“ޝަޔަމް..” ޖާވިދުގެ އަޑުގައި ތަފާތު ޖަޒުބާތެއް ވިއެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ޝަޔަމް ފަހަތް ބަލައިލިއެވެ. އޭނާގެ ދެލޮލުގައި ކަރުނަތައް ފުނިޖެހިފައިވިއެވެ. ޖަޒުބާތުގައި ޖެހިފައި ތިބެ ދެމީހުންނަށްވެސް އެކަކު އަނެކެއްގެ ގާތަށް ދެވުނީ ނުހަނު އަވަހަށެވެ. އެދެހިތްވެސް ލޮތްބަށް އެދި ފެންބޮވައިގަނެފައިވަނީ މާބޮޑަށެވެ.
“އަހަރެން ޝަޔަމްއަށް ނަފްރަތެއް ނުކުރަން.” ޝަޔަމްއާ ހަތަރުކަޅި ހަމަކޮށްލަމުން މަޑު އާހެއް ފަދައިން ޖާވިދުގެ ބުންޏެވެ. ޝަޔަމްގެ ވާހަކައިން އޭނާއަށް އަޅައިގެން ތަންކޮޅަކީ އެއީއެވެ. ޝަޔަމްއަށް ކެތްވީ އެހާވަރަށެވެ. އޭނާއަށް މޫނުގައި އަތްއެޅުނީ ރޮވެން ފެށުމުންނެވެ.
“އަހަރެން ދޫކޮށްނުލައްޗޭ ޖާވިދު..” ރުއިމުގެ ތެރެއިން ޝަޔަމްކިޔެވެ. އޭނާގެ ހިތުގައި ފޮރުވައިގެން ގެންގުޅުނު އިހުސާސްތައް ދުލުން ބޭރުކުރެވެން ފެށީ އަމިއްލަ އިހްތިޔާރެއް ނެތިއެވެ. “އަހަންނަށް އެނގޭ މިއީ ވުމަށްވުރެ ނުވުން ގާތް ކަމެއްކަން. ހުދު އަހަރެންވެސް މިފަދަ ކަމެއްވާނެއެކޭ ހިޔެއް ނުކުރަން. އަހަންނަކަށް ނޭނގޭ ޖާވިދުދެކޭ ގޮތެއް. އެކަމަކު އަހަންނަށް އޯގާތެރިކަމާއި ރައްކާތެރިކަން އަލުން އިހުސާސްކޮށްދިން މީހަކީ ތިއީ. ނޭނގުމެއްގެ ތެރޭގައި އަހަރެންނަށް ލޯބިވެވިއްޖެ ޖާވިދު.”
“ޝަޔަމް. ލޯބިވުމަކީ ކުށެއްނަމަ އަހަންނަށް އެކުށަށް އަރައިގަނެވިއްޖެ. ތިރީސް އަހަރުވަންދެން ހިލަޖަހާ ބަންދުކޮށް ފޮރުވައިގެން ގެންގުޅުނު ހިތް ޝަޔަމް ފަތަހަކޮށްފި. ހުދުއަހަރެންނަށްވެސް އެހިތަށް ބާރެއް ނުފޯރުވުނު މިފަހަރަކު. އަހަރެން އަބަދުވެސް ބުނަން އަހަރެން ފުރިހަމައަށް އިތުބާރުކުރާ ކުއްޖަކު ނޫނީ މަންމަ ގާތަކަށް ނުގެންނާނަމޭ، އެކަންވެސް ވެއްޖެ، އެމަގާމު، އެނަސީބު ލިބުނު އަންހެން ކުއްޖަކީ ތިއީ. އަހަރެން އެތައްފަހަރަކު ހިތަށް ވިސްނައިދޭން މަސައްކަތްކުރިން. ތިއީ އަހަރެންނަށް ވުރެ މާކުޑަ ކުއްޖެއްކަން. އެކަމަކު ލޯބިވާން އުމުރުގެ ފަރަގެއް ބޭނުމެއްނުވޭ.” ޖާވިދުގެ ދުލުން ޝަޔަމްދެކެ އޭނާވާ ލޯބި ހާމަކޮށްދިނެވެ.
“އެކަމަކު އަހަރެން ބުނަންތަ ވާހަކައެއް؟ ޝަޔަމް މިހާރު ތިބަލާ ޑްރާމާތައް ބެލުން ހުއްޓާލާފަ ކިޔެވުމަށް ސަމާލުކަން ދީ. އެއީ ހާދަ ވަގުތު ބޭކާރުވެގެންދާ ކަމެކޭ.” ޝަޔަމްގެ މޫނު ރީތިކޮށް ފެންނާނެ ވަރަށް ބޯ އަރިކޮށްލާފައި ޖާވިދު ބުނީ އާދޭހާއެކުއެވެ.
“އެކަމަކު އަހަރެން ކިޔަވާ ހިތެއް ނުވެއޭ.” ޖާވިދުގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެ ޝަކުވާގެ ރާގަކަށް ޝަޔަމް ބުންޏެވެ.
“އަހަންނަށް އިތުބާރުކޮށްބަލަ. ޝަޔަމް ތިއީ ޝަޔަމް މަންމަ ކަހަލަ މީހެއްނޫން. ބިޒްނަސް ކިޔެވިއަސް ޝަޔަމް ވާނީ ވަރަށް ރަނގަޅު އިންސާނަކަށް. ޝަޔަމްގެ ހިތަކީ ސާފު ހިތެއް. އަހަރެންނަށް ޓަކައި ވިއަސް ކިޔަވާ. އެހެންނޫނަސް، ޕާޓް ޓައިމް ފޮޓޯގްރަފަރަކަށްވެސް ވެވިދާނެއްނު.” ޖާވިދު ޝަޔަމްއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“ހުމްމް.. ގޯހެއް ނޫން ތިގޮތެއް…” ވިސްނުމަކަށް ގެއްލިފައިހުރެ ޝަޔަމް ބުންޏެވެ.
“ކުޑަމިނުން ޑިގްރީ ސެޓްފިކެޓެއް ނަގާ.” ޝަޔަމްއަށް ބަލައިލާފައި އޭނާ ހިނިތުންވެލިއެވެ.
“ޔަގީން. ޖާވިދަށް ޓަކައި، އަހަރެން ކިޔަވަން ނިންމައިފިން. ޑްރާމާ ބެލުންވެސް މަދުކޮށްފަ ކިޔެވުމަށް ސަމާލުކަން ދޭނަން. އޯކޭ؟” އިރުކޮޅެއްވަންދެން އޭނާއަށް ބަލަން ހުރެފައި ޝަޔަމް ވެސް ހިނިތުންވެލިއެވެ.
“ގުޑް ޖޮބް..” ޖާވިދުގެ މޫނަށްވެސް އުޖާލާ ހިނިތުންވުމެއް ވެރިވިއެވެ. އަތުގެ އިޝާރާތުން އޭނާ ރަނގަޅޭ ބުންޏެވެ. “އަހަރެމެންގެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނެ މަޑުކުރައްޗޭ. މަންހަލް ކައިރީވެސް ނުބުނާތި!”
“އޯކޭ.. ޖާވިދު ބުނާ ގޮތެއް..” ޝަޔަމް ބުނެލިއެވެ.
ހަވީރުގެ ވަގުތު މަންހަލް ދިޔައީ ޝާނީ ގޮވައިގެން ބަނދަރުމަތީގައި ހިނގާލާށެވެ. ދުވަހަކީ އުޑުމަތި ސާފު ދުވަހެއްކަމަކު ހަވީރު އަތަށް އެޅިއިރު އުދަރެސް އޮތީ ބަނަކުރަން ފަށާފައެވެ. އިރުއޮއްސޭ ހިތްގައިމު މަންޒަރުގެ ބަދަލުގައި ހުޅަނގު ފަރާތުން ފެންނަނީ ކަޅު ވިލާތަކެވެ. ކަނޑުގެ ރާޅު ބާނިތައް ރުޅިގަދަވާން ފަށާފައިވީއިރު ވައިވެސް ފުދޭވަރަކަށް ބާރެވެ. ބަނދަރުގައި ޖަހައިފައިވާ ހިލަތަކުގެ މަތީގައި އިށީނުމާއެކު ފިނިފިނި ރޯޅިތައް މަންހަލްގެ މޫނުގައި ބީހެން ފަށައިފިއެވެ. ތުއްތު ޝާނީގެ ފަން އިސްތަށިގަނޑަށް އުނދަގޫކުރަން ފެށިއެވެ. ޝާނީ އިރުކޮޅުކޮޅުން އިސްތަށިކޮޅު ކަންފަތުގައި އަޅުވާލާ މަންޒަރު ބަލަން ހެވިފައި މަންހަލް އިނެވެ. ޝާނީ ބަލައިލުމާއެކު އޭނާގެ ބޮލުގެ މެދުގައި ޖަހާފައި އިން ވޫލްކޮޅު ނައްޓުވާލާ ފަހަތަށް ވާނެހެން އިސްތަށިގަނޑު ހައްޔަރުކޮށްލައިދިނެވެ.
“ހައި. ފެނުނީމަ ހިތަށް އެރީ މަންހަލް ކައިރިއަށޭ އަންނާނީ.” އެމީހުންގެ ގާތަށް މަޑުކޮށްލަމުން އައިޝާ ވާހަކަދެއްކި އަޑަށް މަންހަލް ފަހަތް ބަލައިލިއެވެ. އަރައިގެން ހުރި ފައިވާން އަތަށް ނަގާ އެމީހުންގެ ގާތުގައި އައިޝާ އިށީނެވެ.
“އެކަނިތަ އުޅެނީ؟” މަންހަލް ސުވާލުކުރިއެވެ.
“އާން، އެކަނި މިއުޅެނީ. އައިޝާއާއެކު އަންނާނެ މީހަކު ނުވިވިއްޔަ.” ލުއި ހީލުމަކާއެކު އޭނާ ބުންޏެވެ.
“މިރަށަށް ބަދަލުވީތަ؟” އަނެއްކާވެސް މަންހަލް ސުވާލުކުރިއެވެ.
“އުހުން. ދެން މިއައިސްލީ ހަމަ. ހައެއްކަ މަހު މަޑުކޮށްލާނީ. އެއަށްވުރެ މަދުން ނޫނީ ގިނަ ދުވަސްވަންދެން ވެސް މަޑުކުރަން ޖެހިދާނެ.” އައިޝާގެ އަޑުން އޭނާއަކީ ހިތްހެޔޮ ޒުވާނެއްކަން މަންހަލްއަށް އެނގުނެވެ.
“ދެން ކީއްކުރަނީ މިކޮޅުގަ އެހެންވިއިރު؟” އޭނާ އިނީ އައިޝާއާ ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވެފައެވެ.
“ނޭނގެ. އުޅެންފެށީމައެއްނު އެނގޭނީ. އައިޝާ ކިޔެވީ ގޭގައި އިނދެގެން ވެސް މަސައްކަތް ކުރެވޭނެ ކަހަލަ އެއްޗެއް. ސޯ މިކޮޅުގައި އިނދެފައިވެސް ޖޮބް ފަށަން ޖެހިދާނެ.” އޭނާ ކުރާ ކޮންމެ ސުވާލަކަށް އައިޝާ ޖަވާބުދެއެވެ.
“ކިތަށް އަހަރު؟” މަންހަލްގެ ސުވާލުތައް ހުސްވާގޮތެއް ނުވިއެވެ.
“ބާވީސް. ޔޫއަށް؟” އައިޝާ ޖަވާބުދިނެވެ.
“ނަވާރަ.”
“ބުރުގާ އަޅާކުދިން އަހަރެންނަށް ވަރަށް ރީތި. ވަރަށް ބޭނުންވޭ ބުރުގާ އަޅަންވެސް. އެކަމަކު މަންމަ ގަބޫލުނުވާތީ ބުރުގާ އަޅަން ނުކެރެނީ. މިހާރު އެބަ ހިތަށް އަރާ ބުރުގާ އަޅާފަ ދިގުހެދުން ލާން ފަށަން. މަންހަލް ކީކޭ ބުނަނީ؟” މަންހަލްއަށް ނަޒަރު ހުއްޓާލައިގެން އިނދެ އައިޝާ ބުންޏެވެ.
“މަންމަ ނޫނީ އެހެން މީހަކު ހިތްހަމަ ނުޖެހިގެން ބުރުގާ ނާޅާ ހުންނާކަށް ނުޖެހޭނެ. މާތްﷲ އަންގަވާފައިވާ ކަމެއްވީމަ ބުރުގާ އަޅަން ޖެހެނީ. އަންހެނާގެ އައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވާ ހުރިހާ ގުނަވަނަކަށް ވީއިރު އެހުރިހާ ގުނަވަނެއްވެސް ނިވާ ކުރުމަކީ ވާޖިބެއް. އެހެންނޫނަސް ފުރަތަމަ ދުވަސްކޮޅު ހިތްހަމަ ނުޖެހިފައި މަންމަމެން ތިބެދާނެ. އެކަމަކު މަންމައަކަށް ދަރިއަކާ މޫނުކަނޑައިގެން އުމުރު ދުވަހު ހުރެވޭނެހެން ހީވޭތަ؟” މަންހަލްއަށް އެނގިފައިވާ މިންވަރަކުން އޭނާ ބުނެދިނެވެ.
“އަހަރެން ބޭނުން މިހާރުން މިހާރަށް ބުރުގާ އަޅަން. ބަލައްޗޭ، މާދަން އަހަރެން މަންހަލްގެ ކުރިމައްޗަށް އަރާނީ ބުރުގާ އަޅައިގެން ހުރެ..” އައިޝާގެ ދެލޮލުގައި ވިދުންވިއެވެ.
“އަހަރެން ގިފްޓަކަށް ދޭނަން ޝޯލްއެއް. ޝާނީ ގެއަށްލާފަ ހިނގާ އަހަރެންނާއެކު.” ފޯނުން ގަޑި ބަލައިލާފައި ލަސްވާން ގާތްވުމާއެކު މަންހަލް ތެދުވީ ގެއަށް ދާށެވެ.
ޝާނީ ގެއަށް ލުމަށްފަހު މަންހަލްއާއި އައިޝާ ދިޔައީ އޭނާގެ ގެއަށެވެ. އައިޝާ ގާތު އެތެރެއަށް ވަންނަން އެދުމުން އޭނާ އެއްބަހެއް ނުވިއެވެ. އެންމެފަހުން މަންހަލް ގޮތްދޫކޮށް އެތެރެއަށްވަނީ ޝޯލް ބަލައެވެ. އޭނާގެ އަތުގައި އޮތް ބޭނުންނުކުރާ ކަޅުކުލައިގެ ޝޯލްއެއް ކޮތަޅަކަށް ލައިގެން ނިކުންނަން ދިޔަ ވަގުތު ޔަޒްދާންވެސް ގެއަށް އައިސް ވަނެވެ.
“ކޮންތާކަށް؟” މަންހަލް ހުރިގޮތް ފެނުމުން ޔަޒްދާންއަށް އަހާލެވުނެވެ.
“ކުއްޖަކަށް މީތި ދޭންވެގެން. ބުރުގާ އަޅަން ބޭނުންވެފަ ހުރި ކުއްޖެއްވީމަ. ގިފްޓަކަށް ދޭންކަމަށް.” އަތުގައި އޮތް ކޮތަޅު ޔަޒްދާންއަށް ދައްކާލާފައި އޭނާ ބޭރަށް ނިކުތެވެ.
މަގުގެ ދެފަރާތް ބަލައިލިއިރު އައިޝާ ފެންނާކަށް ނެތެވެ. ހައިރާންވެ ހުރެ އޭނާ އެތެރެއަށް ވަންނަ އުޅުން ވަގުތު މަގުގެ ކަންމައްޗަކުން އައިޝާ ގޮވާލިއަޑު އިވުނެވެ. އޭނާ އައިޝާގެ ގާތަށް ގޮސް ޝޯލް ދީފައި އެނބުރި ގެއަށް ވަނީއެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު މަންހަލް ކޮޓަރިއަށް އައިއިރު ޔަޒްދާން އޮތީ ނިދަން ތައްޔާރުވެ އެނދަށް އަރައެވެ. އޭނާވެސް ފާހާނާއަށްވަދެ ހެދުން ބަދަލުކޮށް ދަތްއުނގުޅާލާ ހަދައިގެން އައިސް އެނދުގައި އޮށޯތެވެ. ފޯނު ބާއްވާފައި ޔަޒްދާންވެސް އޭނާއާވީ ފަރާތަށް އެނބުރުނެވެ.
“ކޮން ކުއްޖަކަށް ދިން ޝޯލްއެއް؟” މަންހަލްގެ ކޯތާފަތުގައި ފިރުމާލާފައި ޔަޒްދާން އަހާލިއެވެ.
“އައިޝާ ކިޔާ ކުއްޖެއް. މިރަށަށް އަލަށް އައިސްގެން އުޅޭ ކުއްޖެއް..” މަންހަލް އައިޝާގެ ވާހަކަ ޔަޒްދާންއަށް ކިޔައިދިނެވެ. “އަހަރެންނަށްވެސް ހެޔޮކަމެއްނު އެކުރެވުނީ.”
“ތިއީ އަހަރެންގެ ލޯބި ލޯބި ރާނީއެއްނު. މިތަނުގައި އޮންނަނީ ވަރަށް ސާފު މަޑު ހިތެއް..” މަންހަލްގެ މޭގައި އަތް ޖައްސާލާފައި ޔަޒްދާން ބުނެލިއެވެ. ހިނިތުންވުމަކުން މަންހަލް ފުއްދާލީއެވެ. ޔަޒްދާންގެ ދެލޮލަށް ބަލަން އޭނާ އޮތެވެ. ދެން އެއަށްފަހު ނަޒަރު ވަކިކޮށް ޔަޒްދާންގެ ނަމުން ގޮވާލިއެވެ.
“ކިހިނެއްވީ؟” މަންހަލްގެ މޫނަށް އަރާފައިބާ ކުލަތަކަށް ނަޒަރު ހުއްޓައިގެން އިނދެ ޔަޒްދާން ޖަވާބުދިނެވެ.
“އަހަރެން.. އޭނާ.. އަލްވާންއެއް ނޫން.. އެހެންހެދީ..” މަޑުއަޑަކުން މަންހަލް ބުނެލި ވާހަކައިން ޔަޒްދާންއަށް ބޯ ހިއްލާލެވުނެވެ.
“ކީކޭ؟” ދެލޯ ބޮޑުކޮށްގެން އިނދެ ޔަޒްދާން ބުނެލިއެވެ.
“ޔަޒްދާންމެން އައި ރޭގެ ކުރީރޭ.. އަހަރެން އެގޭގައި އޮތީ. އަހަރެން ހީކުރީ އަލްވާންމެން ކަމަށް ދޮރުގައި ޓަކިޖެހީ. އެކަމަކު ދޮރު ހުޅުވާލިއިރު ހުރީ..” މަންހަލް ތެދުވެލާ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އޭނާއާއި އެކުއެކީހެން ޔަޒްދާންވެސް ތެދުވިއެވެ.
“ކާކު؟” ޔަޒްދާން އިނީ ކެތްމަދުވެފައެވެ.
“ޒިއާމް..” މަންހަލްގެ އަޑު ނިކުތީ ވައި އަޑުންނެވެ.
“ޕޮލިސް؟ ޕޮލިހުގެ ބޮޑުމީހާ؟ އަހްމަދު ޒިއާމް؟” ޔަޒްދާންގެ އަޑުގައިވީ ގަބޫލުނުކުރެވިގެން އުޅޭފަދަ އަސަރެކެވެ. މަޑުމަޑުން މަންހަލް ބޯ ޖަހާލީއެވެ. ޔަޒްދާން ބަލަން އިންނަން ފެށުމާއެކު މަންހަލް ޒިއާމްގެ ވާހަކަ ކިޔައިދޭން ފެށިއެވެ. ޝަޔަމް މާލެ ގެންދިޔަ ދުވަހު ޒިއާމްމެން އައި ވާހަކައިން ފެށިގެން ޔަޒްދާންމެން އައިސް އޭނާ ސަލާމަތް ކުރި ހިސާބަށެވެ.
“އައި ކާންޓް.. އަހަރެން އޭނާއަށް ހައްގުވާ އަދަބު ދީފައި ނޫނީ ނުހުއްޓާނަން.” ޔަޒްދާންގެ އަޑުގައިވީ އަސަރުތަކުން މިފަހަރު މަންހަލް ޖެހިލުންވިއެވެ.
“ޔަޒްދާންން. އަހަރެމެންް އަތުގަ ކޮން ހެތްކެއް އޮތީ؟ އޭނާ އެކަން ކުރި ކަމުގެ ހެއްކެއް ނެތެއްނު. ދެން ކިހިނެއް އޭނާއަށް އަދަބު ދޭނީ؟ އަނެއްކާ އެމީހުންނާ ކުރިމަތި ލައިފިއްޔާ ޔަޒްދާންގެ މުޅި ހަޔާތް ނުރައްކަލަކަށް ލެވޭނީ. މަންމައާއި އަހަންނާއި. ޔަޒްދާން ބަލާ އަހަރެމެންގެ ޢާއިލާއަށް ވީގޮތް. ބައްޕަ މަންމަގެ މަރަށް އިންސާފް ހޯދައިދޭން އުޅުމުގެ ތެރޭގައި އަހަރެން ބައްޕަގެ އަތުން ގެއްލި މުޅި އާއިލާ އެފުށްމިފުށަށް ޖެހުނީ. ޕްލީޒް ޔަޒްދާން. އެހެން ނަހަދާ.. އަހަރެންނަށް ޓަކައިވެސް.. ޔަޒްދާންއަށް ކިރިޔާވެސް ގޮތެއް ވެދާނެތީ ބިރުން ހުންނަ ޔަޒްދާންގެ ލޯބިވާ މަންމައަށް ޓަކައި ވެސް. އަހަރެން ގަބޫލުކުރަން މިއަދު އޭނާ ކުރިކުށަށް އިއުތިރާފްނުވެ އޭނާއަށް ހައްގުވާ އަދަބުނުލިބި އުޅެވިދާނެ. އެކަމަކު ގިޔާމަތް ދުވަހުން އޭނާއަށް ހައްގުވާ ޖަޒާ ލިބޭނެ. އަހަރެން އެކަމަކަށް ޝައްކެއްނުކުރަން.” މަންހަލް ޔަޒްދާންގެ އަތުގައި ހިފާލަމުން އާދޭސްކުރިއެވެ. “އަހަރެންގެ ހަޔާތުގެ ބާކީބައިގައި ހަމަޖެހިލައިގެން އުޅެވޭނެ ފުރުސަތެއްދީ. މިދިޔަ އެގާރަ އަހަރު އުޅުން ހާލަތަށް އެނބުރިދާކަށް އަހަރެން ބޭނުމެއް ނޫން.”
މަންހަލްގެ ވާހަކަތަކަށްފަހު އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަތް މުށްކަވާލުމަށްފަހު ހުޅުވާލައިފިއެވެ. މަންހަލްގެ މޫނަށް ބަލައިލުމާއެކު އޭނާގެ އަތުގެ ތެރޭގައި މަންހަލް ހައްޔަރު ކޮށްލިއެވެ.
ވަށައިގެން ފެންނަމުން ދިޔައީ ފެހި މާޙައުލެކެވެ. ޗެރީ ބްލޮސޮމް ގަސްތަކުގައި މާއަޅާ ފުރިފައި އޮތްއިރު އެމާހައުލުގައި ވަނީ ހިތްގައިމުކަމެވެ. ބިންމަތީގައި ވިނަ ހައްދާފައިވީއިރު ބައެއް މީހުން ކުނާ ފަތުރައިގެން ހެނދުނުގެ ނާސްތާކުރުމުގައި ތިއްބެވެ. ބައެއް ގަސްތަކުގެ ވަށައިގެން އިށީނދެވޭނެހެން ބުރެއް އަޅާފައިވިއެވެ. އިށީނދެވޭނެހެން ގިނަ އަދަދަކަށް ލަކުޑި ބެންޗުވެސް ބެހެއްޓިފައި ވިއެވެ. އެ ބެންޗުތަކުގެ ފަހަތުން ގަސްތަކެއް އޮތުމަށްފަހު އެގަސްތަކުގެ ކައިރިން ފެންގަނޑެއް އޮތެވެ. އެ ފެންގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ދެވެން ކުޑަ ބްރިޖެއް އޮތެވެ. އެވަގުތު އެޕާކުތެރެއިން ފެންނަމުން ދިޔައީ ނުހަނު މަދު އަދަދެއްގެ މީހުންނެވެ.
އެމީހުންގެ ތެރެއިންވެސް ފާހަގަވަމުން ދިޔައީ އެކަނި މާ އެކަނި ބެންޗެއްގައި އިށީނދެގެން އިން ހަރު އުމުރުގެ މީހެކެވެ. އޭނާގެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދިޔައިރު ދެލޮލުގައި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ނުރަ ޖަހާފައިވާ ތުނބުޅީގައާ ބޮލުގައި އޭނާ ފިރުމާލިއެވެ. ވަށައިގެން ހިނގާފައި ދިޔަ މީހުން އޭނާއަށް ބަލަމުން ދިޔައިރު އެކަމަށް އޭނާގެ ސަމާލުކަމެއް ނެތްފަދައެވެ.
“އައްސަލާމް ޢަލައިކުމް..” އޭނާ ސިއްސައިގެން ގޮސް ފަހަތް ބަލައިލީ އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވާލާ ސަލާން ގޮވާލުމުންނެވެ.
“ވަޢަލައިކުމް ސަލާމް..” މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން އޭނާ ބުނެލިއެވެ.
“ދިވެހި އެނގޭތަ؟” އޭނާ ސުވާލުކުރީ އިނގިރޭސި ބަހުންނެވެ. ދެލޯ ހިމަކޮށްގެން އެނުދަންނަ މީހާއަށް ބަލަން އޭނާ އިނެވެ. ކާކުކަން ނަގައިގަންނަން މަސައްކަތްކުރާ ފަދައަކުންނެވެ.
“ލައްބަ.” ހިނިތުންވުމަކާއެކު އޭނާ މިފަހަރު ބުނެލީ ދިވެހިންނެވެ.
“ތިއީ ސާހިލްތަ؟” އެބެންޗުގައި އިން ހުސްޖާގައެއްގައި އިށީންނަމުން އެމީހާ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އެމީހާ މިފަހަރު ބޯ ޖަހާލީއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“މިއީ ކާކުކަން އެނގިއްޖެތަ؟” ހީވަނީ އިންވެސްޓިގޭޝަން އަކަށް ގެންގޮސްފައި އިން މީހެއްހެންނެވެ. ސުވާލަކަށް ފަހު ސުވާލެކެވެ.
“ތިއީ.. ތިއީ ހަމްދާންދޯ؟” ސާހިލްގެ ދެލޮލުން ވިދުމެއްގެ އަސަރު ފާޅުވާންހުއްޓެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




mi part ves v reethi masha allah
curiously waiting for next part
keep it up
mannu and yazdhaan dhuru nukurachey
shayoo and jaavid gulhuvachey
they all are made for each other
keep things easy for mannu
v intresting story eh
v kiyaala hithun kiyani
i appreciate your hard work
love you fav author
Thank you Cutie girl! I really appreciate your support and I’m very glad you understand me! 🥺🤍
Mashaa Allah Mi part vx varah varah reethi 😊😊
Whn next❓❓
Thank you Nawar! New part is now submitted for review!
Vv reethi
Curiously waiting for the next part
Thank you Anonymous! I appreciate your support!
Nice
Thank you Anonymous!