ދިމާއަށް ފުންމައިގަތުމުން ފައި އަރި އަޅާލައިގެން މޫނު ގޮސް ޖެހުނީ ރޯކޮއްފައިވާ އަލިފާންގަނޑުގައެވެ. ގައިގައި ރޯވަމުން ދިޔަ އަލިފާނަށް ކެތް ނުވެގެން އައިމިނަ ފަހަރަކު ބިތެއްގައި ޖެހެމުން ދިޔައެވެ. ފަނުން ބައްދާފައިވާ ފަންތަކުގައި ވަގުތުން އަލިފާން ރޯވެގެން ދާން ފެށިއެވެ. އައިމިނަ ރޮއެ ހޭރެމުން ދިޔަ އަޑެއް ނާސިރާއަކަށް ނީވެއެވެ.
” އައިމިނާ! ކޯޗެއްތަ ތިހަދަނީ؟ ހާދަ ދުމެއް އެބަ އަރައޭ…” ރުކުގެ ފުރަގަހަށް އޮންނަ ދިއްގަރުގޭ ހައްވައާއި އެގެޔާއި ޖެހިގެން ހުރި ހިތާގެ މުނީރާ ވެސް އައިސް ގޯތިތެރެއަށް ވަނެވެ. ނާސިރާ ހައިރާންވެފައި ހައްވައާ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު ދެމިހުންނަށް އެއްޗެއް ވިސްނިގެން ބަދިގެޔާއި ދިމާއަށް ދުއްވައިގަތެވެ. ފަހަތުން މުނީރާ ވެސް އައެވެ. ކަމަކުދާކަށް ނެތެވެ. މުޅި ދަރު ބަދިގޭގާއި އަލިފާން ރޯވެގެން މިހިރަ އަނދަނީއެެވެ. ހައްވައާއި ނާސިރާ ތެއްޔަށް ފެން އަޅައިގެން ޖަހަމުން ދިޔަ އިރު މުނީރާ ރަށުގެ ރައްޔިތުންނަށް އެހީވާން ގޮވަމުން ދިޔައެވެ.
ބަދިގޭގައި ރޯވި އަލިފާންގަނޑު ނިވިގެން ދިޔައީ ބަދިގެ އެއްކޮށް އަނދާ ހުލިވެ އައިމިނަ ވެސް އަލިފާނާއިއެކު ފިހިގެންނެވެ.
—
” ޢަލީ! ” ދަތުރު ނިންމާލުމަށްފަހު ޢަލީ ފާލަމުން ފައިބައިގެން ދަނިކޮށް އޭނަގެ ރައްޓެހި އަޙްމަދު ގޮވާލިއެވެ.
” އަހަން އަޙްމަދު… ކޮބާ ކިހިނެތް؟ ” ޢަލީ ހިނިތުންވެލަމުން ސުވާލުކުރިއެވެ.
” ތި ވާހަކަ ދެއްކޭކަށް ނެތޭ… އަވަހަށް ހިނގާބަލަ ތި ގޯތިދޮށަށް!! ” އަޙްމަދު އެހެން ބުނުމުން ކަމެއް ގޯސްވެއްޖެކަން ޢަލީއަށް އެނގުނެވެ. އަތުގައި އޮތްހާ އެއްޗެއް ވިއްޔާ އެއްލާލާފައި އަޙްމަދަށްވުރެ ކުރިން އޭނަ ގެޔަށް ވަތް އިރު ގޯތިތެރެއަށް މީހުން އެއްވެފައި އޮތެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގެން އޭނަ ގޭގެ ދޮރުމައްޗަށް ދިޔަ އިރު ފިހިގެން ފުރާނަ ގޮސްފައިވާ އޭނަގެ ލޯބިވާ އަންހެނުން އައިމިނަގެ ގައިގައި ފޮތިގަނޑު އަޅަނީއެވެ. ޢަލީއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ވަގުތުން މީހާގެ ހޭ ހުސްވެ ބިމަށް ދެމިގެން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Masha Allah 😍 vrh interesting and reethi keep it up