ތަޤްދީރު 16 ވަނަ ބައި
” ބައްޕާ ” މާދަން އަހަރުމެން މާފުއްޓަށް ދިޔަސް އޯކޭތަ؟ ” ޝުހާދު އައިސް ސޯފާގައި އިށީންނަމުން އަހާލިއެވެ. ” އެކީއްކުރަން ” ތައުފީގު އަހާލިއެވެ. ” އެއީ ކުލާސްމޭޓެއް އެ ރަށަށް ދާން ހިނގާށޭ ބުނީމާ ” ޝުހާދު ބުނެލިއެވެ. ” އެކަމަކު ދަރިފުޅާ. މިދުވަސްކޮޅު އެހާ ރަނގަޅެއް ނުވާނެދޯ އެހެން ގޮސް އުޅޭކަށް ” ސަކީލާ ޝުހާދުގެ ވާހަކަ އަޑުއަހަން އިދެފަ ބުނެލިއެވެ. ” މަޑުމަޑުން ކަންތައްތައް ހަމަޔަކަށް އެޅެމުންދަނީ އެއްނު. އެހެން ނޫނަސް އެ ރަށުގަވެސް ކުދިކުދި ކަންތައްތަކެއް ފޮލޯކޮށްލަން ޖެހެނީ ” ޝުހާދު ބުނެލިއެވެ. ” އެހެން ވިޔަސް ހެޔޮ. ދާނެ ކަމެއްނެތް ” ސަކީލާ ނުރުހޭ ފާޑަކަށް ބުނެލިއެވެ. ” ޕްލީޒް ބައްޕާ ” ޝުހާދު ބުނެލިއެވެ. ” ކިތައް ދުވަހަށް ދާން ތިއުޅެނީ ” ތައުފީގު އަހާލިއެވެ. ” ދެތިން ދުވަހަށް ” ޝުހާދު ބުނެލިއެވެ. އެވަގުތު ސަކީލާ ތައުފީގަށް ބާލާލާފަ ބޮލުގެ އިޝާރާތުން ނޫނޭކޭ ބުނެލިއެވެ. ” މިހާރު މިހެން ތާކަށް ވެސް ނުދާތާ ކިހާ ދުވަހެއްވެއްޖެ. އެހެންވެ ހަމަ ގޮސްލަންވެގެން. ޕްލީޒް ބައްޕާ ” ޝުހާދު އާދޭސްކުރާ ރާގެއްގައި ބުނެލިއެވެ. ” އެންމެ ރަނގަޅު ދޭ. އެކަމަކު އެރަށުގަ އާންމުކޮށްފަ އޮތް ކޮންމެ އުސޫލަކަށް އަމަލުކުރަންޖެހޭނެ. މާ ކުޑަކަމެއް ކަމަށް ދެކިގެން ފަރުވާ ކުޑަ ކޮށްގެން ނުވާނެ ” ތައުފީގު ބުނެލިއެވެ. ތައުފީގު ޖަވާބުން ސަކީލާއަށް ނުތަނަވަސްކަން ލިބުނެވެ. އެވަގުތު ތައުފީގު ސަކީލާގެ އަތުގައި މަޑުކުރާށޭ ބުނާފަދަ ގޮތަކަށް ހިފާލިއެވެ. ” ތޭކްސް ބައްޕާ ” ޝުހާދު މިހެން ބުނެ އުފަލުން ކޮޓަރިއަށް ގޮސް ވަނެވެ.
” ކީކޭ ބައްޕަ ބުނީ ” ޝުހާދު އައިސް ކޮޓަރިއަށް ވަނުމުން ވިދާން އަހާލިއެވެ. ” ބައްޕަ ބުނީ ދާނެކަމެއް ނެތޯ ” ޝުހާދު ދޮރު ލައްޕާލާފަ އަލަމާރިއާ ދިމާއަށް ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. ” ހީވެއްޖެ ބައްޕަ އެއްބަސް ނުވާނެހެން ” ވިދާން އެނދުގައި އިށީދެލަމުން ބުނެލިއެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާގައި އަޝްފާގު އިށީދެލައިގެން އިނެވެ. ” ދެން ކީއްކުރާނީ. ސާމީގެ ގާތުގައި ބުނާނެ އެއްޗެއް ވެސް ނޭންގެ ” ޝުހާދު ބުނެލިއެވެ. ” ނޫނޭ ވާ ތީ މޮޅު އެކްޓަރެއް. ހިތަށް މިއަރަނި އަހަރެންނަށް މި އިދެވެނީ އޮލިމްޕަހުގަ ފިލްމެއް ބަލަން ބާއޭ ” ވިދާން ދިމާކުރާ ފާޑަކަށް ބުނެލިއެވެ. ” މިހާރު ކިހިނެއްވީ. އެކްޓު ކުރަން ނޭންގުނަސް ބައްޕަ ބުނި ގޮތަށް އަހަރެން މިބުނީ ” ޝުހާދު ހީވެސް ނުލާ ބުނެލިއެވެ. ” ތާހިރު ފާޑަކަށް ދޮގެއް ހަދަންވެސް ނޭންގޭ އިރު، ކޮންހާ ބޭކާރު ވާހަކައެއް ތި ދައްކަނީ. ބައްޕަ ގާތުގަ ޕްލީޒް… ޕްލީޒް ކިޔާފަ ދެއްކި ވާހަކަ އަހަރުމެން އަޑު އަހާފަ މިތިބެނީ، ކޮޓަރިއަށް އައިސްފަ ޖައްސާ ޑްރާމާ ބަލަން ” އެނދުމަތީގައި އޮތް ބާލީސް ނަގާ، އަލާމާރި ކައިރީހުރި ޝުހާދާ ދިމާއަށް ހޫރާލަމުން ވިދާން ބުނެލިއެވެ. އެހާ ހިސާބުން ޝުހާދު ހިފެހެއްޓި ހިނިގަނޑު ވެސް ކެއްނުވެގެން ދޫކޮށްލިއެވެ. ” ނޫނޭ ޖާސޫސު ކުރަންވެސް މޮޅުބައެއްމީ ” ވިދާން ހޫރާލި ބާލީހުގައި ހިފަމުން ޝުހާދު ބުނެލިއެވެ. ” އެއީ ޖާސޫސު ކުރުމެއްނޫން. އެއީ ބުއްދިވެރިން ކަންތައް ކުރާ ގޮތް ” ވިދާން ބުނެލިއެވެ. ” އެހެންވީމާ ތިބުނީ އަހަރެންމީ ބުއްދިވެރިއެއް ނޫނޭދޯ ” ޝުހާދު ބާލިސް ހިފައިގެން އައިސް އެނދުގައި އިށީދެލަމުން ބުނެލިއެވެ. ” ދެން އެހެން ކަމަށް ހީކޮށްލާ ” ވިދާން ހެމުން ބުނެލިއެވެ. ” ދެން ތި ދެމީހުން ތަޅާފޮޅާނެކަމެއްނެތް. ކޮންއިރަކުން ސެލޫންއަށް ދަނީ ” ސޯފާގައި އިން އަޝްފާގު އަހާލިއެވެ. ” މިހާރުވެސް ހަމަ ދާންވީ ” ޝުހާދު ބުނެލިއެވެ.
” ކީއްކުރަންތަ އެ ކުދިން ދަތުރުދާން އެއްބަސްތިވީ ” ޝުހާދު ދިޔުމުން ސަކީލާ ބުނެލިއެވެ. ” އެކުދިންވެސް އަބަދު އެހެން ގޭގަ ތިބެންވީމާ ފޫހިވާނެދޯ. އެހެންވެ ދާށޭ މިބުނީ ” ތައުފީގު ބުނެލިއެވެ. ” އެކަމާ އެހާ ވަރަށް ފިކުރު ބޮޑު ނުވެބަލަ. އަހަރެންނަށް އެކުދިން ގޯސްކަމެއް ނުކުރާނެކަން ޔަގީން ” ތައުފީގު ސަކީލާއަށް ބަލާލަމުން ބުނެލިއެވެ.
ހެނދުނު ހެނދުނާ ތިން އެކުވެރިން ދަތުރު ދިޔުމަށްޓަކާ ތެދުވެ ތައްޔާރު ވެލިއެވެ. އަދި ސަކީލާ ސައި ހަދާފަ ހުރުމުން ސައިބޯންވެގެން ކާމޭޒު ކައިރިއަށް އައިސް ގޮޑީގައި އިށީދެލިއެވެ. ” ކޮންއިރަކުން ފުރަނީ ” ތިން އެކުވެރިން އައިސް މޭޒު ކައިރީ ހުރި ގޮޑީގައި އިށީނުމުން ތައުފީގު އަހާލިއެވެ. ” 9 ޖަހާއިރު ފުރާވާހަކަ ބުނީ. އެކަމަކު 08:30 ވާން ވާއިރަށް އަންނަން ބުނެފައިނީ ” ޝުހާދު ތައުފީގަށް ބަލާލަމުން ބުނެލިއެވެ. ” އެންމެ ރަނގަޅު. ތިން ކުދިން އެކީގަ ތި ދަނީ. ވަރަށް ބަލައިގެން އުޅޭތި. ހަނދާންކޮށް ހެދިފަހުރި އުސޫލުތަކާ، ގަވައިދުތަކަށް އަމަލުކުރަން ހަނދާން ނައްތާނުލާތި ” ތައުފީގު ނަސޭހަތުގެ ރާގެއްގައި ބުނެލިއެވެ. ” ތިހުރިހާ ކަމަކަށްވެސް އަހަރުމެން އަމަލުކުރާނަން ” ޝުހާދު މިހެން ބުނެލުމުން ވިދާނާ، އަޝްފާގުވެސް އާއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލިއެވެ. ” އެބަ ރަނގަޅުވޭ ” ތައުފީގު ގޮޑިން ތެދުވެގެން ކޮޓަރިއާ ދިމާލަށް ދަމުން އަޝްފާގުގެ ބޮލުގައި އަތްހާލަމުން ބުނެލިއެވެ.
އެންމެން މާފުއްޓަށް ފައިބައިގެން އެއްގަމަށް ހިނގައިގަތެވެ. ” ކޮން ދިމާއަކަށް ދާން މިދަނީ ” ޝުހާދު އަހާލިއެވެ. ” އެހުރީއެއްނު ހޮޓެލެއް. އެތަނަށް މިދަނީ ” ސާމީ ދުރުގައި ހުރި ބުރިބުރިއަށް ނަގާފަ ހުރި ހޮޓެލެއް ދައްކާލަމުން ބުނެލިއެވެ. ” ސަޅިވާނެ ” ވިދާން ބުނެލިއެވެ. ” ސަޅިވާނެ ކަން އެނގޭ. އެހެންވެ އެތަނުން ރޫމް ނެގީވެސް ” ސާމީ ބުނެލިއެވެ. ހޮޓަލަށް ވަދެގެން ގޮސް ކައުންޓަރުން ޗެކިން ވުމަށްފަހު ހުރިހާ އެކުވެރިންތައް ރޫމް ތަކަށް ބަހާލިއެވެ. އަންހެން ކުދިން ވެސް ތިބުމާއެކު، ތިބި ހުރިހާ އަންހެން ކުދިން ވެސް ރޫމްތަކަށް ބަހާލިއެވެ. ” ތި ތިން މީހުން ހުންނަށް އެއްރޫމް ” ސާމީ ޝުހާދަށް ރޫމުގެ ތަޅުދަޑީގެ ގޮތުގައި ބޭނުންކުރާ ކާޑް ދިއްކޮށްލަމުން ބުނެލިއެވެ. ” ހިނގާ އެންމެން ރޫމަށް ދަބަސްތައް ލާފަ ސަޔަށް އަންނަން. ސައިވެސް ރެޑީގަ ހުރީ ” ސާމީ ހިނގައިގަންނަމުން ބުނެލިއެވެ.
އެންމެން ސައިގެ ކަންތައް ނިންމާލުމަށްފަހު ގެސްޓް ބީޗުގެ އެއްފަރާތުގައި އަތިރިއަށް ވާގޮތަށް ހުރި ޖޯލިތަކުގައި އެންމެން އައިސް އިށީދެ ހަމަ ޖެހިލިއެވެ. ” ދެން ކޮންކަމެއް އޮތީ ސާމީ ” ސާމީ އައިސް އެންމެގެ ކުރިމަތީ ހުއްޓިލުމުން ނޫރާ އަހާލިއެވެ. ” އޮތީ ހަމަ މޫދަށް އެރި މަޖާ ކުރުން ” ސާމީ މޫދާ ދިމާއަށް ބަލާލާފަ ބުނެލިއެވެ. ” އޭތް… ނޫން…. މީހާ ހޫނުގަދަ ވަމުން އަންނައިރު މޫދަކަށް ނޭރެވޭނެ ” ވައި ޖައްސާލުމުގެ ގޮތުން މޫނުކައިރީގައި އަތް ހޫރާލަމުން މާއިން ބުނެލިއެވެ. ” އެތެދެއް ސާމީ. މަންޖެ ކަޅުވެދާނެތީ ވަރަށް ބިރުން އުޅެނީ. ވަރަށް ދުވަސް ވަންދެން އަވި ކޮޅެއްގައި ނުޖެހި ގޭގަ އުޅެފި ” ދިމާކުރާ ފާޑަށް ރަހުމާ ބުނެލިއެވެ. ” އާނ… އަސްލު ތިބުނީ ހަމަ ރަނގަޅަށް. ދުވަސްކޮޅުގެ ގޮތުން ވަރަށް ދުވަސް ވަންދެން ގޭގަ ހުރެގެން މީހާ ކުލަ އަލިވީވެސް ” ދެރަ ނުވާންވެގެން މާއިން ބުނެލުމުން އެންމެން އެއްފަހަރާ ބާރަށް ހީގަތެވެ.
އެންމެންވެސް ހުނުމުގަޔާ އެކި އެކި ވާހަކަ ތަކުގަ މަޝްއޫލުވެގެން ތިއްބާ ކުއްލިއަކަށް ވިދާނަށް ދުރުން ޔާނާ ފެނުންހެން ހީވެގެން ޖޯލިން ތެދުވެގެން ހިނގައިގަތެވެ. ” އޭތް… ކޮންތާކަށް ” ވިދާން ދުރަށް ހިނގައިގަތުމުން ސާމީ ބުނެލިއެވެ. ” ތާކަށް ނުދަމޭ… މިހިސާބުގަނޑު ރީތިކަމުން ފޮޓޯއެއް ނަގާލަން މިއުޅެނީ ” މިހެން ބުނެ ވިދާން އެމީހުންނާ ދުރަށް ދިޔައެވެ. ” ހިނގާ ދަތުރުގެ ފޮޓޯ ގެލެރީއެއް ހަދަމާ ” ވިދާން ދުރަށް ދިޔުމުން ސާމީ ޖީބުން ފޯނު ނަގާ ބުނެލިއެވެ. ” ރަނގަޅު ކަމެއްތީ ” އަތްދަބަހުން ޓިޝޫއެއް ނަގާ މޫނު ފޮހެލަމުން މާއިން ބުނެލިއެވެ. ” މަންޖެ މޭކަޕް ކުރާކަށް ނޫނޭ އެބުނީ ” ރަހުމާ މާއިންނާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ” އޭތް… ވިދާން ” ތަންކޮޅެއް ދުރުގައި ހުރި ވިދާނަށް ސާމީ ގޮވާލިއެވެ. ” އާދެބަލަ އިރުކޮޅަކަށް ” ވިދާން ބަލާލުމުން ސާމީ ބުނެލިއެވެ. ” ދުރުގަ ތިބި މީހުން ތަންކޮޅެއް ކައިރި ވެލާބަލަ ” ސާމީ ބުނެލިއެވެ. ” ކިހިނެއްވީ ” ވިދާން އައިސް އަހާލިއެވެ. ” ފޮޓޯއެއް ނަގަން ވެގެން މިގޮވީ ” ސާމީ މިހެން ބުނެލުމުން ވިދާން އައިސް ޖޯލީގައި އިށީދެލިއެވެ.
ފޮޓޯ ނަގާ ނިމުމުން ވިދާން އަނެއްކާ ވެސް އެމީހުނާ ދުރަށް ޖެހިލިއެވެ. ތަންކޮޅަކަށް ދިޔުމަށްފަހު ބަނދަރާ ދިމާއަށް ފޯން ދިއްކޮށްލާ އެހިސާބުގެ ވައިޑް އޭންގަލް ފޮޓޯއެއް ނަގާލިއެވެ. އެއަށް ފަހު ވިދާން މުޅި އެހިސާބު ގަނޑަށް ރަނގަޅަށް ބަލާލިއެވެ. ” އަނެއްކާ އެއީ އަހަރެންނަށް ހީވި ގޮތެއް ނޫންބާ؟ ” ވިދާން ހިތާހިތުން ކިޔާލިއެވެ. ޝައްކުތަކެއް ހިތުގައި އުފެދިފައިވާ ހާލު ވިދާން، ޔާނާ ފެނުން ހެން ހީވިދިމާއަށް ހިނގައިގަތެވެ. ނަމަވެސް ޔާނާއާ ވައްތަރު މީހަކުވެސް އެހިސާބުން ވިދާންއަށް ނުފެނުނެވެ. ” ކުއްލިއަކަށް ކިހިނެއްބާ މިވީ ” ވިދާން އެކުވެރިން ގާތަށް ހިނގައިގަންނަމުން ހިތާހިތުން ކިޔާލިއެވެ. ވަކި ހިސާބަކަށް އައުމަށްފަހު އަނެއްކާވެސް ވިދާން ފަސްއެނބުރި ބަލާލިއެވެ. ވިދާން ދުރަށް ގޮސް ކުރި ހުރިހާ ކަމެއް އެހެން މީހުންނަށް ނޭންގޭ ގޮތަށް ޝުހާދު ދިޔައީ ބަލަމުންނެވެ. އަދި ވިދާން އެމީހުންނާ ދިމާއަށް ހިނގާފަ އަންނަމުން ދިޔައިރު ފަސްއެނބުރި ބެލުމާ، ވިދާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެފަވާކަންވެސް ޝުހާދަށް ފާހަގަ ކުރެވުނެވެ. ފޮޓޯއެއް ނަގާލަން ކަމަށް ބުނެ ވިދާން ދުރަށް ދިޔަ ދިޔުމަކީވެސް ބަހަނާއެއްކަން ޝުހާދަށް ވިސްނާލެވުނެވެ. ނަމަވެސް ވިދާން ދުރަށް ގޮސް ވަށައިގެންވާ ހިސާބު އެހާވަރަށް ބަލާހޯދީ ކޮންކަމެއް ވެގެން ކަމެއް ނޭންގުނެވެ.
” ދެންމިތާގަ އަނގަ ނަގައިގެން ތިބެނީތަ؟ ” ވިދާން އައިސް ބުނެލިއެވެ. ” ވިދާން ބުނެބަލަ ދެން ކުރަންވީ ކަމެއް ” ނޫރާ ބުނެލިއެވެ. ” ހިނގާ ރަށުތެރޭގަ ހިނގާލަން ” ވިދާން ބުނެލިއެވެ. ” މިހާރު ބިޓެއް ނުފެނިގެން މޭ ބޮޑުވީދޯ ” ސާމީ ބުނެލިއެވެ. ” ސާބަސް. މަށެއް ނޫޅެން މީހަކު ނުފެނިގެން ” ވިދާން ސާމީ ކޮށްޕާލަމުން ބުނެލިއެވެ. ” އެތެދެއް ހިނގާ ދެން ހިނގާލަންދާން ” ޝުހާދު މިހެން ބުނެ ޖޯލިން ތެދުވިއެވެ. އެކި ދިމަދިމާއަށް ބަލަމުން، ރީތި ތަނެއް ފެނުމުން ފޮޓޯނަގަމުން އެންމެން އެކީގައި ހިނގަމުން ދިޔައެވެ. މާފުއްޓަކީ ޖަލެއްވެސް ހުންނަ ރަށަކަށް ވުމުން އެންމެން އެކީގައި ހިނގަމުން އަތިރީފަރާތުން ޖަލާ ދިމާއަށް ނިކުތެވެ.
ޝުހާދާ އެއްވަރަކަށް ހިނގަމުން އައި އަޝްފާގު ކައިރީގައި ނެތްހެން ހީވެގެން ޝުހާދު ފަސްއެނބުރި ބަލާލިއެވެ. ” ކިހިނެއްވީ ” އަޝްފާގު ޖަލުގެ ފެންސާ ދިމާއަށް ބަލަން ހުރުމުން ޝުހާދު އައިސް އަޝްފާގު ކުރެން އަހާލިއެވެ. ” ކަމެއްނުވޭ ” ޝުހާދު އައިސް އަޝްފާގުގެ ކޮޑުގައި އަތް އަޅާލުމުން ސިހިފައި އަޝްފާގު ބުނެލިއެވެ. ހިނގާ ދާން ” ޝުހާދު ހިނގައިގަންނަމުން ބުނެލިއެވެ. ދެތިން ފިޔަވަޅު ކުރިއަށް އަޅާލުމަށްފަހު އަނެއްކާވެސް ޝުހާދު ފަސްއެނބުރި ބަލާލިއެވެ. ޖަލާ ދިމާއަށް ބަލަމުން އަޝްފާގުވެސް ހިނގަމުން އާދެއެވެ. އެހާ ހިސާބުން އަޝްފާގާ މެދު ޝުހާދުގެ ހިތުގައި ޝައްކުތަކެއް އުފެދިގެން ދިޔައެވެ. ކަމެއްނުވެ ޖަލާ ދިމާއަށް މީހަކު އެހާވަރަށް ބަލަންވީ ސަބަބެއް ޝުހާދަކަށް ނުވިސްނުނެވެ. އަދި މާފުއްޓަށް ފޭބި ހިސާބުންވެސް އަޝްފާގުގެ ހަރަކާތް މަޑުޖެހިފައި ވާކަން ޝުހާދަށް ފާހަގަވިއެވެ. އެކަމާ ޝުހާދު އެހާވަރަށް އަލާނުލީ، އަޝްފާގުގެ މީހާރުގެ ހާލަތުގެ ގޮތުން ނެގިމަޑުވެފަ ހުންނަނީ ކަމަށް ހީކޮށްފައެވެ. ނަމަވެސް ޖަލު ފެނުމުން ޝުހާދަށް ވެސް ނޭންގޭ ސިއްރެއް އެބައޮތްކަން، އަދި މިހާތަނަށް އަޝްފާގު ނުބުނާ ސިއްރެއް ވާހަކަން ޝުހާދަށް ވިސްނި، ވަހުމާ ޝައްކުތަކުން ޝުހާދުގެ ހިތް ފުރި ބައްޑުވިއެވެ.
” ހަލޯ ” ފޯން ރިންގު ވާން ފެށުމުން ޖީބުން ފޯންނަގާ ބުނެލިއެވެ. ” ކޮބާ ދެވިއްޖެތަ؟ ” ތައުފީގު އަހާލިއެވެ. ” މިހާރު ވަރަށް ގިނައިރު ވެއްޖެ އާދެނުތާ ” ޝުހާދު އެކުވެރިންނާއެކު ކުރިއަށް ހިނގަމުން ތައުފީގާ ވާހަކަ ދައްކަމުން ދިޔައެވެ. ” ވަރަށް ބަލައިގެން އުޅެންވާނީ ” ތައުފީގު ބުނެލިއެވެ. ” ބަލައިގެންނޭ ބައްޕާ މިއުޅެނީ. ކިހިނެއްވީތަ އެހާވަރަށް ތިހެން ތިކިޔަނީ ” ޝުހާދު އަހާލިއެވެ. ” ދެތިން ދުވަހަށް ކަމަށް ވިޔަސް ބައްޕައަށް ދަރިފުޅު ފެންނަށް ނެތީމާ ހަމަ އެހެން ބުނެވެނީ ” ތައުފީގު ބުނެލިއެވެ. ” އެހާވަރަށް ކަންބޮޑުނުވޭ. ބައްޕަ ބުނި އެއްވެސް ކަމަކާ ހިލާފެއް ނުވާނަން ” ޝުހާދު މިހެންބުނެ ފޯންކަޑާލިއެވެ.
ދުވަހުގެ ބޮޑުބައި ނިމިގެން ގޮސް މެންދުރުފަސްވިއެވެ. މެންދުރުގެ ކެއުމަށްފަހު އެންމެން ދިޔައީ އަތިރިމައްޗަށް ކުޅެލާ މަޖާކޮށްލުމަށެވެ. އެއްބަޔަކު އަތިރިމަތީގައި ތިބިއިރު އަނެއްބަޔަކު ގޮސް މޫދަށް އެރުނެވެ. މޫދުގައި ސަކަރާތުގައި އުޅުން މީހުންނާ ދިމާއަށް ބަލަން ވިދާން ދޮންވެލި ގަނޑުމަތީގައި އިށީދެލައިގެން އިނެވެ. އޭރު އެހިސާބުގަނޑުގައި ކޮންމެވެސް ވަރަކަށް ކުޑަކުދިންނާއި ބޮޑެތިމީހުން ވެސް ހޭލަމޭލަ ވަމުން ދިޔައެވެ. އިރުކޮޅަކު ވިދާން އިށީދެގެން އިނުމަށްފަހު ތެދުވެގެން އެއްގަމަށް ދާން ހިނގައިގަތް ވަގުތު އެއްގަމުގައި ހުރި ވޯޓަ ސްޕޯޓްސްގެ އިމާރާތާ ނިވާވެގެން ދިޔަ އަންހެން ކުއްޖެއް ވިދާނަށް ފެނުނެވެ. ” ޔާނާ… ” ވިދާނަށް ބުނެލެވުނެވެ. އެކުއްޖާ ވޯޓަ ސްޕޯޓްސްގެ އިމާރާތާ ނިވާވެގެން ދިޔުމުން އެއީ ކާކުކަން ބަލަންވެގެން ބޭއިހުތިޔާގައި ވިދާނަށް އެދިމާއަށް ދުއްވައި ގަނެވުނެވެ. އެމަންޒަރު މޫގައި އޮތް ޝުހާދަށް ރީއްޗަށް ފެނުނެވެ. ވިދާންގެ ހަރަކާތްތަކަށް ބަލަމުން ޝުހާދު އެއްގަމަށް އައިސް ރާޅު ފަށުގައި ކުޑަކަކޫ ޖަހާ އިށީދެގެން އިނެވެ.
” ކިހިނެއްތަ މިވަނީ. މީ މީގެކުރިން ދުވަހަކުވެސް ވީކަމެއްނޫން ” އެ އަންހެން ކުއްޖާ ފެނުން ހިސާބަށް ގޮސް ވަށައިގެން ބަލާ ހޯދުމަށްފަހު އަނެއްކާވެސް އަތިރިއަށް އަންނަމުން ހިތާހިތުން ވިދާން ކިޔާލިއެވެ. ވިދާން އަތިރިއަށް އަންނަން ފެށުމުން ޝުހާދުއަށް ކަމެއްނޭންގެ ކަމަށް ހެދިގެންއިނެވެ. ” ކިހިނެއްވީ. ހީކަރުވައިތީތަ؟ ” ވިދާން ޝުހާދު ކައިރިއަށް އައިސް ބުނެލިއެވެ. ” ނޫނޭ. ހީކަރުވާ ވަރެއް ނޫން. އެކަމަކު ހީވަނީ އެއްގަމަށް ހީކަރުވާ ވަރަށް ފިނިވާހެން ” ދިމާކުރާ ޒާތަކަށް ޝުހާދުބުނެލިއެވެ. ” ކީކޭ ތިބުނީ ” ވިދާން ބުނެލިއެވެ. ” އެއްޗެކޭ ނުބުނަން… އެންމެން މޫދުގައި އުޅޭއިރު ކީއްވެ މޫދަށް ނޭރި ތިހުންނަނީ ” ޝުހާދު ވިދާންގެ އަތުގައި ހިފާ ތިރިއަށް ދަމައިގަންނަމުން ބުނެލިއެވެ. ” ކަމެއް ވެގެނެއްނޫން ” ޝުހާދު ކައިރީގައި އިށީންނަމުން ވިދާން ބުނެލިއެވެ. ” އެހެންވިއްޔާ ހިނގާ މޫދަށް ” މިހެން ބުނެ ޝުހާދު ވިދާންގެ އަތުގައި ހިފާ ދަމާފަ ގޮސް މުދައްލިއެވެ. މޫދުގައި އެންމެން ވަރަށް ގިނަ ވަގުތު އުޅުމަށްފަހު ރޫމަށް ދިޔައެވެ.
” ކޮބާ އަދިވެސް ފެންވަރާ ނުނިމެނީތަ؟ ” ސާމީ ޝުހާދަށް ގުޅާފަ އަހާލިއެވެ. ” ނޫނޭ. ތިކަން ނިމިއްޖެ. އެކަމަކު އަޝްފާގު ވެއްޖެ ފާހާނާގަ ” އެނދުގައި ޝުހާދު ހަމަޖެހިލަމުން ބުނެލިއެވެ. ” އާދޭ ކޮފީއަކަށް ” ސާމީ ބުނެލިއެވެ. ” ކޮންތާކަށް ދަނީ ” ޝުހާދު އަހާލިއެވެ. ” މިތާ ކައިރީގަ ވެސް ހުންނާނެ ކޮފީ ލިބޭ ތަންތަން. އޭގެން ތާކަށް ދާނީ ” ސާމީ ބުނެލިއެވެ. ” އެންމެ ރަނގަޅު. މިދަނީ ” ޝުހާދު މިހެން ބުނެ ފޯން ކަނޑާލިއެވެ. ” ހިނގާދާން ” ޝުހާދު އެނދުން ތެދުވެ، ލޯގަނޑުން މޫނު ބަލާލަމުން ވިދާނަށް މުހާތަބްކޮށް ބުނެލިއެވެ. ނަމަވެސް ވިދާނަށް ޝުހާދުގެ އަޑު ނީވުން ކަހަލައެވެ. ވިދާންގެ ޖަވާބެން ނުލިބުމުން ބޮލުގެ އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން، ލޯގަނޑުން ވިދާނާ ދިމާއަށް ޝުހާދު ބަލާލިއެވެ. ރޫމުގެ އެއްފަރާތުގައި އިން ސޯފާގައި ވިދާން ދަތްދޮޅީގައި އަތް އަޅުވާލައިގެން ގުޑިވެސް ނުލާ އިނެވެ.
” ކޮންކަމަކާބާ ދާން މިވަރަކަށް މި ވިސްނަނީ. އަހަރެންނަށް ދާންގެ ނޭންގޭ އެއްވެސް ކަމެއް ނުވާނެ. އެކަމަކު ވިސްނާ ވިސްނާވެސް، މީ ކިހިނެއްވާ ކަމެއް، ކަމެއް ނޭންގުން ” ވިދާނަށް ފުރަގަސްދީގެން ލޯގަނޑު ކުރިމަތީ ހުރި ޝުހާދު ޑުރެސިންގ ޓޭބަލްގައި ލެނގިލައިގެން ހުރި ހިތާހިތުން ކިޔާލިއެވެ. ” ވިދާން… ” ޝުހާދު ބާރަށް ވިދާނަށް ގޮވާލިއެވެ. ވިދާން ސިހިފައި ޝުހާދަށް ބަލާލިއެވެ. އަދި ލޯ އަޅާލިއެވެ. ” ކޮން ހިޔާލަކަށް ގެއްލިފަ ތި އިންނަނީ ” ކިހިނެއްވެފައޭ ބުނާފަދަ ގޮތަކަށް އަތުން އިޝާރާތް ކޮށްލަމުން ޝުހާދު އަހާލިއެވެ. ” ކަމެއްނުވޭ. ކިހިނެއްވީ މާބާރަކަށް ތިގޮވަނީ ” ވަރުބަލި ވެފައިވާ ފަދަގޮތަކަށް ވިދާން އަހާލިއެވެ. ” އަހަރެން މިހާރު ވާހަކަ ދައްކާތާ ކޮންއިރެއް. އެވަރުން ވެސް ތި އަހަނީ ބާރަށް ގޮވަނީ ކިހިނެއްވީހޭ ” ޝުހާދު ބުނެލިއެވެ. ” އެހެން ބުނާނެދޯ. އެހެންޏާ ނުގޮވާ ނަމަކުން މާބާރަށް ގޮވާލީމާ ” ވިދާން ސޯފާއިން ތެދުވަމުން ބުނެލިއެވެ. ” އެހެންވެސް ގޮވާ ވަރުވީމާ ގޮވާނެދޯ ” ޝުހާދު ލޯގަނޑު ކައިރީގައި އިން ސެންޓް ފުޅި ނަގާ ގަޔަށް ޖަހާލަމުން ބުނެލިއެވެ.
” ކޮންތާކަށް ދާން ތިހާވަރު ތި އަރުވާލަނީ. އަނެއްކާ ބިޓެއް ކައިރިއަށްތަ ” ޝުހާދު ސެންޓް ގަޔަށް ޖަހަންފެށުމުން ވިދާން އައިސް ފުރަގަހުން ޝުހާދުގެ ކޮޑުގައި އަތް އަޅާލަމުން އަހާލިއެވެ. ” ހެހެހެ… ވެރީ ފަނީ ” ޝުހާދު ވިދާނަށް ބަލާލާފަ ބުނެލިއެވެ. ” އެކީއްވެ ފަނީ ވާންވީ. ހަމަ ވެދާނެ ގޮތެއްދޯ އެއީ ” ވިދާން ޝުހާދު ކައިރިން ދުރަށް ޖެހިލާ ޑުރެސިންގ ޓޭބަލްގަ ލެނގިލަމުން ބުނެލިއެވެ. ” އަހަރެން ނޫޅެން ކުރާނެ ކަމެއް ނެތިގެން. އެހެން ނޫނަސް ތިހެން ކިޔާފަ ދިމާކުރަންވީ އަހަރެން ކަންނޭންގެ ” ސެންޓް ފުޅި ބެހެއްޓުމަށްފަހު އަނެއްކާ ވެސް ބޮލުގެ އިސްތަށިތައް ރީތިކޮށްލަމުން ޝުހާދު ބުނެލިއެވެ. ” ދެން ވެސް އަވަސް ކޮށްބަލަ. ސާމީ އެބަހުރި ބޭރުގަ، އަހަރުން ނައިސްގެން ” ޝުހާދު ބުނެލިއެވެ. ” އަސްލު ކޮންތާކަށް ދާންތަ؟ ” ވިދާން އަހާލިއެވެ. ” ކޮފީއަކަށް ދާންވެގެން ސާމީ ގުޅީމާ ” ޝުހާދު އެނދުމަތީ އޮތް ފޯން ނަގާ ލައިގެން ހުރި ޖިންސްގެ ޖީބަށްލަމުން ބުނެލިއެވެ. ” ކިހިނެއްތަ ދާނީ. އަޝްފާގު އަދި ވެސް އެއުޅެނީ ފާހާނާގަ ” ލޯނގަޑު ކުރިމަތީ ހުރެފަ، ފާހާނާއިން ފެންފައިބާ އަޑު އިވުމުން ވިދާން ބުނެލިއެވެ. ” ތީދެން އަނެކަކު. މިހާރު ކިހާއިރެއްވެއްޖެ ފާހާނާއަށް ވަތްތާވެސް ” ޝުހާދު ބުނެލިއެވެ. ” އަޝްފާގު. އަހަރުން މިތާ ބޭރަށް މި ނިކުންނަނީ. ރެޑީވެގެން ބޭރަށް އާދޭ ” ޝުހާދު ގޮސް ފާހާނާ ކައިރީ ހުއްޓި ބުނެލިއެވެ. ” އޯކޭ ” ފާހާނާގައި ހުރި އަޝްފާގު މިހެން ބުނެލުމުން ވިދާނާ ޝުހާދު ރޫމުން ބޭރަށް ނިކުންނަން އެކީގައި ހިނގައިގަތެވެ.
” އޭތް… ޒާލިފް… މިކޮޅުގަތަ އުޅެނީ ” ޝުހާދާ ވިދާން ހޮޓަލުން ބޭރަށް ނިކުތްއިރު ސާމީ ގާތުގައި ހުރި ޒާލިފް ފެނުމުން ޝުހާދު ހިނިތުން ވެލަމުން ބުނެލިއެވެ. އަދި ކޮޑާ ކޮޑު ޖައްސާ ބައްދާލިއެވެ. ” މިކޮޅުގައެއްނޫން އުޅެނީ. ސާމީ އިންވައިޓް ކުރީމާ ހަވީރު މިކޮޅަށް މިއައީވެސް ” ޝުހާދާ ދުރަށް ޖެހިލަމުން ޒާލިފް ހެމުން ބުނެލިއެވެ. ” މީ އެއްކަލަ… ” ޝުހާދު ކައިރީގައި ހުރި ވިދާން ފެނުމުން ޒާލިފް ހަނދާން ކުރަމުން ބުނެލިއެވެ. ” ކަންތަކާ މިޖެހުނީ ” ޒާލިފް ހަނދާން ނުވެގެން އުޅެން ފެށުމުން ސާމީ ބުނެލިއެވެ. ” އަސްލު ވެސް މިއުޅެނީ ހަނދާން ނުވެގެންނޭ ” ޒާލިފް ވިދާންގެ ކުރިމައްޗަށް އަރާ ބުނެލިއެވެ. ވިދާން ބަހެންވެސް ނުބުނެ ވާނުވާގައި ހުއްޓެވެ. ސަބަބަކީ ވިދާންއަށް ވެސް ޒާލިފަކީ ކާކުކަން ނޭންގިފާ ހުރުމުންނެވެ. ” ހާދަހާ ހަނދާން ބަލިވެގެންނޭދޯ ތިއުޅެނީ ” ޝުހާދު ކައިރިއަށް ޖެހިލާ ބުނެލިއެވެ. ” އާނ… މީހާރު ކަންކަން މަތިން ހަނދާން ނެތޭ ވަރުން ވެސް ނެތް ކަމެއް ވާކަށް ” ޒާލިފް ޝުހާދަށް ބަލާލަމުން ބުނެލިއެވެ.
” އަހަރެން ހަނދާން ކޮށްދެންތަ؟ ” ޝުހާދު ބުނެލިއެވެ. ” ކުރިއަށް ” ޒާލިފް ހީލަމުން ބުނެލިއެވެ. ” މީ އަހަރެންގެ ބެސްޓްފުރެންޑް. މީ ސްކޫލް ދުވަސްވަރުގަ ޒާލިފް އެންމެ ގިނައިން ދިމާކޮށް އުޅުން ވިދާން ” ޝުހާދު ވިދާން ކައިރީގައި ހުއްޓިހުރެ، ވިދާންގެ ކޮޑުގައި އަތް އަޅާލުމަށްފަހު ބުނެލިއެވެ. ” އޯހް… މިހާރު ހަނދާންވެއްޖެ. ޝުހާދު ތިބުނީ ހަމަ ރަނގަޅަށް. ސްކޫލް ދުވަސް ވަރަކީ ހަޔާތުގެ ވަރަށް ހެޕަނިންގ ދުވަސް ވަރެއް. އޭރުގަ ވިދާން ހުންނަލެއް މަޑުމައިތިރިކަމުން، އަދި އެއްޗެއް ބުނެފިއްޔާ ދުރަށް ގޮސް ރޯން ހުންނަ ހުރުން މިހާރު ހަނދާން ވެއްޖެ ” ސްކޫލް ދުވަސް ވަރު ހަނދާން ކުރަމުން ޒާލިފް ބުނެލިއެވެ. އެހާ ހިސާބުން ވިދާނަށް ޒާލިފް އެނގެންފެށިއެވެ. އަދި އިސްދަށަށް ޖަހާލިއެވެ. ” ކިހިނެއްވީ. ކަޑަ ވީތަ އެދުވަސްތައް މަތިން ހަނދާންވީމާ ” ޒާލިފް އަހާލިއެވެ. ” އެދުވަސްތައް މަތިން ހަނދާންކޮށް ނުދިނިއްޔާ ރަނގަޅުވާނީ ” ޝުހާދު ބުނެލިއެވެ. ” އެކަމާ އަޅާނުލާ. އެ ދުވަސްވަރުގެ ކަންތައްތައް ތަކަކީ ނުވިސްނާ ކުރެވިފަ ހުރި ކަންތައްތައް. އެއީ ކުޑައިރެއްނު ” ޒާލިފް ވިދާންގެ ކޮޑުގައި އަތް އަޅާލަމުން ބުނެލިއެވެ. ” ދެން މިތާ މިހެން ތިބެނީތަ؟ ” ސާމީ ބުނެލިއެވެ. ” ކޮންދިމާލަކަށް ދަނީ ” ޒާލިފް އަހާލިއެވެ. ” މިދިމާއަށް ހިނގާދާން ” ސާމީ ހޮޓަލާ އެންމެ ކައިރީގައި އޮތް މަގާ ދިމާއަށް އިޝާރާތްކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. ” އެއުޅޭ އަންވެރިންތައް ކޮބާތަ؟ ” ޝުހާދު ހިނގައިގަންނަމުން އަހާލިއެވެ. ” މާތްކަލާކޯ. އެމީހުންގެ ވާހަކަ ނުދައްކާ. އެމީހުނަށް ބޭރަށް ނިކުމެވޭ ކަމަކަށް ނުވާނެ މޭކަޕް ނުކޮށް ” ސާމީ ކުރިއަށް ހިނގަމުން ފަސްއެނބުރި ލަމުން ބުނެލިއެވެ. ސާމީ އެހެން ބުނުމުން އެންމެން އެއްފަރާ ހޭންފެށިއެވެ.
ނުނިމޭ