ތަޤްދީރު 15 ވަނަ ބައި
” ސަކީލާ އަޝްފާގުއަށް ކާންހަދާބަލަ ” ތައުފީގު ސަކީލާއަށް ބަލާލަމުން ބުނެލިއެވެ. ” ތިދިން އެހީތެރިކަމަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭންގެ ” އަޝްފާގު ބުނެލިއެވެ. ” މީ އަހަރެންގެ މި ދެކުދިންނަށްޓަކާ ކޮށްދޭ ކަމެއް. އެކަމަކު ހަނދާން ކުރާތި. މި ކުދިން ކުރަމުން ދިޔަ އިތުބާރާ އުންމީދަށް ގަދަރުކުރާތި. އެހެންނޫނީ އެއްވެސްތާކު ލައްވާނުލާދާނީ ” ތައުފީގު ބުނެލިއެވެ. އެވަގުތު އަނެއްކާވެސް އަޝްފާގުގެ ފޯން ރިންގުވާން ފެށުމުން، އަޝްފާގު ޖީބުން ފޯންނަގާ ބަލާލިއެވެ. ” އަނެއްކާވެސް އެމީހުންތަ އެގުޅަނީ ” އަޝްފާގު ފޯނަށް ބަލާލަމުން ޝުހާދު އަހާލިއެވެ. ” އާނ… އޭގެ ތެރެއިން މީހެއް ” އަޝްފާގު ބުނެލިއެވެ. ” ދެން ފޯންނަގާފަ އަހާބަލަ ކިހިނެއްވެގެންތޯ އެހާ ވަރަކަށް އެގުޅަނީ ” ސޯފާގައި ލެގިލައިގެން ހުރި ވިދާން ބުނެލިއެވެ. ” ޖަވާބު ދީ ” ސޯފާގައި އިށީދެލައިގެން އިން ތައުފީގު ވެސް ބުނެލިއެވެ. ތައުފީގުގެ އެދުމަށް އަޝްފާގު ފޯން ނަގާ ކަންފަތުގައި ޖަހާލިއެވެ. ” ކިހިނެއްވީ ” އަޝްފާގު ފޯން ކަފަތުގައި ޖައްސާލާފައި ބުނެލިއެވެ. ” ނޭންގެ މަށަކަށް. މަށެއް ނުދެކެން. މަނުވެސް ދަން މިރޭ ތި ތަނަކަށް ” ފޯނުން ވާހަކަ ދެއްކި މީހެއްގެ އަޑު އަހާފަ އަޝްފާގު ބުނެލިއެވެ. އަދި ފޯން ކަނޑާލިއެވެ.
” ބުނަން އަޝްފާގު ވާހަކައެއް. އަހަރެންގެ މިތިބަ ކުދިން ތިބޭހެން ހުންނަންވާނީ. ތިހެން ގަޔަށް ދޫ ގޯނިހެދުން ލައިގެން އުޅުން އެއީ އަހަރެންނަށް މާ ކަމުދާ ކަމެއްނޫން ” ތައުފީގު މިހެން ބުނެލުމުން އަޝްފާގު ލައިގެން ހުރި ގަމީސް ރީތިކޮށްލިއެވެ. ” ކޮބާ އަޝްފާގުގެ އަންނައުނު ” ތައުފީގު އަހާލިއެވެ. ” ނުހުރޭ މާގިނަ އެއްޗެއް. އެތަން މިތަނުން މީހުން އުކާލާ އެއްޗެއްހި ގެނެސްގެން ލަނީ ” އަޝްފާގު އިސްދަށަށް ޖަހާލަމުން ބުނެލިއެވެ. އެވަގުތު އަނެއްކާ ވެސް އަޝްފާގުގެ ފޯން ރިންގުވާންފެށިއެވެ. ” ހަލޯ ” އަޝްފާގު ފޯންނަގާ ކަންފަތުގައި ޖައްސާ ބުނެލިއެވެ. ” ބުނެފީމެއްނު އަހަރެން ތިބުނާ ރުފިޔާއެއް ނުނަގަމޭ. ނުވެސް ދެކެމޭ ” ފޯނުން ވާހަކަ ދެއްކި މީހާގެ އަޑު އަހާފަ ހިތްހަމަ ނުޖެހޭ ފާޑަކަށް އަޝްފާގު ބުނެލިއެވެ. އަދި ފޯން ކަނޑާލުމަށްފަހު ފޯނަށް ލައްވާފަ އިން ސިމްކޮޅު ނަގާ ބިންދާލިއެވެ. އެމަންޒަރު ބަލަން އެންމެން ތިއްބެވެ. ” ކިހިނެއްވެގެން ސިމްކޮޅު ތި ބިންދާލީ ” ސޯފާގައި އިށީދެގެން އިން ޝުހާދު އަހާލިއެވެ. ” ދެން މިއުދަގުލެއް ނުޖެހޭނެއްނު. އެބުނާ ރުފިޔާއެއް ނުނަގާ ވާހަކަ ބުނީމާވެސް ހަމަ އެސުވާލު އެކުރަނީ ” އަޝްފާގު ބުނެލިއެވެ. ” ދެން މިސާލަކަށް އަޝްފާގުގެ އާއިލާއިން ގުޅަން އުޅި، ނުގުޅެންޏާ ކިހިނެއް ހަދާނީ ” ސޯފާ ކައިރީގައި ހުރި ވިދާން ސުވާލުކޮށްލިއެވެ. ” އެމީހުން ނުގުޅާނެ. މިހުރިހާ ދުވަސް ވީރުވެސް އެމީހުން އަހަރެން ހޯދާކަށް ނުގުޅާ ” އަޝްފާގު ބުނެލިއެވެ. ” އަހަރެން ބޭނުމެއްނޫން އަހަރެންނާ އެކުގަ އުޅުން މީހުންގެ އަޑު އަހާކަށް. އަހަރެން ބޭނުންވަނީ މިކަމުން ސަލާމަތްވާން. އެންމެން ގަބޫލް ކުރާވަރުގެ މީހަކަށް ވެގެން އާއިލާގެ ރުހުން ހޯދުން އެއީ ބޭނުމަކީ ” އަޝްފާގު ބުނެލިއެވެ.
” ދެން ދޭ ފެންވަރާލަން. ދަރިފުޅާ ދޭ އަޝްފާގުއަށް ފާހާނާ ދައްކާލަން ” ސޯފާކައިރީގައި ހުރި ވިދާނަށް މުހާތަބްކޮށް ތައުފީގު ބުނެލިއެވެ. ” އާދޭ… ” ވިދާން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން އަޝްފާގުއަށް ބަލާލާފަ ބުނެލިއެވެ. ” ތި ދެކުދިންނަށްޓަކާ ބައްޕަޔާ މަންމަ ވަރަށް ބޮޑު ރިސްކެއް މިނަގަނީ. އެހެންވީމާ ވަރަށް ބަލައިގެން އުޅޭތި. އެހެންނޫނީ ދެރަ ކަމެއް ކުރިމަތި ވެދާނެ ” ވިދާން އަޝްފާގު ގޮވައިގެން ކޮޓަރިއަށް ދިޔުމުން، ކައިރީގައި އިން ޝުހާދަށް ބަލާލަމުން ތައުފީގު ބުނެލިއެވެ. އޭރު ސަކީލާ އަޝްފާގުއަށް ކާން ހެދުމުގައި އުޅުނެވެ. ” އެނގޭ ތިކަން ބައްޕާ. އެހާލަތުގަ ހުންނަ މީހަކު ގެންގުޅުމަކީ ފަސޭހަ މީހެއް ނޫންކަން ވެސް އެނގޭ. އެހެންވެ އަހަރެމެން ބުނެފަ ވެސް އޮންނާނެ ރިހެބަށް ދާން. އެތަނުން ފަރުވާ ހޯދައިގެން ރަނގަޅު މީހެއްގެ ގޮތުގަ އައުމަށް. ބައްޕަ ނުބުންޏަސް އަޝްފާގުއަށް ވާވަރު ބަލަމުން ދާނަން ” ޝުހާދު ބުނެލިއެވެ. ” އަދި ބުނަން ވާހަކައެއް. މީ ބައްޕަ މީހުންގެ ފަރާތުން އަޑު އަހާ ވާހަކައެއް. މަސްތުގެ އަވައިގަ ދުވަސްތައް ހޭދަކޮށްފަ ހުންނަ މީހަކު އެންމެ ފަހަރަކުވެސް އެ ބޭނުން ނުކޮށްފިނަމަ، ލައްކަ ތަކުލީފުތައް ކުރިމަތި ވާނެ ވާހަކަ ” ތައުފީގު ބުނެލިއެވެ. ” ތިބުނީ ކޮށްކަހަލަ ތަކުލީފުތަކެއްގެ ވާހަކައެއް ” ޝުހާދު ހައިރާންކަމާއެކު އަހާލިއެވެ. ” މިބުނީ މަސްތުވަމުން އަންނަމީހަކު އެންމެ ފަހަރަކުވެސް މަސްތު ނުވެ ހުރެއްޖެނަމަ، އެމީހެއްގެ ގައިގައި ވަރަށް ވޭންއަޅާނޭ. ބުނަން ނޭންގެ އުނދަގުތަކެއް ވާހަކަމުގެ އިހުސާސް އެމީހަކަށް ކުރުވާނޭ. އެހެންވީމާ އަޝްފާގަށް އަންނަ ބަދަލުތަކާ، ހަރަކާތްތަކަށް ފާރަވެރިވެ ތިބެންވާނީ ” ތައުފީގު ބުނެލިއެވެ. އެ ވާހަކަތައް ޝުހާދު ކަނުލާ އަޑުއަހަން އިނެވެ. ” ތިހުރިހާ ކަމަކަށް ވަރަށް ފަރުވާތެރި ވާނަން ” ޝުހާދު ހިނިތުން ވެލަމުން ބުނެލިއެވެ. ” ދެން ދޭ އަޝްފާގުއަށް ދަރިފުޅުގެ ހެދުން ތަކުން ހެދުމެއްދޭން. އެހެންނޫނީ ލާނެ އެއްޗެއް ވެސް ނުހުންނާނެ ” ހިނިތުންވެލަމުން ތައުފީގު ބުނެލިއެވެ. ” އާނ… ހުންނާނެ މީހާރު ނުލާ ބައިވަރު އެއްޗެހި. އެ ހުރިހާ އެއްޗެއް އަޝްފާގަށް ދޭނަން ” މިހެންބުނެ ޝުހާދު ސޯފާއިން ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
” ތައުފީގަށް ހިވޭތަ އެ ސޮރު އެދެއްކީ ހެޔޮ ވާހަކައެއްހެން ” ޝުހާދު ކޮޓަރިއަށް ދިޔުމުން، ކާންހަދާފަ ސަކީލާއައިސް ސޯފާގައި އިށީދެ ބުނެލިއެވެ. ” މުޅިން ދޮގު ވާހަކައެކޭ ބުނާކަށް ނޭންގެ. އެކަމަކު އަމިއްލައަށް ރަނގަޅު ވާން ބޭނުންވެގެން އެވާހަކަ ދެއްކުމުން ފުރުސަތެއް ދިނުމަކީ ވެސް ނެތްކަމެއް ނޫންތާ. ދެންބަލަމާދޯ ވާގޮތެއް ” ތައުފީގު ބުނެލިއެވެ.
” ކިހިނެއްވެފަ ތި އިންނަނީ ” އަލަމާރިތެރެ ހާވަމުން އެދުމަތީ އިށީދެގެން އިން ވިދާނަށް ބަލާލަމުން ޝުހާދު އަހާލިއެވެ. ” ކަމެއްނުވޭ. އަޝްފާގު ފާހާނާއިން ނިކުންނަންދެން މި އިންނަނީ ” ވިދާން ބުނެލިއެވެ. ” ކޮންއެއްޗެއް ތި ހޯދަނީ ” ވިދާން އަހާލިއެވެ. ” މިއުޅެނީ އަހަރެން ނުލާހުރި ބައެއް އެއްޗެހި އަޝްފާގަށް ދޭންވެގެން. އޭނާގެ އަތުގަ އަންނައުނު ނުހުންނާނެއްނު ” ޝުހާދު ބައެއް އަންނައުނު އަލަމާރިން ނަގަމުން ބުނެލިއެވެ.
” ހިތަށް މިއަރަނީ އަޝްފާގު ދެއްކި ވާހަކަޔާ އެއްގޮތަށް އޭނައަށް އުޅެވޭނެބާއޭ ” އަންނައުނުތައް ހިފައިގެން އައިސް ޝުހާދު އެދުގައި އިށީނުމުން ވިދާން ބުނެލިއެވެ. ” އޭނަ އެހެން ބުންޏަސް އަހަރެންނަށް ވެސް ގަބޫލު ކުރަން ދަތި. އެކަމަކު އޭނަ އަމިއްލައަށް ރަނގަޅުވާން ބުނީމާ، ކޮންމެވެސް ބަޔަކު އެހީތެރިކަމެއް ނޫދޭ ކަމަށް ވަންޏާ، ރަނގަޅުވާން ބޭނުންވެގެން އުޅޭ މީހަކަށް ވެސް އެ ހިތްވަރެއް ނުލިބޭނެއްނު. އެހެންވެ އަހަރެން ބައްޕަ ގާތުގައި ބުނެގެންވެސް ގޮތެއްވޭތޯ ބެލީ ” ޝުހާދު ބުނެލިއެވެ. ” ކޮބާ ނުނިމޭތަ؟ ” އިރުކޮޅެއްކޮށްލާފަ ޝުހާދު ފާހާނާގެ ދޮރުކައިރިއަށް ހުއްޓި ބުނެލިއެވެ. ” މި ނިކުންނަނީ ” ފާހާނާގައި ހުރި އަޝްފާގު ބުނެލިއެވެ. ” ނިދި އައީތަ؟ ” ވިދާން އާފުރިތަން ފެނުމުން ފާހާނާ ކައިރީ ހުރެފަ އެނދާ ދިމާއަށް ޝުހާދު ހިނގައިގަންނަމުން އަހާލިއެވެ. ” ނިދި އަންނާނެދޯ ” ވިދާން ބުނެލިއެވެ.
” ހިތްހަމަ ޖެހޭ ވަރަށް ފެންވަރާލެވުނުތަ؟ ” އަޝްފާގު ލައިގެން ހުރި އެއްޗެހި އަތުން ހިފައިގެން ފާހާނާއިން ބޭރަށް ނިކުތުމުން ޝުހާދު ސުވާލުކޮށްލިއެވެ. ” އާނ… އެކަމަކު ވަރަށް ހީވެސް ކަރުވާއެބަ ” އަޝްފާގު އޭސީއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ” ތި އެއްޗެހި ތިތާ ތިރީގަ ބަހައްޓާ. މިހުރީ އަޝްފާގު ލާންހުރި އެއްޗެހި ” ޝުހާދު އަލާމާރިންނެގި އަންނައުނު އަޝްފާގަށް ދިއްކޮށްލިއެވެ. ޝުހާދު ދިން އަންނައުނުތަކުގައި އަޝްފާގު ހިފަމުން ޝުހާދަށް ބަލާލިއެވެ. ” މިހާ ގިނަ އެއްޗެހިތަކެއް ބޭނުމެއް ނޫން ” އަޝްފާގު ބުނެލިއެވެ. ” ތި ގިނައެއް ނޫނޭ. ބައްޕަވެސް ބުންޏެއްނު މިހިރަ ގޯނިހެން ހުރި އެއްޗެހި ލައިގެން އުޅޭކަށް ކަމަކު ނުދެއޭ ” އަޝްފާގު ފާހާނާ ދޮރުކައިރީ ބެހެއްޓި އެއްޗިއްސަށް އިޝާރާތް ކޮށްލަމުން ޝުހާދު ބުނެލިއެވެ. ” ތި އެއްޗެހި ތަކުގެތެރެއިން އަދި އެކަތި މަދުވާނެ. އެ ދޭނަން މާދަން ” އެނދުގައި އިށީންނަމުން ޝުހާދު ބުނެލިއެވެ. ” ދެން ކޮންއެއްޗެއްތަ މަދުވަނީ ” ވިދާން އަހާލިއެވެ. ” ކީއްކުރަން ބަލަނީ ” ހީގަންނަމުން ޝުހާދު ބުނެލިއެވެ. ” ބަލަން ބޭނުންވާތީ މި އެހީ ” ވިދާން ޝުހާދަށް ފުރަގަސް ދީގެން އިނުމަށްފަހު، އެނބުރިލަމުން އަހާލިއެވެ. ” އެއީ އަހަންނާ، އަޝްފާގާ ދެމީހުންގެ ދެމެދުގެ ކަމެއް ” ޝުހާދު ބުނެލިއެވެ. ” މިހާރު އެހާ ދުރުކޮށްލީތަ؟ ” ވިދާން ބުނެލިއެވެ. ” ސާބަހޭ… އެއީ ބޮކްސް އެއް. މިހާރު އެގިއްޖެ ” އެނދުމަތީ އޮތް ބާލިސް ރަނގަޅުކޮށްލަމުން ޝުހާދު ބުނެލިއެވެ. ” ކުޑައިރުލީ މުންޑު ގަނޑުވެސް ދޭންވީނު ” ކައިރީގައި އޮތް ބާލީސް ޝުހާދާ ދިމާއަށް އެއްލުމަށްފަހު، ހެމުން ވިދާން ކޮޓަރިންބޭރަށް ނިކުތެވެ. ” ޗޭންޖް ކޮށްލައިގެން އަވަހަށް އާދޭ ކާން. މަންމަ އެބަހުރި ކާން ހަނދާފަ ” ވިދާން ކޮޓަރިން ބޭރަށް ނިކުމެގެން ދިޔުމުން، ޝުހާދުވެސް ބޭރަށް ނިކުންނަމުން އަޝްފާގުއަށް މުހާތަބްކޮށް ބުނެލިއެވެ.
” މަންމަ ކޮޓަރީގަ އިން ގޮނދަޑި ދަރިފުޅު ކޮޓަރިއަށް ގެންދޭ އަޝްފާގު ނިދަން ” ޝުހާދު ކޮޓަރިން ބޭރަށް ނިކުމެގެން އައުމުން ސަކީލާ ބުނެލިއެވެ. ” ކޮބާ އަޝްފާގު މިހާރު ” ސަކީލާގެ ކޮޓަރިއާ ދިމާއަށް ޝުހާދު ހިނގައިގަތުމުން ތައުފީގު އަހާލިއެވެ. ” އެބަ އާދޭ ” ޝުހާދު ބުނެލިއެވެ. ” މިހިރަ މީހެއްދޯ ” ޝުހާދު ހިނގާފައި ދަމުން އައިސްއަލަމާރި ކައިރީގައި ފެންފުޅިއެއް ނަގައިގެން ހުރި ވިދާންގެ ބަނޑުކޮއްޓާލުމުން ވިދާން ބުނެލިއެވެ. ހަމަ އެއާއެކު ވިދާން ޝުހާދާ ދިމާއަށް ފައިވެސް ހޫރާލިއެވެ. ވިދާންގެ ފައިން ރެކިގެން ޝުހާދު ހެމުން ގޮސް ސަކީލާގެ ކޮޓަރިއަށް ވަނެވެ.
” ކޮބާ އަދިވެސް ތިހުންނަނީ ރެޑީނުވެތަ؟ ” ގޮނދަޑި ހިފައިގެން ކޮޓަރިއަށް ވަނުމަށްފަހު، ޓީޝާޓެއް އަތަށް ނަގައިގެން ހުރި އަޝްފާގު ކުރެން އަހާލިއެވެ. ” ރެޑީވެގެން މިހުރީ ” އަޝްފާގު ޓީޝާޓް ބޮލައް މަހާލަމުން ބުނެލިއެވެ. ” އެހެންވިއްޔާ ހިނގާ ކާން. މަންމަމެން އެތިބީ އަޝްފާގު ކައިނިމެންދެން ” ޝުހާދު ގޮނދަޑި ފާރު ކައިރީ ލައްކޮށްލަމުން ބުނެލިއެވެ. އަދި ދެމީހުން އެކުގައި ކޮޓަރިން ބޭރަށް ނިކުތެވެ. ” މަންމަމެން މިދަނީ އޮށޯންނަންވެގެން. އަޝްފާގު ކައި ނިމުނީމާ އަވަހަށްދޭ ނިދަން ” އަޝްފާގާ އެކުގައި ޝުހާދު ކޮޓަރިން ބޭރަށް ނިކުތުމުން ސަކީލާ ބުނެލިއެވެ.
އަޝްފާގު ކައިގެން އައިސް ޝުހާދު އަޅާފަ އޮތް ގޮނދަޑި މަތީގައި އޮށޯވެލިއެވެ. އެނދުގައި ވިދާނާ ޝުހާދު އޮތެވެ. ތިން މީހުން ވެސް ނިދަން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އަޝްފާގަށް ހަމަޖެހިގެން އޮވެވޭ ގޮތެއް ނުވިއެވެ. ބުނަން ނޭންގޭ އުދަގޫތަކެއް ވަމުންދިޔައެވެ. ޝުހާދު އޮށޯވެ މާގިނަ އިރުތަކެއް ނުވަނީސް ނިދިއްޖެއެވެ. ވިދާންގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތުމުން ފުރޮޅި ފުރޮޅި އޮތެވެ. އެހެން އޮށްވާ މީހަކު ކުކުރޭ އަޑު ވިދާންއަށް އިވުނެވެ. އަދި ކުއްލިއަކަށް އޮށޯވެގެން އޮތުމަށްފަހު ވިދާން ތެދުވެ އަޑު އަންނަ ދިމާއަށް ބަލާލިއެވެ. ވިދާން އަށް ފެނުނީ އަޝްފާގު ކުރުގެޅިގެން އޮވެ ފާޑަކަށް ތެޅެމުން ދަނިކޮށެވެ. ” ޝުހާދު… އޭތް. ތެދުވެބަލަ ” ވިދާން ވަގުތުން ޝުހާދުއަށް ގޮވާ ހޭލައްވާލިއެވެ. ” ކިހިނެއްވީ ” ޝުހާދު ލޯ ހުޅުވާލާ ސުވާލުކޮށްލިއެވެ. ” ބަލާބަލަ އަޝްފާގަށް ވާ ގޮތް ” ވިދާން އެހެން ބުނުމުން ޝުހާދު ތެދުވެ ބަލާލިއެވެ.
” އަޝްފާގު… ކިހިނެއް ތިވަނީ ” އަޝްފާގު ކައިރިއަށް ގޮސް ޝުހާދު އަހާލިއެވެ. ” ނޭންގެ. ވަރަށް އުނދަގޫ އެބަވޭ. ހީވެސް ކަރުވާ އެބަ ” އަޝްފާގު ބަލި ފާޑަކަށް ބުނެލިއެވެ. ” ދާން… އޭސީ ނިއްވާލަބަލަ ” ޝުހާދު ބުނެލިއެވެ. އަދި ޝުހާދު އަލަމާރިން ރަޖާ ގަނޑެއް ނަގާ އަޝްފާގުގެ ގައިމަތީގައި އަޅާލިއެވެ. ކަރުވަމުން ދިޔަ ހީ ކުޑަވިއެއްކަމަކު އަޝްފާގަށް ވަމުން ދިޔަ އުނދަގޫތަކަށް ބަދަލެއް ނާދެއެވެ. ” ބައްޕައަށް ގޮވަންވީނު ” ވިދާން ބުނެލިއެވެ. ” ނޫނޭ. ބައްޕައަށް ދެން އުނދަގޫ ނުކުރޭ ” އަޝްފާގު ބުނެލިއެވެ. ” އެކަމަކު ތިވާ އުނދަގޫތައް ފެނި އަހަރުމެންނަށް ނޭންގެ ކުރާނެ ކަމެއްވެސް. އެހެންވީމާ ބައްޕަ ގާތުގައި ބުނަންވާނެދޯ ” ޝުހާދު އަޝްފާގުގެ މޭގައި ފިރުމަމުން ބުނެލިއެވެ. ” ފެންތައްތެއް ގެނެސްދީބަލަ ” ވަމުން ދިޔަ އުނދަގޫތަކާއެކު އަޝްފާގު ބުނެލިއެވެ. ” ދޭ ފެންތައްޓެއް ހިފައިގެން އަންނަން ” ޝުހާދު ވިދާން ގާތުގައި ބުނެލުން ވިދާން ގޮސް ފެންތަށި ހިފައިގެން އައިސް ޝުހާދަށް ދިއްކޮށްލިއެވެ. ” އަށް… ފެންފޮދެއް ބޯލާ ” ޝުހާދު ތަށި އަޝްފާގަށް ދިއްކޮށްލަމުން ބުނެލިއެވެ. ވިދާންގެ އެހީއާއި އެކު އަޝްފާގު ކުޑަކޮށް ތެދުވެލާ ފެން ބޯންފެށިއެވެ. ފެންބޮއި ނިމުމުން އަޝްފާގު ތަށި ޝުހާދަށް ދިއްކޮށްލުމަށް އެނދުގައި ލެނގިލިއެވެ.
” މިހާރު އޯކޭތަ؟ ” ޝުހާދު އަހާލިއެވެ. ” ކުޑަކޮށް އޯކޭހެން ހީވަނީ ” އަޝްފާގު ވަރުބަލިވެފައިވާ ފަދަ ގޮތަކަށް ބުނެލިއެވެ. ” އަހަންނާހެދި ކިހާ އުނދަގުލެއްދޯ މިވަނީ ” އަޝްފާގު ބުނެލިއެވެ. ” ނުވޭ އުނދަގުލެއް. އުނދަގުލެއް ވާނެނަމަ އަޝްފާގު ރަނގަޅު ވާން ބުނީމާ ސަޕޯޓް ނުކުރާނެދޯ ” ޝުހާދު ބުނެލިއެވެ. ” ދެން އޮށޯވެލާ، ނިދާލެވޭތޯ ބަލާ. ކަންތައްތަކާ މާ ބޮޑަށް ވިސްނާއެއްޗެއް ނޫން ” ޝުހާދު އެނދަށް އަރަމުން ބުނެލިއެވެ. އަދި ޝުހާދާއެކުގައި ވިދާންވެސް ނިދަންވެގެން އެނދަށް އެރިއެވެ.
” ދަރިފުޅާ ދެން ތެދުވަން އުޅޭ ” ތައުފީގު ޝުހާދު ކޮޓަރީ ދޮރު ހުޅުވާލާފަ ބުނެލިއެވެ. ” އާނ… މިތެދުވަނީ ” ތައުފީގުގެ އަޑަށް ޝުހާދު ދޮރާ ދިމާއަށް ބަލާލާފަ ބުނެލިއެވެ. އަދި ކަންނެތް ގޮތަކަށް މޯޅިއަކަށް ދެމިލިއެވެ. ” އަވަސް ކުރައްޗޭ ” ތައުފީގު ކޮޓަރީ ދޮރު ލައްޕާލަމުން ބުނެލިއެވެ. ” އޭތް… ތެދުވަން އުޅޭ ދެން ” ޝުހާދު އެނދުން ތެދުވަމުން ކައިރީގައި އޮތް ވިދާންގެ ގައިގަ ކޮއްޓާލާފަ ބުނެލިއެވެ. ” ޝުހާދު ދޭބަލަ ފާހާނާއަށް ” ބަންޑުން އޮށޯވެގެން އޮތް ވިދާން އެނދުގައި ރަނގަޅަށް ހަމަޖެހިލަމުން ބުނެލިއެވެ. ޝުހާދު ފާހާނާއަށް ވަންނަން ދަމުން އެނދުކައިރީގައި ނިދާފަ އޮތް އަޝްފާގުއަށް ބަލާލިއެވެ. އަދި ލުއި ގޮތަކަށް ހިނިތުންވެލާފަ ގޮސް ފާހާނާއަށް ވަނެވެ.
” ބައްޕާ އެކަންތައް ބަލާލިންތަ؟ ” އެންމެން އެކީގައި ސައިބޯން ތިބެފަ ޝުހާދު ތައުފީގު ކުރެން އަހާލިއެވެ. ” އާނ… ބައްޕަ އަހާލިން. އެކަމަކު ފަހުން އަދި ހަބަރެއް ނުވޭ. މިއަދު އަނެއްކާ ވެސް ބަލާލާނަން ” ތައުފީގު ބުނެލިއެވެ. ” ކޮބާ އަޝްފާގު ރަނގަޅަށް ނިދާލެވުންތަ؟ ” ތައުފީގު އަހާލިއެވެ. ” އާނ… ” އިސްދަށަށް ޖަހާލައިގެންއިން އަޝްފާގު އިސްއުފުލާލާ ބުނެލިއެވެ. ” އެހެންވީމާ ތި އިސްތަށިގަނޑާ ތުބުޅިވެސް ކޮށާ ރީތިކޮށްލަން ވާނެ މިއަދު ” އަޝްފާގު ތައުފީގުއަށް ޖަވާބު ދިނުމަށްފަހު އިސްތަށިތައް ރީތިކޮށްލުމުން ތައުފީގު ބުނެލިއެވެ. އަދި އާއެކޭ ބުނާފަދަ ގޮތަކަށް އަޝްފާގު ބޯޖަހާލިއެވެ. ” އަވަސްކުރޭ. މިއަދު އެބައޮތް މަސައްކަތެއް ވެސް ކުރަން ” ޝުހާދު ކައިގެން ތެދުވެގެން އަތްދޮންނަން ދަމުން، ވިދާންގެ ކޮޑުގައި ހިފާލަމުން ޝުހާދު ބުނެލިއެވެ. ” ކޮން މަސައްކަތެއް އަނެއްކާ ” ތައުފީގު އަހާލިއެވެ. ” އެއީ މަތީގެ ކޮޓަރި ހަމަޔަކަށް އަލުވާލަންވެގެން ” އަތްދޮންނަމުން ޝުހާދު ބުނެލިއެވެ.
” މަތީގެ ކޮޓަރިއޭ ތިބުނީ ކިހިނެއްވީތަ؟ ” ސައިގެ ކަންތައް ނިންމާލުމަށްފަހު ތިން އެކުވެރިން އެކީގައި ކޮޓަރީގައި ތިބެފަ، އަޝްފާގު އަހާލިއެވެ. ” އެއީ މަތީގަ ހުރި ކޮޓަރި އަޝްފާގުއަށް ދޭންވެގެން. އޭރުން ދެން ރިހެބަށް ދެވެންދެން އަޝްފާގު ނިދާނީ އެކޮޓަރީގަ ” ޝުހާދު ބުނެލިއެވެ. ” ކިހިނެއްވީ. އަހަރެން ތި މީހުން ކައިރީގަ އޮތީމާ އުނދަގޫވާނެތީތަ؟ ” އަޝްފާގު އެނދުގެ އެއްކަނުގައި އިށީދެލަމުން އަހާލިއެވެ. ” ނޫން. އެހެންވެގެނެއްނޫން. އަޝްފާގު ރިހެބަށް ދާންދެން އަހަރުން ތިން މީހުން ނިދާނީ މަތީގަ ” ވިދާން ބުނެލިއެވެ. ” އޭރުންނެއްނު އަހަރުމެންގެ ސްކޫލް ދުވަސްވަރުގެ ވާހަކަތައްވެސް ދައްކާ އެހަނދާންތައް އާކޮށްލާ، މަޖާވެސް ކޮށްލެވޭނީ ” ޝުހާދު އަލަމާރިން ޓީޝާޓެއް ނަގަމުން ބުނެލިއެވެ. ” އެތެދެއް. މި ބައިގަ މަންމަވެސް ތިބޭތީ އެހާއެއް ނޫން ” ވިދާން ބުނެލިއެވެ. ” އަވަހަށް ހިނގާ އެމަސައްކަތްކޮށް ނިންމާލަން. އަދި މި ނަރު އިސްތަށިގަނޑުވެސް ކޮށާލަން ދާންޖެހޭނެއްނު ” ޝުހާދު އަޝްފާގުގެ އިސްތަށިގަނޑުގައި ހިފާ ދަމާލަމުން ހެމުން ބުނެލިއެވެ.
” ރޭގަ ކިހިނެއްވީތަ؟ ” ވިދާން އަހާލިއެވެ. ” އެއީ އަސްލު ބޭނުން ނުކޮށް ހުރީމާވީ ގޮތެއް. ކުރިން އެހެންމީހުންނަށް މިހެންވާތަން ފެނުނީމާ އަހަރެން ވެސް ބިރުގަތް. އެކަމަކު ފަހުން އޭރުގަ، އެކުގަ އުޅުން މީހުން އަހަރެންނަށް ބުނެދިނީ އެއީ ބޭނުން ނުކޮށް ގިނަ އިރުވިމާ ވާގޮތެއް ކަމަށް. މިބުނީ ފުރަތަމަ ދުވަސް ކޮޅުގަ އެކަހަލަ އުދަގޫތައް ހުންނާނެޔޭ. އެކަމަކު ކެއްތެރިކަމެއް ހުރެގެން މަސައްކަތްކޮށްފިނަމަ އޯކޭވާނެ. މިހާރު އިހުސާސްވޭ ހަށިގަނޑުގައި ކިހާ ވޭނެއްކަން އަޅަމުން ދަނީ. ކިހާ މިންވަރަކަށް ކަން ހަށިގަނޑު ބަލިކަށިވީ ” ޝުހާދާއި ވިދާން ޓެރަސްމަތީ ހުރި ޖޯލީގައި އަޝްފާގު ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން އިނެވެ. ” އަޝްފާގު އެހާވަރަށް ތެޅެންފެށީމާ އަސްލު ވަރަށް ބިރުވެސް ގަތް ” ވިދާން ބުނެލިއެވެ. ” އެތެދެއް. ކޮޓަރީގެ ފަނޑު އަލިކަމުންވެސް ދާންގެ ދެލޯ ނިތުކުރީގަ ހުރިތަން ފެނުން ” ޝުހާދު ދިމާކުރާ ރާގަކަށް ބުނެލުމުން އަޝްފާގު ވިދާނަށް ބަލާލާފަ ހީލިއެވެ. ” ރޭގަ ވީ ކަހަކަ ގޮތެއް ފަހުންވެސް ވެއްޖެނަމަ ކިހިނެއް ހަދާނީ ” ވިދާން އަހާލިއެވެ. ” މާ ބޮޑު ކަމެއް ކުރާނެ ކަމެއް ނެތް. ކުޑަކޮށް އެހެން ހިފާއްޓާލީމާ އޯކޭވާނެ ” އަޝްފާގު ބުނެލިއެވެ. ” އޭރުން މާބޮޑު ވޭނަކަށް ވާނެއްނު ” ވިދާން ބުނެލިއެވެ. ” އެނގޭ ބޮޑު ވޭނަކަށް ވާނެކަން. އެކަމަކު މިކަމުން ސަލާމަތް ވާން ބޭނުންނަމަ، އެ ވޭން ވެސް އުފުލަންދޯ ޖެހޭނީ ” އަޝްފާގު ބުނެލިއެވެ.
” ހަލޯ ” ޝުހާދު ޖީބުގައި އޮތް ފޯންނަގާ ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ. ” އޮޅިގެންތަ އަނެއްކާ ތިގުޅީ ” ޝުހާދު ހީލަމުން އަހާލިއެވެ. ” އަހަރެން ރަނގަޅު ދޯ އޮޅިގެންވެސް ގުޅާލިކަން. ޝުހާދަށް ވަގުތު ނުވާތީތާ، އޮޅިގެންވެސް ގުޅާ ނުލަނީ ” ސާމީ ބުނެލިއެވެ. ” އަސްލު ރަނގަޅު ވާހަކައެއް ތިބުނީ. ދުވަސްކޮޅެއް ދިޔަ ވަރަށް ބިޒީވެގެން. އެކަމަކު މިހާރު ހަމަ ފުރީ ” ޝުހާދު ޖޯލީގައި ހަމަޖެހިލަމުން ބުނެލިއެވެ.
” އަހަރެންވެސް މި ދިޔަ ދުވަސްތަކުގަ ވަރަށް ބިޒީ. ރިސޯޓް ޖޮބުން ސަލާމަތް ވާއިރަން މިގުޅީ ” ސާމީ ބުނެލިއެވެ. ” ކޮންކަމަކުތަ ތި ގުޅާލީ ” ޝުހާދު ބުނެލިއެވެ. ” މާދަން މާފުއްޓަށް ދާންއުޅޭތީ މަޖާކޮށްލަން ދާން ހިނގާށޭ ބުނަންވެގެން ” ސާމީ ބުނެލިއެވެ. ” އެހެންތަ؟ ކޮން ބައެއް ދަނީ ” ޝުހާދު އަހާލިއެވެ. ” ކުރީގެ ކްލާސް މޭޓުންތަކެއް ” ސާމީ ބުނެލިއެވެ. ” ދެވިދާނެ. އެކަމަކު އަދިވެސް ކޮވިޑް ކަންތަކާ މާފުށި ބައްދުކޮށްފައެއް ނޫންތަ އޮތީ ” ޝުހާދު އަހާލިއެވެ. ” މިހާރު ހުޅުވާލާފަ އޮތީ. އެކަމަކު ކުދި ކުދި ރޫލްސްތައް އެބަހުރި. އެ ފޮލޯ ކޮށްލީމާ ރަނގަޅުވާނެ ” ސާމީ ބުނެލިއެވެ. ” ކޮބާތަ މިހާރު އެއްކަލަ ވިދާން. ނުފެންނަތާ ވަރަށް ދުވަސް ވެއްޖެ ” ސާމީ ސުވާލުކޮށްލިއެވެ. ” އެބައުޅޭ ” މިހެން ބުނެ ޝުހާދު ވިދާނަށް ބަލާލިއެވެ. ހަމަ އެވަގުތު ވިދާންވެސް ޝުހާދަށް ބަލާލުމުން، ޝުހާދު އަވަސް އަވަހަށް ދެ ބުމަ އަރުވާލިއެވެ. ޝުހާދު ޖެއްސުން ކުރަނީކަން އެނގުމުން ވިދާން ގޮށްމުއްކަވާފަ، ޝުހާދުގެ ކަކުލާ ހިސާބުގައި އަތުން ޖެހިއެވެ. ” މޮޔަވީތަ؟ ” ޝުހާދު ކަކުލުގައި އަތް އުނގުޅާމުން ވިދާނަށް މުހާތަބްކޮށް ބުނެލިއެވެ. ” ކިހިނެއްވީތަ؟ ” ސާމީ އަހާލިއެވެ. ” ނުވޭ ކަމެއް. ކިޔާބަލަ… ކީކޭތަކީ ދެންމެގަ ” ޝުހާދު އަހާލިއެވެ. ” މިބުނީ އޭނަ ދާނެހޭ ” ސާމީ ޔަގީން ނުވާ ފާޑަކަށް އަހާލިއެވެ. ” އާނ… ތިކަމާ ހާސްނުވޭ… ތިކަން ވާނެ. އެކަމަކު އަދި އެއް ސްލޮޓް ދޭންވާނެ ” ޝުހާދު ބުނެލިއެވެ. ” އެންމެ ރަނގަޅު. އަދި މިރޭ ގުޅާލާނަން ” ސާމީ މިހެން ބުނެ ފޯން ކަނޑާލިއެވެ.
” ކޮންތާކަށް ދެވިދާނޭ ތިބުނީ ” ޝުހާދު ފޯން ކަނޑާލުމުން ވިދާން އަހާލިއެވެ. ” އެއްކަލަ ސާމީ އެގުޅީ ” ޝުހާދު ބުނެލިއެވެ. ” އެއުޅޭ ޖެރީ… ” ވިދާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ” ކީއްވެތަ އޭނައަށް ޖެރީ ކިޔާ ގޮތެއްވީ މާކުރިންވެސް ” ޝުހާދު އަހާލިއެވެ. ” އޭނަ އުޅޭލެއް ހަލުވިކަމުން އަހަރެން ކީއެއްޗެއް އެއީ. ފަހުން އެންމެންވެސް އެނަމުން ކިޔަންފެށީ ” ވިދާން ބުނެލިއެވެ. ” ކީކޭތަ ބުނީ ޖެރީ ” ވިދާން އަހާލިއެވެ. ” މާދަން މާފުއްޓަށް ދާންވެގެން ހިނގާށޭ ކިޔާފަ އެ ގުޅީ. އަހަރެން ބުނިން ދެވިދާނޭ ” ޝުހާދު ބުނެލިއެވެ. ” ދެން ހާސްނުވާށޭ… ތިކަންވާނޭ ތިބުނީޔޯ ” ވިދާން އަހާލިއެވެ. ” ސާމީ އެހީ ދާންގެ ވާހަކަ. އެހެންވެ އަހަރެން ބުނީ ތިކަންވާނޭ ” ޝުހާދު ބުނެލިއެވެ. ” އެހެންވީމާ އަހަރެންވެސް ދާނެހޭދޯ އެއަހަނީ ” ވިދާން ވިސްނާލާފަ ބުނެލިއެވެ. ” އާނ… އެހެން ބުނީ ” ޝުހާދު ބުނެލިއެވެ. ” އެކަމަކު ބައްޕަ އަހަރުމެން ދިޔަދޭނެތަ؟ ” ވިދާން އަހާލިއެވެ. ” އަހާލާނީ. ހިޔެއްނުވޭ މަނާ ކުރާނެހެނެއް ” ޝުހާދު ބުނެލިއެވެ. ” އަޝްފާގުވެސް ވާނެދާން. އޯޕަން މާހައުލަކަށް ގޮސްލާ މަޖާ ކޮށްލީމާވެސް ރަނގަޅުވާނެ ” ޝުހާދު އަޝްފާގަށް ބަލާލަމުން ބުނެލިއެވެ. ” އަހަރެން ދިޔައީމާ ސާމީ ހިތްހަމަ ނުޖެހޭނެ ” އަޝްފާގު ބުނެލިއެވެ. ” އެކީއްވެ؟ ” ވިދާން އަހާލިއެވެ. ” އެއީ ވަރަށް ކުރިން ދިމާވި ކަމަކުން ” އަޝްފާގު ބުނެލިއެވެ. ” ތިއުޅެނީ އަދި ޖެރީގެ ގޮތް ނޭންގިގެން. އެއީ އަދި މީހަކު ކުރާ ކަމަކުން، ބުނާ އެއްޗަކުން ރުޅި އަންނާނެ މީހެއްނޫން ” ވިދާން ބުނެލިއެވެ. ” އެތެދެއް. އެއަށްވުރެއް ސާމީ ބެސްޓްވާނެ ” ވިދާންގެ ވާހަކަޔާ އެއްބައި ވެލުމުގެ ގޮތުން ޝުހާދު ބުނެލިއެވެ. ” އެންމެ ރަނގަޅު. ތިމީހުންނަށް ފެންނަ ގޮތެއް ” އަޝްފާގު ހިނިތުން ވެލަމުން ބުނެލިއެވެ.
” ކޮބާ އަޝްފާގު ފޮނުވާލުމުގެ ކަންތައް ކިހާ ހިސާބެއްގަ އޮތީ ” ސަކީލާ ކޮޓަރިން ނިކުމެގެން އައިސް ސޯފާގައި އިށީދެ ބުނެލިއެވެ. ” އެކަންތައް ވީހާވެސް އަވަހަކަށް ވޭތޯ މިބަލަނީ ” ތައުފީގު ސޯފާގައި ހަމަޖެހިލަމުން ބުނެލިއެވެ. ” ކިހިނެއްވީ ތިހެން ތިއަހާލީ. އަނެއްކާ ސަކީލާއަށް އުނދަގޫވަނީތަ؟ ” ތައުފީގު ސަކީލާއަށް ބަލާލަމުން ބުނެލިއެވެ. ” އުނދަގޫ ވެގެނެއްނޫން މިހެން މިބުނީ. އެކަހަކަ ކަމެއްގަ ދުވަސްތައް ހޭދަކޮށްފަހުރި ކުއްޖަކަށްވެފާ، އެކަމުން ރަނގަޅުވާން ބޭނުންވާ ވާހަކަ ބުނީމާ މިއަހާލީ. ދެން މިހެން ބުންޏަސް ވިދާނާ ޝުހާދާ ދެމީހުންނާމެދުވެސް ވިސްނޭ ” މޭޒުމަތީ އިން ދުފާ ތަބައް ނަގަމުން ސަކީލާ ބުނެލިއެވެ. ” އެދެކުދިންނާ މެދު ކަންބޮޑު ނުވޭ. އެދެކުދިން މަގުއޮޅިގެން ނުދާނެކަން ޔަގީން ” ތައުފީގު ވަރަށް ޔަގީން ކަމާއެކު ބުނެލިއެވެ. ” ދެން އެވާހަކަ ބާއްވާ. ތިއުޅެނީ ހަމަ އެތަން ގަންނަންވެގެންތަ؟ ” ސަކީލާ ފޯއްކޮށަމުން އަހާލިއެވެ. ” އެހެން ކަމަށް. އަހަރެންނަށް ފެންނަނީ ރަނގަޅު ވިޔަފާރިއަކަށް ވާނެކަމަށް ” ތައުފީގު ބުނެލިއެވެ. ” ރަނގަޅަށް ކުރެވިއްޖެނަމަ ހަމަ ރަނގަޅު ވާނެ. ދެން ތިވާހަކަ މިހާރު ޝުހާދާ ދައްކައިފިންތަ؟ ” ސަކީލާ އަހާލިއެވެ. ” ނޫނޭ. އަދި ނުދައްކަން. ހުރިހާ ކަމެއް ހަމަޖެހުނީމާ ބުނަން ވެގެން މިހުންނަނީ ” ތައުފީގު ބުނެލިއެވެ.
” ކޮބަ ދަރިފުޅާ. މަސައްކަތް ނިމުނީތަ؟ ” އޭގެ އިރުކޮޅެއްފަހުން ތިން އެކުވެރިން އައިސް ގެއަށް ވަނުމުން ތައުފީގު އަހާލިއެވެ. ” އާނ… އެކަން ނިމުނުތާ ކޮންއިރެއް. އަނެއްހެން މާ ހަޑިއެއްވެސް ނޫން ” ޝުހާދު ހިފައިގެން އައި ފިހިގަނޑު އައިސްއަލަމާރި ކައިރީ ބަހައްޓަމުން ބުނެލިއެވެ. ” ދެން ކިހިނެއްވީ އެހާ ލަސްވީ ” ސަކީލާ އަހާލިއެވެ. ” މަސައްކަތް ނިންމާލާފަ ޓެރަހުގަ ވާހަކަ ދައްކާލަން ހަމަ ތިބީ ” ވިދާން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. އަދި ވިދާންގެ ފަހަތުން އަޝްފާގުވެސް ހިނގައިގަތެވެ.
One Comment
Comments are closed.
mashaa allah vhk reethi kon irakun next part kiyaalan libeyny .may god bless ur hard work