ތަޤްދީރު 17 ވަނަ ބައި
ޝުހާދުމެން ކޮފީއަށް ދިޔަތާ 30 ހަކަށް މިނިޓް ފަހުން އަޝްފާގު ހޮޓަލުން ބޭރަށް ނިކުތެވެ. އަދި އެހިސާބުގަނޑު ބެލިއިރުވެސް ޝުހާދުމެން ފެންނަން ނެތުމުން އެތާކައިރީގައި ހުރި ޖޯލިގައި އަޝްފާގު އިށީދެލިއެވެ. އެވަގުތު ދުރުން އެދިމާއަށް ހިނގާފަ އަންނަ ދެތިން ކުދިން އަޝްފާގަން ފެނުނެވެ. އެމީހުންނަށް ބަލާލުމުން އެމީހުން ސިފަވަނީ އާންމު ބަހުން ބުނާނަމަ ޕާޓޭ ސްޓައިލަށް ތިބި ބަޔަކާއެވެ. އެމީހުން ހިނގަމުން އައިސް އަޝްފާގު ކުރިމަތިންލާފަ ދިޔައީ އަޝްފާގަށް ބަލާވެސްލާފައެވެ. އަޝްފާގު ފަސްދީ އެމީހުން ތަންކޮޅަށްކަށް ދިޔުމުން އަޝްފާގު އެމީހުނާ ދިމާއަށް ބަލާލިއެވެ. އަތުގާ ފޯނެއް ނެތުމުން ޝުހާދަށް ގުޅާ ވެސް ލެވެން ނެތުމުން އަޝްފާގު ޝުހާދުމެންގެ އިންތިޒާރުގައި ޖޯލީގައި އިނެވެ.
” ތީ އަޝްފާގުދޯ ” ޖޯލީގައި އޮށޯވެލައިގެން، ބޯދަށަށް އަތްލައިގެން އޮތް އަޝްފާގު ސިހިގެން ދިޔައީ އަޝްފާގާ ވަރަށް ގާތުން ބައެއްގެ އަޑު އިވުމުންނެވެ. ” އާނ… ކިހިނެއްވީ ” އަޝްފާގު ކައިރީގައި ތިބި މީހުންނަށް ބަލާލަމުން ބުނެލިއެވެ. އެމީހުންނަކީ އިރުކޮޅެއްކުރިން އަޝްފާގުގެ ކުރިމަތިން ހުރަސްކޮށްފަ ދިޔަ މީހުންނެވެ. ” މި ރަށުގަ މީހާރު ކީއްކުރަނީ ” އޭގެ ތެރެއިން އެކަކު އަޝްފާގާ ސުވާލުކޮށްލިއެވެ. ނަމަވެސް އެމީހުންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޝްފާގު ބަލާލީ ވަށައިގެންވާ ހިސާބުގަނޑަށެވެ. ” ރައްޓެހިން ތަކަކާއެކުގަ ހަމަ ޖައްސާލީ ” އަޝްފާގު އެމީހުން ކުރި ސުވާލަށް ޖަވާބު ދިނީ ދެކެފަރިތަ މީހަކަށް ޖަވާބު ދޭފަދަ ގޮތަކަށެވެ. ހަގީގަތަކީ ވެސް އެއީއެވެ. އަޝްފާގު ކައިރީގައި ތިބި މީހުންނަކީ އެއްދުވަސް ވަރެއްގައި އަޝްފާގު ދަންނަ ބައެކެވެ. އެކީގައި ވަގުތު ހޭދަކޮށްފަ ތިބި ބައެކެވެ. ވައްކަން ކުރުމާ، ފޭރިގެން ފިލުމާ، އެކީ އެއްތަނެއްގައި މަސްތުގެ ދުނިޔޭގައި ދުވަސްތައް ހޭދަކޮށްފަ ތިބި ބައެކެވެ. ” އެހެންތަ؟ އަނެއްކާ އަހަރުން ކަހަކަ ރައްޓެހިންތަކެއްތަ؟. ނެތްތަ ޕީސްކޮޅެއް ލިބޭކަން ” އޭގެ ތެރެއިން އެހެން މީހަކު އަޝްފާގު ކައިރީ، ޖެހިގެން ހުރި ޖޯލީގެ ދަގަނޑުމަތީގައި އިށިދެލަމުން އަހާލިއެވެ. ” ތި މީހުން ތި ހީކުރާކަހަލަ ބަޔަކާ އެކުގައެއް ނޫން އަހަރެން އައިސް މިއުޅެނީ. އެހެން ނޫނަސް އަހަރެން ތީގެން އެއްވެސް އެއްޗެއް ނުގެންގުޅެން. އަދި އަހަރެން ބޭނުން ވެސް ނުކުރަން ” އަޝްފާގު މިހެން ބުނެ ޖޯލިން ތެދުވެގެން އެމީހުނާ ދުރަށް ހިނގައިގަތެވެ. ” އަދި ބޭނުންކުރާނެ. އެހާ ފަސޭހައިން ދުރަކަށް ނުދެވޭނެ ” އަޝްފާގު އެމީހުންނާ ދުރަށް ހިނގައިގަތުމުން އޭގެތެރެއިން މީހަކު ހެމުން ބުނެލިއެވެ. ” ނަސީބެއް އެމީހުން އަހަރެންނާ ވާހަކަ ދެއްކިތަން ޝުހާދަށް ނުފެނުން ކަން. ފެނުންނަމަ ބަހަނާއަކަށްވެސް އަހަރެންނަށް ނޭންގޭނެ ކިޔާނެ އެއްޗެއް ވެސް. އަނެއްކޮޅުން ޝުހާދުގެ ކޮންމެ ސުވާލަކަށް ދޭނީ ކޮން ޖަވާބެއް ކަމެއްވެސް އަހަރެންނަށް ނޭންގެ ” ތަންކޮޅެއް ދުރަށް ގޮސް މަޑުކޮށްލުމަށްފަހު، އޭރު ވާހަކަ ދެއްކި މީހުން ދާތަން ބަލަން ހުރެ އަޝްފާގު ހިތާހިތާ ކިޔާލިއެވެ.
” ކީއްވެ އެތަނަށް ނައީ ކޮފީއަށް ” ކޮފީ ނިންމާލާފަ ޝުހާދު އައިސް، ހޮޓެލް ކުރިމަތީގައި ހުރި އަޝްފާގު ކުރެން އަހާލިއެވެ. ” އަހަންނަށް ނޭންގެ ޝުހާދުމެން ދިޔައީ ކޮންދިމާލަކަށް ކަމެއް. އަނެއްކޮޅުން ގުޅާލަންވެސް ފޯނެއްނެތިމާ އަހާވެސް ނުލެވޭނެއްނު ” އަޝްފާގު ބުނެލިއެވެ. ” ކޮބާ ދެންތިބި މީހުން ” ޝުހާދު އެކަނި ހުރުމުން އަޝްފާގު އަހާލިއެވެ. ” އެތިބީ އެތާ ގަސްދަށުގަ އިން ޖޯލީގައި. ހިނގާ އެދިމާއަށް ދާން ” ދުރުގަ ތިބި އެކުވެރިން އަތުގެ އިޝާރާތުން ދައްކާލަމުން ޝުހާދު ބުނެލިއެވެ.
” ދެން މިރޭ ކޮންކަމެއް އޮތީ ” ޒާލިފް އަހާލިއެވެ. ” ބާބަ ކިޔުއެއް ރާވާލަ އިންނާނީ ” ސާމީ ބުނެލިއެވެ. ” ކޮބާ ދެން އުޅޭ އަންހެން ގުރޫޕް ” ޝުހާދު އަހާލިއެވެ. ” ކުޑައިރުކޮޅެއް ކުރިން މެސެޖް ކޮށްފަ ބުނި ރެޑީވެގެން ނިކުންނަނީ ކަމަށް ” ސާމީ ފޯނާ ކުޅެމުން ބުނެލިއެވެ. ” އެމީހުން އައީމާ ބާބަ ކިޔުގެ ކަންތަކުގަ ދާންވީ. މާލަސްވަންދެން މިރަށުގަ ބޭރުގަ އުޅުންވެސް މަނާވެސް ވާނެ ” ސާމީ ބުނެލިއެވެ. ” އެކީއްވެޔޯ ” ޒާލިފް އަހާލިއެވެ. ” މާސްކު އެޅުން ހުއްޓާލިއަސް އަދި ވެސް މި ރަށުގަ ބަންދު ވަގުތުތަކެއް އޮވޭ ” ވިދާން ޒާލިފަށް ބަލާލަމުން ބުނެލިއެވެ. ” އެހެންވީމާ އަވަހަށް ހިނގާ ބާބަ ކިޔުއަށް ދަމާ ” ޒާލިފް ޖޯލިންތެދުވަމުން ބުނެލިއެވެ. އަދި އެންމެން ހޮޓާ ކުރިމައްޗަށް ދިޔައެވެ. އޭރު އަންހެން ގުރޫޕްވެސް، ހޮޓަލުން ބޭރަށް ނިކުންނަނީއެވެ. އެމީހުން ބޭރަށް ނިކުތުމުން އެންމެން އެކީގައި ހިނގައިގަތެވެ.
” ކޮބާ ދަރިފުޅާ ކިހިނެއް ކަންތައްތައް ” ތަންކޮޅަކަށް ދެވުންތަނާ ޝުހާދުގެ ފޯން ރިންގު ވާން ފެށުމުން، ފޯން ނަގާ ކަންފަތުގައި ޖަހާލުމުން ތައުފީގު ބުނެލިއަޑު އިވުނެވެ. ” ހުރިހާ ކަމެއްވެސް ހަމަ ވަރަށް ބަރާބަރު ” ޝުހާދު ބުނެލިއެވެ. ” ކޮބާ ވިދާނާ، އަޝްފާގު ” ތައުފީގު އަހާލިއެވެ. ” އެބަތިބި ކައިރީގަ ” ޝުހާދު ބުނެލިއެވެ. ” އޯކޭ ބައްޕާ. މިދަނީ ބާބަ ކިޔުއަކަށް ދާން ވެގެން ” ޝުހާދު ބުނެލިއެވެ. ” އެންމެ ރަނގަޅު. އެކަމަކު ބަލައިގެން އުޅޭތި ” ތައުފީގު މިހެން ބުނެލުމުން ޝުހާދު ފޯންކަނޑާލިއެވެ.
” ކީކޭ ޝުހާދު ބުނީ ” ތައުފީގު ފޯނު ކަންފަތާ ދުރުކޮށްލުމުން ކައިރީގައި އިން ސަކީލާ އަހާލިއެވެ. ” ބާބަ ކިޔުއަކަށް ދާވާހަކަ ބުނީ ” ސޯފާގައި އިށީދެގެން އިން ތައުފީގު ކުރިމަތީއިން މޭޒުމައްޗަށް ފައި އަރުވާލަމުން ބުނެލިއެވެ. ” އަނެއްދެކުދިން ވެސް ޝުހާދާ އެކުގަ ދޯ ތިބީ ” ސަކީލާ ދުފާ ތަބަށް ނަގައިގެން އިނދެ އަހާލިއެވެ. ” ދެން ޝުހާދު ހުރިއްޔާ ދެކުދިންވެސް ހުންނާނީ ކައިރީގަދޯ. އެ ހުރިހާ ކުދިން އެކީގައި ދާވާހަކަ ބުނީ ” ތައުފީގު ޓީވީ ހުޅުވާލަމުން ބުނެލިއެވެ. ” އެކުދިން ގޭގަ ނެތީމާ ގޭތެރެވެސް ހީވަނީ ފަޅު ތަނެއްހެން ” ތައުފީގަށް ދުފަން ތައްޔާރުކުރަމުން ސަކީލާ ބުނެލިއެވެ. ” އަބަދު ގޭގަ ތިބޭ ބަޔަކު ނެތީމާ އެފަޅުކަން ހުންނާނެދޯ ” ތައުފީގު ސަކީލާ ތައްޔާރުކުރި ދުފުމުގައި ހިފަމުން ބުނެލިއެވެ.
” ހަލޯ ” ދުފާލައިގެން ތައުފީގާ ސަކީލާ ޓީވީ ބަލަން ތިއްބާ ތައުފީގުގެ ފޯން ރިންގު ވާން ފެށުމުން ފޯން ނަގާ ކަންފަތުގައި ޖަހާލަމުން ތައުފީގު ބުނެލިއެވެ. ” ކޮބާ ތައުފީގު ކިހިނެއް ކަންތައްތައް ” ތައުފީގުގެ އަޑު އިވުމާއެކު އާދަނު ސުވާލުކޮށްލިއެވެ. ” ވަރަށް ރަނގަޅު. އާދަނުގެ ހާލު ކިހިނެއް ” ތައުފީގު ވެސް ސުވާލުކޮށްލިއެވެ. ” ދެން އެކަހަލަ ގޮތެއް. އެންމެ ރަނގަޅެކޭ ވެސް ނުބުނެވޭނެ ” އާދަނު ބަލި ފާޑަކަށް ބުނެލިއެވެ. ” އެހެންވިއްޔާ ޑޮކްޓަރަށް ދައްކާލަން އަންނަންވީނު. ކުރިން ވެސް އަންނަ ވާހަކަ ދައްކާފަ ހަބަރެއް ނުވޭ ވިއްޔާ ” ތައުފީގު ބުނެލިއެވެ. ” އާނ… ބައެއް ކަހަލަ ކަންކަން ހުރި ގޮތުން ލަސްވެގެން މިދިޔައީ. އެކަމަކު މިރޭ މިގުޅާލީ މާދަން މާލެ ދާންވެގެން އުޅޭތީ ” ދެތިން ފަހަރު ކެއްސާލުމަށްފަހު އާދަނު ބުނެލިއެވެ. ” މިހާރުވެސް މާބޮޑަށް ލަސްވެއްޖެ. ތިއުޅެނީ ކެއްސާވަރުން ސަލާމަތް ނުވެގެން ވިއްޔާ ” ތައުފީގު އާދަނުއަށް ހަމްދަރުދީ ވާހާލުގައި ބުނެލިއެވެ. ” އެންމެ ރަނގަޅު. އިރާދުކުރެއްވިއްޔާ މާދާން ދާނަން ” މިހެން ބުނެ އާދަނު ފޯން ކަނޑާލިއެވެ. ” ކިހިނެއްވީ އާދަންބެއަށް ” ތައުފީގު ފޯން ކަނޑާލުމުން ސަކީލާ އަހާލިއެވެ. ” މާދަން މާލެ އަންނަ ވާހަކަ ބުނަން ވެގެން އެގުޅީ ” ތައުފީގު ފޯނު ސޯފާ މަތީ ބާއްވާލަމުން ބުނެލިއެވެ. ” ކުރިން ވެސް ދެތިން ފަހަރު އާދަންބެ ބުނި މާލެ އަންނަން ވެގެންނޭ މިއުޅެނީ ” ސަކީލާ ތައުފީގަށް ބަލާލަމުން ބުނެލިއެވެ. ” އާނ… ތިހެން ބުނި. އެކަމަކު އާދެވޭނެ ވަރުނުވާތީ ލަސްވީކަމަށް އާދަނު ބުނީ. ހީވަނީ އާދަނު ވަރަށް ބަލިކޮށް އުޅޭހެން. ވާހަކަ ދެއްކި އިރުވެސް އެހާ ވަރަށް ކެއްސާ ހެދި ” ތައުފީގު ބުނެލިއެވެ.
ބާބަކިޔު ހެދުމުގައި އެންމެން އަވަދިނެތި ބީޗްގައި އުޅުނެވެ. ދަތުރުގައި ބައިވެރި ވެގެން އައި އަންހެން ގުރޫޕް ސޮސެޖް ތަކާއި، ކުކުޅު ފައިތައް ސާފުކޮށް މިރުސް ލުމުގައި އުޅުނެވެ. ފިރިހެން ގުރޫޕް އަލިފާންގަނޑު ރޯކޮށް ފައްކާ ކުރަމުން ދިޔައެވެ. އިރުކޮޅަކު އެމީހުންނާއެކުގައި ވިދާން ވެސް އުޅުމަށްފަހު ހޫނުވެގެން ތަންކޮޅެއް ދުރުގައި އިން ގަސްބުޑެއް މަތީގައި އިށީދެލައިގެން އިނެވެ. ” ކޮންތާކަށް ތިދަނީ ” އަޝްފާގު އެތާ ހުރުމަށްފަހު ދުރަށް ހިނގައިގަތްތަން، ޝުހާދަށް ފެނުމުން އަހާލިއެވެ. ” ރޫމަށް ގޮސްލަންވެގެން މިދަނީ. ފާހާނާއަކަށް ” ޝުހާދުގެ އަޑަށް އަޝްފާގު ފަސްއެނބުރި ބަލާލާފަ ބުނެލިއެވެ. ” އަވަސްކޮށް އަންނާތި ” ޝުހާދު މިހެން ބުނެލުމުން އަޝްފާގު ބޯޖަހާލުމަށްފަހު ހިނގައިގަތެވެ.
” ކޮންތާކަށް ތިދަނީ އެކަނި ” އަޝްފާގު ތަންކޮޅެއް އަނދިރިކޮށް އޮތް މަގަކުން ހިނގާފަ ދަނިކޮށް ފަހަތުން، އަޝްފާގުގެ ކޮޑުގައި މީހަކު އަތް އަޅާލަމުން އަހާލިއެވެ. ” މިދަނީ ރޫމަށްދާންވެގެން ” ސިހިފަ ބަލާލުމަށްފަހު އަޝްފާގު ބުނެލިއެވެ. އަދި ކައިރީގައި ހުރި މީހާ އަޝްފާގުގެ ކޮޑުމަތީ އަޅާލި އަތްވެސް މަޑުމަޑުން ދުރުކޮށްލިއެވެ. ” ކަލޭމެން ކީއްކުރަން އަހަރެންގެ ފަހަތު އަޅުވާލައިގެން ތިއުޅެނީ ” އަޝްފާގު ބުނެލިއެވެ. ” އަހަރުމެންމީ އަޝްފާގުގެ ހަމަ ރައްޓެހިންނެއްނު. ހިނގާ އަހަރުމެންނާއެކުގަ ދާން ” އަޝްފާގުގެ ކޮޑުމަތިން އަތް ދުރުކޮށްލި މީހާ ބުނެލިއެވެ. ” އަހަރެން ބޭނުމެއްނޫން ދާކަށް ” އަޝްފާގު ކުރިއަށް ހިނގައި ގަންނަމުން ބުނެލިއެވެ. ” ވަރަށް ހީވޭ މޫޑް އޮފްވެފަ ހުރިހެން. ހިނގާ އަހަރުމެންނާއެކު ފެގެއް ޖަހާލަން. އޭރުންވެސް ބޯހަމަ ޖެހިދާނެ ” ޖެހިގެން ހުރި އެހެން މީހަކު އަޝްފާގު ހުއްޓުވާފަ ބުނެލިއެވެ. ” އަސްލު ފެގަކަށް ސިކްވެފަ މިހުންނަނީ މިކޮޅަށް އައިފަހުން. އެއް ފެގު ނެގިޔަސް ޝުހާދަށް އެއްޗެއް ނޭންގޭނެ ” އަޝްފާގު ހިތާހިތުން ކިޔާލިއެވެ. ” ކޮންކަމަކާ ތި ވިސްނަނީ. ފެގެން ޖަހާލައިގެން އަޔަސް، އައިސް އުޅޭ ރައްޓެހިންނަށް އެއްޗެއް ނޭންގޭނެ. އަހަރުމެންވެސް މީ ހަމަ އަޝްފާގުގެ ރައްޓެހިންނެއްނު ” އަޝްފާގު ވިސްނުމެއްގައި ހުރިހެން ހީވެގެން އޭގެން މީހަކު އަހާލިއެވެ. ” ކަމަކާ ނުވިސްނަން. އަސްލު މިހުނަނީ ފެގެއް ބޭނުންވެފަ. އެމީހުންގާތުގަ ވެސް ފެގެއްގެ ވާހަކަ ދައްކަން ނުކެރޭތީ މިހުންނަނީ ” އަޝްފާގު ބުނެލިއެވެ. ” އަހަރުމެންގެ ގާތުގަ ބުނަން ކެރޭނެއްނު. އިރުކޮޅަކު އަނގަތަޅާލަން ތިބެފަ ދާނީ ” މިހެން ކިޔާ އެމީހުން އަޝްފާގު ވާވައްދާލިއެވެ. އެހާ ހިސާބުން ހޮޓަލަށް ދާން އުޅުން ބޭނުންވެސް އަޝްފާގު ހަނދާން ނައްތާލިއެވެ. ސިގެރޭޓެއްގެ ބޭނުމުގައެވެ. އަދި އެމީހުން ދެއްކި ވާހަކަ ގަބޫލްކޮށް އެމީހުނާއެކުގައި ހިނގައިގަތެވެ.
ބާބަ ކިޔުގެ ކަންތައް ނިންމާލާ، ރޫމަށް އެންމެން އައީ ބާކީވެފާ ހުރި ކާއެއްޗެހިން ކޮންމެވެސް ވަރަކަށް ކާއެއްޗެހި ހިފައިގެންނެވެ. ރޫމަށް އައިސްވެސް ޝުހާދު އުޅުނީ އަޝްފާގުގެ ހަބަރެއް ނުވެގެން ކަންބޮޑުވެގެންނެވެ. ” އަދިވެސް އަޝްފާގު ނާދޭތަ؟ ” ޝުހާދު ރޫމުން ބޭރުގައި ހުރެފަ ރޫމަށް ވަންނަންވެގެން ދަނިކޮށް، ސިޑިން އަރައިގެން އައި ސާމީ ޝުހާދު ފެނުމުން އަހާލިއެވެ. ” އާނ… އަދިވެސް ނާދޭ. ފޯނެއްވެސް ގެންގުޅޭ މީހެއްނޫން އެއީ މިހާރު. އެހެން ނޫންނަމަތާ ގުޅާލާފަ ވެސް އަންނައިރެއް ބަލާލާނީ ” ހާސްވެފައިވާ ހާލު ޝުހާދު ބުނެލިއެވެ. ” މާ ބޮޑަށް ކަންބޮޑު ނުވޭ. ވެދާނެ ރައްޓެއްސެއް ފެނުނީމާ އަނގަތަޅާލަން ތިޔައީކަމަށް ” ޝުހާދު ހާސްވެފާ ހުރުމުން ސާމީ ބުނެލިއެވެ. ” ބުނެލާފަ ދެވޭނެދޯ. އެހެން ނޫނަސް އަހަރެންނަކަށް ނޭންގެ މިރަށުގަ އޭނަ ދަންނަ މީހުން އުޅޭކަމެއް ” ޝުހާދު ބުނެލިއެވެ.
” ހިނގާބަލަ މި ހިސާބުގަނޑު ބަލާލަންދާން ” ޝުހާދު ސާމީގާތުގައި ބުނެލިއެވެ. ” ކޮބާ ވިދާން ” ޝުހާދާ އެކުގައި ހޮޓަލުން ބޭރަށް ނިކުންނަން ދަމުން ސާމީ އަހާލިއެވެ. ” އޭނަ އެބައޮތް އޮށޯވެގެން ” ޝުހާދު ބުނެލިއެވެ. ހޮޓަލުން ބޭރަށް ނިކުމެ އެހިސާބުގަނޑުގައި ހުރި ޖޯލިތަކާ، އިށީނުމަށް ހަދާފަހުރި ތަންތަން ކައިރި ބެލަމުން ޝުހާދާ ސާމީ ހިނގަމުން ދިޔައެވެ. ” ނެތެއްނު މިހިސާބަކުން ފެންނާކަށް. ހިނގާ ދާން. އަޝްފާގު އަންނާނެ. އެހެން ނޫނަސް މިހާއިރުގަ ބޭރު އުޅުންވެސް ރަނގަޅެއް ނުވާނެ ” ސާމީ ބުނެލިއެވެ. ޝައްކުތަކުން ހިތްފުރި ބައްޑުން ވެފާހުރި ޝުހާދު ސާމީގެ ވާހަކަ ގަބޫލުކޮށް އަނބުރާ ހޮޓަލަށް ދިޔުމަށް ހިނގައިގަތެވެ. ހޮޓާ ކައިރީގައި ދިގަށް އޮތް މަގު ހުރަސްކޮށް، ތަންކޮޅަކަށް ދިޔުމަށްފަހު ޝުހާދު ހުއްޓުނެވެ. އަދި މަގަށް ބަލަމުން، އައި ކޮޅަށް ފަހަތަށް ޝުހާދު ހިނގަންފެށިއެވެ. މަގުގެ މެދު ރަނގަޅަށް ފެންނަ ހިސާބަށް އައިސް ބަލާލި އިރު ތަންކޮޅެއް ދުރުން އެއްލެމުން ކަހަލަ ގޮތަކަށް ހިނގާފަ އަންނަ މީހަކު ޝުހާދަށް ފެނުނެވެ. ” ކިހިނެއްވީ ޝުހާދު ” ޝުހާދު މަގަށް ބަލަން ހުރުމުން ދުރުގައި ހުރި ސާމީ އަހާލިއެވެ. ” ސާމީ ދޭ. ކުޑަ އިރުކޮޅަކުން މި އަންނަނީ ” ޝުހާދު ސާމީއަށް ބަލާލާފަ ބުނުމުން ސާމީ އިތުރު ސުވާލެއްވެސް ނުކޮށް ހޮޓަލަށް ދިޔުމަށް ހިނގައިގަތެވެ. ޝުހާދު އެހެން ބުނި ރާގުން ސާމީއަށް ހުރިހާ ސުވާލެއްގެ ޖަވާބު ލިބުންކަހަލައެވެ.
ސާމީ ދިޔަތަން ބަލާލުމަށްފަހު، ޝުހާދު ކުރިމަތީ އޮތް މަގުން ކުރިއަށް ހިނގައިގަތެވެ. ކުރިމަތިން އެއްލެމުން އަންނަ މީހާ އާއި ދިމާލަށެވެ. ކައިރިއަށް ގޮސް ބަލާލުމުން ޝުހާދުގެ ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައެވެ. އަދި އަޝްފާގުގެ އަތުގައި ހިފާ ހޮޓަލާ ދިމާއަށް ހިނގަންފެށިއެވެ. އިންތިހާއަށް ރުޅިގަދަވެފަ ހުރި ޝުހާދު އަޝްފާގު ދަމަމުން ކަހަލަ ގޮތަކަށް ގެނެސް ހޮޓާކައިރިގައި ހުރި ޖޯލި ކައިރީގައި މަޑު ކުރިއެވެ. އަދި ވަށައިގެންވާ ހިސާބުގެ ބިންމައްޗަށް ބަލަމުން ގޮސް ދުރުގައި އޮތް، ކޮންމެވެސް ވަރަކަށް ފެންހުރި ފުޅިއެއް ނެގިއެވެ. އޭރު ވެސް އަޝްފާގަށް ދެފައި މައްޗަށް ކޮޅަށް ނުހުރެވެއެވެ. ބިންމަތިން ނެގި ފެންފުޅީގެ މަތި ނެގުމަށްފަހު އޭގައި ހުރި ފެން އަޝްފާގުގެ މޫނަށް ބާރަށް ޖެހިއެވެ. ފެން ޖެހުމުން އަޝްފާގު އެއްލިގެން ދިޔައެވެ. އަދި އިރުކޮޅަކުން އަޝްފާގު މޫނުން ފެން ފޮހެލުމަށްފަހު، ކުރި މަތީހުރި ޝުހާދަށް ބަލާލިއެވެ. ޝުހާދުގެ ރުޅިގަނޑު ފެނުމުން އަޝްފާގު ބިރުގަތެވެ.
” ޝުހާދޫ… ” މަސްތުގެ ލައްޒަތުގާ ޖެހިފާ ހުރި އަޝްފާގަށް ބުނެލެވުނެވެ. ޝުހާދު އަތަށް ލެވުނުހާ ބާރެއް ލާފަ އަޝްފާގުގެ ކަންފަތީގައި ޖެހިއެވެ. ޝުހާދު ޖެހިލެއް ބާރުކަމުން އަޝްފާގު ގޮސް ޖެހުނީ ކައިރީގައި ހުރި ޖޯލިފައްޗަށެވެ. ” ކޮންތާކުން ތިއައީ… ކީއްކޮށްފަ ތިއައީ ” ޖޯލިމައްޗަށް ވެއްޓިފައި އޮތް އަޝްފާގުގެ ގަމީހުގެ ގިރުވާނުގައި ހިފާ ކޮޅަށް ނަގާ ޝުހާދު ސުވާލަކަށް ފަހު ސުވާލެއް ކުރިއެވެ. އަޝްފާގު އެއްޗެއް ނުބުނެ މޫނުގެ އެއްފަޅީގައި އަތްހާކާލަ ހާކާލާ ހުއްޓެވެ. ” ކޮންކަހަލަ މީހެއްތަ ތީ ؟. މިވަރަށް އުޅެނިކޮށްވެސް ތިއައީ، ކުރި އުންމީދާ އިތުބާރު ވެއްޔާ މޮޑެލާފަ ” އިންތިހާއަށް ރުޅިގަދަވެފާ ހުރި ޝުހާދު ބުނެލިއެވެ. ” ކޮންތާކަށްވަދެ ތިކަން ކޮށްގެން ތިއައީ ” އަޝްފާގު އެއްޗެއް ނުބުނުމުން ޝުހާދު އަޝްފާގުގެ ގަމީހުގެ ގިރުވާނުގައި ހިފައިގެން ހުރިގޮތަށް ދުރަށް ކޮށްޕާލިއެވެ. ” މިހާރު އަހަރެންނަށް ވިސްނިއްޖެ. ފާހާނާއަށް ދާށޭކިޔާފަ ދޮގުތިހެދީކަން ” ޝުހާދު ބުނެލިއެވެ. ” ނޫން ޝުހާދު. އަހަރެން އެއްވެސް ދޮގެއް ނުހަދަން ” އިންތިހާއަށް މަސްތުވެފާ ހުރި އަޝްފާގު ބުނެލިއެވެ. ” ނޫނޭ ބުންޏަސް ތިކަން ގަބޫލް ކުރާނީ ކިހިނެއްތަ؟ އަޝްފާގަށް އިތުބާރުކޮށްފަ ދެއްކި ވާހަކަތައް ގަބޫލުކުރުން އެއީ އަހަރެންގެ ލައިފްގަ އަހަރެންނަށް ކުރެވުން އެންމެ ބޮޑު ކުށް. ތިފާޑަށް ތެޅޭ މީހުން ތިވައްތަރު ޖައްސާނެކަން އެނގޭތީ ކަންނޭގެ ވިދާންވެސް އަހަރެން ހުއްޓުވަން އުޅުނީ. އެކަމަކު ރައްޓެހިންނަށްޓަކާ އުޅެން ހަދައިގެން އަހަރެންގެ ލޮލަށް ސާފުކޮށް އެއްޗެއް ނުފެނުމުގެ ނަތީޖާ މީ ” ޝުހާދު ބުނެލިއެވެ.
” އަހަރެން މާލެ ގޮސް ބައްޕަ ގާތުގަ ހުރިހާ ވާހަކައެއް ކިޔާދޭނަން. އަޝްފާގުގެ ސަބަބުން އަހަރެންގެ ބައްޕަ ކުރިމަތީގަ އަހަރެންގެ އަގު ތި ވައްޓާލީ. ހަތަރުކަޅި ހަމަކޮށް ވާހަކަ ދައްކަން ނުކެރޭ ވަރަށް އަޝްފާގު އަހަރެން ލަދު ގަންނަވާލައިފި ” ޝުހާދު އަޝްފާގަށް ފުރަގަސް ދީގެން ހުރެ ބުނެލިއެވެ. ” ޕްލީޒް ޝުހާދު ބައްޕަ ގާތުގަ ނުބުނޭ. އާދޭސްކޮށްފަ ބުނަން. އަހަރެން މިކަމުން ސަލާމަތް ވާންބޭނުން ވެގެން އެ ދުވަހުވެސް ބުނީ. މިއަދު ވެސް އަހަރެން ބޭނުންވަނީ މިކަމުން ސަލާމަތްވާން. އެކަމަކު ޝުހާދު ހުރިހާ ވާހަކައެއް ބައްޕަޔާ ހަމަޔަށް ގެންގޮސްފިނަމަ އަނެއްކާވެސް އަހަރެންނަށް މަޖުބޫރު ވެގެންދާނީ ކުރީގެ ހާލަތަށް ދާން. އެހާލަތަށް އެނބުރި ދާކަށް އަހަރެން ބޭނުމެއްނޫން. އެ ހިތްވަރެއްވެސް ނެތް ” ޝުހާދުގެ ފައިކައިރިއަށް ތިރިވެގެން އިނދެ އަޝްފާގު ވާހަކަ ދައްކަމުން ދިޔައެވެ. ” ތިހުރިހާ ކަމެއް ވިސްނަންޖެހޭނީ ތިކަން ކުރުމުގެ ކުރިން. ކުރާނެ ކަމެއް ކޮށްފަ އައިސް، ބޭކާރު ވާހަކަ ދެއްކިޔަސް ދެން ތިކަން ގަބޫލު ކުރާނީ ކިހިނެއް ” ޝުހާދު ބުނެލިއެވެ. އަޝްފާގު ޝުހާދުގެ ކުރިމަތީގައި ތިރިވެގެން އިންތަން ހޮޓަލުގެ ބެލްކަންޏަށް ނިކުތްތަނުން ވިދާނަށް ފެނުނެވެ. އެހެން ކަމުން ވިދާން އަވަސް އަވަހަށް ބޭރަށް ނިކުމެގެން އައެވެ.
” ކިހިނެއްވެގެން މިއުޅެނީ ” ވިދާން އައިސް އަހާލިއެވެ. އެވަގުތު ޝުހާދު ވިދާނާ ދިމާއަށް ބަލާލިއެވެ. ވިދާނަށް ފެނުނީ ޝުހާދުގެ ދެލޯ ފެންކަޅިވެފާ ވަނިކޮށެވެ. ” ކިހިނެއްވީތަ ޝުހާދު. އަޝްފާގަށް ކިހިނެއްވެފަ މީނީ ” ވާނުވާ ނޭންގިފާ ހުރި ވިދާން ސުވާލުކުރަން ފެށިއެވެ. ” ދާން ކުރިން ބުނީ ހަމަ ރަނގަޅަށް. އަޝްފާގު މީ އަހަރުން ކިތައްމެ ވަރަކަށް އުޅުނަސް ރަނގަޅުވާނެ މީހެއްނޫން. މިއަދު ހިތަށް އަރާ ދާން ކުރިން އަހަރެން ހުއްޓުވަން އުޅުން އިރު ދާންގެ ވާހަކަ ގަބޫލު ކުރެވުންނަމައޭ ” ޝުހާދު ބުނެލިއެވެ. ” ވެގެން އުޅޭ ގޮތެއް ސާފުކޮށް ކިޔާދީބަލަ؟ ” ވިދާން އަނެއްކާ ވެސް ބުނެލިއެވެ. ” ވެގެން އުޅޭ ގޮތަކީ މި އަޝްފާގު އަނެއްކާވެސް މަސްތުވެގެން… ” ޝުހާދު ބުނެލިއެވެ. ” ވަޓް ” ހައިރާންކަމާއެކު ވިދާންއަށް ބުނެލެވުނެވެ. ” އާނ… އޭރު ބާބާކިޔު ހަދަން ހުރެފަ، ފާހާނާއަށޭ ކިޔާފަ ބޭފުޅާ ދިޔައީ އެތިކޮޅެއް ބޮއިގެން އަންނަން. ބަނޑުހައި ވެފަ ހުރިވަރުން ” ޝުހާދު ލޮލަށް ޖަމާވި ކަރުނަ ފޮހެލަމުން ބުނެލިއެވެ. ” އެހެންވިއްޔާ ޝުހާދަށް ކިހިނެއް ތި ވަނީ. ކުރި ކަމެއް ކުރީ އަޝްފާގެއްނު ” ޝުހާދު ލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް އަތުން ފޮހެލިތަން ވިދާނަށް ފެނުމުން، ވިދާން ޝުހާދު ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.
” ދާންއަށް ހަމަ ރަނގަޅަށް އެނގޭނެ އަޝްފާގުގެ ވާހަކަ ބުނީމާ ބައްޕަ އަހަރުމެން ދެމީހުންނަށް އިތުބާރުކޮށްފަކަން، އަޝްފާގުއަށް އެހީވުމަށް އެއްބަސްވީ. އެކަމަކު މިއަދު އަޝްފާގު ބައްޕަ ކުރި އިތުބާރުވެސް ގެއްލުވާލައިފި. އަހަރެން ދުވަހަކުވެސް ބައްޕަ ހިތްހަމަ ނުޖެހިގެން ވެސް އެއްޗެއް ބުނާނެ ވަރުގެ ކަމެއް ނުކުރަން. އެކަމަކު ބައްޕައަށް ހަގީގަތް އެގިއްޖެނަމަ ބައްޕަ އަހަރެންނާމެދު ދެކޭނެ ގޮތާމެދު ވިސްނޭ…. ” ޝުހާދު ބުނެލިއެވެ. އޭރު އަޝްފާގު ޝުހާދުގެ ވާހަކަ އަޑުއަހަން ކުޑަކަކޫ މައްޗަށް ތިރިވި ގޮތަށް އިސްދަށަށް ޖަހާލައިގެން އިނެވެ. ރޮވިފައެވެ. ބަޔަކު ދެއްކި ވާހަކަޔަކަށް ހެއްލިގެން ހެދުނު ގޯހަކުން ޝުހާދުގެ އިތުބާރު ގެއްލިއްޖެ ކަމުގެ އިހުސާސްވާ ހާލުގައެވެ.
” އެބުނީ ތެދެއް އަޝްފާގު. ބައްޕަ ޝުހާދުއަށް އިންތިހާއަށް އިތުބާރުކުރޭ. ދުވަހަކުވެސް ޝުހާދު ކުރާ ކަމަކަށް މަނަލެއް ނުކުރާނެ. ރުޅިއެއް ނާންނާނެ. އަޝްފާގަށް އެހީވާންވެގެން އެވާހަކަ ދެއްކުމުންވެސް ބަފަޔަކު ދަރިއަކަށް ދޭންޖެހޭ ހުރިހާ ނަސޭހަތް ދިނުމަށްފަހު، އެއްބަސްވީ ޝުހާދު ގޯހެއް ނުހަދާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު. އެކަމަކު މިއަދު އަޝްފާގު ބައްޕަގެ ކުރިމަތީ ޝުހާދުގެ އަގު ތިވައްޓާލީ ” ވިދާން ބުނެލިއެވެ. ” އެއްފަހަރުވެސް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ ” އަޝްފާގު އިސްއުފުލާލާ ޝުހާދަށް ބަލާލަމުން ބުނެލިއެވެ. ” އިތުރަށް ދޮގުތަކެއް ހަދާނެކަމެއްނެތް. ބޭނުމެއްނޫން އަޝްފާގު ދައްކާ ވާހަކަ އަޑު އަހާކަށް ” ޝުހާދު ބުނެލިއެވެ. ” އަޝްފާގު ބުނަން އެއުޅެނީ ކީކޭކަން އެއްފަހަރުވެސް އަޑު އަހާބަލަ. އަޑު އަހާފަ ޝުހާދަށް ގަބޫލު ކުރަން އުދަގޫ ކަމަށްވާނަމަ، އިތުރު ކަމެއް ކުރާކަށް އަހަރެން ނުކިޔާނަން ” ވިދާން ޝުހާދުގެ ކޮޑުގައި އަތް އަޅާލަމުން ބުނެލިއެވެ. ” އެކަމަކު މިތާގަ ތިބެ އެއްނޫން ވާހަކަ ދައްކާނީ. ހިނގާ ރޫމަށް ދާން. އެހެން ނޫނަސް މިތާގަ ގިނައިރު ތިބުންވެސް ރަނގަޅެއް ނުވާނެ ” ވިދާން މިހެން ބުނެލުމުން ޝުހާދު ރުޅި އައިސްގެން ހޮޓަލާ ދިމާއަށް ހިނގައިގަތެވެ. ” ހަމަ ހުވާ… އަހަރެން ޝުހާދަށް ދޮގު ހަދާފަ ގޮސް އެއްވެސް ކަމެއް ނުކުރަން ” ޝުހާދުގެ ރުޅިޔާ، ތައުފީގުގެ ކުރިމަތިގައި ޝުހާދުގެ އަގުވެއްޓިގެން ދާނެ ވަރު ހީވެ، އިންތިހާއަށް ދެރަވެ ދެލޯ ފެންކަޅިވެފާވާ އަޝްފާގު ވިދާން ގާތުގައި ބުނެލިއެވެ. ” ރޫމަށް ގޮސް ތިވާހަކަ ދައްކާނީ. ހިނގާ ދާން ” މިހެން ބުނެ އަޝްފާގާ އެކުގައި ވިދާން ރޫމަށް ދިޔުމަށް ހިނގައިގަތެވެ.
ނުނިމޭ